بســم اللّـه الرّحمـن الرّحيــم

ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއަރޕަރސަން އަދި ހާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް، ދިވެހިންގެ ތެރެއިން މިއަދު ގިނަމީހުން ގަބޫލުކުރާނެ، މިދިޔަ ދިހަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލުތަކެއް އަންނަންފަށައި، އަދި އެ އައި ބަދަލުތައް އައިސް ވަކި ހަމަތަކެއްގައި ބަނދަރުވާން ފަށައިފިކަން. އިންސާނަކަށްވީތީވެ ކަންކަން ހުންނާންޖެހޭނީ، ވާންޖެހޭނީ ވަކިހަމަތަކެއްގައި ކަމަށް އަޅުގަނޑުމެންގެ ތެރެއިން މިއަދު ވަރަށްގިނަ ބަޔަކު ގަބޫލުކުރަން ފަށައިފި. އަޅުގަނޑު މިއަދު މިތާ ހުންނައިރުގައި، މިކަން ކުރުމަށް އަދި މި ހަމަތައް ދިވެހިންގެ ތެރެއަށް ތަޢާރުފު ކުރެއްވުމަށް މަސައްކަތް ކުރެއްވި ވަރަށްގިނަ ބޭފުޅުން އަޅުގަނޑަށް ފެނޭ. އަޅުގަނޑު މިދެންނެވީ، ވަރަށް ކުރީއްސުރެ ފަށައިގެން، ޚާއްޞަކޮށް މިދެންނެވި ދިހަ ފަނަރަ އަހަރު ދުވަހުގެ ތެރޭގައި، އެންމެ ފުރަތަމަ އެކުލަވާލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ އެއް މެންބަރު އަދި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އެންމެގިނަ ދަޢުވާތަކުގައި އަޅުގަނޑުމެންނަށް ދިފާޢު ކޮށްދެއްވާފައިވާ ވަކީލުންގެ ތެރެއިން އެއްވަކީލަކު މިތާ އެބަ އިންނެވި. އަލްއުސްތާޛު ހުސްނުއްސުޢޫދު، މިއަތޮޅުގެ ދަރިއެއް. އަލްފާޟިލް މުޙަންމަދު ލަޠީފް، ފެށުނީއްސުރެ ފަށައިގެން މިމަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެއް. އަލްފާޟިލް މުޙަންމަދު އިބްރާހީމް ދީދީ، ހަމައެހާމެ ހީވާގިކަމާއެކު މިމަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެއް. ތިޔަބޭފުޅުންނަށް ކިތަންމެ ނަމެއް އަޅުގަނޑަށް ދެންނެވިދާނެ.

މިދަތުރަކީ އަޅުގަނޑު ހިތުން ކުރު ދަތުރެއްނޫން. އަދި ފަސޭހަ ދަތުރެއްވެސް ނޫން. މިއަދު އަޅުގަނޑު މިދެކެނީ، ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ މަސައްކަތް ބަނދަރު ކުރެވިއްޖެ ކަމަށް. މިހުރި ހިސާބުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއުންމީދުކުރާ ހާސްކަމެއް ނެތް މުޖުތަމަޢަށް، ރިވެތި ދިރިއުޅުމުގެ މުޖްތަމަޢު ބިނާކުރަން އަޅުގަނޑުމެންނަށް ފެށިދާނެޔޭ. އަޅުގަނޑުމެންގެ އުންމީދަކީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެހުރި ޝަޚްޞެކޭ ބުނެވި، ތިމަންނާގެ ޙައްޤުތަކެއްވާކަމަށް ދެކެވި، ތިމަންނާގެ މުހިންމުކަން، ވަކި ފަރުދުގެ މުހިންމުކަން، އެމީހާއަށް ދެނެގަނެވި، އެނގި، އެމަގުގައި އޭނާގެ ދިރިއުޅުން އާރާސްތު ކުރަމުން ގެންދިއުން.

އަޅުގަނޑުމެން މިދެކެނީ ޤައުމެއް ބިނާވަނީ، ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ފުރިހަމަވީމާ ކަމަށް. އޭގެތެރޭގައި މިދަންނަވާ ރައްޔިތު މީހާ އެއީ އެންމެ މުހިންމު އެއްބައި. އެރައްޔިތު މީހާއަށް ތިމަންނާއަކީ ޙައްޤުތަކެއް ލިބިހުރި މީހެއްކަން ފުރިހަމައަށް ސާފުނުވާހާ ހިނދެއްގައި، އަޅުގަނޑުމެން މިއުންމީދުކުރާ ރިވެތި މުޖުތަމަޢު، ހާސްކަމެއްނެތް، ތާހިރު ދިރިއުޅުން އަޅުގަނޑުމެންނަށް ލިބެން އޮންނާނެ ކަމަކަށް ނުވިސްނޭ. އެހެންވީމާ، އިންސާނީ ޙައްޤުތައް މުހިންމުވެގެން މިދަނީ ތަރައްޤީއަށްޓަކައި. އިންސާނީ ޙައްޤުތައް މުހިންމުވެގެންދަނީ އަދި އަޅުގަނޑުމެން އެވާހަކަތައް ދައްކަމުން އަންނަނީ އެއްވެސް ޙާލެއްގައި އަތްނުލެވޭ ފަލްސަފާއަކާ ގުޅޭގޮތުން އަޅުގަނޑުމެން ގެންގުޅޭ ލޯތްބެއްގެ ސަބަބަކުންނެއްނޫން. އެއީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި ބޭނުންވާ ދުޅަހެޔޮ ޞިއްޙަތަކާއި، ސާފު ތާހިރުފެނާއި، ރަނގަޅު ނަރުދަމާއަކާއި، ދަތުރުފަތުރުކޮށްއުޅޭ މަގާއި، ބަނދަރާއި އާދައިގެ ދިރިއުޅުން ލިބި، އުނދަގޫތަކަކާ ނުލައި، އަޅުގަނޑުމެންނަށް ރައްޔިތެއްގެ ގޮތުގައި، ޤައުމެއްހެން އުޅެވޭނެ މަގު ހޯދުމަށްޓަކައި.

އިންސާނީ ތަޖުރިބާ ދައްކާފައިވާ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެ މިދަނީ މިދަންނަވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދީގެންކަން. ކަންކަމާ ގުޅޭގޮތުން ރައްޔިތުން ސަރުކާރަށް ފާޑުކިޔާން ޖެހޭނެ. އެއީ ސަރުކާރާ އިދިކޮޅު ޢަމަލެއްނޫން. އެއަށްވުރެ ވަކި ބޮޑު، އަދި ސަރުކާރާ އެއްކޮޅު ޢަމަލެއް ނޯންނާނެ. ހަމަގައިމުވެސް އަޅުގަނޑު ދަންނަވާނީ، މިސަރުކާރާ ތިޔަބޭފުޅުން އެއްކޮޅުވެވަޑައިގަންނަވަން އެދެނީނަމަ، އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންނަށް ފާޑު ކިޔުމަށޭ. ކުރާ ހިތާމަތަކުން އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ނެތް. އަޅުގަނޑުމެންނަށް ތަނެއްދޮރެއް ފިލައި، ވާންވީ ގޮތެއް އެނގި މިވަނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާ ގުޅޭގޮތުން، ވިދާޅުވާ ފާޑަކުން.

އެހެންވީމާ، އެއްވެސް ޙާލެއްގައި އަޑު އުފުލުން އެއީއަކީއެއް މިސަރުކާރު ދެކޭގޮތުގައި ސަރުކާރާ އިދިކޮޅު ޢަމަލެއް ނޫން. ސަރުކާރާ އެއްކޮޅު އެއަށްވުރެ ބޮޑު ޢަމަލެއް ނެތް. އަޅުގަނޑުމެން މިދުށް ރިވެތި ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ޙައްޤުތައް އެއީ ޚާއްޞަ ގޮތެއްގައި ޤާނޫނުއަސާސީގެ އަޅުގަނޑު މިދެކޭ ސާޅީހުގެ މާއްދާތައް. 41، 42، 43. 40ގެ މާއްދާތަކުގެ ތެރޭގައި ވަރަށް ޒަމާނުއްސުރެ ފަށައިގެން ދިވެހިންގެ ކިތަންމެ ބައެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިހުރި ޙައްޤުތަކެއް ވަރަށް ފުރިހަމައަށް ލިޔެވި ބަޔާންވެގެން އެބަވޭ.

އަޅުގަނޑުމެން މިތަނުގައި ތިބޭއިރުގައި، މިހޯލްގެ ދެފަރާތުގައި އެވާ ފޮތިގަނޑުތަކުގައި އެވަނީ، އެއިން ފާހަގަވާ، އެއިން ފަވާލެވޭ މާއްދާތައް. އެއިން ކޮންމެ މާއްދާއެއް ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. ޤާނޫނުއަސާސީ އުފެދިގެން އައިއިރުގައި ކޮންމެ އަކުރަކީ، ކޮންމެ ލަފްޒަކީ، ކޮންމެ މާއްދާއަކީ، އެމާއްދާއެއް ހޯދުމަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަރަށްގިނަ މަސައްކަތް ކޮށްފައިވާ މާއްދާތަކެއް. އެއްވެ އުޅުމުގެ ޙައްޤު، ޚިޔާލުފާޅު ކުރުމުގެ ޙައްޤު، މަޢްލޫމާތު ލިބިގަތުމާއި މަޢްލޫމާތު ހޯދުމުގެ ޙައްޤު، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު، ހަޅުތާލު ކުރުމުގެ ޙައްޤު. މި އެންމެހާ ޙައްޤުތަކަކީ، އަޅުގަނޑު މިދަންނަވާހެން، ޤައުމެއް ތަރައްޤީވުމަށް ކޮންމެހެން ބޭނުންވާ ޙައްޤުތަކެއް. މިވާހަކަ ތިލަކުރާނެ ހިސާބެއް އަޅުގަނޑަށް މުޅިން ސާފުނުވިނަމަވެސް، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިފަހުން ދިމާވާ ކަންކަމުން އަޅުގަނޑަށް އެބައެނގޭ، އަދި މާބޮޑަށް ޔަޤީންވޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ހެޔޮގޮތުގައި ސަރުކާރު ހިންގުމަށް ކޮންމެހެންވެސް ބޭނުންވާ ޙައްޤެއްކަން.

ރާއްޖޭގެ އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި، ބޭރު ބަޔަކާ އެކީގައި، ޖޮއިންޓް ވެންޗަރއެއް ނުވަތަ އެކުގައި ގުޅިގެން މަސައްކަތް ކުރާނެ ބައިވެރިއެއް ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދިފަހުން އިޢްލާނުކުރި. އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ބޯޑުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮތްތައް ބެލުމަށް އެދުނު. މި ސަރުކާރު އެއަށްވުރެ އުފާވާ ކަމެއް ނެތް. އެފޮތްތައް އެބޭފުޅުން އަބަދު ބައްލަވާ ބައްލަވާ ތިއްބެވުން.

އަޅުގަނޑަކަށެއް ނޭނގެ، އަޅުގަނޑު ގާތުގައި މަސައްކަތްކުރާ އެންމެންގެ ފިކުރާއި ޚިޔާލު ހުރީ އަޅުގަނޑުމެންގެ ސިޔާސަތާއި މެނިފެސްޓޯގެ މަގުގައި ކަމެއް. އެކަން އަޅުގަނޑަށް ކަށަވަރުވާނީ ފާޑުވިދާޅުވި މިންވަރަކުން. ކަމެއް ގޯސްވުމުގެ ކުރީގައި އެކަމަކަށް ބަލަބަލާ ތިބެވިއްޖެނަމަ، ކަންތައްތައް ރަނގަޅަށް ދިޔުމަށް އިރާދަކުރެއްވިއްޔާ މަގުފަހިވެގެންދާނެ. ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދިނުމުގައިވެސް އަދި ލިބުމުގައިވެސް ކަންއޮތީ ހަމަ މިފަދައިން. އަޅުގަނޑު އެދެނީ، ހިއުމަން ރައިޓްސް ކޮމިޝަނުން އަޅުގަނޑުމެންގެ ކޮންމެ ޢަމަލެއް ބަލަބަލާ ތިބުމަށް. ފާރަވެރިވުމަށް. އަދި އެބޭފުޅުން އަޅުގަނޑުމެންނަށް ފާޑުވިދާޅުވާން ޖެހިއްޖެނަމަ ފާޑުވިދާޅުވުމަށް. އަދި އެބޭފުޅުން އެދައްކަވާ ވާހަކައަކީ، ދެއުޅިއެއްނުވާ ވާހަކައެއް ކަމަށްވަންޏާ، އެންމެ ބާރަށް އެކަމާ އިންކާރުކޮށް ވާހަކަ ދައްކާނީވެސް ހަމަ އަޅުގަނޑު، އަޅުގަނޑުމެން. އަޅުގަނޑުމެނެއް އެކަމަކާ ކަންބޮޑެއްނުވޭ. އަދި އެއީ ސަރުކާރާއި ދައުލަތާ އިދިކޮޅު ޢަމަލެއް ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން.

މި ފާޑުކިޔުން، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މިވާހަކަތައް ދެއްކުން އެއީ، އަޅުގަނޑުމެންގެ ހިތްތަކުގައި ޒަމާނުއްސުރެ ފަށައިގެން ބިންވަޅު ނެގިފައިވާ ކަމެއް. ސަރުކާރު ހިންގުމާ ހަވާލުވެ، އެ ޚިޔާލުތަކާއި އެ ފިކުރާ، އެ ނަޒަރިއްޔާތާ ދުރަށް ޖެހުމަކަށް މިއަދަކު އަޅުގަނޑުމެނެއް ކުޑަކޮށްވެސް ނޭދެން. އަޅުގަނޑުމެން ބޭނުންވަނީ މިމަގުގައި ގޮސް މިކަންވުން.

ސަލީމް ވިދާޅުވެއްޖެ، ލާއިންސާނީ އަނިޔާ މިއަދު، އަޅުގަނޑުމެންގެ އެޖެންޑާގައި، ނުވަތަ އެންމެ ބޮޑަށް މިހާރު ތަކުރާރުވާ މައްސަލަ ކަމަކަށް ފާހަގައެއް ނުވެޔޭ. އެއީ ޙަޤީޤަތަކަށް ވަންޏާ، އެކަމާ އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު ދެކެނީ، އަޅުގަނޑު އުންމީދު ކުރަނީ، ޙަޤީޤަތެއް ނޫންނަމަ، އެކަމުގެ ސާފު މަޢްލޫމާތު މިކަހަލަ ދުވަހެއްގައި އަޅުގަނޑުމެންނަށް ލިބިފައި އޮތީސްކަން. އެހެންވީމާ، އެކަމަށްޓަކައި ރާއްޖޭގެ ފުލުހުންނަށާއި އަދި އަމަން ބަލަހައްޓާ އެހެން ފަރާތްތަކަށާއި އަދި ކުށްވެރިންނާ ގުޅޭގޮތުން އެކި ކަންކަން ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑު، ސަރުކާރާ ހަވާލުވި ފަހުން، އަޅުގަނޑުމެންގެ އަމަން ބަލަހައްޓާ މައިގަނޑު ދެއޮފީސް ހުރޭ. އެއީ ސިފައިންނާއި ފުލުހުންގެ އޮފީސް. އެ ދެއޮފީހުގެ ކަންތައް އަޅުގަނޑު މިއަންނަނީ ވަރަށް ކައިރިން ބަލަމުން ވަރަށް ގާތުން ބަލަމުން. އަޅުގަނޑަށް އެނގޭ، ފުލުހުންގައި ފުލުހުންގެ ކަންކަން މިހާރަށްވުރެ މާރަނގަޅު ހަމައަކަށް ގެންދިއުމުގެ ވިސްނުމާއި އުންމީދުތައް، އެބޭފުޅުން ގެންގުޅުއްވާކަން. އަޅުގަނޑުމެންގެ މިއަދުގެ ކޮމިޝަނަރ އޮފް ޕޮލީސްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލީސްއާއި އަދި އެ މުއައްސަސާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެވެސް ފިކުރާއި ޚިޔާލު، އެގޮތުގައި ގެންގުޅުއްވައި، މި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްގެން، ޤާނޫނީ އިމުގެ ތެރޭގައި ޤާނޫނީ ދައުލަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

މި އުންމީދުކުރާ ޙައްޤުތައް އަޅުގަނޑުމެން ހޯދުމަށްޓަކައި، ރިވެތި ދިރިއުޅުމެއް ލިބުމަށްޓަކައި ލާއިންސާނީ އަނިޔާ ނުވާ ކަމުގައިވިޔަސްވެސް ދެން ހުރި ކަންކަން ފުރިހަމަ ކުރުމުގެ މުހިންމުކަން ޔޫޝަޢު ދެންމެ ފާހަގަ ކުރައްވައިފި. އެކަންކަން ފުރިހަމަކުރުމަށް މިހާރަށްވުރެ މާބޮޑަށް އެބަ މަސައްކަތް ކުރަންޖެހޭ. ޚާއްޞަ ގޮތެއްގައި ސާފު ބޯފެނާއި، ނަރުދަމާއާއި، ބޯހިޔާވަހިކަމާއި، ތަޢްލީމާއި، ދުޅަހެޔޮ ކާނާ މިއީ، މިރާއްޖޭގެ ރައްޔިތުންނަށް މިހާރު މިރާއްޖެއަށް ފޯރުކޮށް ނުދެވޭނެ ކަމެއް ކަމަކަށް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން. ސަރުކާރުން މިކަމާ މަސައްކަތް ކުރަން ޖެހޭނެ. ހީވާގިކަމާއެކީގައި، ބާރަށް އެކަމާ ސަރުކާރުން މަސައްކަތް ނުކުރެވެނީ ކަމުގައިވަނީނަމަ، އަޅުގަނޑުމެން ޤާނޫނުއަސާސީގައި އެބުނާ މާއްދާތަކުގެ ރޫޙާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވެނީ. ޚާއްޞަކޮށް އަތޮޅުތައް ހިންގުމަށްޓަކައި އަދި އަތޮޅުތަކުގައި ވަޒީފާ އުފެއްދުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުންވާނީ ސްޓޭޓް މިނިސްޓަރުން އަތޮޅުތަކުގައި މަސައްކަތް ކުރައްވާގޮތަށް ހަމަޖައްސާފައި. އަދި ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްވެސް، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ލިބިދެވޭނެ އުޞޫލަކުން ހަމަޖެއްސޭނެ އިންތިޒާމު، ސަރުކާރުން މިގެންދަނީ ހަމަޖައްސަމުން.

ހަމައެއާއެކީގައި، މި ފާހަގަވާ ސާފުބޯފެނާއި، ނަރުދަމާއާއި، ދުޅަހެޔޮ ކާނާއާއި، ތަޢްލީމާއި އިޖްތިމާޢީ އިޤްތިޞާދީ، މިޙައްޤުތައް އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ. އެކަން ކުރުމަށްޓަކައި އިހުނަށްވުރެ ބޮޑަށް މިއަދު އަޅުގަނޑުމެން މިވަނީ މަސައްކަތް ކުރަން ޖެހިފައި. އަޅުގަނޑު ދަންނަވާނީ، އެ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ނުވެއްޖެނަމަ، ދެން އަނެއްކާވެސް، ލާއިންސާނީ އަނިޔާ އެއީ، އަނެއްކާވެސް މިރާއްޖޭގައި ބާރަށް ހިނގާ ކަމެއްގެ ގޮތުގައި ވެގެންދާނެއޭ. މިކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑު އަބަދުވެސް ދަންނަވަން، އިންސާނީ ޙައްޤުގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، އަތްނުލެވޭ ފަލްސަފާއެއްގެ ވާހަކަ ދައްކާކަށެއް ނޫނޭ. ސީދާ އަޅުގަނޑުމެންގެ ޖީބަށް އެއިން އަސަރު ކުރާތީއޭ. އަޅުގަނޑުމެންނަށް މިޙައްޤުތައް ލިބިދީފައި މިހާރު މިވަނީ، އަޅުގަނޑުމެންގެ މިއަލަށް އެކުލަވާލެވުނު ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި. ޤާނޫނުއަސާސީގައި ވަރަށް ޞަރީޙަ ޢިބާރާތުން ރައްޔިތުންގެ ޙައްޤުތަކުގެ ތެރޭގައި، އެކަންކަން އެބަ ފާހަގަކުރޭ. މިޙައްޤުތައް އެބަ ރައްޔިތުންނަށް ލިބިދޭ.

އަޅުގަނޑު މިއަދު ކޮންމެހެން ފާހަގަކުރަން ބޭނުން ޙައްޤެއް އެބަވޭ. މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދާ ރައްކާތެރި ކުރުމާއި، މުދަލުގެ މުޢާމަލާތް، ވިޔަފާރީގެ މުޢާމަލާތާއި އަދި ވިޔަފާރިކުރާ ތަންތަން ޙިމާޔަތް ކުރުމުގެ ޙައްޤު. މަސައްކަތް ކުރާ މީހުންގެ ޙައްޤެއް އެއީ، އުޖޫރައަށް މުޢާމަލާތް ކުރުން. މަސައްކަތް ކުރާ ތަންތަނުގެ މާޙައުލާއި، ކަންކަމާ ގުޅޭގޮތުން މުޢާމަލާތް ކުރުން. ހަމައެހެންމެ، މަސައްކަތް ދޭ ފަރާތުގެ ޙައްޤެއް އެއީ ވިޔަފާރިކުރާ ތަނާއި، މަސައްކަތް ކުރާ ތަނާއި، އެފަރާތުގެ މުދަލާއި، އެފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށް ބަހައްޓައިދިނުން.

ހަޅުތާލުކުރުން އެއީ، އަޅުގަނޑުމެންގެ ތެރެއަށް އާކަމެއް. އަޅުގަނޑުމެން އެކަމަށް ފަރިތަވާން އެބަޖެހޭ. ހަޅުތާލު ކުރާއިރުގައި، ޙިޞާރު ކުރުމާއި ރަޙީނު ކުރުމާއި، މިކަންކަމުގެ ތެރޭގައި ހިމެނޭ ފަނޑު ރޮނގު، އަޅުގަނޑުމެންނަށް އެބަ ސާފުވާންޖެހޭ. ހަޅުތާލަކީ އެއީ ޙިޞާރު ކުރުމެއް ނޫން. އަދި އިޙްތިޖާދަކީ ރަޙީނު ކުރުމެއްވެސް ނޫން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ރިވެތި ގޮތުގައި ޙިމާޔަތް ކުރާން އަޅުގަނޑުމެން އެދެނީނަމަ، މިދަންނަވާ މުހިންމު ކަންކަމަށް އަޅުގަނޑުމެން އެބަ ވިސްނާންޖެހޭ.

ރާއްޖޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތްތަކަށް، މުދާ ހޯދުމުގެ ޙައްޤު އެބޭފުޅުންނަށް ޤާނޫނުއަސާސީ ލިބިދީފައިވާ މިންވަރު، އެބޭފުޅުންނަށާއި، އަޅުގަނޑުމެން އެންމެންނަށް ސާފު. އަދި މިލްކިއްޔާތު ރައްކާތެރިކުރުމާއި، މުދާ ޙިމާޔަތް ކުރުމާއި، ގޯތިގެދޮރުގެ ޙުރްމަތާއި، އަމިއްލަ ތަކެތީގެ އަމިއްލަވަންތަކަމާއި، މިޙައްޤުތައް އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެ. ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި އަޅުގަނޑުމެން ރައްޔިތުންނަށް، މިހުރިހާ ސާޅީހުގެ މާއްދާތަކުގައި ދީފައިވާ ޙައްޤުތައް ދީފައިވާއިރުގައި 67 ވަނަ މާއްދާގައި އެވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކީ، ވަރަށް މުހިންމު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް.

ހަނދުމަފުޅު ބަހައްޓަވާ! ގަބޫލުފުޅު ކުރައްވާ! ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި އެވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަޅުގަނޑުމެން އަދާނުކުރާހާ ހިނދަކު، ސާޅީހުގެ މާއްދާތަކުގައިވާ އެއްވެސް ޙައްޤެއް ދާއިމީ ގޮތުގައި އަޅުގަނޑުމެންނަކަށް ނުބެލެހެއްޓޭނެކަން. އަޅުގަނޑު ރައްޔިތުންނަށް މިނުކުތާ މިއަދު ތަކުރާރުކުރަން. އަޅުގަނޑަށް އެބައެނގޭ، ހަޅުތާލު ކުރުމާއި އަދި އެއްވުމާއި އަދި އިޖްތިހާދު ކުރުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އަޑު އުފުލި ކަމެއް.

އަޅުގަނޑު ހަނދާން އެބަހުރޭ، 1984 ވަނަ އަހަރުއްސުރެ ފެށިގެން ކޮންމެ އަހަރަކު ޑިސެމްބަރ 10 ވަނަ ދުވަހު، "އިންސާނީ ޙައްޤުތަކާބެހޭ ދުވަސް" މިހެން ޖަހާފައިވާ ޓީޝާޓެއް ލައިގެން، ކޮންމެ ފަހަރަކު އަޅުގަނޑު ސިފައިންގެއަށް ގެންދާ ހަނދާން. އަޅުގަނޑު މިއަދު މިތަނަށް އަންނަމުން ޓީޝާޓް ބައި އެކީގައި އޮތްތޯ ބަލާލިއިރު ބައެއް ޓީޝާޓުން ތަންތަން ފޮހެން ފަށާފައި އެބަހުރި. އެހެންނަމަވެސް، އެޓީޝާޓްތައް އަޅުގަނޑު އެއްކުރެވޭތޯ ބަލަމުން އައީ. ހުރިހާ ޓީޝާޓެއް ނެތް. 1986ންސުރެ ފެށިގެން، ރާއްޖޭގައި ކިތަންމެ މަދު ބަޔަކު ނަމަވެސް އިންސާނީ ޙައްޤުތަކުގެ ދުވަސް އައީ ފާހަގަކުރަމުން.

އަޅުގަނޑު 1990ގެ އަހަރުތަކުގައި، އެމްނެސްޓީ އިންޓަރނޭޝަނަލްގައި މަސައްކަތް ކުރަން ކުޑަ ދުވަސްކޮޅަކު އުޅުނިން. އުޅުނުއިރުގައި އެތަނުގައި ހުރި ދިވެހިރާއްޖެއާ ގުޅޭ ބައެއް ލިޔުން ބަލާލެވޭތޯ އަޅުގަނޑު ބެލިން. އަޅުގަނޑު ހަނދާންވަނީ، އެމްނެސްޓީ އިންޓަރނޭޝަނަލް މިޖަމްޢިއްޔާ އުފެދުނީ 1971ގައޭ. އުފެދުނުއިރުގައި އެޖަމްޢިއްޔާއިން އިޢްލާނެއް ކުރެއްވި ކަމަށްވަނީ، ކޮންމެ ރަށަކުންވެސް ކޮންމެ ޤައުމަކުން ކޮންމެވެސް އެއްބޭފުޅަކު، އެ ޖަމްޢިއްޔާގައި ބައިވެރިވުމަށް. ރޭޑިޔޯއިން ގޮވައި، ބީ.ބީ.ސީ. އިން އިޢުލާނެއް ގޮވި. ދިވެހިރާއްޖެއިން ސިޓީއެއް ފޮނުވައިގެން ބައިވެރިވެފައިއޮތީ، މިއަތޮޅު ހިތަދޫން، ސިއްކަގޭ ނަސީމް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިދަންނަވަނީ ކޮންބޭފުޅެއްކަން، ތިޔައިގެ ތެރެއިން ގިނަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިއަދު ތަންކޮޅެއް ދޮށީ އުމުރުގެ ބޭފުޅެއް. އެހެންނަމަވެސް ފުރަތަމަ އެމްނެސްޓީ އިންޓަރނޭޝަނަލްގައި ރާއްޖޭގެ މެންބަރެއްގެ ގޮތުގައި، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ކަންބޮޑުވެގެން ބައިވެރިވެވަޑައިގެންނެވި ބޭފުޅަކީ އެބޭފުޅާ. އެއީ ކޮން ސަބަބެއްގައި ކުރެއްވި ކަމެއްތޯ ފަހުން ނަސީމް އަރިހުގައި އަޅުގަނޑު ދަންނަވާލީމާ، އޭރުގައި ލިޔުއްވާފައި ދެއްވީ 12 ވަރަކަށް ޞަފްޙާ. އޭގައި އޮތީ ހީރާ ރަޝީދު މަރާލެވުނު ދުވަހުގެ ވަރަށްބޮޑު ތަފްޞީލެއް. އޭރު ނަސީމް ހުންނެވީ، ވިލިނގިލީ ޖަލުގައި. އޭނާ ނެރެ އިނީ ގާތަޅަން. އެ އިން އިނުމުގައި، މިމަންޒަރު ފެނިދިޔަކަމަށް އަޅުގަނޑު ކައިރީގައި ނަސީމް ވިދާޅުވި.

ދިވެހިންގެ ތެރޭގައި ލާއިންސާނީ އަނިޔާ އެއީ އެއްވެސްއިރެއްގައި ގަބޫލުކުރެވޭ ކަމެއްނޫން. ޖެހިގެން ހުންނަ ގޭމީހާ، އޭނާގެ އަމިއްލަ ދަރިފުޅު ގައިގައިވެސް ތަޅައިގެންފިއްޔާ، އަނެއް ގޭގެ މީހާ އެކަމާ ރުޅިއައިސްގެން ހަޅޭއްލަވައިގަންނާނެ. ގައިމުވެސް އަޅުގަނޑުމެން ބޮޑުވެގެން އައީ މިދަންނަވާ މާޙައުލުގައި. އެކަކު އަނެކަކު ގަޔަށް ބޮލަށް އަރައި، އުޅެގެން ނުވާނެ. އަނިޔާ ކޮށްގެނެއް ނުވާނެ.

މިދުވަސް މިރަށުގައި އަޅުގަނޑުމެން ފާހަގަކުރާއިރުގައި އަޅުގަނޑު ހިތަށްއެރީ، މިވާހަކަ ދަންނަވާލުން މުނާސިބޭ. ދެން ނަސީމުގެ ކުރީގައި ނުވަތަ ނަސީމާއެކު އެހެން ބޭފުޅަކު އެމްނެސްޓީ އިންޓަރނޭޝަނަލްގައި ބައިވެރިވެވަޑައިގެންފައިވާކަން އަޅުގަނޑަށް އެނގިފައިނެތް. އެހެން ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވާނަމަ، އެބޭފުޅެއްގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އެހެންނަމަވެސް، އަޅުގަނޑަށް ފާހަގަވެފައިވާ ބޭފުޅަކީ މިދެންނެވީ.

އަޅުގަނޑު ދަންނަވައިފިން، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައޭ، އަޅުގަނޑުމެންގެ ހުރިހާ ޙައްޤެއް ރައްކާތެރިވެފައި އޮތީ. އެހެންވީމާ، އަންނަންއޮތް ޖީލުތަކަށް އަޅުގަނޑުމެން ރިވެތި ދިރިއުޅުމެއް ހޯދައިދޭ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން މިޙައްޤުތައް ރައްކާތެރިކޮށް، މިޤާނޫނުއަސާސީ ޙިމާޔަތް ކުރުން ވަރަށް މުހިންމު. ބައެއް ބޭފުޅުންނަށް މިޤާނޫނޫއަސާސީ އުނދަގޫވެދާނެ. އަޅުގަނޑަކަށް އުނދަގުލެއްނޫން. މީގެ ހުރިހާ މާއްދާއަކަށްވެސް އަޅުގަނޑުމެންނަށް ޢަމަލުކުރެވޭނެ. އަދި ޖިނާޢީ އިޖުރާތުގެ ޤާނޫނާއި، ހެއްކާގުޅޭ ޤާނޫނާއި އަދި އެހެންވެސް އުނދަގުލުން ތަޞްދީޤުވާން މިހުރި ޤާނޫނުތައް، ކުރީގައި އަޅުގަނޑުމެން ކަން ކުރަމުން އައިގޮތާ ތަފާތުވެދާނެ. ފުލުހުންގެ ކިބައިންވެސް އަޅުގަނޑު މިއެދެނީ މިކަން ގަބޫލުފުޅު ކުރެއްވުމަށް.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ތެރެއިން ގިނަބޭފުޅުން އެކަންކަން ގަބޫލުފުޅު ކުރައްވާކަން. އުނދަގުލޭ ތެދުފުޅެއް. ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވާ މައްސަލައެއް، ޕްރޮސެކިއުޓަރ ޖެނެރަލަށް ވަގުތުން ވަގުތަށް ޕްރޮސެކިއުޓް ކުރައްވަން ދަތިވެފައިއޮތީ، އެބޭފުޅާގެ ގޮނޑިއެއް މޭޒެއްނެތި، އެބޭފުޅާގެ އޮފީސް ފުރިހަމަނުވާތީ. ޕްރޮސެކިއުޓަރ ޖެނެރަލް، ބޭފުޅަކަށް ދަޢުވާ ކުރެއްވީމާ، ކޯޓުގައި އިންނަވާ ޤާޒީއަކަށް، މިހާރުގެ ހެއްކާ ގުޅޭގޮތުން މިއޮތް ޤާނޫނާއި، ހެކި އެއީ ކޮބައިކަމާ އަދި މިކަމާ ގުޅޭގޮތުން މިއައި ބަދަލުތަކުގައި ޤާޒީއަކަށް، ފަނޑިޔާރަކަށް ސާފު ޙުކުމެއް އިއްވާން މިވަގުތު ކުޑަކޮށް ދަތިވެދާނެ. އަދި ޙުކުމެއް އިއްވުނީމާ، އެ ކުށްވެރިޔަކު ބަހައްޓާނެ ތަނެއްވެސް ނެތިދާނެ. ޖަލުތައްވެސް ތޮއްޖެހިފައި އޮވެދާނެ. ހުރިހާ ކަމެއްވެސް ހަމައިންނައްޓާ ހިސާބުގައި ހުރެދާނެ. އެކަމަކު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެނެއް ހާހެއްނުވެޔޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރަށް އޮމާންކަމާއެކީގައި މިކަންކަން ހަމަޔަކަށް އަޅުވައިދޭނަމޭ. އަޅުގަނޑުމެން، މި ސަރުކާރާ ހަވާލުވެ މިތިބީ، މިއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮވެގެނޭ. އެއްވެސް ޙާލެއްގައި ދައްޗެއް އުނދަގުލެއްވެ، އެކަމުގެ ޝަކުވާ އަޅުގަނޑެއް ނުބަންނާނަން. އަޅުގަނޑު އެކަން ބަލައިގަންނާނީ، އެހުރިހާ ކަމަކީވެސް އަޅުގަނޑުމެން ކުރާންޖެހިފައި ހުރި ކަންކަމުގެ ގޮތުގައި. އަޅުގަނޑުމެން މިއަދުވެސް ކުރާންޖެހޭ ކަންކަމުގެ ގޮތުގައި.

އަޅުގަނޑުގެ ނަޒަރުގައި، މި ޤާނޫނުއަސާސީ ޙިމާޔަތް ކުރުމަށް ވަރަށް މުހިންމު ދަނޑިވަޅުތަކެއް އެބަ އާދޭ. މިހާރު މިއޮތީ އިންތިޤާލީ ރައްޔިތުންގެ މަޖިލީހެއް. އެ މަޖިލިސް އުވިގެންދާނެ ދުއިސައްތައިގެ މާއްދާތަކުގެ މަތިން. އޭގެކުރީގައި އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން. އެ އިންތިޚާބާ ގުޅޭ ޤާނޫނު ފާސްކުރަން. ރައްޔިތުންގެ މަޖިލީހުން މިހާރުން މިހާރަށް ފާސްކުރުމަކީ، މި ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ރައްކާތެރި ކުރުމަށް އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވުނީމާ، ނާކާމިޔާބުވެގެން ދަނީ ހަމައެކަނި އިންތިޤާލީ ބާބެއް ނޫން. ނުވަތަ ރައްޔިތުންގެ މަޖިލީހާ ގުޅޭ ބާބެއްވެސް ނޫން. މުޅި ޤާނޫނުއަސާސީ. އޭރުން ޤާނޫނީ ހުސްކަމެއްގެ ތެރެއަށް އެބަދޭ. ދިޔުމުގެ ފުރުޞަތު އެބަ ލިބޭ. އެކަން އެހެންވެއްޖެނަމަ، އަތްގަދަ މީހާ ވަރުގަދަވާނެ. އަޅުގަނޑުމެން މިއީ، އެންމެ އަތްގަދަ މީހުންނަށް މިވަގުތު ވެފައި އޮވެދާނެ. އެހެންނަމަވެސް، ޤާނޫނީ އިމުގެ ބޭރުން އަތްގަދަ ވެވޭނޭ ފުރުޞަތެއް، އެއްވެސް ބަޔަކަށް ދެއްވުމަކީ ބުއްދިވެރި ކަމަކަށެއް ނުވާނެ. ޤާނޫނުއަސާސީގެ އެންމެ މާއްދާއަކާވެސް އެއްވެސް ބަޔަކު ޚިލާފުވެއްޖެނަމަ، ދެން ތިބޭ މީހުން އަނެއް މާއްދާއަށް ޚިލާފުނުވާންވީ ސަބަބެއް ނެތް. މުޅި ޤާނޫނުއަސާސީ އެކީގައި ނާކާމިޔާބު އެއްޗަކަށް ވެގެންދިޔުމަކީ، ހަމަ އެކަށީގެންވާ ކަމެއް. މިދަންނަވާ މުހިންމު ކަންކަން އަޅުގަނޑުމެންނަށް، އޭގައި އެވާ ތާރީޚަށް، 15 ފެބްރުއަރީ 2009 ވަނަ ދުވަހަށް ނުނިންމިއްޖެނަމަ، ޤާނޫނުއަސާސީ ނާކާމިޔާބުވެއްޖެ ކަމަށް އެތައް ބަޔަކަށް ވަކާލާތު ކުރެވޭނެ. އަދި ޤާނޫނުއަސާސީއާ ޚިލާފުވެވުނީ ކަމަށް، ބައެއް ބޭފުޅުން ވަކާލާތު ކުރައްވަފާނެ. އެއީ އަދިވެސް ޖާގަ ލިބޭ ކަމެކޭ، އެކަން ކުރިއަށް ގެންދެވިދާނެޔޭ. އެވެނި ގޮތެއް، މިވެނި ގޮތެއް ހެދިދާނެޔޭ. އެހެންނަމަވެސް، އޭރުން ދެން އެތިބެވެނީ، ވަރަށް ތުނި ފަށަލައެއްގައި. ޖޯޝުގައިގޮސް އެޤާނޫނުއަސާސީ ޙިމާޔަތްކުރަން އަޅުގަނޑުމެންނަށް އުނދަގޫވާނެ.

އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އާދޭހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަގުތު ދެއްވައިގެން، ޤާނޫނުއަސާސީގައި އެވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ މަގު ފަހިކޮށްދެއްވާށޭ! އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، މިކަމަށް ފާރަވެލައްވާށޭ! ބައްލަވަން ތިއްބަވާށޭ! މިކަން އަޅުގަނޑުމެންނަށް ނާކާމިޔާބުވެ ހިނގައްޖެނަމަ، އަޅުގަނޑު މާދަން ބުނަންވީ، އެއްވެ އުޅުމުގެ ޙައްޤަކީ މިވެނި މާއްދާގެ (ހ)އާއި (ށ)އާއި (ބ)އާއި އަނެއް މާއްދާގެ (ނ)ގައި އެހެން ގޮތަކަށް އޮންނަ ކަމެކޭ. ދެން ނޫ ޤާނޫނުއަސާސީގައިވެސް ތިޔަކަން އޮތީ މިހެންނޭ އެހެންނޭ ކިޔައިގެން އަޅުގަނޑުވެސް ވާހަކަ ދިގުކުރަންވީ. އަދި އެންމެން ވާހަކަ ދިގުކުރަންވީ. އޭރުން ސާފު ޞަރީޙަކަން ގެއްލިދިޔައީ. ޤާނޫނުއަސާސީގައި އެބުނާ، މިންގަނޑުތަކުގައި އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބު ބޭއްވިއްޖެ. އަޅުގަނޑުމެންނަކަށް ނުވިސްނޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އެ މިންގަނޑުތަކުގައި އަޅުގަނޑުމެންނަށް ނުބޭއްވޭންވީ ސަބަބެއް. އަޅުގަނޑު މިހެން ދަންނަވާއިރުގައިވެސް، އަޅުގަނޑަށް ޔަޤީން އެބޭފުޅުން އެކަން ކުރައްވާނެކަން. މަޖިލީހުގައި މިހާރު ބިލް އޮތީ. އެހެންނަމަވެސް، 25 ވަނަ ދުވަހު މަޖިލިސް ބަންދުވެ، އެމަޖިލިސް ޗުއްޓީ ވެއްޖެނަމަ، މިބިލް ނުނިންމިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އެދެވެނީ ނޭނގުމުގެ ތެރެއަށޭ. ކޮޅުފެންނާން ނެތް މަގަކަށް އެޅެނީޔޭ. އަޅުގަނޑު އުންމީދު ކުރަން، އެމަގަށް އަޅުގަނޑުމެން ދިޔަނުދިނުމަށް، އަޅުގަނޑުމެންގެ ތެރެއިން ވީހާވެސް ގިނަބަޔަކު މަސައްކަތް ކޮށްދެއްވާނެ ކަމަށް.

އެ އިންތިޤާލީ ބާބުގައި އެވާ ލާމަރުކަޒީ އުޞޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމުގެ އިންތިޚާބުތައް ނުވަތަ ސަރަޙައްދީ އިންތިޚާބުތައް، ލޯކަލް ގަވަރންމަންޓްގެ އިންތިޚާބުތައް، ޖުލައިމަހުގެ ތެރޭގައި އެބަ އޮންނާންޖެހޭ ކަމަށް އަޅުގަނޑު ހަނދާންވޭ. އެ އިންތިޚާބު ނުބޭއްވިއްޖެނަމަ، އެއީ ޤާނޫނުއަސާސީ ދަމަހައްޓަން އަޅުގަނޑުމެންނަށް އުނދަގޫ ކަމަކަށް ވެގެންދާނެ.

އަޅުގަނޑު މާގިނައިރެއް ކުރާކަށެއް ނެތިން. އަޅުގަނޑު އަނެއްކާވެސް ހަމަ ނިންމާލަމުން އެންމެ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. ޚާއްޞަކޮށް، މިއަތޮޅު ރައްޔިތުންނަށް ރައްޔިތުންގެ ޙައްޤުގައި ބަޔަކު މީހުން ތެދުވާންވެއްޖެ ކަމާއި، ތެދުވެގެންގޮސް ރިވެތި ދިރިއުޅުމެއް ހޯދިދާނެ ކަމަށް ގަބޫލުކޮށް، މިދިޔަ ތިން ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކަމުގައި ނުހަނު ބޮޑު ބުރަ މަސައްކަތް ކުރަމުން އައިސް އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުމުގައި، ތިޔަބޭފުޅުންގެ ދައުރު މިއަދު މިވަގުތުގެ އަޖަލުގައި އަޅުގަނޑުމެން ޖެހިތިބެ، ފާހަގައެއް ނުވެސް ކުރެވޭ. އެކަން އޭގެ އަޞްލު މާނައިގައި އަޅުގަނޑަށް ލަފާކުރެވޭނީ، މިނެވޭނީ، ވަޒަންކުރެވޭނީ، ތާރީޚި ނަޒަރުގައޭ. އަޅުގަނޑު މިއަދު މިތާހުރެ ތިޔަބޭފުޅުންނަށް ޝުކުރު ދެންނެވުން އެއީ ބާވަތެއްގެ ހުސް ވާހަކައަކަށް ވެދާނެ. އެއީ، ތާރީޚީ ނަޒަރު ނުވަތަ ތާރީޚު އެކަން ދެކޭނެގޮތް. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އޮންނާނެ ފިލާވަޅެއްކަން އަޅުގަނޑަށް ހަމަގައިމު، ޔަޤީން.

ހިއުމަން ރައިޓްސް ކޮމިޝަންގެ އެންމެހާ ބޭފުޅުންނަށާއި، އަދި އައްޑުއަތޮޅުގެ އެންމެހާ ރައްޔިތުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމަށާއި، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރިކަމާ އެކީގައި، އަޅުގަނޑުމެން އެންމެންގެވެސް ދިރިއުޅުން އާރާސްތު ކުރަމުން ގެންދިއުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން.

والســّلام عليــكم

اَلحَمْـدُ لِلّـهِ.
ވަރަށްބޮޑަށް ޝުކުރިއްޔާ!