بســم اللّـه الرّحمـن الرّحيــم

އުކުޅަހުގެ އެކުވެރި ލޮބުވެތި ރައްޔިތުން

السّـلام عليـكم

އަޅުގަނޑު ދަންނަވާނީ މި ރާއްޖޭގެ ތާރީޚުގައި މަދުމީސްކޮޅަކަށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝުކުރުވެރިވާންޖެހޭ ޙާލަތެއް ދިމާވެފައިވާނީ މަދުންނޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ރައްޔިތުންވަނީ އުކުޅަހު ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރުވެރިވާންޖެހިފައޭ.

ދެވަނަ ބޮޑުހަނގުރާމައިގައި އިނގިރޭސި ވަރަށް މަޝްހޫރު ވެރިއެއް، ވިންސްޓަން ޗަރޗިލް ވިދާޅުވި، އެޤައުމު އެއިރު ސަލާމަތްވީ އެޤައުމުގެ ވަރަށްމަދު މީސްކޮޅެއް އެއީ، ވައިގެ ސިފައިންގެ ވަރަށް ފުރިހަމަ ހަނގުރާމަވެރި އުކުޅުތަކާއި ހުނަރުގެ ސަބަބުންނޭ. އަޅުގަނޑު ދަންނަވާނީ މި ރާއްޖޭގެ ޤައުމިއްޔަތާއި، މި ރާއްޖޭގެ ރަށްވެހިކަމާއި، މި ރާއްޖޭގެ ރައްޔިތުންގެ އުންމީދު، ޙަޤީޤަތުގައި މިފަހަރު ސަލާމަތްވެފައި މިވަނީ، ވަރަށް ހީވާގި އެހާމެ ސާބިތުކަމާއެކީގައި އުކުޅަހު ރައްޔިތުންގެ ކުރަމުންގެންދިޔަ މަސައްކަތްތަކުގެ ސަބަބުންނޭ.

އަޅުގަނޑު ހަމަ ހިތުގެ އަޑިން ދަންނަވާނަން އަޅުގަނޑަށް ހަމަގައިމުވެސް މިއަދު މިހުރި މަގާމުގައި ހުއްޓި މި ހުރެވެނީ ކޮންސަބަބަކާތޯ އަޅުގަނޑު ވިސްނާންފަށައިފިއްޔާ އޭގެ ވަރަށްބޮޑު ހިއްސާއަކީ، އުކުޅަހު ރައްޔިތުން ކަމަށް އަޅުގަނޑު ބުނަންޖެހޭނެ. އަޅުގަނޑު އުފަލާއެކީގައި ބުނަމުން ގެންދާނަން. މި ރާއްޖޭގައި ހެޔޮވެރިކަން ޤާއިމު ކުރުމަށާއި، ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުކުރުމުގައި މިރަށުގެ ރައްޔިތުން ދައްކަމުން ގެންދިޔަ މިސާލަކީ، ދުނިޔޭގެ ވަރަށްމަދު ތަނަކުން ވަރަށް މަދު ހިނދެއްގައި ނޫނީ ނުފެންނާނެ މިސާލެއް. އަޅުގަނޑު ވަރަށް ގިނައިން ދުނިޔޭގެ ކަންކަން ހޯދޭތޯ ބަލާ އުޅެން އިނގޭތޯ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑު މި ހުންނަނީ ހަމަ ހައިރާންވެފައި. މި ރާއްޖެއަށް ހެޔޮވެރިކަމެއް ގެންނެވުމަށް، މި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ވެރިކަމުގެ ގޮތް އަދި ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ބޭފުޅުން ބަދަލު ކުރެއްވުމަށްޓަކައި އުކުޅަހު ރައްޔިތުން އެ ކުރެއްވި ހިތްވަރާއި ހިންގަވަމުން އެ ގެންދެވި އެންމެހާ ހަރަކާތްތަކަކީ، ހަމަ އަޅުގަނޑުގެ ނަޒަރުގައި ދުނިޔޭގެ މިސާލެއް. ތިޔަބޭފުޅުންނަށް ހަމަ ފަށްފަށުން ޝުކުރިއްޔާ.

މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އަދި އެހެން ބަސްތަކަކުން ދަންނަވަނީނަމަ، ތިޔަބޭފުޅުން މުޅިޤައުމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑު މިހުރީ މި މަގާމުގައި ބަހައްޓަވާފައި. އަޅުގަނޑުގެ ނަޒަރުގައި މި ރާއްޖޭގައި ވަރަށްބޮޑު ދަރަޖައަކަށް މި ހިނގަނީ އުކުޅަހު ސަރުކާރެއް. އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން އެއީ، މި ސަރުކާރު ދެމިއޮތުމުގެ ބޭނުމަކީ. އެނޫން ބޭނުމެއް މި ސަރުކާރު ދެމިއޮންނާކަށެއް ނެތް. އެ ބޭނުން ފުއްދުމަށްޓަކައި، ވަޢުދުތައް ފުއްދުމަށްޓަކައި އަޅުގަނޑަށް ހަމަ ޔަޤީން އުކުޅަހު ރައްޔިތުން ހަމަ ކުރީގައި އެރައްޔިތުން މި ސަރުކާރަށް ނުވަތަ މި ސަރުކާރު އުފެއްދުމަށް ކުރައްވަމުން ގެންދެވި މަސައްކަތް އަދި ކުރިއަށް އޮތްތާނގައިވެސް ކުރައްވާނެކަމާ ދޭތެރޭގައި އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން،ރައްޔިތުންގެ މަޖިލިސްވެސް މި ސަރުކާރަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް.

އަޅުގަނޑުމެންގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ކެހިގެން، ބީވެގެން ގޮސްގެނެއް ނުވާނެ، މި ރާއްޖޭގެ ހުރިހާ މުއްސަނދިކަމަކީވެސް، ދިވެހި ސަރުކާރުގައިވާ ހުރިހާ ފައިސާއަކީވެސް ތިޔަބޭފުޅުންގެ ފައިސާކަން. އޭގައެއް ނުވޭ އަޅުގަނޑުގެ އެންމެ ލޯ ލާރިއެއްވެސް. ތިޔަބޭފުޅުންގެ ފައިސާ އޭގައި ނުވާ މިންވަރަކަށް. އަޅުގަނޑުމެން ބަލަން ޖެހޭނެ ރައްޔިތުންގެ ފައިސާއަށް ކަމޭހިތުމަށް. އަމާނާތްތެރިކަމާއެކީގައި އެފައިސާ އަޅުގަނޑުމެން ޚަރަދުކުރަމުން ގެންދަންޖެހޭނީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ބަލައިގެން. އެއްވެސް ހާލެއްގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުން، ވަކި ބަޔަކަށް ވަކި ގޮތެއް ހެދުން އެއީ، ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު އުކުޅަހު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ވެރިކަމުގައި، މި ސަރުކާރުގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ އަމާނާތްތެރިކަމަކީ އެންމެބޮޑަށް އަޅުގަނޑުމެން ނަގަހައްޓާނޭ އެއްކަމޭ.

އަޅުގަނޑު މިތަނުގައި ހުރެ، ހަމަ މިފިޔަވަޅުމަތީގައި މީގެ ކުޑަދުވަސްކޮޅެއް ކުރީގައި ހުރެ ތިޔަބޭފުޅުންނަށް ވަޢުދުތަކެއްވީމު. އެ ހުރިހާ ވަޢުދެއްވެސް ހުރިހާ ބަހެއްވެސް ލަފްޒެއްވެސް އަކުރެއްވެސް ފިލިން ފިއްޔަށް އަކުރުން އަކުރަށް އަޅުގަނޑު ވަރަށް ބޮޑަށް ހަނދާން އެބަހުރި. އަޅުގަނޑު މިރޭ މިއައީ، މިރޭ ތިޔަބޭފުޅުންނާ ބައްދަލުކުރުމަށް މިއެދުނީ، ބައްދަލުކުރުމަށް މިފުރުސަތު މި ލިބުނީ، މިދެންނެވި ވަޢުދުތައް ފުއްދައިދިނުމުގައި އަދި ތިޔަބޭފުޅުންނަށް އިތުރު ތަފްޞީލު އެރުވޭނެ ފުރުސަތު އަޅުގަނޑަށް އޮތީތީވެ، އެކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ އެކީގައި ހިއްސާ ކޮށްލަންވެގެން.

އަޅުގަނޑުމެން ދެކެމުންއައިން، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ މިއީ، މިރާއްޖޭގައި އޮތް މަސްވެރި ރަށްތަކުގެ ތެރެއިން ވަރަށް ވަރުގަދަ ހުނަރުވެރި ރަށެއްކަން. އަޅުގަނޑުމެން އަބަދުވެސް ދެކެމުންއައީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިރަށުގައި މަސް ބަނދަރެއް ތަރައްޤީ ކުރުން އެއީ، އަޅުގަނޑުމެން ކުރާނެ ކަމެކޭ. އިރާދަކުރެއްވިއްޔާ އަނެއްކާވެސް ހަމަ ދަންނަވާނީ އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭގޮތަށޭ އޮތީ. އަދި ކުރިއަށްވުރެ މާބޮޑު އިތުބާރާއެކީގައި އަޅުގަނޑަށް ދެންނެވެން އެބައޮތޭ އިރާދަކުރެއްވިއްޔާ އުކުޅަހުގައި އަޅުގަނޑުމެން މަސް ބަނދަރެއް ހަދާނަމޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި މިތަނުގައި މިއުކުޅަހުގެ ބަނދަރު ސުނާމީގައި ގެއްލުން ލިބުނު ގޮތަށް، އެ އޮތްގޮތަށް އެ އޮންނަނީ. އަޅުގަނޑު ބަލައިފީމު އެ ބަނދަރަށް ވެފައި އޮތް ގޮތް. ވެފައި އޮތްގޮތަކީ އެމެރިކާ ސަރުކާރުން އެހީގެ ގޮތުގައި ދެއްވާފައި އޮތީ ހަތަރު ލައްކަ ޑޮލަރު. އެއީ، ގާތްގަނޑަކަށް ފަސްމިލިއަން ރުފިޔާ. ހަތަރުލައްކަ ޑޮލަރު އެމެރިކާ ސަރުކާރުން ދެއްވީ އެބަނދަރު އޭރުގައި ބަލާފައި މަރާމާތު ކުރުމަށް. އެކަން ނުކޮށް ހުރެހުރެހުރެހުރެ އެ ފައިސާ އެންމެ ފަހުން ސަރުކާރުން ގެއްލިދިޔައީ. އެފައިސާ ސަރުކާރަށް ލިބުމަށް ދަތިވި. އަދި އެ އަދަދުގައި އެކަން ކުރެވެންވެސް ނެތުނީ.

އަޅުގަނޑަށް އެނގޭ ނިމިދިޔަ ސަރުކާރާ ތިޔަބޭފުޅުން ރުހިވަޑައިނުގަންނަވަން ފެށްޓެވީ މިބާވަތުގެ ކަންތައްތައް ގިނަވެގެންކަން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިފަހުން އެ އެހީދޭ ފަރާތާ އަޅުގަނޑު އަނެއްކާ ވާހަކަދައްކައިފިން. އެބޭފުޅުން ތައްޔާރަށް ތިއްބެވީ އެބޭފުޅުން އަލުން އަނބުރާ އެއެހީ އުކުޅަހަށް ދެއްވައި އެ މަސައްކަތް ކުރިއަށް ގެންދަވަން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ދެން އެކަން ކުރިއަށްގެންދާއިރުގައި އިތުރަށް ބޭނުންވާ ފައިސާ، ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މިރަށުގެ ބަނދަރު މިއަހަރު ދުވަހުގެ ތެރޭގައި ރަނގަޅަށް މަރާމާތުކޮށްދީ ނިންމާނީ އެކަންޏެއްނޫންކަން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ރަނގަޅު މަސްބަނދަރެއް މިތަނުގައި މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަދަން ފެށޭނެ.

މިރާއްޖޭގެ ވެރިކަމުގެ ފަރާތުން ރަށަކަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ބޭނުން މިރަށަށް ކޮށްދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ހިނގާހާ ދުވަހަކު މިރަށު ރައްޔިތުންގެ ކިބަޔަކުންނެއް އަދި މިރަށަށް ބޭނުންވާ ކަމަކާ ގުޅޭގޮތުންނެއް އަޅުގަނޑެއް ހަނދާން ނެތިގެނެއް ނުދާނެ. އަޅުގަނޑަށް އެނގޭ މިސްކިތް މިހާރު ހަދަން ފެށިފައި އެހެރީ. އެހެންނަމަވެސް ވަރަށް ހިތާމަވެރި ގޮތްތަކެއް ދިމާވެ މިސްކިތުގެ މަސައްކަތް މިހާރު އެހުރީ ހުއްޓިފައި. މިތަނަށް އައިއިރުގައި އަޅުގަނޑު ހީކުރީ މިސްކިތުގެ މަސައްކަތް އެބަކުރިއަށްދާކަމަށް. މިސްކިތުގެ މަސައްކަތްދަނީ ކުރިއަށްކަމަށް. އެހެންނަމަވެސް، މިހާރު އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގިއްޖެ އެއީ ކުރިއަށްދާންވެސް އޮތްކަމެއް ނޫންކަން. އެހެރީ އެ މަސައްކަތް ކުރާ މީހުންނަށް އެހެރީ އެ މިސްކިތަށް ކުރެވޭވަރު މިހާރު ކުރެވިފައި. ދެން އަވަހަށް އަޅުގަނޑުމެން އެހެން ބައެއް ހޯދައިގެން އެ މިސްކިތް ނިންމާލެވޭތޯ ބަލަންވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މާލެ ގޮސް، ޑޮކްޓަރ ބާރީއާ އަޅުގަނޑު ވާހަކަ ދައްކާނަން. އިސްލާމީ ކަންތައްތަކާގުޅޭ ވަޒީރާ. އެބޭފުޅާއާ އަޅުގަނޑު ވާހަކަދައްކައިގެން މި މިސްކިތުގެ މައްސަލަ މިހާރު މިއޮތް ހިސާބެއް ހޯދައި މި މައްސަލައަށް ތިޔަބޭފުޅުންނަށް ޙައްލެއް ހޯދައިދީ މިސްކިތުގެ މަސައްކަތް އަލުން އަނބުރާ ދާދި އަވަހަށް އަޅުގަނޑު ފަށާދޭނަން.

އަޅުގަނޑުމެންގެ ވަޢުދެއް އެއީ، މިރަށުގައި މަސްވެރިކަމާގުޅޭ ދިރާސާ ކުރުމާއި މަސްވެރިކަމާގުޅޭ ތަޢްލީމު ލިބޭނޭ ގޮތެއް، ސެންޓަރެއް ހެދުން. އަޅުގަނޑުމެންގެ ވަޢުދުތައްވެސް ފަހަރުގައި މިހާރު ތިޔަބޭފުޅުންގެވެސް ހަނދާނުން ކެހިގެންގޮސްފައިވަނީ ކަންނޭނގެ. އަޅުގަނޑުމެން މިރަށަށް ހުނިޖަހާފައި އޮތް ކަމެއް މިދަންނަވަނީ. އެއީ، މަސްވެރިކަމާގުޅޭ މަތީ ތަޢްލީމު މިރަށުން ދެވޭނެ ގޮތް ހޯދުން. އެކަން ކުރުމަށްޓަކައި އަޅުގަނޑު މިދަނީ ވަރަށްގިނަ ފަރާތްތަކާ ވާހަކަދައްކަމުން. އެބަފެނޭ އެކަން ވާނެ ގޮތްތައް. އަޅުގަނޑު މިހާރު 16ވަނަ ދުވަހު މިދަނީ އިޓަލީއަށް. އިޓަލީއަށް ދާއިރުގައި އިޓަލީގެ ޔުނިވަރސިޓީއެއްގެ ބޭފުޅުންނާ ބައްދަލުކުރުންވެސް އެބައޮތް. އަދި އެތާ ވާހަކަދެއްކުންވެސް އެބައޮތް. އަދި އެޔުނިވަރސިޓީން އެބަ އެއްބަސްވެސްވޭ. އަޅުގަނޑުމެން އިތުރަށް ވާހަކަދައްކައިގެން ފަހުގެ ނިންމުންތައް ނިންމަންޖެހޭނީ. މިދަންނަވާ ބާވަތުގެ ޢިލްމު، ތަޢްލީމު ދިނުމަށް ރާއްޖޭގައި ސެންޓަރެއް ހެދުމަށް އެބޭފުޅުންނާ ގުޅިގެން އެކަން ކުރުމަށް އެބޭފުޅުން އެބަ އެއްބަސްވޭ. އެހެންވީމާ، އަޅުގަނޑު މިދަންނަވާ މަސްވެރި ރަށްރަށް، އިހަވަންދޫ، ދިއްދޫ، އުކުޅަސް، ކޮލަމާފުށި، ތިނަދޫ މިއީ، އަޅުގަނޑުމެން ހަނދާންނެތޭނެ ރަށްރަށެއްނޫން. ރާއްޖޭގައި މަސްވެރިކަމުގެ އެއްވެސް މަސައްކަތެއް ކުރާ ބައެއް މިދެންނެވި 5 ރަށެއް ހަނދާނެއް ނުނެތޭނެ. އަޅުގަނޑު ނުދަންނަވަން މަސްބާނާ އެހެން ރަށްރަށް ނެތް ކަމަކަށެއް. އެހެންނަމަވެސް، މިދެންނެވި ރަށްރަށަކީ، މަސްވެރިކަމުގައި މި ރާއްޖޭގައި ވަރަށް ފާހަގަކުރެވޭ ރަށްރަށް. އެހެންވީމާ، އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ޙަޤީޤަތަކަށް ހަދާދޭނަން. މިރަށުގައި މަސްވެރިކަމާ ގުޅޭ މަތީތަޢްލީމެއް ހޯދައިދެވޭނެ ފުރުސަތުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން.
އުކުޅަހުގައި ނަރުދަމާވެސް، އުކުޅަހުގައި ފެނުގެ ޚިދްމަތްވެސް، އުކުޅަހުގައި ގޭހުގެ ޚިދްމަތްވެސް، ފޯރުކޮށްދިނުން މުހިންމު. އަޅުގަނޑުމެން މިހާރުވާނީ، އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުޓިލިޓީޒް ކުންފުންޏެއް އުފައްދާފައި. އެ ކުންފުނި މެދުވެރިކޮށް މިދަންނަވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިރަށަށްވެސް ކުރިއަށް ގެންދާނަން. އަޅުގަނޑު މިއަދު މިތާ ހުރެފައި، މިރަށުގެ ނަރުދަމާގެ މަސައްކަތް ކަނޑައެޅިގެން ފަށައިގަނެވޭނެ ދުވަހެއް، ތާރީޚެއް ތިޔަބޭފުޅުންނަށް އަރުވަން އުނދަގޫ. އަޅުގަނޑުމެން މިހާރު މިލަފާ މިކުރަނީ މިއަހަރުގެ ތެރޭގައި އުކުޅަހުގެ ނަރުދަމާގެ މަސައްކަތްވެސް ފެށޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެމަގުގައި.

ތިޔަބޭފުޅުންގެ މަދަރުސާވެސްވަނީ ރަނގަޅުކުރަންވެފައި. ތިޔަބޭފުޅުންގެ ހެލްތް ސެންޓަރުވެސްވަނީ ރަނގަޅުކުރަންވެފައި. ޒުވާނުންނަށް ކުޅިވަރު ކުޅެލެވޭނޭ ގޮތެއްވެސްވަނީ ހޯދަންވެފައި. އުކުޅަހު މަސްވެރިން މާލޭގައި ތިބޭއިރުގައި މާލޭގައިވެސް ފަސޭހަކަމާއެކީގައި ތިބެވޭނެ ގޮތެއްވަނީ ހޯދަން ޖެހިފައި. އަޅުގަނޑު މިހާރު އުޅޭ އޮފީހުގައި އެތާ ހުންނަ ބެލްކަންޏަކަށް ނުކުތީމާ ޙަޤީޤަތުގައި އަޅުގަނޑަށް ތިޔަބޭފުޅުން ފެނޭ ކޮންމެ ދުވަހަކުވެސް. އަޅުގަނޑު ހިތަށްއަރަނީ ކިހިނެއްބާއޭ ވާނީ ތިޔަބޭފުޅުންނަށް ހެންވޭރު މަސްވެރިންގެ ހިޔާގައި އެމައިޒާން ދޮށުގައި މަޑުކުރެވޭނޭ ގޮތެއް ވެއްޖިއްޔާ. މިހާރު ބޮޑުފާލަން ދޮށުގައި ތޮއްޖެހިފައި ތިބުމުގެ ބަދަލުގައި އެތަނުން ބިންކޮޅަކާ އެކީގައި ތިޔަބޭފުޅުންނަށް މަޑުކުރެއްވި އެތަނުގައި ތިޔަބޭފުޅުންނަށް ތަންކޮޅެއް ފަސޭހަކަމާއެކީގައި ހަމަޖެހިވަޑައިގެން ތިއްބެވޭނެ ގޮތެއްވިއްޔާ ކިހިނެއްބާވައޭ ވާނީ. ދެން މިމަޝްވަރާ އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އަމީން ފައިޞަލް އެބަވިދާޅުވޭ، އެތަނުގައި ހުރި އެއްޗެހި، ބަނދަރުތެރޭގައި ހުރި އެއްޗެހި ބަދަލުކޮށްދެއްވާނަމޭ. ދެން ތިޔަ ހުރިހާ ބޭފުޅުންވެސް އަމީން ފައިޞަލް ދެނެވަޑައިގަންނަވާނެ. އަމީނަށް ދަންނަވަންޖެހޭނެ އެއްޗެހި އަވަހަށް ބަދަލު ކުރައްވަން. ދެން އަމީން އެބަވިދާޅުވޭ، އަމީންގެ ދާއިރާގެ ބޭފުޅުންވެސް ކޮންމެހެން އެދިވަޑައެއް ނުގަންނަވައޭ، މާލޭގެ ބަނދަރުގައި ހުރިހާ ބޯޓެއް ބަހައްޓާކަށް. އަޅުގަނޑުގެ އޮފީހާ ގުޅޭގޮތުން، އަޅުގަނޑު މަޢުޞޫމްގެ ކިބައިން އެބަ އެދެން، އެ ހުރިހާ ލޯންޗްފަހަރު އެހެން ތަނަކަށް ބަދަލުކޮށްދެއްވުމަށް. އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތް ކުރަމުން މިދަނީ އެފަޅުތެރެ ތިޔަބޭފުޅުންނަށް ބޭނުންކުރެއްވޭނެ ގޮތަކަށް ބަދަލު ކުރުމަށް.

މިހާރުމިވާ ގޮތަކީ، މާލޭގެ ފަޅުގެ ވެރިއެއްވެސް ނެތް. އެއީ ކާކު ބަލަހައްޓާ ތަނެއް ކަމެއްވެސް ނުވެސް އެނގޭ. ދެން ކުރީގައި އޮންނަނީ ޢުމަރު ޒާހިރު އަނެއްހެން ބަލަހައްޓަވާލައްވާ ތަނެއްގެ ގޮތުގައި. ދެން އެއިރެއްގައި ބޭނުން ގޮތަކަށް އެކަން ކުރައްވާ ގޮތަކަށް. ދެން އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ސާފުނުވެގެން އުޅެއުޅެ އަޅުގަނޑުމެންނަކަށެއް ނޭނގުނު މާލޭގެ ބަނދަރު އެއީ ކާކާ ހަވާލުވެފައި އޮތް، ކޮން މިނިސްޓްރީއަކާ ހަވާލުވެފައި އޮތް ތަނެއް ކަމެއް. ކޮންމެއަކަސް މާލޭގެ ބަނދަރު އަޅުގަނޑުމެން ބޭނުމީ މާލޭ މުނިސިޕަލިޓީއާ ހަވާލުކުރަން. ދެން މާލޭ މުނިސިޕަލިޓީއާ އެ ބަނދަރު ހަވާލުކޮށްފައި މާލޭގެ ބަނދަރުގައި ތިޔަބޭފުޅުންނަށް ފަސޭހަކަމާއެކީގައި ތިއްބެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ގައިމުވެސް ރޯދަ އަންނަންވާއިރަށް، އޭގެ ކުރިއަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. މާލޭ ބަނދަރުގައި، އުކުޅަހު ބޮޑުކަންނެއްޔަށް ދާމީހުންވެސް އެހެން މަސްވެރިކަމުގެ އުޅޭ މީހުންނަށްވެސް ރީތިކޮށް ތިބެވޭނެ ގޮތަކަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެކަންކަން ފުރިހަމަ ކޮށްދޭނަން.

އަޅުގަނޑު ދެން ހަމަ ދަންނަވަން އޮތް ވާހަކައަކީ، އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ދިމައެއްނުވޭ މިތަން އަދި ކޮންމެ ގޮތަކަށް ހުރި ނަމަވެސް އިނގޭތޯ. ހަމަ ވަރަށް ރަނގަޅަށް، ވަރަށް އުފަލުން އަޅުގަނޑު މިހުރީ އެއްވެސް ކަމެއް މިރަށުގައި އުނީއަކީއެއް ނޫން. އެއްވެސް ކަމެއް މިރަށުގައި ގޯސްކޮށް ހުރީއަކީއެއްނޫން، ހަމަގައިމުވެސް އަޅުގަނޑާ ގުޅިގެން. މޫސަބޭ އެބަ ބުނުއްވާ އަޅުގަނޑު ހިތްހަމަޖެހޭބާއޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހިގެން މިހުންނަނީ. މީގެ ސުވާލަކީ ތިޔަބޭފުޅުން ހިތްފުޅުހަމަޖެހޭތޯ؟ އަޅުގަނޑުމެން ހޭލާ ތިބެގެންވެސް ކުރަންވީ މަސައްކަތަކީ އެއީ. ތިޔަބޭފުޅުންގެ ކަންކަން ރަނގަޅު ކުރެވޭތޯ ބެލުން. އެންމެބޮޑު ކަމަކީ މަސްވެރިކަން. އެންމެބޮޑު ކަމަކީ ތިޔަބޭފުޅުންގެ ބައެއް މަސްވެރިންނާ އަޅުގަނޑު ވާހަކަ ދައްކާލިއިރުގައި، އަދި ކުރީގައިވެސް އަޅުގަނޑަށް ސާފުވެފައި އޮތީ، މަހުގެ އަގު އަދިވެސް މިއުޅެނީ ހަމަ މިފްކޯއަށް އެ އަގު ވަކިއަތަކަށް ގެންގޮސް ކޮންޓްރޯލް ކުރެވި ނުވަތަ ވަކި ގޮތަކަށް އެ އަގު ހައްޔަރު ކުރެވޭ ގޮތަކަށްކަމަށް.

އެހެންވީމާ، އަޅުގަނޑަށް އެނގޭ މިފްކޯއަށް ދިމާވެގެން އުޅޭ މައްސަލަވެސް. މިފްކޯއަށް ދިމާވެގެން އުޅޭ އެންމެބޮޑު އެއް މައްސަލައަކީ، އެބޭފުޅުންނަށް ފައިދާވަނީ ހަމައެކަނި ކަނޑުއޮތްގިރިން. ބޮޑުކަންނެލީގެ މަސްވެރިކަމުން އެކަނި. އެހެންވީމާ، އެބޭފުޅުން ކަޅުބިލަމަހުގެ މަސްވެރިކަމަށް ލާންޖެހޭ ހުރިހާ ފައިސާއެއް މި ލަނީ ކަނޑުއޮތްގިރިން ލިބޭ އެއްޗަކުން. އެހެންވީމާ، ހައްތަހާވެސް ކަނޑުއޮތްގިރިން ބޮޑު އެއްޗެއް ހޯއްދަވަންވެގެން އެބޭފުޅުންނަށް މާބޮޑަށް މަސައްކަތް ކުރެއްވެނީ. ކުރައްވަންޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިފްކޯއަށް ގޮތްތަކެއް ހަދައިދޭން. ކަނޑުއޮތްގިރިން އެންމެބޮޑު ފައިދާ ކޮންމެހެން ނަގާކަށް ނުޖެހޭނެއޭ. އެ ފައިދާ ނެގީމާ، އެ ފައިދާއެއް އަންނަނީ ސަރުކާރަށް. އެ ސަރުކާރަކަށް މިފްކޯއަކުން ނެތް ފައިދާއެއް ފޯރުކޮށްދީފައެއް. އެހެންވީމާ، ކޮންމެހެން މިފްކޯއަށް އެފައިދާއެއް އެހާބޮޑަށްވުމުގެ ބަދަލުގައި އަޅުގަނޑުމެންވެސް ހަމަ އެދޭނީ އުކުޅަހު މަސްވެރިންނަށް އެ ފައިދާ ބޮޑަށްވާން. ކޮންމެހެން ބޭނުން ކަމެއްނޫން އެއީ، ކުންފުންޏަށް އެ ފައިދާ ބޮޑަށްވާކަށް. އެއީއެއްނޫން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑުމެންނަށް ވިސްނެނީކީއެއް. އަޅުގަނޑު ހަމަ މިފްކޯއާވެސް، ޢަލީ ފާއިޒާވެސް ވާހަކަ ދައްކާނަން. ވަރަށް ދިގުކޮށް ދައްކާނަން. ތިޔަބޭފުޅުންނަށްވެސް ޢަލީ ފާއިޒު އޮޅިފައެއްވެސް ނޯންނާނެ. ހަމަ އަޅުގަނޑުމެންގެ ބޭފުޅެއް ޢަލީ ފާއިޒަކީވެސް. ޢަލީ ފާއިޒުވެސް އެދިވަޑައެއްނުގަންނަވާނެ ތިޔަބޭފުޅުންނަށް ދެރަގޮތެއް ވާކަށް. ހަމަ އެކަން ޔަޤީން. ޢަލީ ފާއިޒް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ތިޔަބޭފުޅުންނަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވަން. އެހެންވީމާ، ޢަލީ ފާއިޒާ ދެން ޗެއަރމަނަކަށް މިފްކޯގައި ހުންނެވި މުޙަންމަދު ޝަފީޤް ތަނޑިރަތްމާގެ. އުކުޅަހު ރައްޔިތުންނަށް އޮޅިފައެއްނުވާނެ މުޙަންމަދު ޝަފީޤަކީ ކޮންބޭފުޅެއް ކަމެއްވެސް. އެހެންވީމާ، އަޅުގަނޑުމެން އަދި ތިޔަބޭފުޅުންނާއެކު މާލޭގައި ނަމަވެސް، އިށީނދެ ތިބެގެން، މަސްވެރިންނާއި އޮޑިވެރިންނާ ސީދާ ތަންކޮޅެއް ތަފްޞީލުކޮށް ވާހަކަދައްކައިގެން މިކަންކަމަށް މިއަށްވުރެ ރަނގަޅު ޙައްލެއް ހޯދުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިތަނުގައި ހަމަ ތިޔަބޭފުޅުން ދެނެވަޑައިގަންނަވާ ބޭފުޅުން އުޅުއްވާނީ. އަޅުގަނޑުމެންގެ ޕާޓީގެ ބޭފުޅުން މިއުޅުއްވަނީ. އެހެންވީމާ، ދަންނަ ބޭފުޅުން އުޅުއްވާނީ. އެބައްދަލުވުން ވީހާވެސް އަވަހަކަށް، މިއަންނަ ހަފްތާ ތެރޭގައި މާލޭގައި ކުރިއަށް ގެންދެވޭތޯ. އަޅުގަނޑަށް ވަރަށްބޮޑަށް ރަނގަޅު، އިޓަލީ ދަތުރު ނިންމާފައި އަންނަންވާއިރަށް އެކަމާ ގުޅޭގޮތުން ކަންކަން ވަކި ގޮތަކަށް ތަރުތީބުވެފައި އޮވެއްޖިއްޔާ.

މަސްވެރިކަމުގެ ވާހަކަ ދައްކާއިރު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. މިދިޔަ މަސްދުވަހުގެ ތެރޭގައި ފަސް ފަހަރަށް އެބައޮތް އިނގޭތޯ މަހުގެ ހިސްޓަމިން ލެވެލް ނުވަތަ މަސްގޯސްވެގެން އޭގެ ޝަކުވާ ޔޫރަޕުން އައިސްފައި. އެއީ ވަރަށް ދެރަ ކަމެއް. އެކަން އެހެންވާން ފަށައިފިއްޔާ އަޅުގަނޑުމެންގެ މަސް އެއްގޮތަކަށް ނުވިކޭގޮތްވެދާނެ. އަޅުގަނޑު އެއްގޮތަކަށްވެސް ޝަކުވާ ބަންނަނީއަކީއެއްނޫން. އެކަން ނުވަނީ ތިޔަބޭފުޅުންގެ އަތުގައި އައިސް ނުހުންނާތީއޭ އެހެންނޫނިއްޔާ އެހެން ކަމެއްވެސް ވެދާނެ އަދި އިނގޭތޯ. ބައެއް ބޭފުޅުން ވިދާޅުވޭ، އެއީ، ސުޕަރމާކެޓް ތަކުގައި ހުއްޓައޭ އެހެން ފެނުނީ. އަޅުގަނޑުމެން ރާއްޖެއިން ވިއްކިއިރަކުއެއްނޫނޭ އެހެން ހުރީކީއެއް. ދެން މިފަހަރު އަޅުގަނޑުމެންނަށް ސުޕަރމާކެޓްތަކުގެ މަތިއަޅުވާފައި ސަލާމަތްވެވިދާނެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު އެބާވަތުގެ ވާހަކަ ޤައުމުތަކުގެ ވެރިންނާ ދިގުކޮށް ދައްކަން އަޅުގަނޑަށް ދަތި. އަދި ސުޕަރމާކެޓެއްގެ މައްސަލައަކީ، އަޅުގަނޑުމެންގެ އޮޑިވެރިއެއްގެ މައްސަލައެއްނޫނޭ ކިޔައިގެން ދައްކަން. އެބޭފުޅުންގެ ލޮލަށްވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އޮޑިވެރިން. އެހެންވީމާ، އެކަންކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. ދެން ރަނގަޅަށް ކުރެވޭނީވެސް، އަޅުގަނޑަށްވެސް އެނގޭ ތިޔަބޭފުޅުންނަށްވެސް އެކަންކަން ކުރެވޭ ގޮތަށް އަޅުގަނޑުމެންވެސް، ސަރުކާރުންވެސް އެކަންކަން ކޮށްދީގެންކަން. މިރަށަކުން އައިސް ލިބެން ހުންނަނީކީއެއްނޫން. ތިޔަބޭފުޅުންގެ ބޯޓުފަހަރުގައި، އައިސް ގެންގުޅުއްވަނީކީއެއްނޫން. އެ އުފެއްދެން ހުރީކީއެއްނޫން. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މިތަނުގައި އައިސް ލިބޭނެގޮތް، މިރަށުގައި އައިސް ލިބޭނެގޮތެއް ހަދަން.

އަޅުގަނޑު ޑޮކްޓަރ ޑީޑީ އަރިހު ދެންނެވިން ޑީޑީއޭ ތަންތަނުގައި އެބަހުއްޓެއްނޫންތޯއޭ ބޭނުން ނުކުރާ އައިސްޕްލާންޓް. ދެން އެބަހުރި އިނގޭތޯ. އެހެންނަމަވެސް، އެއިން ރަށެއްގައިވެސް ބޭނުންނުކޮށް ދަބަރުޖަހާ ހަލާކުވަންދެން ބެހެއްޓިޔަސްވެސް ދަންނަވަންތޯ ރަށުން ބޭރަށް އެއިން އެއްޗެއް ދަންޏާ ހަމަ ނިމުނީ. އެއްގޮތަކަށް ބޭނުން ނުހިފުނަސްވެސް ގެންދިޔަކަ ނުދޭނެޔޭ. އެ ދެން ހަމަ އެކަން ހިނގާނެ ގޮތް. ގުރައިދޫގައި އެބަހުރި އައިސްޕްލާންޓެއް. އެއްގޮތަކަށްވެސް ބޭނުމެއް ނުކުރޭ. ހަމައެތާ ހުންނަނީ. ދެން އެހެން ހުރެ ހަލާކުވެސްވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެރަށުން މިބޭރު ކުރަންވެއްޖިއްޔާ އަޅުގަނޑުމެން ވަރުގެ ގޯސްބައެއް ނުވެސް ތިބޭނެ. އަޅުގަނޑުމެން އުކުޅަހު މީހުންނަށް އެއްޗެއް ދޭންވެގެން ގުރައިދޫން ގެނައީ ކަމަށްވާނީ. އެހެންވީމާ، ކޮންމެހެނެއް އެފިކުރުގައި އަޅުގަނޑުމެންނަކަށެއް ދެވޭކަށެއް ނެތް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން މިއަހަރު ނިމުމުގެ ކުރީގައި، އަޅުގަނޑު ހަމަ ރެޔާދުވާލު މަސައްކަތް ކުރާނަން މިރަށުން، އައިސް ލިބޭނެ ގޮތް ތިޔަބޭފުޅުންނަށް ހަދާދިނުމަށް. ގުރައިދޫއިންނޭ ކުއްލިއަކަށް އަޅުގަނޑަށް ބުނެވެން އުޅުނީ. ގުރައިދޫން ނުލިބުނަސް ކޮންމެވެސް އެހެންތާކުން ނަގައިގެން ނަމަވެސް ގެނެސްދޭނަމޭ. އެހެންނަމަވެސް، އެ އައިސްޕްލާންޓެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހޯދައިދޭން އެބަޖެހޭ.

މިކަމާ ގުޅިގެން މިހާރު އަޅުގަނޑަށް ހީވަނީ، އެކަމުގެ ބޭފުޅުން ވިދާޅުވަނީ ރަށުގައި ބަހައްޓަން ޕްލާންޓެއްނޫނޭ ބޭނުންވަނީކީއެއް. ދޯނީގައި ކޮންމެވެސް އެއްޗެއް ބެހެއްޓޭގޮތޭ ބޭނުންވަނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންނާ އަޅުގަނޑުމެންގެވެސް ސަރުކާރުގެ މިކަމާބެހޭ މާހިރުންނާއި އަދި މިފްކޯގެ މާހިރުންނާއެކީގައި އިށީނދެ ތިބެގެން، ބައްދަލުވެގެން ވާހަކަދައްކައިގެން ކޮބައިތޯ އެންމެ ރަނގަޅު ގޮތަކީ ހޯދާފައި އެ ރަނގަޅު ޙައްލެއް ތިޔަބޭފުޅުންނަށް ހޯދައިދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑަށް ފާހަގަވެފައި ހުރި ކަންކަން މިދެންނެވީ.

މިސްކިތް، ބަނދަރު، އައިސް، ނަރުދަމާ އަޅުގަނޑަށް ހީވަނީ މިއީހެން އުކުޅަހަށް ބޭނުންވާ ކަންތަކަކީ. ދެން އަޅުގަނޑަށް އަބަދުވެސް ފާހަގަވާ ކަމެއް މިއީ، ހޮސްޕިޓަލާއި ނުވަތަ ޞިއްޙީ މަރުކަޒާއި މަދަރުސާގެ މައްސަލަ. އަޅުގަނޑުމެންނަށް އެބައޮތް މަދަރުސާއަށް އިތުރު ޓީޗަރެއް ފޮނުވުމުގެ ފުރުސަތު. އަޅުގަނޑަށް ހީވަނީ މާޗްމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަންކޮޅެއް ރަނގަޅު އިތުރު ޓީޗަރުން ކޮޅެއް ލިބިދާނެހެން. ލިބުނީމާ، ހަމަ އެންމެ އަވަހަށް ފޮނުވާ ބޮނޑީގައި އިރާދަކުރެއްވިއްޔާ އުކުޅަހަށް އަންނާނެ. އެއްގޮތަކަށްވެސް ތިޔަބޭފުޅުން ޝައްކު ކުރައްވާނެ ކަމެއްނެތް.

މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ހަމައެކަނި މިވީ ކަމަކީ، އަތަށް ހެޔޮވަރުވާ ވަރަށް ސަރުކާރުގައި ހިފުން. އެއީ، އަޅުގަނޑު ކުރަމުން އައި ކަމަކީވެސް. އަދި ތިޔައިން ބައެއް ބޭފުޅުން އަޅުގަނޑާ މިދޭތެރެއަކުން ބައްދަލުނުވެ ދިޔައީމާ އެކަމާވެސް ނުރުހިފައިވެސް ތިއްބަވާފާނެ. އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އެކަމު މިދިޔަ ތިންމަހެއްހާ ދުވަހު އަޅުގަނޑު މަސައްކަތް ކުރަމުން މިއައީ، އަޅުގަނޑު އަތަށް ހެޔޮވަރުވާ ވަރަށް ސަރުކާރުގައި ހިފޭނެ ގޮތެއް ހޯދަން. މިހާރު އަޅުގަނޑު މިހިރީ ސަރުކާރުގައި ހިފައިގެން. އަޅުގަނޑުމެން އަތަކުން އިރާދަކުރެއްވިއްޔާ މި ލޫދިގެނެއް ނުދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދައުރު އަޅުގަނޑުމެން ފުރިހަމަ ކުރާނަން. އަޅުގަނޑުމެންގެ ސަރުކާރު ވައްޓައެއް ނުލެވޭނެ. ތިރީސް އަހަރުވެސް ވެދާނެ އެހެން ބަޔަކު މިކަން ކުރަން. އަޅުގަނޑުމެން ކުރި ގޮތަށް ސަރުކާރެއް ބަދަލުކުރުމަށް އަދި މުޅީން އެހެން ކަންތައްތަކެއް ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ވާންޖެހޭނެ. ދެނެއް އެހެން ބަޔަކަށްވެސް އެގޮތަކަށް ކުރެވޭކަށެއްނެތް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީކީއެއް ތިރީސް އަހަރު އަޅުގަނޑުމެން ތިބެންއުޅޭ ވާހަކައެއްނޫން. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރަންއުޅޭ ކަމެއްނޫން. އަޅުގަނޑު ބޭނުންވަނީ ރީތިކޮށް މިދައުރު ނިންމަން. އިރާދަކުރެއްވިއްޔާ މިދައުރު ރީތިކޮށް އަޅުގަނޑު ނިންމާނަން. ޑީ.އާރު.ޕީ.އެއްވިޔަސް އެހެން ޕާޓީއެއް ވިޔަސްވެސް އައިހެއް އަޅުގަނޑުމެންނަކާ ކުޅިވަރެއް ނުކުޅެވޭނެ. އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނައިގެން މިކަން ކުރާ ބައެއް. އަޅުގަނޑުމެން އަރާނެ ގެއެއް ހުހެއްނުވާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސައެއް ނުވާނެ.

އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް އެއީ، އެމް.ޑީ.ޕީ.އަކީ ޙިކްމަތްތެރި، ވިސްނުންތެރި، ހިތްވަރުގަދަ ބައެކޭ. އަޅުގަނޑުމެންނަކީ އެމީހުން. އެހެންވީމާ، އަޅުގަނޑުމެން މިތިބީ އެމީހުންނާ އެކީގައި އޭގެ ސީދާ އެންމެ ބައިބޯ ތަނުގައި. އެހެންވީމާ، މިތަނުގައި އަޅުގަނޑުމެން ތިބޭއިރުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އަދި މާބޮޑު އިތުބާރަކާއެކީގައި އަޅުގަނޑަށް ދަންނަވަން ކެރޭނެ، މިކައިރި އޮތް މުސްތަޤްބަލެއްގައެއް އަޅުގަނޑުމެން ސަރުކާރަށް ލޮޅުމެއް ނޭރުވޭނެއޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ދެން އިންތިޚާބަކަށް ދިޔަސްވެސް ހަމަ އަލުން އަނބުރާވެސް އެމް.ޑީ.ޕީ.ގެ ވެރިކަމެއް މިރާއްޖެއަށް އަދި މިފަސް އަހަރު ކޮށްފައިވެސް އަދި އަންނާނެއޭ. އެއީކީއެއް އަޅުގަނޑުމެންނަކަށް ނުފެންނަ ތަނެއް ނޫނޭ. އަޅުގަނޑުމެންނަށް އެބަފެނޭ ވަރަށް ބައިވަރު ފުރުސަތުތައް. ރާއްޖެއަށް ތަރައްޤީ ގެންނަންވެސް އެހާ ބައިވަރު ފުރުސަތުތައް. އެހެންވީމާ، އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީގައި މި މަސައްކަތް ކުރާހާ ހިނދަކު މީހުންނަށް އަނިޔާވެރިނުވެ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިނުވެ، އަމާނާތްތެރިކަމާއެކީގައި ރައްޔިތުންނަށް ދޮގު ނުހަދާ، ބޮޑާނުވެ ކިބުރުވެރިނުވެ، ރައްޔިތުންނާއެކީގައި މިކަން އަޅުގަނޑުމެން ކުރާހާ ހިނދަކު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ރިވެތި ގޮތުގައި މިކަންކުރެވޭނެއޭ. އަދި އަޅުގަނޑުމެންނަށް އެބައޮތޭ ތަރައްޤީގައި ކުރިއަށްދެވޭނެ ކިތަންމެ ފުރުޞަތެއް.

އަޅުގަނޑަށް ހަމަ މާގިނައިން މިވާހަކަ ދެކެވެނީ. އަޅުގަނޑު އެހާ ދާހިތެއްނުވެސް ނެތް. އެހެންނަމަވެސް، މަހިބަދޫގައި އަޅުގަނޑުމެން މިރޭ ތިބޭނީ. އެހެންވީމާ، އަޅުގަނޑު މިހާރު މިތަނުން ފުރައިގެން މަހިބަދޫއަށް މިދަނީ. ދެން އަޅުގަނޑު ވަރަށް އުފާވެއްޖެ ރީކޯ މޫސަ ނޫނަސްވެސް އުކުޅަހު އަންހެންބޭފުޅުން އަޅުގަނޑުގެ ތަޤްރީރުވެސް އަޑުއައްސަވާ ހިތުން ތިއްބެވީމަ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ހުރިހާ ބޭފުޅުންނަށްވެސް. އިރާދަކުރެއްވިއްޔާ ހަމަ މިރަށަށް ގިނަގިނައިން އާދެވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި އަޅުގަނޑަށް ނާދެވުނިއްޔާ އަޅުގަނޑު ބަލާނަން އެހެން ވަޒީރުން އަރިހުގައިވެސް ދަންނަވައިގެން އުކުޅަހަށް ވަޑައިގެން، އުކުޅަހު ރައްޔިތުންނާ ވާހަކަދައްކަވައި މިވަގުތަށް ހުރީ ކޮންކަމެއްތޯ ބައްލަވައި އެގޮތަށް އެކަންކަން ކުރިއަށް ގެންދެވޭތޯ.
މިއަތޮޅު ހިންގުމާވެސް މިހާރު ހަވާލުވެ ހުންނެވީ ތިޔަބޭފުޅުންގެ ބޭފުޅެއް. އެހެންވީމާ، އޭނާއަށްވެސް އަޅުގަނޑަށް ފެންނަނީ އަބަދު އުނދަގޫކޮށްފައި ބަހައްޓަން. ހަމައެއްގޮތަކަށްވެސް އަޅުގަނޑަކަށް ނުފެނޭ މޫސާ ނަޢީމަކަށް ހިންދެމިލައިގެން އުޅުއްވޭނެ ގޮތެއް ހަދާކަށް. ހަމައެއްގޮތަކަށްވެސް އަޅުގަނޑަކަށް ނުފެނޭ. ވަރަށްގިނަ ގިނައިން ނަޢީމާ ގުޅަން އަޅުގަނޑަށް ފެނޭ. ކޮންމެ ކަމެއްވެސް އޮތިއްޔާ ނަޢީމާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކަންކަން ޙައްލުކުރެވޭނެ. އަޅުގަނޑު ވަރަށް އިތުބާރުކުރާ މީހެއް ނަޢީމަކީ. އިރާދަކުރެއްވިއްޔާ ނަޢީމަށްވާނެ.

އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި މިރޭ ބައިވެރިވާއިރުގައި، މި ސަރަޙައްދަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ސްޓޭޓް މިނިސްޓަރެއް އެބަ ހުންނެވި. މޮނާޒާ ނަޢީމް ނުވަތަ މުޙަންމަދު ނަޢީމް. ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ، އުކުޅަހު ބޭފުޅުންނަކަށް މިކަމެއްވެސް ނޯޅޭނެ. ނަޢީމަކީ ޤާނޫނުއަސާސީ އިޞްލާޙްވަމުން އައިއިރުގައި އެކަމުގައި އެންމެ ބާރަށް އެންމެ ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވަމުން ވަޑައިގެންނެވި އެއްބޭފުޅާ. ނަޢީމަކީ ރާއްޖޭގެ ވަރަށްގިނަ ބަޔަކު ދަންނަ ވަރަށް ހުނަރުވެރި މަސައްކަތްތެރި ބޭފުޅެއް. ނަޢީމަކީ ވިޔަފާރީގެ ހުނަރުވެސް ވަރަށް ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ނަޢިމް އެ ހުންނަވަނީ މި ޕްރޮވިންސްގެ މި ސަރަޙައްދުގެ ސްޓޭޓް މިނިސްޓަރަކަށް. އަޅުގަނޑު ވަރަށް އިތުބާރާއެކީގައި ނަޢީމާ މިކަންކަން މިހަވާލުކުރަނީ. ދެ ނަޢީމް މިހާރު ތިޔަތިއްބެވީ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން އިނގޭތޯ އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް ޔަޤީން. ނަޢީމާ އެކީގައި ތިޔަބޭފުޅުންނަށާއި އަޅުގަނޑަށާއި އަޅުގަނޑުމެންނަށް މިކަންކަން މިރަށުގައި ރަނގަޅަށް ވާނެކަން. އަޅުގަނޑަށް ޔަޤީން ނަޢީމް ނުބުނުއްވާނެ ނުވާނެ ކަމަކަށެއް. އެއީ، އަޅުގަނޑުމެންނަށް ފެނޭ މިއީކީއެއް އަޅުގަނޑުމެންނަށް ދެން ކޮންމެހެން އެހާވަރަކުން ނުވާނެ ކަމަކަށް ދެކިގެން ބިރުގަންނާންވީ ކަމެއްނޫން. އަޅުގަނޑުމެންނަށް މިވެރިކަން ފަސޭހަކަމާ އެކީގައި ކުރެވޭނެ. ވެރިކަން ނުކުރެވޭނީ އެކަމާ ވައްކަމާ ގުޅުވީމާ.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އަޅުގަނޑެއް ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑު ތިޔައިން ބޭފުޅަކަށް އަނިޔާވެރިއެއް ނުވާނަން. އަޅުގަނޑު ތިޔައިން ބޭފުޅެއްގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ ބޮޑާނުވެ، ކިބުރުވެރިނުވެ، ހިތްތިރިކަމާއެކީގައި އުޅެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ދެން މިހެން ދަންނަވާއިރުގައި، މިހާރު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ތިޔަބޭފުޅުންނަށް ހަމަ އެނގިވަޑައިގަންނަވާނެ ނަމައޭ އަޅުގަނޑު ހިތަށްއަރާ ހާދަ ފަސޭހަވާނެއޭ ކިބުރުވެރިވާން. ހާދަ ފަސޭހަވާނެއޭ ބޮޑާވާން. ހާދަ ފަސޭހަވާނެއޭ އަނިޔާވެރިވާން. ހާދަ ފަސޭހަވާނެއޭ ޚިޔާނާތްތެރިވާން. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދާ ހަމައަށްވެސް އައީ ފަސޭހަކަންތައް ކުރަމަކުންނެއްނޫން. އަޅުގަނޑުމެން ކުރަމުން އައީ އުނދަގޫ ކަންތައް.
އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެން ކުރާނީ އުނދަގޫ ކަންތައްތައް. ހަމަމިހެން ކުރަމުންދާއިރުގައި އަޅުގަނޑު ބޭނުން އުކުޅަހުގެ ޑީ.އާރު.ޕީ. މެންބަރުންނަށްވެސް އަދި ޑީ.އާރު.ޕީ. ސަޕޯޓަރުންގެ އަރިހުގައިވެސް ދަންނަވާލަން، އަޅުގަނޑުމެން މިތިބީކީއެއް އެއްވެސް ހާލެއްގައި ބަދަލު ހިފުމުގެ ރޫޙެއްގައެއް ނޫނޭ. އަޅުގަނޑަކީ މިއަދު ހަމަ އެބޭފުޅުންގެވެސް ރައީސުލްޖުމްހޫރިއްޔާއޭ. އަޅުގަނޑު މަސައްކަތްކޮށްދޭނީ އެބޭފުޅުންނަށްވެސް ވީހާވެސް ރަނގަޅަކަށް ކަންތައްތައް ކޮށްދެވޭތޯއޭ. އަޅުގަނޑެއް ނޫޅޭނަމޭ، މި ސަރުކާރަކުންނެއް ނޫޅޭނެއޭ އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ހަދާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެންމެންނަށްވެސް ރަނގަޅު ގޮތް ހޯދޭނެ ގޮތެއް ހޯދުން. އަޅުގަނޑު ހަމަ އެހެން ދަންނަވާއިރު ތިޔަހުރިހާ ބޭފުޅުންގެ މޫނުމަތިން އެބަފެނޭ އިންސާފު ކޮބައިހޭ ވިދާޅުވާތަން. އިންސާފުވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭންޖެހޭނެ. ކުށެއްކޮށްފައި ހުރި މީހަކަށް ވެއްޖިއްޔާ އޭގެ ޙައްޤު އަދަބު ލިބެންޖެހޭނެ. ޝަރީޢަތް އޮންނަނީ މިހާރު ވެރިކަމާ ދުރުގައި ވަކިން. އަޅުގަނޑުމެންނެއް ޝަރީޢަތަކަށް އަތެއް ނުލާނަން. ޝަރުޢީ ކަންކަން ބަރާބަރަށް ތަރުތީބުން ހިނގަމުންދާންވީ. އަޅުގަނޑު އުންމީދުކުރަން ސިވިލް ސަރވިސްވެސް ރަނގަޅަށް ހިނގަމުންދާނެ ކަމަށް. ސިވިލް ސަރވިސްގެ ކަންތައްތަކާ ގުޅޭގޮތުންވެސް އަޅުގަނޑުމެންގެ އަތް އެތަންތަނަށް ބާނައިގެނެއް، އިރާދަކުރެއްވިއްޔާ އުނދުޅީގެ ދަނޑި ދިގުކޮށްގެނެއް އަޅުގަނޑުމެންނެއް ނޫޅޭނަން. މިކަން ވީ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކީގައި ކުރެވޭނެ. އަދި އަޅުގަނޑު އަނެއްކާވެސް ދަންނަވާނީ، ގުލްޒާރުގާ ނަޔާމަގޭ ނޫރާނީމާ ފޮޅޭނެއޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާ އިރުން އުޅޭނެޔޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަނެއް ދިވެހިރާއްޖެއަށް ދެވޭނެއޭ.

والحمد للّـه.

ވަރަށްބޮޑަށް ޝުކުރިއްޔާ!