بســم اللّـه الرّحمـن الرّحيــم

ތޮއްޑޫގެ ލޮބުވެތި ރައްޔިތުން!

السّـلام عليـكم

ހަމަގައިމުވެސް އަޅުގަނޑުގެ ސިޔާސީ ޙަޔާތް މިރަށާ ގުޅިފައި އޮތީ ވަރަށް ބޮޑަށް. ހަމައެކަނި މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އެކަންޏެއް ނޫން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ މިއަތޮޅުގެ ގޮނޑިއަކަށް. ނޫ ޤާނޫނުއަސާސީން އަރިއަތޮޅު ދެބުރިކޮށް، އޭރުގައި ބޭއްވުނު ބައި އިލެކްޝަންގައި އަޅުގަނޑު ބައިވެރިވީމު. އެފަހަރު ތޮއްޑޫ ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތު ވޯޓު، އެބޭފުޅުން ދެއްވާފައި އޮތީ އަޅުގަނޑަށް. އަޅުގަނޑު އަބަދުވެސް އެކަމަށް ތޮއްޑޫ ރައްޔިތުންނަށް ޝުކުރުވެރިވަން. ކަންދިމާވި ގޮތަކީ، އަޅުގަނޑުގެ ނަން އެންމެ ފުރަތަމަ އިޢްލާނު ކުރެއްވީ ހަތަރުވަނައަށް. ދެން ދެދުވަސް ކޮށްފައި ތިންވަނައަށް. އެހިސާބުން އަޅުގަނޑު ދަންނަވައިފިން ދެން އަޅާނުލައްވާށޭ.

އަޅުގަނޑުމެން އިންތިޚާބުތަކަކަށް ނުފޫޒެއް ނުފޯރުވާނަން. އަޅުގަނޑުމެން އިންތިޚާބާ ބެހެނީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ޤާނޫނީގޮތުން ހިންގާ ހިންގުމުގައި. އެ ނޫން ގޮތަކަށް އަޅުގަނޑުމެންގެ ފިކުރެއްވެސް، ވިސްނުމެއްވެސް ނުހުންނާނެ، ސިޔާސީ ކަންކަމާމެދު އަޅުގަނޑުމެން ނާޖާއިޒު ގޮތުގައި ބެހުމަކަށެއް. އެއީ، އަޅުގަނޑުމެންގެ އުޞޫލެއް ނޫން. އަޅުގަނޑުމެން ވަކާލާތުކުރާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުން ގޮތެއް ނޫން.

މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެންގެ ވަޢުދު، ތިޔަބޭފުޅުންނަށް ފުއްދުމަށް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެހީތެރިވެދިނުމަށް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މަސައްކަތް ކޮށްދިނުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ތޮއްޑޫ ރައްޔިތުން، އެބޭފުޅުންގެ ބޭނުންތައް ހާމަކުރައްވަމުން، އަޑު އުފުއްލަވަމުން އެ ގެންދަވާ ކަންކަމުގެ އިތުރުން، މިރަށުގައި ތަރައްޤީގެ އެތައް މަސައްކަތްތަކެއް މި ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޮށްދޭނެ. މިރަށަކީ ރަނގަޅު، ރީތި، ތަރައްޤީވެފައި އޮތް ރަށެއްގެ ގޮތުގައި މިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަދައިދޭނަން.

އަޅުގަނޑު މިއަދު ވަރަށް އުފާވޭ. އަޅުގަނޑު އެންމެފަހުން، ދާދިފަހުން މިރަށަށް އައި ދުވަހެއްގައި، އަޅުގަނޑު ދެއްކި ވާހަކައަކާ ގުޅިގެން، އަޅުގަނޑުގެ މައްޗަށް ދައުލަތުން ދައުލަތާ އިދިކޮޅު ޢަމަލަށާއި ޓެރަރިޒަމަށް ދަޢުވާ ކުރެއްވި. އަޅުގަނޑު ދަންނަވާނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން އެއީ، ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް ލިބިގެންވާ ޙައްޤެކޭ. ތޮއްޑޫ ރައްޔިތުންގެ ޚިޔާލުތައް، ސަރުކާރަށް ހާމަކުރަން ބޭނުންވާ ޝުޢޫރުތައް، ތިޔަބޭފުޅުން ފޮތިގަނޑުތަކުގައި ލިޔުއްވާފައި މިތަނަށް ނަންގަވާފައި ހުރި ކަމަކީ، އަޅުގަނޑު ވަރަށް އުފާވާ ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ. ހަމަކަށަވަރުންވެސް، އެއިން އެއްވެސް ބޭފުޅަކާ ގުޅޭގޮތުން ތަޙުޤީޤެއް ހިންގުން، ދަޢުވާއެއް ކުރުން، އަދަބެއް ދިނުން އެއީ، އަޅުގަނޑުމެން ގެންގުޅޭނެ ފިކުރެއް، ޚިޔާލެއް ނޫން. އެމަސައްކަތް ކުރެއްވި ބޭފުޅުންނަށް އަޅުގަނޑުމެން ހަމަ ނިހާޔަތަށް ޝުކުރުވެރިވަން. އެބޭފުޅުން އެ ވަޑައިގަންނަވަނީ ޑިމޮކްރަސީގެ އުޞޫލުތައް ދަސްކުރައްވަމުން. އިރާދަކުރެއްވިއްޔާ ގިނަދުވަސްތަކެއްނުވެ މިކަންކަން އަޅުގަނޑުމެންނަށް ސާފުކޮށް އެނގެން ފަށާނެ.

އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައެއް ނުވާނެ، ތޮއްޑުއަކީ ރާއްޖޭގައި އޮތް ދަނޑުވެރި ރަށްތަކުގެ ތެރެއިން އެންމެބޮޑު އެއްރަށްކަން. އެހެންވީމާ، ދަނޑުވެރި ރަށެއްގެ ގޮތުގައި މިރަށް ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަދި މި ސަރުކާރުން ކޮންމެހެން ކުރާނެވެސް ކަމެއް.

ރާއްޖޭގައި ދަނޑު ހައްދާ ބާވަތްތަކުން ޑިއުޓީ ކަނޑާލި ކަމަށް، އަޅުގަނޑުމެން ޑިއުޓީ ކަނޑާލި ކަމަށް ދެކެވޭ ދެކެވުން އެއީ ކުށް ހީއެއް. ޑިއުޓީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާނެ. އޭގެތެރޭގައި، ތަރުކާރީގެ ބާވަތްތަކުންނާއި ދަނޑުވެރިކަމުގެ ބާވަތްތަކުން އަދި ޚާއްޞަކޮށް، ރާއްޖޭގައި އުފައްދާ ތަކެތީގެ ބާވަތްތަކުން ޑިއުޓީއާ ގުޅޭގޮތުން މިހާރުވަނީ އަޅުގަނޑުމެން ހުށަހަޅާފައި އޮތް ބަޖެޓަށް އިޞްލާޙު ހުށަހެޅި، އަދި އެ ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްނުކުރައްވާ. އެ ބިލް މިހާރުވަނީ މަޖިލީހުގައި. މިވަގުތު ތަކެތީގެ އަގަށް އެއީ، ތަރުކާރީއަށް އައިސްފައިވާ ބަދަލެއް އައިސްފައި އެވަނީ، އެއްވެސް ޙާލެއްގައި އިތުރު ޑިއުޓީއެއް ނުވަތަ ޑިއުޓީއެއް ކެނޑުމަކުން، މަދުކުރުމަކުން ނެތް ނޫން. އެއީ، ޢާންމު ވިޔަފާރީގެ ހަމައިގައި ބާޒާރުގެ އުޞޫލުން ތަކެތީގެ އަގު މަދުވެ، ކުޑަވެ މައްޗަށް އަރައިގެންދާ ދިޔުމުގައި ވެގެންދާ ގޮތެއް.

އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުން އުފައްދަވާ ތަކެއްޗަށް ހަމަ އަގު ލިބުން. އެ ހަމަ އަގު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެބަޖެހޭ ކިތަންމެ ކަމެއް ކުރަން. އޭގެތެރޭގައި، ޚާއްޞަކޮށް ދަތުރުފަތުރުގެ ކަންތައް ފުރިހަމަކޮށްދިނުން. މާލެއާ ރިވެތި ގޮތުގައި ގުޅާލެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ ސިޔާސަތު ތަންފީޒުވާން އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖުލައިމަހު، އޯގަސްޓްމަހުހާ ތަނުގައި ފަށާނެ. އެހެން އެކަން ހިނގަމުންދާއިރުގައި، މިރަށުން ފުރައިގެން މަދުވެގެން ދުވާލަކު ދެފަހަރު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މާލެ ވަޑައިގެންނެވޭނެ. މާލެ ގޮސް އައިސް އުޅެވޭނެ. އަޅުގަނޑުމެން މިރަށު ރައްޔިތުންނަށާއި އަދި ދަނޑުވެރިކަމުގެ ޞިނާޢަތް ފުޅާކުރެއްވުމުގައި މަސައްކަތް ކުރައްވާ އެހެންވެސް ބޭބޭފުޅުންނަށް މާލޭގައި ތަކެތި ގުދަން ކުރެވޭނެ ގޮތަކާއި ވިއްކޭނެ ގޮތަކާއި، އަދި މާލޭ ބަނދަރު ތިޔަބޭފުޅުންނަށް ފަސޭހަކަމާއެކީގައި ބޭނުންކުރެއްވޭނެ ގޮތަކާ، މި އިންތިޒާމުތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ މިދަންނަވާ އިންތިޒާމުތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ މިއަހަރު ނިމުމުގެ ކުރީގައި. ތިޔަބޭފުޅުންނަށް މާލެއިން ގުދަންވެސް ލިބިވަޑައިގަންނަވާނެ. އަދި ތިޔަބޭފުޅުންނަށް މާލެއިން ތަކެތި ވިއްކާނެ ޖާގަވެސް ލިބިވަޑައިގަންނަވާނެ.

އަޅުގަނޑުމެން ބޭނުން ތޮއްޑޫގެ ދަނޑުވެރިކަން މުޅިން އެހެން މަރްޙަލާއަކަށް ގެންގޮސްދިނުމަށް. މިރަށުގައި ދަނޑުވެރިކަމުގެ ތަކެތި، އެއަށް އިތުރު ޕްރޮސެސްއެއް، އެއިން ޖޫސް ހެއްދެވުން ނުވަތަ އެއިން ދަޅުގައި ބަންދު ކުރެވޭނެ ބާވަތެއް، ޕެކެޓުގައި ބަންދު ކުރެވޭނެ ބާވަތެއް ހަދައި، މިރަށުގައި ތިޔަބޭފުޅުންނަށް އެމަސައްކަތް ކުރެވި، އޭގެ ނަފާއާއި ފައިދާ މުޅި ރާއްޖެއަށް ފޯރާނެ މަޝްރޫޢެއް ސަރުކާރުން މިހާރު ދަނީ ރާވަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ތިޔަބޭފުޅުންނަށް އެކަމާގުޅޭވެސް އިތުރު ތަފްޞީލު އިވިވަޑައިގަންނަވާނެ.

އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ އަޑު އަހަމުން ގެންދިޔައީމު އިންތިޚާބަށް ނުކުންނަމުން، އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރުގައި. އެދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑު މިރަށަށް އައިން. ތިޔަބޭފުޅުންގެ އަޑުތައް އަޅުގަނޑުމެން އެހީމު. އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލެވިފައިވަނީ، ތިޔަބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި. ޙަޤީޤަތުގައި މިއަދު ތިޔަބޭފުޅުން އަޅުގަނޑުމެން ގާތުގައި ވިދާޅުނުވިއެއްކަމަކުވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ތިޔަބޭފުޅުން ކަންބޮޑުވާ ކަމެއްކަން އެއީ މިތަނުގައި ރިޒޯޓެއް ހަދާ ވާހަކަ ދައްކާފައި، އެކަމަށްވީ ގޮތެއް އޮޅުންނުފިލާ އޮންނާތީ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުމަށް ސަރުކާރުން މިހާރު ވިސްނަމުންދަނީ ހަމައެކަނި ރިޒޯޓާއި ގެސްޓްހައުސް ހެދުމުގައެއް ނޫން.
އަޅުގަނޑުމެން މިދެކެނީ އެހެން ބާވަތެއްގެ ޓޫރިޒަމެއްވެސް ތަރައްޤީ ކުރުމުގެ ފުރްޞަތު އެބައޮތްކަމަށް. ޚާއްޞަކޮށް މިފަދަ ރަށްރަށުގައި. އެއީ، ޓޫރިސްޓުންނަށް މިރަށްރަށަށް އާދެވި، މިރަށްރަށުގައި ދިގު މުއްދަތެއް ވަންދެން ތިބެވި، ދިރިއުޅޭނޭ ގޭގެ، މިރަށްރަށުން އެމީހުންނަށް ލިބޭނެ ނުވަތަ އެމީހުންގެ ގޭގެ މިރަށްރަށުގައި ޢިމާރާތް ކުރެވޭނެ ބިން އެމީހުންނަށް ދޫކުރެވިއްޖެނަމަ، ހަމަ ރަނގަޅު ޢަދަދެއްގެ ބަޔަކު މިބާވަތުގެ ރަށްރަށުގައި ދިރިއުޅެން ބޭނުންވާކަން ނުވަތަ ދުވަސްކޮޅަކު ތިބެލާފައި، އެއީ ދެމަހެއްހާ ދުވަހު ތިބެ އެނބުރި ރަށަށްދާ އުޞޫލުން އެކަން އެހެން ކުރަން ބޭނުންވާ ކިތަންމެ ބައެއް މިހާރު ޔޫރަޕްގައި އުޅެމުންދާކަން އަޅުގަނޑުމެންނަށް އެބަ މަޢްލޫމާތު ލިބޭ. އެބާވަތުގެ ޓޫރިޒަމް ތަރައްޤީ ކުރަން އެބަ ބޭނުންވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް އުފަލާއެކު ދެންނެވިދާނެއޭ، ތިޔަބޭފުޅުންނަށް މިތަނުގައި ޓޫރިޒަމްގެ ޙަރަކާތެއް މިއަހަރުގެ ތެރޭގައި ފެނިވަޑައިގަންނަވާނެއޭ.

އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތަކީ، ހުރިހާ ބޭފުޅުން އަބަދު ހިތްޕުޅުހަމަޖެހޭ ކަމަކަށްނުވެދާނެ. ޚާއްޞަކޮށް، ގޯތިގެދޮރާ ގުޅޭގޮތުން އަޅުގަނޑުމެންގެ ސިޔާސަތު އެއީ. އަޅުގަނޑުމެންގެ ނަޒަރުގައި އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އަޅުގަނޑުމެން ތެދުވެރިވާންވެއްޖެނަމަ، އަދި މި ރާއްޖޭގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް އަޅުގަނޑުމެން ރައްދުކޮށްދިނުމަށްޓަކައި މި ރާއްޖޭގެ ބިން އަޅުގަނޑުމެން އެބަޖެހޭ ޙިމާޔަތް ކުރަން. ވިސްނުންތެރިކަމާއެކީގައި ބޭނުންކުރަން. ކާބަފައިންގެ އިރުއްސުރެ ފަށައިގެން އަޅުގަނޑުމެން ގޯތިދެމުން، ގޯތި ކަނޑަމުން އަންނަ އުޞޫލުން، ރަށުން ގެވަޅު ކަނޑަމުން ކަނޑަމުން ގެންގޮސްފިނަމަ، އަޅުގަނޑާ އެއްވަރަށް ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިރަށުގައިވެސް ދަނޑު ހައްދާނެ ތަނެއްވެސް އިސާހިތަކު ނޯންނާނެކަމާއި، އަދި ރަށްވެސް ފުރި ހިނގައިދާނެކަން.

އަޅުގަނޑުމެން ސަރުކާރުން ގަސްދުކުރަނީ، ގެވަޅު ދިނުމުގެ ބަދަލުގައި މިރަށުގައި ހައުސިންގ ޔުނިޓް، ބޯހިޔާވަހިކަން ހެދުމަށް. ނުވަތަ ފްލެޓް އެޅުމަށް. ކޮންމެހެން ބިންކޮޅެއް ނޯންނަ ތަނެއްގެ ގޮތުގައި ސިފަވާ ސިފަވުން އަދި މުޅިން ޙަޤީޤަތަކަށް ނުވެދާނެ. ސީދާ އަޅުގަނޑުމެން މިއަޅާ ބޯހިޔާވަހިކަމުގެ ގެތައް ހުންނާނެގޮތާބެހޭގޮތުން ދާދި އަވަހަށް އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކީގައި މަޝްވަރާ ކުރަން ފަށާނަން. މަޝްވަރާ ކުރުމަށްފަހު، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތެއްގައި އަޅުގަނޑުމެން އެ ގެތައް އަޅާނީ. އެހެންނަމަވެސް، އުފަލާއެކީގައި ދެންނެވެން އެބައޮތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި މަދުވެގެން 100 ބޯހިޔާވަހިކަން ނުވަތަ ފްލެޓްގެ މަސައްކަތް ހިނގަން ފަށާނެއޭ.

ތޮއްޑޫގައި ވިޔަފާރި ކުރިއެރުމަށް، ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރިއަރާދިޔުމަށް، އަދި އެހެން ވިޔަފާރިތައްވެސް ކުރިއަރާދިޔުމަށް އަޅުގަނޑުމެންގެ ނަޒަރުގައި ވަރަށް ބޭނުންތެރި ކަމެއް އެއީ ބޭންކެއްގެ ޚިދްމަތް ލިބުން. ސަރުކާރުން ގަސްދުކޮށްފައިވަނީ، ތޮއްޑޫގައި ބޭންކެއްގެ ޚިދްމަތް މިއަހަރުގެ ތެރޭގައި ފެށުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މިއަހަރު ބޭންކެއްގެ ޚިދްމަތްވެސް މިރަށުން ލިބިވަޑައިގަންނަވަން ފަށާނެ.

ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކް ނުވަތަ ތަރައްޤީ ބޭންކް، ތަރައްޤީގެ މަސައްކަތް ހިންގާ ބޭންކްތައް ތަޢާރުފު ކުރުމަށް. މިވަގުތު އެގޮތުން ހަތް ބޭންކެއްވަނީ ލައިސަންސަށް އެދިފައި. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މާގިނަ ދުވަސްތަކެއްނުވެ މީގެތެރެއިން ބައެއް ބޭންކްގެ ޚިދްމަތް ރައްޔިތުންނަށް ލިބެން ފަށާނެކަމަށް. އެހެން ފަށާއިރު، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒެއް އެއީ، ތޮއްޑޫ ދަނޑުވެރިންނަށް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ލޯނު ހޯދައިދިނުން. އެއީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މިއަހަރުގެ ތެރޭގައި ކޮށްދޭނެ ކަމެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަނޑުވެރިކަމުގެ ލޯނު ހޯދައިދޭނަން. އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ވެގެންދާނެ.

މީގެ އަހަރުތަކެއް ކުރީގައި ރާއްޖޭގެ ރަށްރަށަށް އަޅުގަނޑުމެންދާއިރު، ރައްޔިތުންގެ ޝަކުވާއަކަށްވެފައި އޮންނަނީ، ބަނދަރު، މަދަރުސާ، ޞިއްޙީ މަރްކަޒު މައިގަނޑު ގޮތެއްގައި މިކަންކަން. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މި އަންނަ ވަރަށްބޮޑު ޝަކުވާއަކީ ކުނީގެ ޝަކުވާ. ވަރަށްގިނަ ރަށްރަށުގައި ކުނީގެ ކަންތައް މިއޮންނަނީ ވަރަށް ބޮޑަށް ޙައްދުން ނެއްޓިފައި. ކުނި ނައްތާލެވޭނެ ގޮތްތަކާއި، ކުނި ޖަމާކުރުމާއި، ކުނި އެއްކުރުމާއި، ކުނި ނެގުމާއި، މިކަމުގެ ނިޒާމުތަކެއް، އިންތިޒާމުތަކެއް ހަމަނުޖައްސައި ރާއްޖެ ތަރައްޤީ ކުރަމުން ގެންދިޔުން އެއީ އަޅުގަނޑުމެންނަށް ދަތިކަމަކަށްވާނެ. އަދި ބުއްދިވެރި ކަމަކަށްވެސް ނުވާނެ. މިފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

މިއަދު ކަން ހިނގަމުންދާ ގޮތަށް އަޅުގަނޑުމެން ބަލައިލާއިރުގައި، ކޮންމެ ރަށެއްގައިވެސް ކުނި ނައްތާލުމަށް މިހާރުވެސް އެކަށީގެންވާ ޢަދަދަކަށް ރުފިޔާ އެބަ ޚަރަދުކުރޭ. އަޅުގަނޑު ހިތުން ތޮއްޑޫ ކަހަލަ ރަށެއްގައި ކުނި ނައްތާލުމަށް މަހެއްގެ މައްޗަށް ތޭރަހާސް، ފަނަރަހާސް ރުފިޔާ ޚަރަދު ކުރާނެ. އެހެންނަމަވެސް، މިވާގޮތަކީ އެރުފިޔާ ބަހާ މިލެވެނީ، ވަރަށްގިނަ ޢަދަދެއްގެ ބައެއްގެ ތެރޭގައި. އަންހެން ބޭފުޅުންގެ ތެރޭގައި. ބަހާލެވުނީމާ ބޭފުޅަކަށް ލިބިވަޑައިނުގަންނަވާ ސަތޭކަ ފަންސާސް ރުފިޔާ، ދުއިސައްތަ ރުފިޔާވެސް. އެހެންވީމާ، އެއިން ބޭފުޅަކަށް މަސައްކަތް ކުރެއްވޭކަށެއްވެސް ނެތް. ހަމައެކަނި އެމަސައްކަތް އެއީ ވަޒީފާއެއްގެ ގޮތުގައި ބަލައިގެނެއް، އެމަސައްކަތް ކުރިއަށް ގެންދެވޭކަށެއް ނެތް. އެހާ ކުޑަފައިސާކޮޅެއް ލިބުނީމާ، މަސައްކަތް ކުރެވޭނީ ކުޑަވަގުތުކޮޅަކު. މިއީ މިކަން ހިންގޭނެ އުޞޫލު ކަމަކަށް ސަރުކާރަކުން ނުދެކެން. ސަރުކާރުން ވިސްނަމުން މިގެންދަނީ، ކުނި ނައްތާލުމުގައި، ކުނީގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ދާއިމީ ވަޒީފާ ހަމަޖައްސައި، ރަނގަޅު އެކަށީގެންވާ މުސާރަ އެބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަހަރު ދުވަހުގެ ތެރޭގައި މި އިންތިޒާމުވެސް މިރަށުގައި ތަޢާރުފު ކުރާނަން.

އަޅުގަނޑުމެން މިރަށާ ގުޅޭގޮތުން ވިސްނާއިރުގައި، ދެންމެ އަތޮޅު ކައުންސިލަރުވެސް އަލިއަޅުއްވާލައްވައިފި މިރަށުގެ ގޮއިތަކަށާއި، މިރަށުގެ ބިންބިމަށް. އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ އިން އެންމެ ބޮޑަށް ފާހަގަކުރަމުން އައި އެއް ޙަޤީޤަތަކީ، ބިމުން ލިބޭ އެއްޗެއް، އެރަށެއްގެ ރައްޔިތުންނަށޭ އޮންނަންޖެހޭނީ، އެއީ ރައްޔިތުންގެ އެއްޗެކޭ. އަދި ބިމަށް ހަދާނެ ގޮތްވެސް ނިންމަން ޖެހޭނީ އެރަށެއްގެ ރައްޔިތުންނޭ.

މާލޭގައި ތިބޭ ބަޔަކަށް މިރަށުން ގެއާއި ގޯއްޗާއި ބިމާ އޮންނަންވީ ސަބަބެއް އަޅުގަނޑަކަށްވެސް ނުވިސްނޭ. އަޅުގަނޑަށްވެސް ލިބޭ ދެލާރި މިރަށުން ހަނދުބަލާ ގޯތީގެ ގޮޔަށް، މަހެއްގެ މައްޗަށް. ހަމަ ކުނިކަހާ މީހުންނަށް ފައިސާ ބަހާލުންފަދަ ކަމަކަށް މިވަނީ، ދަރިދަރިކޮޅަށް އޮތް ބޯގައެއް ބައިވަރު ބައެއްގެ މައްޗަށް ބަހާލީމާ، އަޅުގަނޑަށް ހަމަ ނުވިސްނިގެން މިއުޅެނީ، ދެލާރިން އަޅުގަނޑު މަހަކު ކުރާނީ ކީއްތޯ. އެހެންވީމާ، މިއީ، އެއްވެސް މީހަކަށް ފައިދާހުރި ކަމެއް ނޫން. މިރަށުގައި އެ ބިން ހެޔޮގޮތުގައި ބޭނުންކުރައްވަން ތިއްބެވި ބޭފުޅުންނަށްވެސް ފައިދާހުރި ކަމެއް ނޫން. އަދި މާލެއިން އެބިމަށް އެއްޗެއް ލިބޭ ކަމަށް ދެކެވިގެން މިއޮންނަ ދެކުންވެސް ނަޒަރިއްޔާތުވެސް އެއީ ޙަޤީޤަތުގައި ޙަޤީޤަތަކަށްނުވޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ޤާނޫނީގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނަކާނުލައި، މިހާރުން މިހާރަށް ކުރެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އާދީއްތަ ދުވަހުގެ ނިޔަލަށް އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން. ތިޔަބޭފުޅުންގެ ބިން ތިޔަބޭފުޅުންނަށް އަނބުރާ ރައްދުކޮށްދިނުމުގައި. ރައްޔިތުންގެ މަޖިލީހުގެ ޤާނޫނަކާއެކު ކުރަންހުރި ކަމެއް ވެއްޖިއްޔާ، މަޖިލީހުގެ އިންތިޚާބަށްފަހު ހުށަހެޅޭ، އެމް.ޑީ.ޕީ. އިން ހުށަހަޅާ ފުރަތަމަ ޤާނޫނުގެ ތެރޭގައި، އެ ޤާނޫނު ހިމެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

މި ދެކުނުފަރާތު ޖެޓީގެ މައްސަލަ އަބަދުވެސް ޖެހޭ. މޫސުމް ބަދަލުވީމާ ލަފާފުރާ ތަންވެސް އެބަ ބަދަލުވާންޖެހޭ. އެއީ ވަކި މިރަށެއް ނޫން، ހަމަ ހުރިހާ ރަށެއްގައިވެސް އެކަން އޮތްގޮތް. ތިޔަބޭފުޅުންގެ މި ޝަކުވާ އަޅުގަނޑުމެން މިދަނީ އަޑުއަހަމުން. އަޅުގަނޑު މިތާ ހުރެފައި އެ ޖެޓީ ހަދައިދޭނަމޭ ކުއްލިއަކަށް ބުނަން އަދި ދަތި. އަޅުގަނޑު އެބަޖެހޭ އެކަމާ ގުޅޭގޮތުން ޕަބްލިކް ވާރކްސް މިނިސްޓްރީއާއި އަދި ސަރުކާރުގެ އެހެން ވަޒީރުންނާ މަޝްވަރާ ކުރަން. އެކަމަށް ބޭނުންވާ ފައިސާ ތިޔަބޭފުޅުންނަށް ހޯދައިދޭން. ހޯދައިދިނުމަށްފަހު އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ތިޔަބޭފުޅުންނަށް ކޮށްދެވޭނެ ދުވަސްވަރެއް، އަންދާޒާ ދުވަސްވަރެއް، ލަފާކުރެވޭ ދުވަސްވަރެއް، ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާނަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުން. ހުރިހާ ކަމަކަށް މާލެއަށްދާންޖެހޭ ޖެހުން ނައްތާލައި، މިއަތޮޅުތަކުގައި، ރަށްރަށުގައި ރަށްރަށާ ގުޅޭ ކަންކަން ނިންމަމުން ގެންދެވޭނޭ އުޞޫލުތަކެއް ހޯދުން. އަޅުގަނޑުމެން މިދަނީ، ސަރުކާރުން މިދަނީ މިހާރު މިމަސައްކަތް އިހުނަށްވުރެ އަދި ބާރަށް އެކަން ކުރަމުން. ތިޔަބޭފުޅުންގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ސަރުކާރުން އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ، ނަޢީމް. ނަޢީމަކީ އެނގިވަޑައިގަންނަވާނެ، ސަރުކާރު ހިންގުމުގައިވެސް، ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރެއްވުމުގައިވެސް އަދި ވިޔަފާރީގެ އުޞޫލުތައް ދެނެގަތުމުގައިވެސް ވަރަށް އެކަށީގެންވާ ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއް. އަޅުގަނޑަށް ޔަޤީން، އެބޭފުޅާގެ އެހީތެރިކަމާއި ވިސްނުންތެރިކަމާއެކީގައި މި ރަށާއި މި ޕްރޮވިންސް، މީގެކުރީގައި ނުދެކޭފަދަ ކިތަންމެ މަންޒަރުތަކެއް، ތަރައްޤީގެ ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާނެ.

އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ނަރުދަމާ މިރަށުގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅައިދެވޭނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑަށް ދެވެން އެބައޮތް. އިރާދަކުރެއްވިއްޔާ އެމަސައްކަތް މިއަހަރުގެ ތެރޭގައި މިރަށުގައި ފަށައިގަނެވޭތޯ ބަލާނަން. ނަރުދަމާގެ މަސައްކަތް މިހާރުވަނީ ފެށިފައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމާ ގުޅިގެން، ނަރުދަމާއާ ގުޅޭގޮތުން ދިރާސާކުރަން ފެށި ރަށްތަކުގެ ތެރޭގައި ތޮއްޑޫ ހިމެނޭނެ. ދާދި އަވަހަށް އަޅުގަނޑުމެންނަށް އޭގެ ކޮންސަލްޓަންޓެއް ނުވަތަ އެކަން ކުރަހާނެ މީހަކު ހޯދުމުގެ އިޢްލާނުތައް ކުރެވޭނެ. ކުރެހުންތައް ކުރަހާ ނިމި، ޓެންޑަރުގެ މަސައްކަތް ނިމި ބަޔަކާ ޙަވާލުކުރެވި، އިރާދަކުރެއްވިއްޔާ އަހަރު ނިމުމުގެ ކުރީގައި އެކަންކަން ހިނގާނެ ކަމަށް އަޅުގަނޑުމެން ދެކިގެން، ޓައިމްޓޭބަލް ކުރެވިގެން މިހާރު މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެކަންކަން އަރުވައިދޭނަން. އެކަންކަން ރައްދުކޮށްދޭނަން.

އަޅުގަނޑު މިހެން ދެންނެވިޔަސް، ސީދާ ތާރީޚުތަކެއްގެ ވާހަކަ ބައެއް ބޭފުޅުން އަބަދުވެސް ވިދާޅުވޭ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ރައްޔިތުންނަށް އޮޅުވާލާކަށް، ދޮގުހަދާކަށް. މިހާރު ސަރުކާރުގައި ފައިސާ ވަރަށް މަދު. ވަރަށް ބޮޑަށް މަދު. މިދިޔަ އަހަރު ސަރުކާރުން އެބައޮތް ސަރުކާރަށް ލިބުނު އެއްޗަކަށްވުރެ ހަތަރު ބިލިޔަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައި. އެހުރިހާ ފައިސާއެއް އަޅުގަނޑުމެން ހޯދަން މިޖެހެނީ މިއަހަރު ކުރާ ކަންތައް މަދުކޮށްގެން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިއަހަރު އިތުރަށް ފައިސާ ހޯދަން. ޢާންމުކޮށް އަޅުގަނޑުމެން އަންދާޒާކޮށް ހިސާބުކޮށްފައި އޮތްވަރަށްވުރެ މާބޮޑުތަނުން އެތައް ގުނައަކުން އަޅުގަނޑުމެން އެބަޖެހޭ އިތުރަށް ފައިސާ ހޯދަން. އަޅުގަނޑުމެންނަށް ޔަޤީން، އިރާދަކުރެއްވިއްޔާ މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން މިދަނީ ވިޔަފާރި ކުންފުނިތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަދި އެކުވެރި ދައުލަތްތަކާ ވާހަކަ ދައްކަމުން. ޑިމޮކްރަސީ ސަލާމަތް ކޮށްދިނުމަށްޓަކައި ޑިމޮކްރަސީގެ ރޫޙު އަށަގެންނެވުމަށްޓަކައި ޤައުމުތަކުން ޚަރަދު ކުރާނެ. އެ ޚަރަދު މިއަދު މި ސަރުކާރަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ކުރާނެ. އެނގިވަޑައިގަންނަވާނެ، އިންޑިޔާ ސަރުކާރުންވެސް ވަރަށް ބޮޑެތި އެހީ ވެވަޑައިގަންނަވަމުން އެ ގެންދަވަނީ. ދުވަހެއް ދުވަހަކަށް އެހެން ސަރުކާރުތަކުންވެސް ހަމަ އެބާވަތުގެ ބޮޑެތި ޢަދަދުގެ އެހީ ވާނެކަމީ، އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ވަރަށް ވިސްނުންތެރިކަމާއެކީގައި ޑިމޮކްރަސީއަށް ގެއްލުމެއް ނުވާގޮތަށް ކަންކަން ހިންގަވަމުން ގެންދަވަން ޖެހޭނީ.

ދަންނަވަންތޯ 30 އަހަރުގެ ޚުދު މުޚުތާރު ވެރިކަމަކަށްފަހު، މި ރާއްޖެ ޑިމޮކްރަސީއަށް އެނބުރުނީމާ، ދެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް އަންނަ ގަޑީގައިވެސް އަލުން އަނބުރާ ހަމަ ހުރިތަނަށް ދިޔުމުގެ ވިސްނުން، އަޅުގަނޑަކަށް ހިއެއްނުވޭ އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ވިސްނުމެއް ކަމަކަށް. އަދި އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ރާއްޖޭގެ ރައްޔިތުންވެސް އަދި އަޅުގަނޑުމެންގެ އެކުވެރި ދައުލަތްތައް، ބައިނަލްއަޤްވާމީ މާލީ އިދާރާތައްވެސް ރުހޭނެ ކަމެއް ކަމަކަށް. އަޅުގަނޑު ޔަޤީން ކުރަން، ވިސްނުންތެރިކަމާ އެކީގައި، ތިޔަބޭފުޅުންގެ ޢަމަލުތައްވެސް ތިޔަބޭފުޅުންގެ އުޅުއްވުންވެސް އަދި ވިސްނުންވެސް ގެންދަވާނެ ކަމަށް. އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި. މި ސަރުކާރަކުންނެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނާޅާނެ. މި ސަރުކާރަކުންނެއް ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ. މި ސަރުކާރަކުންނެއް ބަދަލު ހިފުމުގެ ރޫޙެއް ނުގެންގުޅޭނެ. އަޅުގަނޑުމެންނެއް ނޫޅެން އަޅުގަނޑުމެންނަށް ދެރަގޮތެއް ވެފައި އޮތީތީވެ، އޭގެ ބަދަލު އެހެން މީހެއްގެ މައްޗަށް، އެހެން ބައެއްގެ މައްޗަށް ހިފާކަށެއް.

އަޅުގަނޑު ދެކޭގޮތުގައި، ތޮއްޑޫގެ ހުރިހާ ރައްޔިތުން، ހުރިހާ ރައްޔިތުންނަކީވެސް ހަމަ އަޅުގަނޑުމެން ޚިދްމަތްކޮށްދޭންޖެހޭ ރައްޔިތުން. އެ ޚިދްމަތްތައް އަޅުގަނޑުމެން އެބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަޅުގަނޑުމެންނެއް އަޅުގަނޑުމެންނާ ދިމާއަށް ބަޔަކު ބުނާ އެއްޗެއްގެ ސަބަބުން، އަޅުގަނޑުމެންނާ ގުޅޭގޮތުން ބަޔަކު ކަންކުރާ ގޮތުގެ ސަބަބުން، އަޅުގަނޑުމެން ބަދަލު ހިފާކަށް ހިތް މަރުވެއެއް ނުދާނެ. އަޅުގަނޑުމެން ބޭނުމީ، ފާގަތި ތޮއްޑޫއެއް. އަޅުގަނޑުމެން ބޭނުންވަނީ މިއަދަށްވުރެ ތަނަވަސް ތޮއްޑޫއެއް. އަޅުގަނޑުމެން ބޭނުންވަނީ އުފަލުގައި ރައްޔިތުން އުޅެމުންދާ ތޮއްޑޫއެއް. ކުޅިވަރު ކުޅެން ޖެހޭނެ. އަދި މުނިފޫހިވެސް ފިލުވަންޖެހޭނެ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ޕްރެކްޓިސް ދަނޑެއްވެސް ލިބިވަޑައިގަންނަވާނެ. ޒުވާނުންނަށް. އަޅުގަނޑަށް އެނގޭ، އަބަދުވެސް ބޭނުންވާ ދަނޑެއް އެއީ، ޕްރެކްޓިސް ދަނޑު.ް އަދި އިތުރު އެއްދަނޑު. ކޮންމެ ގޮތަކަށް ތިޔަބޭފުޅުން އެ ދަނޑު ދެކިވަޑައިގަތަސްވެސް.

ތޮއްޑޫ ކުޅިވަރުކުޅޭ ޒުވާނުންގެ ނަޞީބު ވަރަށް ރަނގަޅިއްޔާ، އަޅުގަނޑުމެންނަށް ޙާމިދު ޢަބްދުލްޣަފޫރު އެބަ ހޯއްދަވައިދެއްވާ ދަނޑުކޮޅެއް. ތަންކޮޅެއް ރަނގަޅަށް ހުރި ދަނޑުކޮޅެއް. އެއިން ދަނޑެއް ތޮއްޑުއަށް ލިބޭތޯ އަޅުގަނޑު އެބަ ބަލައިދެން. އިރާދަކުރެއްވިއްޔާ، ރަނގަޅު ދަނޑެއް ތޮއްޑުއަށް ލިބޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ތޮއްޑޫގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ކުދިންނަށް ރަނގަޅު ދަނޑެއް އަޅުގަނޑުމެން ހޯދައިދޭނަން. އަޅުގަނޑުމެންނަކަށް ނޯޅޭ، މާލޭގެ ކްލަބްތައް މޮޅަށް ކުޅެ ގޯލް ޖަހަމުން ދިޔައީ ތޮއްޑޫ ޒުވާނުންގެ ހުނަރުގައި. އަޅުގަނޑު ވަރަށް ބޮޑަށް ދަންނަން ތޮއްޑޫ ޒުވާނުންގެ ހުނަރު. އެހެންވީމާ، އެކަން އަޅުގަނޑުމެން ދޫކޮށްލާކަށެއް ނުވާނެ. އަދި ތޮއްޑޫ ޒުވާނުންގެ މިޔުޒިކީ ހުނަރު، ފަންނީ ހުނަރު އެއީވެސް، އަޅުގަނޑުމެންގެ ނަޒަރުގައި މި ރާއްޖެއިން ގެއްލިގެންދާންވާނެ ކަމެއް ނޫން. އެކަންވެސް ތޮއްޑޫ ރައްޔިތުން އެދޭގޮތަށް ތޮއްޑޫގައި ކުރިއަށް ގެންދެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

އަޅުގަނޑުމެން މިތަނުގައި މި ސަރުކާރު ހިންގުމުގައި މިދަންނަވާހެން ހަމަ ނިންމާލަމުންވެސް ދަންނަވަން އޮތީ މިތިބީ އެންމެ ބޭނުމަކަށްޓަކައޭ. ތިޔަބޭފުޅުން އެއިރެއްގައި ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް، ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް، ބޭނުންފުޅުވެވަޑައިގަންނަވާ އިރެއްގައި ކުރެވޭތޯ މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަގައިމުވެސް ރެޔާ ދުވާލުގެ މައްޗަށް 14 ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ނުބާއްވާނަން. އިރާދަކުރެއްވިއްޔާ ތޮއްޑޫ މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާ ފާގަތި ފަހި ތޮއްޑޫއަކަށް.

السّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!