بســم اللّـه الرّحمـن الرّحيــم

ރަސްދޫގެ ލޮބުވެތި ރައްޔިތުން!

السّـلام عليـكم

އަޅުގަނޑުމެންގެ ސަރުކާރު ދެމި އޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން، ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ހަނދާނުން ކެހިގެންނުދީ، އަޅުގަނޑުމެން ބާއްވާ ވާހަކައަކީ، ފާހަގަކުރާ ނުކުތާއަކީ، އަޅުގަނޑުމެންގެ މި ސަރުކާރުގެ، މި ދައުލަތުގެ ހުރިހާ މުއްސަނދިކަމަކީވެސް، ކޮންމެ ފައިސާ ފޮއްޗަކީވެސް ތިޔަބޭފުޅުންގެ ފައިސާކަން. ތިޔަބޭފުޅުންގެ ރުފިޔާކަން. އަޅުގަނޑުމެން ކަންކުރަންވީ ގޮތަކީ، އެރުފިޔާ، އެފައިސާ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހޭދަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން؟ އަދި އިތުރު ރުފިޔާ، އިތުރު ފައިސާ، ތިޔަބޭފުޅުންގެ މުދާ އެއީ، މި ދިވެހި ދައުލަތް، މި ދިވެހިރާއްޖެ، ބޭނުންކޮށްގެން ހޯދެން އޮތްގޮތަކީ ކޮބައިތޯ އަޅުގަނޑުމެން ބެލުން. މިދެންނެވި މައިގަނޑު ނުކުތާ، އެއީ މި ރާއްޖޭގެ މުއްސަނދިކަމަކީ، ދިވެހި ސަރުކާރުގައި ހުރި ފައިސާއަކީ، ތިޔަބޭފުޅުންގެ ފައިސާއޭ. އެ ނުކުތާ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ހަނދާނުން ކައްސާލިޔަކަ އަޅުގަނޑުމެން ނުދޭނަމޭ.

އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް އެނގޭ، ތިޔަބޭފުޅުންގެ ބަނދަރުގެ މައްސަލަ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށްވުރެ ވަކި ސާފުކޮށް އެކަން ދަންނަ އެހެން ބޭފުޅަކު މިތާކު ވަކި ނުހުންނާނެއޭ. އެ ބަނދަރުގެ ދަތިކަމާއި، އެ ބަނދަރު ހެދުމަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވާފައި ހުރި މިންވަރު. އެންމެފަހުން އައިސް އަޅުގަނޑު ހަނދާންވާ ގޮތުގައި، މިހާރު އަހަރެއް މިވީ. 2008 ވަނަ އަހަރު ފެބްރުއަރީމަހުއޭ އަޅުގަނޑު ހަނދާންވަނީ، އެ މަސައްކަތް ފަހުން ފަށައިގަނެވުނީ. މި އަހަރެއްވީ ބަނދަރު ހަދަން ފަށައިގަނެވުނީ ތިޔަބޭފުޅުންނާ މަޝްވަރާ ކުރެވި، އަދި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަކަށް ނޫން. ސަރުކާރުން އޭރުގައި ހަދަން ނިންމެވި ބަނދަރު އެއީ، ތިޔަ ބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ބާވަތުގެ ބަނދަރެއް ނޫން. ދެން އޭރުގައި އެ މަސައްކަތް ކުރިއަކަށް ނުގެންދެވުނު. ނުގެންދެވުނީ، ހަމަ ތިޔަބޭފުޅުންގެ ރުހުން އެގޮތަށް އެމަސައްކަތް ކުރިއަށް ގެންދެވުމަށް ނުލިބުނީތީވެ. ތިޔަބޭފުޅުންގެ ރުހުން ނެތް ގޮތަކަށް ކަމެއް ކުރާކަށެއް މިހާރު ސަރުކާރަކުންނެއް އަޅުގަނޑުމެންނެއް ނޫޅޭނަން. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްގެން، ތިޔަބޭފުޅުން ބޭނުންވާ ވައްތަރުގެ، ތިޔަބޭފުޅުން ބޭނުންވާ ބާވަތުގެ ބަނދަރެއް މިތަނުގައި އަޅައިދިނުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެބާވަތުގެ ބަނދަރެއް ތިޔަބޭފުޅުންނަށް މިތަނުގައި އަޅައިދޭނަން.

ދެން ސުވާލަކީ، ކޮންއިރަކުންހެއްޔޭ އެކަން ކޮށްދެވޭނީ؟ މިހާރު އާ ބަނދަރަށް، ތިޔަބޭފުޅުން ބަނދަރަށް އިތުރު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބަޔަށް، އަޅުގަނޑުމެން އެބަ ބޭނުންވޭ އިތުރަށް ރުފިޔާ. އެ ރުފިޔާ އެބަޖެހޭ އިތުރަށް ބަޖެޓުގައި އެކުލަވާލުމަށް. އަޅުގަނޑު މިއައީ މިއަދުވެސް އެމަސައްކަތުގައި އިނދެފައި. އެކަމާ އެރުފިޔާ ހޯދުމާ ގުޅޭގޮތުން އަދި މި ބަނދަރު ދެން އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން މިއަދު ގޮތެއް އެބަ ނިންމޭ. އަޅުގަނޑު މި އުންމީދު ކުރަނީ، މިހާރު އެންމެފަހުން އަޅުގަނޑަށް ލިބިފައި އޮތް މަހަކީ ސެޕްޓެމްބަރު. އަޅުގަނޑު މި އުންމީދު ކުރަނީ، އެއަށްވުރެ އަވަހަށް އިރާދަކުރެއްވިއްޔާ ޖުލައިމަހު މިރަށުގެ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެންނަށް ފެށޭނެއޭ. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ ޖޫން، ޖުލައިގައި އެ މަސައްކަތް މިރަށުގައި ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފަށައިދޭނަމޭ.

އަޅުގަނޑު ބޭނުން މިރަށުގައި ބަނދަރު އެކަންޏެއް ނޫން، ކިތަންމެ ކަމެއް ހިންގަން. އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ، އެބަ ފެނޭ، މިރަށުގައި މަދަރުސާއެއް ތަރައްޤީ ކުރުން އެއީ، ބުއްދިވެރި ކަމެއްގެ ގޮތުގައި. އަޅުގަނޑުމެން ބޭނުން، މިރަށުގައި ޚާއްޞަކޮށް، ޓޫރިޒަމްގެ ދާއިރާއިން މަތީ ތަޢްލީމެއް ދެވޭނެގޮތެއް ހޯދަން. ސަރުކާރުން ޓޫރިޒަމްގެ ދާއިރާއިން މަތީ ތަޢްލީމު ދިނުމަށްޓަކައި މިހާރު އެބަ ބައްލަވަމުން ގެންދަވާ އެފަދަ މަދަރުސާތަކެއް ނުވަތަ އެފަދަ މަދަރުސާއެއް ބިނާކުރާނޭ ރަނގަޅު ތަނަކާ ގުޅޭގޮތުން. އަޅުގަނޑު ވިސްނާ ވިސްނުމުގައި، ސަރުކާރުން ވިސްނާ ވިސްނުމުގައި، އޭގެ ވަރަށް ރަނގަޅު ތަނެއް ރަސްދުއަކީ. މިއަތޮޅު ޚާއްޞަކޮށް، ރަސްދުއަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ މަދަރުސާ އަޅުގަނޑުމެން ބިނާކުރާއިރު، މިތަނަށް އެބާވަތުގެ ދިރުމެއް ތިޔަބޭފުޅުންނަށް ގެނެސްދެވޭތޯ އަޅުގަނޑުމެން ބަލާނަން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެކަންތައް އަޅުގަނޑުމެން ކޮށްދޭނަން.

މުޅި މި ރަށް އެބަ ހަދަންޖެހޭ. ގިރާ ސަރަޙައްދުގައި ރިވެޓްމަންޓް ނުވަތަ ވާޓަރު ހަދައި އަދި ރަށް އެބަ ޙިމާޔަތް ކުރަންޖެހޭ. ރަށުގެ ބިމުގެ ޖާގަ މިއޮތީ ވަރަށް ބޮޑަށް މަދުވެފައި. ދެން އޮތީ ރަށް ހިއްކުން. ރަށް ހިއްކައިގެން، ބިމުގެ ޖާގަ ކޮންމެވެސް ވަރަކަށް ބޮޑުކުރެވޭނެ. އެހެންނަމަވެސް، މި ސަރަޙައްދަކީ ޓޫރިޒަމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ސަރަޙައްދެއް. ދެން ހިއްކުމުން ލިބިދާނެ ކަންކަމާއި، އެކަންކަމަށް އަޅުގަނޑުމެން ބަލަންޖެހޭނެ. އެހެންނަމަވެސް، ކޮންމެވެސް މިންވަރަކަށް ނުހިއްކައި ރަސްދޫ ދެން އިތުރަށް ތަރައްޤީ ކުރަން އެބަ ދަތިވޭ. އަދި ހިއްކި ކަމުގައިވިޔަސްވެސް އަޅުގަނޑުމެން މިގަސްދުކުރަނީ، ތިޔަބޭފުޅުންނަށް މިރަށުގައިވެސް ގޯތި ކަނޑާފައި ދިނުމުގެ ބަދަލުގައި، ފްލެޓް އަޅައިދިނުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިރަށުގައި ފްލެޓް އެޅުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. ގޯއްޗެއް ދިނީމާ ވާގޮތް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެ ޢިމާރާތް ނުކުރެވެނީ. ގެއެއް ނޭޅެނީ. ފަނަރަ، ސޯޅަ އަހަރުވެގެން، ވިހި އަހަރުވެގެންދާއިރުގައިވެސް. ބިމުގައި ހަދަންޖެހޭ ގެދޮރު ނުހެދެނީ. އެހެންވީމާ، އެދަތުރުގައި ޖެހޭކަށެއް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން މިރަށުން ބޯހިޔާވަހިކަން ލިބޭނެ. އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި، އޭގެ ޢަމަލީ މަސައްކަތް ފަށައިދޭނަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އަޅުގަނޑުމެން މި އިންތިޚާބަށް ތައްޔާރުވަމުން އައި ހިނދު ބަލަމުން ގެންދިޔައިން ވަރަށްގިނަ ކަންތައްތަކާ ދިމާއަށް. އަޅުގަނޑު ހިތުން ބައެއް ބޭފުޅުންނަށް މިއޮންނަނީ ހީފުޅުވެފައި، އަޅުގަނޑުމެން ހާދަ ބައިވަރު ގެއެއް އަޅާ ވާހަކައޭ މިދައްކަނީ. އަޅުގަނޑުމެންނަށް އެހުރިހާ ގެ އެޅޭނެ ހެއްޔޭ؟ އަޅުގަނޑުމެން ހާދަ ބައިވަރު ކަމެއް ކުރާ ވާހަކައޭ މިދައްކަނީ. އަޅުގަނޑުމެންނަށް އެހުރިހާ ކަންތައް ކުރެވޭނެ ހެއްޔޭ؟ އަޅުގަނޑުމެން އިންތިޚާބަށް ނުކުތީ، މެނިފެސްޓޯއެއް ނުވަތަ އަޅުގަނޑުމެންގެ ސަރުކާރެއް ހިންގާނެ ގޮތުގެ ތަޞައްވުރެއް، ސިޔާސަތެއް އެކުލަވާލާފައި. އަޅުގަނޑުމެން އިންތިޚާބަށް ނުކުތީ، ހިސާބު ޖަހާފައި. އެމް.ޑީ.ޕީ އަކީ ޙިކްމަތްތެރި، އެމް.ޑީ.ޕީ އަކީ ޤާބިލް، އެމް.ޑީ.ޕީ އަކީ ވިސްނުންތެރި، އެމް.ޑީ.ޕީ އަކީ ހިތްވަރުގަދަ، އެމް.ޑީ.ޕީ އަކީ ފަހަތަށްނުޖެހޭނެ ސިޔާސީ ޕާޓީއެކޭ. އޭރުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ކަމެއްގެ ވާހަކަ މިދައްކަނީ، އޭގެ ކޮޅާއި މެދާ ބަލާފައޭ. އެކަން އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ގޮތަކީ ކޮބައިތޯ ހޯދާފައޭ. އަޅުގަނޑުމެންނަށް އޭރުއްސުރެ ފަށައިގެން އެނގުނު، ރާއްޖޭގައި ގެދޮރު އެޅުމުގެ ވިޔަފާރި، ނުވަތަ ގެދޮރު އެޅުމުގެ މަސައްކަތް ހިންގުމަކީ، ހަމަ ރާއްޖޭގައި ކުރެވެން އޮތް ކަމެއްކަން.

ދިހަހާސް ގެ، ރާއްޖޭގައި ޢިމާރާތް ކުރުމަށް، އެކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތް ހޯދުމަށް ސަރުކާރުން އިޢްލާނެއް ކުރިތާ މިއަދަށް އަޅުގަނޑު ހިތުން މިވަނީ ދިހަވަރަކަށް ދުވަހަށް. އެ އިޢްލާނަށް އެކަމަށް ޝައުޤުވެރިވާ ކަމަށް މިއަދާ ހަމައަށް މިހާރުވެސް ދުނިޔޭގޭ ހަފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. ސަރުކާރުން މި ޖެހެނީ، ސަރުކާރުން މި ވަޢުދުވަނީ، ރައްޔިތުންނަށް ހަމަ ވެފައި އޮތް ވަޢުދު. ސަރުކާރުން މި ވަޢުދު ވަނީ ތިޔައިން ބޭފުޅެއްގެ އާމްދަނީގެ ވިހި ޕަސެންޓަށްވުރެ، ކޮންމެ ރުފިޔާއަކުން ވިހިލާރިއަށްވުރެ އިތުރު އެއްޗެއް، ގެދޮރަށް ޚަރަދު ކުރާކަށް ޖެހިގެން ނުވާނެއޭ. އެއަށްވުރެ އިތުރު އެއްޗެއް ގެދޮރަށް ޚަރަދުވަނީވިއްޔާ، އެ ބާކީ ބައި، ސަރުކާރުން ރައްޔިތުންނަށް ހިލޭ އެހީގެ ގޮތުގައި ދޭނެއޭ. އަޅުގަނޑުމެން، ގެދޮރުގެ ޕްރޮގްރާމް ރާވާފައި އޮތީ މިދަންނަވާހެން. އެހެންވީމާ، އެ އުޞޫލުން އެކަން ވަރަށް ފަސޭހައިން ވާން އޮތްކަން އޭރުގައިވެސް މިހާރުވެސް އަޅުގަނޑުމެންނަށް އެނގޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކޮށްދެވޭނެ. އަޅުގަނޑުމެން، މިއެދޭ ދިވެހިރާއްޖޭގައި ތިޔަބޭފުޅުންނަށް އުޅެވޭނެ ގޮތެއް ހޯދައިދިނުމަށް، އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތް ކުރުމެއް ހުއްޓައެއްނުލާނަން. އިރާދަކުރެއްވިއްޔާ، އެކަންކަން ތިޔަބޭފުޅުންނަށް ވެގެންދާނެ.

ހަމައެއާއެކީގައި، އަޅުގަނޑުމެންނަށް އޭރުވެސް އަދި މިހާރުވެސް ފެންނަ އެއްކަމަކީ، ރާއްޖޭގައި އެބައުޅޭ، ވަރަށް ނިކަމެތި ޙާލުގައި އުޅޭ ޢުމުރުން ދޮށީ ޢުމުރުގެ ރައްޔިތުންކޮޅެއް. އަޅުގަނޑުމެން އޭރުގައި ހިސާބުޖެހި ގޮތުގައި، އެފަދަ ބޭފުޅުންގެ ޢަދަދު، އަށާރަހާސް ވަރުވޭ. އަޅުގަނޑުމެން އޭރުގައި ހިސާބުޖެހީ، އަދި މިހާރު އެކަން ކުރަމުން މިގެންދަނީ، ޢުމުރުން 65 އަހަރުވެފައި ހުރި ކޮންމެ ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް މަހެއްގެ މައްޗަށް ދެހާސް ރުފިޔާ ނުލިބެނީނަމަ، އެ ދެހާސް ރުފިޔާ ހޯދައިދިނުމަށް. ދެހާސް ރުފިޔާއާ ހަމައަށް، އޭނާގެ އާމްދަނީ ސަރުކާރުން ގެންގޮސްދޭނެ. އެހެންވީމާ، އަޅުގަނޑަށް މިއަދު އުފަލާއެކީގައި ދަންނަވަން އެބަކެރޭ، މިމަހު ވަރަށްގިނަ ބޭފުޅުންނަށްވަނީ މިހާރު މިދެންނެވި ދެހާސް ރުފިޔާ، ސަރުކާރުން އެރުވިފައޭ. އަދި ކޮންމެވެސް ސަބަބަކާހުރެ، ފޯމެއް ފުރިހަމަނުވެގެން ނުވަތަ އައިޑެންޓިޓީ ކާޑުގެ މައްސަލައެއްގައި، ނުވަތަ އެނޫންވެސް ކޮންމެވެސް މައްސަލައެއްގައި، ޙައްޤުވާ ބޭފުޅަކަށް އެ ފައިސާ ލިބިވަޑައިނުގެން އޮތް ކަމަށްވަނީވިއްޔާ، މިއަންނަ މަހު ލިބިވަޑައިގަންނަވާ ފައިސާގައި، މިދިޔަ މަހުގެ ފައިސާވެސް ހިމެނޭނެ. އެހެންވީމާ، އެކަމަކާ އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. ޢުމުރުން ދޮށީ ޢުމުރުގެ ބޭފުޅުން، ރައްޔިތުން، އަޅުގަނޑުމެން އެދެނީ އުފަލުގައި ދިރިއުޅެން. ހާސްކަމެއްނެތި، މިހާރަށްވުރެ ތަންކޮޅެއް ހިތްހަމަޖެހުމުގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް. ހަމައެހެންމެ، އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެ ތެރެއިން މައިންބަފައިންނަށް ނުވަތަ ކާފައިންނަށް މާމައިންނަށް ޚަރަދު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނަށް ލުޔެއްވެސް ހޯދައިދިނުމަށް. އެހެންވީމާ، އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް މިކަންތައް މިހާރު މިވަނީ ވެފައި.

އެކަން ހަމަ އަޅުގަނޑުމެން ކުރަމުން މިގެންދަނީ، ކުރީގައިވެސް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް އަޅުގަނޑުމެން ދެންނެވިން. ޚާއްޞަކޮށް އަޅުގަނޑު ދެންނެވިން، އެކަން ކުރާނީ މިގޮތަށޭ، ވަރަށް ފަސޭހައޭ އެކަން ކުރަން. ރިޔާސީ ގަނޑުވަރަށް ރައީސުލްޖުމްހޫރިއްޔާއަށް އެބަ ޚަރަދުވެއޭ، ހަތަރުސަތޭކަ މިލިޔަން ރުފިޔާ. އަދި ތިންސަތޭކައެއްހާ މިލިޔަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް. އަޅުގަނޑުމެން އެފައިސާ ކަނޑާލާނީ. ރައީސުލްޖުމްހޫރިއްޔާއަށް ދިރިއުޅެވޭނެ އެއަށްވުރެ މާ ކުޑައަގެއްގައި. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކަށްވެސް އެހާ ގިނަ ފައިސާ ޚަރަދުކުރާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް މިހާރު އެބަ ފުއްދޭ، މިފަހަރު އަޅުގަނޑުމެން ކޮށްގެން މިއުޅޭ ބަޖެޓުން. އެއީ ތިރީސް މިލިޔަން ރުފިޔާ، ތިންސަތޭކަ މިލިޔަން ރުފިޔާގެ ބަދަލުގައި. ހަތަރުސަތޭކަ މިލިޔަން ރުފިޔާގެ ބަދަލުގައިވެސް ތިރީސް މިލިޔަން ރުފިޔާ. އެހެންވީމާ، އިތުރަށް އަޅުގަނޑުމެންނަށް މިހޯދުނު ފައިސާ، އަޅުގަނޑު ބޭނުންވީ، ދޮށީ ޢުމުރުގެ ރައްޔިތުންނަށް، އެފައިސާ އެހީގެ ގޮތުގައި ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، މިމަސައްކަތް އަޅުގަނޑުމެންނަށް އަބަދަށްވެސް ހިންގަމުން ގެންދެވޭނެއޭ.

ޞިއްޙީ ކަންތައްތަކަކީ، ރައްޔިތުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމެއް. އަދި މިރަށްރަށުގައިވެސް އެކަމުގެ ޚިދްމަތް ރަނގަޅަށް ނުލިބި، އަބަދުވެސް އޮންނަ ކަމެއް. އެއްވެސް ރަށަކަށް އަޅުގަނޑަކަށެއް ނުދެވޭ، ހެލްތް ސެންޓަރުވެސް ފުރިހަމަވެފައި ހުރި ނުވަތަ އެއަށް އިތުރު ތަރައްޤީއަކަށް ނޭދޭ. ހޮސްޕިޓަލެއް ހުރިނަމަ، އަދި މާބޮޑަށް ތަރައްޤީއަށް ބޭނުންވާ އަދި ޢަމުދުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން، އެއީ ކޮންމެވެސްކަހަލަ ނުކުޅެދުމެއް ހުރި ކުދިން. އެކުދިންނަށް އެހީތެރިވެދިނުން، މިކަންކަމަށް އަޅުގަނޑުމެން ސަރުކާރުން މިހާރު ދޫކުރަމުން މިދަނީ ހެލްތް އިންޝުއަރެންސް. އެ ހެލްތް އިންޝުއަރެންސް ލިބިވަޑައިގަތީމާ، އެބޭފުޅަކަށް، އެ ރައްޔިތަކަށް ސަރުކާރުންވިޔަސްވެސް އަދި އެހެން ތަނަކުންވިޔަސްވެސް، ރާއްޖޭގެ ކޮންމެ ތަނަކުން ހިލޭ ބޭސްފަރުވާ ލިބިވަޑައިގަންނަވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ބޭސް ސިޓީއަށް ސަލާން ޖަހަންޖެހޭ ޖެހުން، އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި، އޭގެ ވަރަށްބޮޑު ބައެއް އުނިކޮށްދޭނަން. އޭގެ ވަރަށްބޮޑު ބައެއް، އެފައިސާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް، މަގެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

ހަމައެހެންމެ، އަޅުގަނޑުމެން މިހާރު މިގެންދަނީ، ނުކުޅެދޭ ކުދިންނަކީ، ރައްޔިތުންނަކީ ކޮބައިތޯ ފާހަގަކުރަމުން. އެއީ ކިހިނެއްވީމަތޯ ރައްޔިތަކު ނުކުޅެދޭ ކަމަށް މި ބެލެވެނީ. ލޯފަންވީމަތޯ. ނުވަތަ އަޑުއިވުމުން މަޙްރޫމްވީމަތޯ. ނުވަތަ ހިނގާބިނގާވެ ނޫޅެވުންތޯ، ކޮންމެވެސް ޖިސްމާނީ ނުކުޅެދުމެއް ފެންނަން ހުރީމަތޯ. އެކަން ފާހަގަކުރުމަށް އަޅުގަނޑުމެންނަށް މިހާރު ފަސޭހައެއް ނޫން އިނގޭތޯ، ކޮބައިކަމެއް ވަކި ބާވަތެއްގެ ބޭފުޅަކީ، ވަކިކަމަކީ ކޮބައިކަމެއް، އެހެން ކަނޑައެޅިގެން ދަންނަވާކަށް. އެހެންވީމާ، އެކަމާ ގުޅޭގޮތުން އެބަހުރި މިހާރު ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް އެކަން ނިންމޭނެއޭ. ނިންމާފައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެއޭ، ކޮންކޮން ރައްޔިތުންނަކަށްތޯ މިކަން ޙައްޤުވަނީ. އަޅުގަނޑު ދަންނަވާނީ، އެ ޙައްޤު ރައްޔިތުންނަށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަމޭ. މިއަހަރު ނިމުމުގެ ކުރީގައި، އަޅުގަނޑުމެންގެ އެޕްރޮގްރާމް ބާރަށް ހިނގައިގަންނާނެއޭ.

އަޅުގަނޑަށް ފެނޭ މިރަށުގެ ނަރުދަމާ. އިރާދަކުރެއްވިއްޔާ އޭގެ މަސައްކަތް މިހާރު މިދަނީ ކުރިއަށް. އެމެރިކާ ސަރުކާރުގެ އެހީގައި ހިނގަމުންދާ މަޝްރޫޢެއް އެއީ. އެ ކޮންޓްރެކްޓާ ޙަވާލުވެވަޑައިގެންފައި ތިއްބެވި ބޭފުޅުން، އެބަ އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވާ، އެ އޮތް ތާވަލުގެ ތެރޭގައި، އެބޭފުޅުން އެކަން ކޮޅެއްގައި ޖައްސަވާނެ ކަމަށް، ނިންމަވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާނެ ކަމަށް.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިރަށާ ގުޅޭ އެތައް އެތައް ކަމެއް ފާހަގަވެއޭ. އަދި މިރަށް ނޫނަސްވެސް، ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެންނަށް އެބަ މިކަންކަން ފާހަގަވެއޭ. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުން މިރަށުގައި މަގު ހަދަން. އަޅުގަނޑުމެން ބޭނުން، މިރަށުގައި ހަމަ ރަނގަޅު ފެންވަރަކަށް މިރަށުގެ މަގުތައް ރީތިކޮށް ހަދަން. ހަދާފައި މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓާ، އެ ހުރިހާ ޚިދްމަތެއް ލިބޭގޮތް ހަދަން. އަޅުގަނޑުމެން ބޭނުން، މިރަށަކީ ޓޫރިސްޓުންނަށް އައިސް ގޮސް އުޅެވޭ ފަރި، ރީތި ރަށަކަށް މިރަށް ހެދޭނެ އިންތިޒާމެއް ރާވަން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އެކަން އަޅުގަނޑުމެންނަށް ކުރެވެން އެބައޮތް. އެނގިވަޑައިގަންނަވާނެ. ސަރުކާރުންވާނީ ޔުޓިލިޓީޒް ކުންފުނިތަކެއް އުފައްދާފައި. އެއީ، އަސާސީ ޚިދްމަތްތައް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުނިތަކެއް. އެއީ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި އަދި ގޭހުގެ ޚިދްމަތްވެސް ހޮޅިން ގޭގެއަށް ފޯރުކޮށްދެވޭނެ ގޮތަކަށް، އަޅުގަނޑުމެން މި އިންތިޒާމުތައް ރާވަމުން މިދަނީ. އެހެންދާ ދިޔުމުގައި، އަޅުގަނޑުމެން ބޭނުން ރަސްދުއާއި ތޮއްޑުއާއި އަދި އުކުޅަސްވެސް. ޚާއްޞަކޮށް، މި ރަސްދުއަތޮޅުގައި ދެރިޒޯޓު އޮތްއިރުގައި، މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށަކަށް ރަސްދޫ ވެފައި އޮތްއިރުގައި، މިދެތަނުގެ އާމްދަނީއާއި ނުވަތަ އެ ދެރިޒޯޓުން ލިބޭ އެއްޗެއް އަޅުގަނޑުމެންނަށް މިއަށްވުރެ ބޮޑަށް އިތުރުކުރެވޭނެ މިރަށުގައި. އެކަން ކުރުމަށްޓަކައި ސަރުކާރުން އެބަޖެހޭ މިރަށުގައިވެސް މައިގަނޑުތައް، މިއަށްވުރެ މާރަނގަޅަށް ފުރިހަމަކުރަން.

އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދިނުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންނަށް ފެންނަން އެބަހުރި، އެކަންކަން ކުރެވެންހުރި މަގުތަކަކީ ކޮބައިކަންވެސް. އަދި އަޅުގަނޑުމެންނަށް އެނގޭ، ޚިޔާނާތްތެރިނުވެ، ދޮގު ނުހަދައި، އަނިޔާވެރިނުވެ، ރިވެތިގޮތުގައި މިކަން ކުރެވޭ ގޮތްތައް ކުރުމަށް މަސައްކަތް ކުރަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނެ. އަޅުގަނޑެއް ހަމަގައިމުވެސް ތިޔަބޭފުޅުންނަށް ޚިޔާނާތްތެރިއެއް ނުވާނަން. އަޅުގަނޑެއް ހަމަގައިމުވެސް، ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އަތެއް ނުލާނަން. އަދި ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، 24 ގަޑިއިރެއްގެ ތެރޭގައި، މަދުވެގެން 14 ގަޑިއިރު އަޅުގަނޑު މަސައްކަތް ކުރާނަން.

އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ އެހެން ސިޔާސީ މުވައްޒަފުންވެސް، އަޅުގަނޑު މިދެންނެވި ސިޔާސަތުގައި، އަޅުގަނޑު މިދެންނެވި އަމާޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާނެކަން. އަޅުގަނޑަށް އެނގޭ، ރަސްދޫ ރައްޔިތުންގެ އުންމީދުތައް ހުރީ، އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ތިޔަބޭފުޅުންނަށް ކަންކަން ޙަޤީޤަތަކަށް ހަދައިދިނުންކަން. އެއީ، އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދާ ފައްތަރަކީ.

ހަމައެއާއެކީގައި، އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުންނަށްވެސް ގަބޫލުފުޅު ކުރެއްވޭނެކަން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުމިވީ، ރާއްޖޭގެ މާލީ ޙާލަތު ވަރަށް ވަރަށް ވަރަށް ނިކަމެތި ފައްތަރެއްގައި ވަނިކޮށް. އަޅުގަނޑުމެންނަށް ހަމަ މިޖެހުނީ، އަލުން އަނބުރާ ހުރިހާ ކަމެއްހެން ފަށަން. މިދިޔަ ތިންމަސް ދުވަސް ހަމަ މިދިޔައީ އެހެން. މި ދިވެހިރާއްޖޭގެ މާލިއްޔަތުގައި ރަނގަޅަށް، ކައްސައިގެންނުދާ މިންވަރަށް އަޅުގަނޑުމެން އެބަޖެހޭ ހަމަ ހިފަން. މާލިއްޔަތުގެ ކަންތައްތައް އަޅުގަނޑުމެންނަށް ވަކި ތަރުތީބަކަށް އެތުރެން. އިރާދަކުރައްވައިގެން މިހާރު އެކަންކަން މިދަނީ ފުރިހަމަވަމުން.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހަމަ މިއަދަށްވުރެ މާ ފާގަތި މާދަމައެއް، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ހޯދައިދެވޭނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި، ރަސްދުއަކީ މުޅިން އެހެން ރަށަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ، މިރަށުގައި ކޮންމެ ޢާއިލާއަކަށްވެސް ހަފްތާއަކު އެއްފަހަރު އައިސްކްރީމް ބޯން ދެވޭނެ ތަނަވަސްކަން ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެކޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ތިޔަބޭފުޅުންނަށް ކޮށްދޭނަން.

والحمد للّـه. والسّـلام عليـكم