ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީ ކުރެއްވުމުގެ ގޮތުން 59 ފަނޑިޔާރަކު 4 އޯގަސްޓް 2010 ވަނަ ދުވަހު ހުވާކުރެއްވި ކުރެއްވުމާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި ޙަޤީޤަތާ ޚިލާފު ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައެވެ.

ފަނޑިޔާރުންގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނިކޮށް، އެ މައުލޫމާތު ލިބި ތިއްބަވައި، ފަނޑިޔާރުން ހުވާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން ސިޔާސީ މަޞްލަޙަތު އިސްކުރައްވައިގެންކަމަށް ފާހަގަކުރެވެއެވެ.

2010 އޯގަސްޓް 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފަނޑިޔާރުންގެ ފެންވަރާއި ސުލޫކީ މިންގަނޑުތައް ކަނޑައެޅުއްވުމާއި، ފަނޑިޔާރުން އަލުން މަގާމަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، އެކަންކަން ކުރައްވަންވާނީ ހާމަކަންބޮޑު، އެތެރެ ފެންނަ، އެންމެހާ ފަރާތްތަކަށް ގަބޫލުކުރެއްވޭނެ އުޞޫލުތަކެއްގެ ދަށުން ކަމަށެވެ. ވީމާ، އެނޫން މާނައެއް ދޭހަވާ ގޮތްގޮތަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކެވުންވާނީ، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކަވަނީ ކަމަށެވެ.