ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ފިއުލް ސަރޗާޖްގެ ގޮތުގައި ކަރަންޓަށް ވަކި އަދަދެއް އިތުރުކުރައްވާފައިވުމާއެކު، ކަރަންޓުގެ އަގު ބޮޑުވަމުންދާތީ، އެކަން ޙައްލުކުރައްވައި، އެ ބުރަ، ރައްޔިތުންގެ ކިބައިން ލުއިކުރެއްވުމަށް މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައި، އެމަސައްކަތް ވަރަށް ބާރަށް ގެންދަވަނީ ކުރައްވަމުންނެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ކަރަންޓުގެ ބިލު ބޮޑުވުމާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގެ ދަތިތަކެއް ފޯރަމުންދާތީ، އެ ދަތިތައް ޙައްލު ކުރުމުގައި ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުންނަށް އެހާބޮޑު ދައްޗެއް ކުރިމަތި ނުވާ ކަހަލަ ގޮތަކަށް މިކަން ހަމަޖެހިގެންދާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަކީ، މާލޭގެ ބޮޑު އިންޖީނުގެ ފެށުނީއްސުރެ ހިނގާދިޔަ ދިގު މުއްދަތުގައި ނުހަނު އެކަށީގެންވާ ގޮތެއްގައި ދެހާހުގެ އަހަރުތަކާ ހަމައަށްވެސް ހިނގަމުން އައި ސަރުކާރުގެ ކުންފުންޏެކެވެ. އެހެންނަމަވެސް، ފަހަކަށްއައިސް އެ ކުންފުންޏަކީ ނުހަނު ބޮޑު އަދަދެއްގެ ދަރަނިން އަރައިނުގަނެވިވާ ކުންފުންޏެއްކަމަށް ވުމަކީ، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. އެހެންކަމުން، ސަރުކާރުގެ ކުންފުނިތަކަކީ، ހަރުދަނާ ގޮތެއްގައި ޒަމާންތަކަށް ހިނގަމުންދާނެ ކުންފުނިތަކަކަށް ހެދުމަކީވެސް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ވާދަވެރި އުސޫލުން ވިޔަފާރީގެ އެންމެހާ ހަމަތަކާއެކު، ސްޓެލްކޯއާއި ރާއްޖޭގެ އެހެން ކުންފުނިތަކާއި، ޔޫޓިލިޓީޒް ކުންފުނިތައްވެސް ހިންގުމަށް ބޭނުންވާ ސިޔާސަތުގެ ދަށުން އެ ކުންފުނިތަކުގެ އަގުތަކަށް އަންނަ ބަދަލާއެކު، ސަރުކާރުން ރައްޔިތުންނަށް ދިނުން ކޮންމެހެން ބޭނުންވާ އެހީތައް އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެއެވެ. ކުންފުންޏެއް ދަރަނިވެރިވެ، ވިޔަފާރީގެ ހަމަމަގުން ނެއްޓި ދިޔުމަށް ދޫކޮށްލުމުން، ލިބޭ ގެއްލުމަކީވެސް ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. އެހެންކަމުން، މިހާރު އެކަށައެޅިފައިވާ ސިޔާސަތާއެކު ކުރިއަށް ދިޔުމުން، ދެމެހެއްޓެނިވި ގޮތުގައި ސަރުކާރުގެ އެންމެހާ ކުންފުނިތައް ހަރުދަނާކަމާއެކު ހިންގޭނެކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށް ސަރުކާރުން ދެކެއެވެ.

ކަރަންޓުގެ އަގަށް އައި ބަދަލާއެކު، ދިވެހި ރައްޔިތުންގެ ޕާޓީން އިސްނަގައިގެން ބާއްވަމުން ގެންދިޔަ މުޒާހަރާތައް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ހުއްޓަވާލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި ފުރުޞަތުގައި، ޑީ.އާރު.ޕީ.އަށް މަރުޙަބާ ވިދާޅުވެ، އެ ޕާޓީގެ ޒަޢީމަށާއި، އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ.

ރައްޔިތުންނަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ ވާދަވެރި އެންމެހާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުން އެއްބާރުލުން ދެއްވަމުން ގެންދަވާނެއެވެ.