މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢްލާނާ ގުޅޭ ގަވާއިދު ޢާންމު ކުރެއްވުމުގައި، އެ މިނިސްޓްރީއިން ބައްލަވާފައިވާ ކަންތައްތަކުގެ ތެރޭގައި މިއޮފީހަށް ފާހަގަކުރެވެނީ:
(1) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލެއް، 2009 ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 74 ވަނަ ޖަލްސާއަށް ހުށަހެޅި، އެ ބިލް އެ މަޖިލީހަށް ބަލައިގަންނަވާފައި ނުވާކަން.
(2) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅޭ ގަވާއިދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް އެމިނިސްޓްރީން ހުށަހެޅުއްވުމުން، އެކޮމިޓީއިން އެގަވާއިދު އިޞްލާޙު ކުރެއްވުމާމެދު މަޝްވަރާ ކުރައްވައި، ނަމަވެސް އިޞްލާޙެއް ނުގެންނަވައި، އެމިނިސްޓްރީއާ އެގަވާއިދު އަނބުރާ ޙަވާލުކުރައްވާފައިކަން.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢްލާނާ ގުޅޭ ގަވާއިދު މިހާރުވަނީ ގެޒެޓް ކުރެއްވުމަށް މިއޮފީހަށް ފޮނުއްވާފައެވެ. މިގަވާއިދު ގެޒެޓް ކުރެއްވުމާ ބެހޭގޮތުން ވަކިގޮތެއް މިއޮފީހުން އަދިވަނީ ނުނިންމައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢްލާނާ ގުޅޭ ގަވާއިދަކީ، މިއޮފީހުން ގެޒެޓް ނުކުރަނީސް ޢަމަލު ކުރެވޭނެ ގަވާއިދެއް ނޫނެވެ.