[ޤައުމެއްގެ ޙަޔާތުގައި އެއްވެސް އެކަކީ އެހާ މުހިންމު މީހެއް ނޫނެވެ. އަދި ވަކި ފަރުދެއްގެ ކަންކަމާއި ނިންމުންތަކަކީ ޤައުމީ ނިސްބަތުގައި އެހާ ބޮޑު އެއްޗެއްވެސް ނޫނެވެ. އެހެންނަމަވެސް، ޤައުމީ ޙަޔާތުގައި އަންނަ މުހިންމު ދަނޑިވަޅުތަކާއި ހިނދުކޮޅުތައް ހުރެއެވެ. ކޮންމެ ޙާލަތަކީވެސް، ކޮންމެ ހިނދުކޮޅަކީވެސް އޭގެ ކުރިއާ އަޅާބަލައިފިނަމަ ބަދަލެކެވެ. ބަދަލުނުވެ އޮންނަނީ ޤައުމެވެ. އަދި އެޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތެވެ. ރާއްޖޭގައި ގިނަ ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި ބޭފުޅެއްގެ ސިޔާސީ ޙަޔާތް ނިންމަވާލެއްވިކަން މިއަދު އިޢްލާނު ކުރެއްވިކަމީ، ދުނިޔެއަށް އާކަމެއް ނޫނެވެ. އެއީ ޑިމޮކްރަސީގެ ހަމަތަކާއި އިންސާނީ ރިވެތި އުޞޫލާ ގުޅޭގޮތުން މިދަނޑިވަޅަށް ތަޤްދީރު ކުރެހި ޕްލޭނެވެ.

ކަންކަން ވަކި މިޞްރާބަކަށް އެނބުރި ހިމުންވެދަނީ ވަކިމީހަކު ވަކިކަމެއް ވަކިގޮތަކަށް ކުރުމަކުން ނޫނެވެ. ކޮންމެ ކަމެއްވެސް އެމަގުން ހިނގާން މެދުވެރިވާ އެތައް ސަބަބަކާއި އެތައް ޙަޤީޤަތެއް ޤާއިމުވުމުން، އޭގެ ފަހަތުން ދެން ހިނގާންޖެހޭ ހުރިހާ ކަމެއް ދާނީ ހިނގަމުންނެވެ.

ވޭތުވެދިޔަ ސަތޭކަ އަހަރަށް ބެލި ނަމަވެސް، ރާއްޖޭގެ ވެރިކަމުގައި މިދެންނެވި ކަންކަން ހިނގާ ގޮސްފައިވެއެވެ. މުލީގޭ މަނިއްޕުޅު އެތެރެކޮއިލުން ބޭރުވެވަޑައިގެން، ދެން ހިންގެވި ސިޔާސީ ސަނގަލައިގައި ދެވަނަފަހަރަށް ކުޅިޖެއްސެވުމާއި، ހާޖީ ޢިމާދުއްދީން ރަދުން ސުވޭހުގައި ހުންނަވަން މެދުވެރިވުމާއި، އަދި ރަންނަބަނޑޭރި ކިލެގެފާނު ތަޚްތުގައި އިށީނދެވަޑައިނުގެންނެވުމާއި، އޭގެއިތުރަށް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހުރިހާ މަގާމަކުން އިސްތިޢުފާ ދެއްވައި އެކަހެރިވެވަޑައިގަތުމަށްފަހު، ދެވަނަފަހަރަށް އެނބުރިވަޑައިގަތުމަށް ކުރެއްވި މަސައްކަތް އިހުނަށްވުރެ މާ ބާރުގަދަވެފައި، އެކަމަށް އޮތް ނިޔަތް އެތައް ގުނައަކުން ފުންވެގެންދިޔަކަން ފާހަގަކުރެވެއެވެ. ފާއިތުވި ޤަރްނެއްހާ ދުވަހު ރާއްޖޭގައި ކަން ހިނގާ ގޮސްފައިވަނީ މިމަގުންނެވެ. ރައީސް އިބްރާހީމް ނާޞިރު ރާއްޖޭގެ ވެރިކަމުން ވަކިވެވަޑައިގެން، ސިންގަޕޫރުގައި ހޭދަކުރައްވަން ޖެހުނު ދުވަސްތަކާއި، ދާދި އިހަކަށްދުވަހު މާލޭގެ ހުކުރު މިސްކިތު ހަރިންމައިގައި އެކިލެގެ ފަސްދާނު ވެޑުވުނު ވެޑުވުމަކީ، ޢިބްރަތުގެ ފިލާވަޅުތަކެވެ. ތާރީޚީ ޙަޤީޤަތެވެ.

ކޮންމެ ވެރިއަކުވެސް އެބޭފުޅެއްގެ ވެރިކަމުގައި ޤައުމަށްޓަކައި ކޮށްދެއްވި ޚިދްމަތްތަކަކާއި މިންނެތް މަސައްކަތްތަކެއް ހުރެއެވެ. ހަމައެއާއެކު، އެބޭފުޅެއްގެ ވެރިކަމެއްގެ ދާވަނީގައި ކިލަނބުކަމާއި އަނދިރިކަން އެކުލެވިގެންވާ ސިފަތަކެއް އިސްކުރެއްވުމުގެ ސަބަބުން، ހިނގާދިޔަ ނުއެކަށޭނަ ކަންތައްތަކެއްވެސްވެއެވެ. މިއީ މިޒަމާނުގެ ވިސްނުމުންނާއި، ރައްޔިތުންގެ ބާރާއި ޑިމޮކްރަސީގެ އާރު އެތަނެއްގައި ހިފެހެއްޓި، ދެމެހެއްޓި، ލެހެއްޓިފައިނުވާތީ މެދުވެރިވި ކަންކަމެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގައި ޤައުމަށް ގިނަގުނަ ޚިދްމަތްތަކެއް ކުރެވިފައިވާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. އަދި ހަމަ އެ ވެރިކަން ސިފަކުރުމުގައި މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރެވެއެވެ. އެންމެ ފުރަތަމަ އެ 30 އަހަރާ ގުޅުވައިގެން ދެއްކޭ އަނިޔާވެރިކަމުގެ ވާހަކައެވެ. އެއަށްފަހު، އިޖްތިމާޢީ ޢަދާލަތު ރައްޔިތުންގެ ކިބައިން ގެއްލި، ޙައްޤުތައް ފައިދަށުލެވި، ނާޖާއިޒު ފައިދާއާއި ކޮރަޕްޝަންގެ އުފުލިފައިވާ ތުހުމަތުތަކެވެ. އެއާއެކު ތިންވަނައަށް އެ ވެރިކަމުގައިވާ ޢާއިލީ ސިފަތަކާއި، ވިރާސީ ބައްޓަން އެއީ މިހާރު ފާއިތުވެފައިވާ އެހެނަސް އޭރުގެ ޙަޤީޤަތެވެ.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އޭގެ ކުރީގެ ރައީސަށް ދެއްވަންޖެހޭ ޤަދަރާއި އިޙްތިރާމް ނެތިވެގޮސް، އިބްރާހީމް ނާޞިރަށް ޖެހުނު ނިކަމެތި ދަތުރު ނުޖެހުނުނަމަ، އެ އާދަ މިޤައުމުން ނައްތާލުމަށް މިއަދު މަސައްކަތް ކުރާކަށް ނުޖެހުނީހެވެ. އެވާހަކަތަކާއި އެ ޝަކުވާ މިއަދުގެ ދިވެހި ޤައުމު ބަރުދާސްތު ކުރާކަށް ނުމެޖެހުނީސްމެއެވެ.

އެއް ރިޔާސަތުން އަނެއް ރިޔާސަތަށް ބަދަލުވުމަކީ ބަދަހި ގުޅުމެއް އިސްކޮށް، ޤައުމަށްޓަކައި ނިޔަތް އާކުރަންޖެހޭނެ ކަމެއްކަން އެންމެ ފުރަތަމަ ދުވަހުވެސް މިސަރުކާރުން ވާނީ ދެނެގެންފައެވެ. އަދި އެ އަމާޒު ހިފެހެއްޓުމަށް ވޭތުވި އަހަރެއްހާ ދުވަހު ކެތްތެރިކަމާއި، އަޑުއެހުމާއި ބަލައިގަތުމުގެ ސިފަ ސަރުކާރުން ވާނީ ހިފަހައްޓާފައެވެ.

މި މުހިންމު ދަނޑިވަޅުގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށާއި، ދިވެހި ރައްޔިތުންގެ ޕާޓީއަށް ފާގަތިކަމާއި ކުރިއެރުން އެދެމެވެ.]