ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް، ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާ އެކުގައިކަމަށް ވިދާޅުވެފައި ވެއެވެ. އަދި ކުރީގެ އަމީރުގެ ދުރުވިސްނުންފުޅާ ހިންގުންތެރިކަމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމެއްގެ ގޮތުގައި ޤަޠަރު ވެގެން ދިޔަކަމަށާއި، ނަމޫނާއެއްފަދަ އެމަނިކުފާނުގެ ވެރިކަމާ، ޙިކުމަތްތެރިކަމާ، ކަމަށް ކަމޭހިތްތެވުމާއެކު، ޤަޠަރުގެ ރައްޔިތުންނާއި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތައް ތާއަބަދު ހަނދާން ހުންނާނެ ކަމުގައި ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤަޠަރުގެ ކުރީގެ އަމީރު، ސުލްޙަ ޤާއިމު ކުރެއްވުމަށާ، ތަރައްޤީއާ، ދީލަތިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކުން، އަންނަން އޮތް ޖީލުތަކުންވެސް ނަމޫނާ ލިބިގަންނާނެ ކަމުގައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ، ކުރީގެ އަމީރުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ޤަޠަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ، މަސްޖިދު ޝައިޚް ޤާސިމްބިން އާލްޘާނީ ފަދަ މުހިއްމު މަޝްރޫޢުތަކުގެ ފައިދާ ނުހަނު ބޮޑަށް ދިވެހި ރައްޔިތުންނަށް މިއަދުވެސް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށާއި، ޤަޠަރުގެ ޝާހީ ޢާއިލާއަށާއި، ޤަޠަރުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ފުރާނަފުޅަށް، ރަޙްމަތްލައްވައި، ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށް އެދިވަޑައިގެން މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އަދި ހިޒް ހައިނަސް ޝައިޚް ތަމީމް އާއި ޝާހީ ޢާއިލާއަށް ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް މި ޝުޢޫރުތައް ފާޅުކުރައްވައި ޕޯސްޓެއް ޙިއްސާ ކުރައްވާފައި ވެއެވެ.