ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 26 ޖުލައި 2009 ދުވަހު އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިންތިޚާބު ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދު، ޤާނޫނުއަސާސީގެ 165 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރައްވައި، ހައިކޯޓުގެ 3 ފަނޑިޔާރަކު ސޮއިކުރައްވައި 21 ޖަނަވަރީ 2010 ދުވަހު ޤަރާރެއް ނެރުއްވާފައިވާތީ، އަދި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައި، އެމަޤާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެމަޤާމަށް މީހަކު އަލުން ޢައްޔަންކުރަންވާނެކަމަށް ބުނެފައިވާތީ، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނުމަށްޓަކައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ހައިކޯޓުގެ ފަނޑިޔާރުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ނަން، މިއޮފީހަށް ފޮނުއްވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ވަނީ ދަންނަވާފައެވެ.

އަދި ޤާނޫނުއަސާސީގެ 165 ވަނަ މާއްދާގެ ދަށުން، ޢަބްދުލްޣަނީ މުޙަންމަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް، ހައިކޯޓުގެ 3 ފަނޑިޔާރަކު ސޮއިކުރައްވައި 21 ޖަނަވަރީ 2010 ދުވަހު ޤަރާރެއް ނެރުއްވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަބްދުލްޣަނީ މުޙަންމަދު 26 ޖުލައި 2009 ދުވަހު ހަމަޖައްސާފައިވާ ހަމަޖެއްސުން ނިމުމަކަށް އައިސްފައިވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދަށް ދަންނަވާފައެވެ.

އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަކިކުރުމުގައި ހައިކޯޓުން ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންކަމަށްވީނަމަވެސް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ލިބިދޭ ކޮންމެ ބާރެއްގެ ބޭނުން ހިފަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިންނެވެ. ހައިކޯޓުގެ 3 ފަނޑިޔާރުން ސޮއިކުރައްވައި 21 ޖަނަވަރީ 2010 ދުވަހު ނެރުއްވާފައިވާ މިޤަރާރު ނެރުއްވުމުގައި، ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުން ކުރައްވާފައިވަނީ، ހައިކޯޓުގެ ފަނޑިޔާރަކު އިންތިޚާބުކުރުމުގައި ގެންގުޅުއްވި ހަމަތަކުގެ ބޭރުން، ޑިމޮކްރެސީގެ ރިވެތި އުޞޫލުތަކާ ޚިލާފަށް ކަމަށާއި، އަދި ދީމުޤްރާޠީ މުޖްތަމަޢެއްގައި ޤަބޫލު ކުރެވޭ ހަމަތަކާއެއްގޮތަށް ނޫންކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށާއި، އަދި މިބާރު ބޭނުންކުރައްވާފައިވަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާމެދު ރައްޔިތުންގެ ކުރީމަތީގައި އިތުބާރު ގެއްލޭފަދަ ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ނިންމަންޖެހޭ މުއްދަތު އެޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މިއަދަށް ހަމަވާއިރު، އެގަވާއިދުތަކުގެ ތެރެއިން ގިނަ ގަވާއިދުތައް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އިން ލާޒިމްކުރާފަދައިން ޢާންމުންނަށް ލިބެންހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް ޢާންމުކޮށް ޝާއިޢުކޮށްފައި ނުވާކަމާއި، އަދި އެކޮމިޝަނުން ކުރައްވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޢާންމުންނާ ޙިއްޞާކުރައްވަނީ ވަރަށް ކުޑަ މިންވަރަކަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ، އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ. އަދި 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި، އެޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، އެޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅަންވާނެކަމަށް ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، އެމަސައްކަތް އެމުއްދަތުގެ ތެރޭގައި ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.