ރީތިރަށް ރިޒޯޓުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކަށް ޞުލްޙަވެރި ޙައްލަކަށް އާދެވިފައިވާތީ، ދިވެހި ސަރުކާރުން އެކަމަށް މަރްޙަބާ ވިދާޅުވެއެވެ.

ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު މެދުވެރިވެވަޑައިގެން، މިރިޒޯޓުގައި މަސައްކަތްކުރާ މީހުންނާއި ރިޒޯޓުގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ދެފަރާތުގެ ދެމެދުގައި މިހާރުވަނީ އެއްބަސްވުމަކަށް އާދެވި، އެމް.އޯ.ޔޫ އެއްގައި ސޮއިކުރައްވާފައެވެ. އަދި އެ ރިޒޯޓުގައި މަސައްކަތްކުރާ މީހުން މިއަދުވަނީ މަސައްކަތަށް އެނބުރި ނުކުމެފައެވެ.

އެމް.އޯ.ޔޫ.ގައިވާ ގޮތުން، ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތަށް މުވައްޒަފުންނާ ދޭތެރޭ ރިޒޯޓުގެ މެނޭޖްމަންޓްގެ ފަރާތުން ކަންތައްތައް ކުރައްވަން ތާވަލެއް އެކަށައަޅުއްވަން ޖެހެއެވެ. އަދި މިހަޅުތާލުގައި ބައިވެރިވި މުވައްޒަފުންނާ ދޭތެރޭ މެނޭޖްމަންޓްގެ ފަރާތުން ފިޔަވަޅު ނާޅުއްވާނެ ކަމަށާއި، ރިޒޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހަމަ ވަގުތުން މަސައްކަތަށް އެނބުރި ނުކުންނާނެ ކަމުގައިވެސް އެމް.އޯ.ޔޫ.ގައި ބަޔާން ކޮށްފައިވެއެވެ.

މި އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވީ، ކަރޒްނަރ އިންޓަރނޭޝަނަލް ރިޒޯޓް އޮޕަރޭޓަރުގެ ފަރާތުން މިސްޓަރ ޕޯލް ޖޯންސް އެވެ. އަދި ހަޅުތާލު ކުރި މުވައްޒަފުންގެ ފަރާތުން އަލްފާޟިލް އަޙްމަދު ޢީސާއެވެ.

މިދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މެދުވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މަސައްކަތް ކުރެއްވި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް މި އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވިއެވެ.

މި އެމް.އޯ.ޔޫ.އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެފައިވަނީ، މިއާދެވުނު އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރްޙަބާ ވިދާޅުވާ ކަމަށާއި، ދެފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ތަޢުރީފު ކުރައްވާ ކަމަށެވެ. މިއަދުގެ މި އެއްބަސްވުން އެއީ ތާރީޚީ ކަމެއްގެ ގޮތުގައި ނާއިބު ރައީސް ފާހަގަކުރައްވައެވެ. އަދި ހަޅުތާލު ކުރާ މުވައްޒަފުންނާއި އެތަނެއްގެ މެނޭޖްމަންޓާ ދެމެދު ސަރުކާރު މެދުވެރިވެވަޑައިގެން، އެއްބަސްވުމަކަށް ކައިރި ތާރީޚެއްގައި އާދެވުނު މިއީ ފުރަތަމަ ފަހަރެވެ.