ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެކޮމިޓީގެ އެދިވަޑައިގަތުމުގެ މަތިން ހަމަޖެއްސެވި މިބައްދަލުކުރެއްވުމުގައި، ފުވައްމުލަކުގެ މިހާރުގެ ޙާލަތާމެދު ތަފާތު މަޢްލޫމާތު ދެއްވަމުން، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެކި ޖަރީމާތަކާއި ކުށްކުރުން އެއަތޮޅުގައި އިތުރުވެ، މަސްތުވާތަކެތީގެ މައްސަލަތަކާއި، އަންހެން ކަނބަލުންގެ ޢިއްފަތްތެރިކަން ނަގާލުމާއި، ބޮޑެތި މާރާމާރީ ހިންގުމާއި، އިންސާނުންގެ ފުރާނައަށް ގެއްލުންވާފަދަ ލާއިންސާނީ ޢަމަލުތައް، ނިސްބަތުން ގިނަވަމުންދާކަމުގެ ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީއިން މައިގަނޑު އެއްކަމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މުހިންމު ބިލްތަކެއްގެ މަސައްކަތް ހަލުވިކަމާއެކު ނިންމަވައިދެއްވާތޯ އެމަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އެބޭފުޅުން ކުރައްވާ އިލްތިމާސެވެ. ހަމައެޔާއެކު، ބޮޑެތި ޖަރީމާތަކާއި ކުށްތައް އިތުރުވިޔަނުދިނުމަށް އެޅުއްވެންހުރި ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި މިކޮމިޓީއިން ވަނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. މިކޮމިޓީއިން ފާހަގަކުރައްވާ ގޮތުގައި، އެބޭފުޅުންގެ މަސައްކަތް ބިނާވެގެންވަނީ ރަށުގެ ރައްޔިތުންނާއި، ޚާއްޞަކޮށް، ޒުވާނުން އެކިއެކި ކުށްކުރުމުން ދުރުހެލިވެ، ފައިދާހުރި ގޮތްގޮތަށް ވަގުތު ހޭދަކުރުމުގެ މައްޗަށެވެ. އެހެންކަމުން، ކަމާގުޅޭ ހުރިހާ ފަރާތަކާގުޅިގެން އެކިބާވަތުގެ ކުށްތަކާ ދުރުހެލިކުރުވުމަށް އެކަށައެޅޭނެ ތަފާތު ޕްރޮގްރާމްތައް އެކޮމިޓީއިން ހިންގަވާނެ ކަމަށްވެސް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައިވެއެވެ.

ފުވައްމުލަކުގައި ކުށްކުށާއި ޖަރީމާތައް ބެލެހެއްޓެވުމުގައި ޙަރަކާތްތެރިވެލައްވާ ފުލުހުންގެ ޢަދަދާއި، އެބޭފުޅުންނަށް ބޭނުންކުރެއްވެންހުރި ވެހިކަލްފަދަ ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިލްތިމާސް ކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީއިން ކުރައްވާ މަސައްކަތްޕުޅުތައް ސަރުކާރުން ފާހަގަކުރައްވާ ކަމަށާއި، އެބޭފުޅުން އެދިވަޑައިގެންނެވި ކަންކަމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިބާވަތުގެ ކަންކަމަކީ، މެދުނުކެނޑި ރަނގަޅުވަމުންދާ ނަތީޖާތަކެއް ނެރުމަށްޓަކައި ކުރު މުއްދަތުގައި އަދި ދިގު ރާސްތާގައި ޢަމަލުކުރެވޭނެ އެކަށައެޅުންތަކެއް ހުރެގެން އެކަންކަމާމެދު ފަރުވާތެރިކަމާއެކު މަސައްކަތްތަކެއް ކެނޑިނޭޅި ކުރަންޖެހޭ ކަންކަމެވެ. އެހެންކަމުން، ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީއަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާއަކުން އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކުށްކުރުމާއި، މަސްތުވާތަކެތީގެ މައްސަލަތައް އަދި ހަމައެޔާއެކު، އަންހެން ކަނބަލުންގެ ޢިއްފަތްތެރިކަން ނަގާލުމަށް ކުރާ ކުށްތަކާއި، މާރާމާރީފަދަ ކަންކަން ހުއްޓުވުމުގައި ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި ފުވައްމުލަކުގެ 1225 ރައްޔިތުން ސޮއިކުރައްވާފައިވާ އިލްތިމާސެއް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވާފައެވެ.