ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ ހަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީ ކުރައްވަމުންގެންދަވާ ގުޅީފަޅު ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ގުޅީފަޅަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގުޅީފަޅަށް ކުރެއްވި ޒިޔާރަތުގައި، ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ހިންގަވާ ގުޅީފަޅުގައި މިހާރު ހިއްކާފައިވާ ބިމުގައި ރިވެޓްމަންޓާއި ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ދާގޮތް ބައްލަވާލެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި 100 މީޓަރުގެ ބަނދަރަކާއި، ޖުމްލަ 1442 މީޓަރު ދިގުމިނުގެ ދެ ރިވެޓްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.

ގުޅިފަޅު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފުރަތަމަ ފިޔަވަހީގައި، ގުޅީފަޅުން 10 ހެކްޓަރުގެ ބިންހިއްކާފައިވެއެވެ. ގުޅީފަޅު ތަރައްޤީ ކުރެއްވުމުން، އެތަނުގައި ޞިނާޢީ ސަރަޙައްދަކާއި، ބަނދަރުގެ ޚިދްމަތްތަކާއި، ގުދަން ކުރުމުގެ ޚިދްމަތްތަކާއި، މިކަންކަމާ ގުޅޭ ޒަމާނީ ފަންނީ ޚިދްމަތްތައް ދެވޭނެ ވަސީލަތްތައް ޤާއިމު ކުރެވޭނެއެވެ.