ލޮލުގެ ޒަމާނީ ފަރުވާތައް ދިނުމުގައި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިޓަލީވިލާތުގެ އިލްމޯ އިންސްޓިޓިއުޓްގެ މުއައްސިސް ޑޮކްޓަރ ރޮބާޓޯ ޕިނެލީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ ރޮބާޓޯ ޕިނެލީގެ މަސައްކަތްޕުޅު، އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވަނީ، ލޮލަށް ފަރުވާކުރެއްވުމުގެ ދާއިރާގައި ވަރަށް އަގުބޮޑު ފަންނީ ސާމާނާއި ބޭސް، އޭނާ ޅ. ނައިފަރު ހޮސްޕިޓަލަށް ހަދިޔާ ކުރައްވައި، އެ ހޮސްޕިޓަލްގައި މަސައްކަތް ކޮށްދެއްވާފައިވާތީ ކަމުގައި ވިދާޅުވިއެވެ. ޗުއްޓީ ހޭދަކޮށްލެއްވުމަށް ޑޮކްޓަރ ޕިނެލީ 2009 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި، ހަތްލައްކަ ޔޫރޯގެ އަގުހުރި ސާމާނާއި ތަކެތި، ނައިފަރު ހޮސްޕިޓަލަށް ހަދިޔާކޮށްދެއްވާފައިވާތީ، އެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ޑޮކްޓަރ ޕިނެލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ގޮތުގައި، އޭނާ އިސްވެރިޔަކަށް ހުންނަވާ އިލްމޯ އިންސްޓިޓިއުޓް މެދުވެރިކުރައްވައިގެން، ރާއްޖޭގައި ލޮލުގެ ޒަމާނީ ފަރުވާތައް ހިލޭ ދެއްވުމުގެ އިންތިޒާމެއް ހަމަޖެއްސެވުމަށް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ލޮލުގެ އޮޕަރޭޝަންތައް ކުރައްވާ ޑޮކްޓަރުންނަށް ތަމްރީނު ދެއްވާ އިސް ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ރޮބާޓޯ ޕިނެލީ ހުށަހެޅުއްވި ގޮތުގައި، ލޮލުގެ ޒަމާނީ ފަރުވާ ދެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް، އަންނަ އޭޕްރިލްހާ ތާނގައި މާލޭގައި ހިންގެވުމަށް އޭނާއާއެކު އިތުރު ޑޮކްޓަރަކާއި އެހީތެރިން ވަޑައިގެންނެވުމަށް މިހާރުވަނީ ނިންމަވާފައެވެ. އަދި މިދަތުރުފުޅުގައި، ލޮލުގެ ފަރުވާ ދެއްވުމުގައި ޙަރަކާތްތެރިވެލައްވާ ދިވެހި ޑޮކްޓަރުންނަށް ތަމްރީނު ދެއްވުމާއެކު، ލޮލުގެ ފަރުވާ ދެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް މުޅިން ހިލޭ ދެއްވަން ފެށްޓެވުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، އިލްމޯ އިންސްޓިޓިއުޓްގެ ޚަރަދުގައި މުޅިން ހިލޭ މިދެއްވާ ތަމްރީނާއި ފަރުވާ ދެއްވުމުގެ ދެތިންބުރު، އަހަރުތެރޭ ހިންގެވުމަށްވެސް ހަމަޖެހެމުންދާ ކަމުގައި ޑޮކްޓަރ ޕިނެލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

އިޓަލީވިލާތުގެ އިލްމޯ އިންސްޓިޓިއުޓަކީ ލޮލުގެ ފަރުވާ ދެއްވުމުގައި އެންމެ ޒަމާނީ ކުރިއެރުންތައް ޙާޞިލުކޮށްފައިވާ އިންސްޓިޓިއުޓެކެވެ. ސައިންސްގެ ރޮނގުން ކުރިހޯދާފައިވާ އިޓަލީވިލާތުގެ ނިސްބަތުން ގިނަ އިދާރާތަކާ އިލްމޯ އިންސްޓިޓިއުޓް ވަނީ ގުޅިފައެވެ.

ރާއްޖޭގައި ޒަމާނީ ލޮލުގެ ފަރުވާ ދެއްވުމުގެ މަސައްކަތްތައް، އަންނަ އަހަރު ހިންގަވައިދެއްވުމަށް އިލްމޯ އިންސްޓިޓިއުޓުން ހުށަހަޅުއްވަނީ، އެބޭފުޅުންގެ ޚަރަދުގައި މުޅިން ހިލޭ ކަމުގައި ޑޮކްޓަރ ރޮބާޓޯ ޕިނެލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.