އެއްބައިވަންތަ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ "ޑްރޮއިންގ ދަ ވޭވް"ގެ ނަމުގައި ބޭއްވުނު ފޮޓޯއާއި ކުރެހުމުގެ މަޢުރަޟެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ރޭ ހުޅުއްވައިދެއްވައިފިއެވެ.

މި މަޢުރަޟު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަޢުރަޟު ބައްލަވާލެއްވިއެވެ.

"ޑްރޮއިންގ ދަ ވޭވް" އަކީ ސުނާމީ ކާރިސާއަށްފަހު، ތ. އަތޮޅު ބުރުންޏަށާއި، މަޑިފުށްޓަށާއި އަދި ދ. އަތޮޅު މީދުއަށް މިސިޒް ރަގްނީ ޢަފީފް ކުރެއްވި ދަތުރުތަކަށް ބިނާކުރައްވައި އެކުލަވާލައްވާފައިވާ މަޢުރަޟެކެވެ. މި މަޢުރަޟުގައި ދައްކުވައިދެނީ، ސުނާމީ ކާރިސާއާ ގުޅޭގޮތުން އެތިން ރަށުގެ ކުޑަކުދިންތަކެއް ކުރަހާފައިވާ ކުރެހުންތަކަކާއި އަދި އެދަތުރުތަކުގައި، މިސިޒް ރަގްނީ ޢަފީފް ނަންގަވާފައިވާ ފޮޓޯތަކެކެވެ.

"ޑްރޮއިންގ ދަ ވޭވް"ގެ މިކުރެހުންތަކާއި ފޮޓޯތައްވަނީ މީގެކުރިން ނޯވޭގައިވެސް އެކިފަހަރުމަތިން ދައްކާފައެވެ.