ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމްގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅުގައި ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ފަރިއްކޮޅުގައި، ދެޤައުމުގެ ވެރިން ވަނީ ބަޔާނެއް ދެއްވައި، ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށާއި، ކުރިމަގަށް ކުރައްވާ އުންމީދުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ މި ގުޅުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ދާއިރާއިން އޮތް ގުޅުމެއް ނޫންކަަން ފާހަގަކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މި ގުޅުމަކީ، ތަޢުލީމާއި، ދޭދޭ ރައްޔިތުންގެ ގާތްކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާއަކީ ގިނަ ދިވެހިންނަށް ދެވަނަ ވަޒަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ގްރެޖުއޭޓް ޕާސް ސްކީމްގައި ދިވެހިރާއްޖެ ހިމަނައިދެއްވި ކަމަށްޓަކައި އެ ޤައުމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި ސްކީމްގެ ދަށުން، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތަކާއި، ވިސާ ހޯދުމުގައި، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ލުއިފަސޭހަ ގޮތްތައް ފަހިވެގެން ދާނެއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި، ސައިބަރ ސެކިއުރިޓީއާއި، ޞިއްޙީ އަދި އިންސާނީ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ވުނަކުރުމާއި، ނޫ އިޤްތިޞާދުގެ ދާއިރާއިން ކުރިއެރުން ހޯދުމުގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އަލިއަޅުއްވައިލެއްވިއެވެ.

އަދި، މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ފަހިކޮށްދީފައިވާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ޕްރެފެރެންޝަލް ޓްެރޭޑް އެގްރީމަންޓެއް ތަޢާރަފްކުރުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓްރޯނާސްއާ ގުޅިގެން ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތަކާއި މިނިރަލްސް ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަށް ނިންމި ނިންމުމަށްވެސް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޕުތްރަޖަޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ބިމެއް ދިނުމާމެދު ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ސާބިތުކަމާއެކު އުޞޫލުތަކުގައި ހިފަހައްޓާ ޤައުމެެއްކަަން ފާހަގަކުރައްވައި، ޙައްޤު ދިފާޢުކުރުމުގައި ކެނޑިނޭޅި މަަސައްކަތްކުރާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ލީޑަރޝިޕާ، ހިންގުންތެރިކަން އަދި ޤައުމުގެ ތަރައްޤީއަށް ގެންގުޅުއްވާ ތަޞައްވުރަށް އެމަނިކުފާނު އިތުބާރުކުރައްވާކަަމުގައިވެސް ވިދާޅުވިއެވެ.

ކަރަންސީ ސްވޮޕް އެއްބަސްވުމަށް އިޝާރާތްކުރައްވައި، އެމަނިކުފާނު ވަނީ ރާއްޖެއާއެކު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ފަރިއްކޮޅުގައި މެލޭޝިއާގެ ވަފުދުގެ އިތުރުން، ދިވެހި ދަޢުލަތުގެ ވެރިންނާއި، ޢިއްޒަތްތެރިން އަދި، ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ބައިވެރިވެޑައިގެންނެވިއެވެ.