މެލޭޝިއާގެ ބޮޑުވަޒީރު، އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަންނަވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. އަދި، އެއަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވާފައިވެއެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމްދީނާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެ ޤައުމުން ގެންގުޅޭ އެއްގޮތް ވިސްނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރޭގައި، ދިފާޢީ އަދި އިސްލާމް ދީނާ ގުޅުންހުރި ކަންކަމާ ގުޅޭ ފަހުމުނާމާ ތަކެއްގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ ގުޅޭގޮތުން މަޝްވަރާތައް ފައްޓަވާނެ ކަމުގައި އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮންސިއުލަރ އަދި ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަނީ ފުރަމާނަ ޖާފަތެއް ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައެވެ.