ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދުއަށާއި ތުޅާދުއަށް އިއްޔެ ވަޑައިގެން، އެދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ދެރަށުގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި، މިހާތަނަށް ހިންގިފައިހުރި ބައެއް ޕްރޮގްރާމްތަކުން ހޯދިފައިވާ ކާމިޔާބުތަކާބެހޭ ތަފްޞީލު ދެއްވިއެވެ. މީގެތެރޭގައި، ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ދަށުން، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމުގައި، ލިބިފައިވާ ކުރިއެރުންތަކާއި، ސިއްޙީ ޚިދްމަތް ރަނގަޅު ކުރުމުގެ ގޮތުން، މަދަނައިގެ ދަށުން ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި ތަޢްލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް، ރާއްޖޭގައި ޤާއިމު ކުރެއްވުމުގައި، ހޯދިފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގޮއިދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2008 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު، ގޮއިދޫ ސްކޫލްގެ ނަތީޖާ، 13 އިންސައްތަ ރަނގަޅުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ތުޅާދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތުޅާދޫ ބިންހިއްކުމުގެ މަޝްރޫޢުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެގޮތުން، ސަރުކާރުގެ ބޭނުމަކީ ހިއްކިބިމެއް ހެދުން ނޫން ކަމަށާއި، އަމާޒަކީ ތަރައްޤީވެފައިވާ ތުޅާދޫއެއް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް އެރަށުގެ ރިވެޓްމަންޓް މަސައްކަތްފެށި، މާލަސްތަކެއްނުވެ ބިން ތަރައްޤީކުރަން ފެށޭނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، ތުޅާދޫގައި 100ގެ އެޅުމުގެ ފައިސާ މިހާރުވަނީ ހަމަޖެހިފައި ކަމަށާއި، ކުރިއަށްއޮތް ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގައި، އެ މަސައްކަތަށް ބީލަން ހުޅުވާލެވޭނެކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުތުރުގެ ބައެއް ރަށްރަށް މިކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެއެވެ.