ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގައި، ޓޫރިޒަމް ނޫން އެހެނިހެން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކާއި، އެ ތަންތަން ކުއްޔަށްދިނުމުގައި ޢަމަލުކުރާނެ ޝަރުޠުތަކާއި އިޖުރާތުތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އިޤްތިޞާދީ، ސިނާއީ އަދި އިޖްތިމާޢީ ކަންކަން ފަދަ އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކަނޑައެޅުމާއި، ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށް، ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތަކާއި އިޖުރާތުތައް ބަޔާންކޮށްފައިވެއެވެ.
ފަޅުރަށްރަށަށް މިހާރު ކުލި ނަގަމުން އަންނަނީ އަކަމީޓަރަކަށް 10 ލާރީގެ މަގުންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާވަމުންދާއިރު، އެކަށީގެންވާ ކުލި ކަނޑައެޅުމަށްޓަކައި، ކުލީގެ އަދަދުވެސް ވަނީ އިޞްލާޙުކޮށްފައެވެ. އެގޮތުން، ސިނާއީ ބޭނުމަށާއި އިޤްތިޞާދީ ބޭނުމަށް އަކަމީޓަރަކަށް 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި، އަދި އިޖްތިމާއީ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނެގުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ވަރުވާއަށް ދޫކުރުމަށް ކަނޑައަޅައިފައިވަނީ އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާގެ ރޭޓުން ކުލިނަގާ ގޮތަށެވެ.
ބިލުގައި ކަނޑައަޅައިފައިވާ ނިޒާމުގެ ދަށުން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ފަތުރުވެރިކަމާއި، ސިނާއީ ބޭނުމަށާއި ދައުލަތުގެ ބޭނުމަށް ފިޔަވައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ ކައުންސިލު ތަކުންނެވެ.
މި ބިލުގައި ބަޔާންކުރާ ކަންކަމަށް ޢަމަލުކުރަން ފަށާނީ މި ބިލު ތަޞްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އުވުނީއެވެ.