ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލަކީ 2026 އޯގަސްޓް 23 ވީ އާދީއްތަ ދުވަހު އޮތް، މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ 5 އިންސައްތަ، 10 އިންސައްތައަށް ބޮޑުކުރުމެވެ. އަދި އެ ޢަދަދަކީ އެ ފަރާތްތަކުން ދައްކަން ޖެހޭ ފުރިހަމަ ޢަދަދު ކަމަށް ކަނޑައެޅުމެވެ.

މި އިޞްލާޙުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. މި އިޞްލާޙުގެ ސަބަބުން ނޮން-ރެސިޑެންޓުންގެ ޓެކްސް ބަޔާން ހުށަހެޅުމުގެ އިދާރީ މަސައްކަތަށް ލުއިފަސޭހަކަން ލިބޭނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަސްދީޤުކުރައްވާ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާހަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.