ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 23 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިންނެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މި ބިލުގައި ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ޚިދުމަތަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. މި އިޞްލާޙާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީ.އެސް.ޓީ ނެގޭނެ މުދަލާއި ޚިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

މި އިޞްލާޙު އަމާޒުކުރެވެނީ، އޯފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގުމަށެވެ. އެގޮތުން، އެފަދަ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 (ސަތާރަ) އިންސައްތައިގެ ރޭޓުންނެވެ.

އަލަށް ތަޢާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ. އަދި މި އިޞްލާޙާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ އަންގަވާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.