ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ އެގާރަ ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި، ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަޙައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް މަގުފަހިކޮށްދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގައި ހިންގާ ޢުމްރާނީ މަސައްކަތްތަކާމެދު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ވެގެންދާއިރު، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށްވެސް ލުއި ފަސޭހަ ވަސީލަތްތަކެއް ޤާއިމުކުރެވޭނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލޯންޗުތައް ބޭނުންކުރާ ސަރަހައްދުގައި އިތުރު ފިންގަރ ޖެޓީތައް ޤާއިމުކޮށް ލަފާ ފުރުން މިހާރަށްވުރެ ފަސޭހަކޮށް ކުރިއަށްގެންދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތްކުރާނީ މާލޭ ރިންގް ރޯޑުގެ އެމް.ޕީ.އެލް އިން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތާ އެކުއެކީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ދުވަހު ޤައުމާ މުޚާޠިބުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރައްދުވި ފާޑުކިޔުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ބިނާކުރަނިވި ފާޑުކިޔުމަށް މަރުޙަބާ ވިދާޅުވާކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މިނިވަން ދުވަހު އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ، މާޒީގައި ކަން ހިނގާފައި އޮތް ގޮތާއި، އަޅުގަނޑުމެން އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ގޮތާއި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ކަންކަން ޕްލޭންކުރެވިފައި އޮތް ގޮތް ބަޔާންކޮށްދެއްވުމުގެ މައްޗަށް ކަމުގައި ވިދާޅުވެފައެވެ. ޚާރިޖީ ސިޔާސަތުގެ ވާހަކަވެސް ތަފްޞީލުކޮށް ދައްކަވާފައިވަނީ، ޤައުމެއްގެ މިނިވަންކަމާއި ޚާރިޖީ ސިޔާސަތާ ގުޅިލާމެހިފައިވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކޮރަޕްޝަނާއި ޤައުމަށް ދިމާވެފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް ތަފާސްހިސާބުން ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ދެއްކެވީ، ޤައުމުގެ ކަންކަން އިޞްލާޙުކުރެއްވުމުގެ ހެޔޮ ނިޔަތުގައި، އިޚުލާޞްތެރިކަމާއެކު ދެއްކެވި ވާހަކަފުޅުތަކެއް ކަމުގައި ވިދާޅުވިއެވެ.