ރާއްޖޭގައި ފަރުފަޅުގެ ދިރުން އާލާކުރުމުގެ މަސައްކަތަކީ، ރާއްޖޭގެ ފުރިހަމަ މުއްސަނދިކަމާއި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް، އޭގެ އެންމެ ހެޔޮ އަދި އެންމެ ދެމެހެއްޓެނިވި ގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތްތަކެއް ފަހިކުރުމުގެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މޯލްޑިވްސް ސީފުޑް ޕްރޮސެސަރޒް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަނުން އިންތިޒާމް ކުރައްވައިގެން، ރާއްޖޭގައި ފަރުފަޅުގެ ދިރުން އާލާކުރުމުގެ ޞިނާޢަތު ތަޢާރަފް ކުރުމަށް، އާރަށުގައި މިއަދު ހަވީރު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ކަޅުބިލަމަހުގެ މަސްވެރިކަން އަހަރުން އަހަރަށް ހީނަރުވަމުން އަންނަކަމާއި، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ އެހެން މަސައްކަތްތައް ފެންނާން ހުރިއިރުގައި، އެމަސައްކަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ނުކޮށް ދޫކޮށްލުމަކީ، ބުއްދިވެރި ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ޞިނާޢަތް ތަރައްޤީ ކުރައްވާނެ ޤާބިލް ބޭފުޅުން އެބަތިއްބެވި ކަމަށާއި، ރާއްޖެ މިއަދު މިއޮތީ ފަރުފަޅުގެ ދިރުން އާލާކުރުމުގެ ޞިނާޢަތް ފުޅާދާއިރާއެއްގައި ހުޅުވާލައި، ފަށައިގަތުމަށް ތައްޔާރުވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަރުފަޅުގެ ދިރުން އާލާކުރުމުގެ ޞިނާޢަތު ތަޢާރަފް ކުރުމަށް އާރަށުގައި މިއަދު ހަވީރު ބޭއްވެވި ޖަލްސާގައި، ރާއްޖޭގައި މިހާރު ކުރެވެމުންދާ މިފަދަ މަސައްކަތްތަކާއި، އަދި މި ދާއިރާއިން ރާއްޖެއަށް ފުރިހަމަ އާމްދަނީއެއް ލިބިދާނެފަދަ މަސައްކަތްތަކާބެހޭ ޕްރެޒެންޓޭޝަންތައް ދެއްވުން އޮތެވެ.