މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާޢީ، އިޤްތިޞާދީ، އަޚްލާޤީ އަދި ޤައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހަށް ޚާއްޞަ ކުރެވިފައިވާ، މިއަހަރުގެ ޝިޢާރުކަމުގައިވާ "ވަރލްޑް ޑްރަގް ޕްރޮބްލަމް: ޕަރސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" ނުވަތަ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން، މަސައްކަތް ކުރުމަށް، ދިވެހިރާއްޖެ އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢާއެކުގައި ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމަޢަށް ނެރުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ޚިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، މިފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަން ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމަޢުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުޞަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ޤައުމެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.