ރުހުން ލިބިވަޑައިނުގަތުމުގެ ސަބަބުން ވަޒީރުކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް ސްޕްރީމް ކޯޓުން ޙުކުމް އިއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކީ، އެ ޙުކުމަށް ތަބަޢަވެވަޑައިގެން ކުރިއަށްވަޑައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވާ ވަޒީރުންނަށް އެމަގާމުތަކުގައި ދެމިނުތިއްބެވޭނެ ކަމަށް ސްޕްރީމް ކޯޓުން ރޭ ޙުކުމް ކުރެއްވުމާ ގުޅިގެން، އެ ޙުކުމުގެ މައްޗަށް ބައްލަވާލައްވައި މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމުގައި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށާއި، މިކަމުގައި ލިބޭ ކިތަންމެ ޢިބްރަތެއް އެބަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރު ވެރިކަމުގެ ފަރާތުން އެއްކިބާވެފައިވާ މުސްތަޤިއްލު ސްޕްރީމް ކޯޓެއް އުފެއްދިފައިވާކަން ފާހަގަކުރައްވައި، އެއީ، ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށާއި، އެއީ، އަޅުގަނޑުމެންގެ މަސައްކަތުގެ ވަރަށްބޮޑު ޙިއްޞާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، މިއަދަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސްކަމަށްވުމާއެކު، މި ދުވަހު މިކަމަށް އިޙްތިރާމްކޮށް، ކޯޓު އެ ދެއްކި މަގުން ހިނގުން އެއީ، އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ވާޖިބެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.