ދައުލަތުގެ އެންމެމަތީ ވެރިޔެއްގެ ގޮތުގައި ހުންނެވިހާ ހިނދަކު ރާއްޖޭގެ ރައްޔިތަކަށް ނުޙައްޤު ބޮޑެތި ޖިސްމާނީ އަނިޔާ ނުލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސްކަމަށްވުމާއެކު، މިދުވަހުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުން އެދިގެން، ބުނެގެން، އުޞޫލެއްގެ ދަށުން ސަރުކާރުގެ ސިޔާސަތެއްގެ ދަށުން އެއްވެސް މީހެއްގެ ޙައްޤަކަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން އަރައެއްނުގަންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާތްވެގެންވާ އިސްލާމްދީނާއި، އަދި އިންސާނީ ތަޖްރިބާގައި އަޅުގަނޑުމެން ހޭދަކޮށްފައިމިވާ ހުރިހާ ދުވަހެއް ދައްކައިދީފައިވާ ޙަޤީޤަތްތަކަށް ބަލާއިރުގައި، އިންސާނާއަކީ އެންމެ ޙުރްމަތްތެރިކަމާއި އެންމެބޮޑު ޤަދަރާއި، އެންމެބޮޑު ޢިއްޒަތް ލިބިގެންވާ މީހާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އިންސާނާގެ ދިރުމަށް ނުވަތަ އިންސާނާއަށް އެއްވެސް ބާވަތެއްގެ ނުޙައްޤު އަނިޔާއެއް ލިބުމަކީ، ރާއްޖޭގެ ޤާނޫނުވެސް އަދި ރާއްޖޭގެ ރޫޙުވެސް އަދި މުޅި ދުނިޔެވެސް ކުޑަކޮށްވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، އެކަން ބަލަހައްޓައިގެން އަޅުގަނޑުމެން ނުތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިއަދަކީ މިއަހަރުގެ މަސްވެރިންގެ ދުވަސްކަމަށްވުމާއެކު، މިމުނާސަބަތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދުރު މުސްތަޤްބަލަށް މިވަގުތު ވިސްނުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، މި ވިސްނުމުގެ ތެރެއިން މަސްވެރިކަމަށް ގެނެވެންހުރި ބަދަލުތައް އެބަ ގެންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުމަހުގެ ރޯދި ލިބިގަތުމުގެ އިތުރުން، ރާއްޖޭގައި ދެން ލިބެންހުރި އެހެންވެސް ކަނޑުގެ ރޯދިތައް ބޭނުންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، ޚާއްޞަ ގޮތެއްގައި، ފަޅާއި، ފަރާއި، ވިލާ، މިތަންތަނުގައި ހުރި ދިރުމާއި، ޤުދްރަތީ މުއްސަނދިކަން ބޭނުންކޮށް، އެ މުއްސަނދިކަމުގެ ނަފާ، ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަކީ، މިވަގުތު ސަރުކާރުން ކުރައްވަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރުގެ ތެރޭގައި، އެކްއަރކަލްޗަރ ނުވަތަ މެރިކަލްޗަރގެ އެކިއެކި މަޝްރޫޢުތަކަށް ސަރުކާރުން ވެވަޑައިގެންނެވި މިންވަރަކުން އެހީތެރިކަން ދެއްވާނެކަން ހާމަކުރެއްވިއެވެ. އަދި އަޅުގަނޑުމެންނަށް މިމަސައްކަތްތަކުގައި ކުރިއަށްދެވި، މިމަގުގައި ހިފެހެއްޓިއްޖެނަމަ، ރާއްޖެއަށް ކަނޑުގެ މަސްވެރިކަން ދަށްވެގެން މިލިބޭ ގެއްލުން އިސާހިތަކު ފޫބައްދަން ފެށިދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.