މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ޕީ.އެސް.އެމް.ގެ ސީނިއަރ ޖަރނަލިސްޓް، ނިއުސް އެންޑް ކަރަންޓް އެފެއާޒް މަރްޔަމް ވަފާ.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ތިޔަބޭފުޅުންނާ މި ގަޑީގައި މި ބައްދަލުކޮށްލީ "ނޭޝަން ޗެޓް" މި ނަމުގައި ގެނެސްދޭ ވަރަށް ޚާއްޞަ ޕްރޮގްރާމެއް ތިޔަބޭފުޅުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި. އެކި ދުވަސްވަރު ރާއްޖޭގެ މަސްރަޙުގައި ހިނގަމުންދާ މުހިންމު ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ މެދުވެރިކޮށް ތިޔަބޭފުޅުންނާ ހަމަޔަށް މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ގެނެސްދޭ "ނޭޝަން ޗެޓް" މި ޕްރޮގްރާމަށް ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން.
"ނޭޝަން ޗެޓް" މި ޕްރޮގްރާމްގެ ޝަރަފްވެރި މެހްމާނަކީ، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.
ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ މި ޕްރޮގްރާމަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ.
ޕްރެޒެންޓަރ:
އަދި ރައީސްގެ ޝެޑިއުލްގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްލަދެއްވިކަމަށްޓަކައިވެސް ޝުކުރު ދަންނަވަން.
އަޅުގަނޑު އެންމެ ފުރަތަމަ ސުވާލު އަމާޒުކޮށްލާހިތްވަނީ، އަޅުގަނޑުމެންނަށް މިހާރު ފެނިގެން ގޮސްފައި މިވަނީ ވަރަށް ދިގު މުއްދަތަކަށް ޚާއްޞަކޮށް، ދިވެހި މަސްވެރިން އިންތިޒާރު ކުރަމުންދިޔަ ކަމެއް، އިނގިރޭސިވިލާތަށް މި ބޭރުކުރާ މަހުގެ ބާވަތްތަކުން މި ނަގަމުންދިޔަ ޓެރިފް މިއީ. 12 އަހަރުގެ
މި މަސައްކަތަށްފަހު އަޅުގަނޑުމެންނަށް މިއަދު ކާމިޔާބީއާ ހަމަޔަށް ދެވިފައިވާއިރު، ކިހާވަރެއްގެ މަސައްކަތްތަކެއް ރައީސް ކުރެއްވިތޯ، މިކަން ކާމިޔާބު ކުރެއްވުމަށްޓަކައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އާދެ، ވަރަށް މުހިންމު ސުވާލެއް ތިޔަ ކުރެއްވީ ފުރަތަމަވެސް.
އާދެ، ރާއްޖޭގެ މަސްވެރިކަމަކީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ޞިނާޢަތެއް. މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އިނގިރޭސިވިލާތަކީ ރާއްޖެއިން މަސް އެކްސްޕޯޓްކުރާ އެންމެ މުހިންމު އެއް ޤައުމު. އެހެންނަމަވެސް، ރާއްޖޭގެ މަހަށް 20 ޕަރސެންޓުގެ ޓެރިފެއް ނަގަމުން މި އަންނަނީ. ދެން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަމުން އައި ކަމެއް މިކަމަކީ. މިކަމުގައި ކާމިޔާބީއެއް ހޯދުމަށްޓަކައި މި ސަރުކާރު އުފެދުނީއްސުރެ އެކިއެކި މަސައްކަތްތައް ކުރެވުނު.
އަޅުގަނޑުމެންގެ ހައިކޮމިޝަނަރއެއްގެ ގޮތުގައި އެކޮޅުގައި ހުންނަވާ، މިހާރު އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރ އޭރުގައި ހުންނެވިއިރުގައިވެސް އެންމެ އިސްކަމެއް ދޭން އަޅުގަނޑު ދަންނަވާފައި އޮތް އަދި ކުރެއްވި އެންމެ ބޮޑު ކަމަކީވެސް މިކަމަށް މަސައްކަތް ކުރުން. އަދި އަޅުގަނޑުމެންގެ ފިޝަރީޒް މިނިސްޓަރވެސް އަދި އަޅުގަނޑު އިނގިރޭސިވިލާތަށް މި ކުރި ދަތުރުތަކުގައިވެސް އެންމެ އިސްކަމެއްދިނީ މިކަމަށް ލުޔެއް ހޯދުމުގެ މަސައްކަތް ކުރަން. އިނގިރޭސި ރަސްގެފާނާ ބައްދަލުވިއިރުގައިވެސް އަދި އޭރުގެ ފޮރިން މިނިސްޓަރާ އަޅުގަނޑު ބައްދަލުވިއިރުގައިވެސް އަދި ޕާލަމެންޓުގެ ފްރެންޑްޝިޕް ގްރޫޕް މީޓިންގގައިވެސް. ދެން މިހެންގޮސް އަޅުގަނޑު ބައްދަލުކުރި ހުރިހާ ފަރާތްތަކާވެސް އެންމެ ގިނައިން ދެއްކީ މިކަމާ ބެހޭ ވާހަކަ.
ދެން ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވެ، އަޕަރ މިޑްލް އިންކަމް ޤައުމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތީމަ އަންނަ ލިމިޓޭޝަންސްތަކެއް އައިސްފައި އޮތީ. އަދިވެސް ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ އެ ލެވެލްގެ ޤައުމަކަށްވާތީ އުނދަގޫތަކެއް ހުރިކަން. ދެން އިނގިރޭސިވިލާތުން ވަރަށް އިސްކަންދެއްވި، އަޅުގަނޑުމެންނަށް މި ލުއި ދިނުމަށް. އެއީ ރާއްޖެއަކީ ޕޯލް އެންޑް ލައިން ފިޝިންގގައި އެކަނި މަސައްކަތްކުރާ ހަމައެކަނި ޤައުމު. އެހެންވީމާ، ފުލީ ސަސްޓެއިނަބަލް، ހަންޑްރެޑް ޕަރސެންޓް ސަސްޓެއިނަބަލް ފިޝަރީޒް ޕްރެކްޓިސްކުރާ ޤައުމަކީ، ރާއްޖެ ކަމަށްވާތީ، އިނގިރޭސިވިލާތުން ވަރަށް އިސްކަންދެއްވި ރާއްޖެއަށް ގޮތްތަކެއް ހޯދައިދެވޭނެ ގޮތަކީ ކޮބައިތޯ، ޑަބްލިޔޫ.ޓީ.އޯ.ގެ މިންގަނޑުތަކާ ޚިލާފުނުވާނެ މިންގަނޑަކުން އިނގިރޭސި ކޮންސިއުމަރުންނަށްވެސް އޭގެ އެންމެ އަގުހެޔޮވާނެ ގޮތެއް އަދި ދިވެހި މަސްވެރިންނަށްވެސް އެންމެ ރަނގަޅުގޮތެއް ވާނެގޮތެއް ހޯދޭތޯ. އެހެންވީމާ، އެ މަޝްވަރާތައް ކުރިއަށްދިޔަ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި.
ދެން އަޅުގަނޑުމެން ވަރަށް އުފާކުރަން މި ދަނޑިވަޅުގައި، މި 2028ގެ ނިޔަލަށް ނިންމެވި ނިންމެވުން، މި ޓެރިފް ސަސްޕެންޑް ކުރައްވަން. އޭގެ ސަބަބުން އެންމެބޮޑު ލުޔެއް ލިބޭނެ ހަމަ ޔަޤީނުންވެސް ރާއްޖެއަށް. ރާއްޖޭގެ އެންމެބޮޑު ޓެރިފެއް އޮތީވެސް މިހާތަނަށް. ކުދި ޖަޒީރާ ޤައުމުތައް، ސީޑްސްގެ ތެރެއިންވެސް ރާއްޖެ އެކަނި ޓެރިފެއް އޮތް ޤައުމެއް ކަމުގައި އަޅުގަނޑަށް އެނގިފައި އޮތީ.
އެހެންވީމާ، ރާއްޖެއަށް ޙަޤީޤަތުގައި މި ލިބުނީ އެންމެބޮޑު ކާމިޔާބީ މި ނިންމުމުގެ ސަބަބުން. ދެން އޮފްކޯސް މި ޓޫނާ އެކްސްޕޯޓްކުރާ، ޔޫ.ކޭ. އިމްޕޯޓްކުރާ އެހެން ޤައުމުތަކަށްވެސް ހަމަ މި ލުއި، ޓެރިފް ޒީރޯނުވާ ޤައުމެއް އޮތިއްޔާ، އެ ޤައުމުތަކަށްވެސް ލުއި ލިބޭނެ. އެހެންނަމަވެސް، އެންމެބޮޑު ލުޔެއް ލިބުނީ ރާއްޖެއަށޭ.
އެހެންވީމާ، ރާއްޖޭގެ މަސްވެރިންނަށް އަޅުގަނޑު މި ވަގުތު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަދި އިނގިރޭސިވިލާތުގެ ރައްޔިތުންނަކީ ރާއްޖޭގެ މަސް ވަރަށްކަމުދާ ބައެއް. އިނގިރޭސިވިލާތުގެ މާކެޓްތަކުގައި ވަރަށްގިނަވާނެ، ސުޕަރމާކެޓްތަކުގައިވެސް ރާއްޖޭގެ މަސްދަޅުތައް. އެހެންވީމާ، މިއީ ވަރަށްބޮޑު ވިންއެއް ޙަޤީޤަތުގައި. ވިން ވިންއެއް ދެ ޤައުމަށްވެސް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް އުފާކުރަން އެކަން ހާސިލުވެގެންދިޔައީމަ. ދެން އިނގިރޭސި ސަރުކާރަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަން.
ޕްރެޒެންޓަރ:
ދެން އަޅުގަނޑުމެންނަށް ރައީސްގެ އެކިއެކި ސިޔާސަތުގެ ތެރެއިން ފާހަގަކުރެވުނު އެއްކަމެއް، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް މިއީ. މި ޕްރޮގްރާމާ ގުޅޭގޮތުން އެކިގޮތްގޮތަށް ތަފާތު ފަރާތްތަކުން ވާހަކަ ދެއްކެވި ނަމަވެސް، މިއީ މިހާތަނަށް އައިއިރު، ދެ ބުރެއްގެ މަތިން ގާތްގަނޑަކަށް 600 އަށްވުރެ ގިނަ ދަރިވަރުން މިވަނީ ތަމްރީނުވެފައި. މި ޕްރޮގްރާމް ޙަޤީޤަތުގައި ގެނައުމުގައި ނުވަތަ މި ސިޔާސަތު ތެރޭގައި ހިމެނުމުގައި ރައީސްގެ މައިގަނޑު މަޤްޞަދަކީ ކޮބައިތޯ އަދި މިއިން ނުކުންނާނެ ނަތީޖާއަކީ ކޮބައިކަމަށްތޯ ގަބޫލުކުރައްވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތަރައްޤީއަކީ ހަމައެކަނި އިމާރާތްތަކެއް ނޫން. ދެންމެ އަޅުގަނޑު މި ދެއްކި ވާހަކައަކީވެސް އިމާރާތުގެ ވާހަކައެއް ނޫން. އެއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށްޓަކައި، ރާއްޖޭގެ އެންމެ މުހިންމު އެއް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، އެ ތަރައްޤީ ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަޅުގަނޑުމެން ބައްޓަންކޮށްފައި އޮތް ގޮތުގެ ނަތީޖާއެއް. ރާއްޖޭގެ ރައްޔިތުން، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެންނާ ގާތް ޤައުމުތަކާ އެކީގައި އޮންނަ ގުޅުން ވަރުގަދަކޮށް، ހުރިހާ ޤައުމުތަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ ސިޔާސަތުގެ ތެރެއިން ބެލެންސް ފޮރިން ޕޮލިސީގެ ނަތީޖާއެއް. އެއީވެސް ތަރައްޤީ. އިމާރާތްތައް ކުރުމަކީވެސް ތަރައްޤީ. އަދި އެއަށްވުރެ މުހިންމު ތަރައްޤީއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އިންސާނުން ބިނާކުރުމުގެ ތަރައްޤީ. ޚާއްޞަކޮށް، ޒުވާނުން ބިނާކުރުމުގެ ތަރައްޤީ. ހެޔޮލަފާ، ޤައުމުދެކެ ލޯބިވާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި، މި ދެންނެވި ހުރިހާ ތަރައްޤީއަކަށްވުރެ މާނަހުރި ތަރައްޤީއެއް. އޭގެ ސަބަބުން ޤައުމަށް ލިބޭނެ ފައިދާ، އަންނަން އޮތް ޖީލުތަކަށް މާބޮޑުވާނެ.
އެހެންވީމާ، އަޅުގަނޑު ވިސްނީ، މިކަން ހާސިލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ. ބަލާފައި، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި، ނިންމި ނިންމުމެއް ޙަޤީޤަތުގައި ވަޠަނީ ޚިދުމަތުގެ ހަރަކާތަކީ، ނޫނީ ޕްރޮގްރާމަކީ. ދެން މިހާރު އެވަނީ ޑިފެންސް މިނިސްޓްރީގެ ރަސްމީ މެންޑޭޓް ތެރޭގައިވެސް އަޅުގަނޑުމެން ހިމަނައި، މިނިސްޓްރީގެ ނަންވެސް އެގޮތަށް ބަދަލުކޮށްފައި. އެކަމަށް އިސްކަން ދޭން އަޅުގަނޑުމެން އިތުރަށްވެސް ބޭނުންވާތީވެ.
ހަސަތޭކައެއްހާ ޒުވާނުން މިހާރު ތަމްރީނުކުރެވި، ފުރަތަމަ ބެޗްގައި ތަމްރީނު ކުރެވުނު ތިންސަތޭކައަށްވުރެ ގިނަ ޒުވާނުން. އޭގެތެރެއިން ވަރަށްގިނަ ޒުވާނުން ތިބީ މިހާރު ވަޒީފާގައި. ދެން އަނެއްކާ މިފަހަރު މި ތަމްރީނު ލިބުނު ޒުވާނުންވެސް އިރާދަކުރެއްވިއްޔާ ވަޒީފާއަށް ދާނެ. ޚާއްޞަކޮށް، ގިނައިން ސިފައިންގެ ވަޒީފާގައި އަދި ފުލުހުންގެ ވަޒީފާގައި. އަދި މިހެންގޮސް އެ ކުދިން ޗޫޒްކުރާ ހަމަ ކޮންމެ ދިމާއަކަށްވެސް އަޅުގަނޑުމެން މި ބަލަނީ ވަޒީފާއަށް ފޮނުވޭތޯ. އެއްކޮށް ޕްރައިވެޓް ސެކްޓަރއަށް ދާން ބޭނުންވާ ކުދިން އެކަނި އަޅުގަނޑުމެން މި ދޫކޮށްލަނީ. އެހެންނޫނީވިއްޔާ ސަރުކާރުގެ ކޮންމެވެސް ތަނަކަށް. ކަސްޓަމަށްވެސް ބައެއް ޒުވާނުންދޭ. ޕޮލިސް އަދި އިމިގްރޭޝަން، މިހެންގޮސް ޔުނީފޯމް ބޮޑީސް. އަދި އެނޫން ތަންތަނަށްވެސް ޝައުޤުވެރިކަން ފާޅުކުރީމަ، ފުރަތަމަ ބެޗްގައި ތަމްރީނުވި ޒުވާނުން އަޅުގަނޑުމެން ވާނީ ފޮނުވާފައި. ފެސިލިޓޭޓް ކޮށްދީފައި.
އެހެންވީމާ، މި ދެންނެވި ފަދައިން، ހުނަރުވެރި، އަޚްލާޤު ރަނގަޅު، ދީންދެކެ ލޯބިވާ، ޗެލެންޖަސްތަކާ ކުރިމަތިލާން ކެރޭ ޒުވާނުން ބިލްޑްކޮށްފައި، އެ ޒުވާނުންނަށް އަޅުގަނޑުމެން މަގުވެސް މި ދައްކައިދިނީ މި އެމްޕްލޯއިމަންޓް، އޮޕަޗުނިޓީ ހޯދައިދީފައި. އިޓްސް މޯރ އިމްޕޯޓެންޓް ކަމަށް އަޅުގަނޑު ދެކެނީ. އޭގެ ސަބަބުން ޤައުމަށް ކުރާ ފައިދާ މާބޮޑުވާނެ.
ދެން މި ބެޗް، މިފަހަރުގެ ބެޗް ނިމުނީމަ، އެ ނިމުނީކީ ނޫން. މި އަހަރު އަދި އިރާދަކުރެއްވިއްޔާ އިތުރު ދެ ބެޗް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ބަލާނަން. ޓާގެޓަކީ އަހަރު ނިމެންވާއިރަށް، 900 ނޫނީވިއްޔާ ގާތްގަނޑަކަށް ދެން 1000 ހަމަވޭތޯ ބަލަނީ. ދެން މި އަންނަ އަހަރުވެސް ހަމަ ހާހެއް، ނޫނީވިއްޔާ ދެން ގާތްގަނޑަކަށް އެހާވަރު. އެހެންވީމާ، އެކަހަލަ ގޮތަކަށް ކޮންމެ އަހަރަކުވެސް މި ބަލަނީ މިގޮތަށް ގެންދެވޭތޯ. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ ވަރަށްގިނަ ޒުވާނުންނާއި އަދި އެ ޒުވާނުންގެ ޢާއިލާތަކަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް އެބަ ލިބިގެންދާ ކަމަށް، އޭގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން މިކަން ކުރިއަށް ގެންދެވޭތީ. އަދި މިކަމުގައި އެމް.އެން.ޑީ.އެފް. އިން ދެއްވާ ސަޕޯޓް. އަދި އެހެން މުއައްސަސާތަކުންވެސް ދެއްވާ އިނގޭތޯ. ސަރުކާރުގެ ޖޮއިންޓް އެފަރޓެއް މިއީ. ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން. ދެން މިކަމުގައި އެމް.އެން.ޑީ.އެފް. މައި މުއައްސަސާއަކީ. އެހެންވީމާ، އެ ބޭފުޅުން ވަރަށް ވަރަށް އިސްކަންދެއްވާ މިކަމުގެ ހުރިހާ ކަމެއްގައިވެސް. އެހެންވީމާ، އެ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މައިންބަފައިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންނަށް މިކަމުގައި އިތުބާރު ކުރައްވާ ކަމަށްޓަކައި. އެއީ، ވަރަށްބޮޑު އިތުބާރެއް ކޮށްގެން ނޫނީވިއްޔާ، ވަރަށް ވަލްނަރަބަލް ކުދިންކޮޅެއް، ނޫނީވިއްޔާ ވަޒީފާއެއް ނެތިފައި، ގޮތެއް ނެތިފައި ތިބި ކުދިންނެއް އަޅުގަނޑުމެންނާ ހަވާލެއްނުކުރާނެ. އެހެންވީމާ، އަޅުގަނޑު ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް އިތުބާރުކޮށް، މި ޕްރޮގްރާމް މިގޮތަށް ކާމިޔާބުކަމާއެކީ ގެންދެވޭތީ. އަދި ބައިވެރިވާ ކުދިންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ، ވަރަށްބޮޑު ޖަރނީއެއް އެ ކުދިން މި ކަޑައްތު ކުރަނީ އަޅުގަނޑުމެންނާ އެކީގައި. ވަރަށް ޓަފް ކަންތައްތަކެއް މި ކުރަނީ. ދެން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މިކަން ކުރިއަށް ގެންދެވޭތީ.
ޕްރެޒެންޓަރ:
ރައީސް ތި ފާހަގަކުރެއްވީ، ޤައުމު ތަރައްޤީކުރުމަށްޓަކައި ވަރަށް މުހިންމު ދާއިރާއެއް. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 1980 އިން ފެށިގެން ޤައުމަށް އިޖުތިމާޢީ ގޮތުން އެކި މައްސަލަތައް ކުރިމަތިވާ އެއް ކަމަކަށް، މި ބިދޭސީންގެ މައްސަލަ ވެފައި މިވަނީ. ޚާއްޞަކޮށް، ގަވާއިދާ ޚިލާފަށް މި އުޅެމުންދާ ފަރާތްތައް. ރާއްޖޭގެ ވިޔަފާރި ސެކްޓަރއަށް ބަލާއިރުވެސް. އަދި އެނޫން އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައިވެސް. އޭގެތެރޭގައި، މަސްތުވާތަކެއްޗާއި އަދި މަރާމާރީފަދަ ކަންތައްތައްވެސް އެބަ ހިމެނޭ. އެކި ސަރުކާރުތަކުން އެކި ދުވަސްވަރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އެކަން ޙައްލުކުރުމަށް. އެހެންނަމަވެސް، ނުކުރެވި އޮތް ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިހާރު އެބަ ފެނިގެންދޭ، ވަރަށްބޮޑު ބަދަލެއް މި ދާއިރާއަށް އަންނަމުންދާ ތަން. ކިހާވަރެއްގެ އިސްކަމެއް ދެއްވައިގެން އަދި މިއާއެކީގައި ކިހާވަރެއްގެ ބަދަލެއް އަންނާނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ޤައުމުގެ މުޖުތަމަޢު ޙައްލުކުރުމަކީ ވަރަށް އިސްކަމެއްދޭންޖެހޭ ކަމެއް. މިވެސް ތަރައްޤީގެ ތެރޭގައި ހިނގާ ކަމެއް އިނގޭތޯ. އަޅުގަނޑު ދެންމެ މި ފާހަގަކުރިގޮތަށް، ތަރައްޤީއަކީ ހަމައެކަނި ފެންނަން ހުންނަ އިމާރާތެއް ނޫނޭ. މާނަހުރި ތަރައްޤީއަކީ އަތްލެވޭ ކަންކަމާއި، އަތްނުލެވޭ ކަންކަން، ހުރިހާ ކަމެއް ހިމެނޭގޮތުން ކުރެވޭނެ ކަމެއް. ކުރަންޖެހޭ ކަމެއް. އެހެންވީމާ، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑު މި މަސައްކަތް ފެށީ. އަޅުގަނޑުގެ ޒިންމާ. މި މަގާމުގައި ހުންނަ މީހެއްގެ ޒިންމާއެއް، އިޚްލާޞްތެރިކަމާއެކީގައި ޤައުމުގައި ހުރި ކަންކަން ޙައްލުކުރަން މަސައްކަތް ކުރުން. އެހެންވީމާ، ބިދޭސީންގެ މައްސަލައަކީ ވަރަށްބޮޑުވެފައި އޮތް މައްސަލައެއް. އެތައް ޒަމާނެއް، އެތައް އަހަރަކުން ފެށިގެން އައިސް ޙައްލުނުވެފައި އޮތް ކަމެއް. ޑްރަގުގެ މައްސަލައަކީ އަދި އެއަށްވުރެ ބޮޑު މައްސަލައެއް. އަދި އެއަށްވުރެ ގިނަދުވަސްވީ މައްސަލައެއް. އަދި އެއާ ގުޅިގެން އަންނަ އެކިއެކި ކަންކަން. އޭގެތެރޭގައި، ގޭންގުތައް އުފެދުމާއި، ގޭންގުތަކުން ހިންގާ މާރާމާރީއާއި، ކުށްތަކާ، މި ހުރިހާ ކަމެއްވެސް. މިކަންކަން ޙައްލުކުރާކަށް ނެތް މީގެކުރީގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް. އެއީ، އަޅުގަނޑު ހިތުން ނުވާނެ އެއްގޮތަކަށްވެސް ފެކްޗުއަލީ ރޯންގް ވާހަކައަކަށެއް. ސިޔާސީގޮތުން ބައްޓަންކުރެވޭ ސްޓޭޓްމަންޓަކަށްވެސް. އެއީ ޙަޤީޤަތް.
ދެން އެހެންވީމާ، މިކަންކަން ރަނގަޅުކުރަން ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިން. ދެން އިރާދަކުރެއްވީތީ ނަތީޖާ ވަރަށް ރަނގަޅު. މި ތިން ދާއިރާއިންވެސް ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވިއްޖެ.
އަޅުގަނޑު ފޯނުން ސްޓެޓިސްޓިކްސް ބަލައިލާފައި ދަންނަވާލަން ޤަޞްދުކުރަން. އަޅުގަނޑު އަތުގައި އެބަހުރި ކޮންމެވެސްވަރަކަށް ޑޭޓާ ހޯދިފައި. ތިޔަ ވިދާޅުވި ކަންތަކުގައި އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން.
މިސާލަކަށް، މި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައިގައި. އެއްކަމަކީ މި ސަރުކާރު އަންނަންދެން އަޅުގަނޑުމެންނަކަށް ނޭނގޭ، ތިބީ ކޮންބައެއްކަންވެސް. އެ މީހުންގެ ޑޭޓާއެއް ނެތް. މިގޮތުން ބަލާއިރުގައި، 2013 އިން، އަޅުގަނޑު މި ބަލަނީ، މި ސަރުކާރަށް ދެ އަހަރާއި ބައިވީމަ، މިދިޔަ ދެ ސަރުކާރުގައިވެސް ފުރަތަމަ ދެ އަހަރާއި ބައިގެ ސްޓެޓިސްޓިކްސް. ނޫނީވިއްޔާ ދެން އެއަށްވުރެ ދިގުކޮށްވިޔަސް. 2013 އިން 2016ގެ މެދަކާ ހަމަޔަށް، ނޫނީ އޭރުގެ ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި، ސްޓެޓިސްޓިކަލީ ނެތް، މި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާ، މިކަމަށް ކަމެއް ކުރެވިފައި އޮތް ކަމަކަށް ރެކޯޑްސްތައް ފެންނާކަށެއް. ދެން މިދިޔަ ސަރުކާރުން. މިދިޔަ ސަރުކާރުގެ މުޅި ފަސް އަހަރުގެ މުއްދަތުގައި ބަލާކަމަށްވަންޏާވެސް، ބައޯމެޓްރިކްސް ނެގިފައި ވަނީ 27,200 ބިދޭސީންގެ. މި ސަރުކާރުގެ މި ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު 206,400 މީހުންގެ ބައޯމެޓްރިކްސް ނަގައިފިން. މިހާރު ބާކީތިބީ އެންމެ އެއް ޕަރސެންޓުގެ މީހުންގެ، ބިދޭސީންގެ ނުނަގާ. މިއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ޔޫ.އޭ.އީ.އާއި ސިންގަޕޫރާ އެކަނިކަންނޭނގެ، މިވަރުގެ ސްޓެޓިސްޓިކްސްއެއް. ނައިންޓީ ނައިން ޕަރސެންޓް އެޗީވްކޮށްފައި ވަނީވެސް. އެހެންވީމާ، ވަރަށްބޮޑު ކާމިޔާބީއެއް. ވަރަށްގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތެއް. ދެން މި މައްސަލައިގައި ބަލާއިރުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގަވާއިދާ ޚިލާފަށް އުޅެގެން ޑީޕޯޓްކުރި ބިދޭސީންނަށް ބަލާއިރުގައި، 2013ގެ ނޮވެންބަރުން 2016ގެ މޭ މަހުގެ ނިޔަލަށް އެއްވެސް މީހަކު ޑީޕޯޓް ކުރެވިފައިވާ ކަމަކަށް ނެތް. މިދިޔަ ސަރުކާރުގައި، 2018ގެ ނޮވެންބަރުން 2021ގެ މޭ މަހާ ހަމަޔަށް ޑީޕޯޓްކޮށްފައި ވަނީ 2600 މީހުން. މި ސަރުކާރުން މި ދެ އަހަރާ ބައިގެ ތެރޭގައި 12,193 މީހުން އަޅުގަނޑުމެން ޑީޕޯޓްކޮށްފިން. ދެން ހަމަ މިއާ ގުޅިގެން ރެގިއުލަރައިޒޭޝަން މަސައްކަތްވެސް ވަރަށްބޮޑު ތަނުން އަޅުގަނޑުމެން މަތިވާނެ.
ދެން ފާހަގަކުރެއްވި މައްސަލައަކީ، ޑްރަގްސް. ޑްރަގްސްގެ މައްސަލައަށް ބަލާއިރުގައިވެސް މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި، 1294 ކިލޯގްރާމްގެ ޑްރަގްސް އަޅުގަނޑުމެން އަތުލައިފިން. އޭގެ ކުރީ އަހަރު، ކުރީ ދައުރުގެ ދެ އަހަރާ ބައިގެ ތެރޭގައި 1003 ކިލޯގްރާމް ހިފެހެއްޓިފައި ވަނީ. އަދި އޭގެ ކުރީ އަހަރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި 154 ކިލޯގްރާމް.
ދެން ޑްރަގްސްއާ ގުޅިގެން އަންނަ ގޭންގުތަކުގެ އެކިކަހަލަ ކްރައިމްސްތަކަށް ބަލާއިރުގައި، ގޭންގް ރިލޭޓަޑް ޑެތްސް. ގޭންގް ރިލޭޓަޑް ޑެތްސް، 2013ގެ ނޮވެންބަރުން 2016ގެ މޭ މަހާ ހަމަޔަށް 12 ޒުވާނަކު ވަނީ ގޭންގް ރިލޭޓަޑް މާރާމާރީގައި ނިޔާވެފައި. 2018ގެ ނޮވެންބަރުން 2021ގެ މޭ މަހަށް، ގޭންގް ރިލޭޓަޑް ޑެތްސްގައި 7 ޒުވާނަކު ނިޔާވެފައިވޭ. މި ސަރުކާރުގައި ސުމެއްގައި އިނގޭތޯ. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އެއްވެސް މީހަކު ގޭންގް ރިލޭޓަޑް ކުށްތަކުގައި ނެތް މި ދުނިޔެ ދޫކޮށް ގޮސްފައެއް. އަޅުގަނޑުމެން ވަނީ ވަރަށް އިސްކަންދީފައި، ޑްރަގްސް އެތެރެކުރުމާއި އަދި ނައްތައިލުމާއި، ބޭނުންކުރާވަރު ކުޑަކުރުމުގައި. ވަރަށް މަސައްކަތްތަކެއް ކޮށްގެން ޑްރަގް ޓްރެފިކިންގގައި މިހާރު އެވަނީ ޑެތް ޕެނަލްޓީ އަޅުގަނޑުމެން ޤާނޫނުގައި ކަނޑައަޅާފައި. ވަރަށް ހަރުކަށި އަދަބު. އަދި އެހެން މެޝަރޒްތައްވެސް ލާފައި. އަދި އެއާއެކީގައި، ގޭންގްތައް ކަނޑައަޅަންވެސް ޤާނޫނުގައި އެއޮތީ މިހާރު އިޖުރާތް ކަނޑައަޅާފައި. ކޯޓު މެދުވެރިކޮށް ގޭންގެއްގެ ގޮތުގައި ކަނޑައެޅޭ އުޞޫލާއި، ގޭންގްތަކާ ގުޅޭ އެކިއެކި ކަންކަން މިހާރު އެންފޯސް ކުރުމުގައި ވަރަށްގިނަ ކަންކަން އެވަނީ މިހާރު ޤާނޫނުގެ ތެރެއިން ހަމަޖައްސައި، އެންފޯސް ކުރަން ފެށިފައި. އެކަމުގެ ސަބަބުން ގޭންގް ރިލޭޓަޑް ޑެތްސް، މި ދެންނެވިހެން މިދިޔަ ދެ އަހަރާ ބައިގައި اَلْحَمْدُ للَّهِ ހަމަ އެއްވެސް މީހަކު ނެތް، މި ދުނިޔެ ދޫކޮށްފައެއް. އެހެންވީމާ، ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. މީގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއިން ރަނގަޅު ނަތީޖާ، ޙަޤީޤީ ރިޒަލްޓްސް އިރާދަކުރެއްވިއްޔާ އެބަ ނެރެވޭ. އެހެންވީމާ، އަޅުގަނޑުމެން ކޮންޓިނިއު ކުރާނަން މިކަންކަން. މިކަންކަމުގައި އަޅުގަނޑުމެން ބޭނުންވަނީ ޢާންމުންގެ އެއްބާރުލުން. ކޮންމެގޮތެއްވިޔަސް، މި ޤައުމުގެ ޒުވާނުން މި ނުބައި ކުށުން ސަލާމަތްކޮށް، މެއިންސްޓްރީމް ކުރުމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ޒުވާންކުދިން މި ނުބައި އާދައިން، ޑްރަގްސްއާއި ގޭންގް ރިލޭޓަޑް ކަންކަމުން ދުރަށްދާން. ދުރަށްގޮސް ކޮންމެވެސްކަހަލަ ވިޔަފާރިއެއް ފެށުން، ނޫނީވިއްޔާ ކޮންމެވެސްކަހަލަ ވަޒީފާއަކަށް ދިޔުން. އެފަދަ ކޮންމެވެސް ކަމަކަށް އަޅުގަނޑުމެން ބޭނުން މަގުފަހިކޮށްދޭން.
އެހެންވީމާ، އެކަހަލަ ވަރަށްގިނަ ފުރުޞަތުތައް، މިހާރު އެސް.އެމް.އީ. ޑިޖިޓަލް ބޭންކުގެ ތެރެއިން އަޅުގަނޑުމެން އެބަ ފެސިލިޓޭޓް ކޮށްދެން މައިކްރޯ އިންވެސްޓްމަންޓްސް މީޑިއަމް، ސްމޯލް އަދި މީޑިއަމް އިންވެސްޓްމަންޓްތަކާއި، ކުދިކުދި ލޯނުތައް ދޫކުރުމާއި، މިފަދަ އެތައް ކަމެއް މިހާރު ފަށައިފިން. އެއްވެސްގޮތަކުން ބޭންކުން އެއްވެސްކަހަލަ ލޯނެއް ނުލިބޭނެ ކަހަލަ ފަރާތްތަކަށް ޚާއްޞަ ސްކީމެއްވެސް އެމް.އެމް.އޭ މެދުވެރިކޮށް މިއޮތީ މިހާރު ފަށާފައި. "މިކްސީ" ކަންނޭނގެ ކިޔަނީ. އޭގެތެރެއިންވެސް ވަނީ މިހާރު ލޯނު ދޫކުރަން ވަރަށް ވަރަށް ޚާއްޞަ ސްކީމެއް ފެށިފައި.
އަޅުގަނޑުމެން ބޭނުންވަނީ ޒުވާންކުދިން މި ނުބައި އާދަތަކުން ސަލާމަތްކޮށް، އެ ކުދިންނަކީ އެމްޕަވަރ ކުރެވިފައި ތިބި ބަޔަކަށް ހަދަން. އެހެންވީމާ، މިއީ އެ ވަށާޖެހޭ ސިޔާސަތުގެ ނަތީޖާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އެންމެންދޭ އެއްބާރުލުން، ހުރިހާ ރައްޔިތުންދޭ އެއްބާރުލުމުގެ ނަތީޖާކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިކަންކަން މިހެންމިދާ ސަބަބަކީ.
ޕްރެޒެންޓަރ:
ދެން ޢުމްރާނީ ތަރައްޤީ އަޅުގަނޑުމެންނަށް ދޫކޮށްނުލެވޭނެ، ޤައުމުގެ ތަރައްޤީގެ ވާހަކަދައްކާއިރު. ސަރުކާރަށް ދެ އަހަރާ ބައި ވެގެންދިޔައިރު، ކޮބައިތޯ ރައީސް ފާހަގަކުރައްވާނެ މުހިންމު ކަންތައްތަކަކީ ޢުމްރާނީ ދާއިރާއިން؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޢުމްރާނީ ތަރައްޤީއަކީ މުހިންމު ކަމެއް އިނގޭތޯ. ޢުމްރާނީ ތަރައްޤީ ދެން ނުގެނެސް ޤައުމުގެ ތަރައްޤީއެއް ފުރިހަމައެއްނުވާނެ. ދެން މިގޮތުން ބަލާއިރުގައި، ބޯހިޔާވަހިކަމަކީ އެންމެ މުހިންމު އެއް ދާއިރާ. ދެން އެއަށް ވަކިންވެސް ދެވިދާނެ. އެކަމަކު ދެންހުރި ކަންކަމަށް ބަލާއިރުގައި، މެގުހެދުން، ބަނދަރުތައް ހެދުން، ބިން ހިއްކުން، އެއަރޕޯޓް އެޅުން. މިހެންގޮސް، ސްކޫލްތައް، ހޮސްޕިޓަލް، މިހެންގޮސް ވަރަށްގިނަ މަޝްރޫޢުތަކެއް އެބަ ހިންގޭ. ދެން އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވީއިރުގައި، އިޤްތިޞާދު އޮތް ޙާލަތަކީ އެއީ އިގްނޯރ ކުރެވޭނެ ކަމެއްނޫން. އެއީ، މެއިން ފެކްޓަރއެއް، އަޅުގަނޑުމެން ކަންކަން ރައްޔިތުންނަށް ޑެލިވަރ ކުރަން ބަލާއިރުގައި. އެއަށް ޑިޕެންޑްނުވެ ކަންކަމެއް ނުކުރެވޭނެ. އޭގެ ސަބަބުން އެކި ނަތީޖާތައް ނުކުންނަކަމެއް އެއީ. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑު މަސައްކަތެއް މިކުރީ ބޭރުގެ ދަރަނިތައް ދައްކަން. ފައިސާ އެއްކުރަން. އެގޮތުން، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ވަރަށްވަރަށް ކެއަރފުލީ މެނޭޖްކޮށްގެން ފައިސާ ޖަމާކޮށްފައި، އެ ފައިސާއާއި އަދި އެހެންގޮތްގޮތުން އަޅުގަނޑުމެން މިވަނީ ރައްޔިތުންނަށް ބުރަނުވާނެ ގޮތަކަށް، ކުރީ ސަރުކާރުން ނަގާފައި އޮތް ސުކޫކުވެސް ޕޭކޮށްފައި. އަދި އިތުރު ވަރަށްގިނަ ދަރަނިތައްވެސް ދައްކައިފިން. ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި މިހާރު މިދިޔަ ސާޅީހަކަށް ދުވަސްތެރޭގައިވެސް މި ދެއްކީ. އަދި އޭގެކުރިން ދިޔަ ދެ އަހަރުތެރޭގައިވެސް ވަރަށްގިނަ ދަރަނިތަކެއް މިވަނީ ދައްކައި އަދި އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއި، ގާތް ގުޅުމުގެ ތެރެއިން ބައެއް ދަރަނިތައް މިވަނީ ލަސްވެސްކޮށްދެއްވާފައި.
އެހެންވީމާ، އެ ދަރަނިތަކާ ގުޅިގެން ވަރަށް މުހިންމު ކަމަކަށް މިވަނީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސްތައް މެނޭޖްކުރުން، ތާވަލުކުރުން، ނޫނީވިއްޔާ ތަރުތީބުކުރުން. ދެން އެއާއެކީގައި، ފުރަތަމަ 2024ގެ ތެރޭގައި މި ދެންނެވި ދަރަނިތަކުގެ މައްސަލަ އެއް ރީޒަން. ދެވަނަ ރީޒަނަކީ، އަޅުގަނޑުމެންނަށް ތަންފީޒު ކުރަން ލިބުނު ބަޖެޓަކީ، މަޝްރޫޢުތައް ހިންގޭގޮތަކަށް ފަރުމާކޮށްފައި އޮތް ބަޖެޓެއް ނޫން. އެއީ އެ ނިމިގެންދިޔަ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ފާސްކުރި، އޭރުގެ ފިނޭންސް މިނިސްޓަރު ހުށަހެޅި ބަޖެޓެއް. ދެން އަޅުގަނޑަށް ފުރުޞަތުދިން، ޓްރާސްސިޝަން ޕީރިއަޑްގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން ހުށަހަޅަން. އަޅުގަނޑުމެން ދިނިން ފުލް ބަޖެޓަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް. އަޅުގަނޑުމެން ބޭނުންވާ ބަޖެޓް ފިގަރސްއާ އެކީގައި ފުލް ބަޖެޓެއް ހަދާފައި ދިނިން. އަޅުގަނޑުމެންގެ ޓީމު އެކީގައި ތިބެގެން. ދެން ނަމަވެސް، އެއަކަށް ނުބަލާ. ދެން ނަމެއްގައި ބަޖެޓް ފާސްކޮށްލީ. އެއްގޮތަކަށްވެސް ބޭނުންކުރެވޭކަހަލަ ގޮތަކަށް ނޫން އޮތީކީ. ދެން އެނީވޭ، އެ އަހަރުތެރޭގައިވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރެވޭތޯ ބެލިން. ދެން 2025 ގައި އަޅުގަނޑުމެންގެ މެންބަރުން ތިބެގެން އަޅުގަނޑުމެންގެ ސަރުކާރުން ހުށަހެޅި ބަޖެޓުގެ ތެރެއިން ބޮޑެތި ކަންކަން މި ފެށުނީ. ގިނަ ކަންކަން ފެށުނީ. ދެން މި އަހަރު އެކަން މި ކޮންޓިނިއު ކުރަނީ. ދެން ނަންބަރސް ހުރިހާ އެއްޗެއް ކިޔާކަށްނޫން. އެހެންނަމަވެސް، ކޮމްޕެއަރކުރާ ކަމަށްވަންޏާ ކުރިން ދެންނެވި ފަދައިން، މި ސަރުކާރުގެ ދެ އަހަރާ ބަޔާއި މިދިޔަ ސަރުކާރުގެ ދެ އަހަރާ ބަޔާ ކޮމްޕެއަރ ކުރިޔަސް ވަރަށް ތަފާތު. ދެން އޮފްކޯސް މިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި ކޯވިޑްވެސް އައި. އެއަށްޖެހޭނެ ފެކްޓަރ ކުރަން. ދެން އޭގެކުރިންދިޔަ އަހަރެއްހާ ދުވަސްދިޔަ. ދޮޅު އަހަރެއްހާ ދުވަސް، ނޫނީ އަހަރަކާ ދުވަސްކޮޅެއް. އެހެންވީމާ، މަސައްކަތްތައް އަޅުގަނޑުމެންގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި ފުރަތަމަކޮޅު މިހިރީ ކުރެވިފައި. އިރާދަކުރެއްވީތީ ވަރަށް ތަފާތު، ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ.
ބިން ހިއްކުމަށް އެކަނި ބެލިކަމުގައިވިޔަސް، 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކިއްޖެ، ދެ އަހަރާ ބައިގެ ތެރޭގައި. 1100. އެއީ، ވަރަށްގިނަ ހެކްޓަރު. ގާތްގަނޑަކަށް އެކާވީހަކަށް ރަށުގެ މަސައްކަތް މިއީ. ދެން މީގެތެރެއިން ބޮޑު ޗަންކެއް، އޮފްކޯސް ރަސްމާލެއަށް އެބައޮތް. ރަސްމާލެއަށް އެކަނި ފައްސަތޭކައެއްހާ ހެކްޓަރު މިހާރުވެސް ހިއްކިއްޖެ. ބާކީ 500 އެއީ އެހެން ރަށްރަށް. އެހެންވީމާ، އެކި ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢުތައްވެސް ހިނގާ. ބިން ހިއްކަނީ ކީއްކުރަން. ބިން ހިއްކަނީ ބިންނެތީމަ. އޭގެ ސަބަބުން ޢުމްރާނީ ތަރައްޤީގެ ފުރުޞަތުތައް ނެތީމަ. ބޯހިޔާވަހިކަމުގެ ފުރުޞަތު ނެތީމަ. އެއަރޕޯޓް އަޅަންޖެހޭ ރަށްރަށުގައި އެއަރޕޯޓް އަޅާނެ ފުރުޞަތުތައް ނެތީމަ.
އެހެންވީމާ، މި މަޝްރޫޢަކީ ޚަރަދު ބޮޑު، އެހެންނަމަވެސް، އޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ނަޒަރިއްޔާތަކުން ބަލަންޏާ މުހިންމު މަޝްރޫޢެއް. އަޅުގަނޑުމެން ބޭނުންވަނީ އަރބަން ޕްލޭން. އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި އަރބަން ޑިވެލޮޕްމަންޓް ފަރުމާ މި ކުރަނީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. ނޯޑްލް ޑިވެލޮޕްމަންޓްތަކެއް އެބަ ޤާއިމުކުރަން. މިސާލަކަށް، މި އެއަރޕޯޓުތައް ޤާއިމުކުރާ ތަންތަނަކީ، އޭގެ ސަބަބުން ޕޮޕިއުލޭޝަން ކޮންސޮލިޑޭޝަނަށްވެސް އޭގެ ފައިދާވާނެ ރަށްރަށް. ދެން އެހެންވީމާ، އޭގެތެރެއިން ބިން ހިއްކުން އެގޮތަށް. ބަނދަރު ހެދުންވެސް އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބެލި ނަމަވެސް ހަމަ ވަރަށްގިނަ މަޝްރޫޢުތަކެއް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖެ.
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް، މި ދެންނެވި ހުރިހާ ކޮންސްޓްރެއިންތަކުގެ ތެރެއިންވެސް، ބޭރުގެ ފައިސާ ދެއްކުމާއި އަދި މި ދެންނެވިހެން 2024 ގައި އަޅުގަނޑުމެންނަށް މި ކުރިމަތިވި، ބަޖެޓުގެ ދިމާވި މައްސަލަތަކާ އެކުގައިވެސް އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅޭ.
ދެން މިހާރު މިއޮތީ މެދުއިރުމަތީގެ ހަނގުރާމައެއް. މި މެދުއިރުމަތީ ހަނގުރާމައަކީ ހަމަ ވަރަށް ވަރަށް އޭގެ ސަބަބުން އަޅުގަނޑުމެން ކުރަން ބޭނުންވާވަރަށް ކަންކަން ކުރުމުގައި ސަމާލުކަން ދޭންޖެހިފައި އޮތް ކަމަކަށްވެފައި މިވަނީ. އަޅުގަނޑު ދަންނަވަމުން މި އަންނަނީ އަޅުގަނޑު ޕްރަވަޓައިޒް ކުރަން ޖެހިއްޖިއްޔާ ކުރާނީ ހައުސިންގއާއި ހެލްތް ސެކްޓަރއަށޭ. ދެން އެހެންނަމަވެސް، އަދި މަސައްކަތް މި ކުރަނީ އެއްވެސްވަރަކަށް ދެންހުރި އެއްޗެހި މަޑުޖައްސާނުލައި ކުރިއަށް ގެންދެވޭތޯ. ދެން އޮފްކޯސް ތެލުގެ އަގު ބޮޑުވުމާއި، މެޓީރިއަލް ގެނައުމުގައި ހުރި ޑިފިކަލްޓީޒްތައް އެބަހުރި. މެދުއިރުމަތިން މި ގެންނަންޖެހެނީ ރޮކް ބޯލްޑަރސްއާ، މިކަހަލަ އެއްޗެހިވެސް. ދެން އެހެންވީމާ، އެއާ ގުޅިގެން އަންނަ ޑިލޭސްތައް އެބައާދޭ. ހަމަ ޙަޤީޤަތުގައިވެސް އެބައާދޭ. އެހެންނަމަވެސް، އެކަން މެނޭޖްކުރަމުން މިދަނީ. އަޅުގަނޑު މިހާރު ރައީސް އޮފީހުގައި ކޮންމެ ދުވަހަކުހެން އެބަ ބަލަން މިނިސްޓްރީތަކާއި އަދި ކަމާގުޅޭ އެމް.ޑީޒުންނާ އެކީގައި ބައްދަލުކޮށްގެން މަޝްރޫޢުތައް ދާގޮތް. އެއާއެކީގައި އަޅުގަނޑުމެން ކުރިއަށް ގެންދާނެ، ގެންނާނެ ބަދަލުތަކަކީ ކޮބައިތޯ.
އަޅުގަނޑު މި ބަލަނީ އަޅުގަނޑު ރިޔާސީ ބަޔާން އިއްވިއިރުގައި، އަޅުގަނޑު ދެއްކި ވާހަކަތައް. މި އަހަރު ކުރާނީ ކޮންކަމެއްކަން. އަޅުގަނޑު އިޢުލާނުކުރި ކަންކަން، ކޮމިޓްވި ކަންކަން ޑެލިވަރ ވަނީ ކިހިނެއްތޯ މި ބަލަނީ. އެހެންވީމާ، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް މިނިސްޓްރީއެއް، ނޫނީ ދެ މިނިސްޓްރީއެއް ގެނެސްގެން، ރިޔާސީ ބަޔާނުގައި އެ މިނިސްޓްރީއަކާ ގުޅޭގޮތުން އަޅުގަނޑު އިޢުލާނުކުރި ކަންކަން ކިހިނެއްތޯ ދަނީ މި ބަލަނީ. ދެން ކަމާގުޅޭ ހުރިހާ ބޭފުޅުން އެއް މޭޒެއް ކައިރީގައި ތިބެގެން ކަންކަން ޙައްލުކޮށްގެން ކުރިއަށް މިދަނީ. އެހެންވީމާ، އިރާދަކުރެއްވީތީ އެބަ ވަރަށް ރަނގަޅުކުރެވޭ، މި ދެންނެވި މިދިޔަ ދެ މަހެއްހާ ދުވަސްތެރޭގައި، ދެތިންމަސް ތެރޭގައި ކުޑަވަރެއްގެ ސެޓްބެކެއް މިއައީ މި ހަނގުރާމައާ ގުޅިގެން. އެހެންނަމަވެސް، ކުރިއަށް އޮތް ތާނގައި މިހާރު ޕިކް ކުރެވޭގޮތަށް ޕްލޭން ކުރެވިފައި މިއޮތީ. ނޫނީވިއްޔާ ކުރެވެމުން އެބަދޭ. އެހެންވީމާ، ނަތީޖާ ރަނގަޅުވާނެ، ބާކީ މި އަހަރުގެ މި އޮތް 6 މަސްތެރޭގައި އިރާދަކުރެއްވިއްޔާ.
ޕްރެޒެންޓަރ:
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، ބޯހިޔާވަހިކަމުގެ ވާހަކަ. ބޯހިޔާވަހިކަމަކީ އެއްކަމަކަށް ބަލާއިރު، އިޖުތިމާޢީ ވަރަށްގިނަ މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުން ގުޅިފައިވާ ކަމެއްކަން ފާހަގަކޮށްލެވޭ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ރައީސް ވަރަށް އިސްކަންދެއްވި ކަމެއް މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ. ކިހާ ކާމިޔާބުކަމާއެކީގައި އެބަ ކުރިއަށްދޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުކަމަށް އަޅުގަނޑު ދެކެނީ. ދެން އަމުދުން މާލެކަހަލަ ތޮއްޖެހިފައި ހުރި ތަންތާނގައި، އާބާދީ ބޮޑު ތަންތާނގައި ހަމަ އެންމެބޮޑުވެސް މައްސަލަ. އަދި އެކަމަކާ ގުޅިގެން އިޖުތިމާޢީ އެހެން މައްސަލަތައްވެސް އަންނަ ކަންތައް. ރަނގަޅު ހިޔާވައްސެއް ނެތިއްޔާ މަގުމަތީގައި އުޅޭނީ. ރަނގަޅު ހިޔާވައްސެއް ނެތިއްޔާ، އެ ތަނުގެ ތެރޭގައިވެސް އިޖުތިމާޢީ މައްސަލަތައް ނުކުންނާނެ. ކުޑަ ތަންކޮޅެއްގައި އުޅެންޖެހުނީމަ.
އެހެންވީމާ، ބޯހިޔާވަހިކަމަކީ، އެންމެ މުހިންމު ކަންތައް ގޮތުގައި ދެކިގެން އަޅުގަނޑު މަސައްކަތް ފެށީ. ދެން މިކަމުގައިވެސް އަޅުގަނޑު ކުރިން ދެންނެވި ޙަޤީޤަތްތައް އެބަހުރި، މިއަށް ފެކްޓަރ ވާނެ. އަޅުގަނޑުމެން ދަރަނި ދެއްކުމާ، މިހެންހުރި ހުރިހާ ކަމެއް. ދެން އެއާއެކުގައިވެސް އަޅުގަނޑުމެން ބެލީ، އެއްކަމަކަށް ނިންމޭތޯ މިދިޔަ ސަރުކާރުން ފަށްޓާފައި ހުރި މަޝްރޫޢުތައް ކޮމްޕްލީޓް ކުރެވޭތޯ. ނޫނީވިއްޔާ މިދިޔަ ސަރުކާރުން ކޮމިޓްވެފައި ހުރި ކަންކަން ނިންމައިލެވޭތޯ. އެގޮތުން، ގޯތިދީފައި ހުރި ފަރާތްތަކުގެ ތެރެއިން، އެ މީހުންނަށް ފިޒިކަލީ ގޯތި ހަވާލުނުވެފައި ހުރި މީހުންނަށް ގޯތިތައް ހަވާލުކުރަން އަޅުގަނޑު ވަޢުދުވީން، އެ މީހަކަށް ލިބުނު ތަނަކުން. ނޫނީވިއްޔާ އެ މީހަކަށް ލިބިފައި އޮތް ގޯއްޗެއްވިއްޔާ އަތެއްނުލާނަމޭ. އަދި އެގޮތަށް ފްލެޓްވެސް. ދެން ގޯތިދީފައި ހުރީ ހުޅުމާލެއިންނާއި، ގުޅިފަޅުންނާއި، ގިރާވަރުފަޅުންނާ. ދެން ހުޅުމާލޭގެ ފޭސް ޓޫއިން ދީފައި ހުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައި، ނޫނީ ހަވާލުވާން މިހާރު ވާނީ ފުރުޞަތު ދީފައި. ފޭސް ތްރީ އޮތީ ނުހިއްކާ. މިހާރު ފޭސް ތްރީ ހިއްކައި ނިންމާފައި އެއޮތީ އަޅުގަނޑުމެން. މިހާރު އެތަނުންވެސް ރަޖިސްޓްރީ ދީފި. ދެން އެތަނުގެ ބިންވެސް ހަވާލުކުރަން މިހާރު ފެށިފައި ވަނީ. ދެން ގުޅީފަޅުންވެސް މިހާރު ގޯތިދީފައި އެހެރީ. ދެން ގިރާވަރުފަޅު ހިއްކަން ފަށައިގެން މިހާރު އެދަނީ ކުރިއަށް. ދެން ކުޑަ ޑިލޭއެއް އައި، އެ ތެލުގެ ޑިފިކަލްޓީއާ އެކީގައި އައި. އެ ޑްރެޖަރަށް ބޭނުންވާ ހެވީ އޮއިލް ހޯދުމުގައިވެސް، އަގުބޮޑުވީމާ ޑިލޭއެއް އައި. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އެވެސް މިހާރު ޕިކް ކުރެވި، ރަނގަޅު ޓްރެކަށް އެބަ އެޅުވޭ.
އެހެންވީމާ، ގޯތި ހަވާލުކުރުން އެއްކަމަކީ. ދެން ދެވަނަ ކަމަކަށް، ރަސްމާލެ އަޅުގަނޑުމެން ހިއްކަން މި ފެށީ. އެއީ މިތާ ކައިރި ހިއްކުން ހިއްކާ ނިމުނީ. ރަސްމާލެއާއި ދެން އުތުރުތިލަފަޅާ. އެހެންވީމާ، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ސިކްސްޓީ ޕަރސެންޓް ނިމުނީ. ދެން އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށްގޮސް ނިންމާލަދޭނަން. އެކީގައި ނިންމާލެވޭނެ. އެ ތަނުން ގޯތި ބޭނުންވާ އެންމެންނަށް، މިހާރު އެއޮތީ ސްކީމެއް ހުޅުވާލާފައި. އެއަށްވެސް ކުރިމަތިލަމުން އެބަދޭ. ދެން މި މަހުގެ ނިޔަލަށް މިއޮތީ ޑެޑްލައިން. ކުރިމަތިލުމުގެ ޑެޑްލައިން.
އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުމެން ދޭ ގޯތި ބިން ހިއްކާފައި ދިނުން. މިދިޔަ ސަރުކާރުން ގޯތިދިންއިރުގައި ހިއްކިފައި އޮތްތޯއެއް ނުއެއްބަލާ. ދެން އަޅުގަނޑުމެން މި ބެލީ މިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓްތައް ދޭން. އެހެންވީމާ، އެތަންތަން ހުރީ ނުނިންމާ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހަތަރުހާހެއްހާ ފްލެޓް. ދެން އެތަންތަން ނުނިންމާ ހުރީ. ދެން އަޅުގަނޑުމެންނާ ހަވާލުވީއިރުގައި ގާތްގަނޑަކަށް ސެވަންޓީ ޕަރސެންޓް ނުނިންމާ ހުރީ. ދެން އެ މަސައްކަތް ނިންމާފައި މިހާރު ހުރިހާ ފްލެޓްތަކަށް މީހުން ވައްދާފައި އެތިބީ. މިދިޔަ ސަރުކާރުގެ ލިސްޓަށް މިދިނީ. ދެން އެހެންވީމާ، އެ ވަޢުދު އެ ފުއްދުނީ ގާތްގަނޑަކަށް.
ދެން އަޅުގަނޑުމެން އާ މަޝްރޫޢުތަކެއް ފަށަން ބެލީ. ދެން ރަށްރަށުގައި އެގޮތުން ބަލާއިރުގައި، ބީ.އެމް.އެލް.ގެ ފައިނޭންސްގެ ތެރެއިން އަޅުގަނޑުމެން 13 ރަށެއްގައި މަޝްރޫޢުތައް ހިންގަން ގާތްގަނޑަކަށް ނުވަސަތޭކައެއްހާ ހައުސިންގ ޔުނިޓު އަޅަން ހަވާލުކޮށްފިން. އެ މަޝްރޫޢުތައް އެބަ ހިނގާ. ކުޅުދުއްފުށި ކަހަލަ ބޮޑެތި ރަށްރަށުގައި މަޝްރޫޢުތައް ފެށުމުގައި ޑިފިކަލްޓީސްއެއް އައިސްފައި އެބައޮތް. މިހާރު އެއޮތީ ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ޔުނިޓުވެސް، އެޗް.ޑީ.ސީ.އިން ބަޔަކާ ހަވާލުކޮށްފައި، މޮބިލައިޒްކޮށްފައި. ދެން 2000 ޔުނިޓު، އަޅުގަނޑުވީ ވަޢުދު. އެޗް.ޑީ.ސީ.އިން މިހާރު ހަމަ ބަޔަކުލައްވައި މަސައްކަތް ފެށުމުގެ މަރުޙަލާގައި، ނޫނީ ފަށާފައި އެވަނީ. ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެންނާނެ. މިއީ ރަށްރަށުގެ ބޮޑެތި މަޝްރޫޢުތައް.
ދެން އެހެން ސިޓީތަކުގައިވެސް ބޮޑެތި މަޝްރޫޢުތައް އެޗް.ޑީ.ސީ.އިން ކުރިއަށް ގެންދަން ހަވާލުވެފައި. ދެން މާލޭގައި، ހުޅުމާލޭގައި މިހާރު އެވަނީ ބީ.އެމް.އެލް.ގެ ސްކީމެއްގެ ތެރެއިން ގާތްގަނޑަކަށް ތިންހާސް ކޮންމެވެސްވަރެއް، ދެން ހަތަރުހާހާ ހަމަޔަށް އެކި ފަރާތްތަކުގެ ފްލެޓް ހަވާލުކުރުން. ޢަމަލީ މަސައްކަތް ފެށިފައި. އެހެންވީމާ، މާލެ ކައިރިން މިހާރުވެސް ހަތަރުހާހެއްހާ ޔުނިޓުގެ މަސައްކަތް ފެށުނީ އެ. ދެން އަދި އިތުރަށްވެސް، ފްލެޓްއެޅުން މިހާރު އެފޯޑަބަލް ހައުސިންގ ސްކީމެއް ހުޅުވާލައިގެން ވަރަށް ކާމިޔާބު. ވަރަށްގިނަ ދިވެހި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުން ކުރިމަތިލައިފި. މީގެތެރެއިންވެސް ދެހާހެއްހާ ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ހަވާލުކުރާނަން މާލޭ ރީޖަންގައި މާލޭ ސަރަޙައްދުން. ވިލިމާލޭގައިވެސް މިހާރު އެވަނީ ހަވާލުކުރެވިފައި ޕްރޮޖެކްޓެއް. އެހެންވީމާ، ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ. ދެން ކުރެވޭނެ އަދި ކުރިއަށް އޮތް ތާނގައި. މިސާލަކަށް، އިންޑިއާގެ އެލް.އޯ.ސީ.ގެ ތެރޭގައި އެބައޮތް 4000 ޔުނިޓު. ދެން އޭގެ އިދާރީ މަސައްކަތް ހިނގަނީ. އަދިވެސް މި ދެންނެވީ ކޮމްޕްލީޓެއް ނުވެއޭ ފިޒިކަލް ވަރކް ހަދާ ހިސާބަކަށް. ދެން އެ މަޝްރޫޢު އަވަސްވުމަކީ އަޅުގަނޑުމެންގެ އުންމީދެއް. ދެން އިންޑިއާ ސަރުކާރުގައި އަޅުގަނޑުމެން މިދަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން. ދެން ޗައިނާ ސަރުކާރުން އެބައޮތް ހަމަޖައްސައިދީފައި. މިހާރު އޭގެވެސް ފައިނަލް މަރުޙަލާއަށް އެދަނީ. 500 ހައުސިންގ ޔުނިޓެއް މާލޭގައި އަޅަން. މާލޭ ބިމުގައި އަޅަން ފައިވް ހަންޑްރެޑް ޔުނިޓްސް. އޭގެވެސް މަސައްކަތްތައް އެބަނިމޭ. ޑީޓެއިލް މަސައްކަތްތައް. އެހެންވީމާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، މި އަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން މި ދެންނެވި މަޝްރޫޢުތަކުގެ އިތުރަށް އަދި އިތުރު މަޝްރޫޢުތައް މާލޭ ސަރަޙައްދުގައި ފެންނާނެ ކަމަށް. އަދި ރަށްރަށުގައިވެސް.
އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކުރިން، އަދި މި އަހަރުގެ ތަރޑް ކުއަރޓަރއަށް ދާއިރުގައި، ރަށްރަށުގައި އިތުރު ހައުސިންގ މަޝްރޫޢުތައް ފަށާނެ ކަމަށް. މިހާރު ކުޑަކޮށް ޑިލޭވެދާނެ، މި މެދުއިރުމަތީގެ ހަނގުރާމައާ އެކީގައި، ފަހު ކުއަރޓަރއަށްވެސް. ދެން އެހެންވީމާ، ބޯހިޔާވަހިކަމުގެ ދާއިރާއިންވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރެވެއޭ. ދެން މި އަންނަ އަހަރުވެސް އިތުރު މަޝްރޫޢުތައް ކުރިއަށްދާނެ.
ދެން އިތުރަށް އަޅުގަނޑުމެން ކުރާ ކަމަކީ، ހައުސިންގ ލޯން ސްކީމެއް ހިންގަނީ. މިދިޔަ އަހަރާއި މި އަހަރު ބައެއް ފަރާތްތަކަށް ލޯނު ދެވިއްޖެ. ދެން ވަރަށް ވަރަށް ގިނަ މީހުން ބޭނުންވާ ލޯން ސްކީމެއް މިއީ. ވަރަށް އެފޯޑަބަލް ލޯނު ސްކީމެއްވީމަ. މި އަހަރު އަނެއްކާ އިތުރު ލޯން ސްކީމެއްގެ ތެރެއިން އިތުރު ފުރުޞަތުތައް ހުޅުވާލާނަން ލޯނަށް ކުރިމަތިލާން. އެއީ އަންޑަރ ފައިވް ޕަރސެންޓް، ފައިވް ޕަރސެންޓްގެ އިސްލާމިކް ފައިނޭންސް ލޯން ސްކީމެއްވީމަ. ހިޔާވަހި ލޯން ސްކީމް. ދެން އޭގެއިތުރަށްވެސް، އެމް.އެމް.އޭ.ގެ ގަވާއިދުތަކަށް ގެނައި ބަދަލާއެކީގައި އަދި ބީ.އެމް.އެލް.ގެ އިނީޝިއޭޓިވްއާ އެކީގައި ބީ.އެމް.އެލް. އިންވެސް ވާނީ މިހާރު ވަރަށް ބޮޑަށް ކުޑަކޮށްލާފައި ހައުސިންގ ލޯނުގެ އެކްސެސެބިލިޓީ. ވަރަށް ލުއިކޮށްދީފައި މިހާރު ވާނީ. އިކުއިޓީ ބަހައްޓަންޖެހޭވަރު ކަމަށްވިޔަސް، ފުރަތަމަ ޑައުންޕޭމަންޓް ކަމަށްވިޔަސް އަދި ކޮންމެ މަހަކު ދައްކަންޖެހޭ އެމައުންޓްވެސް. މި ޓަރމްސްތައް މިހާރުވާނީ ބީ.އެމް.އެލް. އިން ކުޑަކޮށްދީފައި. އެއީ މައި ބޭންކް.
އެހެންވީމާ، އަޅުގަނޑު އެންމެ އިސްކަމެއްދޭ ދާއިރާއިން، އިރާދަކުރެއްވިއްޔާ ދެ އަހަރާ ބައިގެ ތެރޭގައި މިވަނީ Given all these constraints މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މިވަނީ އިރާދަކުރެއްވީތީ ނަތީޖާތަކެއް ނެރެވިފައޭ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި މި ނަތީޖާ އެތައް ގުނަޔަކުން މަތިކޮށްދޭނަން. އަޅުގަނޑުގެ ވަޢުދު ފުއްދުމުގައި ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ނެރެވޭނެ.
ޕްރެޒެންޓަރ:
ދެން އަޅުގަނޑުމެން ސިޔާސީ ދާއިރާއަށް ބަލާއިރު، ރާއްޖޭގައި މި މަލްޓި ޕާޓީ ޑިމޮކްރަސީ އައި ހިސާބުން ފެށިގެން، 2008 ވަނަ އަހަރުން ފެށިގެން އައި ކޮންމެ ސަރުކާރެއްގައި އަޅުގަނޑުމެންނަށް ފެނޭ، ދެ އަހަރާ ބައި ވެގެންދާއިރު، އެއިރެއްގައި ދެން އިދިކޮޅުގައި ތިއްބަވާ ހުރިހާ ފަރާތެއް ހަމަ އެކުވެގެން ސަރުކާރަށް ޕްރެޝަރ ކުރުމާއި، އަދި ސަރުކާރާ ދެކޮޅަށް އެކި މަސައްކަތް ކުރާތަން އަޅުގަނޑުމެންނަށް ފެނިގެންދޭ. މިހާރު އަޅުގަނޑުމެންނަށް މި ދައުރުގެ ތެރޭގައިވެސް އެބަ ފެނިގެންދޭ އެ މަންޒަރު. މިއާއެކީގައި ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްވެސްވަރެއްގެ ދަތިކަމެއް އެބަ ކުރިމަތިވޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް މުހިންމު ސުވާލެއްކަންނޭނގެ މިވަގުތަށް ތިއީ. ރާއްޖޭގައި މީގެކުރިން މުޅިންވެސް އޮތީ ސިޔާސީގޮތުން ބަދަލުހިފުން. ސިޔާސީ މީހުން ޖަލަށްލުން. ސިޔާސީގޮތުން ހަމަ ވިޝަސް ނެވަރ އެންޑިންގ ސައިކަލްއެއްގެ ތެރޭގައި އުޅެންޖެހިފައި ރައްޔިތުން. އަޅުގަނޑު ވަޢުދުވީ އެކަން ނިންމަން. އިރާދަކުރެއްވީތީ ރާއްޖޭގައި ނުހުންނާނެ ސިޔާސީގޮތުން ޖަލަށްލާފައި ހުރި މީހެއް، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި. އަޅުގަނޑުގެ އެޗީވްމަންޓެއް ގޮތުގައި އަޅުގަނޑު ދެކެނީ އެއީ. އަޅުގަނޑުގެ ވަޢުދެއް ފުއްދިފައި އެވަނީ.
ސިޔާސީ ވެރިޔަކު އަދި އަމުދުން ކުރީގައި ރައީސްކަން ކުރި މީހަކު ޖަލަކަށްނުލަން. ކުރީގެ ސަރުކާރުތަކުގައި ހޮބީއެއްގެ ގޮތުގައި ކަހަލަ ގޮތަކަށް އޮތީ ރައީސުން ޖަލަށްލުން. ކޮންމެވެސް ގޮތެއް ހަދާފައި. ދެން އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫންވީމާ، އެކަމެއް ނުކުރަން. ސިޔާސީ ޕާޓީތައް ހަމަ ފުލީ އޮޕަރޭޓް އެބަކުރޭ މިނިވަންކަމާއެކީގައި.
އެހެންވީމާ، ޤައުމަށް. ސިޔާސީ ހަމަޖެހުން އަޅުގަނޑު ގެނެސްދީފިން. އެއްވެސް މީހަކު މިހާރު ބިރުގަންނާކަށް ނުޖެހޭނެ، ސިޔާސީ މަގާމެއްގައި ހުރި، ނޫނީ ސިޔާސީ މީހަކަށްވެގެން އޭނައަށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަކަށް. އެ ތްރެޓެއް ނޯންނާނެ މި ޤައުމަކު މިހާރަކު. ކުރީގައި އޮތް ކަމެއް އެއީ.
އެހެންވީމާ، އެއީ އެއްކަމެއް އަޅުގަނޑު ހާސިލުކުރި. އަދި ކުރިއަށް އޮތް ތާނގައިވެސް އެކަން އެންޝުއަރ ކުރާނަން. އެ މީހަކު ސިޔާސީގޮތުން ކުރިއަށްދިޔުމުގައި ނޯންނާނެ އެއްވެސް ހުރަހެއް މި ޤައުމުގައެއް. އެހެންނަމަވެސް، ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، ރާއްޖޭގެ ޤާނޫނުއަސާސީގައިވެސް ކަންތައްތަކެއް ހުރީމަ، އިސްލާމްދީނާއި ޤާނޫނުއަސާސީގައި އޮންނަ ކަންކަމަކީ ސިޔާސީ މީހަކަށްވިޔަސް، ނުވިޔަސް، އަޅުގަނޑުމެން އެންމެންގެ މައްޗަށް ހަމަހަމަކަމާއެކީގައި އޮންނަ ކަމެއް. ތަބާވާންޖެހޭނެ ކަމެއް. އަދި އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް، ރޫލް އޮފް ލޯ އަޕްހޯލްޑް ކުރުމަކީ. ޑިމޮކްރަސީގައިވެސް އެކަން އޮންނާނެގޮތް އެއީ.
ދެން ޑިމޮކްރަސީގެ ވާހަކަ ދައްކާއިރުގައި، ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި އަމިއްލައަށް ޕްރޮކްލެއިމް ކުރާ ފަރާތްތަކުން މިއަދު އަޅުގަނޑު ހިތަށްއަރާ، އަމިއްލަ ނަފްސާ ސުވާލުކޮށްލަންވާނެއޭ، ތިމަންނާމެންނަށް މި ދެއްކެނީ ޢަމަލާއި ބަހާ ދިމާވާ ވާހަކައެއްބާވައޭ. އެހެން މި ދަންނަވާ ސަބަބަކީ، ޑިމޮކްރެޓިކް އުޞޫލުގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް، އެ ސަރުކާރަކުން މަސައްކަތް ކުރަމުންދާއިރު، ޑިމޮކްރެޓިކް ހަމައިން ބޭރުން، އެ ބޭފުޅުންގެ ބަހުރުވައިން ވިއްޔާ ޗާޓުން ބޭރުން އެ ސަރުކާރެއް ބަދަލުކުރަން މަސައްކަތް ކުރުމާއި، ޤައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމާއި، އަޅުގަނޑު މި އެންޝުއަރ މި ކޮށްދިން ޕޮލިޓިކަލް ފްރީޑަމް، ޕޮލިޓިކަލް ޕްލޫރިޒަމްއަށް މި ދިން ގެރެންޓީ، އެ ނަގާލަން އަމިއްލައަށް މިކުރާ މަސައްކަތުގެ މާނައެއް އެބައޮތްބާވައޭ؟ ރޫލް އޮފް ލޯ އެންމެންނަށް އަޕްހޯލްޑް ކުރަން އަޅުގަނޑަށް އޮންނަ ޒިންމާގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރަމުންދާއިރު، އެ ފަރާތްތަކުގެވެސް ޒިންމާއެއް އެބައޮވެއޭ، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމުގައި. އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ހަމަ ބޭނުންކުރަންވީ، އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ޙުދޫދު، އެންމެންނަށްވެސް އެޕްލައިވާނެއޭ. އެއީ، މުސްލިމަކަށްވީތީ އެޕްލައިވާ ޙުދޫދު އޮންނާނެ. އެހެން މީހުންގެ އަބުރު ކަތިލުމާއި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ، އިސްލާމްދީނުގައި މަނާކަމެއް. އަދި ރާއްޖޭގެ ޤާނޫނުއަސާސީގައިވެސް ހުއްދަ އޮތް ކަމެއްނޫން. އެ މިންގަނޑުގެ ތެރޭގައި އަޅުގަނޑުމެން ކޮންމެ މީހަކު ސިޔާސީ މަސައްކަތް ކުރަންވީއޭ. އެއިން ބޭރުން، ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ޓެންޝަން، ނޫނީވިއްޔާ ފިތުނަ އުފެދޭގޮތަށް ޤައުމު ހަލަބޮލިކޮށް، ޤައުމުގައި މިއޮތް ޑިމޮކްރެޓިކް ނިޒާމު ފުނޑާލެވޭކަހަލަ މަސައްކަތްތައް ކުރުމަކީ ޙައްޤެއް ކަމުގައި ދެކުނަސް، އަޅުގަނޑު ދެކޭގޮތުގައި އެއީ ޒިންމާދާރު ގޮތެއްނޫން. ޙައްޤަކަށް ވެދާނެ. މިއީ ތިމަންނަގެ ޙައްޤެކޭ. އެހެންނަމަވެސް، ޒިންމާދާރުގޮތަކަށް ނުވާނެ. ކޮންމެ މީހެއްގެވެސް، އަދި އަމުދުން ސިޔާސީ ޕާޓީތައް ހިންގަވާ ބޭފުޅުންނާއި، ޤައުމުގެ މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުންގެ އޮންނާނެ އަދި އެއަށްވުރެ މަތީ ޒިންމާއެއް. އެ ޒިންމާއަކީ ޤައުމުގެ ސްޓެބިލިޓީ، ޤައުމުގެ ހަމަޖެހުން އެންޝުއަރ ކުރުމުގެ ޒިންމާ.
އެހެންވީމާ، އެއިން ބޭރުން ކުރެވޭ މަސައްކަތްތަކަކީ، އަޅުގަނޑު ހިތުން ރައްޔިތުން އެކަމާ ވިސްނާނެ ކަންކަން. އަޅުގަނޑެއް ހަމަ ޔަޤީނުންވެސް އެއްވެސްވަރަކަށް ކަންބޮޑެއްނުވޭ އަދި އަޅައެއްވެސްލާނެ ކަމެއްނޫން، ސިޔާސީ ވެރިން ދައްކާނެ ވާހަކައާއި، ކުރާ ކަންކަމާ ދޭތެރެއަކު. އެހެންނަމަވެސް، އަޅުގަނޑުގެ މި ޒިންމާ އަދާކުރާނަން އަބަދުވެސް ވަކި މީހަކާ ތަފާތުކުރުމެއްނެތި. އެއީ، އަޅުގަނޑު މި މަގާމުގައި ހުންނައިރުގައި އަޅުގަނޑުގެ ޒިންމާއެއް އެއީ، ޤާނޫނުއަސާސީ އަޕްހޯލްޑް ކުރުމަކީ. އޭގެ އިތުރަކަށް އަޅުގަނޑު ކުރާނެ އެއްކަމެއްވެސް ނޯންނާނެ. ހަމަ ޕޮލިޓިކަލީ ކުރިއަށް ގެންދަވަންވީ.
ދެން ހަމަ ޔަޤީނުންވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، ކަންކަމުގެ ޙަޤީޤަތް. މި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ހުރިހާ މާނައެއްގައިވެސް ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދޭން ކަމަށް. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ހުރިހާ ކަމެއްގައިވެސް ތަރައްޤީ ހާސިލުކޮށްދިނުމުގައި ވަރަށްގިނަ މަސައްކަތްތަކެއް ރައްޔިތުންގެ އެއްބާރުލުމާއެކީގައި ކޮށްފިން ކަމަށް. ތަރައްޤީއަކީ ހަމައެކަނި އެންމެ ކަމެއްނޫންކަން، ކުރިން އަޅުގަނޑު ދަންނަވާލި ގޮތަށް. ހުރިހާ ކަމެއްގައި، އިންސާނުން ތަރައްޤީކުރުން، އިޤްތިޞާދު ތަރައްޤީކުރުން، ޢުމްރާނީ ތަރައްޤީ. މިހެންގޮސް ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ރައްޔިތުންނަކީ، ދުޅަހެޔޮ ބަޔަކަށް ހަދައި، ފުދުންތެރި ބަޔަކަށް ހަދައި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ޤައުމު ފޯރުކޮށްދިނުމުގެ ކަންތައްތައް ކުރަމުން މިދަނީ.
މި މަސައްކަތް ކުރުމުގައި އަޅުގަނޑު ދާނީ ކުރިއަށް. އެހެންވީމާ، ސިޔާސީ ބޭފުޅުން، އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން، އެ ބޭފުޅުންގެ މަސައްކަތް އެ ބޭފުޅުން ކުރައްވަންވީ. އެ ބޭފުޅުންނަކަށް އެއްވެސް ހުރަހެއް ނެތް. ދެން އަޅުގަނޑު ހިތުން އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ފަހަރެއްގައި ކަންކަމުގެ ޙަޤީޤަތް އެނގިވަޑައިނުގެން ވާހަކަ ދެއްކެވިދާނެ. އެހެންވީމާ، އަޅުގަނޑު އެދެނީ، ކަންކަމުގެ ޙަޤީޤަތް ބައްލަވަން. މި ދެންނެވީ މިސާލަކަށް، އަޅުގަނޑުމެންގެ ސިޔާސަތުތަކާ ބެހޭގޮތުން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް ފަހަރެއްގައި ދެކޮޅުނުޖެހޭގޮތަށް އެ ދެއްކެވެނީ، ކަންކަމުގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާތީ ކަމަށްވެސް ވެދާނެ.
އެހެންވީމާ، ޒިންމާދާރު އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާށޭ. މި ޤައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު. ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކަށް ވާނެ. އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާނަމަ، ޤައުމަށް ފައިދާހުރި ކަމެއް ކުރާ ކަމަށްވަންޏާ، އެކަން އެކްނޮލެޖްކޮށް، އެއަށް އެއްބާރުލުންވެސް ދޭނެ ބަޔަކަށްވާނެ. ހުރިހާ ކަމަކަށް އޮޕޯސް ކުރުމަކީ، އެއީއެއް ނޫން ޒިންމާދާރު ޕޮޒިޝަނަކީ.
އެހެންވީމާ، މި ޤައުމުގައި ޑިމޮކްރަސީ ފައްކާކުރާ ކަމަށްވަންޏާ، އެބަޖެހޭ ޒިންމާދާރުކަމާއެކީގައި އޮޕޮޒިޝަންވެސް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންނަށް މި ޤައުމުގައި އަޅުގަނޑުމެން މިހާ މަސައްކަތުން މިގެނައި ޑިމޮކްރެޓިކް ސިސްޓަމް ފައްކާވާނީ. އެކަމެއް ފައްކާއެއްނުވާނެ، އަޅުގަނޑުމެންގެ ސިކުނޑި ފައްކާނުވެއެއް. އަޅުގަނޑުމެންގެ ސިކުނޑީގައި މި ހުންނަނީ އަބަދުވެސް ބަދަލުހިފުމުގެ ރޫޙާއި، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން ޤާއިމުކުރުމާއި، ތިމަންނައަށް މޮޅުގޮތް އެކަނި. ތިމަންނަ އިޚްތިޔާރުކުރާގޮތް. ޤައުމަކަށް ކޮންމެހެން ވިސްނުމެއްނެތި، ކަންކަން ކުރުމާ، މިކަހަލަ ކަންތައްތައް. އެހެންވީމާ، އެއެއްނޫނޭ އަޅުގަނޑުމެން އިސްކުރަންވީ ކަމަކީ. އަޅުގަނޑުމެން އިޚްލާޞްތެރިވާން އެބަޖެހޭ. އިޚްލާޞްތެރިވެ، ޤައުމު އިސްކުރަން އެބަޖެހޭ. އިސްކޮށްގެން އެންމެން ޤައުމީ ވިސްނުމެއްގައި ކުރިއަށްދިޔައިމަ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވުނު ކަމަށްވާނީ. އެއީ، އަޅުގަނޑު ތީގައި ދަންނަވަން އޮތް ވާހަކައަކީ.
ޕްރެޒެންޓަރ:
ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ރައީސްގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، އެކި ވުޒާރާތަކުގެ މެންޑޭޓަށްވެސް ބަދަލުތައް ގެންނެވި މަންޒަރު. ކޮބައިތޯ އެއާއެކީގައި މި ގެންނެވި ބަދަލަކީ އަދި ހާސިލުކުރައްވަން ބޭނުންފުޅުވާ ނަތީޖާއަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ގަބޫލުކުރަނީ، މި ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ރިފަރެންޑަމް ވޯޓުގެ ނަތީޖާއިން އެބަ ބުނެދޭ، އަޅުގަނޑު ބަދަލުތަކެއް ގެންނަންޖެހޭކަން. އަޅުގަނޑަށްވެސް ގޯސްކޮށް ކަންތައްތަކެއް، ސިޔާސަތުތައް ތަންފީޒު ކުރުމުގައިވެސް ކުރެވިފައި ހުރެދާނެކަން އަޅުގަނޑު ގަބޫލުކުރަން. އަދި އެއީ އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ފަސްޖެހޭނެ ކަމެއްނޫން، ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކުރުމަކީއެއް. އެއްވެސް މީހަކީ ޕަރފެކްޓް މީހެއްނޫން. އަޅުގަނޑަށްވެސް ހަމަ ރަނގަޅުނޫންގޮތަށް ސިޔާސަތުތަކެއް ތަންފީޒު ކުރެވިފައި ހުރެދާނޭ.
އެހެންވީމާ، އަޅުގަނޑު ހަމަ އެރޭ ރައްޔިތުންގެ ނިންމުން ގަބޫލުކޮށް، އަޅުގަނޑު ޓުވީޓްކުރި ޓުވީޓުގައި އެ ބުނާ އެއްޗަކީ، އެއީ ހަމަ ޙަޤީޤަތުގައި އަޅުގަނޑު އެގޮތަށް ކަން ކުރަން ބޭނުންވެގެން، އެ ނިޔަތުގައި ދެއްކި ވާހަކައެއް، ނޫނީ ދެންނެވި ވާހަކައެއް.
ސަރުކާރު ކުޑަކުރުމަށް. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން، ނޫނީވިއްޔާ ސަރުކާރުގެ ސްޓްރަކްޗަރ ކުޑަކޮށް، އިފެކްޓިވްކޮށް، އެފިޝަންޓް ކުރުމަކީ، ރައްޔިތުން ބޭނުންވާ، އަޅުގަނޑުވެސް ބޭނުންވާގޮތް. އަދި މިދިޔަ ދުވަސްތަކުގައި ކުރިން އަޅުގަނޑަށް އެގޮތަށް އެންމެ ރަނގަޅަށް ކުރެވިފައި ނެތް ކަމެއްވީމަ، އެކަން ރަނގަޅުކުރަން ވަގުތުން އަޅުގަނޑު ފިޔަވަޅު އަޅަން ނިންމީ. ނިންމައި، އެގޮތަށް މަސައްކަތްތައް މިހާރު މިވަނީ ފަށާފައިވެސް. އެހެންވީމާ، ކެބިނެޓް ރީކޮންސްޓިޓިއުޓް ކޮށްފައި މިހާރު މިވަނީ ކުޑަކޮށްފައި. މަސައްކަތްތައް އެއްކޮށްލާފައި، ބައެއް މިނިސްޓްރީތަކުގެ. ދެން އެއާއެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. ދެން އޭގެ މާނައެއް ނޫން، ކުރީގެ މިނިސްޓަރުން އެއްގޮތަކަށްވެސް ފަރުވާތެރިކަމާއެކީ މަސައްކަތް ނުކުރީއެކޭ ނޫން. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެނައި ބަދަލުތަކެއް ގެނައީ. ހަމަ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް އަޅުގަނޑު މިހާރު ބަލަމުންދާއިރު، އަޅުގަނޑަށް ފެނޭ މިގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އިތުރަށް ފުރިހަމަވެގެންދާނެ.
ދެން ހަމަ އެންމެ ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން، މީގެ ނަތީޖާއެއްގެ ގޮތުގައި. އަދި އޭގެ އެންމެ ފުރިހަމަ ނަތީޖާ، ކުރިއަށް އޮތް އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެންނާނީ. އެއީ ބޭރުގައި ކިޔަވަން ތިބޭ ކުދިންނާ ބެހޭގޮތުން. މިއީ ދެން އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ޢާއިލާތަކާ ގުޅިފައި އޮތް ކަމެއް. އެތައްހާސް ކުދިންނެއް ކިޔަވަމުން މިދަނީ ލޯނުގައި، ނޫނީވިއްޔާ ސްކޮލަރޝިޕްގައި. ވަރަށްގިނަ މައްސަލަތައް އޮތް ކަމެއް މިއީ. ދެން މިވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ، ވަރަށްބޮޑު ފްރަސްޓްރޭޝަނެއް ގޮތުގައި، ޢާއިލާތަކުގައި، ކުދިންގެ އޮތް ކަމެއް. އެކި ކަންކަމުގައި ޖަވާބުދާރީވުން ލަސްވުން، އެކި ކަންކަން ހަމަޖެހުމުގައި ލަސްވުން، މިހެންގޮސް ވަރަށްގިނަ ކަންކަން ހުރި ކަމެއް. މި ގެނައި ބަދަލުގެ ތެރެއިން މިހާރު އަޅުގަނޑު އެންމެފަހުން އިއްޔެ އަޅުގަނޑު ބަލައިލިއިރުގައި، އެއްކަމެއް އަޅުގަނޑު ދަންނަވާލާނަން.
މީގެކުރީގައި ބޭރުގައި ތިބޭ ކިޔަވާކުދިން ކަންކަމުގައި އެދުނީމަ، އެ ކަމެއް ޕްރޮސެސްވެ ނިންމާލަން ނަގާފައި އެބަހުރި، އެވްރެޖްކޮށް ހަތަރު ހަފްތާ. މިހާރު ހަތަރު ދުވަހަށް ކުޑަކުރެވިއްޖެ އިނގޭތޯ. އެހެންވީމާ، ހަތަރު ހަފްތާއިން ހަތަރު ދުވަހަށް މިހާރު އެފިޝަންޓް ކުރެވިއްޖެ. ދެން އަޅުގަނޑުމެން ބަލާނަން އަދިވެސް ކުރުކުރެވޭތޯ.
ދެން އެގޮތުން މިހާރު ބޭރުގައި ކިޔަވަން ތިބޭ ކުދިން އެ ހުށަހަޅާ ވަރަށްގިނަ ކަންކަން، ޕޭމަންޓްތަކާ ގުޅޭ ކަންކަންވެސް. އަދި އެކިކަހަލަ އިންކުއަރީސްތައް. އެއަށް އެޓެންޑްވާވަރު މިހާރު މިއޮތީ ވަރަށްބޮޑު ތަނުން ރަނގަޅުކުރެވިފައި. މިނިސްޓްރީގެ އެފިޝަންސީ ވަރަށް ބޮޑަށް މަތިކުރެވިއްޖެ. އެހެންވީމާ، މިގޮތަށް ގޮސް ވަރަށްގިނަ ކަންކަން އެބަ ރަނގަޅުކުރެވޭ. ހަމަ އެހެން އެއްކޮށްލެވުނު މިނިސްޓްރީތަކުގެ ތެރޭގައި، ނޫނީވިއްޔާ ބަދަލުތައް ގެނެވުނު މިނިސްޓްރީތަކުގެ ތެރޭގައި، ކުރިއަށްވުރެ އެތައް ކަމެއް މިހާރު ޚިދުމަތް ރަނގަޅުކުރެވިގެން އެބަދޭ.
އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، އެފިޝަންޓް ސަރުކާރެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންތައް ކުރަން. ދެން ހަމައެކަނި މިނިސްޓަރުން މަދުކުރީކީ ނޫން. ހަމަ އެއާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ޕްރޮސެސްވެސް އެބަ ހިނގާ. އޭގައި އަޅުގަނޑުމެން ހަދަންޖެހޭ އެސެސްމަންޓް ހަދައި މިހާރު ނިންމަނީ. ޕަރފޯމަންސް ބޭސްޑްކޮށް މީހުން މަދުކުރުމަށްޓަކައި ކޮބައިތޯ، ކޮންތާކުން ކިތައް މީހުން، ކޮންބައެއްތޯ ވަކިކުރެވޭނީ، ނޫނީވިއްޔާ ދޫކޮށްލެވޭނީ. އެބައި އެބަނިމޭ މިހާރު. ނިމުނީމާ އަޅުގަނޑު އެ ތަންފީޒުކުރާނަން އިނގޭތޯ. ހަމައެކަނި ކުންފުނިތަކުން ޕަރފޯމަންސް ބޭސްޑް ރިވިއު ހަދާފައި މުވައްޒަފުން މަދުކުރާކަށް އެކަންޏެއް ނޫން އަޅުގަނޑު ދެންނެވީކީއެއް. މިނިސްޓްރީތަކުގައިވެސް ހަމަ މަދުކުރާނަން. އެހެންވީމާ، އެކަންވެސް ކުރިއަށްދާނެ.
ދެން އެއާއެކީގައި، ރައްޔިތުންނަށް ޖަވާބުދާރީވުންވެސް ރަނގަޅުކުރަން ވަރަށް ބޮޑަށް އިސްކަން އެބަދެން. މިނިސްޓްރީތަކުގެ ފްރޮންޓް އޮފީސް، ނޫނީވިއްޔާ ކައުންޓަރުން ދޭ ޚިދުމަތް ރަނގަޅުކުރުމާއި، ފޯނަށް ޖަވާބުދިނުމާއި، މިކަންކަން ރަނގަޅުކުރުމުގެ ކަންތައްވެސް ވަރަށް ބޮޑަށް އިސްކަންދޭން ދަންނަވާފައި ވާނީ.
ދެން އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކުރި، ރައީސް އޮފީހުގައި ހަދާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ. އެއީ އެކަމަށް އެންމެ މުހިންމު އެއް ޙައްލު. މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި ކޮމްޕްލެއިންޓްތައް، ހުށަހަޅާ ކޮމްޕްލެއިންޓްސްތަކަށް ހަމަ ޓުވެންޓީ ފޯރ ސެވަން އެޓެންޑްވާނެ ޚާއްޞަ އޮފީހެއް ރައީސް އޮފީހުގައި މި ހަދަނީ. އެ އޮފީސް ޤާއިމުކުރުމުގެ އިދާރީ ހުރިހާ ކަމެއް ވަރަށް ބާރަށް އެބަދޭ. މިހާރު އެތަން ހެޑްކުރާނެ، ވަރަށް އެފިޝަންޓް ބޭފުޅަކުވެސް އަޅުގަނޑު ޢައްޔަންކޮށްފިން. ހަމަ ވަރަށް ތަޖުރިބާކާރު، ސަރުކާރަށް ޚިދުމަތް ކުރައްވާފައި ހުންނެވި ހަމަ އެކަމަށް އެންމެ ޤާބިލް ބޭފުޅެއް ގޮތުގައި އަޅުގަނޑު ދެކޭ ބޭފުޅަކު ޢައްޔަންވެސް ކޮށްގެން މަސައްކަތް ފަށައިފިން. މި އުންމީދު ކުރަނީ، އެ އޮފީސް ހުޅުވައިލެވޭނެ ކަމަށް ޖުލައި 26ގެ ކުރިއަށް. ދެން އިޓްސް ހޯޕް. ދެން ވަރަށްގިނަ ޗެލެންޖަސް އެބަހުރި. އެކަންކަން އޯވަރކަމް ކޮށްފައި، ޖުލައި މަހުގެ 26ގެ ކުރިއަށް މި ބަލަނީ ހުޅުވައިލެވޭތޯ. އޭރުން ޓުވެންޓީ ފޯރ ސެވަން ކޯލް ސެންޓަރެއްވެސް ހުންނާނެ. އަދި އޭގެއިތުރަށް ހަމަ އޭ.އައި. ބޭސްޑް، ޑިޖިޓަލް ޓެކްނޮލޯޖީ ބޭސްޑް ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން ކޮމްޕްލެއިންޓްސްތައް ރިސީވްކޮށް، ޓިކެޓިންގ ޕްރޮސެސްއެއްގެ ތެރެއިން އެ ޓްރެކް ކުރެވި، މި ހުރިހާ ކަމެއްގެ ތެރެއިން ވަރަށް އެމްބިޝަސް، އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ހާސިލުކުރާނެ ޓާގެޓަކަށް އެކަންވެސް ވާނެ.
ޕްރެޒެންޓަރ:
އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރައީސް ޞިއްޙީ ދާއިރާއިން، މި އަހަރަށް ބަލާއިރުވެސް އެންމެ ބޮޑު އެއް ބަޖެޓެއް އޮތް އެއް ދާއިރާ ޞިއްޙީ ދާއިރާއަކީ. ދެން މި ދާއިރާގައި ހުރި އެކި ކަންތައްތައް، ވަރަށްގިނަ ކަންކަން އެބަހުރި ރަނގަޅުކުރަންޖެހޭ، ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިފައިވާ. އެގޮތުންވެސް ފާހަގަކޮށްލެވޭ އެއްކަމެއް ބޭހުގެ މައްސަލަ މިއީ. ބޭސް، މި ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިދިޔަ އަހަރު ފެނިގެންދިޔަ، ރައީސް ޚާއްޞަ ކުންފުންޏެއް އުފައްދަވައި، އެތަން މިހާރު ފަންކްޝަނަށް އައިސްފައި މިވަނީ. މިއާ އެކީގައި، ރައްޔިތުންގެ މިއޮތް ޒަމާންވީ ޝަކުވާއަށް، ކިހާވަރެއްގެ ހެޔޮ ބަދަލެއް އަންނާނެތޯ މި ދައުރުގެ ތެރޭގައި؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ ހަމަ ވަރަށްބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. މިހާރު އެކަމަށް ޚާއްޞަކޮށް މި އުފެއްދި ކުންފުނި، ސްޓޭޓް ފާމަރ ކުންފުނިން ވަރަށްގިނަ ކަންކަން މިހާރުވެސް ކޮށްފި. ދެން މި އަހަރުގެ ޖޫން، ޖުލައި ހިސާބަށްދާއިރު، ވަރަށްބޮޑު ތަނުން ހަމަ ރަނގަޅުވާނެ. އަޅުގަނޑު ހިތުން އިއްޔެވެސް ވަނީ ސްޓޭޓް ފާމަރއިން އައި.ޖީ.އެމް.އެޗް.ގައި އިތުރު ކަންތައްތަކެއް ފަށާފައި. ފިހާރައެއް، ބޭސްފިހާރަ ކަންތަކާ، މިހެންގޮސް ބައެއް ކަންތައް.
ދެން މިހާރު މި ކުރެވޭ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ގެންދެވި، އެއްކަމަކަށް ރެގިއުލަރ ބޭހުގައި، އަބަދުވެސް މި ދިގު މުއްދަތުގެ ބޭހުގައި މިއުޅޭ ފަރާތްތަކުގެ އެ ކަންބޮޑުވުން ޙައްލުކުރުމާއި، ދެން މިހެންގޮސް ހަމަ ރާއްޖެއިން ނުލިބޭ ބޭސްތައް، ބޭސް ހޯދުމުގައި ދިމާވާ ދަތިތައް. ދެން ޕްރައިވެޓް ސެކްޓަރއާވެސް ގުޅިގެން ކުރަންޖެހޭ ކަންކަންވެސް މީގައި އެބަހުރި.
އެހެންވީމާ، މި ފެށިފައި އޮތް ޕްރޮސެސްގެ ތެރެއިން އަހަރުގެ މެދަކާ ހަމަޔަށްދާއިރުގައި، ޖޫން ނޫނީ ޖުލައި މަހުގެ ތެރެއަށްދާއިރު އިރާދަކުރެއްވިއްޔާ ވަރަށް ވަރަށް ރަނގަޅުވާނެ.
ޕްރެޒެންޓަރ:
ދެން އަޅުގަނޑުމެންނަށް ރާއްޖޭގައި އިދާރީގޮތުން މި ހިންގާގޮތަށް ބަދަލެއް ގެންނަވައި، އެލް.ޖީ.އޭ.ގެ ގޮފިތަކެއްގެ ގޮތުގައި، ކުރީގެ އަތޮޅު ކައުންސިލްތައް އުވާލައްވާފައި، ރައީސް ކުރިއަށް ގެންދަވަން މި ނިންމެވީ. އެހެންނަމަވެސް، އެއާއެކީގައި އެންމެ ކުރީގައި މިއޮތް އަތޮޅުއޮފީސްތައް، ނުވަތަ ކައުންސިލްތަކުގެ ބަދަލުގައި މިހުރި އޮފީސްތައް އެ އިޢާދަވީ ކަމަށް ބައެއް ފަރާތްތަކުންވެސް ސިފަކުރައްވާ. ކޮބައިތޯ ސަރުކާރުގެ ސިޔާސަތަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ ދެން ސިޔާސީ މީހުން ދައްކާ ވާހަކަ އިނގޭތޯ. އަޅުގަނޑުމެން ކުރީ ޒަމާނުގެ އެ އަތޮޅުއޮފީހެއް އިޢާދައެއް ނުކުރާނަން. އެހެންވެއްޖިއްޔާ އަތޮޅުވެރިންވެސް ލާންޖެހޭނެތާ. ނޫން، އަޅުގަނޑެއް އެ އޮފީސްތަކަކަށް އަތޮޅުވެރިންނެއް ނުލާނަން. ނޫނީވިއްޔާ ގަވަރުނަރުންނެއްވެސް. އެކަހަލަ އެއްވެސް ސިޔާސީ ވެރިޔަކު އެތަންތާކަށް ނުލާނަން އަޅުގަނޑެއް އިނގޭތޯ. ސިޔާސީ ވެރިން ލާންވެއްޖިއްޔާ، ދެން ކޮބައިތޯ އޭގެ ބަދަލަކީ. އެހެންނޫނީވިއްޔާ ހަމަ ކުރީގައި އޮތްގޮތަށް އަތޮޅު ކައުންސިލްގެ ރައީސްވެސް ހޮވައިގެން ބަހައްޓަންވީ ނޫންތޯ. މިހާރު އެތަންތަން އެހެރީ އެލް.ޖީ.އޭ.ގެ ސެކްޝަންސްތަކެއްގެ ގޮތުގައި. ދެން އެ ބޭފުޅުން ރައީސް އޮފީހުގައި އެދުނީ، ކޮން ނަމެއްތޯ ކިޔާނީ. ދެން އެކޮޅުން ފޮނުވި އޮޕްޝަންސްތަކުގެ ތެރެއިން އަޅުގަނޑުމެން ދެންނެވީ، އެލް.ޖީ.އޭ.ގެ މިވެނި އަތޮޅެއްގެ އޮފީސް ކިޔާށޭ. އެ ބޭފުޅުން ބޭނުމިއްޔާ އެހެން ނަމެއްވެސް ކިޔަންވީ. ދެން އަތޮޅުގައި ހުންނަ އެލް.ޖީ.އޭ.ގެ އިދާރާ އެއީ. ގޮފި ކިޔަސް އަދި އެ ތަނަކީ ޑިޕާޓްމަންޓެއް ގޮތަށް ކިޔަސް، އަޅުގަނޑަކަށް މައްސަލައެއް ނެތް. އެލް.ޖީ.އޭ.ގެ ދަށުން ހިނގާ އެލް.ޖީ.އޭ.ގެ އޮފީހެއް އެއީ. އެތަންތާކަށް އަދި ވަކިން އަޅުގަނޑު ޢައްޔަންކުރާ ސިޔާސީ ވެރިއެއް، އަތޮޅުވެރިއެއްވިޔަސް، އެހެން ނަމެއް ކިޔާފައިވެސް އަޅުގަނޑު ނުލާނަން. އެއީ އަޅުގަނޑު ކުރަން ޤަޞްދުކުރާ ކަމެއްނޫން.
އެހެންވީމާ، ސިޔާސީ ބޭފުޅުންނަކީ ދެން ތަނެއްދޮރެއް ނުބަލައި، ޙަޤީޤަތެއްވެސް ނުބަލައި ވާހަކަ ދައްކާ ބައެއް ގޮތުގައި މި އޮންނަނީ ވެފައި ރާއްޖޭގައި. ދެން ރައްޔިތުން އެކަމަކު އެއަށްވުރެ ހުޝިޔާރުކަމާއެކީގައި އެ ދައްކާ ވާހަކަ އެނަލައިޒް ކޮށްލީމަ ރަނގަޅުވާނެހެން އަޅުގަނޑަށް ހީވަނީ.
ޕްރެޒެންޓަރ:
ވަރަށްގިނަ ދާއިރާތަކުން އެކި މައުޟޫޢުތަކަށް އަޅުގަނޑަށް ވާހަކަ ދެއްކިއްޖެ. ރައީސަށް ވަރަށް މުހިންމު ސުވާލުތަކެއް އަޅުގަނޑަށް އަމާޒުކުރެވިއްޖެ.
ނިންމާލުމުގެ ކުރިން، މި ދާއިރާތަކާއި އަދި ރައީސް ފާހަގަކޮށްލައްވަން ބޭނުންފުޅުވާ މުހިންމު ކަމެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ އަބަދުވެސް ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން ކުރިއަށްދާނަމޭ. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައިވެސް އަޅުގަނޑު އިސްކޮށްފައި ވާނީ އެކަމޭ. އެގޮތަށް ކަންކުރާށޭ. އަޅުގަނޑަށް އެންމެ މުހިންމީ މި ޤައުމު. އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ޚިދުމަތް ކުރުން. އަޅުގަނޑަށް މުހިންމީ ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުން. އަޅުގަނޑަށް މުހިންމީ ރާއްޖޭގެ އިސްލާމްދީން އެއީ، އެންމެ އެންމެ އިސްކަންދޭ ކަންތަކުގެ ގޮތުގައި އިސްލާމްދީނަށް މި ޤައުމުގައި ނަޞްރު ލިބިގެން ދިޔުން އަބަދުވެސް. ރައްޔިތުންގެ އަސާސީ ކަންކަން، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުން. ރައްޔިތުންނަށް ތަރައްޤީ ހުރިހާ މާނައެއްގައި ވަށާޖެހޭގޮތެއްގައި ކަށަވަރުކޮށްދިނުމުގެ ސިޔާސަތު އިރާދަކުރެއްވިއްޔާ ތަންފީޒު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުމާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށްދާނަމޭ.
ދެން މި ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް އަޅުގަނޑު މިކުރާ މަސައްކަތަށް ހުރަސްއަޅަން ބައެއް ފަރާތްތަކުން އެކުރާ މަސައްކަތްތަކަކީ، އެއީ ޒިންމާދާރު ކަމެއްނޫންކަމާއި، އެކަންކަމަކީ ޑިމޮކްރަސީގެ ހަމައެއްވެސް ނޫންކަމާއި، އެކަންކަމަކީ އަދި އަމުދުން އިޚްލާޞްތެރިކަމެއް އޮތް ކަމެއްނޫންކަން. އެއީ، ރައްޔިތުން ދެނެގަންނަންވީ ކަމެއްކަން. އަޅުގަނޑު ޔަޤީންކުރަނީ އެގޮތުގައި ރައްޔިތުން އެކަން ގަބޫލުކުރައްވާނެ ކަމެއް ކަމަށް.
ޕްރެޒެންޓަރ:
ވަރަށް ބޮޑަށް ޝުކުރިއްޔާ، ރައީސްގެ ވަރަށް ބިޒީ ޝެޑިއުލަކުން އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ހުސްކޮށްދެއްވައި، ތިޔަ ދެއްވި މުހިންމު މަޢުލޫމާތުކޮޅަށްޓަކައި އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ ހަމަޔަށް މި ގެނެސްދިނީ، ސަރުކާރުގެ ސިޔާސަތުތަކާއި އަދި މިހާރު ރާއްޖޭގެ އެކި މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން، އެކި ދާއިރާތަކުން މުހިންމު ކަންތައްތަކާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ތިޔަބޭފުޅުންނާ ހަމަޔަށް. ސީދާ ރައީސުލްޖުމްހޫރިއްޔާ މެދުވެރިކޮށް.
އާދެ، ތިޔަބޭފުޅުންނަށް މުހިންމު އަދި ޝައުޤުވެރި މަޢުލޫމާތަކަށް ވެގެންދިޔަ ކަމުގެ އުންމީދުގައި ވަކިވެލާނީ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އަމާން، ބާއްޖަވެރި ވަގުތުކޮޅަކަށް އެދެމުން.
والسَّلام عَلَيْكُم.