ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިޞްލާޙުކުރުން)އިން އައްޑުއަތޮޅު މީދޫއަކީ "އައްޑޫ މީދޫ"ގެ ނަމުން ނަންދެވިފައިވާ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ހަމަޖައްސަވައި، އައްޑުއަތޮޅު ހުޅުދޫއަކީ "އައްޑޫ ހުޅުދޫ"ގެ ނަމުން ނަންދެވިފައިވާ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ހަމަޖައްސަވައި، މީހުން ދިރިއުޅޭ އިދާރީ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައިފައިވާ އައްޑޫއަކީ އައްޑުއަތޮޅު ހިތަދޫއާއި އައްޑުއަތޮޅު މަރަދޫއާއި އައްޑުއަތޮޅު މަރަދޫފޭދޫއާއި އައްޑުއަތޮޅު ފޭދޫ ހިމެނޭގޮތުން "އައްޑޫ ސިޓީ"ގެ ނަމުން ނަން ދެވިފައިވާ މީހުން ދިރިއުޅޭ ވަކި އިދާރީ ރަށެއްކަމުގައި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 34/2025 (އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައެޅުމާއި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް އަލުން ކަނޑައެޅުން)އިން، އައްޑޫ ސިޓީ ކައުންސިލާއި އައްޑުއަތޮޅު/ސ. އައްޑޫ މީދޫ ކައުންސިލާއި އައްޑުއަތޮޅު/ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފައްދަވައިފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 124ވަނަ މާއްދާގެ ދަށުން "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" 2026 މޭ 17ވަނަ ދުވަހުން ފެށިގެން އުފައްދަވައި، މިހާރު ހިނގަމުންދާ "އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ" އަކީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 34/2025ގެ ދަށުން އުފައްދަވައިފައިވާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި 2026 މޭ 17ވަނަ ދުވަހުން ފެށިގެން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
|
ކައުންސިލް އިދާރާގެ ނަން |
ކައުންސިލް އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް |
|
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ |
Secretariat of the Addu Meedhoo Council, Adduatholhu |
|
އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ |
Secretariat of the Addu Hulhudhoo Council, Adduatholhu |
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1141 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 36/2025 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިޞްލާޙުކުރުން)އިން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫގައި އާބަދުކޮށް ރަޖިސްޓްރީކޮށް ނިމުމުން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 134ވަނަ މާއްދާގެ (ހ)ގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ގަސްތުކުރައްވައި، "ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026"ގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އިންތިޚާބީ ދާއިރާއަކީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 8ވަނަ މާއްދާގެ (އ)ގައިވާ ހާލަތަށް ރިއާޔަތްކުރައްވައި، އެ އަތޮޅު ހަނިމާދޫކަމަށް ހަމަޖައްސަވައިފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 3ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަވައިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލް"އާއި، އެ ޤާނޫނުގެ 124ވަނަ މާއްދާގެ ދަށުން އުފައްދަވައިފައިވާ "ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ" 2026 މޭ 17ވަނަ ދުވަހުން ފެށިގެން އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 17ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އާ ގުޅިގެން ޤާނޫނު ނަންބަރު 2010/7 ގެ 3ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަވައިފައިވާ ތިރީގައިވާ އަތޮޅު ކައުންސިލްތައް 17ވަނަ ދުވަހުން ފެށިގެން އުވައިލައްވައި، ޤާނޫނު ނަންބަރު 2025/22 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 17ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 58ވަނަ މާއްދާގެ (ހ)ގައި، ޤާނޫނު ނަންބަރު 7/2010ގެ 124ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި އެ ނޫން ވެސް އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް، ޤާނޫނު ނަންބަރު 2025/22އަށް ޢަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވުމާއެކު އުވުނީކަމަށް ބަޔާންކޮށްފައިވާތީ، ތިރީގައިވާ އަތޮޅު ކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17ވަނަ ދުވަހުން ފެށިގެން އުވައިލެވިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް
1. ތިލަދުންމަތީ އުތުރުބުރީ/ހއ. އަތޮޅު ކައުންސިލް
2. ތިލަދުންމަތީ ދެކުނުބުރީ/ހދ. އަތޮޅު ކައުންސިލް
3. މިލަދުންމަޑުލު އުތުރުބުރީ/ށ. އަތޮޅު ކައުންސިލް
4. މިލަދުންމަޑުލު ދެކުނުބުރީ/ނ. އަތޮޅު ކައުންސިލް
5. މާޅޮސްމަޑުލު އުތުރުބުރީ/ރ. އަތޮޅު ކައުންސިލް
6. މާޅޮސްމަޑުލު ދެކުނުބުރީ/ބ. އަތޮޅު ކައުންސިލް
7. ފާދިއްޕޮޅު/ޅ. އަތޮޅު ކައުންސިލް
8. މާލެއަތޮޅު/ކ. އަތޮޅު ކައުންސިލް
9. އަރިއަތޮޅު އުތުރުބުރީ/އއ. އަތޮޅު ކައުންސިލް
10. އަރިއަތޮޅު ދެކުނުބުރީ/އދ. އަތޮޅު ކައުންސިލް
11. ފެލިދެއަތޮޅު/ވ. އަތޮޅު ކައުންސިލް
12. މުލަކަތޮޅު/މ. އަތޮޅު ކައުންސިލް
13. ނިލަންދެއަތޮޅު އުތުރުބުރީ/ފ. އަތޮޅު ކައުންސިލް
14. ނިލަންދެއަތޮޅު ދެކުނުބުރީ/ދ. އަތޮޅު ކައުންސިލް
15. ކޮޅުމަޑުލު/ތ. އަތޮޅު ކައުންސިލް
16. ހައްދުންމަތީ/ލ. އަތޮޅު ކައުންސިލް
17. ހުވަދުއަތޮޅު އުތުރުބުރީ/ގއ. އަތޮޅު ކައުންސިލް
18. ހުވަދުއަތޮޅު ދެކުނުބުރީ/ގދ. އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލް އިދާރާތައް
1. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
2. ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
3. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
4. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
5. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
6. މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
7. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
8. މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
9. އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
10. އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
11. ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
12. މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
13. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
14. ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
15. ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
16. ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
17. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
18. ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ