ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، މިއަދު ދަސްވެނިވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ދަސްވެނީންނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ދިވެހިރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ، 343 ދަރިވަރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި މި ދަސްވެނީންގެ ތެރޭގައި، 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭކަމާއި، ދަސްވެނީންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނޭކަން، އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފެށީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ކުރިއަށް ގެންގޮސްފައި ވަނީ ޅ. މާފިލާފުށީގައެވެ. ‏ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، މައިދާނީ ހަރަކާތްތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފެއްޓެވި ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ ޑިސެމްބަރު 2025ގައެވެ.