ނޭވާހިއްލުމުގެ ބަލިން ރައްކާތެރިވުމަށް އިސްކަންދޭ "ޕްރޯއެކްޓިވް" އުސޫލެއް މުޅި މުޖުތަމައުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ "ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހިރާއްޖޭގައި ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް، ކުޑަކުދިންގެ މެދުގައި ނޭވާހިއްލުން އިތުރުވުމާއި، މި ބައްޔާ ގުޅިގެން ހޮސްޕިޓަލަށް ދައްކާ މިންވަރު ނިސްބަތުން މަތިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ ވަނީ ތަޣައްޔަރުވުމާއި، ވައިގެ ނުސާފުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ކަންކަމަކީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ މައިގަނޑު ސަބަބުތައްކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިންވެސް ފާހަގަކުރައްވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ވާރުތަވާ އެލާޖީގެ ހާލަތްތަކާއި (އެޓޯޕީ)، އެލާޖީތަކުގެ އިތުރުން އެގްޒީމާ ފަދަ ބަލިތައް ރާއްޖޭގައި އާންމުކަމަށާއި، ތިމާވެށީގެ ސަބަބުތަކާ ގުޅިގެން މިފަދަ ކަންކަން މެދުވެރިވުމަކީ ނޭވާހިއްލުމުގެ ބަލި އިތުރުވުމަށް ބާރުދޭ ކަންކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިއަހަރުގެ ވޯލްޑް އެސްތްމާ ޑޭ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން އަރޖަންޓް ނީޑް" އާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ގޮވާލައްވާފައެވެ. އެގޮތުން އިންހޭލާއަކީ ރައްކާތެރި، ނަތީޖާ ފެންނަ، އަދި އެއަށް ދެވިހިފާ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އިންހޭލާގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް، ބަލި ބޮޑުވުން ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތަކާ ފުއްޕާމޭގެ ބަލިތައް ދެނެގަތުމަށް ކުރެވޭ އެކިއެކި ތަޙްލީލްތަކާއި ދެވޭ ޚާއްޞަ ޚިދުމަތްތައް ގާއިމުކުރުމަކީ ބަލިމީހުންނަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ނޭވާލާ ނިޒާމުގެ ފަރުވާ ރަށްރަށުގައި އެންމެ އެދެވޭ ގޮތުގައި ނުދެވޭކަމަށާއި، ބަލި ދެނެގަތުން ލަސްވުމުގެ ސަބަބުން ކުއްލި ޙާލަތުގައި ފަރުވާދޭންޖެހުމަކީ ޞިއްޙަތު ބެލެހެއްޓުމުގައި އަދިވެސް އޮތް ގޮންޖެހުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ސިމްޕޯޒިއަމްގެ ސަބަބުން ހަމައެކަނި މަޝްވަރާކުރުމުގެ އިތުރުން، ޢަމަލީ ނަތީޖާ ފެންނަ މަސައްކަތްތަކެއް ކުރެވި، ދުޅަހެޔޮ އަދި އުފާވެރި ރާއްޖެއެއް ބިނާކުރުމުގެ އަޒުމް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.