ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ކޮލަމްބޯގެ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.

މި ހަރަކާތުގައި ސްރީލަންކާގައި ތަފާތު ވައްތަރުގެ ސައި ކެއްކުމުގެ ވައްޓަފާޅި ދައްކާލުމުގެ އިތުރުން ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާގުޅޭ ސެޝަނެއް ކުރިއަށް ގެންދެވިއެވެ. އަދި ކިޔަވާ ކުދިންގެ ފަރާތުން "ޓުމޯރޯސް ކޮލަންބޯ" ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށްދިޔައެވެ. މިހަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މޭޔަރު ވަނީ އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ހިޔާލުބަދަލުކުރައްވާފައެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ދެ ބޭފުޅުންވެސް ވަނީ ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމް އައުކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެވަޑައިގެންނެވި ހަފުލާއެކެވެ.