ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާން ކުރެއްވުމުން، އެކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ލިސްޓާއި، އެބޭފުޅުންގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިކަމަށް ކުރިމަތިލައްވާފައިވަނީ 42 ބޭފުޅުންނެވެ. އެއީ، ފިރިހެން 33 ބޭފުޅުންނާއި އަންހެން 9 ބޭފުޅުންނެވެ. މި ލިސްޓް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ، ލިސްޓް އެކުލަވާލެއްވުމުގައި އެމަނިކުފާނު އިސްކަންދެއްވި ތަރުތީބު ކަމަށްވާ، އެބޭފުޅުން އެކަމަށް ކުރިމަތިލެއްވި ތަރުތީބުންނެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ)ގައި ވަނީ، ކޮމިޝަނަށް މެންބަރުން ޢައްޔަންކުރަން ޖެހުމުން، ކޮންމެ ފަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢްލާން ކުރުމަށްފަހު، އެކަމަށް ކުރިމަތިލި ހުރިހާ މީހުންގެ ނަމާއި ވަނަވަރު، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެ ކަމަށެވެ. އަދި ކުރިމަތިލި މީހުންގެ ލިސްޓް ފޮނުވުމުގައި، ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދޭ ތަރުތީބުން ލިސްޓް އެކުލަވާލަންވާނެ ކަމަށެވެ. ކޮމިޝަނަށް ޢައްޔަންކުރާނީ، މަޖިލީހުން ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ނަމެއް ނުވަތަ ނަންތަކެވެ.