ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ދިވެހި ސިފައިންގެ 134 އަހަރުގެ ފަޚުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ޤައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަންފުޅުތައް ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ސިފައިން ޤައުމަށްޓަކައި ވަމުންދާ މަތިވެރި ޤުރުބާނީއާއި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަމުން، ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ރައްދުކުރައްވާފައެވެ.