ޔުނިސެފްގެ އެހީގައި ތައްޔާރުކުރައްވާފައިވާ، "މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް" ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި، މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު، ހަރުދަނާ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް އެންމެ މުހިންމު ކަމަކީ، ކުޑަކުދިންނަށް ރައްކާތެރިކަމާއެކު އަމާނާތެއްގެ ގޮތުގައި ބަލައިގެން އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި، ތަރުބިއްޔަތާއި، ލޯތްބާއެކު ކުދިން ބޮޑުކުރުން ކަމުގައި ވިދާޅުވިއެވެ.

ކުޑަކުދިންނަށާއި، އަދި އަންހެނުންނަށް ލިބޭ އަނިޔާ ގިނަފަހަރަށް ލިބިފައި ހުންނަނީ އެމީހުން އިތުބާރުކުރާ ގާތް މީހުންގެ ކިބައިންކަން ފާހަގަކުރައްވަމުން، މިމައްސަލައަށް ޙައްލެއް ހޯދުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީވެސް މިއީ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ކުޑަކުދިންނަށާއި އަންހެނުންނަށް ދެވޭ އަނިޔާއާއި ވެވޭ އިހްމާލު ހުއްޓުވުމަށް، މިކަމުގެ އަސްލާ ދޭތެރޭ ވިސްނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ އަސްލު ފެށިގެން އަންނަނީ، އަންހެނުންނާއި ކުޑަކުދިންނާ ދޭތެރޭ ވިސްނާ ވިސްނުމުގެ ތެރެއިން ކަމަށާއި، އަންހެނުންނަކީ، ފިރިހެނުންނަށްވުރެ ދެރަބައެއްގެ ގޮތުގައި ޤަބޫލު ކުރެވި، އަދި ކުޑަކުދިންނަކީ އަޅުގަނޑުމެންނަށް ލިބިފައިވާ މުދަލެއްގެ ގޮތުގައި ދެކެވޭތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޑޭޓާބޭސްއަކީ، ރާއްޖޭގައި ކުޑަކުދިން ޙިމާޔަތްކޮށް ރައްކަތެރިކުރުމަށް ކުރެވޭ މަސައްކަތުގެ މަޢުލޫމާތާއި، ރެކޯޑްތައް ބަލަހައްޓައި، ރައްކާތެރިކަން ލިބިދޭންޖެހޭ ކުދިންނަށް، ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން ހަރުދަނާގޮތެއްގައި ރައްކާތެރިކަން ލިބިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޔުނިސެފްގެ އެހީގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބައިވެރިވުމާއެކު ތައްޔާރުކުރައްވާފައިވާ ޑޭޓާބޭސްއެކެވެ.

މި ޑޭޓާބޭސް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޑޭޓާބޭސްގެ ސަބަބުން، ރާއްޖޭގައި ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ މަޢުލޫމާތު ސާފުވެގެން ދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ޑޭޓާބޭސް އުފެދުމުން، ކުޑަކުދިންގެ މައްސަލަތައް ބަލަމުންދާ ތަފާތު ތަންފީޒީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ކުރިއަށްވުރެ ފަސޭހައިން ލިބި، މައްސަލަ ކުރިއަށްދާ ގޮތް އެއްބަޔަކު އަނެއް ބަޔަކަށް ސާފުވެ، އަދި މައްސަލަތައް ހުއްޓިފައި ނުހުނާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް ފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.