ދިވެހި ރެޑް ކްރެސެންޓްގެ މެމްބަރޝިޕް ކާޑު، އެ ޖަމްޢިއްޔާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ. މެމްބަރޝިޕް ކާޑު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ދިވެހި ރެޑް ކްރެސެންޓްގެ މާލެ ގޮފީގެ ބައެއް މެންބަރުންނާއި ވޮލަންޓިއަރުންގެ ގޮތުގައި އެ ޖަމްޢިއްޔާއަށް ޚިދުމަތްކޮށްދޭ ބައެއް ފަރާތްތަކާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރެޑް ކްރެސެންޓްގެ މެންބަރަކަށް ވެވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރެޑް ކްރެސެންޓަކީ، މިހާރު ޤާނޫނަކުން ބާރުލިބިގެންވާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވަމުން، އެ ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.