ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވައިފިއެވެ. މިރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ކުރިއަށްގެންދިޔަ އިފުތިތާހީ ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މިރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ. ޚިދުމަތަށް ޚާއްޞަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތަޢާރަފުކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓ) އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއްކަމުގައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި، އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ޓެކްސީ ލައިންގައި ޚިދުމަތްދިނުމަށް ބޭނުންކުރާ ކާރުތައް ބައްލަވާލައްވާފައެވެ.