بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ސަރުކާރު އުފެދިގެން އައިސް، ﷲގެ އިރާދަފުޅާއި، މިންވަރުފުޅާއެކު މިއަދަށް ދެ އަހަރު ހަމަވެގެން މިދިޔައީ. މިރޭގެ މި ހަފުލާގައި އަޅުގަނޑު ގަސްދުކުރަނީ، ޙަޤީޤަތުގައި މީގެ ދެ ދުވަހެއް ކުރިން، ނޮވެންބަރު 14 ވަނަ ދުވަހުގެ ރޭ، އަޅުގަނޑު ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގެ، އެހެންގޮތަކަށް ދަންނަވަންޏާ، ޝަރަޙައެއް ދަންނަވައިލަން. އެރޭ އަޅުގަނޑު ވަރަށް ކުރުގޮތަކަށް ޚުލާޞާކޮށްލެވޭތޯ ބެލީ، ދިވެހި ސަރުކާރުގެ ސިޔާސަތު، ރައްޔިތުންނަށްޓަކައި މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންކަން ކުރިގޮތާއި، ކުރަމުންދާގޮތް. އިރާދަކުރެއްވިއްޔާ އަދި ކުރާނެގޮތް. މިރޭ، އިރާދަކުރެއްވިއްޔާ މިދިޔަ އަހަރު އަދި އޭގެ ކުރީ އަހަރުގެވެސް މުހިންމު ބައެއް ކަންކަން ހިމެނޭހެން، އަޅުގަނޑުމެން މި ސަރުކާރުން އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށްޓަކައި، މަސައްކަތް ކޮށްފައިވާ ގޮތް، ހިސާބު އަދަދުންނާއި، އެކިއެކި ފެކްޗުއަލް މަޢުލޫމާތުގެ އަލީގައި ދަންނަވައިލެވޭތޯ ބަލާނަން.

އަޅުގަނޑު މިތަނުގައި ދަންނަވާ ހަމަ ކޮންމެ ވާހަކައަކީވެސް، އޭގެ މަޢުލޫމާތު އެހެން ސޯސްތަކުން ހޯދޭނެ، ކޮލެބޮރޭޓް ކުރެވޭނެ، ރިލޭޓް ކުރެވޭނެ، ކޮމްޕެއަރ ކުރެވޭނެ، ޓެސްޓަބަލް އެވިޑެންސް ހުރި މަޢުލޫމާތު. އަޅުގަނޑު ވާހަކަދައްކަނީ، އަދި މި ސަރުކާރުންވެސް ވާހަކަދައްކަނީ ނަތީޖާއިން. މި ސަރުކާރަށް ހުރިހާވެސް އެއްޗަކީ، ނަތީޖާ ނެރެދިނުން. ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދައިދީ، އޭގެ ފޮނިމީރުކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހޯދައިދިނުން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ސަރުކާރުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ތިންބަޔަކަށް ބަހައިލާނަމަ، ބެހިގެން މިދަނީ ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަން. މި ތިން ދާއިރާއަށް. އާދެ، އެގޮތުން ބަލާއިރުގައި، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އަދި ހުރިހާ ސިޔާސަތެއްގެވެސް ބިންގަލަކީ، މަދަކީ، މާތްވެގެންވާ އިސްލާމްދީން. މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި، ހަމަތަކާ އެއްގޮތަށް މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢެއް ކަމުގައިވިޔަސް، ރައްޔިތުންނަށް ވީ ވަޢުދެއް ފުއްދުން ކަމުގައިވިޔަސް، ޒުވާނުން ބިނާކުރުން ކަމުގައިވިޔަސް، އަދި އިޤްތިޞާދު ތަރައްޤީކުރުން ކަމުގައިވިޔަސް، އިޖުތިމާޢީ ދުޅަހެޔޮކަން ޤައުމަށް ގެނައުން ކަމުގައިވިޔަސް، ކޮންމެ ކަމެއްގެވެސް ފައުންޑޭޝަނަކީ، އަދި އެ ފައުންޑޭޝަނެއްގެ މަތީގައި މި ފަޚުރުވެރި އިސްލާމީ ޤައުމު ބިނާކުރާނެ އުސޫލަކީ، ހަމައަކީ، މާތްވެގެންވާ އިސްލާމްދީން. އެހެންވީމާ، އެއީ އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވަން ބޭނުންވާ، ފާހަގަކުރަން ބޭނުންވާ ކަމަކީ.

އަޅުގަނޑުގެ ޒިންމާއަކީ، އަދި މަސްއޫލިއްޔަތަކީ، މިގޮތަށް މިކަން ކުރުން. ފަޚުރުވެރި އިސްލާމީ ޙަޟާރަތެއް މި ޤައުމުގައި ޤާއިމުކުރުމަކީ، އަޅުގަނޑު ހިތުން ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންވެސް ބޭނުންވާ ގޮތް. އެގޮތުގެމަތިން، އިރާދަކުރެއްވީތީ މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ. އެއީ، ކޮންމެ ދާއިރާއަކުން ބެލިކަމުގައިވިޔަސް، އިސްލާމީ ކޮންމެ ދާއިރާއަކުން ބެލިކަމުގައިވިޔަސް، އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ އެގޮތަށް.

އެކިއެކި ސިޓީތަކުގައި ވަޤްފު އިމާރާތްތައް ބިނާކުރުމަށްޓަކައި މިހާރު މަސައްކަތް އެވަނީ ހަވާލުކުރެވިފައި. މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ، ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭތޯ.

ހަމައެއާއެކީގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައިވެސް ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމަކީ، މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެއް. ވަރަށް މުހިންމު މަޝްރޫޢެއް. އަޅުގަނޑުމެން މުސްލިމުން އެންމެ މުހިންމު އިސްކަމެއް ދޭންޖެހެނީ ކީރިތި ޤުރްއާނަށް. އެހެންވީމާ، އަޅުގަނޑު ފަޚުރެއްގެ ގޮތުގައި، އަދި އުފަލެއްގެ ގޮތުގައި ދެކެނީ، ދިވެހީން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައިވެސް، ކީރިތި ޤުރްއާނަށް އިސްކަންދޭނެ، ތިލާވަތުކުރާނެ، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރުން. އެހެންވީމާ، ކޮންމެ ރަށެއްގައި، ކުރިއަށް މިއޮތް ތިން އަހަރަށް ބަހާލައިގެން، އެ ރަށެއްގެ ކުޑަބޮޑުމިނުގެ މައްޗަށް ބިނާކޮށް، ޤުރްއާނާ ބެހޭ މަރުކަޒުތައް، އަޅުގަނޑުމެން ޤާއިމުކުރަމުން ގެންދާނަން.

ހަމައެއާއެކީގައި، ވަޤްފު އިމާރާތްތައް މި ބިނާކުރަނީވެސް އިސްލާމްދީނަށް ޚަރަދުކުރުމަށްޓަކައި، ޒުވާނުން ބިނާކުރުމަށްޓަކައި، އަދި މުޖުތަމަޢު ބިނާކުރުމަށްޓަކައި، ދީނީ ރޮނގުން ކުރަންހުރި ކަންކަމުގައި ހޭދަކުރުމަށްޓަކައި، އިންވެސްޓްމަންޓްތަކެއް ގޮތުގައި. މިއަދުވެސް އެންމެފަހުން އަޅުގަނޑުމެން މީގެ އެގްރީމަންޓެއްގައި މި ސޮއިކުރީ. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި މި އިމާރާތްކުރާ ބިނާތަކުން ލިބޭ ފައިސާ ހޭދަކުރާނީ، ދީނީ ކަންކަމަށް. އަދި އޭގެއިތުރަށްވެސް، އިޖުތިމާޢީ ގޮތުން ބޭނުންތެރި ކަންކަމަށް އޮންނަ އުސޫލުގެ ތެރެއިން، ޤައުމަށް ފައިދާވާގޮތަށް، ޚަރަދުކުރެވިގެން ދާނެ.

އާދެ، މީގެއިތުރަށްވެސް، އަޅުގަނޑުމެން އިސްލާމީ މަރުކަޒުތައް އެބަ ބިނާކުރަން. މިސްކިތްތައް އެބަ ބިނާކުރަން. މިގޮތަށްގޮސް، އިސްލާމްދީން މިތަނުގައި ކުރިއަރުވައި، ދިރުވައި، އާލާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމަކީ، މި ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް. މިސްކިތްތައް މިހާރު އަޅުގަނޑުމެން ބިނާކުރަނީ، އޭ.ސީ.ކޮށްފައި، ލައިބްރަރީ ހަދާފައި، އެންމެ ޒަމާނީ ފެންވަރަށް، ކްލާސްރޫމްތައް ހަދާފައި. މާލޭގައި މިހިރީ ތަންކޮޅެއް ކުރިން ހެދި ގިނަ މިސްކިތްތަކެއް. މި މިސްކިތްތަކުގެ ތެރެއިންވެސް، ޖާގައިގެ ގޮތުން، 800 މީހުންނަށްވުރެ ގިނައިން ނަމާދަށް އެރޭ މިސްކިތްތައް، އޭ.ސީ.ކުރުމުގެ މަސައްކަތެއްވެސް ފެށިފައިވަނީ. މި ބަލަނީ، މި ރަމަޟާން މަސް އަންނަންވާއިރަށް، މީގެތެރެއިން މަދުވެގެން، ފަސް މިސްކިތެއް އޭ.ސީ.ކޮށް ނިންމާލެވޭތޯ. އޭރުން ނަމާދުކުރަން، އަޅުކަންކުރަން ހޭދަކުރާ ވަގުތު، ހަމަ ޔަޤީނުންވެސް ވަރަށް ހިތްގައިމުވެގެންދާނެ. މި މަޝްރޫޢު ކުރިއަށް އޮތް ތާނގައިވެސް ކުރިއަށްދާނެ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މިގޮތަށް ދީނީ ރޮނގުން ޤައުމަތް ޚިދުމަތް ކުރާނެ ގޮތްތަކެއް ހަމަޖައްސަން.

ކީރިތި ޤުރްއާނުގެ ވާހަކަ އަޅުގަނޑު ދެންނެވިން. ކީރިތި ޤުރްއާނުގެ ޤައުމީ މުބާރާތް، އަޅުގަނޑު ކަނޑައެޅިގޮތަށް މިހާރު އެވަނީ، މި ރާއްޖޭގައި ރަސްމީކޮށް، ސަރުކާރުން ހިންގާ އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަށް ބަދަލުކޮށްފައި. އެކަން ފުރަތަމަ މި އަހަރު މި ތަންފީޒުކުރަން ފެށީ. އެންމެ އަގުބޮޑު އިނާމު. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ސައްތައިންސައްތަ މި ފަޚުރުވެރި އިސްލާމީ ޤައުމުގައި، ކީރިތި ޤުރްއާނަށް ދޭންޖެހޭ އިސްކަމަށްވުރެ، އިސްކަންދޭންޖެހޭ އެހެން ކަމެއް އޮވެގެން ނުވާނެތީ. ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް، އަދި ކީރިތި ޤުރްއާނާމެދު ވިސްނައި، އެއާމެދުގައި ޢަމަލުކުރަން ބާރުއަޅައި، މި ހުރިހާ ކަމެއް ކުރުމަށްވުރެ އިސްކަންދޭންޖެހޭނެ ކަމެއް ނޯންނާނެ. އެހެންވީމާ، ކީރިތި ޤުރްއާނަށް މި އިސްކަންދިނުމަށްޓަކައި، މި މުބާރާތަށް ދޭ އިނާމުތައް މިވަނީ، އެންމެ މަތީ ފެންވަރުގެ އިނާމުތަކަށް ހެދި، އެ އިނާމުތައް ދޭން ފަށާފައި. އިރާދަކުރެއްވިއްޔާ، އެގޮތުގައި ކުރިއަށްދާނެ. އެންމެ މަތީ ވަނަ ހޯދާ ކުއްޖާއަށް، ޕީ.އެޗް.ޑީ.އާ ހަމައަށް އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކިޔެވޭގޮތަށް މިހާރު އިނާމުދޭން މި ފެށީ. އޭގެވެސް ބޭނުމަކީ، ތަޢުލީމީ ގޮތުން ކުރިއަށްދިޔުމަށްޓަކައި، ކީރިތި ޤުރްއާނުން ވަނަތައް ހޯދައިގެން ކުރިއަށްދިޔުމަށް ހިތްވަރުދިނުން، ބޭނުން ދާއިރާއަކުން ކިޔަވަން ދިޔުމަށްޓަކައިވެސްމެ.

އާދެ، އިސްލާމްދީނަށް އަޅުގަނޑުމެން ދޭ އިސްކަންދިނުމާ އެކީގައި، މި ޤައުމުގެ އެންމެ މުހިންމު އެއް އަސާސަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މިނިވަންކަން ޙިމާޔަތްކުރުން. މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި، އަޅުގަނޑުމެން މިހާރު މިވަނީ، ވަރަށް މުހިންމު ކަންތައްތަކެއް ފަށާފައި. ވަރަށް މުހިންމު އިސްކަމެއްދީގެން، މަސައްކަތްތަކެއް ފަށާފައި. އާދެ، އެގޮތުން، ޤައުމީ ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރުމަށްޓަކައި، މުހިންމު ހުރިހާ ދާއިރާއަކުން އަޅުގަނޑުމެން މިވަނީ، އިންފްރާސްޓްރަކްޗަރ ޑިވެލޮޕް ކުރުން ކަމުގައިވިޔަސް، ތަކެތި ހޯދައިދިނުން ކަމުގައިވިޔަސް، އަދި އެހެނިހެން ހުރިހާގޮތަކުންވެސް، އެމް.އެން.ޑީ.އެފް.ގެ ކޮންމެ ދާއިރާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައި. އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، އަޅުގަނޑުމެންގެ މިނިވަންކަމުގެ ފަލަ ރަތް ރޮނގު ޙިމާޔަތްކުރުމަށްޓަކައި، ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް.

އެހެންވީމާ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މިފަދަ އެތައް ކަމެއް އަޅުގަނޑުމެން ވަނީ ކޮށްފައި. ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، އެ އުސޫލުގެ މަތިން ކުރިއަށްދާނެ. މީގެތެރޭގައި، ކޯސްޓްގާޑުގެ ފްލީޓް ދެގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ކެޕޭސިޓީ ބޮޑުކުރުމާއި، އެއަރކޯ އުފައްދައި، އެއަރކޯއަށް އިތުރު ކެޕޭސިޓީ ބޮޑުކުރުމަށް މަސައްކަތް ކުރުމާއި، މި ހުރިހާ ކަމެއްވެސް ކުރިއަށް މިދަނީ. އެއަރ ސްޓޭޝަނެއް އަޅުގަނޑުމެން އައްޑުއަތޮޅުގައި އިހަކަށްދުވަހު ހުޅުވިން. އެއީ، އެންމެ ދެކުނުގެ ސްޓްރެޓީޖިކް ލޮކޭޝަން. އެންމެ އުތުރުގައިވެސް މިހާރު އެދަނީ އެ މަސައްކަތް ކުރަމުން. އެހެންވީމާ، މި ސްޓޭޝަންތައް ޤާއިމުކުރެވި، އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދާއި، ވައިގެ ސަރަޙައްދު ބެލެހެއްޓުމުގެ ކެޕޭސިޓީ ބޮޑުކުރުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންވެސް ބޭނުންވާނެ ގޮތް.

އަޅުގަނޑުމެންގެ މިލިޓްރީއަކީ ވަރުގަދަ މިލިޓްރީއަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ޒިންމާއަކަށް ވާންޖެހޭނެ. އަޅުގަނޑުމެންނަކީ ނިކަމެތި ބައެއް ގޮތުގައި ދެއްކުމަކީ، އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ވިސްނުން ހުރެގެންވާނެ ގޮތެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑުމެންގެ މީސްކޮޅު މަދުވެދާނެ. އަދި ފަސްލައްކަ މީހުންވެސް ރަސްމީކޮށް އާބާދީގައި ނެތް. އެހެންނަމަވެސް، މި ޤައުމަކީ ވަރަށް ދިގު ތާރީޚެއް އޮތް، ވަރަށް ބޯދާ ހިސްޓްރީއެއް، ވަރަށް ގިނަދުވަހުގެ ހިސްޓްރީއެއް، މާޒީއެއް އޮތް، ވަރަށް މުއްސަނދި ޤައުމެއް. ކަނޑުގެ ސަރަޙައްދު ލައިގެން ޖާގަ ބަލާނަމަ، ބިޔަ ބޮޑު ޤައުމެއް. އަޅުގަނޑުމެންގެ ޒިންމާއެއް މި ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓުމަކީ. އަޅުގަނޑުމެން އެކަން ނުކޮށް މިއޮތްހާ ދުވަހު ތިބުމަކީ، އަދި އެހެން ސުވާލެއް. އެހެންނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ، އެ ސުވާލަށް ޖަވާބުދީ، އެ ތަންތަން ބަލަހައްޓަން ފެށުން. އެހެންވީމާ، ޢަސްކަރިއްޔާ މި ވަރުގަދަކުރަނީ، މިނިވަންކަން ޙިމާޔަތްކުރުމުގެ ގޮތުން. މި ޤައުމަށް އިންވެސްޓްމަންޓްތައް އަންނައިރުގައިވެސް، އެ އިންވެސްޓްމަންޓްތައް ގެންނަ ފަރާތްތަކުންވެސް ބަލާނެ، މިނިވަންކަން ޙިމާޔަތް ކުރެވިފައިވޭތޯ. އެހެންވީމާ، 24 ގަޑިއިރު އަޅުގަނޑުމެންގެ އީ.އީ.ޒެޑް ބެލެހެއްޓޭ ފެންވަރަށް، އަޅުގަނޑުމެންގެ ވައިގެ ވަސީލަތްތައް ކަމުގައިވިޔަސް، ސިފައިންގެ ވަސީލަތްތައް ކަމުގައިވިޔަސް، އަދި ކަނޑުގެ ވަސީލަތްތައް ކަމުގައިވިޔަސް، އިތުރުކުރުމުގެ މަސައްކަތް މި ކުރަނީ. އަދި އޭގެއިތުރަށްވެސް، ޖުމްލަކޮށް ދިވެހި ސިފައިންގެ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތް ކުރެވިގެން މިދަނީ.

އާދެ، އޭގެއިތުރަށްވެސް، އަޅުގަނޑުމެންގެ ވިއުގަ ވަރުގަދަކުރުމަށްޓަކައި، އެކި ޤައުމުތަކާއެކީގައި ގުޅިގެން، ދިފާޢީގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އެކި ގުޅުންތައް ބަދަހިކޮށް، އެކި މަސައްކަތްތައް ކުރެވެމުން މިދަނީ.

އާދެ ދެން، އަޅުގަނޑު ހިތުން ޤައުމުގެ މިނިވަންކަމާ ގުޅިފައިވާނީ، އެންމެ މުހިންމު ކަމަކަށް، ޚާރިޖީ ސިޔާސަތު. އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ، މި ސަރުކާރުގެ ސިޔާސަތަކީ، "މޯލްޑިވްސް ފަސްޓް" ޕޮލިސީއޭ. ދިވެހީންނަށް އިސްކަން ލިބޭގޮތް އެއީ، އަޅުގަނޑަށް އެންމެ މުހިންމު ގޮތް. މި ޤައުމަށް އެންމެ ރަނގަޅުގޮތް ވާނެ ސިޔާސަތު، ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ދެކެން ބޭނުންވާނެ ގޮތް. އަދި، އެއީ ރައްޔިތުން ބޭނުންވާނެ ގޮތަކީވެސް. އެހެންވީމާ، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، އެގޮތަށް އަޅުގަނޑުމެން މިކުރި ހުރިހާ މަސައްކަތެއް ކުރީ، ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގެ ގޮތުން. މިގޮތުން، އިރާދަކުރެއްވީތީ ހުރިހާ ޤައުމަކާއެކުގައިވެސް އަޅުގަނޑުމެން މިވަނީ ވަރަށް ގާތް ގުޅުންތައް އުފައްދާފައި. އެއީ، އެންމެ ކައިރި އަވަށްޓެރިން ކަމުގައިވިޔަސް، ދުރު ޤައުމުތައް ކަމުގައިވިޔަސް، ކުދި ބޮޑު ހުރިހާ ޤައުމަކާއެކީގައި މިދަނީ، ދިވެހީންނަށް އެންމެ ފައިދާހުރިގޮތް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުން. މީގެތެރެއިން އެތައް ކާމިޔާބީއެއްވެސް އެބަ ހޯދޭ. ވިސާއާ ނުލައި ދަތުރުކުރެވޭނެ ޤައުމުތައްވެސް އިތުރުކުރެވިގެން އެބަދޭ. އަދި އޭގެއިތުރަށް، މުހިންމު ސްޓްރެޓީޖިކް ބައެއް ޤައުމުތަކުގައި އަޅުގަނޑުމެންގެ އެމްބަސީތައް ހުޅުވުމުގެ މަސައްކަތްވެސް ކުރެވި، ޤަޠަރުގައި އަދި ތުރުކީގައި ހުޅުވިގެން ގޮސްފައި އެވަނީ. އޭގެ ސަބަބުން ޤައުމަށް އިންވެސްޓްމަންޓްތައް ލިބިގެން އެބަދޭ.

އަޅުގަނޑުމެންގެ މިހާރު ތިއްބެވި ސަފީރުން، އެހެން ޤައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައިވެސް، މީގެކުރިން އެއްވެސްއިރެއްގައި، ޢައްޔަން ނުކުރެވޭވަރަށް އަޅުގަނޑުމެން މިވަނީ ޢައްޔަންކޮށްފައި. އެއީ އެ ބޭނުމަކީ. ސީދާ އެ ޤައުމަށް ޚާއްޞަކުރެވިފައި ހުރި ސަފީރެއް ހުރުމުން ލިބޭ ފައިދާ، އެތައް ގުނައެއް ބޮޑުވެގެން އެބަދޭ. އެ ގުޅުން ބަދަހިކުރުމުން ލިބޭ ބޮޑެތި އެތައް ކުރިއެރުންތަކެއް އެބަހުރި. އެހެންވީމާ، 27 ޤައުމަކަށް މިހާރު އަޅުގަނޑުމެން މިވަނީ، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، އެހެން ޤައުމުތަކަށް ޢައްޔަންކޮށްފައި ތިބި، އަދި ފޮރިން ސަރވިސްގައި ތިބި، އިސް، ކަމުގެ ޤާބިލިއްޔަތު ހުރި، ޤާނޫނުގައި ހުއްދަދޭ، މިންގަނޑުތަކަށް ފެތޭ، އެކިއެކި ފަރާތްތައް ޢައްޔަންކޮށްފައި. އޭގެ ސަބަބުން، އަޅުގަނޑުމެންނަށް ވަރަށް ގިނަ ކުރިއެރުންތައް އެބަ ލިބިގެންދޭ. ހަމަ އޭގެއިތުރަށް، ރާއްޖެއަށް އެކިކަހަލަ ފައިދާތައްވާ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާ އެކީގައިވެސް ގުޅުން ބަދަހިކުރުމަށްޓަކައި، އެ ތަންތަނަށްވެސް އަޅުގަނޑުމެން މިވަނީ މި ދެންނެވިހެން، ސަފީރުން ޢައްޔަންކޮށްފައި. އޭގެތެރޭގައި، އޯ.އައި.ސީ.އާއި، އައި.އެމް.އޯ. މިހެންގޮސް، ޑަބްލިޔޫ.ޓީ.އޯ. މިކަހަލަ މުހިންމު ތަންތާނގައި، މިދިޔަ ހުރިހާ ދުވަހަކު ނެތް، އަޅުގަނޑުމެންގެ ފަރާތުން، ރާއްޖޭގެ ފަރާތުން މަންދޫބެއް ކަނޑައަޅާފައެއް. އެހެންވީމާ، މިކަން ކުރުމުގެ ސަބަބުން، އިރާދަކުރެއްވިއްޔާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ ކުރިއެރުންތައް ވަރަށް ބޮޑު.

ޚާރިޖީ ގުޅުމުގެ ތެރޭގައި، އެންމެ މުހިންމު އިސްކަމެއް އަޅުގަނޑުމެން ދެނީ، ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރަން. ޚާއްޞަކޮށް، އަޅުގަނޑުމެންނާ އެންމެ ގާތް އެއް ޤައުމަކީ، ސަޢޫދީ ޢަރަބިއްޔާ. ސަޢޫދީ ޢަރަބިއްޔާއާ އެކީގައި ރާއްޖެ އޮތް ގުޅުމުގެ ތެރެއިން، ސަޢޫދީ ރަސްގެފާނު، އަދި ވަލީޢަހުދު ދިވެހީންނަށް ދެއްވާ އިސްކަމުގެ ތެރެއިން، "މައްކާ ރޫޓް އިނީޝިއޭޓިވް"ވެސް ހަމަޖެހިގެންދިޔައީ. މިއަދުވެސް، ސަޢޫދީ ރަސްގެފާނު، އަދި ވަލީޢަހުދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން، އެކަމަށްޓަކައި. އޭގެ ސަބަބުން، "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ތެރެއިން، އަޅުގަނޑުމެންނަށް މިވަނީ، ޙައްޖުގެ ވަރަށް ގިނަ ފަސޭހަތައް، މިދިޔަ ޙައްޖުގައި ލިބިފައި. އަދި ކުރިއަށް އޮތް އަހަރުގައިވެސް، އަދި ދެން އަންނަ އަހަރުތަކުގައިވެސް، އިރާދަކުރެއްވިއްޔާ، އެގޮތަށް ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތްކުރެވޭއިރު، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ، އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެވެސް އަސާސް، ފައުންޑޭޝަން ކަމުގައި އަޅުގަނޑުމެން ކަނޑައަޅަން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ، ދިވެހީންނަށް އެންމެ އިސްކަންދޭ ސިޔާސަތުކަން އަޅުގަނޑުމެން ކަނޑައަޅައި، ތަންފީޒުކުރަމުން ގޮސް، ދެން އެންމެ އިސްކަމެއްދޭންޖެހޭނީ، މި ފައުންޑޭޝަން ފުރިހަމަކުރުމުގައި. އަޅުގަނޑުމެންގެ ޤައުމިއްޔަތު އަޅުގަނޑުމެން ބިނާކުރަނީ، އަޅުގަނޑުމެންގެ މާޒީގެ މައްޗަށް ބިނާކޮށް، ފަޚުރުވެރި، ދިވެހިވަންތަ ޤައުމިއްޔަތެއް ގޮތުގައިކަން ކަށަވަރުކުރަމުން ދިޔުން. އެގޮތުން، އެތައް މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވޭ. މިއީ، ކުރީގައި ދުވަހަކުވެސް މިދިޔަ ސަރުކާރުތަކުން އެއްވެސްވަރަކަށް ނުކުރާ ކަންތައްތައް. އަބަދުވެސް ކިޔާ އެއްޗެއް، ދިވެހީންގެ ބަހަކީ، ދިވެހީންގެ ދީނަކީ އެކައްޗެކޭ. އެހެންނަމަވެސް، ޢަމަލީގޮތުން އެއާ މެދުގައި ވިސްނައި، އެއަށް އިންވެސްޓްކޮށް، ބަޔަކު އެއާ މެދުގައި ފިކުރުކުރާނެ ގޮތް ހަދައި، އޭގެ ސަބަބުން، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ޙިމާޔަތްކޮށްދީގެން، އަމާނާތްތެރިކަމާ އެކީގައި ވާރުތަކޮށްދިނުމުގެ އެއްވެސްކަހަލަ ނިޒާމެއް ނެތް. އޭގެ ސަބަބުން މިވާގޮތަކީ، މި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އެކިކަހަލަ ގްލޯބަލައިޒްޑް އިފެކްޓްތައް ރާއްޖެއަށްވެސް އަންނަނީ. އައިސްގެން، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން މަތިން ހަނދާންނެތެނީ. އަޅުގަނޑުމެންނަކީ ކޮންބައެއް ކަމާއި، މިއީ ކޮން ދީނެއްގައި ތިބި ބައެއް ކަމާއި، ކޮން މާޒީއެއް އޮތް ބައެއް ކަމާއި، ކޮން ބަހަކުން ވާހަކަދައްކާ ބައެއް ކަމާއި، ކޮން އާދަކާދަތަކެއް ހުރި ބައެއް ކަމާއި، މިކަންކަން ހަނދާން ނެތެމުން ނެތެމުން މިދަނީ. މިތަނުގެ އަސްލުވަންތަކަން، އައިޑެންޓިޓީ ނެތެމުންދަނީ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދުވާނެ، ޚާއްޞަކޮށް ޒުވާނުންގެ ތެރެއިން މިހާރު އަޅުގަނޑުމެންގެ ބަޠަލުންގެ ވާހަކަ އަހާލީމަ، ފުރިހަމަ ނަން ބުނަންވެސް ނޭނގޭނެ ގިނަ ޒުވާނުންނަކަށް. ނޭނގޭނެ، ބޮޑުތަކުރުފާނަކީ ކާކުކަމެއް. ދޮންބަންޑާރައިންނަކީ ކާކުކަމެއް ބުނާކަށް ނޭނގޭނެ. މިއީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭ ކަމެއް. މި ޤައުމުގައި މިކަން މިހިސާބަށް ދިޔައީ، އަޅުގަނޑުމެން އަމިއްލައަށް އެގޮތަށް ދޫކޮށްލީމާ. އެހެންވީމާ، އަޅުގަނޑު ނިންމީ، މި ސަރުކާރުގެ ސިޔާސަތަކަށް ވާނެއޭ، އަޅުގަނޑުމެންގެ އައިޑެންޓިޓީ އަނބުރާ ހޯދުން. ދިވެހިވަންތަކަން އަނބުރާ ހޯދައި، އަޅުގަނޑުމެންގެ މާޒީ އަނބުރާ ހޯދައި، އަޅުގަނޑުމެންގެ ކުރީގެ ކާބަފައިން ކުރަމުންދިޔަ ކަންތައްތައް އަނބުރާ އިޢާދަކޮށް، އަންނަން އޮތް ޖީލުތަކަށް އެކަންކަން ފޯރުކޮށްދިނުން. އެހެންވީމާ، ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުވެސް އުފެއްދީ. އެކަމަށްޓަކައި އެތައް މަސައްކަތްތަކެއް މި ކުރެވެނީ.

ދިވެހި ތަރިކައިގެ އަސްލު ސިފަތައް ހޯދުމުގެ މަސައްކަތް ކުރުމަށް، 50 ރިސަރޗަރުން ހަމަޖައްސައި، މާސްޓަރސް ޑިގްރީއާއެކު، 50 ސްކޮލަރޝިޕް އެވޯޑު ކޮށްފައި މިހާރު އެވަނީ. އަދި "އޯރަލް ހިސްޓްރީ"ގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައިވެސް މިހާރު މަސައްކަތްތައް ފެށިފައި ވަނީ. އެއީ، ކޮންމެ ރަށެއްގައި ހުންނާނެ ޙަޤީޤަތްތައް، ކޮންމެ ރަށެއްގައިވެސް ހުންނާނެ ކަންތައްތަކެއް. އެތައް އަހަރެއްވީ ރަށްތައް މިއީ. އެތައް ހާސް އަހަރެއްވީ ރަށްތައް. އެ ތަންތަނުގައި ހުރި މި މާޒީ އެއީ، އަޅުގަނޑުމެން ސަމާލުކަންދިން ކަމެއް ނޫން ކުރީގައި. އެހެންވީމާ، އެ މާޒީ އެބަޖެހޭ ލިޔަން. ލިޔެގެން އެބަޖެހޭ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރަން. މިއީ، ކުރީގައި އަޅުގަނޑުމެން ފިކުރުކުރާ ކަންކަމެއް ނޫން. އެކަމަކު، އަޅުގަނޑުމެންނަކީ، އިޚްލާޞްތެރިކަމާއެކީގައި މި ޤައުމަށް ލޯބިކުރާ ބައެއްކަމުގައިވާނަމަ، އަޅުގަނޑުމެންނަކީ، ޤައުމުދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާޒީ، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި ފޯރުކޮށްދޭން ބޭނުންވާ ބައެއް ކަމުގައިވަނީނަމަ، އެކަންކަން ކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، މި މުހިންމު މަސައްކަތްތައް ފެށީ. އޭގެތެރެއިން އެންމެ މުހިންމު އިސްކަމެއްދޭ އެއް ރަށަކީ، އަޅުގަނޑުމެންގެ އުތީމު. ކޮންމެގޮތެއްވިޔަސް، އެންމެ މުހިންމު އެއް މާޒީ އޮތް ރަށް.

މިފަދަ އެތައް މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަޅުގަނޑުމެންގެ ޅަ، ޒުވާން ޖީލުގެ ސިކުނޑިތައް ތަރައްޤީކުރުމަށްޓަކައި. އަޅުގަނޑު އަބަދުވެސް ދަންނަވަން، ތަރައްޤީއަކީ ހަމައެކަނި އެންމެ ދިމާއަކުން ކުރަންޖެހޭ ކަމެއް ނޫނޭ. އަތްލެވޭ ތަރައްޤީ އެކަންޏެއް ނޫނޭ ތަރައްޤީއަކީ. އިމާރާތްތައް އެކަންޏެއް ނޫނޭ ތަރައްޤީއަކީ. ވަށާޖެހޭ ތަރައްޤީއަކަށް ވާނީ، އަޅުގަނޑުމެންގެ ފިކުރު ތަރައްޤީކޮށްގެންނޭ. ޚާއްޞަކޮށް، ޅަދަރީންގެ ފިކުރު. ޅަދަރީންގެ ފިކުރު ތަރައްޤީކުރުމަށްޓަކައި، ތަޢުލީމީ ސިޔާސަތަކީ އެންމެ މުހިންމު އެއް ކަންތައް. އެހެންވީމާ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ވަށާޖެހޭ ތަޢުލީމީ ސިޔާސަތެއް ބިނާކުރުން. ވަށާޖެހޭ ތަޢުލީމީ ސިޔާސަތުގެ މާނައަކީ، އަޅުގަނޑުމެންގެ ތުއްތުކުދީން ބޮޑެތިކުރަންޖެހެނީ، އަޅުގަނޑު ކުރިން މި ދެންނެވި، އަޅުގަނޑުމެންގެ އައިޑެންޓިޓީ ޙިމާޔަތްކޮށް، ނޫނީ އެ އައިޑެންޓިޓީއަށް ފަޚުރުވެރިވެ، އެއާ ދޭތެރޭގައި ފިކުރުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ވިސްނުން، އެ އޮށް އިންދިފައި ތިބި ބައެއްގެ ގޮތުގައި. އެކަން ކުރެވޭނީ، ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން، ތަޢުލީމީ ސިޔާސަތު ބައްޓަންކޮށްގެން. އެހެންވީމާ، ޤައުމިއްޔަތު މާއްދާވެސް އަޅުގަނޑުމެން ތަޢާރުފްކުރީ. އެއީ، އަޅުގަނޑު ވީ ވަޢުދެއް. ޤައުމިއްޔަތު މާއްދާ މި ތަޢާރުފްކުރީ އެ ބޭނުމުގައި. މިހާރު އެވަނީ، އެންމެ ދަށް ކީ-ސްޓޭޖްތަކުގައި ކިޔަވައިދޭން ފަށާފައި. ދެން، އެ އޮންނަ އުސޫލުން އެދަނީ، ތަރުތީބުން ކުރިއަށް.

އެހެންވީމާ، ތަޢުލީމީ ދާއިރާ ތަރައްޤީކުރަން މި ޖެހެނީ، ދިވެހީން ކިޔަވައިދޭ ދާއިރާއެއް ގޮތުގައި. މިހާރު ވަރަށް ގިނަ ބިދޭސީން އެބަތިބި. އެހެންވީމާ، ދިވެހި ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި، ބިޔަ މަސައްކަތެއް އަޅުގަނޑުމެން ފެށީ. ދިވެހި ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި، މިހާރު މިވަނީ، ވަރަށް މުހިންމު ޕްރޮގްރާމެއް ފަށާފައި. އޭގެތެރެއިން، 190 ދަރިވަރުން، މުދައްރިސުންގެ ތަމްރީނު ހަދަމުން އެދަނީ މިހާރު، ޚާއްޞަ ޢިނާޔަތެއް ދެވިގެން. އެހެންވީމާ، މިގޮތަށް މި ކުރެވޭ މަސައްކަތުގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. އަޅުގަނޑުމެން ހަވާލުވީއިރުގައި، ގްރޭޑް 10 ނިންމާ ކުދިންގެ ޕާސް ޕަސެންޓޭޖް ވަރަށް ދަށް. ވަރަށް ދަށް ޕާސް ޕަސެންޓޭޖެއް ހުރީ. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ޕާސް ޕަސެންޓޭޖް މިވަނީ މަތިކުރެވިފައި. 2023 އަށް އަޅުގަނޑުމެން ބަލައިލާއިރުގައި، 31 ޕަސެންޓް އޯ.ލެވެލްއިން އޭ.ލެވެލްއަށް ދިޔައީ. މިހާރު ދެ އަހަރު ތެރޭގައި، 49 ޕަސެންޓަށް ބޮޑުކުރެވިއްޖެ. 49 ޕަސެންޓަށް މިވަނީ މަތިކުރެވިފައި. މިއީ، ކާމިޔާބީއެއް. 31 ޕަސެންޓުން، 49 ޕަސެންޓަށް ދެ އަހަރު ތެރޭގައި ޖެއްސުމަކީ، އާދައިގެ ކަމެއް ނޫން. އެއީ، މުޅި އެޑިޔުކޭޝަން ނިޒާމުގެ ތެރެއިން ކުރެވުނު ވަރަށް ގިނަ މަސައްކަތުގެ ނަތީޖާ. އޭގެތެރޭގައި، ޓީޗަރުންނަށް ދޭންޖެހޭ ސަމާލުކަންވެސް ހިމެނޭ. މީގެކުރީގައި ޓީޗަރުން އެއީ، ހަމަ 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ބައެއް. ޗުއްޓީއެއްވެސް ނޯންނާނެ. ހުކުރު ދުވަހެއްވެސް ބަންދެއް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ، ޓީޗަރުންނަށް ހުކުރު ދުވަހަކީވެސް ބަންދު ދުވަހެއް ގޮތުގައި. ހުކުރު ދުވަސް ބަންދު ދުވަހެއް ގޮތުގައި ކަނޑައެޅުމަކީ، ބައެއް ފަރާތްތަކުން ހީކޮށްފާނެ، އެއީ އޮބްވިއަސް ކަމެއްނޫންހޭ، ބަންދު ދުވަހެއް ނޫންހޭ. ނޫން! އެހެންނެއް ނޫން މީގެކުރިން އޮތީކީއެއް. އެހެންވީމާ، އެ ދުވަސް ބަންދުކޮށްދިނީމާ، ޓީޗަރުންނަށް އެ ލިބޭ ހިތްހަމަޖެހުމާއި، އޭގެތެރެއިން އެ ނުކުންނަ އައުޓްޕުޓް އެތައް ގުނައެއް އެބަ ރަނގަޅުވޭ. އެހެންވީމާ، އެކަހަލަ މުހިންމު ސިޔާސަތުތައް އަޅުގަނޑުމެން މިގެންނަނީ.

އޭގެއިތުރަށް، އޯ.ލެވެލްއިން އޭ.ލެވެލްއަށް ދާނެ ޕާތުވޭތަކެއް އަޅުގަނޑުމެން މިހާރު ކަނޑައަޅައިފިން. ކޮންމެހެން ހުރިހާ ކުދިންނަކީ، މަތިން އޭ ގްރޭޑް ހޯދާނެ ކުދިންނެއް ނޫން. ބައެއް ކުދިން ބޭނުންވެދާނެ، ވޮކޭޝަނަލް ދާއިރާއަކުންވެސް އޭ.ލެވެލް ހަދަން. އަދި ބައެއް ކުދިން ބޭނުންވެދާނެ، މަސައްކަތުގެ ދާއިރާއަކުންވެސް ދާން. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިވަނީ ތިން ޕާތުވޭ ކަނޑައަޅާފައި. އަދި އޯ.ލެވެލް، އޭ.ލެވެލް ކިޔަވައިދޭ ސްކޫލްތައްވެސް އެބަ ގިނަކުރަން. އެ ތަނެއްގެ ކެޕޭސިޓީ ހުރިވަރަކުން މިދަނީ ޕްލޭނެއްގެ ތެރެއިން އިތުރުކުރަމުން.

މީގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި، ގްރޭޑް 10ގެ ބަދަލުގައި، ގްރޭޑް 12 އަކީ ހުރިހާ ކުދިންވެސް ސްކޫލް ނިންމާ ގްރޭޑް ކަމަށް ހެދުން. އެހިސާބަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ އެތައްކަމެއް ކުރަމުން މިދަނީ. އެހެންވީމާ، ޕްލޭން ކުރެވިގެން، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު މިގެންދަނީ ބައްޓަންކޮށްގެން ތަންފީޒު ކުރަމުން. ދެމެހެއްޓެނިވި ގޮތެއްގައި، ދެމެހެއްޓެނިވި ނަތީޖާ ނެރެވޭނެ ގޮތަކަށް ބައްޓަންކުރުން މިއީ، އެންމެ ކީ އެއް ކަންތައް. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާ ވަރަށްބޮޑު ތަނުން ރަނގަޅުވަމުން އެދަނީ. ކުރިއަށް އޮތް އަހަރުގެ ނަތީޖާ އިރާދަކުރެއްވިއްޔާ، މި 49 އިންސައްތައަށްވުރެ މަތިވެގެންވެސް ދާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން.

އޭގެ އިތުރަށް، އޭ.ލެވެލްއަށް ކިޔަވާ ކުދިން ގިނަކުރެވި، އޭ.ލެވެލްއަށް ކިޔަވައިގެން ނުކުންނަ ކުދިން ގިނަވުމުން، އެ ކުދިންނަށް މަތީ ތަޢުލީމަށް ދާން ލިބޭ ފުރުޞަތު ގިނަވެ، މުޅި ރާއްޖޭގައި ތަޢުލީމީ މުޖުތަމަޢެއް ބިނާވެގެންދިޔުމުގެ ފުރުޞަތު އިތުރުވެގެން މިދަނީ. މިއީ ޙަޤީޤީ އިންވެސްޓްމަންޓަކީ. އަޅުގަނޑު ކުރިން ދެންނެވިހެން، މާތްވެގެންވާ އިސްލާމްދީނުގެ މާތްވެގެންވާ އަސާސްތަކުގެ މަތީގައި ތަޢުލީމީ ނިޒާމު ޤާއިމުކުރެވި، ހުރިހާ ނިޒާމެއް ޤާއިމުކުރެވި، އަޅުގަނޑުމެންގެ މާޒީ އަބަދުވެސް އެއީ، އަޅުގަނޑުމެން ފަޚުރުވެރިވާ އެއްޗެއްކަން، ކުދިންގެ ސިކުނޑީގައި ހަރުލައްވައިގެން، މޮޅަށް ކިޔަވާ ކުދިންތަކެއް ތައްޔާރުކޮށްގެން، މުސްތަޤްބަލަށް ދޫކޮށްލުން، މިއީ ނޫންތޯ ކަންކަން ކުރަންޖެހޭ ގޮތަކީ؟ އެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގެންދަނީ. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް ރަނގަޅުވެގެންދާނެ.

އަޅުގަނޑު ވީ އެންމެ މުހިންމު އެއް ވަޢުދު، ތަޢުލީމީ ނިޒާމު ވަރުގަދަކުރުމުގައި، ކުރީގައި އޮތްގޮތަށް ޖަނަވަރީން ފެށިގެން ދިރާސީ އަހަރު ފެށޭގޮތަށް ހެދުން. މީގެކުރިން، މިދިޔަ ސަރުކާރުގެ ދުވަސްވަރު އެ ގެނައި ބަދަލެއްގެ ސަބަބުން، ކުދިންގެ ތަޢުލީމީ ޙަޔާތުން ހައެއްކަ މަސް ގެއްލުނު. ދެން އެހެންނަމަވެސް، އަޅުގަނޑުމެން ވަރަށް މެޓިކިއުލަސް މަސައްކަތެއް ކޮށްގެން، ފަހަރަކު އަހަރަކުން އެހެން ޖައްސަމުންގޮސް، ކުރިން ކަނޑައެޅި ގޮތަށް، މި އަންނަ އަހަރުގެ ޖަނަވަރީގައި ފެށޭނީ. ކުރީގައިވެސް އޮތްގޮތަށް އަޅުގަނޑު ވަޢުދުވީ ވަޢުދު ފުއްދިގެން، ޖަނަވަރީން ފެށިގެން ދިރާސީ އަހަރު ފެށިގެންދާނެ. އެހެންވީމާ، އިރާދަކުރެއްވީތީ އެ ވަޢުދުވެސް ފުއްދިގެންދިޔައީ. މިއީ ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުން ބޮޑު ޗުއްޓީ ލިބިގެން މިދަނީ އަހަރު ނިމޭކޮޅު. އަދި އަހަރުގެ މެދުތެރެއިންވެސް އެބަލިބޭ މެދު ސައިޒުގެ ޗުއްޓީއެއް. އެހެންވީމާ، ދެ ޗުއްޓީ ލިބިގެންދޭ، އަޅުގަނޑު ވަޢުދުވީ ގޮތަށް. ލިބިގެންގޮސް، ކުދިންނަށާއި ޢާއިލާތަކަށް އެ ލިބޭ ވަގުތު އިތުރުކުރެވި، އިރާދަކުރެއްވިއްޔާ ޕްރޮޑަކްޓިވް، ވަރަށް ބިނާކުރަނިވި ވިސްނުމުގެ ޒުވާން ޖީލެއް މި ޤައުމަށް ނުކުމެގެންދާނެ.

އާދެ، މިއާއެކީގައި އަޅުގަނޑުމެން އިތުރު ކަންކަން ކުރަމުން މިދަނީ. މީގެތެރޭގައި، މި އަންނަ އަހަރު މުޅިން އަލަށް، ރާއްޖޭގައި ޕްރައިމަރީ ދަރިވަރުން، ބައިނަލްއަޤްވާމީ ޓެސްޓެއްގައި ބައިވެރިވުމުގެ ބެންޗްމާރކްވެސް ފުރިހަމަކުރެވިގެންދާނެ. އަދި އިތުރު ސްކޫލްތައް އެޅުމުގެ ތެރެއިން، މިހާރު އެވަނީ ހުޅުމާލޭގައި، އާ ސްކޫލެއް ހަދައި ނިމިފައި. އިރާދަކުރެއްވިއްޔާ ދިރާސީ އާ އަހަރަށް އެ ސްކޫލްވެސް ހުޅުވިގެންދާނެ. އަދި އޭގެ އިތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ ޢިމާރާތްތަކުގެ ތެރެއިން، ސްކޫލް ޢިމާރާތްތަކުގެ ތެރެއިން، ވީ އެންމެ ގިނަ އަދަދަކަށް އަޅުގަނޑުމެން މި ބަލަނީ، ސްކޫލްތައް ނިންމައި، ޢިމާރާތްތައް ނިންމައި، ދިރާސީ އާ އަހަރަށް އިތުރުކުރެވޭތޯ. އޭރުން ސްކޫލްތަކުގެ ލިސްޓަށް އިތުރުކުރެވި، އޭގެ ސަބަބުން، އެއް ސެޝަނަށް ބަދަލުނުކުރެވި ހުރި ތަންތަން، އެއް ސެޝަނަށް ބަދަލުކުރުމާއި، މިފަދަ އެތައް ކަންތައްތަކެއް އޭގެ ތެރެއިން ހާސިލުވެގެންދާނެ. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު ބައްޓަންކޮށްގެން ކުރިއަށް މިގެންދަނީ.

އާދެ، މަޝްރޫޢުތަކަށް ބަލާއިރުގައި، މިހާރުވެސް 65 މަޝްރޫޢެއްގައި ސޮއިކުރެވިގެން މަސައްކަތް ހިނގަމުން އެދަނީ. މިއީ، ވަރަށް ގިނަ އަދަދުތަކެއް. ވަރަށް ބޮޑު އަދަދެއް މިދިޔަ އަހަރާ އަޅައިބަލާއިރުގައި. 65 މަޝްރޫޢެއްގައި ސޮއިކުރެވިގެން މަސައްކަތްތައް ފެށިގެން ހިނގަމުންދާ މަޝްރޫޢުތައް މި ދެންނެވީ. ކުރިން މިދިޔަ ސަރުކާރުން ފެށިގެން، ހިނގަމުންއައި މަޝްރޫޢުތަކާއި، މި ސޮއިކުރެވުނު މަޝްރޫޢުތައް އެކީގައި ތަޢުލީމީ ދާއިރާގެ 150 މަޝްރޫޢެއްގެ މަސައްކަތް އެބަ ހިނގަމުންދޭ. އެހެންވީމާ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން މިދަނީ، ޢުމްރާނީގޮތުން ބިނާކުރުމާއި، އިންސާނީގޮތުން ތަޢުލީމީ ނިޒާމު ބައްޓަން ކުރުމަށްޓަކައި.

އާދެ، ތަޢުލީމީ ދާއިރާއިން ކުދިން ބިނާކުރެވިގެން، ދެން އެ ކުދިން މަތީ ތަޢުލީމަށް، ދެންމެ މި ދެންނެވިފަދައިން މިދަނީ. މަތީ ތަޢުލީމުގެ ސިޔާސަތަކީވެސް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެއް. މަތީ ތަޢުލީމު އިތުރަށް ވަރުގަދަކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ނެޝަނަލް ޔުނިވަރސިޓީއާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްތަކަކީ، މީގެކުރީގައި ބިނާކުރެވިފައި ހުރި ތަންތަނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދީގެން، މި ދެންނެވިހެން، ޤައުމީ ދެ ޔުނިވަރސިޓީގެ ކެމްޕަސްތައް ބިނާކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ފަށާފައި މިވަނީ. ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް މިހާރާ ކޮމްޕެއަރ ކޮށްލަން އަޅުގަނޑު ދަންނަވާލާނަން. މީގެކުރިން، އެމް.އެން.ޔޫ.ގެ ކެމްޕަސް ހުރީ 2023ގެ ނޮވެންބަރު 17ގެ ކުރިން އެންމެ 4 ރަށުގައި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން މި ސަރުކާރު އައިފަހުން 26 މަޝްރޫޢެއް، އެމް.އެން.ޔޫ.ގެ ކެމްޕަސް ޤާއިމުކުރުމުގައިވެސް މިހާރު އެބަ ކުރިއަށްދޭ. އައި.ޔޫ.އެމް.ގެ ކެމްޕަސް ކުރީގައި ހުރީ މާލޭގައި އެކަނި. އެހެންނަމަވެސް، މިހާރު 12 މަޝްރޫޢެއްގައި އެވަނީ ސޮއިކުރެވިފައި. ސުމަކުން 12 އަށް. މިއީ 2 އަހަރު ދުވަހުގެ ތެރޭގައި ގެންދެވުނު ހިސާބު. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ފުޅާ ދާއިރާއެއްގައި، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި، މި ޤައުމުގައި ތިބެގެން، އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ކިޔަވާކުދިންނަށް، މަތީ ތަޢުލީމަށްވެސް ކިޔެވޭނެ ނިޒާމު ޤާއިމުކޮށްދީގެން، އެންމެ މަތީ ފެންވަރުގެ ތަޢުލީމު ލިބޭނެގޮތް ހަދައިދޭން. ރީޖަނަލް ޑިވެލޮޕްމަންޓްގެ ތެރެއިން، ސަރަޙައްދުތަކަށް ބަހައިލެވިގެން، ސަރަޙައްދުތަކުގެ ތެރޭގައި ކިޔެވޭނެގޮތް ޤާއިމުކުރަން.

ކުރީގައި އަބަދުވެސް ހުރިހާ ކަމެއްގައިވެސް އަންނަންޖެހެނީ މާލެއަށް. މިރޭ އަޅުގަނޑުގެ ޕްރެޒެންޓޭޝަންގައި އެކި ހިސާބުން އަންނާނެ މި މައުޟޫޢު. މާލެއަށް ބަރޯސާވުން، ނޫނީވިއްޔާ ވެރިކަންކުރާ ރަށް، ސިޓީއަށް ބަރޯސާވުން މިއީ، އަޅުގަނޑު ގަބޫލުކުރާ ސިޔާސަތެއް ނޫން. ކުރީރޭވެސް، (14 ވަނަ ދުވަހުގެ ރޭ) ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، ހުރިހާ ރަށެއްގެ ރައްޔިތުންވެސް އަޅުގަނޑަށް މުހިންމޭ. ހަމަހަމައޭ. އެންމެ ކުޑަ ރަށުގައި ހުރި ރައްޔިތަކާ، އެންމެ ބޮޑު ސިޓީގައި ހުރި ރައްޔިތަކުވެސް އެއީ ދިވެހި ރައްޔިތެކޭ. ދިވެއްސެކޭ އެއީ. ހުރިހާ ޙައްޤެއް ހަމަހަމައޭ. އެހެންވީމާ، އެބަޖެހެއޭ ސަރަޙައްދުތައް ތަރައްޤީކުރަން. ރަށްރަށް ތަރައްޤީކުރަން. އެހެންވީމާ، މަތީ ތަޢުލީމުގެ ނިޒާމުވެސް އަޅުގަނޑުމެން މި ބަހާލަނީ. އެކި ރަށްރަށުގައި މި ބިނާތައް ކުރަނީ. ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިން ވިސްނާއިރުގައި، ތަރައްޤީކުރެވޭނެ ރަށްރަށުގައި އަޅުގަނޑުމެން މި އެމް.އެން.ޔޫ. ކެމްޕަސްވެސް މި ހަދަނީ. އައި.ޔޫ.އެމް.ގެ ކެމްޕަސްތައްވެސް ހަދަމުން މިދަނީ. އެހެންވީމާ، އެގޮތަށް ލެންގުއޭޖް ސްކޫލްތައް ހެދުމަށްވެސް އަޅުގަނޑުވީ ވަޢުދުގެ ތެރެއިން، ލެންގުއޭޖް ސްކޫލްތައް އެޅުމަށްޓަކައިވެސް ބައެއް ރަށްރަށުގައި ސޮއިކުރެވި، މަސައްކަތްތައް ފެށިގެން ގޮސްފައި އެވަނީ. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ނަތީޖާ ވަރަށް ބޮޑުތަނުން ކުރިއަށް އޮތް ތާނގައި ރަނގަޅުވެގެންދާނެ.

އާދެ، މީގެ ސަބަބުން އުފެދިގެންދާ ކުދިން ވެގެންދާނީ، އަޅުގަނޑުމެންގެ އިންޑަސްޓްރީތަކަށް އެއިން ފައިދާ ކޮށްދޭނެފަދަ، ބިނާކުރަނިވި ތަޢުލީމެއް ލިބިފައިވާ ޒުވާނުންތަކަކަށް. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހުރިހާ އިންޑަސްޓްރީއަކުންވެސް ފެނިގެންދާނެ. ލެންގުއޭޖް ސްކޫލްތަކުން ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާ އެކިކަހަލަ ބަސްތައް ދަސްކޮށްފައި ތިބި ޒުވާނުން އުފެދިގެން މިދަނީ. އަޅުގަނޑުމެން އަލަށް އުފެއްދި، ''ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސް'' ކޮލެޖުންވެސް އެތައް ޒުވާނުންނެއް އެދަނީ ކިޔަވަމުން، އެކި ދާއިރާތަކުން. އެ ޒުވާނުން ނުކުމެގެން އެ ކުދިންވެސް ދާނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާ އިރާދަކުރެއްވީތީ، މި ދެންނެވިހެން ވަރަށް ބޮޑުތަނުން ރަނގަޅުވެގެން އެބަދޭ.

އާދެ، މަސައްކަތް ކުރުމުގެ ވާހަކަ ދައްކާއިރުގައި، އަންއެމްޕްލޮއިމެންޓް ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެކަން ކުރުމަށްޓަކައި އިންވޮލެންޓްރީ އަންއެމްޕްލޮއިމަންޓް ނައްތައިލުމަށްޓަކައިވެސް މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭ. ވަރަށް ގިނަ ޕްރޮގްރާމްތައް އެބަ ހިންގޭ. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ރަނގަޅުވެގެންދާނެ. އިހަކަށްދުވަހު އަޅުގަނޑުމެން މި ހުޅުވި ''ވަރަ'' އެކްސްޕޯގެ ތެރެއިންވެސް އެވަނީ ވަޒީފާގެ އެތައް ފުރުޞަތުތަކެއް ހުޅުވައިލެވިފައި. ގާތްގަނޑަކަށް 555 އިންޓަރންޝިޕްގެ ފުރުޞަތު ހުޅުވައިލެވިއްޖެ. 248 އެޕްރެންޓިސްޝިޕް ފުރުޞަތު ހުޅުވައިލެވިއްޖެ. އަދި 1,164 ވަޒީފާގެ ފުރުޞަތު ހުޅުވައިލެވިއްޖެ. އެހެންވީމާ، މިއީ ހުސް ޒުވާނުންނަށް ހުރި ފަހި ފުރުޞަތުތައް. އިރާދަކުރެއްވިއްޔާ، މީގެ ނަތީޖާ ރަނގަޅުވެގެންދާނެ.

ހަމައެއާއެކީގައި، އެކިކަހަލަ އިތުރު ފުރުޞަތުތައްވެސް އަޅުގަނޑުމެން އެބަދެން. ހަޔަރ އެޑިޔުކޭޝަންގެ ލޯނުތައްވެސް މިދެނީ، މި ދެންނެވި މަގުތައް ވަރަށް ބޮޑަށް ފަހިވެގެންދާ ގޮތަށް. ޚާއްޞަކޮށް، ހައިލީ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އަޅުގަނޑުމެން ދޭ ލޯނުތައް މިހާރު ވަނީ އެތައް ގުނައަކުން އިތުރުކުރެވިފައި. އަދި ހަމައެއާއެކީގައި، އެލައިޑް ހެލްތުން ޕްރޮފެޝަނަލްގެ ދާއިރާއިން 1,500 ދިވެހިން ތަމްރީނުކުރުމަކީ، އަޅުގަނޑުވީ ވަޢުދެއް. އެ ވަޢުދު ފުއްދުމަށްޓަކައި މިހާރު 260 ކުދިންނަށް އެބަ ތަމްރީނު ލިބޭ. މި 260 ކުދިން އެދަނީ މިހާރު ތަމްރީނު ހޯދަމުން. ހަމަ ބަހާލައިގެން ކުރިއަށް އޮތް 3 އަހަރު މި 1,500 ވެސް ހަމަވެގެންދާނެ.

އަޅުގަނޑުވީ ކޮންމެ ވަޢުދެއް އެއީ ލިޔެވިފައި ހުރި ވަޢުދުތަކެއް. އަދި ލިޔެފައި އެކަނި ނިންމައިނުލައި، ވަރަށް މައިކްރޯ ލެވެލްއަށް، ހަމަ ޙަޤީޤީ މާނައިގައި، ވަރަށް މައިކްރޯ ލެވެލްއަށް އެއިން ކޮންމެ ވަޢުދެއް ފުއްދުމުގެ ކަންކަން އެކްޓިވިޓީ ލެވެލްއަށް ލިޔެވިގެން، އެއިން ކޮންމެ އެކްޓިވިޓީއަކަށް ޓައިމްލައިން ހެދިގެން، އެއިން ކޮންމެ ޓައިމްލައިނެއް ތަންފީޒުވަމުންދާ ގޮތް މޮނިޓަރ ކުރެވިގެން، ފުއްދަމުންދާ ވަޢުދުތަކެއް. އެކަން މިއަދާ ހަމައަށް އައިއިރުގައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. އެކަން މިދަނީ ކޮންމެ ރަށަކުންވެސް ފެންނަމުން. އަޅުގަނޑުމެން ވީ ވަޢުދުތަކަކީ، އެ ވަޢުދުތައް ފުއްދުމަށްޓަކައި ވީ ވަޢުދުތަކެއްވީމާ ނަތީޖާއިން އެ ވަޢުދުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާނީ. މި ދައްކާ ކޮންމެ ވާހަކައަކީ، ކުރިން އަޅުގަނޑު ދެންނެވިފަދައިން، ފެންނަން ހުރި ޙަޤީޤަތްތައް.

އާދެ، މަތީ ތަޢުލީމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން މިވަނީ އިރާދަކުރެއްވީތީ ވަރަށް ގިނަ ފުރުޞަތުތައް މިހާރުވެސް ދީފައި، މަތީ ތަޢުލީމުގެ ދާއިރާއިންވެސް. ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ތެރެއިންވެސް މިހާރުވެސް 8,445 ކުއްޖަކަށް ފުރުޞަތު ދެވިފައި. ޖުމްލަ 11,252 ކުދިން އެދަނީ ތަޢުލީމު ހާސިލުކުރަމުން. އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ގިނަ ފުރުޞަތުތަކެއް ދިނުމަށް. އާދެ، އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވާނީ، ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ސިކުނޑިތަކެއް ލިބިފައިވާ، އެންމެ މައްޗަށް ކިޔަވާފައި ތިބި ޒުވާނުންތަކެއް އުޅެމުންދާ ޤައުމަކަށް މި ޤައުމު ވެގެންދިޔުން.

އާދެ، ޤައުމު ބިނާކުރަމުންދާއިރުގައި، ޤައުމު ބިނާކުރާއިރުގައި ފުރިހަމަ އިސްލާމީ ބިންގަލެއްގެ މަތީގައި، ރަނގަޅަށް ކިޔަވައިގެން ތިބި ދަރިވަރުންތަކެއް އުފައްދައި، ޒުވާނުންތަކެއް އުފައްދަމުންދާއިރުގައި، އެއާއެކީގައި ދެން އެންމެ މުހިންމު ކަމަކީ، ދުޅަހެޔޮ ޞިއްޙަތެއް ލިބިފައި އޮތް މުޖުތަމަޢަކަށް މުޖުތަމަޢު ހެދުން. މި ދެ ކަންތައް އެކުއެކީގައި، ނުގެންދެވެންޏާ، ބެލެންސް ޑިވެލޮޕްމަންޓް ޤައުމަކަށް ނުވާނެ. ޙަޤީޤީ މާނައިގައި ޤައުމު ތަރައްޤީ ކުރެވުނު ކަމަކަށް ނުވާނެ. ދުޅަހެޔޮ ޞިއްޙަތަކަށް ވަށައިޖެހޭ، ޞިއްޙީ ސިޔާސަތެއްގެ ދަށުން، ޞިއްޙަތު އެއީ، އަޅުގަނޑުމެން ސަރުކާރުން އެންމެ އިސްކަމެއްދޭ، އެއްކަމަކަށް މި ހަދަނީ. އެގޮތުން، މި ސަރުކާރުން އެންމެ އިސްކަމެއް މިދެނީ، ވަށައިޖެހޭ ޞިއްޙީ ސިޔާސަތަށް. ވަށައިޖެހެއޭ މި ދަންނަވަނީ ކޮންގޮތަކަށްތޯ؟ ބަލިތައް ޖެހުމުގެ ކުރިންވެސް އެބަޖެހޭ ވަރަށް އިސްކަމެއްދޭން. އެއަށްފަހު، ބަލިޖެހިއްޖިއްޔާ ދެން އެންމެ ރަނގަޅު ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުން. އެއީ، ވަށައިޖެހުމަކީ. މީގެކުރިން ވާގޮތަކީ ކޮބައިތޯ؟ މީގެކުރިން ވާގޮތަކީ، ބަލިޖެހުމުގެ ކުރިއަކަށް މާބޮޑަށް ސަމާލުކަމެއްނުދޭ. ޕްރިވެންޓް ކުރުމަކަށް ނެތް ސަމާލުކަމެއް. ބަލަނީ ވީހާވެސް ފަސޭހައިން ބަލިޖެހޭނެ ގޮތްތައް މުޖުތަމަޢުގެ ތެރޭގައި އުފައްދަން. އެހެންވެތާ އެނަރޖީ ޑްރިންކްސްގެ ކަންތައްވެސް ވަރަށް ބޮޑަށް ކުރީގައި މި ޤައުމުގައި އޮންނަނީ. އެކިކަހަލަ ޝުގަރީ ޑްރިންކްސްތައް ވަރަށް ބޮޑަށް ގިނަވާނެ. އެކިކަހަލަ ލައިފްސްޓައިލް ޑިޒީޒްތަކަށް މަގުފަހިވާގޮތަށް މުޅި މުޖުތަމަޢުގެ ހުރިހާ ކަމެއް އޮންނާނީ. އެހެންވީމާ، ބަލިޖެހެނީ، ކެންސަރުވެސް ޖެހެނީ، އެހެން ހުރިހާ ކަމެއްވެސް ވަނީ، ސިނގިރޭޓްވެސް ބޮނީ. ވޭޕްވެސް ބޮނީ. ހުރިހާ ކަމެއް މިހެން އޮތީ ކުރީގައި. ދެން ބަލިޖެހުނީމާ، ދެން އާސަންދައިންނާއި، އެހެން ގޮތްގޮތުން ޚަރަދުކޮށްފައި، ބޭރަށް ފޮނުވަން ވަރަށް ހާލުގައި ދިވެހީން އުޅެން ޖައްސާފައި މި ޤައުމުގައި ކުރީގައި އޮތީ. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން. ދިވެހި ރައްޔިތުން ބޭނުންވާނެ ގޮތެއްވެސްނޫން އެއީކީއެއް. އެހެންވީމާ، ފުރަތަމަ މި ޖެހެނީ، މި ދެ ކަންތަކަށް އެކުއެކީގައި ޕްލޭނެއް ހަދަން. އެހެންވީމާ، ވަށައިޖެހޭ ސިޔާސަތެއް ޞިއްޙީ ދާއިރާއިން މި ހެދީ.

އޭގެ ތެރެއިން ބަލިތަކުން ދުރުވުމަށްޓަކައި، ކުރަންޖެހޭ ކަންކަން އައިޑެންޓިފައި ކޮށްފައި، އެކަންކަމަށް އިންވެސްޓް ކުރުން، ވޭޕް މަނާކުރުން، ޖެނެރޭޝަނަލް ބޭން ގެނައުން، ސިނގިރޭޓްގެ އަގު ބޮޑުކޮށް، އެއިން ދުރުވުމަށް ބާރުއެޅުން. މިހެންގޮސް އެތައް ކަމެއް ކުރެވި، އަދި އޭގެ އިތުރަށް، ޕްރިވެންޓިވް ހެލްތު ކެއަރގެ ދާއިރާއިން، ހަމަ ހުރިހާ މާނައެއްގައިވެސް ކުރަންޖެހޭ ހުރިހާ ކަމަކަށް އިސްކަން މިދެނީ.

އޭގެއިތުރަށް، ބަލިޖެހުނީމާ ދެން ކުރަންޖެހޭ ކަންކަމަށް، ބޭރަށް ދިޔުމުގެ ބަދަލުގައި މި ޤައުމުގައި ތިބެގެން ކަންކަން ކުރެވޭގޮތަށް ބައްޓަންކުރުމަށް، ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، މި ހުރިހާ ތަނެއް ހެދުމުގެ މަސައްކަތް މި ކުރަނީ. މިގޮތުން، މި އަންނަ އަހަރު އަޅުގަނޑުމެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައި މިވަނީ. މީގެ ތެރެއިން ގިނަ މަސައްކަތްތަކެއް، މިހާރު މިވަނީ ފެށިފައި. މި އަންނަ އަހަރު މީގެ ތެރެއިން ބޮޑުބައެއް ނިމިގެން ކުރިއަށްދާގޮތަށް އަޅުގަނޑުމެން ރާވާފައި މިވަނީ.

އާދެ، އޭގެތެރެއިން ބަލާއިރުގައި، އެންމެ މުހިންމު އެއް ދާއިރާއަކީ، އެންމެ މުހިންމު އެއް މަސައްކަތަކީ، ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި މި ކުރާ މަސައްކަތްތައް. އާދެ، ޓަރޝަރީ ފެންވަރުގައި ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި، ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ބިނާކުރުމުގެ މަސައްކަތް މިހާރު އެވަނީ އެކި މަރުޙަލާތަކުގައި ފެށިގެން ގޮސްފައި. މިއީ، އަޅުގަނޑު ކުރިން ދެންނެވިފަދައިން، ސަރަޙައްދީ ތަރައްޤީގެ ތެރެއިން، ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމަށްޓަކައި ކުރާ ކަންތައް. ހަމައެކަނި މާލެއަށް ޑިޕެންޑްނުވެ، ރާއްޖޭގެ އެންމެ ދެކުނާއި، އެކި ސަރަޙައްދުތަކުން އެންމެ މަތީ ފެންވަރުގައި، ހުރިހާ ޚިދުމަތެއް ދިނުމުގެ ސިޔާސަތުގެ ތެރެއިން، ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ޤާއިމުކުރަން މަސައްކަތްތައް ފަށާފައި މިވަނީ.

އެހެންވީމާ، އެގޮތުން، މިހާރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް އަދި އެތައް ސަރަޙައްދެއްގައި މިހާރު ހޮސްޕިޓަލްތައް ބިނާކުރުމާއި، ޞިއްޙީ މަރުކަޒު ބިނާކުރުމާއި، އެތައް ޞިއްޙީ މަރުކަޒެއް އަޕްގްރޭޑް ކުރުމާ ހިސާބުން ފެށިގެން މިދަނީ. އެތައް މަޝްރޫޢެއްގައި މިހާރު އެވަނީ ސޮއިކުރެވި، ޢަމަލީ މަސައްކަތް ފެށިފައި. ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ނަންބަރުތަކުން އެކަން ސާފުވެގެންދާނެ. އެތައް މަޝްރޫޢެއް ފެށިގެން ގޮސްފައި އެވަނީ، ޞިއްޙީ ދާއިރާއިން މި ދެންނެވި ކިއުރެޓިވް ހެލްތު ކެއަރ އެންމެ މަތީ ފެންވަރަކަށް ގެންދިޔުމަށްޓަކައި، އެ ނިޒާމު ޤާއިމުކުރުމަށްޓަކައި. މި އަންނަ އަހަރު ނިމޭއިރުގައި އަޅުގަނޑުމެންގެ އަމާޒަކީ، އެންމެ ކުޑަ ރަށުގައިވެސް ހުންނާނެ، އެ ރަށެއްގެ އާބާދީއާ އެއް ފެންވަރުގެ ލެބޯރެޓަރީ ޚިދުމަތް ޤާއިމުކުރެވިފައި. އެކަންވެސް އަޅުގަނޑުމެން މިކުރަނީ ކީއްވެގެންތޯ؟ އޭގެ ބޭނުމަކީ، އެ ރަށުގެ ރައްޔިތުން ލެބޯރެޓަރީގެ ޚިދުމަތް ހޯދަން އަނެއް ރަށަށް ދާންޖެހިގެން ނުވާނެއޭ. ކޮންމެ ރަށެއްގައިވެސް އަޕްގްރޭޑް ކުރެވިފައި، މަރާމާތު ކުރެވިފައި ހުރި، މުވައްޒަފުން ހަމަކުރެވިފައި ހުރި ޞިއްޙީ މަރުކަޒެއް ހުންނާނެ މި އަންނަ އަހަރު ނިމެންވާއިރަށް. އިރާދަކުރެއްވިއްޔާ، އެކަންވެސް މި އަންނަ އަހަރު ނިމެންވާއިރަށް ހާސިލުވެގެންދާނެ.

މިހާރު އޮތީ ސޮއިކުރެވިފައި. ހުރިހާ މަސައްކަތެއް އެދަނީ. މި އަންނަ އަހަރަށް ބާކީހުރި މަޝްރޫޢުތައް. އެހުރީ އެން.ޕީ.އައި.އަށް ލާފައި. އެހެންވީމާ، އެ ރަށެއްގެ އާބާދީއަށް ނިސްބަތްވާވަރަށް، އެ ރަށެއްގެ މުސްތަޤްބަލަށްޓަކައި ބޮޑުކުރެވޭނެ. ނޫނީވިއްޔާ ތަރައްޤީކުރެވެން އޮތް ނިސްބަތަށް ބަލާފައި، އެ ރަށެއްގެ ކެޕޭސިޓީ، ނޫނީވިއްޔާ ހޮސްޕިޓަލް، ނޫނީވިއްޔާ ޞިއްޙީ މަރުކަޒުގެ ސައިޒް މި ކަނޑައަޅަނީ. ކަނޑައަޅައިގެން މި އަންނަ އަހަރުގެ ނިޔަލަށް، މި ދެންނެވި ޓާގެޓް މި ހާސިލުކުރަނީ. މިހާރު ސޮއިކުރެވުނު މަޝްރޫޢުތަކާއި، ދެންހުރި މަޝްރޫޢުތައް މި އަންނަ އަހަރަށް މިހިރީ ލާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ބާރުމިނުގައި، މި ޞިއްޙީ ދާއިރާ ތަރައްޤީކުރުން ހިނގާނެ. މުވައްޒަފުންވެސް ޞިއްޙީ ދާއިރާއަށް އެންމެ ގިނައިން މި އަހަރު ނެގީ.

އާދެ، މުވައްޒަފުން ނެގި އަދަދު ބަލައިލާއިރުގައި، އެއީވެސް އަޅުގަނޑު ހިތުން ވަރަށް މުހިންމު ދާއިރާއެއް އަޅުގަނޑުމެން ވިސްނަންޖެހޭ. ނޫނީވިއްޔާ، ނަޒަރު ހިންގާލަންޖެހޭ. މި އަހަރު އެންމެ އިސްކަމެއްދިނީ، ޞިއްޙީ ދާއިރާއިން މުވައްޒަފުން ނަގަން. އަދި މި އަންނަ އަހަރުވެސް އެންމެ އިސްކަމެއް މިދެނީ ޞިއްޙީ ދާއިރާއިން މުވައްޒަފުން ހޯދަން. އެއީ، އަޅުގަނޑުމެން ރަށްރަށަށް ދިޔައިރު އެނގިލައްވާތޯ، އެންމެ ގިނަ ވާހަކަ، ނޫނީވިއްޔާ ކަންބޮޑުވުން އައި ކަމަކަށް، މައްސަލައަކަށް އޮތީ ޞިއްޙީ ދާއިރާ ނިގްލެކްޓް ކޮށްލާފައި އޮތް މައްސަލަ. ކުރީ ރޭ އަޅުގަނޑު ދަންނަވާލި ފަދައިން، ޞިއްޙީ ދާއިރާގައި ކުޑަދޮރެއް ނެތުން އެކަންޏެއްނޫން. މުވައްޒަފުންވެސް ނެތީ. ދެން ހަމަ ނަމެއްގައި ހުންނަ މަރުކަޒެއް މި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެން މުވައްޒަފުން ހޯދައިދީ، ތަން ހަދައިދީ، އިކްއިޕްކޮށްދީ، އެމްބިއުލެންސްވެސް އެބަ ގެންނަން. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ނިޔަލަށް ދާއިރުގައި އަޅުގަނޑުމެން އެބަ ގެންނަން، ގާތްގަނޑަކަށް ފަސްދޮޅަހަށްވުރެ ގިނަ ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް. ގެނެސްދީފައި، އެމްބިއުލެންސްތައް އެންމެ ނީޑީ ފަސްދޮޅަހަކަށް ރަށަށް އަޅުގަނޑުމެން އެ އެމްބިއުލެންސްތައް ފޮނުވައިލާނަން. ހަމަ އަންނަހާ އަވަހަކަށް. އެހެންވީމާ، އޭގެ ބޭނުމަކީ ކޮބައިތޯ؟ އެންމެ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުން.

އާދެ، މި ދާއިރާއާ ބެހޭގޮތުން ވާހަކަ ދައްކާލާއިރުގައި، އަޅުގަނޑު ހިތުން މި ދެންނެވި ހުރިހާ ކަމެއް ފާހަގަކޮށްލުމަކީ، އެންމެ މުހިންމު އެއް ކަންތައް. ސީ.ޓީ. ސްކޭންގެ ޚިދުމަތްވެސް މިއީ، ހަމަ ވަރަށް ތަދު އެއްޗެއް. މިހާރު އަޅުގަނޑުމެން މި މަސައްކަތް ފަށާފައި މިވަނީ، ވަރަށް އަވަހަށް ތަކެތި އޯޑަރު ކުރެވިގެން ސީ.ޓީ. ސްކޭންގެ ޚިދުމަތް، ޢިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ޤާއިމުކުރުމަށް. އެންމެ ފެންވަރު ރަނގަޅުކޮށް 15 ރަށެއްގައި ސީ.ޓީ. ސްކޭންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ހަމަޖެހިގެންދާނެ. ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި، 15 ރަށެއްގައި ސީ.ޓީ. ސްކޭންގެ ޚިދުމަތް ޤާއިމުވެގެންދާނެ. މިހާރު ޓަރޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން، އެމް.އާރު.އައި. ނެތް ހުރިހާ ރަށެއްގައި އެމް.އާރު.އައި. ޤާއިމުވާނެ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި. އެހެންވީމާ، އެކަންވެސް ހަމަޖެހިގެންދަނީ.

އަދި ޑީކޯވާ ފަރާތްތަކަށް މި ބޭނުންވާ ސަރވިސް ދިނުމަށްޓަކައި ޑީކޯ ޗެމްބަރު ޤާއިމުކުރުމަށް އަޅުގަނޑުވީ ވަޢުދާވެސް އެއްގޮތަށް، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ޤާއިމުކޮށް ނިމިގެންދާނެ. އެކަންވެސް އެވަނީ ހަމަޖެހިގެން ގޮސްފައި. އަދި މުހިންމު އެހެނިހެން ސްޕެޝަލިޓީތަކުގައިވެސް އަޅުގަނޑުމެން ރަށްރަށުގައި މިގެންދަނީ، ޚިދުމަތްތައް ޤާއިމުކޮށްދެމުން. އޭގެތެރެއިން، ސްޕީޗްތެރަޕީ، ފިޒިއޮތެރަޕީ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން، މިހެންގޮސް ކިޔާނެކަމެއް ނެތް. މިއިން ކޮންމެ ދާއިރާއަކުންވެސް ތަމްރީނު ހޯދާ ޑޮކްޓަރުން އިތުރުކޮށްދިނުމާއި، އަދި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްވެސް މި ކުރަނީ. އަދި ދިވެހިން ލިބެންދެން، ބޭރުމީހުން ގެނެވޭނެފަދަ އިންސެންޓިވްސްއެއް ދީގެން، އެކަންވެސް އަޅުގަނޑުމެން ކުރަން ނިންމާފައި މިވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިގޮތަށް މިކަން ކުރިއަށްދާނެ.

އާދެ، މީގެއިތުރަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލަންވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން މިވަނީ ކޮށްފައޭ. އާދެ، އެއަރ އެމްބިއުލެންސް. އެއަރ އެމްބިއުލެންސް ފެށީ މިދިޔަ އަހަރު. އެއަރ އެމްބިއުލެންސް ވެގެންދިޔައީ އިރާދަކުރެއްވީތީ، ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތަކަށް. އެކަން މިހާރު މިވަނީ އެހެން ހަރުފަތަކަށް ގެންދެވިފައި، ދާދި އިހަށްދުވަހު. އިއްޔެ އެވަނީ ސޮއިކުރެވިފައި. ބޭރު ޤައުމުތަކަށް، ތައިލެންޑަށާއި، ދުބާއީއާ ހަމައަށް، ބަލިމީހުން އުފުލަންޖެހިއްޖެ ހާލަތެއްގައި، އެންމެ ޒަމާނީ ފެންވަރުގެ އެއަރ އެމްބިއުލެންސްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އުފުލައިދިނުމަށްޓަކައި އެގްރީމެންޓްގައި ސޮއިކުރެވިފައި. އެ ވަޢުދުވެސް މިހާރު އެވަނީ ފުދިގެން ގޮސްފައި.

އެއަރ އެމްބިއުލެންސްގެ ވާހަކަ ދައްކާއިރު، ސީ އެމްބިއުލެންސްގެ ވާހަކަވެސް ފާހަގަކޮށްލާނަން. ސީ އެމްބިއުލެންސްގެ ޚިދުމަތަށް ބަލާއިރުގައި، މި ފްލީޓްވެސް އޮތީ ހަމަ ދަބަރަށް ވެފައޭ ދަންނަވަންޖެހެނީ. ހަލާކުވެފައި ހުރިހާ އެއްޗެއް ހުރީ. އަޅުގަނޑު އިހަށްދުވަހު ލިސްޓް ބަލައިލިއިރު ކަމަކުދާކަށް ނެތް. އެ ލިސްޓު ބަލަންވެސް އަޅުގަނޑު ލަދުގަތް. ހަމަ މި ޖެހެނީ ހުރިހާ އެއްޗެއް އަލުން އާކުރަން. ދެން އަޅުގަނޑުމެން ކެބިނެޓުން ނިންމައިގެން، ސީ އެމްބިއުލެންސްގެ ފުރަތަމަ 10 އުޅަނދު ހޯދުމަށްޓަކައި މިހާރު މި ހަވާލުކުރަނީ. އިރާދަކުރެއްވިއްޔާ، މިހާރު މި އެގްރީމެންޓް ހެދިގެން މަސައްކަތްތައް އެ ފެށެނީ. ހަމަ ވީހާ އަވަހަކަށް އަޅުގަނޑުމެން ފްލީޓް އާކުރަމުން ގެންދާނަން. އެންމެ ފުރަތަމަ އަޅުގަނޑު ވަޢުދުވީ ބައެއް ރަށްރަށަށް ފުރަތަމަ ސީ އެމްބިއުލެންސް ޤާއިމުކޮށްދީފައި، ދެންހުރި ރަށްތަކަށް އަޅުގަނޑުމެން ގެންދާގޮތަށް. އަޅުގަނޑު ވަޢުދުތަކެއް ވެފައި ހުންނާނެ ރަށްރަށަށް ގޮސްފައި. އެ ވަޢުދުތައް މަތިން ހަނދާން އެބަހުރި. އެ ރަށްތަކަށް ފުރަތަމަ ޤާއިމުކޮށްދޭނީ. ދެން އެހެން ރަށްރަށަށް.

އެހެންވީމާ، ޞިއްޙީ ދާއިރާއާ ގުޅޭ މިކަހަލަ ހުރިހާ ކަމަކީ، މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރިއަށްގެންދާނެ ކަންކަން. ދެން ޞިއްޙީ ދާއިރާގެ ވާހަކަ ނިންމާލުމުގެ ކުރިން، މާލޭގައި ޞިއްޙީ ދާއިރާގެ ކަންކަން ދާގޮތްވެސް ބަލައިލާފައި ނިންމާލާނީ. އެންމެ ގިނަ ރައްޔިތުން އުޅެނީ މިތަނުގައި، މި ސިޓީގައި. ގާތްގަނޑަކަށް ދެ ލައްކައެއްހާ ރައްޔިތުން އެބައުޅޭ. މާލެއަށް ބަލާއިރުގައި، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން އިންވެސްޓް ކޮށްފައި ހުރިވަރަށް ބަލާއިރުގައި، އިންސާނީ ވަސީލަތުގެ ގޮތުން ބަލާއިރުގައިވެސް، އެތައް މުވައްޒަފުންނެއް އަޅުގަނޑުމެން ހޯދައިދީފައި ވާނީ. އެތައް މުވައްޒަފުންނެއް ހޯދައިދީ، އަދި ޢިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން އައި.ޖީ.އެމް.އެޗް.، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ތަރައްޤީ ކުރުމަށްޓަކައި، އެތައް މަސައްކަތެއް ކުރެވިފައި މިވަނީ. އައި.ޖީ.އެމް.އެޗް.ގައި އަޅުގަނޑުމެން ވާނީ، 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވިންގެއްވެސް ހުޅުވާފައި. އަދި އޭގެއިތުރަށްވެސް، ދަރުމަވަންތަ ހޮސްޕިޓަލްގައިވެސް މިހާރު މިވަނީ، އެތަނުގައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރެވި، އެތާނގައި ހުރި ފްލޯރތައް ބަންދުކޮށްފައި، ގުދަނަށް ހަދާފައި ހުރި ހުރުން ނިމުމަކަށް ގެނެސް، ތަކެތި މަރާމާތުކޮށްފައި. އެއަރ ކޮންޑިޝަންވެސް ވަނީ ހަލާކުވެފައި. އެވެސް މަރާމާތުކޮށް، އެތަނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ޤާއިމުކޮށްދީގެން، ބޭނުންކުރަން ފަށާފައި. ހަމަ އެގޮތަށް، ހުޅުމާލެ ހޮސްޕިޓަލްގައިވެސް، އެތައް މަސައްކަތްތަކެއް ކުރެވިއްޖެ. އެހެންވީމާ، މި ހުރިހާ ކަމެއް މި ކުރަނީ، މީގެތެރެއިން އިރާދަކުރެއްވިއްޔާ، ރަނގަޅު ނަތީޖާތަކެއް ރައްޔިތުންނަށް ހިތްހަމަޖެހޭ ފެންވަރުގައި ލިބިގެންދާގޮތަށް ހެދުމަށްޓަކައި.

އާދެ، އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންކަމުގެ ނަތީޖާ ވަރަށްބޮޑު ތަނުން ރަނގަޅުވާނެ. ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، ވަރަށް ގިނަ ޚިދުމަތްތައް، ސްޕެޝަލިޓީ ޚިދުމަތްތައް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ޤާއިމުކުރަން އެވަނީ ހިމެނިފައި. އެކަންކަން ނިމިގެންދާއިރުގައި، ދިވެހި ރައްޔިތުން ވަރަށް މަދު ކަމެއްގައި ނޫނީވިއްޔާ، ޞިއްޙީ ދާއިރާއިން ޚިދުމަތް ހޯދާކަށް، ޓްރީޓްމަންޓް ހޯދާކަށް ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެ. އެކަން ކުރުމަށްޓަކައި، މި އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް، ޕްރޮޖެކްޓްސްތަކުގެ ގޮތުގައި 500 މިލިއަން ރުފިޔާ، އެކްޓިވިޓީ ގޮތުގައި، 331 މިލިއަން ރުފިޔާ، ޖުމްލަ 831 މިލިއަން ރުފިޔާ، މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ އެކަނި ކުރިއެރުވުމަށްޓަކައި މިއޮތީ ހިމަނާފައި. މި އަންނަ އަހަރު މި ހުރިހާ މަޝްރޫޢުތަކެއް ބާރަށް ހިނގާނެ. އޭގެ ނަތީޖާއަކީ، މި އަންނަ އަހަރުން ފެށިގެން، އަނެއް އަހަރަށް ދާއިރުގައި، އެކީގައި ނިމި، މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ބޮޑު ތަނުން މަތީ ފެންވަރަކަށް ގެންގޮސްދިނުން

އާދެ، ޞިއްޙީ ދާއިރާ ނިންމާލާއިރުގައި، ޖީ.ޕީ. ކްލިނިކް ސަރވިސްއަކީ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އިރާދަކުރެއްވިއްޔާ މި ހަފުތާ ތެރޭގައި، ފުރަތަމަ ޖީ.ޕީ. ކްލިނިކް މާލޭގައި އެ ހުޅުވެނީ. އިރާދަކުރެއްވީތީ މާލޭގައާއި، ހުޅުމާލޭގައާއި، މި ހުރިހާ ތާކުވެސް ޖީ.ޕީ. ކްލިނިކްތައް ހުޅުވުމުގެ ނިޒާމުވެސް ވަނީ ޤާއިމުކުރެވިފައި. ރޭގަނޑު އޯ.ޕީ.ޑީ. އިތުރުކުރުމާއި، ސްޕެޝަލިސްޓް ޑޮކްޓަރުން، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ޓްރީމަންޓް ދޭން އަންނަން އިންސެންޓިވްސްތައް ދިނުމާއި، އެތައް ކަމެއް އެބަ ކުރަން. އެހެންވީމާ، އަޅުގަނޑު ހަމަ އެކަންކަން މި ފާހަގަކޮށްލީ، އެކަންކަމުގެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލުމަށްޓަކައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، މީގެ ނަތީޖާ ރައްޔިތުންނަށް ފުރިހަމަގޮތުގައި ލިބިގެންދާނެ.

އާދެ، ޞިއްޙީ ދާއިރާއަށްފަހު، އަޅުގަނޑު ދެން ޖެހިލާނީ، ދެން އެންމެ މުހިންމު އެއް ދާއިރާއަށް. އެއީ، އިޖުތިމާޢީ ތަރައްޤީއާ ބެހޭ ދާއިރާއަށް. އާދެ، ޞިއްޙީ ދާއިރާ ކުރިއެރުވުމާ އެކީގައި، އަޅުގަނޑުމެން ހަމަ ވަރަށް އިސްކަމެއްދެން، އިޖުތިމާޢީ ތަރައްޤީ، ނޫނީވިއްޔާ އިޖުތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި. އިޖުތިމާޢީ ރައްކާތެރިކަމަކީ، އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭ ކަމެއް. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން ވަރަށްފަހުން ވާނީ، އައިނު ހެއްދުމަށްޓަކައި ކުރިން ލިބޭ އަދަދު ދެގުނައަށް ބޮޑުކޮށްދީފައި. އޭގެ ނަތީޖާ ވަރަށް ރަނގަޅު. ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދިޔަ. ވަރަށް ގިނަ ރައްޔިތުން އައި.ޖީ.އެމް.އެޗް.އިން އައިނު ހެއްދުމުގެ ޚިދުމަތް ހޯދާ. އަދި ޕްރައިވެޓް ސެކްޓަރއިންވެސް ހޯދާ. ހޯދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ވަރަށް ރަނގަޅު ފެންވަރުގެ ސަރވިސްއެއް ގިނަ ރައްޔިތުންނަށް، އަތުން އެއްޗެއް ނުގޮސް ލިބިގެންދިޔުން.

މިއީ، އަޅުގަނޑުމެން މިކުރާ ކަމަކީ. އަޅުގަނޑުމެން ބޭނުމެއްނޫން، ޒަމާނުއްސުރެ އޮތް ގޮތަކަށް ކަންކަން ދާން ދޫކޮށްލާކަށް. އަބަދުވެސް އޮންނަ ގޮތް، އެ ބަޔަކު ބޭނުންގޮތަކަށް އުޅުން. އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއްނޫން. އެކަން ބަދަލުކޮށް، އެންމެ ރަނގަޅުގޮތް ރައްޔިތުންނަށް ހަދައިދިނުން. ބައެއް ފަރާތްތައް ހިތްހަމަނުޖެހޭނެ. އަޅުގަނޑު ކުރީ ރޭ ދެންނެވިން، އަޅުގަނޑުގެ ސިޔާސަތަކީ، މީހުން ހިތްހަމަޖެހޭ ކަހަލަ ޕޮޕިއުލަރ ނިންމުންތައް ނިންމުމެއް ނޫނޭ. ރަނގަޅު ނިންމުމެއް ނިންމުމޭ. އެހެންވީމާ، އެގޮތަށް ނިންމި ނިންމުމެއް އެއީވެސް. އައި.ޖީ.އެމް.އެޗް.ގައި އައިނު ފިހާރަ ހުޅުވީމާ، އެކަމާ ރުޅިއައި އެތައް ބަޔަކު އެބަތިބި. ޕޮޕިއުލަރއެއް ނޫން އެ ނިންމުން ބައެއް ފަރާތްތަކުގެ ތެރޭގައި. މަޤްބޫލު ކަމަކަށްނުވި. އެހެންނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ކަމުގެ ވަރަށް ފުރިހަމަ ޔަޤީންކަމެއް އަޅުގަނޑަށް އޮތް. ރައްޔިތުންގެ ވިންދާއި، އިޙްސާސާ ގުޅޭ ނިންމުމަކީ އެއީކަން. އެހެންވީމާ، އެ ނިންމުންވެސް އެގޮތަށް ނިންމީ. އޭގެ ނަތީޖާ، އިރާދަކުރެއްވީތީ މިހާރު އެދަނީ ފެންނަމުން. ކުރިއަށް އޮތް ތާނގައި، އޭގެ ނަތީޖާ އިތުރަށް ރަނގަޅުވެގެންދާނެ.

އަދި ހަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން، އަޅުގަނޑުމެން އެތައް ކަމެއް ކުރަން. އިސް ރަށްވެހިންނަށް ޚިދުމަތްކުރުން ކަމުގައިވިޔަސް، އިސް ރަށްވެހިންގެ ހިޔާތައް ހެދުން ކަމުގައިވިޔަސް. ދާދިފަހުން އަޅުގަނޑުމެން ވާނީ، އައްޑޫ ސިޓީގައިވެސް އިސް ރަށްވެހިންނަށް ވަރަށް ޚާއްޞަ މަރުކަޒެއް ހެދުމަށް ސޮއިކޮށްފައި. މާލޭގައި އިސް ރަށްވެހިންގެ ނާދީ ހުޅުވިގެން، ބޭނުންކުރެވެމުން އެދަނީ. އިސް ރަށްވެހިންގެ ދާއިރާއަކީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ދާއިރާއެއް. އަޅުގަނޑުމެންގެ ޤައުމަށް އެތައް ޚިދުމަތެއް ކުރި ފަރާތްތައް. އެ ފަރާތްތަކާ މެދުގައި އަޅައިނުލައި ދޫކޮށްލުމަކީ، ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން. އެހެންވީމާ، އެގޮތުން ވަރަށް އިސްކަމެއްދީގެން، އިސް ރަށްވެހިންގެ ދާއިރާއަށް، އަޅުގަނޑުމެން އެކި ކަންތައްތައް ކުރަމުން މިގެންދަނީ.

ހަމަ އޭގެއިތުރަށް، ކުޑަކުދިންނަށް އަޅައިނުލާ، މަގުމަތިވެފައި ތިބޭ ކުދިން، ނޫނީވިއްޔާ ޢާއިލާތަކުން އަޅައިނުލާ ކުދިންނާ މެދުގައިވެސް، ޚާއްޞަ ސިޔާސަތެއް އަޅުގަނޑުމެން ކަނޑައެޅިން. "ކޮންމެ ކުއްޖަކަށް ޢާއިލާއެއް"، މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ފެށި ޕްރޮގްރާމެއް. އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. މި ސަރުކާރަކީ، އޯގާތެރި، އަޅައިލާ ސަރުކާރެއް. ކެއަރިންގ ސަރުކާރެއް. މި މުޖުތަމަޢު ހަދަން ބޭނުންވަނީވެސް އެގޮތަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުމެއްނޫން އަޑުއަހާކަށް، އިވޭކަށް، ފެންނާކަށެއް، އެއްވެސް މީހަކަށް، އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިންނަށް އަޅައިނުލައި، އެ ކުދިންނަށް އަނިޔާކޮށް، ނޫނީވިއްޔާ އެ ކުދިންނާ ދޭތެރޭގައި ބަހައްޓަންޖެހޭ ކެއަރިންގ ނުބަހައްޓާ ވާހަކައިގެ އަޑެއް. އެކަން ނައްތައިލެވޭނީ، އެންމެން ގުޅިގެން. އެހެންނަމަވެސް، އެކަން ކުރުމުގައި، ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ، އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަންތައް. އެއީ، މި މުޖުތަމަޢުގައި މިހިރަ ކަހަލަ މައްސަލަތައް ނިމުމަކަށް ގެނައުމަކީ، އޭގެ ޙަޤީޤީ ރޫޓްކޯސްއަށް ގޮސްގެން، ޙައްލުކުރަންޖެހޭ ކަންތައްތައް ކަމުގައިވާތީ، އެ ކަންތައްތައް ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ. އެގޮތުން، އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން، "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމްވެސް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.

އާދެ، އިރާދަކުރެއްވީތީ، މިކަންވެސް ވަރަށް ކާމިޔާބުކަމާއެކީގައި، އަޅުގަނޑުމެން މިހާރު ވާނީ ކުރިއަށް ގެންގޮސްފައި. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، 101 ކުއްޖަކަށް މިހާތަނަށް ޢާއިލާ ހޯދައިދީފިން. އާދެ، މީގެއިތުރަށްވެސް، ވަރަށް ގިނަ ފުރުޞަތުތައް އަޅުގަނޑުމެން އެބަ ފޯރުކޮށްދެން، 16 އަހަރު ވެފައި ތިބޭ ކުދިންނަށް ތަމްރީނު ހޯދައިދިނުމާއި، އިންޓަރންޝިޕް ދިނުމާއި، މިކަހަލަ ހުރިހާ ކަމެއް ކުރުމުގައިވެސް.

އާދެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން މަރޖިނަލައިޒް، ނޫނީވިއްޔާ އެންމެ އިސްކަމެއް ނުދެވޭ ދާއިރާތަކުގެ ތެރޭގައި، އަންހެނުންނަށް ޚާއްޞަ އިސްކަމެއްދިނުން، ނޫނީވިއްޔާ އަޅައިނުލައި އޮތް އޮތުމަށް ބަދަލެއް ގެނައުން. އެއީވެސް ސިޔާސަތެއް. އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، ވިމެން އެމްޕަވަރމަންޓަށް. އެއީ، ގެވެށި އަނިޔާ ކަމުގައިވިޔަސް، އަދި އެހެނިހެން ކަންކަމުން ސަލާމަތްކުރުން ކަމުގައިވިޔަސް، ވަޒީފާގެ ފުރުޞަތު ހޯދައިދިނުން ކަމުގައިވިޔަސް، އަދި އެހެނިހެން ގޮތްގޮތުން އިކޮނޮމީއަށް ފައިދާވާނެ ގޮތްގޮތަށް މަސައްކަތް ކުރުމަށް ފުރުޞަތު ދިނުން ކަމުގައިވިޔަސް، އެކަމަށްޓަކައިވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. އަޅުގަނޑުމެން މިގޮތުން، ވަރަށް ގިނަ މަސައްކަތްތަކެއް ފަށައި، މީގެތެރޭގައި ވަރަށް ގިނަ ވަޢުދުތަކެއް ފުއްދުމަށްޓަކައި، މި އަންނަ އަހަރުގެ ބަޖެޓުގައިވެސް މިވަނީ ހިމަނާފައި. އެކަނިވެރި މައިންނާއި، ބަފައިންނަށް ދޭ އެލަވަންސްގެ ކަންތައްވެސް މި އަންނަ އަހަރު ފުއްދުމުގެ މަސައްކަތްވެސް އެވަނީ ހިމެނިފައި. އަދި އޭގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް ކުރުމަށްޓަކައި ހިމަނައި، މަސައްކަތްތަކެއް ކުރެވެމުން އެބަދޭ.

އާދެ، އަޅުގަނޑު ހަމަ މީގެތެރެއިން ފާހަގަކޮށްލާނަން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅުގަނޑުމެން ވަޒީފާގެ ފުރުޞަތުތައް ހޯދައިދޭން ކުރެވުނު މަސައްކަތްތައްވެސް. އާދެ، މި އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަންވެސް، މިހާތަނަށް އައިއިރު ވަރަށް ކުޑަކޮށް ދެވިފައި އޮތީ. އެހެންނަމަވެސް، އަޅުގަނޑުމެން މި އަހަރު ވާނީ، ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުރި 333 ފަރާތަކަށް ވަޒީފާދީފައި. އޭގެތެރޭގައި، ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކާއި، ސިވިލް ސަރވިސްގެ ތެރެއިން 45 ހިމެނޭ. މިހާރުވެސް އަދަދު އިތުރުވަމުންދަނީ. މިއީ، އެންމެފަހުން މި މަސް ފެށުނު މުއްދަތާ ހަމައަށް، އަޅުގަނޑުމެން 31 އޮކްޓޫބަރާ ހަމައަށް ނަގާފައި ހުރި ޑޭޓާ. އާދެ، އޭގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް މި ދާއިރާއިން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އިޖުތިމާޢީ ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކުރެވޭ އެތައް ކަމެއް އަޅުގަނޑުމެން މި ކުރަނީ.

އާދެ، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ފަޤީރު ހާލަތުގައި ދިރިއުޅޭ، އެކަނިވެރި މައިންނާއި، ބަފައިންނަށް ދޭ އެލަވަންސް، އަޅުގަނޑު ވަޢުދުވީ ގޮތަށް، 3,000 ރުފިޔާއަށް މި އަންނަ އަހަރު މި ބޮޑުވަނީ. ކުރިން އޮތީ 1,000 ރުފިޔާ. ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއަށް ބޮޑުވަނީ. ހަތަރު ކުދިންނާ ހަމައަށް، 12,000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނީ. އަޅުގަނޑު ދެންނެވިން، ވީ ކޮންމެ ވަޢުދަކީ، ފުއްދަން ވީ ވަޢުދޭ. ހަނދާން އެބަހުއްޓޭ. އެ ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން، ވަރަށް މައިކްރޯ ލެވެލަށް ވަރކް ކޮށްގެން އެބަ ތަންފީޒުކުރަމޭ. އެހެންވީމާ، މިގޮތަށް އެތައް ވަޢުދެއް ފުއްދުމުގެ މަސައްކަތް ފަށައިގެން އަޅުގަނޑުމެން މިއުޅެނީ.

އަދި ހަމައެއާއެކީގައި، ވަރަށް މުހިންމު ކަމެއް، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން، ނަފްސާނީ ބަލި. މިއީ ވަރަށް ބޮޑު މައްސަލައެއް މި ޤައުމުގައި. މިކަމަށް ކުރާ ޚަރަދުވެސް އާސަންދައިން، މީގެ ކުރިން ނުލިބޭ އެކީގައެއް. މިއަދާ ހަމައަށްވެސް ނުލިބޭ. މިއަދާ ހަމައަށްވެސް، ނަފްސާނީ ބައްޔަށް ކުރާ ޚަރަދު، އާސަންދަ އެކީގައެއް ކަވަރއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މިތިބީ އެކަމުގައި. މިއީ ޙަޤީޤަތެއް. އެކަން ނިމުމަކަށް ގެނެސް، ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް، 1 ޖަނަވަރީން ފެށިގެން އާސަންދައިން ކަވަރު ވާނެ.

އާދެ، އަޅުގަނޑުމެން ހަމަ ވަރަށް ގިނަ މަސައްކަތް މި ދާއިރާއިން މި ކުރަނީ. ގުރައިދޫގައި ހުރި މަރުކަޒު. އެތަނަށް ދޭންޖެހޭ ސަމާލުކަންވެސް ނުދޭ، ކުރީގެ އެއްވެސް ސަރުކާރަކުން. މިހާރު އަޅުގަނޑުމެން މިވަނީ، 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް، ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚުގައި ފަށާފައި. މިހެން ލިސްޓްކުރަން ވެއްޖިއްޔާ، މި ދާއިރާއިން އެކަނި އަޅުގަނޑަށް މިތާ ދެ ގަޑިއިރު ވާހަކަދެއްކޭނެހާ އެތައް މަސައްކަތް އެބަހުރި. އެހެންނަމަވެސް، ވަގުތު ސަލާމަތްކުރުމުގެ ގޮތުން، އެކަން އަޅުގަނޑު ދޫކޮށްލާނަން. ދޫކޮށްލާފައި، އަޅުގަނޑު ކުރިއަށްދާނަން. އާދެ، އިރާދަކުރެއްވީތީ މިގޮތަށް އަޅުގަނޑުމެން މި މަސައްކަތްތައް ކުރިއަށް މިގެންދަނީ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ ކަމެއްވެސް މި ކުރަނީ، އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ، އުފާވެރި މުޖުތަމަޢަކަށް ހެދުމަށްޓަކައޭ. ހިތްހަމަޖެހިގެން ދިރިއުޅޭ މުޖުތަމަޢަކަށް ހެދުމަށްޓަކައޭ. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގައި ރަނގަޅުވެގެންދާނެތީވެ. އަޅުގަނޑުމެންގެ ޤައުމުގައި އެބަހުރި ބޮޑެތި ވަރަށް ގިނަ މައްސަލަތައްވެސް. ކުރީ ރޭ އަޅުގަނޑު ފާހަގަކުރިން، މި ކަންތައްތައް ކޮންމެވެސްވަރަކަށް. ޑްރަގުގެ މައްސަލައާއި، މިހެންގޮސް، ގޭންގް ކުށްތަކުގެ މައްސަލަތަކާއި، ނުގަވާއިދުން އުޅޭ ބިދޭސީންނާ، މި މައިގަނޑު ތިން މައްސަލަ. އަޅުގަނޑުމެންގެ ތެރޭގައި އޮތް އިޖުތިމާޢީ ވާހަކަ ދައްކާއިރުގައި، މި ތިން މައްސަލަ ޙައްލުކުރުމަށްޓަކައި، ވަރަށް ގިނަ ކަންތައްތަކެއް މިއަދާ ހަމަޔަށް އަޅުގަނޑުމެން ކޮށްފިން. އެހެންނަމަވެސް، އެކަންކަމުގެ ނަތީޖާ ހާސިލުވުމުގައި، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް އެބައޮތް. ދިވެހި ކޮންމެ ލޮބުވެތި ރައްޔިތެއްގެ ޒިންމާއެއް އެބައޮތް. އިޖުތިމާޢީ ގޮތުން ޤައުމުގައި މިހިރަ ބޮޑެތި، މައިގަނޑު މި ތިން މައްސަލަ ޙައްލުކުރުމުގައި. އެހެންވީމާ، އަޅުގަނޑު އެރޭވެސް ދަންނަވާލިހެން، އަދިވެސް ހަމަ އިލްތިމާސްކުރަން، އަދި އެ ޔަޤީންކަންވެސް އެބައޮތް، މި އިލްތިމާސަށް އިޖާބަދެއްވާނެ ކަމަށް. ރައްޔިތުން އިޖާބަ ދެއްވަމުން ގެންދަވަނީވެސް. އެކަމަށް ޝުކުރުވެސް ދަންނަވަން. ނުގަވާއިދުން އުޅޭ ބޭރުމީހުންގެ މައްސަލައާއި، ޑްރަގުގެ މައްސަލައާއި، ގޭންގް ކުށް ކުރުމާއި، މި ތިން ކަންތައް ނިންމުމުގައި، މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ލިބިއްޖިއްޔާ، ފުރިހަމަ ޔަޤީންކަން މިދެނީ، މި ދައުރުގެ ތެރޭގައި މި ތިން މައްސަލަ އެކީގައި އަޅުގަނޑުމެން ޙައްލުކޮށް ނިންމާނަން. އޭގެ އެއް ކަންތައް ނޫންތޯ، މިހާރު މިވަނީ ބޭރުމީހުން ބަޔޯމެޓްރިކްސް ނެގުން ނިމިފައި، މިއަދާ ހަމައަށް. އެކަމަށް ދިން އެންމެފަހު މުހުލަތު މިހާރު މިވަނީ ހަމަވެފައި. ދެން އަޅުގަނޑުމެން ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި، ނޫނީވިއްޔާ ރައްޔިތުން ދެއްވާ މަޢުލޫމާތަކުން، ނުގަވާއިދުން ފިލައިގެން، ނޫނީވިއްޔާ އެހެންގޮތަކުންވެސް ރާއްޖޭގައި އުޅޭ ބިދޭސީއަކު ފެނިއްޖިއްޔާ ބޭރުކުރާނީ، ޑީޕޯޓް ކުރާނީ.

މިއީ، ވަރަށް ބޮޑު ބަދަލެއް. މި ޤައުމުގައި ނުގަވާއިދުން އުޅޭ ބިދޭސީން ކުރާ ކަންތައްތައް އެއީ، އަޅުގަނޑުމެންގެ ހަމައެކަނި އިޖުތިމާޢީ ފޭރާން ހަލާކުވާ ކަންކަމެއް ނޫނޭ. އިޤްތިޞާދުވެސް ހަލާކުވަނީ. ވިޔަފާރިވެސް ނުގަވާއިދުން ކުރަނީ. ދެން އެހެންގޮސް، އެތައް ކަމެއް. އެހެންވީމާ، މިހެންގޮސް ކޮންމެ ކަމެއް ޙައްލުކުރުމުގައި، މި ކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ނަތީޖާ ނެރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މީގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެކަމީ، އަޅުގަނޑު ހަމަ ޝައްކެއްކުރާ ކަމެއްނޫން.

އާދެ، ޑްރަގުގެ މައްސަލަ ޙައްލުކުރުމުގައި އަޅުގަނޑުގެ މައިގަނޑު ސިޔާސަތު އެރޭ ދަންނަވާލިން. ޒުވާނުން މިކަމުން ސަލާމަތްކޮށް، މެއިންސްޓްރީމް ކުރުމޭ. ޒުވާނުން ބޭނުމެއްނުވޭ މަސްތުވާތަކެތީގައި އުޅޭކަށް. ގޭންގްތަކުގެ ކުށްތަކުގައި އުޅޭކަށެއް. ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތް ކަމެއް. ހުރިހާ ޒުވާނުން ބޭނުންވަނީ، މިކަމުން ދުރުވާން. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، މިހާރު މަޖިލީހަށް ފޮނުވާފައި އޮތް ބިލު އިޞްލާޙު ކުރާއިރުގައި، ފާސްވާއިރުގައި، އިސްލާމްދީނުގައި ކަނޑައެޅިފައި އޮތް އެންމެ މަތީ އަދަބު، ޑްރަގު އެތެރެކޮށް، ވިއްކާ މީހުންނަށް ކަނޑައަޅަން. އޭގެ ނަތީޖާއަކަށް ވާނީ، އެ ސަޕްލައި ހުއްޓުން. އެކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން. ޑްރަގު އެތެރެކޮށް، ވިއްކާ މީހުންނަށް އޮންނާނީ އެންމެ މަތީ އަދަބު. ދެން މިއިން މީހުން ސަލާމަތްކުރުމަށް، ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަނަށް ފޮނުވާނީ. އަޅުގަނޑުމެންގެ މިހާރުގެ ރީހެބިލިޓޭޝަން މަރުކަޒުތަކުގައިވެސް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި، މައިންބަފައިންގެ އެއްބާރުލުމާއެކީގައި، ޢާއިލާތަކުގެ އެއްބާރުލުމާއެކީގައި، މިކަން އިތުރަށް ކާމިޔާބު ކުރެވޭނީ. އަދި މިހާރު ހަދަން ހަވާލުކުރެވުނު ތިން މަރުކަޒު، ގަމާއި، ވެލިދުއާއި، ކާށިދޫގައި ހަދާ މި ތިން މަރުކަޒުވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދާ ނިންމާއިރު، އެތައް ފެސިލިޓީއެއް އިތުރުކުރެވިގެން މިދަނީ.

އެހެންވީމާ، ޑްރަގުގެ މައްސަލައިން ޒުވާނުން ސަލާމަތްކޮށްދީ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭ، އެ ޒުވާނާގެ ކިބައިން މުޖުތަމަޢަށް ކަމެއް ކޮށްދެވޭފަދަ ޒުވާނުންނަށް، އަޅުގަނޑުމެން ބޭނުންވޭ، މިއިން ކޮންމެ ކުއްޖަކުވެސް ހަދައިދޭން. އެހެންވީމާ، އެކަން ކުރުމުގެ ވަރަށް ބޮޑު މަޝްރޫޢެއް މިއީ. މިއީ، އަތްލެވޭ މަޝްރޫޢެއް ނޫން. އަޅުގަނޑުމެން ބައެއް މީހުންނަށް ހީވާކަހަލަ، މަޝްރޫޢެއް ވެއްޖިއްޔާ އެއީ އަތްލެވެންޖެހޭ އެއްޗެކޭ. އަޅުގަނޑު ދެންމެ މި ދެއްކި ގިނަ ވާހަކައިގައި އެބަހުރިތޯ އަތްލެވޭ އެއްޗެއް؟ އެހެންނަމަވެސް، އެއަށްވުރެ މާ މާނަހުރި، މާނަ މާ ފުން، އޭގެ ނަތީޖާ މާ ވަރުގަދަ ކަންކަން ނޫންތޯ މި ހުންނަނީ. މާ ވަރުގަދަ ކަންކަން. މިކަންކަން ނުކޮށޭ މި ހުރިހާ ދުވަހު އަޅުގަނޑުމެން ތިބީ. ހަމަ ލޯމަރައިލައިގެން ތިބީއޭ. އަޅުގަނޑުމެންނަކަށް މުހިންމެއް ނޫނޭ، މި ޤައުމަށް ޙަޤީޤީ ކުރިއެރުމެއް ގެންނާކަށެއް. އަޅުގަނޑުމެންގެ މީގެކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު އާންމުގޮތެއްގައި ބެލިފައި އޮތީ، އެ މީހުންނަށް ފައިދާވާ ކޮންމެވެސްގޮތަކަށް އުޅެލައިގެން، ފަސޭހަގޮތަކަށް ނިންމާލުން. އެކަމަކު، އަޅުގަނޑު ބޭނުމެއްނޫން އެގޮތެއް. އަޅުގަނޑު ބޭނުންވަނީ ރަނގަޅު ކަންކަން ކުރަން. އެއީ، ކިތަންމެ ކޮންޓްރޮވަރޝަލް ވިޔަސް، އެކަމަކީ ރަނގަޅު ކަމެއްވިއްޔާ، އެކަން ކުރީމަ، ޤައުމަށް ފައިދާވާނެތީ އެކަން ކުރަން. ކޮށްގެން، މި ޤައުމުގައި މިހިރަ މައްސަލަތަކުގެ ރޫޓްކޯސްއަށް ގޮސް، އެ ރޫޓަށް އެޓެންޑްވެގެން، އެ މައްސަލަ ޙައްލުކޮށްދީ، ޤައުމަށް ދާއިމީ ކުރިއެރުން ގެނެސްދޭން. އެއީ، ރައްޔިތުން ބޭނުންވާ ގޮތަކީ. ދާއިމީ ޙައްލު ގެނެސްދީ، ދާއިމީ ހެޔޮ ނަތީޖާ ނެރެދޭން. އެހެންވީމާ، މި ޑްރަގުގެ މައްސަލަވެސް ޙައްލުކުރަން ބޭނުންވަނީ. ބޭރުމީހުންގެ މައްސަލަވެސް ޙައްލުކުރަނީ. އަދި ގޭންގް ކުށްތަކުގެ މައްސަލަވެސް.

މިހާރު، ގޭންގް ބިލުގެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލާނަން. ގޭންގް ބިލު، ގޭންގް ޤާނޫނު އަޅުގަނޑުމެން ފާސްކުރީ ދޮގެއްތޯ؟ ދެން، މީގައި މި އޮންނަ ގޮތަކީ، ފުލުހުން މިޖެހެނީ، މީގައި ކަނޑައަޅާފައި އޮންނަ އިޖުރާއަތުތަކުގެ ތެރެއިން، ޕީ.ޖީ. ތުރޫކޮށް، ކޯޓަށް ގޮސްގެން، ގޭންގެއް ކަމަށް ކަނޑައަޅަން. ކަނުލާ އަޑުއައްސަވާ. ދެން، އަޅުގަނޑު އިހަށްދުވަހު އަހާލައިފިން، ހޯމް މިނިސްޓަރ ކައިރީގައި، "ކޮބާ މިހާރު ކިތައް ގޭންގް ކަނޑައެޅިއްޖެހޭ". ހޯމް ލޭންޑް މިނިސްޓަރ ވަރަށް އުފާވެފައި ވިދާޅުވީ، މިހާރު ނެތޭ، ތިމަންނަމެން ޕީ.ޖީ.އަށް ފޮނުވައިގެން، ޕީ.ޖީ. ވިދާޅުވެއްޖެއޭ، ނެތޭ ތިޔަ ޝަރުޠު ހަމަވާ އެއްވެސް ގޭންގެއް. މިހާރު، ކުރީގައި މި ގޭންގްތަކުގައި އުޅުނު ހުރިހާ ފަރާތްތަކެއް އެކަން ހުއްޓާލައިފި. ގޭންގް ކުށްތައް ހުއްޓާލައިފައި، މިހާރު އެ ކުދިން، ޒުވާނުން މިހާރު ވިޔަފާރިކުރުމާއި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ، ނޯމަލް ލައިފަކަށް ހިނގައްޖެ. މިހާރު މި ގޭންގުތަކުގެ ގޮތުގައި މިކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެއޭ. އެހެންވީމާ، ތިމަންނަމެން މިހާރު ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނުފެނިގެންނޭ މިއުޅެނީ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އެއީ ވަރަށް ބޮޑު ކުރިއެރުމެކޭ. އެހެންވީމާ، ގޭންގްތައް މިތަނުން ނެތިގެންދިޔުމަށް، އަޅުގަނޑުމެން މި އަޅަނީ ވަރަށް ބޮޑު ހުރަސްތަކެއް. ބޮޑެތި ޤާނޫނުތައް، ބޮޑެތި އަދަބުތައް ލާފައި މި ފާސްކުރަނީ، ބަޔަކަށް އަދަބުދޭކަށް ނޫން. ކުރިން ދެންނެވި ގޮތަށް، ޒުވާނުން މި ހުރިހާ ނުބައި ކަމަކުން ސަލާމަތްކޮށްދީ، މެއިންސްޓްރީމް ކުރަން. އޭގެ ނަތީޖާ، ގޭންގް ޤާނޫނުންވެސް އެބަ ފެނޭ. މިހާރުވެސް އެއްވެސް ގޭންގެއް އުޅެންޏާ، ހަމަ ވަގުތުން ފުލުހުން ޕީ.ޖީ.އަށް ފޮނުވައިގެން، ކޯޓަށް ފޮނުވައިގެން، ޔަޤީން ކޯޓުންވެސް ނިންމައިދޭނެ. އަޅުގަނޑު އުންމީދުކުރަނީ، ކޯޓުތައް މަސައްކަތްކުރަނީ ވަރަށް އިންސާފުވެރިކަމާ އެކީގައި ކަމަށް. ނިންމައިފިއްޔާ، ގޭންގެއް ގޮތުގައި ކަނޑައެޅޭނެ. ގޭންގެއްގެ ގޮތަށް ކަނޑައަޅާ ހިސާބުން، ޤާނޫނުގައި ބުނާ ހުރިހާ އަދަބެއް އެ ފަރާތަކަށް އަންނާނެ. އެއީ، ކަން ކުރަންޖެހޭ ގޮތަކީ. އެގޮތަށް އަޅުގަނޑުމެން ގޭންގް މައްސަލަވެސް ޙައްލުކުރަން މަސައްކަތް މި ކުރަނީ.

އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑު އުންމީދުކުރަނީ، މިކަމުގެ ތެރޭގައި، މި ގޭންގް ކުށްކުރަން އުޅޭ ހުރިހާ ފަރާތްތަކެއް އިރާދަކުރެއްވިއްޔާ އެކަމުން ދުރުވާނެ ކަމަށް. އަޅުގަނޑުމެން ބޭނުމެއްނޫން، މުޖުތަމަޢުގައި ގޭންގްތަކުން ވަޅިޖެހުމާއި، އެހެން ކަމެއް ކުރާތަނެއް ފެންނާކަށެއް. އަޅުގަނޑު މިރޭވެސް އިލްތިމާސްކުރަން، މި ނުބައި އާދައިގެ ތެރޭގައި ޖެހިފައި ތިބި ހުރިހާ ޒުވާން ކުދިން، އަވަހަށް ދުރުވާށޭ އެކަމުން. ބޭކާރުކަމެއް ތިއީ. މި ސަރުކާރުން މިހިރީ އެތައް ފުރުޞަތުތަކެއް ހުޅުވާލައިފައި ޒުވާނުންނަށް. ވަޒީފާގެ ފުރުޞަތުތައް، ތަޢުލީމީ ފުރުޞަތުތައް، އެތައް ފުރުޞަތުތަކެއް. ވަޠަނީ ޚިދުމަތްވެސް އެއީ، ވަރަށް މުހިންމު ފުރުޞަތެއް. އެތައް ޒުވާނުންނެއް އޭގައި ބައިވެރިވެއްޖެ. ނޭޝަނަލް ސަރވިސްގައި އެތައް ޒުވާނުންނެއް ބައިވެރިވެއްޖެ. އަޅުގަނޑުމެން ބޭނުންވަނީ، މިގޮތަށް ނުބައި ކަންކަމުގެ ތެރެއަށް ވަދެވިފައި ތިބި ކުދިން ނެރެގެން ގެނެސް، އެ ކުދިންނަކީ، އަޚްލާޤު ލިބިފައިވާ، ދީނަށް ލޯބިކުރާ، ޤައުމުދެކެ ލޯބިވާ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭ ކުދިންތަކަކަށް ހަދަން. އެހެންވީމާ، ހުރިހާ ނުބައި ކަމެއްގެ ތެރެއަށް ކޮންމެވެސް ސަބަބަކާހެދި ވަދެވިފައި ތިބި ހުރިހާ ޒުވާން ކުދިން އެކަމުން ނުކުންނަންވީ. ނުކުމެގެންއައިސް، އެންމެންވެގެން މި ޤައުމަށް، ތިމާގެ އަމިއްލަ ނަފްސަށާއި، ޢާއިލާއަށާއި، ޤައުމަށް ކަމެއް ކޮށްދެވޭތޯ އުޅެންވީ. އަޅުގަނޑުމެން މިތިބީ ޒުވާނުންނާ އެކީގައި. ޒުވާނުންނާ އެކީގައި މި ސަރުކާރުން ކުރިއަށްދާނީ.

އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި، މި ދެންނެވި ތިން ދާއިރާއިން އަޅުގަނޑުމެން މި ބަލަނީ، މި ޤައުމުގައި އަމާންކަން ޤާއިމުކުރެވޭތޯ. މިކަމުގައި ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަކީ، އަދި މުޅި ހޯމް ޓީމުގެ ތެރޭގެ އެކި ދާއިރާތައް ގުޅިގެން މިކުރާ މަސައްކަތްތަކަކީ، ވަރަށް ބޮޑު މަސައްކަތްތަކެއް. އެ މަސައްކަތްތަކަށް ބޭނުންވާ ސަޕޯޓް، އެއީ ވަސީލަތުގެ ގޮތުން ކަމުގައިވިޔަސް، މުވައްޒަފުން ގޮތުގައި ކަމުގައިވިޔަސް، އިންފްރާސްޓްރަކްޗަރ ގޮތުން ކަމުގައިވިޔަސް، ސަރުކާރުން ފޯރުކޮށްދެމުންދާނަން، ކުރިއަށް އޮތް ތާނގައި. މި އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކަން އޮންނާނެ ހިމަނާފައި. އަޅުގަނޑުމެން ބޭނުންވެގެން، މި ހުރިހާ މުއައްސަސާތައް، އެއް ފުރާޅެއްގެ ދަށަށް އަޅުގަނޑު ލީވެސް އެހެންވެގެން. ހޯމް މިނިސްޓްރީގެ ފުރާޅުދަށަށް މިކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ލާފައި އެހުރީ، ފުރަތަމަ ފަހަރު ރާއްޖޭގެ ހިސްޓްރީގައި. ނޯންނާނެ ކުރީގެ އެއްވެސް ސަރުކާރެއްގައި، މިހެން ހުރި މުއައްސަސާތައް، އެއް މިނިސްޓްރީއެއް ދަށަށް ލާފައެއް. ކުރީގައި ވާގޮތަކީ، އަނެއް މިނިސްޓްރީގެ ދަށުގައި، ނޫނީ އެހެން ތަނެއްގައި ހުރީމަ، ދެން އެކިކަހަލަ ކޯޅުންތައް ދަނީ. ކަން ޙައްލެއް ނުވޭ. އެހެންވީމާ، މައިގަނޑު މި ތިން މައްސަލަ ޙައްލުކުރުމަށްޓަކައި ބޭނުންވާ ހުރިހާ އޮފީހެއް، އެއް ފުރާޅެއްގެ ދަށަށް ގެނެސްގެން މަސައްކަތް މި ކުރަނީ، ނަތީޖާ ނެރެންވެގެން. އަޅުގަނޑު ކުރިންވެސް ދެންނެވިން، އަޅުގަނޑުމެންނަށް ހުރިހާވެސް އެއްޗަކީ ނަތީޖާއޭ. ރައްޔިތުންނަށް ވީ ވަޢުދު ފުއްދުމޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

މި ހުރިހާ ކަމެއް ކުރުމުގައި، ޤާނޫނުތައް ހަދަންޖެހޭ. ވަރަށް ގިނަ ޤާނޫނުތައް މިހާތަނަށްވެސް މަޖިލީހަށް ފޮނުވައިގެން، ޢިއްޒަތްތެރި މަޖިލިސް މެންބަރުން ފާސްކޮށްދެއްވައިފި. މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެން، 46 ބިލެއް ތަޞްދީޤުކޮށް، ޤާނޫނަށް ހެދިއްޖެ. އަދި އެތައް ބިލެއްގެ މަސައްކަތް ކުރެވެމުންވެސް އެބަދޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން ވަރަށް ގިނަ، މުހިންމު ބިލުތައް މަޖިލީހަށް ފޮނުވާނަން. މިހާރުވެސް މަޖިލީހަށް ފޮނުވާފައި އެހެރީ. އަދި މިހާރު ހިނގަމުންދާ ދައުރަށްވެސް، ވަރަށް މުހިންމު ބިލުތައް ފޮނުވަން ނިންމާފައި އެހެރީ. އިރާދަކުރެއްވިއްޔާ މި ޤާނޫނުތައް ހެދިގެންދިޔުމުން، މި ޤައުމުގައި މިހިރަ އެކިކަހަލަ މައްސަލަތައް ޙައްލުކުރުމަށް، އަޅުގަނޑުމެންނަށް ބޭނުންވާ ފެންވަރުގައި، ރައްޔިތުން އެދޭ ފެންވަރުގެ ޚިދުމަތެއް ދެވޭގޮތަކަށް، ހުރިހާ ކަމެއް ބައްޓަންކުރެވިގެންދާނެ. އާދެ، އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ބޮޑުތަނުން ކުރިއަށް އޮތް ތާނގައި ރަނގަޅުވެގެންދާނެ.

އާދެ، ޒުވާނުންގެ ވާހަކަ ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޒުވާނުންނަށް ދޭ ފުރުޞަތުތައް އެތައް ގުނައަކުން އިތުރުކުރުމަށްޓަކައި، އެކިއެކި މަރުކަޒުތައްވެސް އަޅަމުންނޭ މިދަނީ. މި ހަފުތާގައި މާލޭގައި ހުޅުވޭނެ، ޒުވާނުންނަށް ހެދިގެންދިޔަ ވަރަށް މުހިންމު މަރުކަޒެއް. އެ މަރުކަޒަކީ، ކުރީގައި މުލީއާގޭގެ ބޭނުމަކަށް ހުރި ގަރާޖެއް. އަޅުގަނޑު ނިންމީ، މުލީއާގޭ ބޭނުމަކަށް ކޮންމެހެން އެތަން ބަހައްޓާނެ ކަމެއް ނެތޭ، އެތަން ނަގާނީއޭ. ނަގައި، ޒުވާނުންނަށް ދޭނީއޭ. ޒުވާނުންނަށް ހަދިޔާކޮށްފައި އެއޮތީ. ޒުވާނުންގެ މަރުކަޒެއް އެތާނގައި ހުޅުވޭނެ ވަރަށް އަވަހަށް. މި ހަފުތާގައި ހުޅުވޭނެ. އެތާނގައި ހުންނާނެ ޒުވާނުންނަށް ބޭނުންތެރި އެކިކަހަލަ ހުނަރުތައް ދަސްކޮށްދެވޭނެ ގޮތާއި، ކައުންސިލިންގ ލިބޭނެގޮތާއި، މުނިފޫހިފިލުވައިލެވޭނެ، ކަރޯކޭއާ، މިކަހަލަ އެކި ކަންކަމާއި، ޒުންބާއާ ކަންކަންވެސް ކުރެވޭނެ. އެހެންވީމާ، ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ ބިނާކުރަނިވި، ފައިދާވާނެ ކަހަލަ، އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ކުރެވޭނެ ކަންކަން ކުރެވޭނެ ކަހަލަ މަރުކަޒެއް މިއީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަން މިހާރު ސޮއިވެސް ކޮށްފިން ބައެއް ތަންތާނގައި. މާލޭގައި މި ހުޅުވެނީ. އަޅުގަނޑުމެން ބައެއް ސިޓީތަކާއެކުގައި ސޮއިވެސް ކޮށްފިން. މި އަންނަ އަހަރުގެ ބަޖެޓަށްވެސް އެކަން މިއޮތީ ލާފައި. އާދެ، އިރާދަކުރެއްވިއްޔާ މިކަހަލަ އެތައް ކަމެއް ޒުވާނުންނަށް މި ހިންގަނީ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިންވެސް، މިހާރު 375 ޒުވާނުން ތަމްރީނު ކުރެވިފައިވޭ. އަދި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ތެރެއިންވެސް، މިހާރު 288 ޒުވާނުން އަޅުގަނޑުމެން ތަމްރީނުކޮށްފިން. އަދި އޭގެއިތުރުން، ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ ފުރުޞަތުތައް ފަހިކޮށްދޭ، އެ ކުދިންގެ ހުނަރު ކުރިއެރުވުމަށްޓަކައި، ހިލޭއެހީ ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގާ.

އަޅުގަނޑު ވަޢުދުވީ ކަމެއް، ކުރެހުމުގެ ދާއިރާއަކީ. މިއީ ވަރަށް ގިނަ ޒުވާނުން އުޅޭ ދާއިރާއެއް. ކުރެހުން، އާޓިސްޓުން. އެކިކަހަލަ ކުރެހުންވެސް، ޑިޖިޓަލް އާޓްސްވެސް އޮވޭ. އަޅުގަނޑު ބައެއްފަހަރު އެބަ ދަން މައުރަޒުތައް ބަލައިލަން. ހަމަ ވަރަށް ހުނަރުވެރި ޒުވާނުން ފެނޭ. އަޅުގަނޑު ވަޢުދުވިން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ދެން ކޮންމެ އަހަރަކުވެސް، 25 މިލިއަން ރުފިޔާ ގްރާންޓް، ކުރެހުމުގެ ފަންނުގައި، އަލަށް ވަންނަން ބޭނުންވާ ކުދިންނަށާއި، އޭގައި އުޅޭ ކުދިންގެ ތެރެއިން، އިތުރަށް ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބޭނުންވާ އެއްޗެހި ގަތުމަށާއި، އެކިކަހަލަ ކޯސްތަކުގައި ބައިވެރިވުމަށާއި، ކޯސްތައް ހިންގުމަށާއި، މި ހުރިހާ ކަމަކަށް، ހިލޭއެހީ ދޭން. އެކަން މިހާރު ބަޖެޓުގައި ހިމަނާފައި އެއޮތީ. އެކަން ފެށިގެންދާނެ ވަރަށް އަވަހަށް.

އާދެ، ޒުވާނުންގެ ވާހަކަ ނިންމާލާއިރު، ޖުމުލަކޮށް، ޒުވާނުންނާވެސް ގުޅިފައި އޮތް ކަމެއް ކުޅިވަރަކީ. އެ ވާހަކަ ދައްކާލާފައި ކުރިއަށްދާނަން. އާދެ، ކުޅިވަރު މިއީ އަޅުގަނޑުމެން އެންމެންނަށްވެސް މުހިންމު އެއްޗެއް. ކުޅިވަރާއި، ހަށިހެޔޮކަން، ފިޓްނަސް. އަޅުގަނޑުމެން އެންމެންނަކީވެސް ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށްޓަކައި މި ކުރެވޭ މަސައްކަތް، ކުރިން އަޅުގަނޑު ދަންނަވާލިން، ޕްރިވެންޓިވް ހެލްތު ކެއަރ ޕޮލިސީގެ ތެރެއަށް ދާއިރުގައިވެސް، ދުޅަހެޔޮ ޞިއްޙަތެއް ހުންނަންޖެހޭނެ. ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށްޓަކައި، ފިޓްނަސް ވަރަށް މުހިންމު. އެހެންވީމާ، އަޅުގަނޑުމެން ސްޕޯޓްސް މިނިސްޓްރީ ހެދިއިރުގައި، އާންމުކޮށް ފިޓްނަސް އެއީ މައި ކަމަކަށް ނަހަދާނެ. އެހެންވީމާ، ފިޓްނަސް ހިމަނާފައި އަޅުގަނޑުމެން މެންޑޭޓް ހެދީވެސް ވިސްނާފައި، ވަކި ބޭނުމެއްގައި، ވަކި ސްޓްރެޓީޖިކް ރީޒަނަކަށް. މި ދެންނެވި ރީޒަނަށްޓަކައި. އެއީ، މަޖަލަކަށް މޮޅު ނަމެއް ކިޔާލަން ކުރިކަމެއް ނޫނޭ. އެއީ، ހަމަ ވަރަށް މުހިންމު ބޭނުމެއް، މި ދެންނެވިހެން، ވަށާޖެހޭ ޞިއްޙީ ސިޔާސަތެއްގެ ތެރެއިން، އަޅުގަނޑުމެންނަކީ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށްޓަކައި، އެކިކަހަލަ ބަލިތަކުން ސަލާމަތް ކުރަންޖެހެނީވެސް އެހެންވެގެންނޭ. ފިޓްނަސް ރަނގަޅުވިއްޔާ، ވަރަށް ގިނަ ބަލިތަކުން ސަލާމަތްވާނެ. އެހެންވީމާ، ފިޓްނަސްގެ ދާއިރާއަށްވެސް އިސްކަމެއްދީގެން، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެންމެ ރަށެއްވެސް ދޫނުކޮށް، ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ހެދުމަށްޓަކައި އަޅުގަނޑުމެން ނިންމައި، މިހާރު އެތައް ރަށެއްގައި ސޮއިކުރެވިފައި ވަނީ. މި އަންނަ އަހަރާ އެކީގައި ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރު ހަދާނަން. އެތާނގައި ހުންނާނެ ޖިމްވެސް. އެތާނގައި ހުންނާނެ އެކިކަހަލަ ކުޅިވަރު ކުޅެވެންވެސް. ދެން، ވަރަށް ގިނައިން އަންހެން ބޭފުޅުން ރިކްއެސްޓް ކުރައްވާ އިންޑޯ ޖިމް. އެތާ އެތެރޭގައި ހުންނާނެ އިންޑޯ ޖިމްވެސް.

އެހެންވީމާ، މިހެންގޮސް، މިކަހަލަ ކަންތައްތައް މި ކުރަނީ، ރޭވުންތެރިކަމާ އެކީގައި، ވިސްނުންތެރިކަމާ އެކީގައި، ވަކި މަޤްޞަދުތަކެއް އޭގެތެރެއިން ހާސިލުކޮށް، ސްޓްރެޓީޖިކް ގޯލްތަކެއް ޤައުމަށްޓަކައި ހާސިލުކުރުމަށް. އެހެންވީމާ، އެގޮތުން ގިނަ ކަންތައްތަކެއް ކުރެވިގެން މިދަނީ. ކުޅިވަރުގެ ދާއިރާގެ އެތުލީޓުންނަށްވެސް، އެކިކަހަލަ އިންސެންޓިވް ދިނުމަށްޓަކައި، އަޅުގަނޑު ވަޢުދުވީ ގޮތަށް، މިހާރު އެވަނީ، ކުރިން ލިބެމުންދިޔަ، 5,000 ރުފިޔާ، 7,000 ރުފިޔާއަށް ބޮޑުކޮށްދެވިފައި. އޭގެއިތުރަށްވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ތެރޭގައި އަޅުގަނޑުމެން މި ބަލަނީ، ވަރަށް މުހިންމު، ބޮޑު އިންވެސްޓްމަންޓެއް ކުރަން. އެއީ، ހައި ޕަރފޯރމަންސް ސެންޓަރެއް ހަދަން. އެއީ، ރާއްޖޭގެ އެތުލީޓުން، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެކިކަހަލަ ޕްލެޓްފޯމްތަކުގައި ވާދަކުރަންޏާ، އެބަ ބޭނުންވޭ، އަދި ބޭރުގެ އެތުލީޓުން އައިސް ރާއްޖޭގައިވެސް ޓްރޭނިންގ ހެދުމަށް، މި ހުރިހާ ކަމެއް ހާސިލުކުރުމަށް، ހައި ޕަރފޯރމަންސް ސެންޓަރު ހަދަން. އެއީވެސް، މި އަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް މުހިންމު މަޝްރޫޢެއް. އެ ވެގެންދާނީ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވަންވެސް އެޅިގެންދާނެ އެންމެ މުހިންމު އެއް ސްޓެޕިންގ ސްޓޯނަށް. އެކަންވެސް އެވަނީ ޕްލޭން ކުރެވިފައި، މި އަންނަ އަހަރަށް. މި އަހަރު ތެރޭގައިވެސް، އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ، އަދި މިކަހަލަ ސެންޓަރެއް ނެތަސް. ވަރަށް ގިނަ ކާމިޔާބީ އެބަހޯދޭ. އެންމެފަހުން އިއްޔެވެސް ވަރަށް ފަޚުރުވެރި ކާމިޔާބީއެއް، ބެޓްމިންޓަންގެ ދާއިރާއިން އަޅުގަނޑުމެންގެ އެތުލީޓުން އެ ހޯދީ. ހަމަ ކޮންމެ ދުވަހަކުހެންވެސް ފެނިގެންދޭ، ޓީޓީއާއި، އެކި ދާއިރާތަކުންވެސް. ބޮޑީ ބިލްޑިންގއާއި، ކެރަމްއާއި، އެކި ދާއިރާތަކުން ކުރިއެރުން ހޯދާތަން.

އެހެންނަމަވެސް، އެތައް ލެވެލަކުން މައްޗަށް ގެންދަންޏާ، މިތާނގައި އެބަޖެހޭ، އިންވެސްޓްމަންޓް ގެންނަން. މި ދަންނަވާ ރޫޓްކޯސް. މިތާކު ނެތް އެކަމެއް. ނެތީމާ އެކަން ކުރަން މިއުޅެނީ. ހައި ޕަރފޯމަންސް ސެންޓަރު ހެދުން. އެއީ، މި ޤައުމުގައި ކުޅިވަރު ކުރިއަރުވަންޏާ، ކުރަންޖެހޭ ނަންބަރ ވަން ކީ، ކަންތައް. އެކަންތައް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ފަށާނަން.

އަޅުގަނޑަށް ބައެއް ކުޅިވަރުތަކުގެ ނަން ނުދެންނެވި ހިނގައިދާނެ. ވަރަށް ކާމިޔާބީ ހޯދާ އެކި ދާއިރާތަކުންވެސް. ސަރފިންގއިންވެސް ހޯދާ. އެކި ދާއިރާތަކުން ހޯދާ. އެހެންވީމާ، ހުރިހާ އެތުލީޓުންނަށް ޝުކުރުވެސް ދަންނަވަން. ސްޕޯޓްސް މިނިސްޓްރީން، އަދި ކުޅިވަރުގެ އެކި ޖަމުޢިއްޔާތަކުން ގުޅިގެން. އެންމެފަހުން އަޅުގަނޑުމެން ކުޅިވަރުގެ ޤާނޫނަށް ގެނައި އިޞްލާޙު ވެގެންދާނީ، ހަމަ ޔަޤީނުންވެސް، ކުޅިވަރުތައް ކުރިއެރުވުމުގައި، މި ރީޖަނަލް ފެންވަރެއްގައި، ރީޖަނަލް ކޮންސެޕްޓެއްގައި ކުޅިވަރުތަކަށް ކުރިއެރުމެއް ލިބިގެންދިޔަ އެންމެ މުހިންމު އެއް ކުރިއެރުމަށް.

އާދެ، މިގޮތަށް ރާއްޖޭގެ ކުޅިވަރާއި، ހަށިހެޔޮކަމާއި، މި ހުރިހާ ކަމެއް ގުޅި ލާމެހިގެންދާ ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވީތީ އަޅުގަނޑުމެން ތަރައްޤީ މި ކުރަނީ. މިއިން ނުކުންނާނީ، ކޮން ނަތީޖާއެއްތޯ؟ ޞިއްޙީގޮތުން ދުޅަހެޔޮ، ރަނގަޅު ތަޢުލީމެއް ލިބިފައިވާ، އިޖުތިމާޢީ ރައްކާތެރިކަން ލިބިފައިވާ މުޖުތަމަޢެއް ޤާއިމުކުރުމުގެ ސަބަބުން، ދެން އެ މުޖުތަމަޢަކުން އެ މީހުންގެ އަމިއްލަ ޤައުމަށް ކަންތައްތަކެއް ކޮށްދިނުމަށް، ފަހި ފުރުޞަތުތަކެއް އެބަ ލިބިގެންދޭ. އެއީ ކޮން ކަމަކުތޯ؟ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި.

އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ދާއިރާއަކީ، އިޤްތިޞާދީ ސިޔާސަތު ތަރައްޤީކުރުން. އިޤްތިޞާދީ ސިޔާސަތުގެ އެންމެ މުހިންމު ބައެއް ދާއިރާތައް އަޅުގަނޑު ދަންނަވާލާއިރުގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ އެއް ދާއިރާއަކީ، މީގެކުރިން އެހާބޮޑު އިސްކަމެއްދޭ ކަމެއް ނޫން، ޑިޖިޓަލް އިކޮނޮމީ. ޑިޖިޓަލް އިކޮނޮމީއަކީ، މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ދާއިރާއެއް. އަޅުގަނޑު އިޢުލާނުކޮށްފައި އޮންނާނެ، 2030 އާ ހަމަޔަށްދާއިރުގައި، ރާއްޖޭގެ ޖީ.ޑީ.ޕީ.އަށް 15 އިންސައްތަ ކޮންޓްރިބިއުޓް ކުރާ ދާއިރާއަކަށް، ޑިޖިޓަލް އިކޮނޮމީ ދާއިރާ ހަދަން ބޭނުމޭ. އެކަމަކީ، ސްޓްރެޓީޖިކަލީ މަސައްކަތެއް ކުރެވިގެން ވާނޭ ކަމެއް. މިތަނަށް އިންވެސްޓްމަންޓްވެސް ގެންނަންޖެހޭ އެބަ. ތިޔަބޭފުޅުން ޓުވިޓަރއާ އެއްޗެހި ބައްލަވާނެކަންނޭނގެ. އަޅުގަނޑު މިތަނަށް އައުމުގެ ކުރިން، އަޅުގަނޑު ޓުވީޓެއްވެސް ކޮށްފައި މިއައީ. މިރޭ އަށްގަޑި ބައިގައި ގޫގުލްއިން އިޢުލާނުކޮށްފައި އޮންނާނެ، ރާއްޖޭގައި ގޫގުލްގެ އިންވެސްޓްމަންޓެއް ޤާއިމުކުރަން ނިންމި ވާހަކަ. ގޫގުލްއިން އެވަނީ ނޫސްބަޔާން ނެރެފައި. ރަސްމީކޮށް އިޢުލާނުކޮށްފައި، ރާއްޖޭގައި އިންވެސްޓް ކުރަން. ޔޫ.އެން.ޖީ.އޭ.އަށް އަޅުގަނޑު 2024 ގައި، ނިއުޔޯރކަށް ގޮސްފައި، އަޅުގަނޑު ބައްދަލުކުރީ، ގޫގުލްގެ ޓީމާ. މިއީ، އެތަނުގައި ކުރެވުނު މަޝްވަރާއެއް. އެ ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރީ. އަޅުގަނޑުމެން މަޝްވަރާކޮށްފައި، އަޅުގަނޑު ދިން ކޮމިޓްމަންޓެއް، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަމޭ، ޤާނޫނާއި، ގަވާއިދުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަމޭ. ތިޔަބޭފުޅުން ރާއްޖެއަށް ވަޑައިގެން، އިންވެސްޓް ކުރައްވާށޭ. އެ ދުވަހުން ފެށިގެން، މިއަދާ ހަމައަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިރޭ އަށްގަޑި ބައިގައި އިޢުލާނުކުރެވިގެން އެދިޔައީ. އެ ބޭފުޅުން އިޢުލާނު ކުރައްވާފައި ވަނީ، ދިވެހިރާއްޖެއަކީ، މި ސަރަޙައްދުގެ ޑިޖިޓަލް ހަބެއް ގޮތުގައި ވެގެންދާނެ ކަމަށް. އެ ކުންފުނިން އިޢުލާނުކޮށްފައި އެވަނީ. މީގެ ނަތީޖާއެއް ގޮތުން، ރާއްޖެއަށް އެހެން އިންވެސްޓްމަންޓްތައްވެސް އަންނަން އިތުބާރު، އިންވެސްޓަރ ކޮންފިޑެންސް އިތުރުވެގެންދަނީ. އޭގެ ނަތީޖާއަކަށް ވާނީ، އިތުރު އިންވެސްޓްމަންޓްތައް އައިސް، ޑިޖިޓަލް ދާއިރާއިންވެސް، އަދި އެހެން ދާއިރާތަކުންވެސް އިރާދަކުރެއްވިއްޔާ ރާއްޖެއަށް މީގެތެރެއިން ކުރިއެރުން ލިބިގެންދިޔުން.

އާދެ، އެހެންވީމާ، ޑިޖިޓަލް އިކޮނޮމީއެއް ޤާއިމުކުރުމަކީ، އަޅުގަނޑުމެންގެ އެއް ސިޔާސަތު. މިކަން ހާސިލުކުރުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ އެންމެން ޝާމިލުވާ ވަރަށް މުހިންމު ކަމެއް މި ފަށަނީ. މިހާރު އެތައް ފަހަރަކު ނަން ބުނެވިއްޖެ، "މޯލްޑިވްސް 2.0". މިއީ، އަޅުގަނޑުމެން އެންމެ މަޤްޞަދެއް ހާސިލުކުރަން ކުރާ ކަމެއް ނޫން. ޑިޖިޓަލް އިކޮނޮމީ މިއީ، މީގެ އެއް ކަންތައް. ކޮރަޕްޝަން ނައްތައިލުން، އަނެއް ކަންތައް. ފަހި، އަވަސް، އެފިޝަންޓް، ދެފުށް ފެންނަ، ގަވަރނަންސް ނިޒާމެއް ޤާއިމުކުރުން، އަނެއް ކަންތައް. ރައްޔިތުންނަށް ހުރިހާ ދާއިރާއަކުން އަވަސް ޚިދުމަތްތައް، ޚާއްޞަކޮށް، ޞިއްޙީ ދާއިރާއިން ލިބޭގޮތަށް ޤާއިމުކުރުން، އަނެއް ކަންތައް. މި ހުރިހާ ކަމެއް ހިމެނޭހެން، މޯލްޑިވްސް 2.0 މި ލޯންޗްކުރީ. މޯލްޑިވްސް 2.0 ވެގެންދާނީ، މުސްތަޤްބަލަށް ރާއްޖޭގެ ހިސްޓްރީ އެކީގައި އެންމެ ބޮޑަށް ބަދަލުކޮށްލާނޭ ކަންތަކަށް. އެއީ، ތިޔައިން ކޮންމެ ބޭފުޅެއްގެ އައި.ޑީ.ކާޑު މިއާ ގުޅިފައި އޮތީމާ. އެ އައި.ޑީ.ކާޑު އެ ބަދަލުވަނީ، ޑިޖިޓަލް، އެހެންނަމަވެސް ފިޒިކަލް، ޑިޖިޓަލް ހުރިހާ ފީޗަރޒްއެއް ހިމެނޭ އައި.ޑީ.ކާޑަކަށް. އޭގެ ބޭނުންކޮށްގެން، ދެން ހުރިހާ ކަމެއްވެސް ކުރާނީ. އެއިން އެ މީހެއްގެ އަމިއްލަ ރެކޯޑްސް ބެލެހެއްޓޭނެ. އެހެން މީހުންނަށް އެއަކަށް އެކްސެސްއެއް ނުވެވޭނެ. އެ ކޮންޓްރޯލްސް އަމިއްލަ އަތުގައި އޮންނާނީ. އެހެންވީމާ، މި ހުރިހާ ކަމެއް ޤާއިމުކުރުމަށް، މޯލްޑިވްސް 2.0 މި ފަށަނީ. މި އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ބޮޑު އިސްކަމެއް ދީފައި މިއޮތީ. އަޅުގަނޑުމެން މީގެތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުން ގުޅިގެން، އަދި ޚާއްޞަކޮށް ފުރަތަމަކޮޅުގައި، ހުރިހާ މުއައްސަސާތައް، މިނިސްޓްރީތައް، ދައުލަތުގެ ހުރިހާ މުއައްސަސާއެއް، ޖުޑިޝަރީ، ރައްޔިތުންގެ މަޖިލިސް، ބޭންކިންގ ނިޒާމު، ހުރިހާ ސަރވިސް ޕްރޮވައިޑަރުން، އެންމެން ގުޅިގެން، ތަންތަނުގައި ތިބި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކުރިއަށްދާނީ.

ޗޭންޖަކީ ވަރަށްގިނަފަހަރު ރެސިސްޓް ކުރާ އެއްޗެއް، ހުރިހާ ޤައުމެއްގައިވެސް. އެއީ، އިންސާނީ ޠަބީޢަތް. އެ ރެސިސްޓެންސް ޗޭންޖް އޯވަރކަމް ކޮށްގެން، އެމްބްރޭސް ކޮށްގެން، މުޅި ގަވަރނަންސް ނިޒާމު އެކީގައި ޑިޖިޓަލް ކުރުމަކީ، އަޅުގަނޑުމެން ކުރަން ފަށާ، އެންމެ މުހިންމު އެއް ކަންތައް. އެކަން އިރާދަކުރެއްވިއްޔާ ވެގެންދާނީ، މި އަންނަ އަހަރުގެ އެންމެ ބޮޑު ވާހަކައަށް. އޭގެ ނަތީޖާ އެންމެ ރަނގަޅުވާނެ އެއް ވާހަކައަށް. މިހާރު ބައެއް އޮފީސްތަކުން އެކަން ފަށައިފި. އިމިގްރޭޝަނުން އިހަށްދުވަހު ޚިދުމަތްތައް އެ ޑިޖިޓަލައިޒް ކުރީ. އަދި މިހާރު އެންސްޕާއިން ބައެއް ޚިދުމަތްތައް ފެށީ. ޞިއްޙީ ދާއިރާ އެކީގައި ޑިޖިޓަލް ވެގެންދިޔުން ވެގެންދާނީ، ހުރިހާ ރައްޔިތުންނަށް އޭގެ އަސަރުކުރާނެ ކަމަކަށް. އެއީ، މި އަންނަ އަހަރަށް ޕްލޭން ކުރެވިފައި އޮތް އެންމެ މުހިންމު އެއް ކަންތައް. ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުން. އެ މީހެއްގެ ހެލްތު ރެކޯޑްސް، އެވްރީތިންގ، އެވްރީތިންގ ރިލޭޓެޑް ޓު ދެޓް، ހަމަ އެކީގައި ޑިޖިޓަލް ކުރުމަކީ، މި އަންނަ އަހަރު ތެރޭގައި، އަޅުގަނޑުމެން ކުރިއަށް ނިންމާފައިވާ އެންމެ މުހިންމު އެއް ކަންތައް.

އޭގެތެރެއިން ވަރަށް ގިނަ ކަންކަން އެބަ ރަނގަޅުވޭ. ތަފުސީލަށް ނުގޮސް ދަންނަވަންޏާ، އެންމެ ބޮޑު އެއް ކަމަކަށް، ކޮރަޕްޝަން ޙައްލުކުރެވިގެންދާނެ. ސަރުކާރުގެ ނިޒާމުގެ ތެރޭގައި އެ ހިނގާ ހުރިހާ ނޭދެވޭ އަސަރާއި، ސިފަތައް، ނޫނީވިއްޔާ އެ ޢަމަލު. ކޮރަޕްޝަންގެ ނުބައި ސިފައާއި ޢަމަލު، އެއަށް އެޅޭ ވަރަށް ބޮޑު ހުރަހެއް އެއީ. އެއީ، އޮޓޯއިންނެއް ނޫންތޯ ހުރިހާ ކަމެއް ހިނގާނީ، ޑިޖިޓަލްކޮށް. އަދި ފެންނާނެ އެމީހާއަށް. އެހެންވީމާ، މީގެތެރެއަށް އެހެން މީހަކު ވަދެ، އެމީހާ ކައިރީގައި އާދޭސްކޮށްގެން ޚިދުމަތް ހޯދަން، އޭނާއަށް ކަމެއް ކޮށްދީގެން، އާދޭސްކޮށްގެން ކަންކަން ކުރުމުގެ ނިޒާމު ނިމުނީ ނޫންތޯ، އެޕްލައި ކޮށްލީމާ. ދެން އިތުރަކަށް މީހެއްގެ ކައިރީގައި ބުނެގެން، އޭނާ ކިޔޫއިން މައްޗަށް ޖައްސާލަދީ، އެހެން ކަމެއް ކޮށް، މިކަން ކުރާކަށް ނުޖެހޭނެ. ޕަރމިޓެއް ނެރެން އެމީހާ ކައިރީގައި ބުނެލައިގެން، ދަށުގައި އޮތް ފޯމު ނަގައި، މައްޗަށް ޖައްސާލަދޭކަށް ނުޖެހޭނެ. މިތާނގައި އެބަ ތިއްބެވި ހުރިހާ އޮފީހެއްގެ ވެރިންނާއި، މުވައްޒަފުންނާއި، މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިންނާ. މިކަން މިގޮތަށް ހިނގާކަން އެއީ، އަޅުގަނޑުމެންނަށް އެނގޭ ކަމެއް. މިއީ ޒަމާނުއްސުރެ، ރާއްޖޭގައި އެކަންޏެއް ނޫން، ހުރިހާތާކުވެސް ކުރާ ކަމެއް. އަޅުގަނޑުމެން އެބަޖެހޭ މިއަށް ފޭސްކޮށްގެން، އިޚްލާޞްތެރިކަމާއެކީގައި، މިއަށް އެޓެންޑްވާން. އަޅުގަނޑު ދެންނެވީމެއް ނޫންތޯ، ރޫޓްކޯސް، އިޚްލާޞްތެރިކަމާއެކީގައި ކަންކަން ކުރާ ކަމަށްވަންޏާ، ރޫޓްކޯސްއަށް އެޓެންޑްވާންޖެހޭނެއޭ. ރޫޓަށް ޖެހޭނީ އެޑްރެސް ކުރަން. މިހެންހުރި ދޮރުތައް ބަންދުކުރަންޏާ، އެބަ ޑިޖިޓަލް ކުރަންޖެހޭ.

އެހެންވީމާ، މޯލްޑިވްސް 2.0 އަޅުގަނޑުމެން މި ފަށަނީ. މީގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ހަމަ އެންމެން ގުޅިގެން، އެއް ވިސްނުމެއްގައި ކުރިއަށްދިޔައީމާ، މި ޤައުމުން ފެނިގެންދާނީ، ކޮރަޕްޝަންވެސް ނެތިފައިވާ ތަން، ޑިޖިޓަލް އިކޮނޮމީއާ ވަރަށްބޮޑު ތަނުން މަގުފަހިވެ، އޭގެ ނަތީޖާ ނުކުންނާނެ ތަން. ގަވަރނަންސް ނިޒާމު އެތައް ތަނަކުން ރަނގަޅުވެގެންދާނެ. ދެފުށް ފެންނާނެ. އެފިޝަންޓް ވާނެ. އަޅުގަނޑު ވަޢުދުވިން، އެފިޝަންޓް ގަވަރނަންސް ނިޒާމެއް ގެންނާނަމޭ. އެކަމަށްޓަކައި، އެންމެ މުހިންމު އެއް ސްޓެޕަކީ، މި މޯލްޑިވްސް 2.0، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ.

އާދެ، އިޤްތިޞާދުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ފުޅާކޮށްވެސް ވާހަކަ ދައްކަންޖެހޭނެ. މެކްރޯ އިކޮނޮމީއެއްގެ ހަމަ ހުރިހާ ވާހަކައަކަށްވެސް އަލިއަޅުވައިލަންޖެހޭނެ. އެސް.އީ.ޒެޑްތަކުގެ ވާހަކަ. އެސް.އީ.ޒެޑް ފުރުޞަތު މިހާރު އެވަނީ އަޅުގަނޑުމެން ހުޅުވާލައިފައި، ޤާނޫނު ތަޞްދީޤުކޮށްގެން. އެއަށް މިހާރު ބައެއް ފަރާތްތަކުން އިންވެސްޓްމަންޓް ގެނެސް، މަސައްކަތްތައް ފަށައިގެން އެދަނީ. އެކި މަރުޙަލާގައި ހުރި ކަންކަން މިއީ. މިހާރު މި ދެވިފައި ހުރި ފުރުޞަތުތައް ވެގެންދާނީ، މީގެ ނަތީޖާއަކަށް ވާނީ، އިރާދަކުރެއްވިއްޔާ މި ޤައުމުގެ އިޤްތިޞާދު އެތައް ގުނައަކުން މަތިކޮށްލާ ކަމަކަށް. އެސް.އީ.ޒެޑް ޤާނޫނުގެ ދަށުން މިހާރު އެވަނީ، ގާތްގަނޑަކަށް، އިތުރު 10 ދާއިރާއަށް އިތުރުކުރެވި، 19 ދާއިރާއަށް އެސް.އީ.ޒެޑް ޤާނޫނުގެ ތެރެއިން ފުރުޞަތު ދެވިފައި. އޭރުން، ވަރަށް ގިނަ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ މި ފުރުޞަތު ދެވޭނެ. ރާއްޖޭގައި މިހާރުވެސް ނ. އަތޮޅުގައި އެއް ޕްރޮޖެކްޓް ފަށައިގެން އެބައުޅޭ. އަދި އެހެން ބައެއް ތަންތާނގައިވެސް. މާލެއަތޮޅުގެ އެކި ތަންތާނގައި، ބައެއް ފަރާތްތަކުން މަސައްކަތްތައް ފަށާފައި މިވަނީ. ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސް.އީ.ޒެޑް ޤާނޫނުގެ ތެރެއިން ފުރުޞަތު ދީފައި އެވަނީ. ދެން، މިހެންގޮސް އެކި ދިމަދިމާއިން މީގެތެރެއަށް ޕްރޮޖެކްޓްތައް ގެނެސް، އިންވެސްޓް ކުރުން ވެގެންދާނީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ، ޑައިވަރސިފިކޭޝަނެއް ލިބޭ މުހިންމު ކަމަކަށް.

ހަމަ އެއާއެކީގައި، ބޭރުގެ ބައެއް ޤައުމުތަކުގައި ވަރަށް ކާމިޔާބު ކަމެއް، މި ރެސިޑެންސީ ބައެއް އިންވެސްޓްމަންޓް ފުރުޞަތު ދިނުން. އެކަމަށްޓަކައިވެސް އިހަށްދުވަހު އަޅުގަނޑުމެން އިނގިރޭސިވިލާތުގައިވެސް ވަރަށް މުހިންމު ފަންކްޝަނެއް ބާއްވާފައި މިއައީ. ޑުއަލް ވިސާ ޕްރޮގްރާމް އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކަމާއެކީގައި ރާއްޖޭގައި ހިނގާނެ. އެކަމުގައި ހުރިހާ ކަމެއް ކުރާ ފަރާތްތަކުން ފުރިހަމަ ޔަޤީންކަން އެބަދޭ. އޭރުން މި ތަނަށް ބޮޑެތި އިންވެސްޓަރުން އައިސް، މިތާ އިންވެސްޓް ކޮށްގެން، މިތާނގައި އެ އޮންނަ އުސޫލެއްގެ ތެރެއިން ތިބޭނެ. އެހެންވީމާ، އޭގެ ނަތީޖާއެއް ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑު ތަނުން އިރާދަކުރެއްވިއްޔާ ކުރިއަރައިގެން ދާނެ. ފޮރިން އިންވެސްޓްމަންޓް ޤާނޫނު އަޅުގަނޑުމެން އަލަށް މި ފާސްކުރީ. 40 އަހަރު ފަހުން އަލަށް މި ގެނެވުނު ޤާނޫނުވެސް ވެގެން މިދަނީ، އެތައް ފުރުޞަތުތަކެއް، އެތައް ކޮންފިޑެންސް ބިލްޑިންގ މެޝަރޒްތަކެއް އޭގައި ހިމެނިފައިވާ ޤާނޫނަކަށް.

މިހާރު ފެނިގެން އެބަދޭ، މީގެތެރެއިން ވަރަށް ގިނަ ފަރާތްތައް ރާއްޖެއަށް ލޯއަޅައި، ނޫނީވިއްޔާ ރާއްޖެއާ މެދު ވިސްނަމުންދާ ތަން. އޭގެ ވަރަށް އަލިގަދަ މިސާލެއް ގޫގުލް އެއީ. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ އިތުރަށް، ދިވެހީންނަށްވެސް ޚާއްޞަކޮށްފިން ބައެއް ދާއިރާތައް. ދިވެހީންނަށް ބައެއް ދާއިރާތައް ޚާއްޞަކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ، ދިވެހި ވިޔަފާރިތަކަށް އެ ފުރުޞަތު ލިބިގެންދިޔުން. ދިވެހީންނަށް ޚާއްޞަކުރެވޭ ދާއިރާތަކުގެ ތެރޭގައި، ހޯލްސޭލް ކުރުމާއި، ރީޓެއިލް ކުރުން، ލޮޖިސްޓިކްސް، 15 މިލިއަން ޑޮލަރަށްވުރެ ދަށުގެ ކޮންސްޓްރަކްޝަން މަސައްކަތް، ކަނޑު ދަތުރުފަތުރު ކުރުމުގެ އާންމު ޚިދުމަތް، ދެން، ހަމަ މިގޮތަށް 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެސިޑެންޝަލް ރިއަލް އެސްޓޭޓްގެ މަސައްކަތްތައް، މިފަދަ ބައެއް ކަންކަމަކީ، ދިވެހީންނަށް އެކަނި ޚާއްޞަކުރެވުނު ދިމަދިމާ. އެހެންވީމާ، ރާއްޖޭގައި ތިބި ދިވެހި އިންވެސްޓަރުންނަށް މި ފުރުޞަތުތައް މިހާރު އެބަހުރި. އެކަމަށް އަޅުގަނޑު ފުރުޞަތުތައް ހުޅުވާލަން.

ކުރީ ރޭ އަޅުގަނޑު ދަންނަވާލި ގޮތަށް، އަޅުގަނޑުމެން އައްޑުއަތޮޅުގައި، އަދި ހަމަ އެގޮތަށް އުތުރުގެވެސް ބައެއް އަތޮޅުތައް ހިމެނޭހެން މިދަނީ މިހާރު ސަރވޭ ކުރަމުން، ދިރާސާކުރަމުން، ދެވޭނީ ކޮންކަހަލަ ލުއިތަކެއްތޯ ދިވެހި ވިޔަފާރިތަކަށް، ދިވެހި ވިޔަފާރިވެރިންނަށް. އެ ފަރާތްތަކުން އެ އަތޮޅުތަކުގައި އިންވެސްޓް ކޮށްގެން، އޭގެ ނަފާ ފަސޭހަކަމާއެކީގައި ލިބޭނެފަދަ ކުދިކުދި ލުއިތައް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ؟ އިރާދަކުރެއްވިއްޔާ އެކަންކަން ފައިނަލްކޮށްފައި، އަޅުގަނޑުމެން ފުރުޞަތުތައް ހުޅުވާލާނަން. އެ ޑީޓެއިލްތައް އިޢުލާނުކުރާނަން. އައްޑުއަތޮޅާއި، އުތުރުގެ ބައެއް ރަށްރަށާއި، އަތޮޅުތަކާއި، މި ތަންތަނުގައި މިހާތަނަށް އެހާބޮޑު އިންވެސްޓްމަންޓެއް ނައިސް ހުރި ތަންތަން މިއީ. އުތުރާއި ދެކުނު، މި ތަންތަނަށް އިންވެސްޓްމަންޓްތައް އަންނާނެ. ހަނދުމަފުޅު ހުންނާނެ، އެއީ، އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް، ދެމެހެއްޓެނިވި ތަރައްޤީގައި. ނޯދަން އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، ސަދަން އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، މި ޑިވެލޮޕްވާނީ އެ ތަންތަނަށް އިޤްތިޞާދު އައިސްގެންނޭ. އިޤްތިޞާދު ފުޅާވެގެންނޭ. އެހެންވީމާ، އެ ފުޅާކުރުމަށްޓަކައި، ދޭންޖެހޭ ބްރޭކްތައް، ލުއިތައް އަޅުގަނޑުމެން ދިނުމަށްޓަކައި މި މަސައްކަތް މިކުރަނީ. މާ ލަސްތަކެއްނުވެ، އެންމެ ލަސްވެގެންވެސް، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަފުސީލުތައް ނިންމައިފައި ހާމަކުރާނަން.

އާދެ، މީގެއިތުރަށް، ރާއްޖޭގައި އިޤްތިޞާދު ކުރިއަރުވަން ބަލާއިރުގައި، އަޅުގަނޑުމެން ބޭރު ޤައުމުތަކަކަށް މި ބަރޯސާވާންޖެހޭވަރު، މަދުކުރަންޖެހޭ ކަންކަން އެބަހުރި. ޚާއްޞަކޮށް، ކާބޯތަކެތި. އެހެންވީމާ، އަޅުގަނޑު ކަނޑައެޅީ، ފުޑް ސެކިއުރިޓީއަކީ، އިންވެސްޓް ކުރަން މުހިންމު ދާއިރާއެކޭ. އެގްރިކަލްޗަރ ދާއިރާއަށް އަޅުގަނޑުމެން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި، ވަރަށް މުހިންމު ކަންތައްތަކެއް ކުރުމަށް މިހާރު އެވަނީ ނިންމައި އަދި މަސައްކަތްތަކެއް ފެށިފައި. އިރާދަކުރެއްވިއްޔާ މި އިންވެސްޓްމަންޓްތައް ރާއްޖޭގައި ޤާއިމުވެގެންދިޔުން ވާނީ، އޭގެ ނަތީޖާ ފުރިހަމައަށް ލިބިގެންދާ ކަންތައްތަކަށް.

އާދެ، އިޤްތިޞާދީ ވާހަކައާއި، ޑިޖިޓަލް އިކޮނޮމީއާއި، މި ހުރިހާ ކަމެއްގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ބައެއް މުހިންމު އެޗީވްމަންޓްސްތައް ފާހަގަކޮށްލާނަން. އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑު ވީ އެންމެ މުހިންމު އެއް ވަޢުދު. ޕޭޕަލްގެ ވަޢުދު. ޕޭޕަލްއާ އެކީގައިވެސް ދޮޅުއަހަރެއްހާ ދުވަހު ކުރެވުނު ވަރަށް މެޓިކިއުލަސް މަސައްކަތްތަކެއް. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވީތީ މިހާރު އެވަނީ އުރީދޫއާއެކީގައި، ވަކި އަންޑަރސްޓޭންޑިންގއަކަށް އައިސްފައި. އަދި ދާދި އަވަހަށް، މި އަންނަ އަހަރު ތެރޭގައި ޢަމަލީގޮތުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބިގެންދާނެ. ޕޭޕަލް ލިބިގެންދިޔުން ވެގެންދަނީ، އަޅުގަނޑުމެންގެ މި ސެލަރ އިކޮނޮމީ ޤާއިމުކުރުމަށްޓަކައި، މި ކުރާ ކްރިއޭޓިވް އިކޮނޮމީގެ އެންމެ މުހިންމު އެއް ކަންތަކަށް. ބައި އެންޑް ސެލްގެ އެންމެ މުހިންމު އެއްކަމަކީ، ރަނގަޅު، އިންޓަރނޭޝަނަލީ ގަބޫލުކުރާ، ޚާއްޞަކޮށް ޕޭޕަލް ގެނައުން. ދެން، ހަމަ އެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން، ބީ.އެމް.އެލް.އިން އިހަކަށްދުވަހު ސްވައިޕް އެ ތަޢާރުފުކުރީ، އަޅުގަނޑު ވަރަށް އުފަލާއެކީގައި މަރުޙަބާ ކިޔަން. އެއީވެސް ވަރަށް މުހިންމު، ހަންޑްރެޑް ޕަސެންޓް ދިވެހި ޕްރޮޑަކްޓެއް. އެކަމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އެހެންވީމާ، ސްވައިޕްވެސް އިރާދަކުރެއްވިއްޔާ ޖަނަވަރީ ހިސާބުގައި އިފެކްޓިވް ވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.

އެހެންވީމާ، މިކަންކަމުގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، މި ލިބިގެންދަނީ ވަރަށް ބޮޑެތި ކުރިއެރުންތައް. ހަމައެއާއެކީގައި، ޗައިނާއާއި، އިންޑިއާއާ ދެ ސަރުކާރާ ދޭތެރޭގައި މި ކުރެވޭ މަސައްކަތުގެ ތެރެއިން، ލޯކަލް ކަރަންސީ ސެޓްލްމަންޓާއި، މި ހުރިހާ ކަމެއްވެސް ބޭންކިންގ ނިޒާމުގެ ތެރެއިން، އެ އޮންނަ މަރުޙަލާތަކުން، ފަހަރަކު ސްޓެޕެއް ކާމިޔާބު ކުރަމުން ކުރަމުން މިދަނީ. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ތަނުން ރަނގަޅުވެގެންދާނެ.

އާދެ، އިރާދަކުރެއްވިއްޔާ މިކަންކަން މިހެން ކުރެވިގެންދިޔުން ވެގެންދާނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ވަރަށްބޮޑު ތަނުން ކުރިއަރައިގެންދާނެ ކަންކަމަށް. ފްރީ ޓްރޭޑް އެގްރީމަންޓް ޗައިނާއާއެކު ކުރެވިފައި މިވަނީ. އަދި މިހާރު ހަމައެއާއެކީގައި ތުރުކީއާއި، އަދި އިންޑިއާއާ އެކީގައިވެސް އެކަމުގެ މަސައްކަތް ކުރެވުމުންދާ ކަންތައްތައް މިއީ.

އާދެ، އަޅުގަނޑުމެންގެ މި ބޭންކިންގ ނިޒާމުގެ ވާހަކަ ދައްކާއިރުގައި، ބޭންކް އޮފް މޯލްޑިވްސްއަކީ، އަޅުގަނޑުމެން ދިވެހީންގެ ބޭންކް. ބޭންކް އޮފް މޯލްޑިވްސްއިން އަޅުގަނޑުމެންގެ މި އިޤްތިޞާދީ މުހިންމު ކަންކަމަށް ވަރަށް މުހިންމު ކަންތައްތައް އެދަނީ ހަމަޖައްސައިދެމުން. މިކަންކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބިގެންދާއިރުގައި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. އާދެ، އަޅުގަނޑު މިކަމަށްޓަކައި، ޖުމުލަކޮށް، ބޭންކް އޮފް މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ، ހައުސިންގ ދާއިރާއިން ކަމުގައިވިޔަސް، އަދި ޖުމުލަކޮށް ވިޔަފާރީގެ ދާއިރާއިން ކަމުގައިވިޔަސް، އެ ދެއްވާ ފުރުޞަތުތައް ވެގެންދާނީ، ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަންކަމަށް.

އާދެ، އަޅުގަނޑު މީގެތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަން. އަޅުގަނޑު އިޢުލާނުކޮށްފައި ހުރި ބައެއް ކަންކަން މިއީ. މިހާރު އެއްކަމަކަށް، ކިޔަވާކުދިންނަށް ލިބޭ ލިމިޓް، 1,200 ޑޮލަރަށް އެވަނީ ބޮޑުކޮށްދީފައި. އަދި އޭގެއިތުރަށް، ޙައްޖަށްދާ ފަރާތްތަކަށާއި، ޢުމްރާއަށްދާ ފަރާތްތަކަށް، ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ލުޔެއް އެބަދޭ، ޑޮލަރު ގަތުމުގައި. އަދި އޭގެއިތުރަށް، މިހާރު ޑެބިޓް ކާޑުން، ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އަދަދުވެސް އެވަނީ 3,000 ޑޮލަރަށް ބޮޑުކޮށްދީފައި. އަދި އޭގެއިތުރަށް، މި އަންނަ އަހަރުގެ 1 ފެބުރުވަރީން ފެށިގެން ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓް، 750 ޑޮލަރުން 1,400 ޑޮލަރަށް އެބަ ބޮޑުކޮށްދެން. އަދި ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓް 750 ން 1,500 ޑޮލަރަށް ބޮޑުކުރަން. ޕްލެޓިނަމް ކާޑުގެ ލިމިޓް 1,500 އިން 2,000 އަށް ބޮޑުކުރަން ވަނީ ނިންމާފައި. ހަނދުމަފުޅު ހުންނާނެ، ހަމަ މިތަނުގައި، މީގެ އެއް އަހަރު ކުރިން އަޅުގަނޑު މި ވާހަކަ ދެއްކިއިރު ދެންނެވިން، މިކަންކަން މި ޓައިމްލައިނަށް ވާނެއޭ. އެގޮތަށް އެއޮތީ ހަމަޖެހިގެން ގޮސްފައި. އެކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހަމަ އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ، ޓޫރިޒަމްގެ ދާއިރާއިން. ޓޫރިޒަމް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. ވެލާނާ އެއަރޕޯޓުގެ ޓާރމިނަލް އަޅުގަނޑުމެން ނިންމައި ހުޅުވީ، ވަރަށް ބޮޑު އިސްކަމެއްދީގެން، ވަރަށް ކުރު މުއްދަތެއްގައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކީގައި އެ ބޭނުމުގައި. އެ މައި ދޮރޯށި ހުޅުވީ އެ ބޭނުމުގައި. އޭގެ އިތުރަށް، އެތައް މަސައްކަތްތަކެއް ކުރަމުން މިދަނީ، މި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް ދާއިރުގައި، މިދިޔަ އަހަރަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން ލިބިގެންދިޔުން. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން، އިރާދަކުރެއްވިއްޔާ، މި އަހަރު ނިމޭއިރުގައި އެއަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ.

އަދި އޭގެއިތުރަށް، ބެޑް ކެޕޭސިޓީ އިތުރުކުރުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންގޮސް ނަތީޖާ ހާސިލުކުރެވިފައި މިވަނީ. މިހާރު މި އަހަރުގެ ތެރޭގައި 2,995 އެނދު ރާއްޖޭގައި ރަޖިސްޓަރ ކުރެވިއްޖެ. މި އަހަރު އެކަނި 2,995 ޓޫރިސްޓް އެނދު ރަޖިސްޓަރ ކުރެވިއްޖެ. 17 ނޮވެންބަރުން ފެށިގެން، 2023ން ފެށިގެން ބަލައިފިއްޔާ، 6,223 އެނދު އިތުރުކުރެވިގެން ހިނގައްޖެ. 6,223 އެނދު އެއީ، ވަރަށް ބޮޑު ކުރިއެރުމެއް. ހަމައެއާއެކީގައި، ޓޫރިޒަމް ނެތް އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި، ހދ. ގައި ޚާއްޞަކޮށް ނާގޯށި ހެދުމަށްޓަކައި، ސަރުކާރުން ސީދާ އެކަމުގައި، އެހީތެރިކަންދީގެން، އެމް.ޓީ.ޑީ.ސީ.އިން މިހާރު ފަށާފައި އެވަނީ، އެތަން ނިންމުމުގެ މަސައްކަތް.

ހަމަ އެގޮތަށް، އައްޑޫ ސިޓީގައި ޝަންގްރިއްލާ ހުޅުވުމަށްޓަކައި، ސަރުކާރުން ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކޮށްފި. އެކަމުގައި އިންވެސްޓް ކުރި އޯނަރ، އެ ބޭފުޅުންނަށް ޔަޤީންކުރެވުނީ، ކޮންފިޑެންސް ލިބުނީ، އެތަން ހުޅުވުމުން ފައިދާވާނެކަން. އެ ކޮންފިޑެންސް ލިބިގެން މިހާރު އެ ހުޅުވަނީ. މި އަހަރު ނިމޭއިރަށް ހުޅުވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ދީފައި އޮތީ. އެ އިތުބާރު ނެތިއްޔާ، އެ ބޭފުޅުން ކީއްކުރަންތޯ އެކަން ކުރައްވަންވީ. ނުޖެހޭ ކުރާކަށް. ހަމައެގޮތަށް، އައްޑޫ ސިޓީގައި އަޅުގަނޑުމެން މިހާރު އެވަނީ، އެމް.ޓީ.ޑީ.ސީ.އާ އެކީގައި، އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައި ސޮއިކޮށްފައި. އަދި ވަރަށް އަވަހަށް ހަންކެނޑޭގެ ޕްރޮޖެކްޓަށްވެސް އިންވެސްޓް ކުރާ ފަރާތުން ލީޒިންގ ކޯސްޓް ދައްކާނެ. ދައްކައިގެން އެގްރީމެންޓްގައި ސޮއިކުރާނެ. އެހެންވީމާ، އައްޑޫސިޓީގެ ޓޫރިޒަމް އަދި ހދ.ގެ ޓޫރިޒަމް، ތ. އަތޮޅު، މިހެންގޮސް އަޅުގަނޑުމެން އިޢުލާނުކޮށްފައި މިހިރަ ހއ.، ހދ.، ށ.، މިއިން ކޮންމެ ތަނެއްގައި އަޅުގަނޑުމެން މިހާރު ދީފައިހުރި ލުއިތަކުގެ ތެރެއިން، އެތައް ފަރާތަކުން އެވަނީ ބިޑު ހުށަހަޅައި، ދެން އޮތް މަރުޙަލާތަކުން ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، ޓޫރިޒަމް އެންމެ ދަށް ހުރިހާ އަތޮޅެއްގައި، ވަރަށް އަވަހަށް މި ހުރިހާ ފަރާތަކުން މަސައްކަތް ފަށާނެ. އޭގެ ނަތީޖާއަކަށް ވާނީ، އެ އަތޮޅުތަކުގައި ޓޫރިޒަމް އެނދުތައް އިތުރުކުރެވި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދިޔުން.

އާދެ، ޞިނާޢަތްތަކުގެ ތެރެއިން ދެން ހަމަ އެންމެ މުހިންމުވާނީ، ނޫނީވިއްޔާ އެންމެ މުހިންމު އެއް ޞިނާޢަތަކީ މަސްވެރިކަމުގެ ޞިނާޢަތު. މި ސަރުކާރު ހަވާލުވިއިރުގައި މަސްވެރިކަން އޮތީ ބިކަވެފައި، ދޫކޮށްލާފައި. މަސްވެރިންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ނުކޮށްދީ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ މަސްވެރިކަމަށް އިސްކަންދީގެން، ސަމާލުކަންދީގެން، ކަންތައްތައް ކޮށްދޭން.

އައިސް ޕްލާންޓަށް ބަލާއިރުގައިވެސް، ހަވާލުވިއިރު އައިސް ޕްލާންޓްތައް ހުރީ ހަލާކުވެފައި. އެހެންނަމަވެސް، އެތައް އައިސް ޕްލާންޓެއް މަރާމާތުކޮށް، އަލަށް އެތައް އައިސް ޕްލާންޓެއް ހަދައި، މިހާރު އަލަށް ހަތަރު ރަށެއްގައި އަޅުގަނޑުމެން އައިސް ޕްލާންޓް ހުޅުވައިފިން. އަދި އޭގެއިތުރަށް، އާރު.އެސް.ޑަބްލިޔޫ. ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި، މިހާރު އެވަނީ އާރު.އެސް.ޑަބްލިޔޫ. ސިސްޓަމް ހަރުކޮށްފައި. އަދި ބީ.އެމް.އެލް.އިން މިހާރު އެއޮތީ އާ ފުރުޞަތުތަކެއް ހުޅުވައިލާފައި. މިހާރު ހުޅުވައިލާފައި އެބައޮތް އާ ފުރުޞަތެއް. 200 އެތައް ފުރުޞަތެއް އެބައޮތް ހުޅުވައިލާފައި އާރު.އެސް.ޑަބްލިޔޫ. ޤާއިމުކުރަން. އެހެންވީމާ، މަސްވެރިން ހަމަ އެ ފުރުޞަތު ނަންގަވަންވީ އެސް.ޑީ.އެފް.ސީ.ގެ ތެރެއިން އޮތް ފުރުޞަތުގެ ތެރެއިން. ނެންގެވީމާ، ދޯނީގައި އައިސް ފެސިލިޓީ ޤާއިމުވަނީ. އެހެންވީމާ، އައިސް ޕްލާންޓް ޤާއިމުކޮށްދިނުމާއި، އަދި ކޯލްޑް ސްޓޯރޭޖް އިތުރުކޮށްދިނުމާއި، މިއީ އަޅުގަނޑުމެން ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެއް. ކޯލްޑް ސްޓޯރޭޖަށް ބަލާއިރުގައި، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި ހުރީ 9,500 ޓަނުގެ ކެޕޭސިޓީ. ކުރިއަށް އޮތް 3 އަހަރު ނިމޭއިރުގައި މި އަދަދު 24,500 އަށް އިތުރުވެގެންދާނެ، މިހާރު ފެށިފައި ހުރި މަސައްކަތްތައް އެދާ ސްޕީޑްގައި ގޮސް ނިމޭއިރުގައި. އެހެންވީމާ، އެ ކަންތައްތައް ވެގެންދާނީ، މަސްވެރިކަމުގެ ދާއިރާއިން ކުރެވިގެންދާނެ ވަރަށް މުހިންމު ކަންތައްތަކަށް.

ކޫއްޑޫއަށް ބަލާއިރުގައި، މިއީ އެންމެ ގިނަ މަސްވެރިން ބޭނުންކުރާ އެއް މަރުކަޒު. އެ ތަނުގައި ހިނގަމުންދާ ބޭރު ފަންޑެޑް ޕްރޮޖެކްޓްތައް، އަދި ސަރުކާރުން، ސީދާ މިފްކޯއިން ކުރަމުންދާ މަސައްކަތްތައް މިހާރު އެދަނީ ހިނގަމުން. އެކަމުގެ ތެރޭގައި ކުރިންދިޔަ ދުވަސްތަކެއް، އެ ބޭރު ފަންޑިންގގެ ތެރެއިން، ބައެއް ކަންކަމުގެ ތެރެއިން، ވަގުތުތަކެއްދިޔަ. އެހެންނަމަވެސް، ވަރަށް ރަނގަޅަށް މިހާރު އެވަނީ ރީ-ސްޓާޓްވެފައި. ދެން ހަމައެއާއެކީގައި، ކޫއްޑޫ އިތުރަށް ތަރައްޤީ ކުރުމަށްޓަކައިވެސް މަސައްކަތް އެބަ ކުރަން. މަސްވެރިންގެ އަޑުއަހައިގެން، ވަރަށް ގިނަ ކަންތައްތައް އެބަ ކުރެވޭ. އެތަނުގައި ހުންނަ ކައްޓާ، މިއީ އެންމެ ބޮޑަށް މަސްވެރިން ހަމަ ވަރަށް ޖާއިޒް ގޮތެއްގައި މައްސަލަޖައްސާ ކަމެއް. އެ ކައްޓާއިން ކިރާ ނިމޭއިރުގައި މަސްކޮޅުގެ ދެބައިކުޅަ އެއްބައި އޮންނަނީ އަގު ގެއްލިފައި. އެ ކައްޓާ ބަދަލުކުރަންޖެހޭ. އެހެންވީމާ، އެއްކަލަ މޯލްޑިވްސް 2.0 އަށް މިދަނީ. ޑިޖިޓަލް ކުރަނީ މި ކައްޓާ. މިހާރު މިފްކޯއަށް ދަންނަވާފައި އޮންނާނީ. މިފްކޯގެ އެމް.ޑީ.ވެސް ޔަޤީންކަން ދެއްވި، ޑިސެންބަރު 10 އަށް ކައްޓާތައް ހުންނާނީ ޑިޖިޓަލްވެފައޭ. އޭރުން ދެތިން ކިލޯ އެބަ ސަލާމަތްވޭ. ނުވަތަ އަގު އެބަލިބޭ. އަގު ލިބުނީމާ، މިހާރު 16 ރުފިޔާއަށް އެ ޖެހޭ ތަންކޮޅު، ތަންކޮޅެއް ބޮޑަށް ވިއްސާ ގާތްވެސްވާނެ. އަޅުގަނޑުވީ ވަޢުދު އަޅުގަނޑު ހަނދާން އެބަހުރި. އެހެންވީމާ، އެ ވާހަކަ ދަންނަވަން އެ ތަންކޮޅު މި ދަންނަވާލީ.

އާދެ، އެއާއެކީގައި މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، އެތައް ކަމެއް މި ކުރަމުންދަނީ. ފައިސާ ދެއްކުން، އޭގެތެރެއިން އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެން ހަވާލުވިއިރުގައި، ނުދައްކާ އެތައް ފައިސާއެއް ހުރި. ދުއިސައްތަ އެތައް މިލިއަން ރުފިޔާއެއްގެ ޕެންޑިންގ ބިލުގެ ފައިސާ މަސްވެރިންނަށް ނުދީހުރީ. އަޅުގަނޑުމެން އެ ކްލިއަރ ކުރީ. އެހެންނަމަވެސް، މަސްތަކެއް ނެގި އަޅުގަނޑުމެންނަށް، އަޅުގަނޑުގެ 48 ގަޑިއިރުގެ ވަޢުދު ފުއްދަން ފަށަން. ހަމަ ކްލިއަރކުރާ ތަނުން ބެކްލޮގަކަށް ދަނީ. އަނެއްކާވެސް ކްލިއަރ ކޮށްލަނީ. އަނެއްކާ ބެކްލޮގަކަށް. އެހެންނަމަވެސް، އަޅުގަނޑުމެން ޤާއިމުކުރި ނިޒާމުގެ ތެރެއިން، މިދިޔަ ޑިސެންބަރު 10ން ފެށިގެން މިހާރު އެއް އަހަރުވާން ނޫންތޯ މިދަނީ. އެންމެ ދުވަހެއްވެސް ނުވެއްޓޭނެ. ބަރާބަރަށް ފައިސާދެމުން މިދަނީ. ބަރާބަރަށް ފައިސާ ދެނީ. އެއީ، ބަންދު ދުވަހެއް ކަމުގައިވިޔަސް، އެއީ ރޯދަމަސް ކަމުގައިވިޔަސް، ޢީދުދުވަސް ކަމުގައިވިޔަސް، ކޮންމެ ދުވަހެއް ކަމުގައިވިޔަސް، އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރުގައި މިއައީ ބަރާބަރަށް އެ ހުރިހާ ފައިސާއެއް ދޫކުރަމުން. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ސަމާލުކަންދެން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި.

މީގެ ނަތީޖާއަކަށް ވެގެންދަނީ، އަނބުރާ މަސްވެރިކަމަށް އެކި ފަރާތްތައް އައުން. ދޯނި ވިއްކާލި ފަރާތްތައްވެސް، އަނެއްކާވެސް ދޯނި އެބަ ހޯދާ. އެބަ އެނގޭ ބަރާބަރަށް ފައިސާ ލިބޭކަން. އައިސްވެސް ލިބޭކަން މިހާރު. ކުރިއަށްވުރެ ބޮޑަށް މިހާރު، ކުރިއަށްވުރެ ރަނގަޅަށް އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ އެބަލިބޭ. އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް ފިޔުލް ސްކިޑްތައް ޤާއިމުކުރުމުގެ ކަންތައް އެސް.ޓީ.އޯ.އިން މިހާރު އެ ފަށަނީ. ހުރިހާ އެއްޗެހި ގެނެވި މިހާރު ބަލްކުކޮށް، އެ ބޭފުޅުން ބޭރުގައި މި އެއްޗެހި މި އުފެއްދީ. ފެބްރިކޭޓް ކުރީ. ފިޔުލް ސްކިޑްތައް. ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްތަން ހަދަން އަޅުގަނޑު ވަޢުދުވީ. އެހެންނޫންތޯ؟ މަދުވެގެން އެއްތަން. އެ ތަންތަން ހަދަން ހުރިހާ އެއްޗެހި އަންނަނީ. މި އަންނަ މަހުން ފެށިގެން ފަށާނެ. ފަށައި، މާރިޗު މަސް ނިމެންވާއިރަށް އެސް.ޓީ.އޯ.އިން ޔަޤީންކަންދޭ، އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، އެ އިޢުލާނުކުރި ހުރިހާ ރަށެއްގައި، ފިޔުލް ސްކިޑްތައް ޤާއިމުކޮށްދީ، އެ ތަންތަނުން އެސް.ޓީ.އޯ. ރޭޓުގައި މަސްވެރިންނަށާއި އެންމެންނަށްވެސް ތެޔޮ ލިބޭގޮތް ހެދިގެންދާނެކަން. އެހެންވީމާ، ދެން އަނެއްކާވެސް މަސްވެރިކަމަށް އަނބުރާ އަންނަންވީ ހުރިހާ އެންމެން، އެ ދޫކޮށްލި ހުރިހާ އެންމެން. އައިސްގެން މަސްވެރިކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަންވީ.

މަސްވެރިކަމުގެ ވާހަކަ ދައްކާއިރު، ކަށިމިޔަރަށްވެސް ހުއްދަދީފިން މިހާރު. ކަށިމިޔަރަކީ ވަރަށް ލުކްރެޓިވް ބިޒްނަސްއެއް. އެއަށް އިންވެސްޓްވެސް ކުރަންވީ. އެކަމުގެ ތެރޭގައި ކުރިއަށްދާން ބޭނުންވާ ފަރާތްތައް ހަމަ ބާރަށް ކުރިއަށްދާންވީ. އަދި އިތުރަށްވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން، މަސްވެރިންގެ އަޑުއަހައިގެން ކުރެވެންހުރި އިތުރު ކަންތައްތައް ކުރެވޭނެ ގޮތެއް ހޯދަންވެސް. ހަމަ އޭގެތެރޭގައި، ދެންހުރި ދާއިރާތަކުންވެސް މަސައްކަތް ކުރަމުންދާނީ.

އާދެ، މި މައިގަނޑު އިންޑަސްޓްރީތައް ނިންމާލާފައި، އެންމެ މުހިންމު ކަމަކަށް އޮންނާނީ ޢުމްރާނީ ތަރައްޤީ، ނޫނީވިއްޔާ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅިފައިވާ ކަންތައްތައް. އާދެ، ޢުމްރާނީ ތަރައްޤީގެ ދާއިރާއަކީ، ވަރަށް ބޮޑު އިސްކަމެއް، މި ސަރުކާރުންދޭ ދާއިރާއެއް. ޢުމްރާނީ ތަރައްޤީގެ ގޮތުން އަޅުގަނޑުމެންނަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިސްޓްކުރަން ވެއްޖިއްޔާ، ވަރަށް ގިނައިރު ނަގާނެ. އެހެންވީމާ، އަޅުގަނޑު ޖުމުލަކޮށް ދަންނަވާލަން ބޭނުންވަނީ، ކޮންމެ މިނިސްޓްރީއެއްގެ ދާއިރާއަކުންވެސް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އެދަނީ ވަރަށްބާރަށޭ. ކުރީ ރޭ އަޅުގަނޑު ޖަލްސާގައި ދެންނެވިން ޖުމުލަ އަދަދު. 1,875 މަޝްރޫޢު. ޢުމްރާނީ ތަރައްޤީގެ 1,875 މަޝްރޫޢު ސޮއިކުރެވި، އެކި މަރުޙަލާތަކުގައި ހިނގަމުން އެދަނީ. ޢަމަލީގޮތުން މޮބިލައިޒް ކުރެވި، އަޅުގަނޑު ބިންގާއެޅި ރަށެއްގައިވިއްޔާ، ހުރިހާ ރަށެއްގައިހެން މިހާރު މޮބިލައިޒް ކުރެވިފައި ހުރީ. ބައެއް ރަށްތަކަށް މިހާރު މިވަގުތުވެސް ތަކެތި އެބަ އުފުލާ. އެހެންވީމާ، ހުރިހާ ރަށެއްގެ މަސައްކަތްތައް ފެށިގެން، ބާރަށް ކުރިއަށްދަނީ. ސޮއިކުރެވުނު މަޝްރޫޢެއްވިއްޔާ، އެންމެ ގިނަވެގެން ތިންމަސް ތެރޭގައި މަސައްކަތް ފަށާނެ. ސޮއިކުރެވިފައި ހުރި މަސައްކަތްތައް ތިންމަސް ތެރޭގައި ފަށާނެ. އެހެންވީމާ، މިހެންގޮސް ޢުމްރާނީ ތަރައްޤީގެ 1,875 މަޝްރޫޢު އިރާދަކުރެއްވީތީ އެދަނީ ވަރަށް ބާރު ސްޕީޑްގައި. މީގެތެރޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ނެރު ފުންކުރުމާއި، މިހެންގޮސް މަގުހެދުމާއި، ހުރިހާ ޒާތެއްގެ މަސައްކަތްވެސް ހިމެނޭ. އެއަރޕޯޓް ހެދުމާއި، ޖުމުލަކޮށް ހުރިހާ ވައްތަރެއްގެ މަސައްކަތްތައް.

އިހަށްދުވަހު އަޅުގަނޑުމެން މި ހަވާލުކުރީ، ޕްރައިވެޓް ސެކްޓަރއާ އެކީގައިވެސް މީގެތެރެއިން 200 އެތައް މަޝްރޫޢެއް. ދެން ޕްރައިވެޓް ސެކްޓަރއާ ހަވާލުކުރި މަޝްރޫޢުތަކާ ހެދި ބައެއް ފަރާތްތަކަށް ނިދިވެސް ނައިސްގެން އެބައުޅޭ. ދެން އަޅުގަނޑު ކުރާނެ ކަމެއްނޫން، އެ ބޭފުޅުން ނިދި ނައުމަކީ. ޤާނޫނާއި ގަވާއިދާ ޚިލާފަށް މި ސަރުކާރުން ނުކުރާނެ ހަމަ އެއްވެސް ކަމެއް. ބަރާބަރަށް އެކަން ކޮށްފައި އެއޮތީ.

ދެން ހަމަ މިނިވަން މުއައްސަސާތައް، އޭ.ސީ.ސީ.ވެސް، ޕީ.ޖީ.ވެސް، ހުރިހާ ތާކުންވެސް ބައްލަވަންވީ. އެ ބޭފުޅުން ބައްލަވަންވީ. އަޅުގަނޑަށް ހަމަ ފުރިހަމަ ޔަޤީންކަން އެބައޮތް. އެ ހުރިހާ މުއައްސަސާއަކަށް އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރަން. އެ ބޭފުޅުން ނިންމަވާނެ ގޮތް އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ. ޤާނޫނާ އެއްގޮތަށް އޮތީމާ ރަނގަޅަށްކަން ނިމޭނީ. ޤާނޫނާ ޚިލާފަށް މި ސަރުކާރުން އެއްކަމެއްވެސް ނުކުރަން. މިއަދާ ހަމައަށްވެސް ނުކުރަން. މާދަންވެސް ނުކުރާނެ. އެއްއިރަކުވެސް ނުކުރާނެ. އެހެންވީމާ، މި 236 މަޝްރޫޢުވެސް އަޅުގަނޑުމެން ސޮއިކުރީ ހަމަ ޤާނޫނުގައި އޮތްގޮތަށް، އިޖުރާޢަތްތަކުގެ ތެރެއިން. ރައްޔިތުންނަށް ކަމެއްވާން އުޅޭއިރުގައި މިކަމަކާ ދެން ދެކޮޅުހަދަން ކީއްކުރަންތޯ މިއުޅެނީ. ރައްޔިތުންނަށް މަޝްރޫޢެއް އަންނާތީ އޭ.ސީ.ސީ.އަށް، ރައްޔިތުންނަށް މަޝްރޫޢެއް އަންނާތީ ޕީ.ޖީ.އަށް، ރައްޔިތުންނަށް މަޝްރޫޢެއް އަންނާތީ ކޯޓަށް. ފެނުގައި ހުރި މައްސަލަތައް ޙައްލުކޮށްފައި، ފެން ދޫކުރީމާވެސް ކޯޓަށް. މި ދެން އަޖައިބެއް ކަހަލަ ކަމެއްނު. ކޮން ޤައުމެއްގައި ޚިދުމަތް ކުރަންބާވައޭ މިއުޅެނީ، އަޅުގަނޑު ހިތަށްއަރާ ބައެއް ފަރާތްތަކުން. ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭއިރު، އެއަށް އެއްބާރުލުން ނޫންތޯ ދޭންޖެހޭނީ. ދެން އޭގައި ޤާނޫނާ ޚިލާފު ކަމެއް ހިނގާފައި އޮތިއްޔާ، އެކަމެއް ރަނގަޅުކޮށްލަން އެއްޗެއް ވިދާޅުވުމަކީ، ޒިންމާދާރު އޮޕޮޒިޝަނަކުން ކަން ކުރަންޖެހޭނެ ގޮތް. އެކަމެއް މި ރާއްޖޭގައި އަދި ފެންނަވަރެއް ނުވޭ. އެކަން ފެނިއްޖިއްޔާ ވަރަށް ރަނގަޅުވާނެ. އޭރުން އަސްލުގައި ހަމަޖެހުން ޤައުމަށް އަންނާނީ. އަޅުގަނޑު ބޭނުން، މި ޤައުމަށް ހަމަޖެހުން އަންނަން. ހަމަޖެހުން އަންނާނީ ހަމަޖެހުން ޤައުމަށް ގެންނަން އެންމެންވެސް ބޭނުންވެއްޖިއްޔާ.

އާދެ، އެވަރަށް އެ ވާހަކަ އަޅުގަނޑު ދަންނަވާލާފައި، ދެން ހަމަ ކުރިއަށްދާނީ. އާދެ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މި ކުރެވޭ މަސައްކަތްތަކާއި، މި ހުރިހާ ކަމެއް ނިމިގެންދާއިރުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުދިގެންދާނެ. އޭގެތެރެއިން މި ދެންނެވި ފަދައިން، ކޮންމެ ޒާތެއްގެ މަޝްރޫޢެއް ކަމުގައިވިޔަސް، ބިން ހިއްކުން ކަމުގައިވިޔަސް، މަގުހެދުން ކަމުގައިވިޔަސް، ބަނދަރުވިޔަސް، ނަރުދަމާވިޔަސް، ފެންވިޔަސް، ގޮނޑުދޮށް ޙިމާޔަތް ކުރުން ކަމުގައިވިޔަސް، މޫދަށް އެރޭތަން ކަމުގައިވިޔަސް، ސްކޫލްވިޔަސް، ހޮސްޕިޓަލްވިޔަސް، ހުރިހާ ޒާތެއްގެ މަސައްކަތްތަކެއް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު މިއައީ ހުރިހާ ރަށަކަށް ގޮސްފައި. އެ ރަށްރަށުގެ ރައްޔިތުން ބޭނުންވި ކަންކަން އިރާދަކުރެއްވީތީ ފެށޭގޮތް ހަދައިދީފައި ހުރީ. ގިނަ ކަންކަން. ބައެއް ކަންކަން ޢަމަލީގޮތުން ފެށިފައި، ބައެއް ކަންކަމުގައި ސޮއިކޮށްފައި. އަނެއްބައި ކަންކަން މި އަންނަ އަހަރަށް ޕްލޭންކޮށްފައި ހުރި ވާހަކަ އިޢުލާނުކޮށްފައި. ވަރަށް ސާފު، ދެފުށް ފެނޭ. މީގައި ނެތް އެއްވެސް ވާހަކައެއް ދެން އެހެން މީހަކު އިތުރަކަށް ދައްކާނެ. ސާފުކޮށް މިއޮތީ ފެންނަން. ދެން ހަމަ ރަށުގައި ތިބި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ނޫންތޯ، މިކަންކަން ދާގޮތްވެސް. އެހެންވީމާ، އެގޮތަށް މި ރާއްޖޭގެ ތަރައްޤީ ހިނގާނެ. އަޅުގަނޑުމެން ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ ކަންތައް، ރައްޔިތުން ގާތުން އޮޅުންފިލުވައިގެން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް އިރާދަކުރެއްވިއްޔާ މި ޤައުމު ތަރައްޤީކޮށްދޭނަން.

މި ހުރިހާ ކަމެއް ކުރާއިރު، އަޅުގަނޑުމެން ތިމާވެށްޓާ ދޭތެރޭގައިވެސް ވަރަށް ވިސްނަން. އަޅުގަނޑުމެން ތިމާވެށި ޙިމާޔަތްކޮށްގެން ކުރިއަށްދަނީ. ދެން ބައެއް ފަރާތްތަކުން ބުނޭ، އަޅުގަނޑު ތިމާވެށްޓަކަށް ނުބަލައޭ. ނޫން، އީ.އައި.އޭ.ވެސް ހަދަން. ބިން ހިއްކާއިރުވެސް އީ.އައި.އޭ. ހަދަން. އެއަރޕޯޓު ހަދާއިރުވެސް އީ.އައި.އޭ. ހަދަން. އީ.އައި.އޭ. ހަދައިގެން ކުރިއަށްދަނީ. ގަސްވެސް އިންދަން އެބަ. އަޅުގަނޑު އިޢުލާނު ކުރިން ކޮޕްގައި، އަދި ރާއްޖެއަކުވެސް ނޫން. ކޮޕްގައި ހުރެގެން އިޢުލާނު ކުރިން، 5 މިލިއަން ގަސް ރާއްޖޭގައި އިންދާނަމޭ. އެހާދުރުގައި ހުރެ އިޢުލާނު ކުރިން. މިކަން ފަށައިގެން މިހާރު 8 ލައްކައަށްވުރެ ގިނަ ގަސް އިންދައިފިން. މި 5 މިލިއަންގެ ތެރެއިން 8 ލައްކައަށްވުރެ ގިނަ ގަސް އިންދައިފިން. 5 މިލިއަނަށް ވަޢުދުވީ. 6 މިލިއަނަށްވުރެ ގިނައިން ޕްލެޖްކޮށްފައި އެބަހުރި އެކި ފަރާތްތަކުން. އެހެންވީމާ، އެ ތަކެތި އަދި އަންނާނެ. އެ ޕްލެޖްކުރި ފަރާތްތަކުން ގެނެސް އިންދައިދޭނެ، މި ޕްރޮގްރާމްގެ ތެރެއިން. އެހެންވީމާ، އެ ވަޢުދުވެސް ފުދޭނެ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި.

ދެން ހަމައެއާއެކީގައި، ސޯލާ ޕަވަރ، ނޫނީވިއްޔާ ރިނިއުބަލް އެނަރޖީ، އަޅުގަނޑު ވީ ވަޢުދެއް. އަނެއްކާވެސް ކޮޕްގައި ހުރެ އެ ވަޢުދުވީ. މި 33 ޕަސެންޓް އަޅުގަނޑު ވަޢުދުވީ އެތާހުރެ. ރާއްޖޭގެ އިލެކްޓްރިސިޓީ ޑިމާންޑްގެ 33 ޕަސެންޓް ރިނިއުބަލް އެނަރޖީއަށް ބަދަލުކުރާނަމޭ، 2028 ނިމެންވާއިރަށް. އެކަމުގެ ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ.

އެއްކަމަކަށް އަޅުގަނޑުމެން މިކުރާ ކަމަކީ، ހާސިލުކުރެވުނު ކަމަކީ، އަޅުގަނޑުމެން ހަވާލުވިއިރުގައި މި ސޯލާ ޕަވަރ ހުރި އަދަދު މިހާރު މިވަނީ ދެގުނައަށް އިތުރުކުރެވިފައި، ރާއްޖޭގައި ސޯލާ ޕަވަރ ހުރިވަރު. އަޅުގަނޑުމެން ހަވާލުވީއިރުގައި ހުރީ 53 މެގަވޮޓް. ދެ އަހަރު ތެރޭގައި 110 މެގަވޮޓް އިތުރުކުރެވިފައިވޭ. އަދި އޭގެއިތުރަށް، މިހާރު އެކި ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ މަރުޙަލާގައާއި، ފެށުމުގެ މަރުޙަލާގައި މިއުޅެނީ. މާލޭ ކައިރީ ފަޅެއްގައި 100 މެގަވޮޓުގެ ސޯލާ ޕަވަރ ޕްރޮޖެކްޓެއް، ލައިސެންސް ދެވިގެން މަސައްކަތް ފެށުމުގެ މަރުޙަލާގައި ވަނީ. އަދި އޭގެއިތުރަށް، ރާއްޖޭގެ 28 ރަށެއްގައި ސޯލާ ޕަވަރ ފުލް ސެޓަޕް ބެޓެރީ ހިމެނޭހެން ފުލް ސެޓަޕް ޤާއިމުކުރުމުގެ މަޝްރޫޢެއްގައި ސޮއިކުރުމަށް އެބަ ތައްޔާރުވޭ. އަދި އޭގެއިތުރަށްވެސް، އެލް.އެން.ޖީ. ޕްރޮޖެކްޓެއްގައިވެސް މަސައްކަތް ކުރަމުން އެބަދަން. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ތެލަށް އޮންނަ ޑިޕެންޑެންސީ އެކިގޮތްގޮތުން ކުޑަކުރެވޭތޯ. އެއީ، ވިލުންތެރި އިޤްތިޞާދެއް ޤާއިމުކުރުމުގައި ކަންކަން ގެންދަންޖެހޭނެ ގޮތް. ވިލުންތެރި އިޤްތިޞާދެއް ޤާއިމުކުރުމުގައި، ކަންކަން ކުރަންޖެހޭނެ ގޮތަކީ، ޑިޕެންޑެންސީ ކުޑަކުރުން. އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގެ ތެރޭގައި ކަންކަން ކުރެވޭނެގޮތް ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަންކަން ހިނގަމުންދާނެ.

އާދެ، މީގެއިތުރަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ކުރެވޭ ކޮންމެ މަސައްކަތެއްގެ ނަތީޖާ، ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ މި ދެންނެވި ގޮތަށް ކާމިޔާބުކަމާއެކީގައި އަޅުގަނޑުމެން ހާސިލުކުރަމުން ގެންދާނަމޭ. ރާއްޖޭގެ ރަށްތައް ޖިއޮގްރަފިކަލީ ބެހިފައި އޮންނަގޮތަށް ބަލާއިރުގައި، ގުޅިގެންދިޔުމަކީވެސް މުހިންމު ކަމެއް. އެގޮތުން އެއަރޕޯޓުތައް ހެދެމުން މިދަނީ. އާރު.ޓީ.އެލް. ޚިދުމަތް ޤާއިމުކުރަމުން މިދަނީ. މި ހުރިހާ ކަމެއް މި ކުރަނީ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިފަހުން މިއަދާ ހަމައަށް އައިއިރުގައި، ހަތަރު އަތޮޅެއްގައި އާރު.ޓީ.އެލް. އޮތީ ފަށާފައި. އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް، ވަޢުދުވެފައި އޮތްގޮތަށް، ހުރިހާ އަތޮޅަކަށް އާރު.ޓީ.އެލް.ގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ބާރަށް އެބަ ހިނގާ. މި އަހަރުގެ ނިޔަލަށް ނިންމައެއްނުލެވޭ. އެހެންނަމަވެސް، އާރު.ޓީ.އެލް.ގެ ޚިދުމަތް ޤާއިމުނުވާ ހުރިހާ އަތޮޅެއްގައި، މި އަންނަ މާރިޗު މަހުގެ ނިޔަލަށް، އެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިންމާނަން.

އޭގެ ނަތީޖާއަކީ، އެއަރޕޯޓުތައް ހެދެންދެންވެސް މި އާރު.ޓީ.އެލް.، އަދި އެއަރޕޯޓުތައް ހެދުނީމާވެސް އާރު.ޓީ.އެލް. ބޭނުންވުން. އެހެންވީމާ، މި ހުރިހާ ކަމެއް ކަނޑުންނާއި ވައިގެމަގުން ޤާއިމުކުރުމުގެ މަސައްކަތްތައް ކުރެވިގެން މިދަނީ. އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ޓްރާންސްޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. ޓްރާންސްޕޯޓް ނިޒާމު އިފެކްޓިވް، މޮޑަން ޓްރާންސްޕޯޓް ނިޒާމަކީ ވަރަށް މުހިންމު އެއްޗެއް. ޓްރާންސްޕޯޓްގެ ވާހަކަ ދައްކާއިރުގައި، މާލޭގައި އަޅުގަނޑުމެން ޖަލްސާ ބާއްވާއިރު، މާލޭގައިވެސް މި ޓްރާންސްޕޯޓް ވާހަކަ ދައްކާލަން އެބަޖެހޭ.

އަޅުގަނޑުމެން ޓެކްސީ ލައިނެއްގެ ވާހަކަ އެބަ ދައްކަން. އެބައާދޭ. މިހާރު އުޅެނީ ޕްރޮޑަކްޝަންގައި. މާލޭގައި، އަޅުގަނޑުމެން ވީ ވަޢުދާ އެއްގޮތަށް، ޒަމާނީ، ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ސަރވިސްއެއް އިރާދަކުރެއްވިއްޔާ، ފެބުރުވަރީ މަސް ފެށޭއިރުގައި އަޅުގަނޑުމެން ފަށާނަން. ޓެކްސީ ޑްރައިވަރުން ބާކީއެއްނުވާނެ. ޓެކްސީ ޑްރައިވަރުން އެ ޕްރޮގްރާމްގެ ތެރެއަށް ވަންނާނެ. ވަދެގެން ހަމަ އެ ބޭފުޅުންނަށް ފިކްސްޑް ޑެފިނީޓް އިންކަމް ލިބެމުންދާނެ. ރައްޔިތުންނަށް ލިބޭނީ ގެރެންޓީޑް ސަރވިސް. އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި، އެންމެ ރަނގަޅު ފެންވަރުގައި. މާލެ ސިޓީގައި ޓެކްސީގެ ޚިދުމަތް ފެބުރުވަރީމަހު އެންމެ ލަސްވެގެން ފެށިގެންދާނެ. އާދެ، އަޅުގަނޑު އެވަރަށް އެކަންތައް މި ދަންނަވާލީ، ދެން މާ ތަފުސީލަށް ނުދާންވެގެން. އެކަން އެގޮތަށް ކުރިއަށްދާ ވާހަކަ ދަންނަވާލަންވެގެން.

ތަންކޮޅެއް ބޮޑެތި ކަންކަން ފަހަތަށް ބަހައްޓާލަންވެގެން ބޯހިޔާވަހިކަން ފަހަތަށްލީ. މިހާރު ދެން އެކަމާ ހަމައަށް މިދިޔައީ އިނގޭތޯ. ބޯހިޔާވަހިކަމުން ދެން ނިންމާލުމަކާ ހިސާބަށްވެސް ހިފާނަން. އާދެ، ބޯހިޔާވަހިކަން މިއީ، އަޅުގަނޑު ރައްޔިތުންނަށް ވީ އެންމެ މުހިންމު ވަޢުދު. ބޯހިޔާވަހިކަމާ ނުލައި އެއްވެސް މައްސަލައެއް ޙައްލެއްނުވާނެ. އިޖުތިމާޢީ މައްސަލައެއްވެސް، އިޤްތިޞާދީ މައްސަލައެއްވެސް. އެހެންވީމާ، އެންމެ ބޮޑު ވަޢުދު ފުއްދުމަށްޓަކައި ވަގުތުވެސް ނަގަނީ. އެއީ، ޚަރަދު ހިނގާ ކަމަކަށްވާތީ. މިއަދާ ހަމައަށް އައިއިރުގައި މިވަނީ ޢަމަލީގޮތުން އެކަން ފުއްދުމަށް ފެށިފައި. މަސައްކަތް ފެށޭ ހިސާބަށް ގޮސްފައި.

އަޅުގަނޑުމެން މިހާރު އިހަށްދުވަހު މި ސޮއިކުރީ، ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކާ އެކީގައި، 825 ހައުސިންގ ޔުނިޓު އެޅުމަށްޓަކައި 13 ރަށެއްގައި. އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެ ދުވަހު ދަންނަވާލި ގޮތަށް، ސޮއިކުރި ދުވަހުން ފެށިގެން، 21 މަސްތެރޭގައި އެ ހުރިހާ މަޝްރޫޢެއް ފެށޭނެ. އެހެންނަމަވެސް، އެއީ އަޅުގަނޑު އެ 13 ރަށުގައި ވީ ވަޢުދުތައް އެކީގައި ފުދެނީކީއެއްވެސް ނޫން. އޭގެތެރެއިން އެއްބައި އެއީ. ދެންއޮތް ބައި މި އަންނަ އަހަރަށް އޮންނާނެ ޕްލޭންކޮށްފައި. އަދި ދެން އަންނަ އަހަރަށް. އަދި ދެންހުރި ބައެއް ރަށްރަށް އެހުރީ އަޅުގަނޑު މި އަންނަ އަހަރަށް ބަޖެޓުގައި ހިމަނާފައި. ތިޔަބޭފުޅުން ބަޖެޓް ބައްލަވައިލެއްވީމާ ފެނިވަޑައިގަންނަވާނެ. އެހެންވީމާ، ރަށްރަށުގައި ބޯހިޔާވަހިކަން މިއޮތީ އެގޮތަށް ޕްލޭން ކުރެވިފައި. އަޅުގަނޑު ވީ ބޯހިޔާވަހިކަމުގެ ކޮންމެ ވަޢުދެއް، ރަށްރަށުގައިވީ ބޯހިޔާވަހިކަމުގެ ހުރިހާ ވަޢުދުތައް، ހަމަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޢަމަލީގޮތުން ޢިމާރާތްތައް އަޅައި ނިންމައި، ރައްޔިތުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

ދެންއޮތީ މާލެ. މާލެއަށް ބަލާއިރުގައި، ފުރަތަމަ ކަމަކަށް އަޅުގަނޑުވީ ވަޢުދަކީ، އަޅުގަނޑުމެންނާ ހަވާލުވީއިރު ނުނިމިހުރި ތަންތަން ނިންމާފައި ދިނުން. އެހެންނޫންތޯ؟ ނުނިމިހުރި ތަންތަން ނިންމާފައި ދިނުމުގެ ކަންކަމަށް ބަލާއިރުގައި، މީގެ ތެރެއިން މި 4,000 ޔުނިޓް، އެފް.ޑީ.ސީ.ގެ 4,000 ޔުނިޓުގެ އެގްރީމެންޓްތަކުގައި ސޮއިކުރަށް އަޅުގަނޑުމެން ފެށީ 21 ޖުލައިގައި. ފަށައިގެން މިހާރު ކުރިއަށް އެދަނީ. ބައެއް ފަރާތްތަކަށް ތަޅުދަނޑިވެސް ހަވާލުކުރެވިއްޖެ. 84 ފަރާތަކަށް ތަޅުދަނޑި ދެވިއްޖެ. އަޅުގަނޑުމެން މި ބަލަނީ ރޯދަމަސް އަންނަންވާއިރަށް މި ހުރިހާ ތަނެއްވެސް ނިންމޭތޯ. އިރާދަކުރެއްވިއްޔާ ވަރަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭނަން، މި ފްލެޓުތައް ނިންމައި، މި ތަންތަން ލިބުނު ފަރާތްތަކަށް ތަންތަން ހަވާލުކުރަން. އަޅުގަނޑުމެން ލިސްޓަކާ ނުކުޅެން. ލިސްޓާ އެއްގޮތަށް ދިނީ. ވީ ވަޢުދާ އެއްގޮތަށް. އެ ތަންތަން އެވަނީ ހަވާލުކޮށްފައި. ދެން ސޮއިކުރުމުގެ މަސައްކަތް މި ހިނގަނީ. ހަވާލުވެސް ކުރެވިއްޖެ ބައެއް ފަރާތްތަކަށް. އެހެންވީމާ، އެއީ އެއް ކަންތައް. އެ ވަޢުދާ އެއްގޮތަށް، އެ 4,000 ޔުނިޓު ލިބުނު ފަރާތްތަކަށް، އަޅުގަނޑުމެން އެ ވަޢުދު ފުއްދައިދީ ނިންމައިދޭނަން. އެ ޔަޤީންކަން އަރުވަން ހުރިހާ ބޭފުޅުންނަށް.

ދެން އަނެއްކަމަކީ ގޯތި. ގޯތި ޕްރޮޖެކްޓް މިދިޔަ ސަރުކާރުން އިޢުލާނުކޮށްގެން ފަރާތްތަކަށް ދިން. އެވެސް ހަމަ އެހެން މިގެންދަނީ. ހުޅުމާލެއިން ބިން އޮތްތަނުން ދީފިން. ގުޅީފަޅުން ދީފިން. ގިރާވަރުފަޅު ދެންއޮތީ. އަދި ކަނޑުގައި އެބައި އޮތީ. އެހެންވީމާ، އެތަން އަދި ހިއްކަން މިއުޅެނީ. އެހެންވީމާ، މިހާރު ހުޅުމާލޭގެ ފޭސް ތްރީއިންވެސް އެއްބައި ހިކިފައި އޮތީ. އެހެންވީމާ، އަދި ނުދެވޭ އެ ތަނަކުންވެސް. މިހާރު ފެނިވަޑައިގަންނަވާނެ، ހުޅުމާލޭ ފޭސް ތްރީ ހިއްކަމުންދާ ތަން. މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ، އެންމެ ލަސްވެގެންވެސް. އެތަން ނިމުނުހާ އަވަހަކަށް ހުޅުމާލޭ ފޭސް ތްރީގެ ގޯތިތައް ހަވާލުކުރާނެ، ހަމަ ލިބުނު މީހުންނަށް. އަތެއްނުލަން.

ގިރާވަރުފަޅު ހިއްކާ ޑްރެޖަރު، އަޅުގަނޑު ކުރީ ރޭ ދެންނެވިން، 23 ވަނަ ދުވަހު ރާއްޖެއަށް އެބަ އާދެއޭ. އީ.ޓީ.އޭ. ދީފައި އޮތް ތާރީޚު އެއީ، އެ ބޭފުޅުންގެ އެސްޓިމޭޓަޑް. އައިމާ ދެން އެ މީހުންގެ އަރތް މޮބިލައިޒް މޫވިންގ އިކްއިޕްމެންޓްސްތަކާ އެއްޗެހި މޮބިލައިޒް ކުރެވުނީމާ މަސައްކަތް ފަށާނެ. ފެށުނީމާ ގިރާވަރުފަޅުވެސް ހިކޭނެ. ހިކުނީމާ އެ ތަނުން ގޯތިތައްވެސް ހަމަ ދެވެން އޮތް މެކްސިމަމަށް ދޭނެ. އެހެންވީމާ، އަޅުގަނޑުމެންނާ ހަވާލުވިއިރު ދޭންހުރި ގޯތިތައް އެ ދެވުނީ. އަޅުގަނޑުވީ ވަޢުދުތައް އޭރުން އެ ފުދުނީ. އޭރުން އެބައި އެ ނިމުނީ.

ދެން އޮންނާނީ އަލަށް ފަށާ މަޝްރޫޢު. އިއްޔެރޭ ހައުސިންގ މިނިސްޓްރީން އިޢުލާނުކުރީ. އެކަންތައް އިރާދަކުރެއްވިއްޔާ، އެ ވެގެންދާނީ މި މާލޭގައި، ދިރިއުޅޭ މާލޭ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ ގިނަދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު މި ކެކުޅުން އޮތް ބޯހިޔާވަހިކަމުގެ މައްސަލަ، ދާއިމަށް ނިމޭ ކަންތަކަށް. ދާއިމަށް ޙައްލުވާނެ. އެއްފަހަރަކުން ނުނިމޭނެ. 15,000 ގޯތި މި ދޫކުރަނީ ރަސްމާލެއިން. އެކަމަކު އެއީ އެކީގައި އެންމެންނަށް ނިންމޭވަރެއްނޫން. ރަސްމާލެއިން 15,000 ގޯތި ފުރަތަމަ ބުރުގައި މިދެނީ. މުޅި ރަސްމާލެއަކީ 25,000 ގޯތި. އެ މުޅި ރަސްމާލޭގައި ހުސް ގޯއްޗެއް ނޫން އޮންނާނީކީވެސް. އެއީ، މޮޑަން އިކޯ ސިޓީއެއްގެ ގޮތުގައި އަޅުގަނޑު އިޢުލާނުކުރި ތަނެއް. އިކޯ ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ ކަމަކަށްވެސް ބިން ބޭނުންވާނެ. ގޯއްޗަށް އެކަނި 25,000 ގޯތީގެ އޭރިއާ، 1,250 އަކަފޫޓުގެ 25,000 ގޯތި ރަސްމާލޭގެ ޕްލޭންގައި އޮންނާނެ. އޭގެތެރެއިން 15,000 ގޯއްޗަށް މި ހުޅުވާލަނީ ފުރަތަމަ ބުރުގައި. ދެން އޭގެ ތަފުސީލު އެއޮތީ މިނިސްޓްރީން އިޢުލާނުކޮށްފައި. މާލޭ ރަށްވެހިންނަށް 15,000 ގޯތީގެ ތެރެއިން 10,000 ގޯތި ކަނޑައަޅާފައި. ދެން ތަފުސީލަށް އަޅުގަނޑު މި ގަޑީގައި ހިނގައްޖިއްޔާ، ދިމާނުވާ ނަންބަރެއް ބުނެވިއްޖިއްޔާ މައްސަލަ ޖެހިދާނެތީ ތަފުސީލަށް ނުދާނަން.

އެހެންވީމާ، 15,000 ގޯތި އިރާދަކުރެއްވިއްޔާ ލިބިގެންދާނެ މާލޭގެ ރައްޔިތުންނަށް. މާލޭގެ ރަށްވެހިން، ދަފްތަރު، ދެން ހުރިހާ އެންމެން ހިމެނޭގޮތަށް، ތަފުސީލު އޮތްގޮތަށް، މި ހުރިހާ ފަރާތްތަކަށް. މި އަންނަ މާރިޗު، އެޕްރީލް ހިސާބަށް މިހާރު އަންދާޒާ ކުރެވެނީ. އެއީ، މި އަންނަ މަހު، ޑިސެންބަރުގައި އެންމެ ބޮޑެތި ޑްރެޖަރުތައް މި އަންނަނީ. ސޮއިކޮށްފައި، ޕޭކޮށްފައި ހުރީ. އައިސް މި ފަށަނީ. ފެށީމާ އެތަން ހިއްކައި ނިމޭނެ. ނިމޭނެ މި އަންނަ މާރިޗު، އެޕްރީލް ހިސާބަށް. ފަސްވަރަކަށް މަސް، ނޫނީވިއްޔާ ހައެއްކަ މަސް ތެރޭގައި ނިންމުން އަޅުގަނޑުގެ ޓާގެޓަކީ. ސަރުކާރުން މިހާރު ޖަނަވަރީ 4 ގައި ހުޅުވައިލަނީ ކުރިމަތިލާން ދޮގެއްތޯ؟ އެ ޕްރޮސެސްގެ ތެރެއިން، އެ ހޮވޭ ފަރާތްތައް ހޮވައި ނިންމައި، ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމަން، ބިން ހިއްކައި ނިމެންވާއިރަށް، ގޯތި ލިބޭ މީހުންވެސް އިރާދަކުރެއްވިއްޔާ ކަނޑައަޅައި ނިންމަން. އެގޮތަށް އެކަން އަޅުގަނޑު ކުރިއަށް ގެންގޮސްދޭނަން.

އެހެންވީމާ، އަޅުގަނޑުމެން ކަނޑަކުން ގޯއްޗެއް ނުދޭނަން. ހިކި ފަސްތަނުން ދޭނީ. ހިކި ފަސްތަނުން ތިޔަބޭފުޅުންނަށް ގޯތި ލިބޭނެ، ކުރިއަށް އޮތް 6 މަސް ތެރޭގައި އިރާދަކުރެއްވިއްޔާ. ދެން ވެދަރ ރިލޭޓަޑް ކަންކަން މި ހުންނަނީ ދޮގެއްތޯ؟ ބިން ހިއްކުމާ ކަންކަންވެސް ހަމަ ބޮރޯކުރަން ދާންޖެހޭނެ. ވަރަށް ދުރުން ގެންނަނީ. އެތައް ކިލޯ މީޓަރެއް ދުރުން ގެނެސް އަޅާނީ. ހުންނާނެ ވެދަރ ރިލޭޓަޑް ކަންކަން. ހުރިހާ ކަމެއް އެސިއުމް ކޮށްފައި، ރަނގަޅަށް ދާނެ ކަމަށް ބަލާފައި، 6 މަސް ތެރޭގައި ނިމޭނެކަމަށް މި ދެންނެވީ. އެހެންވީމާ، އެއީ ބޯހިޔާވަހިކަމުގެ ގޯތީގެ ބައި.

ދެން ފްލެޓް އަޅުގަނޑުމެން މި އިޢުލާނު ކުރީ، ބީ.އެމް.އެލް. ޕްރޮޖެކްޓްގެ ތެރެއިން 3,000. މިހާރު އެމް.އެމް.އޭ.ގެ ގަވާއިދު އޮތްގޮތުން ހުރިހާ ބޭންކެއް މީގައި ބައިވެރިވާންޖެހޭ. ހުރިހާ ބޭންކަކަށް މަޖުބޫރު. ދެން އެ ބޭފުޅުންވެސް އެކަން ކުރައްވާނެ، ކުރިއަށް އޮތް ދުވަސްތަކުގައި. ބޭންކް އޮފް މޯލްޑިވްސްއިން އެވަނީ 3,000 ހައުސިންގ ޔުނިޓުގެ ޕްރޮޖެކްޓެއް ފަށާފައި. އަދި އިތުރު ފްލެޓުތައް އަންނާނެ ހަމަ މީގެ ތެރެއަށް. މި ހުރިހާ ފްލެޓްތަކެއް ވަންނާނީ، ސަރުކާރުގެ މި ޕްރޮގްރާމްގެ ތެރެއަށް. އެއީ އަޅުގަނޑުމެން ހިލޭ ބިން މިދެނީ. ސަރުކާރުގެ މި ވަޢުދު ފުއްދުމަށްޓަކައި ރައްޔިތު މީހާއަށް މުހިންމު ކަމަކަށްވާތީ، ސޯޝަލް ކެޓަގަރީގައި ފްލެޓުތައް ދިނުމަށްޓަކައި މިކަން މި ކުރަނީ. 10,000 ރުފިޔާއަށްވުރެ ރެންޓް ބޮޑެއްނުވާނެ. ރެންޓް އޮން މޮޑެލްގައި ދެނީ. 10,000 ރުފިޔާއަށްވުރެ ބޮޑުނުވާނެ 3 ކޮޓަރީގެ ފްލެޓް ލިބިގެންދާނެ އިރާދަކުރެއްވިއްޔާ. އެހެންވީމާ، މިގޮތަށްދޭ ފްލެޓްތަކެއް. 3,000 އެއީ، ބީ.އެމް.އެލް. އަދި ބޭރުގެ އެކި ޤައުމުތަކުގެ ދީލަތި އެހީގައި އެޅޭ 4,500 ފްލެޓެއް މިއޮތީ. އެހެންވީމާ، 7,500 ފްލެޓްގެ ކެޓަގަރީތައްވެސް އެވަނީ އިޢުލާނުކޮށްފައި.

އަޅުގަނޑުމެން މި އިސްކަންދެނީ މި ކޮންސެޕްޓް ގެންދަން ޢާއިލީ ބޯހިޔާވަހިކަމުގެ ގޮތުގައި. މައިގަނޑު ކަމެއްގެ ގޮތުގައި. އަދި އެއްގޮތަކަށްވެސް ބޯހިޔާވަހިކަން ނެތް މީހުންނަށް، އެއީ އެންމެ އިސްކަންދޭންޖެހޭ މީހުން ކަމުގައި ގަބޫލުކުރެވޭތީ، އެ މީހުންނަށް އިސްކަން ލިބޭގޮތަށް. އެ މީހުންނަށް ދީ ނިމޭއިރުގައި، ދެން ތިބޭ މީހުންނަށް ދެން އަޅާ ފްލެޓުތައް އިރާދަކުރެއްވިއްޔާ ލިބޭނެ. ހަމަ އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މުޅިން ފުއްދާނަން. މި ދައުރުގެ ތެރޭގައި އަދި ބާކީ މިއޮތް ތިން އަހަރުގެ ތެރޭގައި އެތައް ގިނަ ހައުސިންގ މަޝްރޫޢެއް ފެށޭނެ މާލޭގައިވެސް އަދި އެހެން ސަރަޙައްދުތަކުގައިވެސް. އެހެން ސަރަޙައްދުތަކުގެ އަދަދު ދަންނަވައިލެވިއްޖެ މިހާރު. ތިން އަހަރުގެ ތެރޭގައި، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އޭގެތެރެއިން ފުދޭނެ. މާލޭގައިވެސް އަދި އެތައް މަޝްރޫޢެއް ފަށާނަން އިރާދަކުރެއްވިއްޔާ. އެހެންވީމާ، 7,500 ޢާއިލާއަށް ލިބޭނީ ފްލެޓް. އެހެންވީމާ، އެއަށް މިއޮތީ ހުޅުވައިލާފައި. އެންމެ ނީޑީ މީހުން ޕިކް ކުރެވޭގޮތަށް ޝަރުޠު ހަދާފައި. އޭގެ މާނައެއް ނޫން، މިފަހަރު މި ޝަރުޠު ކަނޑައެޅުނު މީހުން، ކަނޑައެޅުނު ގޮތުން، ނުލެވޭ މީހާއަށް ދެން އެކީގައި ދާއިމަށް ފުރުޞަތު ގެއްލުނީއޭ. ނޫން އެހެނެއްނޫން. އަޅުގަނޑުގެ ބޮޑު ވަޢުދު އެބައޮތް. އެއީ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް، 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެ ވަޢުދާ ހަމަޔަށްދާން އަދި އެބަހުރި އިތުރު މަޝްރޫޢުތައް. އެހެންވީމާ، އެއްގޮތަކަށްވެސް އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާތި.

އާދެ، އެހިސާބުން އެބައި ނިންމައިލާފައި، މި ހުރިހާ ކަމަކަށް ލާރި ބޭނުންވާނެތީ، އަޅުގަނޑު ދެން ބަޖެޓަށް ޖެހިލާނަން. އާދެ، އަޅުގަނޑުމެންގެ ބަޖެޓް މި މެނޭޖްކުރަނީ އިރާދަކުރެއްވީތީ ވަރަށް ވިސްނުންތެރިކަމާ އެކީގައި. އިރާދަކުރެއްވިއްޔާ މި އަހަރު މި ހުށަހަޅާ ބަޖެޓު ވެގެންދާނީ، އަޅުގަނޑުމެންގެ މި އިޤްތިޞާދީ ޓާގެޓުތައް ހާސިލުކުރުމުގައި، ވަރަށް ކާމިޔާބު ބަޖެޓަކަށް. ވަރަށް ކާމިޔާބު ބަޖެޓަކަށް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދަންނަވާލި ފަދައިން، ފާސްކޮށްފައިވާ ބަޖެޓުގެ ޑެފިސިޓް މި އަހަރުގެ ނިޔަލަށް ހުންނާނީ 9.4 ބިލިއަން ރުފިޔާއަށްވުރެ ކުޑަ ޑެފިސިޓެއްގައި. އެއީ، 2020 ވަނަ އަހަރަށްފަހު، ސަޕްލިމެންޓަރީ ބަޖެޓަކާއެކުވެސް ނުލައި ނިންމައިލެވޭ، މިއީ އެންމެ ކުޑަ ޑެފިސިޓް ބަޖެޓް. މީގެކުރިން އަބަދުވެސް ސަޕްލިމެންޓަރީ ބަޖެޓުވެސް ހުށަހަޅައެއްނޫންތޯ؟ މިފަހަރު އެކަންވެސް ނުކޮށް މި ކުރަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުވެސް ޓާގެޓް ބަޖެޓުގައި އޮތްގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ދާނެ.

މި އަހަރު މި ނިމިގެންދަނީ. ފުރަތަމަ 40 ހަފުތާގެ ތެރޭގައި، ބަޖެޓް އެއްގޮތަކަށްވެސް ޑެފިސިޓްނުވެ އަޅުގަނޑުމެން އެކަން ކުރީ. އެވެސް ވަރަށް ތާރީޚީ ކާމިޔާބެއް. ދެން ބައެއް ބޭފުޅުން ވިދާޅުވާނެ، މަޝްރޫޢެއް ނުހިނގައޭ. 1,875 މަޝްރޫޢު، ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސޮއިކޮށް، މަސައްކަތްތައް ފެށިތަން. އެހެންވީމާ، ގައިމުވެސް ރާއްޖޭގައި މަޝްރޫޢު އެ ހިނގަނީ. އެހެންވީމާ، މަޝްރޫޢުތައްވެސް އެބަ ހިންގަން. ފައިސާއެއްވެސް ޗާޕެއް ނުކުރަން. އެއްވެސް ކަމެއް ނުކޮށް، އިރާދަކުރެއްވީތީ އަޅުގަނޑުމެން ބަޖެޓުވެސް ވަރަށް ރަނގަޅަށް މެނޭޖްކޮށްގެން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދީގެން، އަޅުގަނޑުމެން ބޭރަށް ދައްކަންޖެހޭ ދަރަނިތައްވެސް މެނޭޖްކޮށްގެން، ބޭރުގެ ދޭދޭ އެކުވެރި ޤައުމުތަކާ އެކީގައި ވާހަކަ ދެކެވިގެން ބައެއް ދަރަނިތައް ރީ-ފައިނޭންސްކޮށް، ހުރިހާ ކަމެއް ކުރެވިގެން މިގެންދަނީ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެވޭނެ ގޮތަށް. މި އަންނަ އަހަރަށް އަޅުގަނޑުމެން ދައްކަން އޮތް ސުކޫކަށްވެސް ބޭނުންވާ، ރީ-ފައިނޭންސް ކުރަން ބޭނުންވާނެ ބަޖެޓުވެސް އެއޮތީ ހިމަނާފައި. އެ ފައިނޭންސް އޭގައި ހިމަނަން ނުޖެހުނުނަމަ، މި އަހަރަށްވުރެވެސް މި އަންނަ އަހަރުގެ ބަޖެޓު ކުޑަވާނެ. އެއީ ކޮންބައެއް ނެގި ދަރަންޏެއް؟ މި ސަރުކާރަކުންނެއް ނޫން. މިދިޔަ ސަރުކާރާއި، އޭގެ ކުރީގެ ސަރުކާރުން. އިންތިހާއަށް ބޮޑު އިންޓްރެސްޓް ރޭޓުގައި. ޤައުމަށް އިންތިހާއަށް ގެއްލުންވާ ޓާރމްސްގައި. ދަރުމަވަންތަ ހޮސްޕިޓަލާއި އެތައް ތަނެއްވެސް އެހުރީ މޯގޭޖްވެސް ކޮށްފައި. ސްކޫލްތަކާއި ބައެއް ތަންތަންވެސް. އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން އެއީކީއެއް މިހާރު ޑިފޯލްޓް ވެއްޖިއްޔާ. އެހާ ނުރައްކާތެރި ޙާލަތަކަށް ޤައުމު ވައްޓާލާފައި އޮތީ. އެހެންނަމަވެސް، އަޅުގަނޑުމެން އެ ހުރިހާ ކަމެއް މެނޭޖްކޮށްގެން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދުތައް ހާސިލުކޮށްދީ، އަޅުގަނޑުމެން ޤައުމުގެ އިޤްތިޞާދު ކުރިއަށް ގެންގޮސްދީ، ރައްޔިތުންނަށް އުފާފާގަތިކަން، ރައްޔިތުން ބޭނުންވާ ކުރިއެރުން، ތަރައްޤީ، އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން.

އާދެ، އޭގެއިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން، މި ދަރަނި ދެއްކުމަށްޓަކައި އެސް.ޑީ.އެފް.ގައި ހުރި ފައިސާއަށް ބަލާއިރުގައި، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި އެސް.ޑީ.އެފް.ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު. 2 މިލިއަން ޑޮލަރާއި، 2.4 މިލިއަން ރުފިޔާއާ. 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާއާ. 2023 ނޮވެންބަރު 17. 2025 ނޮވެންބަރު 17، އެސް.ޑީ.އެފް.ގައި 126 މިލިއަން ޑޮލަރު.

އާދެ، ހަމައެއާއެކީގައި، ބޭންކަށް ޑޮލަރު މާރުކުރާ ޤާނޫނު، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. އެ ޤާނޫނު ތަންފީޒުކުރަން ފަށައި، އެ ގަވާއިދުގެ ދަށުން، މިދިޔަ އޮކްޓޫބަރުން މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް، 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި. ދެން މީގެ ތަފުސީލަށް ނުގޮސް، އޭގެ ނަތީޖާބަޔަށް ދާނަން. އޭގެ ދޭތެރެ މެދުގައި ގިނަ ކަންކަން ހުރޭ. ނަތީޖާއަކީ ގްރޮސް ރިޒަރވްގައި އޮކްޓޫބަރު ނިމުނުއިރުގައި 866 މިލިއަން ޑޮލަރު އެބަހުރި. އަދި އަޅުގަނޑުމެން މި އަންނަނީ ކުރިން، ފުނިޖައްސާފައި ހުރި ބިލްތައްވެސް ދައްކަމުން. އެވެސް ދައްކައި ނިންމަމުން މިދަނީ. ކުރީ ރޭ އަޅުގަނޑު ދަންނަވާލިން، އެރެޔާ ހަމައަށް ދެއްކިފައި ހުރިވަރު. 444.3 މިލިއަން ރުފިޔާ، ކުރީގެ ބިލްތަކަށް ދައްކައިފީމޭ، އެއްހާސް އެތައް ބަޔަކަށް. ހަމަ ކޮންމެ ދުވަހަކު ޕޭ ކުރަމުން މިދަނީ އަޅުގަނޑުމެން. ފައިސާ ޗާޕެއް ނުކުރަން. ޤާނޫނާއި ގަވާއިދުގެ ތެރެއިން. އަނެއްކާ ކޮންމެވެސް ބަޔަކު އޭ.ސީ.ސީ.އަށް ދާނެތީ، ކުރީ ބައިގައި މިދަންނަވާލީ އެ ވާހަކަވެސް. ޕީ.ޖީ.އާ ހުރިހާ ތާކަށް. ގަވާއިދުގެ ތެރެއިން މިކަން ކުރަނީ އަޅުގަނޑުމެން. އެހެންވީމާ، ހުރިހާ ލެގަސީ ބިލްތައް ޕޭ ކުރަމުން، ހުރިހާ ޕޭމަންޓްތަކެއް ނިންމަމުން، ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ޤައުމުގެ އިޤްތިޞާދު ކުރިއަށް މިގެންދަނީ.

އާދެ، ދެން ފައިސާގެ ވާހަކަ ދައްކާއިރު، ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާގެ ވާހަކަވެސް ދައްކަންޖެހޭނެ. މުސާރަ މިހާރު މިވަނީ ޕޭ ހާމަނައިޒް ކުރެވިފައި ވަރަށް ގިނަ ފަރާތްތަކަށް. ކަންބޮޑުވުންތައް ހުރި. އަޅުގަނޑު ދެންނެވިން، ކަންބޮޑުވުންތަކަށް އެޑްރެސް ކުރާނަމޭ. ދެން ހަމަ ހުރިހާ އޮފީހަކާ މީޓްކޮށްފި މިހާރު ޕޭ ކޮމިޝަނުން. ދެން ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް، މިއަދުގެ މި ޙާލަތުގައި އަޅުގަނޑު ހިތުން މުވައްޒަފުން ހެކިވާނެ މިކަމަށް. އެންމެ ގިނަ ކަންބޮޑުވުން ހުރި ހުރިހާ ދިމާއެއް ޙައްލުވެސް ވެއްޖެ މިހާރު. އިއްޔެ އަޅުގަނޑުމެން އެ ހުރިހާ އެއްޗެއް ބަލާފައި، ގެނެވެން ހުރި ބަދަލުތައް ގެނެސްފައި، ގަވާއިދުގެ ތެރެއިން ގެނެވެން ހުރި ހުރިހާ ބަދަލެއް، ސިސްޓަމްގެ ތެރެއިން ގެނެވެން ހުރި ބަދަލުތައް ގެނެސް، އިއްޔެއާ ހަމައަށް ހުރި، އެތައް ހާސް މުވައްޒަފުންނެއްގެ ކަންބޮޑުވުންތައް ޙައްލުވެފައި މިއަދު އޮންނާނީ. ދެން އުޅެދާނެ ކޮންމެވެސްވަރަކަށް. އެހެންނަމަވެސް، ގަވާއިދުގައި އެބައޮތް، އެ ފަރާތްތަކަށްވެސް އެޑްރެސް ކުރާނެގޮތް ބުނެފައި. އެހެންވީމާ، ރާއްޖޭގައި މި ސިވިލް ސަރވިސްއާއި، ދެން މި މުސާރަ ބޮޑުކުރެވުނު ޖުޑީޝަރީއާއި މި ހުރިހާ ފަރާތްތަކަށް މިފަހަރު މުސާރަ ލިބޭއިރުގައި އިރާދަކުރެއްވިއްޔާ އޮންނާނީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް އެތައް ތަނެއް މުސާރަ ބޮޑުވެފައި.

ދެން ބާކީތިބި ފަރާތްތަކަށް މި އަންނަ އަހަރު، ވަޢުދުވީ ގޮތަށް ބޮޑުކޮށްދޭނަން. އެހެންވީމާ، މީގެ ސަބަބުން ވަރަށް ބޮޑު އާމްދަނީއެއް އިތުރުވެގެން އެބަދޭ. މީގެ ކުރިން، އެންމެ ކުޑަ އަސާސީ މުސާރައަކީ ކިހާވަރެއްތޯ؟ 3,100. މީގެ ސަބަބުން އެންމެ ކުޑަ އަސާސީ މުސާރަ
ދެގުނައެއްވެސް ނޫނޭ، އެއަށްވުރެވެސް ބޮޑު. 7,530 އަށް ބޮޑުވެއްޖެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އަސާސީ މުސާރަ 5,610 ން 9,110 އަށް ބޮޑުވެއްޖެ. އެއީ، 62 އިންސައްތައިގެ ކުރިއެރުމެއް. މުދިމެއްގެ އަސާސީ މުސާރަ ކުރިންހުރީ، ނޫނީވިއްޔާ މިއަދާ ހަމައަށް ހުރީ 3,665 ގައި. ބޮޑުވީ 8,295 އަށް. 133 އިންސައްތަ ބޮޑުވީ. ދެން މީގެ ސަބަބުން ވަރަށް އެހެންކަހަލަ ކަމެއް އެބަ ދިމާވޭ މިހާރު. ދިމާވާ ކަމަކީ، އިސްލާމް ޓީޗަރު، މިހާރު ޓީޗަރުކަން ދޫކޮށްލާފައި މުދިންކަމަށް ބަދަލުވާން އެބައުޅޭ. ދެން އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވައިފިން، ޕޭ ކޮމިޝަނަށް ވަޑައިގަންނަވާށޭ. ވަޑައިގެންފައި، ކޮންމެވެސް ކަހަލަ އުސޫލެއް ހަމަޖައްސާށޭ، އިސްލާމް ޓީޗަރުކަން ދޫކޮށްނުލައި އެލަވަންސެއް ލިބޭގޮތް ހަދަން. މުދިންކަން ކުރާއިރުގައި ލިބޭ އެލަވަންސެއް. އޭރުން އިސްލާމް ޓީޗަރުކަންވެސް ކުރެވުނީ. މުދިންކަންވެސް ކުރެވުނީ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން އެގޮތަށް އެކަން ދާނެ ކަމަށް.

ދެން ވަރަށް ގިނަ މުވައްޒަފުންގެ ޝަކުވާއެއް. ޝަކުވާއެއްނޫން އިނގޭތޯ، ކަންބޮޑުވުމެއް. އޯވަރޓައިމަށް ވާނީ ކިހިނެއްތޯ! އޯވަރޓައިމްވެސް ހަމަ ވަރަށް ރީޒަނަބަލް ގޮތަކަށް އަޅުގަނޑުމެން ލުއިކޮށްދީފައި މިވަނީ މިހާރު. ނަރުހުން ޚާއްޞަކޮށް އެ ވާހަކަ ދެއްކެވީ ކުރިން ހަމަ ވަރަށް ޖާއިޒްކޮށް. މިހާރު އެކަން ޙައްލުވެފައި މިވަނީ. ހުކުރުދުވަސް ކަހަލަ ރަސްމީ ބަންދު ދުވަސްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ބަންދު ދުވަސްތަކާއި، ރަމަޟާން މަހުގެ ފަހުދިހައަކާއި، މި ދުވަސްތަކުގައި މަސައްކަތްކުރީމާ ނޯމަލް އޯވަރޓައިމް ހިނގާނެ. ދެން 10 ޕަސެންޓުގެ ކެޕެއް ނޯންނާނެ އެއަކުއެއް. އެހެންވީމާ، އެއޮތީ މައިގަނޑު މައްސަލަ ޙައްލުވެފައި. ދެން އަނެއްކާ މެނެޖީރިއަލް ލެވެލްގައި އޮތް ތަފާތުކުރުންވެސް، އެ ފަރާތަށް އޮތް ހުރަސްވެސް ނެތިފައި ވަނީ. އެހެންވީމާ، ޖުމުލަކޮށް، އޯވަރޓައިމް މައްސަލަވެސް ޙައްލުވެގެން ގޮސްފައި، އެ ދާއިރާއެއްގައި ހުރި ސްޕެސިފިކް ކަންކަމަށްވެސް އެޑްރެސް ކުރެވިފައި، ޚާއްޞަކޮށް ޖުޑީޝަރީ ދާއިރާގައި ހުރި ސްޕެސިފިކް ކަންކަމަށްވެސް އެޑްރެސް ކުރެވިގެން، މިހެންހުރި ހުރިހާ ދިމާއެއްގައި ޚާއްޞަ ކަންކަމަށް އެޑްރެސް ކުރެވިގެން، މިކަން ޙައްލުވެގެން ގޮސްފައި މިވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ތަނުން ރަނގަޅުވާނެ. ޖުޑީޝަރީއަށް ބަލާއިރު، ޚާއްޞަކޮށް މިއީ ވަރަށްބޮޑު ކަމެއް. އިރާދަކުރެއްވިއްޔާ މިނިވަންކަމެއް ލިބިގެންދާ ބަޖެޓަކަށް މި ބަޖެޓު ވާނެ.

އާދެ، އަޅުގަނޑުމެން މިކަންކަން މި ކުރަނީ، ހަމަ ކުރިން ދެންނެވި ފަދައިން، ވަރަށް ރޭވުންތެރިކަމާ އެކީގައި، ވަރަށް ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނިންމާލުމުގެ ކުރިންވެސް މައިގަނޑު އެއްކަމެއް ގޮތުގައި، އަޅުގަނޑުގެ އެއް ވަޢުދު ހަނދާންކޮށްދީފައި. އެއީ، 20 އަހަރުގެ މާސްޓަރ ޕްލޭން. ކޮންމެ އަހަރެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަޅުގަނޑުވީ ވަޢުދެއް އެބައޮތޭ، 20 އަހަރުގެ ވަޢުދެއްވެސް. އެކަންވެސް ދުލެއްނުކޮށްލަމޭ އަޅުގަނޑުމެންނެއް. 20 އަހަރުގެ މާސްޓަރ ޕްލޭނަށްވެސް މަސައްކަތް ފަށައިގެން މުޅި ރާއްޖޭގައި ކުރެވިއްޖެ. ދެން ބައެއް މީހުން ބުނެފާނެ، އަޑެއްނީވެއޭ މި ވާހަކައެއް. ނޫން، ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. އަޅުގަނޑު ނަންބަރުތައް ދަންނަވާލާނަން.

20 އަހަރުގެ މާސްޓަރ ޕްލޭން، 20 އަހަރުގެ ތަރައްޤީގެ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން، މިކަމަށްޓަކައި މިއަދުގެ މި ވަގުތާ ހަމައަށް ކުރެވިފައި ހުރި މަސައްކަތް، ކޮންސަލްޓޭޝަން އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް މި ކުރަނީ މަޝްވަރާކޮށްގެން ކަމާބެހޭ ފަރާތްތަކާ. ރައްޔިތުންގެ ގާތަށްވެސް އަޅުގަނޑު ދަނީ މަޝްވަރާ ކުރަން. އަޅުގަނޑު ގޮސް ހުރިހާ ކައުންސިލްތަކާއި، ރައްޔިތުންނާއި، ހުރިހާ މުއައްސަސާތަކާ އަޅުގަނޑު ބައްދަލުކުރިން. އަޅުގަނޑާ ބައްދަލުނުވާ ކައުންސިލެއް ވަރަށް ވަރަށް މަދުވާނެކަންނޭނގެ، ސްކޫލެއް، ހެލްތު ސެންޓަރެއް، މި ކަހަލަ ތަނެއް. ޔަޤީނުންވެސް ކައުންސިލްތަކާ ބައްދަލުވި. ޑަބްލިޔޫ.ޑީ.ސީ.ތަކާ ބައްދަލުވި. މަޝްވަރާއިން ކަންކަން ކުރަނީ. އެހެންވީމާ، ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންވެސް މި ހަދަނީ މަޝްވަރާ ކޮށްގެން. މިހާރު މިއަދާ ހަމައަށް އައިއިރުގައި، ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނަށް ނެގުނު ޓީމުން، އެކަމާ ބެހޭ ކޮންސަލްޓެންޓުންނާ އެކީގައި، އެ ބޭފުޅުން ހުރިހާ ރަށެއްގެ ރައްޔިތުންނާ އެކީގައި ޕަބްލިކް ކޮންސަލްޓޭޝަން ބާއްވައިފި. އެއީ، 191 ޕަބްލިކް ކޮންސަލްޓޭޝަން. އާންމު ކޮންސަލްޓޭޝަން ބާއްވައިފި. ނޫނީވިއްޔާ މަޝްވަރާ ބާއްވައިފި. 100 އަށްވުރެ ގިނަ މުއައްސަސާއާ އެކީގައި މަޝްވަރާ ބާއްވައިފި. އަދި އޭގެ އިތުރަށް، އެކްސްޕާޓް ރައުންޑް ޓޭބަލް ޑިސްކަޝަންތަކުގެވެސް 19 ޑިސްކަޝަން ބާއްވައިފި. 96 ފޯކަސް ގްރޫޕް މީޓިންގ އެއީ، ޒުވާނުންނާއި އަންހެނުންނާއި، ބިޒްނަސްމަނުންނާއި، މިހެންގޮސް އެކި ފަރާތްތައް ހިމެނޭހެން. މި ހުރިހާ ފަރާތްތަކެއް ހިމެނޭހެން ކޮންސަލްޓޭޝަންތަކެއް ނިންމައިފި. އެއީ، އަޅުގަނޑު ބޭނުންވީ އެންމެން އޭގެ އޯނަރޝިޕް ނަގައި، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އަންނަން. ތިމަންނަވެސް އެއްޗެއް އެއަށް ބުނެފައި އޮތް އެއްޗެކޭ މި ހަދަނީ.

އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ރަށަކާ މީޓް ކުރެވިއްޖެ. ހުރިހާ ރައްޔިތުންނާ ބައްދަލުކޮށްފި މިހާރު. ކަމާބެހޭ ހުރިހާ ސްޓޭކް ހޯލްޑަރުންނާވެސް ބައްދަލުކޮށްފި. އެކްސްޕާޓުންނާ ބައްދަލުކޮށްފި. ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށްފި. މި ހުރިހާ މަޝްވަރާއެއްގެ އަލީގައި ހަދާ ޕްލޭން އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، އެ ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެ ބޭފުޅުން އެ ނިންމަވަނީ. ދެން އަނެއްކާ އިތުރު ކޮންސަލްޓޭޝަނަކާ އެކީގައި، އޭގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފައިނަލް ކުރާނެ. ދެން މިއަށް އަޅުގަނޑު ދެންނެވިން، ޤާނޫނެއްވެސް ތަޢާރުފްކުރާނެއޭ. ބިލެއްވެސް ތަޢާރުފްކުރާނެއޭ. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މި ދެމެހެއްޓެނިވި ތަރައްޤީއެއް ޤައުމަށް ގެނައުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑު ބޭނުމެއްނޫން އެޑްހޮކް ތަރައްޤީއެއް އަންނާކަށް. އަޅުގަނޑު ބޭނުމެއްނޫން ހަމައެކަނި 5 އަހަރަށް އެކަނިވެސް ޤައުމަށް ތަރައްޤީ އަންނާކަށް. އަޅުގަނޑު ބޭނުން ޤައުމަށް 20 އަހަރަށް ވިސްނައިގެން، ރައްޔިތުން ބޭނުންވާ ތަރައްޤީއެއް ހަމަޖެހިފައި އޮންނަ ޕްލޭނެއް އޮންނަން. ތަރައްޤީގެ ޕްލޭނެއް. އޭގެތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ޔޫ.އެން.ގައި އަޅުގަނޑު އިޢުލާނުކުރީ، 2040 ވަނަ އަހަރަށް ދާއިރުގައި މި ޤައުމު، ތަރައްޤީވެފައި އޮތް ޤައުމުތަކުގެ ލިސްޓުގައި ހިމަނާނަމޭ. އެކަން ކުރުމަށްޓަކައިވެސް އެ ޕްލޭން އެބަ މުހިންމުވެގެންދޭ. އިރާދަކުރެއްވިއްޔާ، އެކަންކަން އަޅުގަނޑުމެން ހާސިލުކުރަމުންދާނަން.

އާދެ، ހުރިހާ ރަށަކަށްގޮސް، ހުރިހާ ރައްޔިތުންނާ ބައްދަލުކޮށްގެން، މިކުރާ މަސައްކަތުގެ ނަތީޖާއަކަށްވާނީ، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުން އެދޭ އަމާޒަށް، ޤައުމު ތަރައްޤީވެގެން ދިޔުން. އާދެ، އަޅުގަނޑަށް ހުރިހާ ރަށަކަށް ދެވިއްޖެ. الْحَمْدُ للَّهِ. އެކަމަކު މާލޭގައި އަދި އަޅުގަނޑެއް އެކަހަލަ ބައްދަލުވުންތަކެއް ނުބާއްވަން. މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށްފިން. އެހެންވީމާ، އަޅުގަނޑު ނިންމާފައި އޮތްގޮތް ދަންނަވާލަން މިއުޅެނީ. މާލޭގައި މި އޮންނަނީ އަވަށްތަކެއް. މާލޭގައި ރައްޔިތުން ވަރަށް ގިނަ. އެހެންވީމާ، މާލޭގައި ކޮންމެ އަވަށަކާ، އެއީ ވިލިނގިލި، ދެން މާލޭގައި މިއޮތް ހަތަރު އަވަށް. ހުޅުމާލޭގައި ދެ ފިޔަވަހި އޮންނާތީ، ދެ ފިޔަވައްސަށް ބަހައިލާނީ. ބަހައިލާފައި، މި ހުރިހާ އަވަށްތަކަށް ވަކި ބައްދަލުވުންތަކެއް އަޅުގަނޑު ބާއްވަން ފަށާނަން، މި އަންނަ ހަފުތާއިން ފެށިގެން. ވަގުތު ލިބުނުވަރަކުން. ހަމަ ހަފުތާއަކު ދެ ދުވަހުވެސް ބައްދަލުކުރެވޭތޯ ބަހާލައިގެން ބަލާނީ. ކޮންމެ އަވަށެއް ވަކިން އިރާދަކުރެއްވިއްޔާ، މާލޭގައި މަޝްވަރާ ބައްދަލުވުންތަކެއް އަޅުގަނޑު ވަރަށް އަވަހަށް އެބަ ފަށަން. އޭރުން މާލޭގައި ދިރިއުޅޭ ރައްޔިތުން، މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތު ލިބޭނެ، އެ އަވަށެއްގެ ބައްދަލުވުމަށް ވަޑައިގެން، އަޅުގަނޑާ އެކީގައި އެ ބޭފުޅުން ބޭނުންވާ ކަންކަން ޙިއްޞާކޮށް މަޝްވަރާކޮށް، އެ ބޭފުޅުން ޚިޔާލުތައް ދެއްވަން.

ހަމަ އޭގެއިތުރަށް، މާލޭގައި ދިރިއުޅޭ ވިޔަފާރިވެރިންނާވެސް ބައްދަލުކުރަން، އަޅުގަނޑު މީޓިންގތަކެއް ފަށަން މިއުޅެނީ. މީގެތެރޭގައި ކުދި ފަންތީގެ ވިޔަފާރިވެރިންނާއި، މެދު ފަންތީގެ ވިޔަފާރިވެރިންނާއި، ވަކި ބައްދަލުވުންތަކެއްގެ ގޮތަށް. ހަމަ އޭގެތެރޭގައި، ޒުވާނުންނަށް، ކަނބަލުންނަށް، މި ހުރިހާ ފަރާތްތަކަށްވެސް ފުރުޞަތު ލިބޭހެން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވިޔަފާރިވެރިންގެ ބައްދަލުވުންތަކެއްވެސް އިރާދަކުރެއްވިއްޔާ ފަށަން އަޅުގަނޑު ގަސްދުކުރާ ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ، މަޝްވަރާ ކުރެވިގެން، ރައްޔިތުން ބޭނުންވާގޮތަށް، މާލޭގައިވެސް ކަންކަން ގެންދެވޭ ގޮތެއްވާން. ކޮންމެވެސްވަރަކަށް މާލޭގެ މޭޔަރުކަމުގެ ދައުރު އަދާކޮށްލަން މިހާރު މި ވިސްނީ މިތަނުގައި. މި ސިޓީގެ ކަންތައްތައް އެހާ ރަނގަޅަށް ނުދާ ވާހަކަ ރައްޔިތުން އަޅުގަނޑާ ހަމައަށް ވަރަށް ގިނައިން އެބަ ގެނޭ. ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވައިގެން، މާލޭގެ ކަންތައްތައް ކުރިން ހިނގަމުންދިޔަގޮތަށް، މާލޭގައި ސަރުކާރުން ކަންތައްތަކެއް ކުރަން އަޅުގަނޑު ގަސްދުކުރަން. ސަރުކާރުން މިކަންކަން ރައްޔިތުންނަށް ފަހިކޮށްދެވޭނެ މަގުފަހިކުރަން އަޅުގަނޑު ހިތުން ރައްޔިތުންނާ ގާތަށް އަޅުގަނޑު އަނެއްކާވެސް ގޮސްލަން މި ގަސްދުކުރަނީ. އެހެންވީމާ، އެ ވާހަކަ މާލޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ކުރުކޮށްލެވޭތޯ ބެލީ. އެހެންނަމަވެސް، ރައްޔިތުންނަށް ކޮށްދޭން ފަށާފައި، ނޫނީ ކޮށްފައި ހުރި، ކުރެވިފައި ހުރި، ކުރަން ފަށާފައި ހުރި، މި ހުރިހާ ކަމެއް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ތާއީދާއެކީގައި މިއަދާ ހަމައަށް މި ކުރެވުނު ކަންކަން، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންނާއި، ސިވިލް ސަރވިސްއާ، ހުރިހާ ރައްޔިތުން، އެންމެން ގުޅިގެން ރެޔާއި ދުވާލު ކުރަމުން މިދިޔަ މަސައްކަތް، އެކަންކަން ކުރުގޮތަކަށްވެސް ބުނެދިނުމަކީ، އެހާ ފަސޭހަ ކަމަކަށްނުވޭ. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑު މަސައްކަތްކުރަނީ، ނަތީޖާއިން. ނަތީޖާއިން މެޝަރކުރަނީ. ނަތީޖާއިން މެޝަރ ކުރަންޏާ، ނަތީޖާ މަތިކުރަން އަޅުގަނޑު ބޭނުންވާނެ. އެހެންވީމާ، ރެޔާއި ދުވާލު އެހާ މަސައްކަތް އަޅުގަނޑުމެން އެންމެން މި ކުރަނީ. ވީ ހުރިހާ ވަޢުދެއް ފުއްދުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތްކުރަނީ އެހެންވެގެން. އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށްޓަކައި އަޅުގަނޑު ވީ ވަޢުދުތައް މާނަހުރި ގޮތުގައި، މާނަ ފުން ގޮތުގައި، ޙަޤީޤީ މާނައިގައި ފޯރުކޮށްދިނުމަށްޓަކައި. ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލުމާ އެކީގައި، އިރާދަކުރެއްވިއްޔާ މިކަންކަން ކުރިއަށް އޮތް ތާނގައިވެސް ފުއްދައިދެމުން ދާނެ ކަމުގެ ޔަޤީންކަން އަރުވަމުން، އަޅުގަނޑު މިރޭ ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހި ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.