بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މި މަހުން ފެށިގެން ހަފުތާއަކު އެއް ދުވަހު، ހަފުތާއަކު ކޮންމެ ހޯމަ ދުވަހެއްގައި، އިރާދަކުރެއްވިއްޔާ 10ން 11 އަށް ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން. ބަންދު ދުވަހެއް، ނޫނިއްޔާ ދަތުރެއް، ނޫނިއްޔާ އެފަދަ ކަމަކާ ގުޅިގެން ބައްދަލުވުން ނުބޭއްވޭ ކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި އިރާދަކުރެއްވިއްޔާ ކޮންމެ ހޯމަ ދުވަހަކު އަޅުގަނޑު ނޫސްވެރިންނާ އެކީގައި، އެއް ގަޑިއިރު 10 ން 11 އަށް ހޭދަކުރާނެ ކަމަށް. އެހެންވީމާ، އޭގެ ފުރަތަމަ ބައްދަލުވުމަށް މަރުޙަބާ ދަންނަވަން. ފުރަތަމަވެސް ރަމަޟާން މަހުގެ ހެޔޮދުޢާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން.
އާދެ، އަޅުގަނޑު ދެތިން ކަމެއް ފުރަތަމަ ޙިއްޞާކޮށްލާނަން. މިހާރު ދިމާވެގެން މިއުޅޭ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރަމާއާ ގުޅިގެން، ސަރުކާރުން ކުރަމުންދާ ކަންތައްތަކާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާލާނަން. ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާފައި އޮންނާނީ، މިނިސްޓީރިއަލް ކޮމިޓީއެއް އަޅުގަނޑު އެކުލަވައިލާފައިވާކަން. މި ކޮމިޓީގެ ފަރާތުން އެ ދުވަހު މެންދުރުފަހު ހަމަ މަސައްކަތް ފެށި. ހަނގުރާމަ ފެށުނު ދުވަހު މެންދުރުފަހު. ކަމާގުޅޭ ހުރިހާ ދާއިރާއަކުން އިރާދަކުރެއްވިއްޔާ މަސައްކަތްތައް އެ ބޭފުޅުން ގެންދަވަނީ ކުރައްވަމުން. މެދުއިރުމަތީގައި ތިބި ދިވެހިންގެ ޙާލަތު ބެލުންވެސް މީގެ ތެރޭގައި ހިމެނޭ. ވަރަށް ގިނަ ދިވެހިން އުޅެމުންދާ ހިސާބެއް، ޚާއްޞަކޮށް ޔޫ.އޭ.އީ އެއީ. އަދި އެހެން ދިމަދިމައިގައިވެސް ކިޔަވާ ކުދިންނާއި އެކި ކަހަލަ ބޭނުންތަކަށް ގޮސް ތިބި ވަރަށް ގިނަ ދިވެހިން އެބަތިބި. އެހެންވީމާ، ފޮރިން މިނިސްޓްރީގެ ސައިޑުން ކުރަންޖެހޭ ކަންކަމާއި އަދި ކިޔަވާ ކުދިންނާ ގުޅިގެން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކާއި، މި ހުރިހާ ކަމެއްވެސް އެގެންދަނީ ވަރަށް ގާތުން ބަލަމުން. އިރާދަކުރެއްވީތީ ހަމަ އެއްވެސް ކަހަލަ ގެއްލުމެއް، ނޫނީ ކަންބޮޑުވުމެއް ދިމާވާ ކަހަލަ ކަމެއް ދިވެއްސަކަށް ދިމާވެފައެއް އަދި ނުއެއްވޭ. ދެން އަޅުގަނޑުމެން ވަރަށް ގާތުން ކަންކަން ބަލަމުން އެބަ ގެންދަން. އަދި އޭގެ އިތުރަށް، ރާއްޖެއަށް، ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ސަބަބުން ކުރަމުންދާ އަސަރުތަކާ ގުޅިގެން އެކަން މިނިމައިޒް ކުރުމަށްޓަކައި ކުރެވޭނެ ކަންކަންވެސް ބައްލަވައި، ކަމާގުޅޭ ހުރިހާ އިދާރާތަކުން އެ ގެންދަވަނީ މަސައްކަތްތައް ކުރައްވަމުން. ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްޞަގޮތެއްގައި މީގެ އަސަރުތަކެއް ކުރޭ. އެއީ، ވަރަށް ގިނަ ޓްރާންސިޓް ފްލައިޓްތައް މި އަންނަނީ މެދުއިރުމަތީގެ އެކިއެކި އެއަރލައިންތަކުން. އެކިއެކި އެއަރޕޯޓުތައް ބޭނުންކޮށްގެން. މިހާރު އެއަރ ސްޕޭސް ކްލޯޒް ކޮށްފައި ހުރި ތަންތަން އެއީ. އެހެންވީމާ، އޭގެ ސަބަބުން ކޮންމެގޮތެއްވިޔަސް ރާއްޖޭގައި ނުފުރިފައި އެބަތިބި ވަރަށް ގިނަ މީހުން. ރާއްޖެ އަންނަންވީ މީހުންނަށް ނާދެވި، އަދި އޭގެ ސަބަބުން ފުރަންވީ މީހުންނަށް ނުދެވި ލަސްތަކެއް ދިމާވެފައިވެސް އެބަހުރި. އެހެންވީމާ، އެމީހުން ރާއްޖެއިން ފުރުމަށްޓަކައި އޯލްޓަރނޭޓިވް ރޫޓްސްތައް ހޯދައިދިނުމާއި، އެހެނިހެން ގޮތްގޮތުން ރާއްޖެއިން ބޭރަށް ދެވޭނެގޮތް ފަހިކޮށްދިނުމާއި، މިކަންކަންވެސް ވަރަށް ރަނގަޅަށް، ވަރަށް ގާތުން އެބަ ކުރިއަށްދޭ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން، މެދުއިރުމަތި ބޭނުންނުކޮށް، ރާއްޖެ އާދެވޭނެ ގޮތް ހެދުމަށް، އެ ކަމާބެހޭ އެއަރލައިންތަކާ ވާހަކަ ދެއްކުމާއި، އެޖެންޓުންނާ ވާހަކަ ދައްކައިގެންވެސް އަންއިންޓްރަޕްޓަޑް ކޮށް އެކަން ގެންދެވޭނެ ގޮތްތައް، ޔޫރަޕްގެ އެކި ތަންތަނުން އަންނަ ފަރާތްތަކަށްވެސް އާދެވޭނެ ގޮތަށް، ވާހަކަ ދައްކައިގެން މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓްވެސް އެބަކުރޭ. އެހެންވީމާ، ޓޫރިޒަމްގެ ދާއިރާއަށް އަންނަ އިމްޕެކްޓް މިނިމައިޒް ކުރުމުގެ މަސައްކަތް ވަރަށް ގާތުން އެބަ ކުރިއަށް ގެންދަން.
ދެން ހަމަ އޭގެ އިތުރަށް، ތެލަށް ބަލާއިރުގައި، އިރާދަކުރެއްވީތީ އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަދި އަޅުގަނޑުމެންނަކަށް ދިމައެއްނުވޭ. އިރާދަކުރެއްވީތީ ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް އެއްވެސްވަރަކަށް ތެޔޮ ނުލިބޭނެ ކަހަލަ ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އިރާދަކުރެއްވީތީ ނެތް. އެހެންވީމާ، ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫއެއްވެސް ނެތް. އެކަންތައްވެސް ވަރަށް ރަނގަޅަށް އަޅުގަނޑު މިގެންދަނީ. އެހެންވީމާ، ތެލާއި، ކާބޯތަކެއްޗާއި، ޓޫރިޒަމާ، މި ތިން ދާއިރާގައި މިއޮތީ މައިގަނޑު ގޮތެއްގައި މިކަމާ ގުޅިގެން އަޅުގަނޑުމެން އެޑްރެސް ކުރާ ކަންތައްތައް. އެހެންވީމާ، މިކަންކަން މިގެންދަނީ ވަރަށް ގާތުން ބަލައި އެޑްރެސް ކުރަމުން. އެހެންވީމާ، އެއްވެސް ކަހަލަ އިޝޫއެއް ނެތި، ކަންބޮޑުވުމެއް ނެތި އެކަންކަން އިރާދަކުރެއްވީތީ ބެލެހެއްޓެމުން އެބަދޭ.
ދެން މި ދެންނެވި ފަދައިން، ދިވެހިންގެ ޙާލަތު ބެލުމުގެ ކަންތައްވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. ދެން މި ޤައުމުތަކުގެ، ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އަޅުގަނޑު ގުޅައި، އިރާދަކުރެއްވީތީ ވާހަކަ ދެއްކުނު. ރާއްޖޭގެ ސަޕޯޓް އެ ފަރާތްތަކަށް އޮތްކަން ދެންނެވުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. މިހާރު ރޭގައި އަޅުގަނޑު ވާނީ ޔޫ.އޭ.އީ.ގެ ރައީސާ ވާހަކަ ދައްކާފައި ފޯން ކޯލެއްގައި. ރާއްޖޭގެ ސަޕޯޓް ޔޫ.އޭ.އީ. އަށް އޮތް ކަމަށް ދެންނެވިން. އީރާނުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، މީހުންވެސް މަރުވޭ އެބަ. އިމާރާތްތަކަށްވެސް ގެއްލުންވޭ އެބަ. މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން ދިވެހި ރައްޔިތުން އެ ބޭފުޅުންނާ އެކުގައި ތިބިކަން ދަންނަވާފައި ވާނެ. ދެން މިއަދު އިރާދަކުރެއްވިއްޔާ ޕްރެސް ކޮންފަރެންސަށްފަހު، މެންދުރު އަދި މެންދުރުފަހު އެބައޮތް އިތުރު ފޯނުކޯލްތައް. ސަޢޫދީ ކްރައުން ޕްރިންސް އަދި ޤަތަރުގެ އަމީރު އަދި ބަޙްރައިންގެ ރައީސް އަދި އޮމާންގެ ފޯނުކޯލްވެސް އިރާދަކުރެއްވިއްޔާ އެބައޮތް މެންދުރުފަހު. އަޅުގަނޑު މި ސޭމް މެސެޖް ދޭނަން، ރާއްޖޭގެ ރައްޔިތުން ތިބީ، މި ކުރިއަށްދާ ވަރަށް ނުރައްކާތެރި ހަނގުރާމައިގައި، ދިވެހި ރައްޔިތުން ތިބީ އެ ހުރިހާ ޤައުމުތަކުގެ ރައްޔިތުންނާ އެކުގައިކަން އަޅުގަނޑުމެން ދަންނަވައި ދިނުމުގެ ގޮތުން، އަޅުގަނޑުމެން އެކަން ބަޔާންކުރުމުގެ ގޮތުން. އެ ގާތް ގުޅުން އިރާދަކުރެއްވީތީ މިދަނީ ހަމަ އެސްޓެބްލިޝް ކުރަމުން، ނޫނިއްޔާ އިތުރަށް ހަރުދަނާ ކުރަމުން.
މިއީ ވަރަށް ނުރައްކާތެރި ގޮތެއްގައި ހިނގަމުންދާ ކަމެއް. ރާއްޖެއަށް އޭގެ އަސަރު މި ކުރަނީ، ރާއްޖެއަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް އަދި ކާބޯތަކެއްޗަށް، ތެލަށް މެދުއިރުމައްޗަށް ޑިޕެންޑްވެފައި އޮތް ތަނަކަށްވާތީވެ. އެހެންވީމާ، ރާއްޖެއިން، ރާއްޖޭގެ މަޞްލަޙަތު ހިމާޔަތްކުރުމުގެ ގޮތުންވެސް ވަރަށް ގިނަ މަސައްކަތްތައް މިގޮތުން މިގެންދަނީ ކުރަމުން. އާދެ، އެހެންވީމާ، އެއީ އެ ހަނގުރާމައާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ.
ދެން އިތުރު ކަމެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލާނަން، ސުކޫކާ ބެހޭގޮތުން އަޕްޑޭޓެއް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ވަރަށް ތަފުސީލުކޮށް ސުކޫކުގެ ވާހަކަ ދަންނަވާލިން. ސުކޫކު ޕޭމަންޓް ކަންތައް ގެންދިޔުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި، މިހާރު ރާއްޖޭގެ ރިޒަރވްގައި ފައިސާ ހުރި އަދަދާއި، ދެން މި ހުރިހާ މަޢުލޫމާތެއް ވަރަށް ތަފުސީލުކޮށް އަޅުގަނޑު ރިޔާސީ ބަޔާނުގައި ދިނިން. ދެން އެ މަޢުލޫމާތުތައް ރިޕީޓެއް ނުކުރާނަން. އެ ވާހަކަތަކެއް ރިޕީޓެއް ނުކުރާނަން. އެހެންނަމަވެސް، ކުރުގޮތަކަށް ދަންނަވާލަންޏާ، މިއަދު ސުކޫކު ޕޭ ކުރަން ޖެހުނަސް، ޕޭ ކުރެވޭވަރަށް ފައިސާ އެބަހުރި. މިއަދު މިހާރު ޕޭކުރަން ޖެހުނަސް، ޕޭ ކުރެވޭވަރަށް ފައިސާ އެބަހުރި. އާދެ، 500 މިލިއަން ޑޮލަރުގެ ސުކޫކު، 8 އެޕްރީލް 2026ގައި ދައްކަން ސަރުކާރުން ވާނީ ނިންމާފައި. އެއީ ދައްކަންޖެހޭ ދުވަސް، 8 އެޕްރީލް 2026. ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެން އަތުގައި ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ. 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާފައި ބާކީވެސް، އެހެންވީމާ، 150 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުންނާނެ. މި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ތެރެއިން، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް "އެސް.ޑީ.އެފް."ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރުވެސް އެބަހުރި، ރޭގެ ނިޔަލަށް.
ރޭގެ ނިޔަލަށް، 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ރައްކާކޮށްފިން. އަދި ޔޫޒަބަލް ރިޒަރވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ އެބަހުރި. އެހެންވީމާ، ޖުމްލަ 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މިހާރުވެސް އެބަހުރި އަޅުގަނޑުމެން އަތުގައި ރައްކާކޮށްފައި. މި ދެންނެވިހެން، 8 އެޕްރީލް އެއީ މި ފައިސާ ދައްކާ ދުވަސް. އެ ދުވަހަށް އިރާދަކުރެއްވީތީ މިއޮތީ ތައްޔާރުވެފައި. އަޅުގަނޑުމެންގެ ގްރޮސް ރިޒަރވް، ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ގްރޮސް ރިޒަރވް މައްޗަށް ނުދާވަރަށް މިވަނީ ގެންދެވިފައި. 1.27 ބިލިއަން ޑޮލަރު އެބަހުރި. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި އަދަދުވެސް އެއީ ރެކޯޑެއް. އަދި ރެކޯޑަށްވުރެ މައްޗަށް މިހާރު ރިޒަރވް މައްޗަށް ގޮސްފައި މިވަނީ. ދެން މި ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް މި ދިމާވެގެން އުޅޭ، މެދުއިރުމަތީގައި އުޅޭ ކަންތަކާ ގުޅިގެން އަންނަ އިމްޕެކްޓް މެނޭޖް ކުރުމަށްޓަކައިވެސް ވަރަށް ބޮޑު ލުޔަކަށްވޭ. އަދި މި އަހަރުގެ އެކި ކަންކަމަށް، އިތުރަށް ފައިސާ ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކާ ގުޅިގެން، ކަމާބެހޭ އެކިފަރާތްތަކާ އެކީގައި ވަރަށް ކާމިޔާބު ޑިސްކަޝަންސްތައް، މުޢާމަލާތްތައް އެބަ ކުރިއަށްދޭ. އެ މުޢާމަލާތްތައް ގާތްގަނޑަކަށް ނެގޯޝިއޭޝަންސްތައް ކޮންކްލޫޑް ކުރެވޭ ހިސާބަށް ވަނި ގޮސްފައި. އެހެންވީމާ، އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް، ބޭރުގެ މި ދަރަނި ދެއްކުމުގައި. ހަމަ އެއްވެސްވަރެއްގެ ކަންބޮޑުވުމެއް ނެތް. މިއަދު ދައްކަން ޖެހުނަސް، ދެއްކޭވަރަށް ފައިސާ އެބަހުރި. އެހެންވީމާ، އެކަންތައްވެސް މިއޮތީ މިގޮތަށް.
އަޅުގަނޑުމެންގެ އިޤްތިޞާދު މި މެނޭޖް ކުރަމުން، ކަންކަން ކުރަމުން މިދަނީ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދައްކަން ހުރި ދަރަނި ދެއްކޭގޮތަށް. ރާއްޖޭގެ އެތެރޭގައި އެކިއެކި ފަރާތްތަކަށް ދޭންހުރި ފައިސާވެސް ދެމުން. ކުރިއަށް އޮތް ހަފުތާއަކީވެސް މިގޮތުން، ކުދި ވިޔަފާރިތަކަށް، ރާއްޖޭގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކުން، ނޫނީ ކުންފުނިތަކުން، ސަރުކާރުން ކޮށްފައި އޮތް މަސައްކަތްތަކަށް ދޭންހުރި ފައިސާގެ ތެރެއިން، މަދުވެގެން 200 މިލިއަން ރުފިޔާ ދޭނެ ހަފުތާއެއް. ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް އަދަދެއް އެބަ ދެން. އަޅުގަނޑުމެން އިސްކަން މިދެނީ ކުދި އެމައުންޓްސްތަކުން ޕޭ ކުރެވެން ހުރި ވިންޑޯސްތަކަށް. މި އަންނަ ހަފުތާގައި އަޅުގަނޑުމެން ދޭނީ، އެއް މިލިއަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ބިލްތަކަށް. މި އަންނަ ހަފުތާގައި އެކަނި 200 އެއްހާ މިލިއަން ރުފިޔާ، މި ދެންނެވީ ސަރުކާރުގެ މަސައްކަތް ނަގައިގެން މަސައްކަތް ކޮށްފައި، ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ޕޭމަންޓްސްތައް ކޮންޓިނުއަސްލީ މިދަނީ ދެމުންނޭ. މިއަންނަ ހަފުތާގައި އެކަނިވެސް 200 މިލިއަން ދޭނަމޭ. އެހެންވީމާ، އެގޮތަށް، އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދެމުން އަޅުގަނޑު މި ގެންދަނީ.
ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން މާރުކުރާ އަދަދުވެސް އަޅުގަނޑު ރިޔާސީ ބަޔާނުގައި ބަޔާންކުރިން. އެއަށްފަހު، އޭގެފަހުން މި އަހަރު ތެރޭގައި، މިދިޔަ މަހުގެ ނިޔަލަށް، 116 މިލިއަން ޑޮލަރު މާރުކޮށްފައިވޭ. މި އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް 116 މިލިއަން ޑޮލަރު މާރުކޮށްފައި ވަނީ. އެހެންވީމާ، އިޤްތިޞާދީ ކަންތައްތައް ވަރަށް ރަނގަޅަށް އޮތީ. އެއްވެސްވަރެއްގެ ކަންބޮޑުވާ ކަންކަމެއް ނެތް. ވަރަށް ވަރުގަދަ އިޤްތިޞާދެއް އޮތީ. ވަރަށް ފުޅާވަމުންދާ އިޤްތިޞާދެއް އޮތީ. ވަރަށް ބާރަށް، ފުޅާވެ، ކުރިއަރަމުންދާ އިޤްތިޞާދެއް އޮތީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު، ކުރިއަށް އޮތް ތާނގައި އިތުރަށް ރަނގަޅުވާނެ. އެހެންވީމާ، އެއީ، އެ ކަންތައްތައް އޮތް ހިސާބަކީ.
އާދެ، މި ދެ ކަންތައް އަޅުގަނޑު ދަންނަވާލާފައި، މިހާރު މި ޕްރެސް ކޮންފަރެންސް ގެންދިޔުމަށް ކަނޑައެޅިފައި އޮތް އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ އުސޫލާ އެއްގޮތަށް، ކުރިއަށް ގެންދިޔުމަށްޓަކައި، ނަންބަރު ތަރުތީބު ނެގިފައިވާ ގޮތަށް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭނަން. ފުރަތަމަ އެއް ނަންބަރު ޖެހިފައި ވަނީ އަދަދު ނޫހަށް.
މުޙައްމަދު ޝަހުޒާން - އަދަދު:
އަޅުގަނޑު ޝަހުޒާން، އަދަދު ނޫހުން. ދެން މިއަދުގެ އުސޫލު ތި ވިދާޅުވީ ގެޒެޓްކޮށްފައި އޮންނާނެ ކަމަށް. އޭގައި އޮތީ ފުރަތަމަ ބުރުގައި ދެ ސުވާލު ކުރެވޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑު ސުވާލެއް ނުކުރާނަން. މި އަޅުގަނޑުގެ ކަންބޮޑުވުމެއްގެ ގޮތުގައި ޙިއްޞާކުރާނަން. އެއީ، މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަޅުގަނޑުމެން، އެ ދުވަހުގެ ހާޒިރުވި ނޫސްވެރިންނަށް މަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއް، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން، ފިނޭންސް މިނިސްޓަރަށް އަންގަވާނެ ކަމަށް އަދި ސިޔާސި މުވައްޒަފުންނަށް ކުރާ ޚަރަދު. ނޫސްވެރިންނަށް އެ މަޢުލޫމާތު ދެއްވަން ފިނޭންސް މިނިސްޓަރަށް އަންގަވާނެ ކަމަށް. އޭގެފަހުން ރައީސް އޮފީހުން ވަނީ، ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ކަމަށް ބުނެ، 922، އެއީ އަދަދު ކަމަށް ބުނެ މަޢުލޫމާތެއް ޙިއްޞާކޮށްފައި. އެހެންނަމަވެސް، އޭގައި ޖުމްލަ ހުރިހާ ސިޔާސީ މުވައްޒަފުންގެ އަދަދު ނުހިމެނޭތީވެ، އާރު.ޓީ.އައި. މެދުވެރިކޮށް އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް މަނިކުފާނު ވިދާޅުވިގޮތަށް އެ މަޢުލޫމާތު ހޯދަން ހުށަހެޅީމު. އެހެންނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރު އަމުރު ކުރުމުންވެސް، އެ މަޢުލޫމާތު އަޅުގަނޑުމެންނަށް ދީފައެއްނުވޭ. ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެ މަޢުލޫމާތު ނޭނގޭ ކަމަށް. އެހެންވީމާ، އެ ސުވާލު ތަކުރާރުކުރާކަށް އަޅުގަނޑު ނެތިން. މަނިކުފާނު އަޅުގަނޑުމެންނަށް ވެވަޑައިގެންފައި އޮތް ވަޢުދެއްވީމާ. ސިޔާސީ މުވައްޒަފުންގެ އަދަދު އަދިވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އަދި ޚަރަދު ކުރާވަރުވެސް އަޅުގަނޑުމެންނަކަށް ނޭނގެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ވިދާޅުވި ފަދައިން، ރައީސް އޮފީހުން އެ އަދަދު ވާނީ މިއަދު އަޅުގަނޑު އިޢުލާނުކޮށްފައި. ދެން އެއަށްފަހު ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލުވެސް އަޅުގަނޑުމެން ފަހުން، ކުރިއަށްއޮތްތާނގައި ހާމަކުރާނަން.
މުޙައްމަދު ޝަހުޒާން - އަދަދު:
ރައީސް އޭގައި ހުރިހާ ސިޔާސީ މަގާމެއް ނެތް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޑިސްކަޝަން ގެންދެވޭ ގޮތަކަށް ނޫން އޮންނާނީ އިނގޭތޯ. އެހެންވީމާ، ސުވާލެއް އޮތިއްޔާ ކުރައްވާ. އޭރުން ދެން ތިއްބެވި ބޭފުޅުންނަށްވެސް ފުރުޞަތު ލިބޭނީ.
މުޙައްމަދު ޝަހުޒާން - އަދަދު:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް ޝަރުޠުކޮށް، ނުވަތަ ވަކި ކަމެއް ނުކުރުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި، ސީދާގޮތުންވިޔަސް އަދި ނުސީދާގޮތުންވިޔަސް މަންފާއެއް ލިއްބައިދިނުމާއި، ހުށަހެޅުމާއި، މަންފާއެއް ލިއްބައިދިނުމަށް ނުވަތަ ހުށަހެޅުމަށް ވަޢުދުވުމަކީ ރިޝްވަތު ދިނުން ކަމަށް. އަދި އެފަދަ ޢަމަލެއް ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށް. އާދެ، 17 ފެބުރުވަރީ 2026 ގައި، ސިނަމާލެ އަދި މާލެހިޔާ ރައްޔިތުންނާއެކު، މަނިކުފާނު ބޭއްވެވި ބައްދަލުވުމުގައި، މަނިކުފާނުގެ އަރިހުގައި ޕީ.އެން.ސީ.އިން މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް އަދި ހަމަ މިހާރުގެ ޑެޕިއުޓީ މޭޔަރު ޢަރީޝް އިންނަވަނިކޮށް، މަނިކުފާނު ވަނީ ވަޢުދެއް ވެވަޑައިގެންފައި. ޖުމްލަ 16 މިލިއަން ރުފިޔާ، އެ ރައްޔިތުންނަށް ދިނުމަށް. ޤާނޫނުލްޢުޤޫބާތުގެ މި ބުނާ އެ ދެ ޝަރުޠު، އެ ބައްދަލުވުމުގައި ހަމަވާކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރޭ. އަދި އެކަމަށް އެގޮތަށް އެ ބޭފުޅުން ދެކޭކަން ހާމަކޮށްފައިވެސް އެބަވޭ. މަނިކުފާނު ގަބޫލެއް ނުކުރައްވަންތޯ، އެއީ ރިޝްވަތު ދިނުން ކަމަށް؟ އިންތިޚާބެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި، މަނިކުފާނު ވަޢުދެއް ވެވަޑައިގެންފައި އޮތީ، އެ ދެ ފްލެޓުތައް ލިބިފައި ތިބި މީހުންނަށް، އެ ފްލެޓުތައް ތަޅާލާފައި، އާ ފްލެޓުތަކެއް އަޅުއްވައިދެއްވާނެ ކަމަށް. އެކަން ނުކުރެއްވި އޮއްވައި، އިންތިޚާބެއް ބޯމަތިވުމާއެކުގައި، 16 މިލިއަން ރުފިޔާ އެ ބޭފުޅުންނަށް ދެއްވުމަކީ، ރިޝްވަތެއް ގޮތުގައި މަނިކުފާނު ގަބޫލުފުޅު ނުކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ އެއްވެސްވަރަކަށް ރިޝްވަތެއް ނޫން އެއީކީ. މިއިން މި ފާހަގަވަނީ ތިޔަބޭފުޅުންގެ މަޢުލޫމާތެއް ނެތްވަރު އިނގޭތޯ. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް އޮންނާނެ ކަމެއް މިއީ. މެނިފެސްޓޯގައިވެސް އަދި އެއާ ގުޅިގެން ރިޔާސީ އިންތިޚާބުގައި އެކިއެކި ކެމްޕެއިންގެ ދުވަސްވަރުވެސް އޮންނާނީ އެ ވާހަކަ ދައްކާފައި. އެހެންވީމާ، މަޢުލޫމާތު ރަނގަޅަށް ފުރިހަމަކުރައްވައިގެން ވަޑައިގެން ސުވާލު ކުރެއްވީމާ، އަޅުގަނޑު ހިތުން ފަސޭހަވާނެ. އޮންނާނެ އަޅުގަނޑު ބަޔާންކޮށްފައި، ސިނަމާލެ، މާލެހިޔާ ފްލެޓްތަކަކީ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ފްލެޓްތަކެއް. 1990 ގައި ފުރަތަމަ ސިނަމާލެ 1 ހުޅުވީވެސް. އޭގެފަހުން މިވީހާ ދުވަހެއް މިވީ ސިނަމާލެ 3،2،1 ދެން މާލެހިޔާ 2،1 ދެން ވިލިމާލޭގައި ހުންނާނެ ސިނަމާލެ 4. މި ތަންތަން މަރާމާތެއް ނުކުރޭ. ކުޑަކުޑަ ކަމެއް ނުކުރާ ވާހަކައެއް ނޫން.
އެހެންނަމަވެސް، މިތަންތަން ހުރީ، މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ވަޢުދުވީ. އެކިއެކި ޕޯޑިއަމްތަކުގައި ހުންނާނެ. އަޅުގަނޑު މިވަރު ބޮޑު ފޮތެއް ނެރެފައި، ފޮތް ބައްލަވާ. ފޮތް ބަލައިލަން ވަގުތުނެތީ ކަމަށް ވެދާނެ. އޭގައި އޮންނާނެ
އެ ވާހަކަ އިނގޭތޯ. އެހެންވީމާ، ތިޔަ ވިދާޅުވި ބައްދަލުވުމަކު ނޫން އަޅުގަނޑު އެ ވާހަކަ ދެއްކީކީވެސް. މި އަހަރުގެ ޖަނަވަރީ ތެރޭގައި. އަޅުގަނޑު އަތުގައި ނޯޓް ކޮށްލެވިފައެއް ނެތް. މި އަހަރުގެ ކުރީކޮޅު ކެބިނެޓް ނިންމުން އޮންނާނެ، އަދި އޭގެ ކުރިންވެސް އޮންނާނެ، އެކަމާ ބެހޭގޮތުން ކެބިނެޓުގައި މަޝްވަރާ ކުރެވިފައިވެސް. ތަންފީޒުކުރުމުގެ މަސައްކަތްތަކެއްވެސް ކުރެވިފައި. އޭގެ ކުރިން ނުވީ، ސިޓީ ކައުންސިލް ތެރެއިން އެއްބާރުލުން ނުލިބިގެން. ޖޫރިމަނާތައް މާފުކުރުން މައިގަނޑު ގޮތެއްގައި އެއް ވަޢުދަކީ. ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތްތަކަށް، މުޅި ރާއްޖޭގެ ހުރިހާ ދިމާއެއްގައި، އަޅުގަނޑުގެ ރިޔާސީ އިންތިޚާބުގެ ވަޢުދެއް އެއީ މާފުކޮށްދޭނަމޭ. އެގޮތުން، 2024ގެ ކުރީކޮޅޭ ހަނދާންވަނީ، ކެބިނެޓުގައި ނިންމާފައި އޮންނާނެ، އަދި ތަންފީޒުކުރަންވެސް ކަމާބެހޭ ކައުންސިލްތަކަށް ފޮނުވާފައި އޮންނާނީ، ރާއްޖޭގެ ރަށްރަށުގައި، ހުޅުމާލެއާއި، ސިނަމާލެ، މާލޭހިޔާ ފްލެޓްތަކާއި، މި ހުރިހާ ތަނެއްގައި ހުރި ސޯޝަލް ހައުސިންގތަކުގައި އަރާފައި ހުރި ހުރިހާ ޖޫރިމަނާއެއް މާފުކުރަން. އެހެންވީމާ، އެއީކީ އިހަކަށް ދުވަހު އަޅުގަނޑު ނިންމި ނިންމުމެއް ނޫން އިނގޭތޯ. އެހެންވީމާ، އެކަން އެގޮތަށް އޮތީ.
އެތަންތަނަށް ތިޔަބޭފުޅުން ވަޑައިގެން ބައްލަވައިލެއްވީމަ ފާހަގަވާނެ، މިތަންތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން، ވަރަށް ހާލުގައި ހުރީ. ހަމަ ޝީޓުތައް ފަޅަފަޅައިގެން ގޮސްގެން، މީހުންގެ ބޮލަށް ޝީޓުން ތަންތަންވެސް ވެއްޓެނީ. ފެންވެސް ލީކްވަނީ. ފާޚާނާތައްވެސް ހަލާކުވެފައި. ދެން ވަރަށް ގިނަ މައްސަލަ އެބަހުރި. އެކަމަކު އިންސާނުން ދިރިއުޅޭ ތަންތަން މިއީ. އެ މީހުންގެ ބައެއް ފަރާތްތަކުން އޯންވެސް ކޮށްފައި އެހެރީ މިހާރު. ފައިސާ ދައްކާ ނިންމައި، މިލްކުވެސް ކޮށްފައި ހުރި ތަންތަން އެއީ. އެ މީހުންގެ އަމިއްލަ ޕްރޮޕަޓީ އެއީ. އެހެންވީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި މި ވަޢުދުވި ގޮތަށް، އާ އިމާރާތެއް އަޅާފައި، އެފަރާތްތައް ބަދަލުކުރުމުގެ ކަންތައް ގެންދެވެންދެންވެސް އެ މީހުން އުޅެންޖެހޭ އެބަ ދޮގެއްތޯ. އެހެންވީމާ، އުޅެވޭނީ ކޮންމެވެސް ކަމެއް ކޮށްގެން. ސިޓީ ކައުންސިލުން އެ މަރާމާތެއް ނުކުރޭ. މިދިޔަ ދެ އަހަރެއްހާ ދުވަހު. އެހެންވީމާ، އަޅުގަނޑުމެން ކެބިނެޓުގައި މަޝްވަރާކޮށްފައި ނިންމީ، އެ ތަންތަން މަރާމާތުކުރުމަށްޓަކައި، އެތަންތަނުގެ އޯނަރޒުންނަށް ސަރުކާރުން އެހީއެއް ދޭނީއޭ. އެއީ އެތާ އުޅޭކަމަށްވަންޏާ މަރާމާތުކުރެވޭނެ ގޮތްތަކެއްވާންޖެހޭ. މަރާމާތުކުރުމަށްޓަކައި، ކޮންމެ ފްލެޓަކަށް ފައިސާ ދެނީ. އެތަން މަރާމާތުކުރުމަށް. އެ ތަނަކީ މި ދެންނެވި 6 ފްލެޓް. 6 ފްލެޓުގެ ތެރެއިން ބައެއް ތަންތަން ވަރަށް ހާލުގައި ހުރީ. ވަރަށް ހާލުގައި. ތިޔަބޭފުޅުން ވަޑައިގެން ބައްލަވައިލެއްވީމަ ފެނިވަޑައިގަންނަވާނެ، ހަމަ ކޮލަމްތައްވެސް ފަޅަފަޅައިގެން ގޮސްފައި ހުންނާނީ. ހަމަ ގާތްގަނޑަކަށް އިންޗިއެއްވަރުގެ ބޯމިނުގެ ރެނދުތައްވެސް ހުންނާނެ ލާފައި. އެހެންވީމާ، ވަރަށް ހާލުގައި ހުރި ތަނެއްވީމާ، ޙަޤީޤަތުގައި ދިރިއުޅެންވެސް ނުރައްކާވާ ފްލެޓުތައް ހުރެދާނެ އެތާނގައި. އެހެންވީމާ، އެ ތަންތަން ކޮންމެވެސްވަރަކަށް މަރާމާތުކުރުން، މުޅި ސަރުކާރުގެ ސޯޝަލް ހައުސިންގ ސިޔާސަތުގައި އޮންނާނެ ކަމެއް އެއީ، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ފުރުޞަތު ދިނުން. އެހެންވީމާ، އެ ސިޔާސަތުގެ ދަށުން ޖޫރިމަނާ މާފުކުރުމާއި، ތަންތަން މަރާމާތުކުރުމަށްޓަކައި އަޅުގަނޑުމެން މި ފުރުޞަތު ދިނީ. އެއީ ސަރުކާރެއްގެ ވިއްޔާ ޒިންމާއެއް އޮންނާނެ. ރައްޔިތުން ބިކަހާލުގައި ޖައްސައިގެން އުޅުމަކީ، ސަރުކާރަކުން ކޮށްގެން ވާނެ ކަމެއްނޫން. އެއީކީ އެއްވެސް ހާލަތެއްގައި ރިޝްވަތެއް ނޫން. އެ 6 ފްލެޓުގެ މީހުން ސިނަމާލެ 3،2،1 އަދި ސިނަމާލެ 4 ވިލިމާލޭގައި ހުރި ތަންތަނުގެ މީހުން އެ ހާލުގައި އެ އުޅެނީ. އެހެންވީމާ، އެތަންވެސް ލައިގެން. އެތަންވެސް ކޮންމެވެސްވަރަކަށް މަރާމާތުކުރަންޖެހޭ. މާލެހިޔާ 2،1 މި 6 ފްލެޓް. މި 6 ފްލެޓުގައި އުޅޭ މީހުންނަށް މިކަން ދިމާވެގެން މިއުޅެނީ. ދެން އެ މީހުންނަށް އެ ހާލު ދިމާވީމާ، އެ މީހުންނަށް އަޅައިނުލާ ބޭއްވުން އެއީ ކިހާބޮޑު އިހުމާލެއްތޯ އަޅުގަނޑުގެ. އަޅުގަނޑު މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގައި. އަޅުގަނޑުގެ ޒިންމާ އަދާކުރަން. އެހެންވީމާ، އަޅުގަނޑުގެ ޒިންމާ މި އަދާކުރަނީ. އަޅުގަނޑުގެ ވަޢުދު މި ފުއްދަނީ. އެހެންވީމާ، އެއީ އެކަން އޮތްގޮތަކީ.
މުޙައްމަދު ޝަހުޒާން - އަދަދު:
އަޅުގަނޑު އެ ސުވާލު މިކުރީ އިންތިޚާބަކާ ދިމާކޮށް، އެކަން މަނިކުފާނު ކުރެއްވީމާ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެބައޮތް ބަޔާނެއް ނެރެފައި 12 ޖަނަވަރީގައި. އެ ބަޔާނުގައި އެބައޮތް ބުނެފައި، އިންތިޚާބަކާ ދިމާކޮށް އެއްވެސް ބާވަތެއްގެ މަންފާއެއް، އެއްވެސް ކަމެއް ހިންގާ މީހުން އެ ދެނީ ރިޝްވަތޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝަހުޒާން، އަޅުގަނޑުގެ ސުވާލެއް އެބައޮތް އިނގޭތޯ. "އިންތިޚާބަކާ ދިމާކޮށް" ތި ޓަރމިނޮލޮޖީ ތި ބޭނުންކުރަން ފަށާނީ ކިހާ ހިސާބަކުންތޯ ނިންމަން އެބެޖެހޭނު. އިންތިޚާބަކާ ދިމާކޮށް، އިންތިޚާބު އަންނާނެ ދޭތެރެ ދޭތެރެއިން. އެހެންވީމާ، ކިހާ ހިސާބަކުންތޯ އިންތިޚާބާ ދިމާކުރާނީ. މިހާރު އަޅުގަނޑުގެ ގޮތެއްނޫނޭ އިންތިޚާބާ ދިމާކުރުމަކީ. އަޅުގަނޑު އިންތިޚާބާ ދިމާކުރަންޏާ، ރަށްރަށަށްވެސް ދާނީ އިންތިޚާބާ ދިމާކޮށް ނޫންތޯ. ތި ވިދާޅުވާ ގޮތުންވިއްޔާ. ރަށްރަށަށް ގޮސް މީހުންނާ ބައްދަލުކުރީކީ އިންތިޚާބެއް އައިސްގެނެއް ނޫން. އެއިރަކު ދިމާވާ ކަމެއް ރަނގަޅުކުރަން އަޅުގަނޑު ލަސްނުކޮށް މަސައްކަތް ކުރާނީ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށްފައި، އެ ބައްދަލުވުމުގައި އެ ރައްޔިތުން އެ ވާހަކަ ދެއްކެވީ. ތިޔަބޭފުޅުން ލައިވްކޮށް ބެއްލެވި ބައްދަލުވުމެއް ދޮގެއްތޯ. އެ ހިސާބަށްވެސް އަޅުގަނޑު މި ދެންނެވިހެން ރިޔާސީ އިންތިޚާބުން ފެށިގެން އަޅުގަނޑު ވެފައި އޮތް ވަޢުދެއް ފުއްދުމަށް މަސައްކަތްކުރަމުންނޭ މިއައީ، ކައުންސިލް ތެރެއިން އެއްބާރުލުން ނުލިބޭތީ ލަސްވެފައޭ އޮތީ. އެ ބައްދަލުވުމުގައި އެ ވާހަކަ ނެންގެވީމާ، އިތުރު މަސައްކަތްތަކެއް، އިތުރު ގިޔަރަކަށް އަޅުގަނޑުމެން އެކަން ލީއޭ އިނގޭތޯ. އިތުރު ހިތްވަރެއްލީއޭ ސަރުކާރުން. ކައުންސިލުން މިކަމެއް ނުކުރިޔަސް، ސަރުކާރުން އެކަނިވިޔަސް ޑައިރެކްޓްލީ އެހީތެރިކަމެއް ދީގެންވިޔަސް ކުރަން ބޭނުންވެއޭ. އަޅުގަނޑުމެން ބޭނުމެއްނޫނޭ މި ސަރުކާރަކުން ރައްޔިތުން ބިކަ ހާލުގައި އުޅޭކަށް. އެ ބައްދަލުވުން އޮތީ ޑިސެންބަރު ހިސާބުގައި ދޮގެއްތޯ. ގަލޮޅު ބައްދަލުވުން. އެހެންވީމާ، ޖަނަވަރީ 5 ގައި ކެބިނެޓް ނިންމުން ނިންމީ. ލަހެއްނޫނެއްނު. ދެން އިންތިޚާބެއް. އެހެންވީމާ، އިންތިޚާބެއް އަންނަ ކަމަށްވަންޏާ ސަރުކާރު ހުއްޓާލައިގެން އެންމެން ގޭގައި ތިބެންވީ؟ އެއީކީވެސް ގޮތެއް ނޫނެއްނު. އާދެ. އެހެންވީމާ، ދެސުވާލު ހަމަވީ ނޫންތޯ.
މުޙައްމަދު ޝަހުޒާން - އަދަދު:
ނޫން. ނޫން. އަޅުގަނޑު އަދި ދެ ސުވާލެއް ނުއެއްކުރަން. އަޅުގަނޑު މި ބުނީ އަޅުގަނޑު އެ ސުވާލު ކުރި ސަބަބު. ދެންމެ އަނެއްކާވެސް ރައީސް އަޅުގަނޑާ ސުވާލުކުރީމާ އަޅުގަނޑު ހަމަ ޖަވާބެއްދީފައި ކުރިއަށްދާނަން. ތިވިދާޅުވީ އިންތިޚާބެއް ބޯމަތިވިކަމަށް ބަލާނީ ކިހާ ހިސާބަކުންތޯ؟ އަޅުގަނޑު ހިތުން އަޅުގަނޑު އެ ސުވާލުކުރަން މަޖުބޫރުވީ، މަނިކުފާނުގެ އަރިހުގައި ޕީ.އެން.ސީ.ގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި މިހާރުގެ ޑެޕިއުޓީ މޭޔަރު އިންނެވީމަ. އެއީ ކެމްޕެއިން ހަރަކާތެއްގައި މަނިކުފާނު އެ ވަޢުދުވެވަޑައިގެންނެވީމަ، އަޅުގަނޑު އެ ސުވާލުކުރީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތި މަޢުލޫމާތު ގޯސް. އަޅުގަނޑު ކުރިން މި ދަންނަވާލީ، މި ހުރިހާ ތަފުސީލެއް ދީފިން. މާކުރިން ނިންމާފައި ހުރި ނިންމުންތަކެއް ކަމާއި، ކެބިނެޓް ނިންމުމުގެ ޑޭޓްވެސް ދަންނަވައިފިން. ރިޔާސީ އިންތިޚާބުގައި ވީ ވަޢުދެއް ކަމަށްވެސް ދަންނަވައިފިން. އެ ބައްދަލުވުމަކީ، އެ ބައްދަލުވުމުގައި އަޅުގަނޑު ކުރިހާވެސް ކަމަކީ، އެ ހުރިހާ ކަމެއް އަޅުގަނޑު ރިޕީޓްކޮށްލަދިނީ. މިހިރަ ކަންކަން ހުރީ ނިންމާފައޭ. މިހިރަ ބައްދަލުވުންތަކުގައި މިކަންކަން ނިންމާފައި، ފިނޭންސާއި، ސިޓީ ކައުންސިލާ، މިތަންތަނަށް މި ނިންމުންތައް ނިންމާފައި ސިޓީތައް ފޮނުވާފައި ހުންނާނީ އަންގާފައޭ. ގަލޮޅު ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރި ކަންކަމާ ގުޅިގެން، މިކަންކަން ކޮށްފީމޭ. އިޓް ވޯޒް ޖަސްޓް ރިޕޯޓިންގ ޓު ދެމް. އާ ވަޢުދެއް ވިތަނެއް ނޫން އެއީކީއެއް. އެތާކު ނޯންނާނެ، އާ ކަމެއް ނިންމާފައެއްވެސް. މާކުރިން ނިންމި ނިންމުންތަކަކާއި، ކުރަމުންދާ ކަންކަމެއް، އެ ތަނުގައި އަޅުގަނޑު ޚުލާޞާ ކޮށްލާފައި ބަޔާންކޮށްލީ.
މުޙައްމަދު ޝަހުޒާން - އަދަދު:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަނިކުފާނުގެ ވަޢުދެއް، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަ ބެލުން އަދި އެމް.އެމް.ޕީ.އާރު.ސީ. ޚިޔާނާތުގައި ހިމެނޭ ހުރިހާ އެންމެންނާ މެދުގައި ފިޔަވަޅު އެޅުން. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭގެ މޭޔަރުކަމަށް، މަނިކުފާނުގެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަކީ، އެމް.އެމް.ޕީ.އާރު.ސީ.އިން އެއް މިލިއަން ރުފިޔާ، ނަގުދު ފައިސާގެ ގޮތުގައި ލިބުނު މީހެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤަށް އޮތީ ސާބިތުވެފައި. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރުގައި، މޫސާ ޢަލީ ޖަލީލަށް އެއް މިލިއަން ރުފިޔާ ލިބުނީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތުން. އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤަށް ވަނީ ސާބިތުވެފައި. މޫސާ ޢަލީ ޖަލީލަށް، އެ ފައިސާއަކީ އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ކަމަށް ބެލެވޭވަރަށް އެކަށީގެންވާ ސަބަބުތައް ހުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤުގައި ފާހަގަކޮށްފައިވޭ. ޖަލީލް ވަނީ އެ ފައިސާ، އެއް މިލިއަން ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައި. މި މައްސަލަ ދަޢުވާ ކޮށްދިނުމަށް އެދި އޭ.ސީ.ސީ. އިން 2023 ވަނަ އަހަރުގައި ޕީ.ޖީ. އަށް ފޮނުވާފައި ވަނީ. ޕީ.ޖީ.ގައި އެ މައްސަލަ މިހާރު މަޑުޖެހިފައި އޮތީ.
އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ކީއްވެގެންތޯއޭ، އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާގެ ތެރެއިން ކުށްކޮށްގެން ހޯދާފައިވާ ކަމަށް އެ ތަޙުޤީޤީ އިދާރާއަކުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާ ލިބުނު އަދި އެ ބޭނުންކުރި ބޭފުޅަކު މޭޔަރުކަމަށް ނެރުއްވައި، އެ ބޭފުޅާއަށް ތާއީދު ހޯއްދަވަން މަސައްކަތް ތި ކުރައްވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ކެންޑިޑޭޓުން ފޯމު ހުށަހަޅަނީ ޤާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދޮގެއްތޯ. އެ ޤާނޫނުގައި އޮންނަ ހަމަތަކަކީ، ކުށުގެ ރެކޯޑު ސާފުކުރާނެ. ކުށުގެ ރެކޯޑު ސާފުކޮށްފައި ހުށަހަޅައިގެން އިލެކްޝަން ކޮމިޝަނުން ބަލައިގަތީމަ، އެހިސާބުން ކެންޑިޑޭޓަކަށް ވަނީވެސް. އެހެންވީމާ، ޤާނޫނީ ހަމަތަކުގެ މަތިން އޮންނަ އިޖުރާތްތަކުގެ ތެރެއިން، ހަމަ ސިސްޓަމްގެ ތެރޭގައި އޮންނަ އުސޫލުތަކުގެ މަތިން ނޫނިއްޔާ ނޯންނާނެ އެއްވެސް ކެންޑިޑޭޓަކަށް، އަޅުގަނޑަކަށް ހިއެއްނުވޭ އިލެކްޝަން ކޮމިޝަނަކުން ގައިމުވެސް ކެންޑިޑެންސީ ދޭނެ ކަމަކަށެއް އިނގޭތޯ. އެއްވެސް ކަމެއް ގޯސްކޮށް އޮވެއްޖިއްޔާ އަޅުގަނޑަކަށް ހިއެއްނުވޭ، މިހާރު ކެންޑިޑެންސީ ލިބިފައި ހުރި އެކަކުވެސް އެއީ ކުށުގެ ރެކޯޑެއް އޮވެގެން މި ޝަރުޠު ހަމަނުވާ މީހަކު ހުންނާނެހެނެއް. ދެން އަނެއްކާ އަޅުގަނޑު ތި ޚަބަރު ލިބިގެން، ތިކަހަލަ ވާހަކައެއް ދައްކާތީ، އަޅުގަނޑު ބަލައިލިން، އެޓަރނީ ޖެނެރަލް ކައިރީ އަޅުގަނޑު އެހިން، ޗެކްކޮށްލަދޭށޭ ޕީ.ޖީ. އޮފީހުން. ޕީ.ޖީ. ގައި ނެތް އެކަހަލަ މައްސަލައެއް. އެހެންވީމާ، ތިވެސް ނުބައި މަޢުލޫމާތެއްނު. ތަންކޮޅެއް ރަނގަޅަށް މަޢުލޫމާތު ބައްލަވައިގެން ވަޑައިގަތިއްޔާ، އަޅުގަނޑު ހިތުން ސުވާލު އެކިއުރޭޓް ވާނީ. މިހާރު އޭ.ޖީ. ތުރޫކޮށް އަޅުގަނޑު ޗެކްކުރީމޭ. ޕީ.ޖީ. އޮފީހަކު ނެތޭ ވިދާޅުވީ މައްސަލައެއް. އެހެންނޫނަސް، އެއެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ ކުށުގެ ރެކޯޑު ސާފުނުކޮށް، ކުށެއް އޮތްކަމަށްވާ މީހަކު، ނޫނިއްޔާ ސާބިތުވާ މީހެއްގެ ރެކޯޑު އޮއްވައެއް، ކޮންމެގޮތެއްވިޔަސް ކެންޑިޑެންސީއެއް ނުލިބޭނެ. އެއީ ވަކި މީހަކަށް ވެގެން ވާގޮތެއް ނޫން. ދެން މި ސަރުކާރަކީ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވާނެ ސަރުކާރެއް ނޫން. އެއީ އޭގެ ޖަވާބު. އެހެންވީމާ، ދެވަނަ ފަރާތަށް ފުރުޞަތު ދިނުމަށް އިނގޭތޯ. މިހާރު ދެ ސުވާލު ކުރެވިއްޖެ. އެހެންވީމާ، ދެވަނަ ނަންބަރު އޮތީ ދައުރު މުޒައްޔިން.
މުޙައްމަދު ޝަހުޒާން - އަދަދު:
އާދެ، ރައީސް އެއީ ދޮގު މަޢުލޫމާތެއް ކަމަށް ވިދާޅުވީމާ، އެއީ ދޮގު މަޢުލޫމާތެއް ނޫން. ހަމަ އަޅުގަނޑުމެން ހުރިހާ ނޫސްވެރިން އެއްކޮށްފައި ހުރި މަޢުލޫމާތެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހަމަ އަޅުގަނޑުވެސް ދޮގު މަޢުލޫމާތެއް ނޫން މި ދެންނެވީ އިނގޭތޯ.
މުޙައްމަދު ޝަހުޒާން - އަދަދު:
އަޅުގަނޑު ނުބުނަން ރައީސް ދޮގު ހެއްދެވި ކަމަކަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ. އަޅުގަނޑުވެސް ނަހަދަން ދޮގެއް އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތެންކިޔޫ.
މުޙައްމަދު މުޒައްޔިން - ދައުރު:
ޝުކުރިއްޔާ ރައީސް. މިއީ މުޒައްޔިން. ދައުރު ނިއުސްގެ ފަރާތުން. ރައީސަށް ރަމަޟާން މުބާރަކް ކިޔަން.
އަޅުގަނޑު މި ސުވާލަށް ޖެހުމުގެ ކުރިން، ރައީސް އަޅުގަނޑުވެސް އެބައޮތް ކަންބޮޑުވުމެއް. މީގެ 8 މަސް ކުރިން، އެންމެފަހުން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޅުގަނޑު ރައީސަށް ދެންނެވި ސުވާލެއް އެއީ. އިންޑިއާގެ އެއްބަސްވުންތަކާ ގުޅޭގޮތުން. އެ ދުވަހު ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި، ކުރީ ސަރުކާރުން ހެދި އިންޑިއާގެ ސިއްރު ޢަސްކަރީ އެއްބަސްވުންތަކުގައި ހުރި މިނިވަންކަން ގެއްލޭގޮތަށް ހުރި، އިސްތިޤްލާލަށް އުނިކަން އަންނަންހުރި މާއްދާތައް އުނިކުރިކަމަށް. ރައީސްގެ ރިޔާސީ ވަޢުދެއް އެއީ، އޭރު އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މި ހެދި ސިއްރު އެއްބަސްވުންތަކުގައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަން އަންނަން ހުރި ކަމެއް ހުރެއްޖެނަމަ، އެކަންކަން ހާމަކުރާނެ ކަމަށް ރައްޔިތުންނަށް. އެ ދުވަހު ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި، ޕްރެސް ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހުވެސް، އަޅުގަނޑަށް އެ މަޢުލޫމާތު ދެވެން އޮތްނަމަ ދޭނެ ކަމަށް. އަދި މިއަދާ ހަމައަށް އަޅުގަނޑަށް އެ މަޢުލޫމާތު ލިބިފައެއް ނެތް. އެއީ ހަމަ ސިއްރު މަޢުލޫމާތެއްގެ ގޮތެއްގައިތޯ އޮތީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ތިއަށް އެއްޗެއް ދަންނަވާލިއްޔާ ވަރަށް ފަސޭހަވާނެ. ޤައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ އެއްވެސް ކަމެއް އޮތްނަމަ އަޅުގަނޑުމެން ހާމަކުރާނަން. އެހެންވީމާ، އެކަހަލަ ކަމެއް ނެތީމަ އަޅުގަނޑު ހާމަނުކުރަނީ. އެހެންވީމާ، ސުވާލަށް ވަޑައިގަންނަވާ.
މުޙައްމަދު މުޒައްޔިން - ދައުރު:
ރައީސް އެ ދުވަހު ވިދާޅުވީ، އެކަހަލަ ކަންކަން އެގްރިމެންޓުން އުނިކޮށްފައިވާ ކަމަށް. އެހެންވީމާ، މިހާރު މި ސަރުކާރުން ވެރިކަމަށް އައިސްފައި، އިންޑިއާ ސަރުކާރާ އެކީގައި އޭރު ހަދާފައި ހުރި މި އެއްބަސްވުންތައް އަލުން އިޞްލާޙުކޮށްފައިވާ ކަމަށް، އެ އެއްބަސްވުންތައް އުނިކޮށްފައި ވަނީ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކަށްވީ އެ ދުވަހު، ރައީސް ކޮބައިތޯއޭ އެ އުނިކުރި ކަންކަމަކީ، ކޮން އެއްބަސްވުމަކަށްތޯ މި ބަދަލު ގެނައީ؟ އެދުވަހު ރައީސް ވިދާޅުވި، އެ އެގްރިމެންޓަކީ ކޮބައިކަންވެސް ބުނެވޭކަށް ނެތޭ. އެކަން އޭ.ޖީ. އޮފީހާ މަޝްވަރާކުރައްވާފައި ފަހުން ވިދާޅުވާނަމޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އުނިކުރި. އުނިކޮށްފައި ހުރި އެއްޗެހި ހާމަކުރުމަކީ، ދެން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަކަށްވަންޏާ، މިހާރަކު ނުހުންނާނޭ، ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް އެ އެއްބަސްވުމަކު. އޭރުގައި ހުރި. އެ ބަދަލުތައް ގެނެސް، މިހާރު އޮތް އެއްބަސްވުމަކު ނޯންނާނޭ، ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް. އެހެންވީމާ، އެ އުނިކުރި ކަންކަމަކީ ކޮބައިކަން، ޤައުމީ ސަލާމަތަށް ނުރައްކާވަންޏާ ހާމައެއް ނުކުރެވޭނެ.
މުޙައްމަދު މުޒައްޔިން - ދައުރު:
އެކަމަކު ރައީސްގެ ވަޢުދެއް ނޫންތޯ އެއީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން އެ އެއްބަސްވުންތަކުގައި ހުރިއްޔާ ހާމަކުރާނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އުނިކޮށްފީމޭ.
މުޙައްމަދު މުޒައްޔިން - ދައުރު:
އެކަމަކު ރައީސްގެ ރިޔާސީ ވަޢުދެއް ނޫންތޯ އެއީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފަސޭހަކޮށްލަދޭނަން. މިހާރު ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އަޅުގަނޑުމެން ތިކަމާ މަޝްވަރާކުރިން އިނގޭތޯ. މަޝްވަރާކޮށްފައި، އެ މަޢުލޫމާތުތައް އަޅުގަނޑުމެން އެހެރީ ވިތްހޯލްޑް ކޮށްލާފައި.
މުޙައްމަދު މުޒައްޔިން - ދައުރު:
އެހެންވީމާ، ރައީސްގެ ވަޢުދެއް ނުފުއްދެވެއެއް ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަޢުދު ފުއްދޭނެ އަދިވެސް. އަޅުގަނޑު ނުދަންނަވަމެއް ނޫންތޯ އަދި ހާމައެއް ނުކުރާނަމެކޭ. މިވަގުތަށް އަދި ހޯލްޑް ކޮށްލާފައި ހުރީ. ޓައިމިންގ މުހިންމުވާނެ ދޮގެއްތޯ.
މުޙައްމަދު މުޒައްޔިން - ދައުރު:
ފަހުން ހާމަކުރައްވާނަންތޯ؟ އެ ވަޢުދު ފުއްދަވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހަމަ ވަޢުދު ފުއްދާ މީހެއް. މިހާތަނަށްވެސް ފުއްދަމުން މިއައީ. މިހާރު ކިތައް ސުވާލު ތި ކުރެއްވީ؟
މުޙައްމަދު މުޒައްޔިން - ދައުރު:
އެ އެނިކުރި ބައިތައް ހާމަކުރައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސުވާލަށް ވަޑައިގަންނަވާ. ގަޑިން 10:31. އަޅުގަނޑު ބަރާބަރު 11 ޖަހާއިރު ހުއްޓާލާނަން.
މުޙައްމަދު މުޒައްޔިން - ދައުރު:
އޯ.ކޭ. ވަރަށް ކުރުކޮށްލާނަން. ދެންމެ ރައީސް ސުވާލަށް ހުޅުވައިލުމުގެ ކުރިން ވިދާޅުވި، އީރާނުން ދޭ ޙަމަލާތައް ކުށްވެރިކުރާ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އީރާން އެކަންޏެއްނޫން. އެމެރިކާއިންވެސް، އީރާނުންވެސް، އިޒްރޭލުންވެސް. އެ ތިން ޤައުމުން އެ ދޭ ހުރިހާ ޙަމަލާއެއް، ދިވެހި ސަރުކާރުން ކުށްވެރިކުރަން.
މުޙައްމަދު މުޒައްޔިން - ދައުރު:
އީރާނުން ދޭ ޙަމަލާތައް ކުށްވެރިކުރާ ކަމަށް ޔޫ.އޭ.އީ.ގެ ރައީސަށް ގުޅުއްވާފައި ވިދާޅުވި ކަމަށް. އީރާނުން ޙަމަލާ ދިނުމުގެ ކުރިން، ރައީސް، އީރާނަށް އިސްވެ ޙަމަލާ ދިނީ ފަލަސްޠީނުގައި ގަތުލުއާންމު ހިނގަމުންގެންދާ އިޒްރޭލާއި ޔޫ.އެސް. ބައިވެރިވެގެން. އެ މީހުން ގުޅިގެން. އެ ޙަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރ ވަނީ އަވަހާރަވެފައި. އަދި މިހާތަނަށް އައިއިރުވެސް، ސަރުކާރުން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ. ދިވެހި ސަރުކާރުގެ ދިދަވެސް ތިރިއެއްނުކުރޭ. މީގެ ކުރިން ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިން އަވަހާރަވުމާ ގުޅިގެން އެބަހުރި، ހިތާމައިގައި ތިން ދުވަސް ބަންދުކޮށްފައި، ނޫނީ ދިދަ ތިރިކޮށްފައި. މިހާތަނަށް އައިއިރު ސަރުކާރުން މިއޮތީ ހިމޭނުން. ހިމޭނުން އޮތުމަކީ ސަރުކާރުން މި ހަނގުރާމައިގައި އިޒްރޭލާއި އެމެރިކާގެ ފަޅި އިޚްތިޔާރުކުރުންތޯ؟ ކީއްވެގެންތޯ މިހާތަނަށް އައިއިރު، ސަރުކާރުން އެގޮތަށް އެއްޗެއް ނުބުނެ މިއޮތީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފު ނޫންތޯ. އަޅުގަނޑުމެން ނެރުނު ބަޔާނުގައިވެސް އެއޮތީ މި ޙަމަލާ ދެނީ ތިން ފަރާތުންނޭ. އެހެންވީމާ، އަޅުގަނޑު މިއޮތީ ހުރިހާ ފަރާތްތަކުން އެކުރާ ކަންތައް އެއީ ހަމަ ސަރުކާރުން ވަރަށް ދެކޮޅު ކަމެއްކަން ބަޔާންކޮށްފައި، އެކަން ހުއްޓާލައި، ހަނގުރާމަ ހުއްޓާލުމަށް ސަރުކާރުން ގޮވާލާފައި. ދެން ފެނިވަޑައިގަންނަވާނެ، މިދިޔަ ދެ ދުވަސް ތެރޭގައި، އެ ބަޔާނުގެ އިތުރަށް، ކަމާގުޅޭ ސެކްޓޯރަލް ބަޔާންތައްވެސް، އެއްކަމެއްގައި އެންމެ ގިނައިން، ދެ ދުވަހެއްގެ ތެރޭގައި ބަޔާން ނެރެފައި ހުންނާނީ މި މައްސަލައިގައި. އިކޮނޮމިކް މިނިސްޓްރީން ނެރެފި. ޓޫރިޒަމް މިނިސްޓްރީން، ފިނޭންސް މިނިސްޓްރީން، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން، އިސްލާމިކް މިނިސްޓްރީން. މި ހުރިހާ ތާކުން މި މައްސަލައާ ގުޅިގެން ބަޔާންތައްވެސް ނެރެފި. ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފު. ދެން އަޅުގަނޑު އެވަރުންވެސް ނިންމައިނުލާންވެގެން، ސީދާ އީރާނުން ޙަމަލާދޭ ޤައުމުތަކުގެ ވެރިންނަށް މިދަނީ އިރާދަކުރެއްވިއްޔާ، ފުރުޞަތު ލިބޭހާ އަވަހަކަށް ގުޅަމުން. މި ދެންނެވި ފަދައިން، ރޭގައި އެއް ކޯލް. މިއަދު މެންދުރުފަހު އިރާދަކުރެއްވިއްޔާ އިތުރު ހަތަރު ޤައުމަކަށް މިއޮތީ ގުޅަން. ހަމައެކަނި ބަޔާނަކުންވެސް ނިންމައިނުލާންވެގެން. އެހެންވީމާ، ވަރަށް ސާފު، ރާއްޖޭގެ ސްޓޭންޑް. ދެން ތިޔަ ވިދާޅުވި ކަންތަކުގައި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހަމަތަކަކުން ފޮލޯ ކުރާނީ.
މުޙައްމަދު މުޒައްޔިން - ދައުރު:
ރައީސް، އަޅުގަނޑު މިދެންނެވީ، އީރާނުގެ ސުޕްރީމް ލީޑަރ އަވަހާރަވުމާ ގުޅިގެން، ސަރުކާރުން ހިމޭނުން އޮތް ވާހަކަ. އެ ހިމޭނުން އޮތީ ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފު ނޫންތޯ؟ ސަރުކާރުގެ ސްޓޭންޑަކަށް ތިޔަކުން ނެތް އެއްވެސް ކަހަލަ ޑައުޓްފުލް ކަމެއް.
މުޙައްމަދު މުޒައްޔިން - ދައުރު:
އެހެންނަމަވެސް، ފެކްޓެއް ނޫންތޯ އެއީ، ސަރުކާރުން އޮތީ ހިމޭނުންކަން، އީރާނުގެ ސުޕްރީމް ލީޑަރ އަވަހާރަވުމާ ގުޅިގެން. މީގެކުރިން ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިން އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ދިދަ ތިރިކޮށް، އެކަންކަން ކުރެއޭ.
އަޅުގަނޑުގެ ސުވާލަކީ، ރައީސް ކީއްވެގެންތޯ މިފަހަރު އީރާނުގެ ސުޕްރީމް ލީޑަރ އަވަހާރަވުމާ ގުޅިގެން، އެކަން ނުކުރީ؟ މީގެކުރިން، އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން، 2024 ވަނަ އަހަރު އެބަހުރި އެ ހިތާމައިގައި ތަޢުޒިޔާވެސް ފޮނުވާފައި. މިފަހަރު ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހަމަ އެވަރަކުން ނޫން. އަޅުގަނޑުމެން ޤައުމުގެ ނައިބު ރައީސްވެސް ވަޑައިގެންނެވި، އެ ހުވާކުރުމަށްވެސް ދޮގެއްތޯ؟ އާ ރައީސް ހުވާކުރުމަށްވެސް.
ދެންމެ ތިޔަ ވިދާޅުވި ކަންތަކުގައި، އަޅުގަނޑުމެން ޢަރަބި އިސްލާމީ ޤައުމުތަކާ އެކީގައި، އެއް ރޫޙެއްގައި، އެކުގައި މަސައްކަތް ކުރަމުން ދާނީ. ރާއްޖެއަކީ، ޢަރަބި އިސްލާމީ ޤައުމުތަކުން މަސައްކަތްކުރާ ގޮތަކަށް، ވަރަށް އެކުވެރި، ވަރަށް އުޚުއްވަތްތެރި ގުޅުމެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ޤައުމެއް.
މުޙައްމަދު މުޒައްޔިން - ދައުރު:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރައީސް ދެންމެ ވިދާޅުވެއްޖެ، ގަލޮޅު ރައްޔިތުންނަށް އެއްލައްކަ ރުފިޔާ ދިނުމަކީ މެނިފެސްޓޯގައި ލިޔެވިފައި އޮތް ކަމެއް ކަމަށް. ރައީސްގެ މެނިފެސްޓޯގައި ލިޔެވިފައިވާ ކަމެއް ނޫން އެއީ، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި، އެއް ތާރީޚެއްގައި ބޭއްވުމަކީ. އިދިކޮޅު ފަރާތްތަކުން އެބަ ތުހުމަތުކުރޭ، ރައީސް މި އިންތިޚާބު އެއްކޮށްލުމަށް މަސައްކަތް ކުރަމުން ގެންދަނީ، ދިގު، ޚުދުމުޚްތާރު ވެރިކަމެއް ކުރުމަށް، ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް އެބަ ތުހުމަތުކުރޭ. މި އިންތިޚާބު އެއްކުރުމަށްޓަކައި، ކައުންސިލް އިންތިޚާބުގައި އެބަ ނަގާ ފެންނަ ނުފެންނަ ވޯޓެއް. ރައީސް އެބަ ވިދާޅުވޭ، ޚަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް މި އިންތިޚާބު މި އެއްކޮށްލަނީ. ކީއްވެގެންތޯ މެނިފެސްޓޯގައިވެސް ނެތް ކަމެއް، ކުއްލިއަކަށް ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން، ކުރަން މިއުޅެނީ ކޮން ކަމެއްތޯ؟ ކޮން ކަމެއްތޯ ރައީސް ހާސިލުކުރަން ބޭނުންވަނީ؟
މީގެކުރިން ރައީސް ވިދާޅުވެފައިވޭ، ރާއްޖޭގެ ރައީސަކު އިންތިޚާބުކުރާ ގޮތްވެސް ބަދަލުކުރަން ބޭނުންވާ ކަމަށް. އެއީ، ލަންކާގައިވެސް މި އޮންނަ ގޮތަށް، ޕްރިފަރެންޝިއަލް ވޯޓިންގ ސިސްޓަމަކަށް. މިފަހަރުގެ ކަރުދާސްކޮޅު ލިބޭއިރު، ހަމައެކަނި މި ލިބެނީ ދެ އިންތިޚާބު އެއްކޮށްލުމަށް. އެހެންވީމާ، އެއްފަހަރާ ކީއްވެގެންތޯ، ޤާނޫނުއަސާސީއަށް މި ގެންނަ ބަދަލުތައް ނުގެންނަނީ؟ ކުއްލި ކުއްލިއަށް މަދު މަދު އެތިކޮޅުން، ރައްޔިތުންނަށްވެސް ސާފެއްނުވޭ ކިހިނެއްކަން މިވަނީ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބާއްވަންޏާ، މިސާލަކަށް، ފުރަތަމަ ބުރުން މަޖިލިސް އިންތިޚާބު އެބަ ނިމޭ. ދެވަނަ ބުރަކަށް ދާނެތޯ؟ ކޮބައިތޯ ރައީސްގެ މިހާރުގެ ވިސްނުމަކީ؟ އަދިވެސް އެއްބުރުން އިންތިޚާބު ނިންމާގޮތަށްތޯ ސަރުކާރުގެ ވިސްނުމަކީ؟ އެކަމަށްވެސް އަދިވެސް ފެންނަ ނުފެންނަ ވޯޓެއް މި ދައުރު ތެރޭގައި ނަގާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެ އިންތިޚާބު އެއްކޮށެއްނުލަން އިނގޭތޯ. އާދެ، ދެ އިންތިޚާބު އެއް ތާރީޚެއްގައި މި އޮންނަނީ. ދެން، މިކަން އަޅުގަނޑު އިހަށްދުވަހަކު ނޫން މި އިޢުލާނުކުރީކީވެސް. 2024 ވަނަ އަހަރުގެ ނޮވެންބަރު 11އޭ ހަނދާންވަނީ އިނގޭތޯ. 2024ގެ ނޮވެންބަރު 11 ގައި އަޅުގަނޑު މިކަން ވާނީ ބަޔާންކޮށްފައި. އަދި އޭގެ ފައިދާތައްވެސް ވަރަށް ބޮޑަށް ތަފުސީލުކޮށްދީފައި ވާނެ. އަދި އިހަކަށްރޭ، ޕީ.އެން.ސީ.އިން ބޭއްވި ތަރާވީސް ޖަލްސާގައިވެސް އަޅުގަނޑު ވާނީ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި. އަދި އަޅުގަނޑުމެންގެ ބައެއް އެމް.ޕީޒްވެސް އެ ގެންދަވަނީ އެކަން ފާހަގަކުރައްވަމުން. މިއީ، ހަމަ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް.
އަޅުގަނޑު މިއީ ޚުދުމުޚްތާރު ގޮތެއްގައި އެއްވެސް ކަމެއް ކުރާ މީހެއް ނޫން. މި ރާއްޖޭގައި ޑިމޮކްރަސީ އެންމެ ބޮޑަށް ފައްކާވެފައި މިވަނީ، މިދިޔަ ދެ އަހަރު ތެރޭގައި. ޑިމޮކްރަސީ ފައްކާނުވާނަމައެއް، އަޅުގަނޑުމެން ޑިމޮކްރަސީއަށް ފުރުޞަތު ނުދޭނަމަ، އިދިކޮޅު ފަރާތްތަކުގެ ޕްރައިމަރީ ބާއްވާކަށް ސަރުކާރުގެ ސްކޫލްތަކެއް ނުދޭނެ. ނުދޭނެ އިނގޭތޯ.
އިދިކޮޅު ފަރާތްތަކުގެ ޕްރައިމަރީ އިންތިޚާބު ބާއްވަންވެގެން، އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓުން ހޮވަންވެގެން ބޭއްވި އިލެކްޝަން ބޭއްވީ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި. ސަރުކާރުގެ އެހީތެރިކަމާ އެކީގައި. އެއީކީ ޚުދުމުޚްތާރު ކަމެއް ނޫން. ޚުދުމުޚްތާރުނަމަ، ކުރީގައި އޮތްގޮތަށް އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަޙައްދުގައި. މިހާރު ފަސް ތަނަކަށް އެއްވެވޭނެ. ޚުދުމުޚްތާރުނަމަ، މިހާރު އިދިކޮޅު ވެރިން ތިބޭނީ ޖަލުގައި، ކުރީގައި ގޮތަށް. މިހާރު ދައްކަވާ، ޚުދުމުޚްތާރު ވެގެން ޖަލަށްލާފައި ހުރި އެކަކުވެސް. ނުހުންނާނެ. ސިޔާސީ އެއްވެސް ކުށްވެރިއެއް ނުހުންނާނެ.
އެހެންވީމާ، "ޚުދުމުޚްތާރު" އެ ވަރޑް ޔޫސްކުރަންޏާ، ޔޫސް ކުރައްވާނީ، ކުރީގެ ސަރުކާރުތަކަށް. މި ސަރުކާރާ ދެކޮޅަށް ބޭނުންކުރެވޭނެ، ބޭނުންކުރަން ހިތަށްވެސް އެރުވޭނެ އެއްޗެއް ނޫން އެއީކީއެއް. ފެކްޓާ އެކީގައި ބަޔާންކުރަނީ މި.
އެހެންވީމާ، ޚުދުމުޚްތާރު ވެގެން ކުރާނެ ކަމެއް އަޅުގަނޑެއް ނޯންނާނެ. އޭގެ ބަދަލުގައި، ރައްޔިތުންނާ އެކީގައި މި ސަރުކާރު ކުރިއަށްދަނީ. ރައްޔިތުން ގާތަށްގޮސް، ރައްޔިތުންނާ އެކީގައި، ފިޒިކަލީ ރައްޔިތުންގެ ގާތުން މަސައްކަތްކުރާ ސަރުކާރެއް މިއީ. ހުރިހާ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކޮށްފިން. މާލޭގައި ވިއްޔާ ހުރިހާ އަވަށަކަށް. ރައްޔިތުންނާ ވަކިވަކިންވެސް ބައްދަލުކުރަން. ޖުމްލަކޮށް، ޖަމާޢަތެއް ގޮތަށްވެސް ބައްދަލުކުރަން. މުއައްސަސާތަކާ ބައްދަލުކޮށް، ކައުންސިލްތަކާ އެތައް ފަހަރަކު ބައްދަލުކޮށް، އެ މީހުން ބޭނުންވާ ކަންކަން، ގާތުން އަޑުއަހައި، އެކަންކަމަށް ޢަމަލީ ސިފަ ގެނެސްދީ، މިއީ، ޑިމޮކްރަސީގެ ފުރިހަމަ މިސާލު. ޑިމޮކްރަސީ އެންމެ ފައްކާވެފައި އޮތް ޒަމާން މިއީ. މި ރާއްޖޭގައި ލާމަރުކަޒީ ނިޒާމާއި، ޑިމޮކްރަސީ އެންމެ ބޮޑަށް ފައްކާވެފައި މިއޮތީ. ފުރިހަމަ މިނިވަންކަން މިއޮތީ.
އެހެންވީމާ، އެކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި، މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް، އެއް ދުވަހަކަށް މި ހަދަނީ. އެއީ، މި ރާއްޖޭގައި، ކުރީ ދުވަހު އެމް.ޕީ. ޠާރިޤު، ދެން ތާރީޚީގޮތުން ހުރި ކަންކަމާ އެކީގައި، ވަރަށް ސާފުކޮށް ބަޔާންކުރެއްވި، އަޅުގަނޑުމެންގެ ތަރާވީސް ބައްދަލުވުމުގައި. 2009ން ފެށިގެން 2024އާ ހަމައަށް އައިއިރުގައި، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު ކިހިނެއްކަން ގޮސްފައިވަނީ، ރައްޔިތުން ނިންމާފައިހުރި ނިންމުންތައް. އަޅުގަނޑު ބަޔާންކުރިން، ޕަސެންޓޭޖްތަކާ އެކީގައި ޓަރންއައުޓް. އަޅުގަނޑު ބޭނުން، ޕަރސުއޭޑެޑް ޑިމޮކްރަސީއެއްގައި، ރައްޔިތުން، ރައްޔިތުންގެ މަންދޫބުން ހޮވާ އިންތިޚާބު އެއީ، މަޖިލިސް އިންތިޚާބުގެ އެ ނުކުންނަ އަދަދަށްވުރެ ގިނަ މީހުން ނުކުންނަ އިންތިޚާބަކަށް ވާން. ރިޔާސީ އިންތިޚާބުގައި މިހާތަނަށް އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަނީ. އަޅުގަނޑު އެރޭ ހުރިހާ ޕަސެންޓޭޖެއް ކިޔިން ހަމަ ޓު ދި ޑޮޓް، ހުރިހާ މަޢުލޫމާތެއް.
އެހެންވީމާ، އަޅުގަނޑު ބޭނުން، ރިޔާސީ އިންތިޚާބުގައި ވޯޓުލާ އަދަދަށް، ނޫނީ އެއަށްވުރެ ގިނައިންވެސް، އަދިވެސް ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުލާން. އަދި އަމުދުން، އެ ރައްޔިތުންގެ ދާއިރާތަކުގެ ރިޕްރެޒެންޓް ކުރަން މަޖިލީހަށް މި ފޮނުވާ މެންބަރުން ހޮވަން ވޯޓުލާ އަދަދަކީ، ރިޔާސީ އިންތިޚާބަށް ވޯޓުލާ އަދަދު، ނޫނީ އެއަށްވުރެ ގިނައިންވެސް ވޯޓުލާ އަދަދަކަށް ވާން ބޭނުމޭ. ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާ ޑިމޮކްރަސީއަކަށް މި ޑިމޮކްރަސީ ހަދަން ބޭނުމޭ.
އެހެންވީމާ، އެ ހަމަސްދުވަސް ނެގުމުގެ ބަދަލުގައި، އެ ދުވަހު އެއް ދުވަހެއްގައި ބޭއްވީމާ، ގިނަ ރައްޔިތުން ނުކުމެ، ދެ އިންތިޚާބު، އެ މީހުންގެ ޢިއްޒަތްތެރި މެންބަރުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާ ހޮވަން ވޯޓުދޭނީ. އެއީ، މައިގަނޑު ބޭނުމަކީ. ދެން، މިއިން އެބަ ސަލާމަތްވޭ އެތައް ޚަރަދެއްވެސް. ދެން. ރާއްޖޭގެ ތާރީޚުގައި، މި ދެ އިންތިޚާބުގެ ކަންތައްތައް ރައްޔިތުން ނިންމާފައިވާ ގޮތްވެސް އެއޮތީ ސާފުކޮށް ފެންނަން.
އެހެންވީމާ، ޑިމޮކްރަސީއަށް ލިބޭ އިތުރު ކުރިއެރުމެއް، އާރޯކަމެއް މިއީ. ރާއްޖެއަށް އެންމެ ފައްކާ، ރައްޔިތުން މިހާތަނަށް ޢަމަލީގޮތުން ތަންފީޒުކޮށްފައިވާ ގޮތް އެއީ.
އެހެންވީމާ، މި ދެންނެވި ދެ އިންތިޚާބު، ރިޔާސީ އިންތިޚާބުގައި ނިންމާ ނިންމުން ރިޕީޓް ކޮށްފައި ވަނީ، ރައްޔިތުންގެ ނިންމުން ނިންމާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް. އެހެންވީމާ، އެ ފުރުޞަތު ރައްޔިތުންނަށް މިދެނީ އެއް ދުވަހެއްގައި ބާއްވަން، މި ދެންނެވިހެން، ޓަރންއައުޓް ބޮޑުކުރަން އަޅުގަނޑުމެން ބޭނުންވަނީ. ޓަރންއައުޓް ނައިންޓީ ޕަސެންޓް، ނޫނީވިއްޔާ ނިއަރލީ ނައިންޓީ ޕަސެންޓް ރިޔާސީ އިންތިޚާބަށް ނުކުންނައިރުގައި، އެއިޓީ ޕަސެންޓަށްވުރެ މައްޗަކަށް ގޮސްފައެއް ނެތް، މަޖިލިސް އިންތިޚާބުތަކުގައި. ކުރީ ރޭ އަޅުގަނޑު ދަންނަވާލިން ޕަސެންޓޭޖްތައް.
އެހެންވީމާ، މިކަހަލަ މުހިންމު ފައިދާތައް ރައްޔިތުންނަށް ހުރީމައޭ، އެގޮތަށް ދެ ދުވަސް، އެއް ދުވަހަކަށް ހަދަން ބޭނުންވީ. އެހެންވީމާ، އެއީ ދެން ވަރަށް ތަފުސީލުކޮށް ދެވިދާނެ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ހިތުން އެއީ މައިގަނޑު ޕޮއިންޓަކީ. ގިނަ ރައްޔިތުންނަށް ފުރުޞަތު ދިނުމަށްޓަކައި. އެ ބޭފުޅުންގެ ފަރާތުން މަޖިލީހުގައި ތިބޭ މެންބަރުންނަށް ވޯޓު ދިނުމުގައި.
މުޙައްމަދު މުޒައްޔިން - ދައުރު:
ސުވާލުގެ އެއްބައި އަދި ރައީސް، ދެވަނަ ބުރު އުވާލުމާމެދު ކޮބައިތޯ މިހާރު ވިސްނުމަކީ؟ އަދިވެސް ސަރުކާރުގެ ސްޓޭންޑަކީ، ރައީސް ބޭނުންފުޅުވަނީ މިދައުރު ތެރޭގައި އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު، އަޅުގަނޑު ވާނީ ވަރަށް ގިނަ ކަންކަން، މި ދެންނެވީ، ޖުމްހޫރީ ދުވަސް 2024 ގައި މިކަމާ ގުޅޭގޮތުން ބަޔާންކޮށްފައި. އެހެންވީމާ، އެ ކަންކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން އިތުރަށް ރައްޔިތުންނަށް މަޢުލޫމާތު ދެމުން ގެންދާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރިފަރެންޑަމް ވޯޓަކަށް ދާންވާނީ، ރިފަރެންޑަމް ވޯޓެއް ނަގަންޖެހޭ ކަމެއްގައިވިއްޔާ، އަނެއްކާ ވަކި އިންތިޚާބެއް ގޮތުގައި އެ ނުބާއްވައި، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ދުވަހު މި ވޯޓު ނެގީމާ، އަނެއްކާ ޚަރަދުވެސް އެބަ ކުޑަވޭ. އަޅުގަނޑު ބޭނުން ޚަރަދު ކުޑަކުރަން. އަޅުގަނޑުމެންނަށް ރިފަރެންޑަމް ވޯޓު ނެގިދާނެ އެހެން ތާރީޚެއްގައި. ނެގީމާ، އަނެއްކާ އެތައްސަތޭކަ، ނޫނީ އެތައް މިލިޔަނެއް ޚަރަދުވޭ. އެހެންވީމާ، ރިފަރެންޑަމް ވޯޓެއް ނަގަންޖެހޭ ކަމެއްވީމާ، އަޅުގަނޑު ބޭނުންވީ މިގޮތަށް ހަދަން.
އެހެންވީމާ، ކުރިއަށް އޮތް ތާނގައި އިތުރު ކަންތައްތައް ރައްޔިތުންނަށް ހާމަކުރަމުން އަޅުގަނޑު ގެންދާނަން.
މުޙައްމަދު މުޒައްޔިން - ދައުރު:
ރައީސް، މި ސުވާލު އަމާޒު މިކުރީ، 2024 ގައި ރައީސް ވިދާޅުވި ކަމަށް ތިޔަ ވިދާޅުވަނީ. މިހާރު ލޯކަލް ކައުންސިލް އިންތިޚާބު އަންނައިރު، މި ލިބެނީ ހަމައެކަނި އެންމެ ވޯޓެކޭ. އެއީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންނަށް ފެނޭތޯ، ނުފެނޭތޯ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމާ ގުޅޭގޮތުން، އަދި މިހާތަނަށް ސަރުކާރުން އެ ވާހަކައެއް ނުދައްކައޭ. އެ ވޯޓު ނެތީމާ މިހެން މި ދެންނެވީ. މިހާރު ސަރުކާރުގެ ސްޓޭންޑަކީ، ފަހުން އަނެއްކާވެސް ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި، އެއްބުރުން ވެރިކަމަށް މީހަކު ހޮވޭގޮތަށް ނިޒާމު ބަދަލުކުރުންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެ ދިރާސާ ކުރެވެމުންދަނީ އަދި އިނގޭތޯ. އެ ދިރާސާ ކޮށްފައި، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ހުށަހަޅާނަން.
މުޙައްމަދު މުޒައްޔިން - ދައުރު:
އާދެ، ޝުކުރިއްޔާ ރައީސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިންވަނައަށް ހަތާވީސް އޮންލައިން.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ޝުކުރިއްޔާ ރައީސް. އަޅުގަނޑު އާދަމް ނަޒީރު އިނގޭތޯ، ހަތާވީސް އޮންލައިން.
ރައީސްގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް އީރާނުގެ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް. ކުރިންވެސް ފާހަގަކުރި ގޮތަށް، މުޒައްޔިންވެސް ފާހަގަކުރި ގޮތަށް، 2024 ވަނަ އަހަރު، އީރާނުގެ ރައީސް އަވަހާރަވުމުން، ރައީސް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައިވޭ. އަދި ހަމައެއާއެކީގައި، 2023 ވަނަ އަހަރު ކުވޭތުގެ އަމީރު އަވަހާރަވުމުންވެސް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައިވޭ. ރައީސް، ވަރަށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައިވެސް އެބަ ހާމަކުރަމުންދޭ، ކަންބޮޑުވުން ފާޅުކުރަމުން އެބަދޭ. އިސްލާމީ އުންމަތުގެ ލީޑަރަކު އަވަހާރަވެގެން ދިޔައީމާ، ސަރުކާރުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ތަޢުޒިޔާގެ މެސެޖެއް، އެވަރުވެސް ނުކުރާތީވެ. ކީއްވެގެންތޯ ސަރުކާރުން އެވަރުގެ ކަމެއް ކުރަމުން ނުދަނީ؟ ރައީސް، ކޮންމެވެސްވަރަކަށް މިކަމަށް ޖަވާބު ދެއްވަފާނަންތޯ؟ ކީއްވެގެންތޯ ތަޢުޒިޔާގެ މެސެޖެއް ހާމަނުކުރަން ސަރުކާރުން ނިންމާފައި ވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ނުދަންނަވަން، ތަޢުޒިޔާގެ މެސެޖެއް ނުފޮނުވާނަމެކޭ. އަޅުގަނޑު ދެންނެވީ، ޢަރަބި އިސްލާމީ ޤައުމުތަކާ އެކީގައޭ، މި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ. ޢަރަބި އިސްލާމީ ޤައުމުތައް، އެއް ބްލޮކެއްގެ ގޮތުގައި، އެއް ޔުނިޓެއްގެ ގޮތުގައި މިކަމުގައި މަސައްކަތް ކުރަމުންދަނީ. އެހެންވީމާ، އެ ޔުނިޓީ އަޅުގަނޑުމެން ހިފަހައްޓާނަން. ތަޢުޒިޔާގެ މެސެޖެއް ނުފޮނުވާނަމެކޭ ނުދަންނަވަން.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ފޮލޯއަޕް އިނގޭތޯ. ރައީސް ގަބޫލުފުޅު ކުރައްވަންތޯ، މިއީ އިސްލާމީ އުންމަތަށް ލިބިގެންދިޔަ ހިތާމައެއް ކަމަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑު ހިތާމައެއް މި ހަނގުރާމައަކީ އިނގޭތޯ. އެއްގޮތަކަށްވެސް ހިނގައިގެން ވާނެ ހަނގުރާމައެއް ނޫން މިއީކީއެއް. މިއީ އިޒްރޭލުން، އެމެރިކާއިން ހަމަ ބޭނުންވީމާ ޙަމަލާދޭންވީ ޤައުމުތަކަށް. އެއީކީވެސް އޮންނަންޖެހޭނެ އޯޑަރެއް ނޫން. އިންޓަރނޭޝަނަލް ލޯ ފޮލޯ ކުރަންޖެހޭނެ ހުރިހާ ޤައުމަކުންވެސް. އެއީ، ހަމަ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން. އެހެންވީމާ، ވަރަށް ބޮޑު ގޯސް ކަމެއް، އެ ޙަމަލާދޭ ހުރިހާ ޤައުމަކުންވެސް އެ ކުރަނީ. އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން އެއީކީއެއް.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
އަޅުގަނޑު ފާހަގަކޮށްލީ، އީރާނުގެ ސުޕްރީމް ލީޑަރ އަވަހާރަވުމަކީ، އިސްލާމީ އުންމަތަށް ލިބިގެންދިޔަ ހިތާމައެއް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މި ހަނގުރާމައިގައި މަރުވާ ކޮންމެ މުސްލިމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއް.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ރައީސް، އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި އެބަ އަޑުއިވިގެންދޭ، އަޅުގަނޑުމެންނަކަށް އޭތި ޔަޤީންކުރެވޭނެ ގޮތެއްނުވޭ. އެހެންވީމާ، ރައީސްގެ އަރިހުން މި ސުވާލު އަޅުގަނޑު ކޮށްލަން ބޭނުން.
ސޯޝަލް މީޑީއާގައި އަޅުގަނޑުމެންނަށް ފޮޓޯއެއް ދައުރުވެގެންދިޔަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ދެ ސުވާލު ކުރެވިއްޖެ.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ނޫން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފޮލޯއަޕް ސުވާލު ކުރައްވައިފި.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ނޫން. މިއީ އެހެން ސުވާލެއް އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުރިއަށްގެންދަވާ.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
މިހާރު ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފޮޓޯއަކީ، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވާ މަންޒަރު، އަދި ޖެއްސިކަމަށް ބުނާ ވާހަކައެއް. އަދި އެއަށް ތެޔޮ އެޅިކަމަށް ގަބޫލުކުރެވޭ ވާހަކަތަކެއް ދެކެވިގެންދިޔަ. އަޅުގަނޑުމެންނަކަށް މިކަން ޞައްޙަކަން ކަށަވަރު ކުރެވޭގޮތެއްނުވި. އެހެންކަމުން، އަޅުގަނޑު ރައީސްގެ އަރިހުން އަހާލަން ބޭނުން، އެފަދަ މަނަވަރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސިތޯ؟ އެކަން ޔަޤީންކޮށްލަދީފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު މި ދަންނަވާލަނީ އިނގޭތޯ.
އަޅުގަނޑު ތިޔަ މަޢުލޫމާތު އެރޭ ހޯދިން އިނގޭތޯ. އެއީކީއެއް ހަނގުރާމަމަތީ މަތިންދާބޯޓެއް ނޫން. އަޅުގަނޑަށްވެސް ތިޔަ މަޢުލޫމާތު ލިބިގެން ހޯދިއިރުގައި އެއީ، އެ މީހުންގެ ސިވިލިއަން އެއަރ ކްރާފްޓެއް. އެއޮތީ ހުއްދަވެސް ނަގާފައި މާކުރިން. ޖަނަވަރީ 17 ވަނަ ދުވަހު ރާއްޖެއަށް އަންނަން. ދެން، އެ ބޯޓު އެރޭ ފުރައިގެން ދިޔައީ. ސީޝެލްސްއިން އައިސް، ރާއްޖޭގައި ޖައްސާފައި، ތައިލެންޑަށް ދިޔަ އެއްޗެއް. އެއީކީ ހަނގުރާމައިގެ އެއްވެސް ކަމަކު އުޅޭ އެއްޗެއް ނޫން. ސިވިލިއަން އެއަރ ކްރާފްޓެއް އެއީ. އެހެންވީމާ، އެ މަޢުލޫމާތު އަޅުގަނޑު މި ދަންނަވާލީ.
އާދެ، އަޞްލު ޓީ.ވީ.ގެ ފަރާތުން.
ރިޟްވާން މޫސާ - އަޞްލު ޓީ.ވީ:
އަޞްލު ޓީ.ވީ.އިން ރިޟްވާން އިނގޭތޯ.
ރައީސް ފާހަގަކުރައްވައިފި، 17 ނޮވެންބަރު 2024 ގައި ރައީސް ވަނީ ފުލެޓް ލިބޭ ލިސްޓު އާންމު ކުރައްވާނެ ކަމަށް ވަޢުދުވެފައި. ދެން ފުލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންނަށް، ނުލިބުނު ސަބަބާއެކު ލިސްޓު އާންމު ކުރައްވާނެ ކަމަށް ވަޢުދުވީ. އެކަމަކު، މިއަދު އެތާނގައި މީހުން ދިރިއުޅެން ފެށިއިރުގައިވެސް، އެ ލިސްޓެއް އާންމެއް ނުކުރައްވާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ، އާ ލިސްޓެއް ނޫންވީމައޭ. ކުރީގެ ސަރުކާރުން ގެޒެޓްކުރި ލިސްޓަށް މި ފޮލޯކުރަނީ. އެހެންވީމާ، ލިސްޓް ބަދަލެއްނުވޭ.
ރިޟްވާން މޫސާ - އަޞްލު ޓީ.ވީ:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ތަންކޮޅެއް ވަގުތު ނެތީމާ ކުރުކޮށްލުމާވެސް އެކީގައި، ޗާގޮސް މައްސަލައަށް، ޗާގޮސް ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ. ޗާގޮސްއަކީ ދިވެހިންނަށް ލިބެންޖެހޭ ތަނެއް ކަމަށް ކީއްވެތޯ އަބަދު ތިޔަ ފާހަގަކުރައްވަނީ؟ ވަކި ކަމެއް އެބައޮތްތޯ މިކަމާ ގުޅޭގޮތުން؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު ސުވާލެއް. ފޯޅަވަހި ނުވަތަ ދެން ފަހުން ނަންދީފައި މިވަނީ ޗާގޮސް ގޮތުގައި. ހިސްޓޮރިކަލީ ވަރަށް ގިނަ ހެކިތައް އެބަހުރި ފެންނަން، މިއީ ދިވެހިރާއްޖޭގެ ތަނެއް ކުރީގައި އިނގޭތޯ. އެތައް ޤަރުނެއް ކުރިން، ދިވެހީންގެ ތަނެއް. 9 ވަނަ ޙަސަން ރަސްގެފާނުގެ ސިޓީއެއް، ޗާޓަކާ އެކީގައި އޮންނާނެ، 16 ވަނަ ޤަރުނުގައި ޗާގޮސްއާ ބެހޭގޮތުން، ފޯޅަވައްސާ ބެހޭގޮތުން. އެހެންވީމާ، އެ ތަނަކީ، ވަރަށް ބޮޑަށް ހިސްޓޮރިކަލް ކަނެކްޝަން ދިވެހިރާއްޖެއަށް އޮތް ތަނެއް. އެއްވެސް ޤައުމަކާ، އެ ތަނުގެ ޙައްޤުވެރި ޤައުމާ ހަވާލުކުރުމުގެ ބޭނުމުގައި ހަވާލުކުރަންޏާ، ހަވާލުކުރަންޖެހޭ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ. އެއީ، ވަރަށް ސާފު ކަމެއް.
އަޅުގަނޑުމެން މީގެކުރިން މި ވާހަކަ ނުދައްކަން. އިނގިރޭސި ބާރުގެ ދަށުގައި އެތަން ބާއްވަންޏާ އެއީ އަދި އެހެން އިޝޫއެއް. އެހެންނަމަވެސް، އިނގިރޭސި ސަރުކާރުން އެތަން ޤައުމަކާ ހަވާލުކުރާ ކަމަށްވަންޏާ، ހަމައެކަނި އޮތް ޤައުމަކީ ދިވެހިރާއްޖެ. އެއީ، ވަރަށް ސާފު ކަމެއް.
ދެން، އަޅުގަނޑުމެން މިކަމުގައި ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެން މިހާރު މިކަމާ ބެހޭ ހުރިހާ މަސައްކަތްތަކެއް ފަށައިގެން މިދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި އިންޓަރނޭޝަނަލީ އޮންނަ މިންގަނޑުތަކުގެ ތެރެއިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަވެސްހަޅާނެ. އެކަމަކު މިވަގުތަށް، އިނގިރޭސި ސަރުކާރާ އެކީގައި މިދަނީ މުޢާމަލާތު ކުރަމުން. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވިން، ދެ ސިޓީއެއް ފޮނުވި ދެ ތާރީޚަކާއި، އިނގިރޭސި ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކީގައި އަޅުގަނޑު ދެއްކި ވާހަކައެއްގެ ވާހަކަވެސް ދޮގެއްތޯ؟ އެހެންވީމާ، އެގޮތަށް ވާހަކަ ދެކެވެމުންނޭ މިދަނީ. އެހެންނަމަވެސް، އޭގެ ޑޮކިއުމަންޓޭޝަން ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށްވެސް ހުށަހަޅާނަން.
ޤައުމަކާ މިތަން ހަވާލުކުރަންޏާ، ހަވާލުކުރަންޖެހޭނީ ދިވެހިރާއްޖެއާކަން.
އާދެ، ހަލީ ނިއުސް.
ޝެރިން އަޙްމަދު - ހަލީ ނިއުސް:
ހަލީ ނިއުސްއިން ޝެރިން އިނގޭތޯ.
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ހަނގުރާމައާ ގުޅޭގޮތުން ސުވާލެއް ކޮށްލާނަން. ބޭރު ދުނިޔޭގެ ޚަބަރުތަކުން ނުވަތަ ރިޕޯޓުތަކުން ބަލާއިރު، ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް އެބަ ބުނޭ. ދެން، މިފަދަ ހާލަތުގައި ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް މަތިވުމުގެ ފުރުޞަތުވެސް އެބައޮތް. ދެން ރައީސް ވިދާޅުވެއްޖެ، ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިތަކެއް އަދި ނުވާނެ ކަމަށް. އެހެންނަމަވެސް އަޅުގަނޑުގެ ސުވާލަކީ، ކޮބައިތޯ ސަރުކާރުން މިކަމުގައި އަޅަން ގަސްދުކުރައްވާ ފިޔަވަޅުތަކަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިވަގުތުވެސް، 28 ފެބުރުވަރީގައިވެސް އޮމާނުން ފުރައިފި، އަޅުގަނޑުމެންގެ އިތުރު ޝިޕްމަންޓެއް އިނގޭތޯ. ދެން، އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތް ރޭގައިވެސް ފަށައިފިން. މި ވަގުތުވެސް އެބަހުރި، ނިއަރލީ މަންތަކަށް ވާވަރަށް ފިއުލް އިނގޭތޯ. ދެން، ރާއްޖޭގައި ސްޓޮކް ކުރެވޭނޭ އެންމެ މެކްސިމަމް އެބަހުރި ސްޓޮކް ކޮށްފައި، މިހާރުވެސް ރާއްޖޭގައި.
އެހެންވީމާ، ތެޔޮ ކަންތަކުގައި މިދަނީ ވަރަށް ގާތުން ބަލަމުން. ދެން، އޮމާނަކީ އަޅުގަނޑުމެން ތެޔޮ ހޯދާ އެންމެ މައިގަނޑު ޤައުމު. އޮމާނަށްވެސް ޙަމަލާދޭ އެބަ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ގާތުން މިކަން ބަލަމުން މިގެންދަނީ. އިރާދަކުރެއްވީތީ އެއްވެސް ކަންބޮޑުވުމެއް އަދި ނެތް.
ޝެރިން އަޙްމަދު - ހަލީ ނިއުސް:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު ހަދަން ދޫކުރަން ހުޅުވާލި ލޯނުން، މިހާތަނަށް ގެދޮރު ހަދަން ކިތައް މީހުންނަށް ލޯނު ދޫކުރެވިފައި ވާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ލޯން އެޕްރޫވް ކުރެވިފައި، ވަރަށް ގިނަ ފަރާތްތަކަށްވޭ. އަޅުގަނޑު ވަރަށް މާފާއެކީގައި ދަންނަވަން، އަޅުގަނޑު އަތުގައި ޑޭޓާއެއް ނެތް. އެހެންނަމަވެސް، ރިޔާސީ ބަޔާނުގައި އަޅުގަނޑު ނަންބަރޒްއާ އެކީގައި އިޢުލާނު ކުރިން. އެޕްރޫވްޑް އެމައުންޓާ އެކީގައި. ދެން އެއަށް ޔަޤީނުންވެސް ބަދަލުތައްވެސް މިހާރު އައިސްފައިވާނީ، އިތުރު ފަރާތްތައް، ނޫނީވިއްޔާ ލިބުނު ފަރާތްތަކުގެ އަދަދު.
އަޅުގަނޑު ތިޔަ މަޢުލޫމާތު ހައުސިންގ މިނިސްޓްރީގައި ދަންނަވާނަން، ތިޔަބޭފުޅުންނަށް ފޮނުވާލަދޭން.
އާދެ، ޕީ.އެސް.އެމް.
އާމިނަތު ޝާޒިޔާ - ޕީ.އެސް.އެމް:
އަޅުގަނޑު ޝާޒިޔާ އިނގޭތޯ ޕީ.އެސް.އެމް.އިން.
އަޅުގަނޑުގެ ސުވާލުވެސް މިއޮތީ ހަމަ މެދުއިރުމަތީގެ މި ހަމަނުޖެހުމާ ގުޅޭގޮތުން، ރާއްޖެއިން މި އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން. މިހާރުވެސް ރައީސް ވިދާޅުވެއްޖެ، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ވާހަކަ. އަދި، ކޮމިޓީއެއްވެސް މިވަނީ އެކުލަވައިލާފައި. ވަރސްޓް ކޭސްއަކަށް ގޮސްދާނެ ކަމަށްޓަކައި، އެއްވެސް ކަހަލަ ޕްލޭނެއް، ނޫނީވިއްޔާ ފިޔަވަޅުތަކެއް އެޅިގެންދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މީގައި ބޭނުންވަނީ އަޅުގަނޑުމެންގެ ރެޒިލިއަންސް އިތުރުކުރުން ދޮގެއްތޯ؟ އަޅުގަނޑުމެންގެ ވިލުންތެރިކަން އިތުރުކުރުން. ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރުކުރުން. މިކަމަށްޓަކައި ޚާއްޞަކޮށް، ޓޫރިޒަމް ދާއިރާ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން ފަށައިގެން މިއުޅެނީ. ދެން، ޓޫރިޒަމް ސެކްޓަރއާ އެކީގައި މަސައްކަތް ކުރަމުންދާނީ. ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ އެކީގައި. މިހާރު ރޫޓްތައް ޚާއްޞަގޮތެއްގައި އެންމެ މުހިންމީ. މެދުއިރުމަތި އެވޮއިޑް ކުރަންޖެހޭ ހާލަތެއްގައި އެވޮއިޑް ކުރެވޭނެގޮތް ވާންޖެހޭނެ. އަދި މެދުއިރުމަތި އެވޮއިޑް ނުކޮށްވެސް އަޅުގަނޑުމެންގެ ރޫޓްތައް އެހެން ދިމަދިމާއިން ގެނެވެން އެބަޖެހޭ. އަޅުގަނޑުމެންގެ އަމިއްލަ އެއަރލައިންގެ ކެޕޭސިޓީ އިތުރުކުރަންވެސްޖެހޭ.
ދެން، ކުރީގައި ދުނިޔެ އޮތް ހާލަތަށްވުރެ ތަފާތުކޮށް މިހާރު މި ފެންނަނީ. މެދުއިރުމަތީގައި ތަންކޮޅެއް އަވަސް އަވަހަށް ކަންތައްތައް އެބަ ހިނގާ. ތަންކޮޅެއް ވޮލެޓައިލް ވެއްޖެ. އެހެންވީމާ، މި ޙަޤީޤަތް އަޅުގަނޑުމެން ބަލައިގަނެގެން، އެ ޙަޤީޤަތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ފަތުރުވެރިކަމާއި، އަޅުގަނޑުމެންގެ ތެލާއި، ކާބޯތަކެއްޗާ، މި ތިން ދާއިރާއިން ރާއްޖެއަކީ ރެޒިލިއަންޓް ޤައުމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.
އާމިނަތު ޝާޒިޔާ - ޕީ.އެސް.އެމް:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ތަރައްޤީއާ ގުޅޭ ސުވާލެއް.
މާލެ ސަރަޙައްދުގައި ބިން ހިއްކުމާއި، އަދި ޑިވެލޮޕްމަންޓްގެ ވަރަށް ގިނަ ޕްލޭންތަކެއް ކުރެވެމުންދާއިރުގައި، އުތުރުތިލަފަޅުގެ މި މަސައްކަތުގައިވެސް، މީގެ އަހަރުތަކެއް ކުރިން ބިން ހިއްކުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދަނީ. ދެން، ސަރުކާރުން އިޢުލާނު ކުރައްވާފައިވޭ، އެތަނުގައި ބައެއް އިކޮނޮމިކަލް މަސައްކަތްތައް، އެގްރިކަލްޗަރ ދާއިރާއަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔުމަށްޓަކައި. އަދި ހަމަ އޭގެއިތުރަށް، ސެންޓްރަލް ޖަލާއި، އަދި ބައެއް ހޯޕް އައިލެންޑް ފަދަ ބައެއް މަސައްކަތްތައް ގެންދަން. އަޅުގަނޑުމެންނަށް މިހާރަކަށް އައިސް އެހާބޮޑަކަށް އަޑެއްނީވޭ އުތުރުތިލަފަޅުގެ ވާހަކައެއް. އެހެންވީމާ، ކޮބައިތޯ އެ މަސައްކަތުގެ ދަށުން ކުރިއަށްދާ ކަންކަމަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އުތުރުތިލަފަޅު އެއީ ހަމަ ޕްލޭން އެކަންޏެއް ނޫން، ހަމަ ޑިވެލޮޕްމަންޓް މަސައްކަތް ވަރަށް މުހިންމު ތަނެއް. އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރިން. މިހާރު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެ ކުރަނީ. ގިރާވަރުފަޅުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލާފައި، އަޅުގަނޑުމެން ޔޫ.ޓީ.އެފް. ހިއްކުމުގެ މަސައްކަތް ފަށާނަން. އުތުރުތިލަފަޅުގެ މަސައްކަތް.
އުތުރުތިލަފަޅުގައިވެސް ޓައުންޝިޕެއް އަންނާނެ. މީހުން ދިރިއުޅޭ އާބާދީއެއް އަންނާނެ. އަދި އޭގެއިތުރަށް، އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޖާގަ އޮންނާނެ. އަދި ހޯޕް އައިލެންޑްގެ ޕްރޮޖެކްޓްވެސް އެބައޮތް. އެހެންވީމާ، މުޅި ޔޫ.ޓީ.އެފް.ގެ ތެރޭގައި އެބަ އާދޭ ވަރަށް ގިނަ ކަންތައްތައް. މިހާރު ޢަސްކަރީ މަރުކަޒެއްވެސް އެބައޮވޭ. މި ހުރިހާ ކަމެއް ހިމެނޭ ތަނެއް. އެހެންވީމާ، ގިރާވަރުފަޅު ހިއްކާ ނިމިގެން، އަޅުގަނޑުމެން ޔޫ.ޓީ.އެފް. މަސައްކަތް ފަށާނީ.
އާމިނަތު ޝާޒިޔާ - ޕީ.އެސް.އެމް:
އެއީ، ދެން ހައުސިންގ ޕްލޭނެއްވީމާ، މި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ގެންދެވޭނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މި ޕްލޭނާ އެއްގޮތަށް، މިހާރު އަޅުގަނޑުމެން ގިރާވަރުފަޅު ހިއްކާ ނިމުނީމާ، މި ދެންނެވި ގޮތަށް، އެތަނަށް ދާނީއޭ. ދެން އޭގެއިތުރަށް، ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ވަރަށް ބާރަށް އެ ހިނގަނީ. ހުޅުމާލޭ ފޭސް 3 އެއޮތީ ހިއްކާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް އެބަދޭ.
އާދެ، އެތެރެފުށް އެމް.ވީ.
މަރްޔަމް މިލްޒަމް މަސްޢޫދު - އެތެރެފުށް އެމް.ވީ:
އަޅުގަނޑުގެ ސުވާލަކީ، މިހާރު މެދުއިރުމަތީގައި ހަމަނުޖެހުން ހިނގަމުންދާ ޤައުމުތަކުގައި، ކިތައް ދިވެހިން އެބަތިބިތޯ؟ ދެން، އެ ދިވެހިން ރައްކާތެރިކަމާ އެކީގައި ޤައުމުން ބޭރުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަރުކާރުން ޢަމަލުކުރާނެ ޕްލޭނެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުމެން މިގެންދަނީ، އަޅުގަނޑުމެންގެ އެމްބަސީތަކާއި އަދި އެ ޤައުމުތަކުގެ ސަރުކާރުތަކާ ވަރަށް ގާތުން މަސައްކަތް ކުރަމުން. ކޮންޓެކްޓް ވެފައި ހުރިހާ ދިވެހިންނާވެސް ތިބީ. އަޅުގަނޑު އަތުގައި އަދަދު ނެތް އިނގޭތޯ، ކިތައް ދިވެހިންތޯ ތިބީ. އެހެންނަމަވެސް، އެއީ ހަމަ ބަލައިލެވޭނެ އެއްޗެއް އިނގޭތޯ. އަޅުގަނޑު ފޮރިން މިނިސްޓްރީއަށް ދަންނަވާނަން، ތިޔަބޭފުޅުންނަށް ޙިއްޞާ ކުރައްވަން އެ މަޢުލޫމާތު. އެކަމަކު، އެ ބޭފުޅުންނާ، އެ ރައްޔިތުންނާ ވަނީ ކޮންޓެކްޓްވެފައޭ. އަޅުގަނޑުމެންގެ އެމްބަސީ ހުރޭ، ޔޫ.އޭ.އީ.ގައިވެސް ދޮގެއްތޯ؟ ޤަޠަރުގައިވެސް އެބަހުރި.
އެހެންވީމާ، ކަންތައްތައް ވަރަށް ރަނގަޅަށް ބަލަމުން މިދަނީ. އަދި، ވަރސްޓް ކޭސްގައި ކަންތައް ކުރާނެގޮތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން.
މަރްޔަމް މިލްޒަމް މަސްޢޫދު - އެތެރެފުށް އެމް.ވީ:
ދެވަނަ ސުވާލަކީ، މި ހަމަނުޖެހުމުގެ ސަބަބުން ރާއްޖެ ގޯސް ހާލަތަކަށް ވެއްޓިއްޖެނަމަ، ސަރުކާރުގެ އޮތް މާލީ ޕްލޭނަކީ ކޮބައިތޯއާއި، ދެން، ޚަރަދުކުޑަކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި އެހިސާބަކަށް ނުދޭ. އަދި ގަބޫލެއްވެސް ނުކުރަން. ދާނެ. އެކަމަކު ވަރސްޓް ކޭސްއަށް އަޅުގަނޑުމެން ޖެހޭނެ ތައްޔާރުވާން. އަޅުގަނޑު ކުރިން ދަންނަވާލިން، ގްރޮސް ރިޒަރވް ހުރި އަދަދުވެސް. އަދި ޔޫސަބަލް ރިޒަރވް ހުރި އަދަދުވެސް. އަދި ސުކޫކް ޕޭމަންޓަށް ފައިސާ ނަގާފައި، މިއަދު ޕޭ ކުރަންޖެހުނަސް، ފައިސާ ނަގާފައިވެސް، 150 މިލިއަން ޑޮލަރު އެބަހުރި ކަމަށް.
ދެން، ވަރަށް ހެލްތީކޮށް އަޅުގަނޑުމެންގެ އިޤްތިޞާދު އޮތީ މި ވަގުތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް ނެތް އަދި. އެހެންނަމަވެސް، އަޅުގަނޑުމެން ވަރސްޓް ކޭސްއަށްވެސް ތައްޔާރުވަމުން މިދަނީ.
ޗެނަލް 13.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
السّلام عليكم ރައީސް. ރަމަޟާން މުބާރަކް އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. 10:03 ގައި ފެށުނީ. އެހެންވީމާ، 11:03 ގައި ނިންމާލާނަން. މިހާރު 10:55.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
އާދެ، ރައީސް، ފުރަތަމަ ކަމަކަށް، މިއީ ސުވާލެއް ނޫން. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި، ވަރަށް ގާތުން އަޅުގަނޑުމެންނާ ބައްދަލުކުރައްވާނެ ކަމަށް. އެހެންނަމަވެސް، އަށްމަސް ދުވަސް ފަހުން ތިޔަ ބައްދަލުކުރެއްވީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާވަރަކަށް ނޫންތޯ ގާތްވާނީ. ކުރިއަށް އޮތް ތާނގައި ހަފުތާއަކު އެއްދުވަހު.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
ރައީސް ރަނގަޅު. މި ސްޕޭސް ފަހަރެއްގައި ގާތްވެދާނެ. އެހެންނަމަވެސް، ވަރަށް ދިގުދެމިގެން މިދިޔައީ ނޫސްވެރިންނާ ބައްދަލުނުކުރައްވާ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، ދެން ހަމަ އެކަހަލަ ގެޕެއް ނާންނާނެ ކަމަށް. ރައީސް އަޅުގަނޑުމެންނަށް ފުރުޞަތު ދެއްވާނެ ކަމަށް އިނގޭތޯ. އަދި އެއް ގަޑިއިރު ވަރަށް މަދު، މިހާ ދުވަސްކޮށްފައި ބާއްވާއިރު އިނގޭތޯ ރައީސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އިރާދަކުރެއްވިއްޔާ ނާންނާނެ. އާދެ. ކޮންމެ ހަފުތާއަކު ބައްދަލުވާނެ އިރާދަކުރެއްވިއްޔާ، ބަންދު ދުވަހަކަށް ނުވަންޏާ، ނޫނީވިއްޔާ އަޅުގަނޑު ދަތުރެއްގައި އުޅެން ނުޖެހެންޏާ. ދެން، ގަބޫލުކުރެވޭ އުޒުރު ހުންނާނެ. އެކަހަލަ ކަމެއް ދިމާނުވަންޏާ، އަޅުގަނޑު ހަފުތާއަކު އެއްދުވަހު، ހޯމަ ދުވަހު ބައްދަލުކުރާނަން އިރާދަކުރެއްވިއްޔާ.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
އާދެ، ތެންކިޔޫ.
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސް ފާހަގަކުރައްވައިފި ލޯނު، 8 އެޕްރީލްގައި ލޯނު ދައްކަން ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ވާހަކަ. މި 500 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، ބޮޑު އިންޓްރެސްޓް ރޭޓުގައި، ބީ.އެމް.އެލް.އިން ލޯނު ނަގައިގެން، އަދި ކުޑަ އިންޓްރެސްޓެއްގައި ބީ.އެމް.އެލް.އިން ސަރުކާރަށް ލޯނު ދިނުން ކަމުގެ އަޑުތައް އަރާފައި އެބަހުރި. ކޮބައިތޯ އޭގެ ޙަޤީޤަތަކީ؟ ލޯނު ނަގާތޯ؟ ނުނަގާތޯ؟
ދެން، މިއާ ގުޅުންހުރި ސުވާލެއްވީމާ، ކާގިލްސްގެ މި ޑީލްގެ ވާހަކައެއްގެ އަޑުތައްވެސް އެބަ ފެތުރިފައިވޭ. ކޮބައިތޯ އޭގެ އިންޓްރެސްޓް ރޭޓަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެންނެއް ބީ.އެމް.އެލް. އިން ލޯނު ނަގައިގެން ދައްކާކަށް ނޫން. މިކަހަލަ އެއްވެސް ޕްލޭނެއް ކޮށްފައެއްވެސް ނޯންނާނެ. އަޅުގަނޑު ދެންމެ މި ދަންނަވާލީ، މިހާރު އެސް.ޑީ.އެފް.ގައި ޖަމާވެފައި ހުރިވަރާއި، ޔޫސަބަލް ރިޒަރވްގައި ޖަމާވެފައި ހުރިވަރާ، ދެ އަދަދު ދަންނަވައިފިން. މި ދެ އަދަދު އެއްކޮށްލީމާވެސް 650 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރުވެސް އެބަހުއްޓޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަހުރި ހުށަހަޅާފައި، އެކި ފަރާތްތަކުން ލޯނު ނަގަން. އެކަމަކު، އިންޓްރެސްޓް ރޭޓް އަޅުގަނޑުމެން ބަލާނެ. އަޅުގަނޑުމެން ބޭނުމެއްނޫން، މިހާތަނަކަށް ނޯންނާނެ، ކުރީގެ އެކިފަހަރުމަތިން ނަގާފައި ހުރި ކަހަލަ ބޮޑެތި އިންޓްރެސްޓް ރޭޓުގައި ލޯނު ނަގާފައެއްވެސް. އަޅުގަނޑުމެން ބޭނުން، ވީހާވެސް ރަނގަޅަކަށް އެ މިންގަނޑު ހިފެހެއްޓޭތޯ ބަލަން. އެހެންވީމާ، އަޅުގަނޑުމެންގެ ނެގޯޝިއޭޝަންސް އެބަ ކުރިއަށް ގެންދަން. ނެގޯޝިއޭޝަންސް އެކި ފަރާތްތަކަށް އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް، ބޮޑު އިންޓްރެސްޓް ރޭޓަކަށް ދާކަށް އިނގޭތޯ. އެ ނެގޯޝިއޭޝަންސް ގިނަދުވަސް ވަނީވެސް އެހެންވެގެން. އަޅުގަނޑުމެން ބޭނުންވަނީ، މި ދެންނެވި މިންގަނޑު ހިފަހައްޓަން. ޑަބަލް ޑިޖިޓަށް ނާރައިވޭތޯ މަސައްކަތް ކުރަނީ އިނގޭތޯ.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
އާދެ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅުންހުރި ސުވާލެއް. ރައީސް ފާހަގަކުރެއްވި، ރައީސް ކުށްވެރިކުރަމޭ ހުރިހާ ދިމާއަކުން ދެމުންދާ ޙަމަލާތައް. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، ޕްރެސް ފެށުނު ގަޑީގައި ރައީސަށް ވިދާޅުވެވުނީ ހަމައެކަނި އީރާނުންދޭ ޙަމަލާތަކާ ގުޅިގެން، އެ ޙަމަލާތައް ކުށްވެރިކޮށް، ރައީސް ޢަރަބި ޤައުމުތަކާއި، ޔޫ.އޭ.އީ.އަށް، ދެން ހަމަ ލިސްޓެއް ވިދާޅުވި. އެހެންނަމަވެސް، އީރާނަށް ގުޅައިގެން ވާހަކަދައްކާ ވާހަކައެއް ނެތް. އެހެންވީމާ، ރައީސް އިރާން ތަފާތުކުރަނީތޯ؟ ދެން، ހާމަނާއީ އަވަހާރަވެގެން، ތަޢުޒިޔާ ނުކިޔައި، މިހާ ދިގުދެމިގެން މިދަނީ ކީއްވެގެންތޯ؟ ދެން، ރައީސް އެބަ ވިދާޅުވޭ، ދިވެހި ރައްޔިތުން ތިބީ މިވެނި ޤައުމުތަކަކާ އެކީގައި ކަމަށް، ދިވެހި ސަރުކާރުން ގުޅާފައި އެބަ ބުނަމޭ. ރައީސަށް ކިހިނެއްތޯ، ދިވެހި ރައްޔިތުންގެ ފަރާތުން ސްޓޭންޑް ނެގެނީ؟ ރައީސްގެ ސްޓޭންޑްތޯ ރައީސް ތިޔަ ވިދާޅުވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑަކީ ރައްޔިތުން ހޮވާފައި ހުރި މީހެއްވީމާ، އަޅުގަނޑަށް ރައްޔިތުންގެ ސްޓޭންޑް ނެގޭނެއެއްނު. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓުދިނީ. މެޖޯރިޓީ ވޯޓު ލިބިގެން އަންނަނީ މަގާމަށް. އެހެންވީމާ، ހުރިހާ ރައްޔިތުންގެ ފަރާތުންނެއްނު އަޅުގަނޑު ވާހަކަދައްކާނީ؟ ދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާހަކަދައްކަވާނީ، އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން. އެއީ ހޮވާފައި ހުރީމާ. ދެން، މުޅި ރާއްޖޭގެ ރައްޔިތުން ވޯޓުލާގޮތަށް ޤާނޫނުއަސާސީ މި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަކަށް. ދެން އަޅުގަނޑެއްނު ވާހަކަދައްކާނީ، ހުރިހާ ރައްޔިތުންގެ ފަރާތުން. ދެން ކާކުތޯ އެކަމަށް ދެން ވާހަކަ ދައްކާނީ؟
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
އެކަމަކު ރައީސް، ހަމަ ތަފާތުވެދާނެތާ ދޮގެއްތޯ؟ ކަންކަމުގައި ރައްޔިތުން ޖެހޭ ފަޅި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތަފާތެއް ނުވާނެ ނޫންތޯ، ދޮގެއްތޯ؟ އީރާނުންވެސް ޙަމަލާދިނުން ގޯސް. ކުށްވެރިކުރަން. އަޅުގަނޑު ފަހުން ދަންނަވާލިން ދޮގެއްތޯ، އިޒްރޭލުން ޙަމަލާދިނުން ގޯސް. އަޅުގަނޑު ހަމަ ވަރަށް ހަރުކަށިކޮށް ދަންނަވަމުން މިދަނީ، އިޒްރޭލް އެއީ، ޓެރަރިސްޓް ޤައުމެއް ދޮގެއްތޯ. ފަލަސްޠީނު އެދަނީ ސުންނާފަތި ކުރަމުން. އެމެރިކާއިންވެސް އެ ދޭ ޙަމަލާވެސް ގޯސް. ހަމަ ހުރިހާ ފަރާތްތައް ގޯސް. އެއްވެސް ފަރާތަކުން އެ ކުރަނީ ރަނގަޅު ކަމެއް ނޫން.
މަރްޔަމް އިސްޢާދާ އިސްމާޢީލް - ޗެނަލް 13:
އޮވޭ ނޫންތޯ ގަވާއިދެއްވެސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މި ދެންނެވިހެން، ޢަރަބި އިސްލާމީ ޤައުމުތައް، އެއް ބްލޮކެއް ގޮތުގައި، ސަރުކާރުން ވަރކް ކުރަމުންދާނީ.
އާދެ، މިހާރު ގަޑިން 11. 3 މިނިޓް. ރާއްޖެ ޓީ.ވީ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
ޝުކުރިއްޔާ، އަޅުގަނޑު ޝައިހާން ރާއްޖެ ޓީ.ވީ.އިން.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން ރައީސް ފާހަގަކޮށްފި، އެއްވެސް މީހަކު މަރުވުމަކީ ވަރަށް ބޮޑު ހިތާމައެކޭ، ހަމަ ކަންބޮޑުވާ ކަމެކޭ. ސާފުކޮށް ރައީސަށް ވިދާޅުވާން ކެރޭނެތޯ، އީރާނުގެ ރޫޙާނީ ލީޑަރު ހާމަނާއީ އަވަހާރަކޮށްލަން އެމެރިކާއިން ދިން ޙަމަލާއެއްގައި، ހާމަނާއީ އަވަހާރަކޮށްލި ކޮށްލުން ކުށްވެރިކުރަން؟ ސާފުކޮށް، ސާފު އިބާރާތުން ރައީސަށް ވިދާޅުވާން ކެރޭނެތޯ، އެ ކުށްވެރިކުރަމޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދިވެހިބަހުން މި ދަންނަވަނީ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
"ހާމަނާއީ އަވަހާރަކޮށްލަން ދިން ޙަމަލާ ކުށްވެރިކުރަން ކެރޭނެހޭ." އެހެން ރައީސަށް ވިދާޅުވާން ކެރޭނެތޯ؟ ޔެސް އޯ ނޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑަށް ކީއްވެ ނުކެރޭންވީ؟
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
ވިދާޅުވާންވީ ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ސާފުކޮށް ނޫންތޯ މި ދަންނަވަނީ؟ އެހެންވީމާ ސުވާލެއް އޮތިއްޔާ ވިދާޅުވޭ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
އަޅުގަނޑު މި ދެންނެވީ، ހާމަނާއީ އަވަހާރަކޮށްލި ވާހަކަ ކުށްވެރިކުރަން ކެރޭނެތޯއޭ، ރައީސަށް ސާފު ޢިބާރާތުން؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ތިއަށް ޖަވާބުދީފިން. ދެވަނަ ސުވާލު.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
ދެވަނަ ސުވާލަކީ، އެއާ ގުޅިގެން އަދި އިތުރު ސުވާލެއް. އުސޫލު ހެދިފައި އެބައޮތް. އުސޫލު ހެދިފައި އޮތީމަ، ކޮންމެ ފަހަރަކުވެސް ރާއްޖެއިން ދިދަ ބައިދަނޑިއަށް ތިރިކުރަނީ. މިފަހަރު ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރާނަންތޯ؟ ނުކުރާނަންތޯ؟ ޔެސް އޯ ނޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި، އެއަށް ގޮތެއް ނިންމާނީ. ޢަރަބި އިސްލާމީ ޤައުމުތައް، އެއް ބްލޮކެއް ގޮތުގައި މަސައްކަތް ކުރަމުންދަނީ.
ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒުގަދަ މީހުންނަށް އެ ކުދިން ވިއްކި އެޕްސްޓީންއާ، ރައީސްގެ ކުރީގެ އެޑްވައިޒަރު، ރައީސް ވަޙީދާ ގުޅުންތަކެއް އޮތް ކަމަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ފައިލްތަކުގައި އެބަވޭ ހާމަވެފައި. އެކަމަކު އެއްވެސް ފިޔަވަޅެއް ނާޅާ، ވަރަށް ގިނަ ވަގުތު ހޭދަވެގެންދިޔަފަހުން، ރައީސް ވަޙީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީ. އިސްތިޢުފާ ދެއްވަން ފުރުޞަތު ދިނީ ކީއްވެގެންތޯ؟ ނުދީ ރައީސް، ރައީސް ވަޙީދު މަގާމުން ވަކިނުކުރެއްވީ ކީއްވެގެންތޯ؟ އަދި އެ މައްސަލައިގައި ދިވެހި ސަރުކާރުން މި މައްސަލަ ތަޙުޤީޤު ނުކުރަނީ ކީއްވެގެންތޯ؟ ނުވަތަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ނާންގަވަނީ ކީއްވެގެންތޯ؟ ރައީސް ވަޙީދާމެދު އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް ނޭޅިއޮތީ ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑަށް ތިޔަކަން އެނގުނު ހިސާބުން، އަޅުގަނޑު ރައީސް ވަޙީދަށް ދެންނެވީ އިސްތިޢުފާ ދިނުމަށް. އެހެންވެ ރައީސް ވަޙީދު އިސްތިޢުފާ ދެއްވީ.
އާދެ، މިހާރު ގަޑިން 11:02. ސަން އޮންލައިން.
އަޙްމަދު އިޔާދު - ސަން އޮންލައިން:
السّلام عليكم ރައީސް.
ސަންގެ ފަރާތުން އިޔާދު އިނގޭތޯ. ފުރަތަމަ ކަމަކަށް، ރަމަޟާން މުބާރަކް. ދެން، ވަގުތު ނެތީމައާ އެކީގައި، އަޅުގަނޑު ސުވާލުތައް ވަރަށް ކުރުކޮށް ގެންދާނީ އިނގޭތޯ.
އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ، މެދުއިރުމަތީގެ މި ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ކަންކަން ޙައްލުކުރުމަށް ސަރުކާރުން މިހާރު އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ތީގެ ޖަވާބު އަޅުގަނޑު ހިތުން ވަރަށް ތަފުސީލުކޮށް ދީފިން. އެހެންވީމާ، އެންމެ ރަނގަޅުތޯ އަޅުގަނޑު ރިޕީޓް ނުކުރިޔަސް؟ ހަމަ ވަރަށް ތަފުސީލުކޮށް ދީފިން.
އަޙްމަދު އިޔާދު - ސަން އޮންލައިން:
އާދެ، ދެން، މޮރިޝަސްއާއި ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލި މައްސަލަ. މިހާރު މިކަމުގައި ސަރުކާރު، އަދި ރައީސްވެސް ހިމޭނުން ހުންނަވާ ތަން އަދި މިފެންނަނީ. ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ތަން. އެހެންވީމާ، މިކަމާ ގުޅިގެން، ސަރުކާރުގެ ބަހަކީ ކޮބައިތޯ؟ ދެން، ރައީސް ވެރިކަމަށް ވަޑައިގަންނަވަމުންވެސް ހަމަ ވެވަޑައިގެންނެވި ވަޢުދެއްކަންނޭނގެ، މި ކަނޑުގެ ސަރަޙައްދު ރާއްޖެއަށް ހޯދުމަކީ ދޮގެއްތޯ؟ އެހެންވީމާ، މިހާރު ކަނޑުގެ ސަރަޙައްދު ރާއްޖެއަށް ހޯދުމަށްޓަކައި އަޅަމުންދާ ފިޔަވަޅަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު. އެހެންވީމާ ފަހު ސުވާލު، ދެން ގަޑިވެސް ހަމަވީމައާ އެކީގައި، ދެން ޖަވާބުދީފައި ނިންމާލާނީ އިނގޭތޯ.
ވަރަށް ރަނގަޅު ސުވާލެއް ތިޔަ ކުރެއްވީ. ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް، ރިޔާސީ ބަޔާނުގައި ދެންނެވިން، މިހާރު ގޮސްފައިވާ ހިސާބު އިނގޭތޯ. މިހާރު އެކަމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން އެބަ މަސައްކަތް ކުރޭ. އަޅުގަނޑުމެންގެ މިނިސްޓީރިއަލް ކޮމިޓީވެސް މިކަމުގައި އޮވޭ އިނގޭތޯ، ކެބިނެޓުން ނަގާފައި. ކޮމިޓީއާ އެކީގައި އެގެންދަނީ މަސައްކަތްތައް ކުރަމުން. އިރާދަކުރެއްވިއްޔާ މިކަމާ ގުޅޭ މައްސަލަ އަޅުގަނޑުމެން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާނަން. ބޭރުގެ ފަންނީ މާހިރުންވެސް އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރޭ އެބަ މިކަމުގައި އިނގޭތޯ.
ދެން، މޮރިޝަސްއިން ނިންމި ނިންމުން. މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލުމަކީ ވަރަށް ތާކުންތާކުނުޖެހޭ، ވަރަށް އިމެޗުއަރ، ނައީވް ނިންމުމެއް. އެ ނިންމުން އެހެން ނިންމުމަކުންނެއް، ޙަޤީޤަތް ބަދަލެއްނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް، މޮރިޝަސްއަކަށް ޙައްޤުނޫން ތަނެއް، މޮރިޝަސްއަކަށް ޙައްޤެއް ނުވާނެ. އެއްވެސް ޤައުމަކަށް ޗާގޮސް ހަވާލުކުރާ ކަމަށްވަންޏާ، ހަވާލުކުރަންޖެހޭނީ، އެ ތަނުގެ ޙައްޤުވެރި ފަރާތް، ދިވެހިރާއްޖެއާ. އެހެންވީމާ، އެ ފެކްޓް ބަދަލެއް ނުވާނެ، ޤައުމަކުން މި ޤައުމާ ގުޅުން ކަނޑާލުމަކުންނެއް. މަޝްވަރާ ކުރުމެއްނެތި، އަމިއްލަފުޅަށް ނިންމުމެއް ނިންމެވީ. ވަރަށް ނައީވް، ވަރަށް އިމެޗުއަރ. ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށްދާނީ، މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެކީގައި.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
އެހެންވީމާ، ނޫސްވެރިން ވަޑައިގެންނެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާވެސް މި އުސޫލުގެ މަތިން ފުރުޞަތު ދެމުން ދާނަން.
ރަމަޟާން މަހުގެ ހެޔޮ ތަހުނިޔާ، ހެޔޮދުޢާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަންނަވަން.
އުސޫލެއް އޮތީ އިޢުލާނުކޮށްފައި. އެ އުސޫލުގައި އޮންނާނެ، ވަގުތު ހަމަވީމާ، ފުރުޞަތު ނެތް ފަރާތްތަކަށް، ދެން އަންނަ ދުވަހު ފުރުޞަތު ލިބޭނެއޭ އިނގޭތޯ.