ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި ދަންނަވާލަނީ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

" ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުންވެސް ޝާމިލު ކުރަމެވެ.

އަޟުޙާ ޢީދު ދުވަހަކީ، ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ހާމަކުރުމުގެ ދުވަހެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެންނަށް ވީ މިންވަރަކުން އެހީތެރިވެދީ އެމީހުންނާ އަޅާލުމުގެ ދުވަހެކެވެ. އެހެންކަމުން، މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ދުވަސްތަކެއް ކަމުގައި އެކަލާނގެ ލެއްވުމެވެ. އަޅުގަނޑުމެންނަށް މި ދުވަސްތަކުގެ ހެޔޮ ބަރަކާތާއި ދަރުމަ މިންވަރު ކުރެއްވުމެވެ.¨

އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.