ރާއްޖޭގެ ރައްޔިތުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ވަޢުދާ ގުޅިގެން ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި ޢިމާރާތްކުރާ 1000 ހައުސިން ޔުނިޓްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ.

މި ފްލެޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޯހިޔާވަހިކަން ޤާއިމް ކުރުމުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށާއި، މި ހުރަސްތަކަކީ ރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަސްތަކެއް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުއްވައި ދެއްވުމުގެ މަޝްރޫޢުގެ މަޤްޞަދަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެއްވުން ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ތަފާތު ދަތިތަކެއް ކުރިމަތިވެ ވަޑައިގެންފައިވިޔަސް، ސަރުކާރުގެ އަމާޒުތައް ޙާޞިލް ކުރެއްވޭނެކަމަށް ވިދާޅުވެ، ކުރައްވަން ނިންމަވާފައިވާ ކަންކަން ކަނޑައަޅުއްވައިފާ ވަގުތުގައި ނިންމެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިއަހަރުގެ ތެރޭގައި ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިވެވަޑައިގަތް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ މައިގަނޑުތައް ހަމައަކަށް އެޅި، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑުތަނުން މިއަހަރު ކުރިއަރާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.