ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށްދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ކޮއްޔެއް ލެއްވުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާ ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ސަރުކާރަށް ވަރަށްދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ޚިދްމަތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެ ޚިދްމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ މިންގަނޑުތަކެއް އެކަށައެޅުއްވުމުގެ މަސައްކަތް، ޤައުމީ އިނާމު ކޮމިޓީގެ މެންބަރުންނާ ޙަވާލުކުރައްވާފައިވާ ކަމަށްވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމު ޙާޞިލު ކުރެއްވި ކޮންމެ ބޭފުޅަކީވެސް، އެބޭފުޅެއްގެ ދާއިރާގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅުންކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމީ އިނާމާބެހޭ ކޮމިޓިން މި މަސައްކަތް ގެންދަވާފައިވަނީ، ވަރަށް ފުރިހަމައަށްކަމާއި، މީގެކުރިން ސަރުކާރުން އިނާމު ދެއްވަމުން ގެންދެވިއިރު ބެއްލެވިވަރަށްވުރެ، ތަފާތު އެތައް ގޮތަކުން، މިހާރު މާބޮޑަށް ބެލެމުންދާ ކަމަށް ވިދާޅުވެ، ޤައުމީ އިނާމު ކޮމިޓީގެ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.