ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް، 17 ފެބުރުވަރީ 2026 ގައި ބޭއްވެވި އެޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާން އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ، މަގާމާއި ޙަވާލުވެ ވަޑައިގެންނެވިފަހުން ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.