ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޚިދުމަތްތައް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން މިރޭ އެ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޑޮމެސްޓިކް ޚިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް މިއަދު ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ގެނެވުނު ބަދަލާއެކުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެކަމުގައި ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ ގިނަ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު މި ޓަރމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓަރމިނަލަކީ ބޮޑު ތަކުލީފަކަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން އިގްތިސާދީގޮތުން އެ ޓަރމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިއޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުންކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތްޕުޅުގެ ތެރެއިން، މިއަދު، ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ހުޅުވިފައި މިވަނީ، ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އެހާމެ ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކުގައިކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ހިކުމަތްތެރި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ފެންނަމުންދާ ހެޔޮބަދަލުތަކެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޓަރމިނަލް މަރާމާތުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ފެށިގެން ދިއުމުގައި ބޮޑު ހިއްސާއެއްވި، އެމް.އޭ.ސީ.އެލްގެ މެނޭޖުމަންޓާއި ހީވާގި މުވައްޒަފުން ރެއާއި ދުވާލު، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި، މި މަސައްކަތުގައި އުޅުއްވި އެންމެހައި މުވައްޒަފުން ޝާމިލުވާނޭގޮތުން ހުރިހާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ޓަރމިނަލްގެ އޮޕަރޭޝަން ފެށިގެން ދިއުމުން، ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް އެތައް ގޮތަކުން އަވަސްވެ، ފަސޭހަވެގެން ދިއުމަށާ އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ޚިދުމަތެއް، ޑޮމެސްޓިކް ޓަރމިނަލުން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.