بسـم اللَّه الرّحـمٰـن الـرّحيـم

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّـلام عليــكم ورحـمــة اللّـه وبـركاتـه.

އިސްލާމީ ހިދާޔަތުގެ މަތިވެރި އަލީގައި، ދިވެހި ޤައުމިއްޔަތުގެ ފަޚުރުވެރި ހިޔަލުގައި، ދިވެހި ރީތި އާދަކާދަތަކާއި، މޫރިތި ސަގާފަތާއި، ތަރިކައިގެ އަގުހުރި ތަހުޒީބުގައި، ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި، އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ގަދަ ޢަޒުމުގައި، ދުރާއި ގާތުގެ ޤައުމުތަކާއި ދައުލަތްތަކާއެކު ބާއްވާ ދެ ފަރާތަށް ލާބަޔާއި މަންފާހުރި، އެކުވެރި ރަޙްމަތްތެރިކަމުގެ ބަދަހި ގުޅުމުގައި، ދެމެހެއްޓެނިވި ޒަމާނީ ޢިލްމީ ކުރިއެރުންތަކާއެކު، ދުރު ރާސްތާއަށް ދިވެހި ޤައުމު ބިނާކުރުމުގައި، ހަމަޖެހުން، ތަރައްޤީ، ރައްކާތެރިކަން ކަށަވަރުކުރުމުގައި، ރެޔާއި ދުވާލު ދިވެހި ލޮބުވެތި ރައްޔިތުންގެ އުފާވެރިކަމަށްޓަކައި، މިނެއްނެތް ހިންމަތާއި މިންނަތްކޮށް، ޚިދުމަތްކުރުންމަތީ ދެމިހުރުމުގައި، މި ސަރުކާރުގެ ސާފު ސިޔާސަތާއެކު، ދިވެހިރާއްޖޭގެ އައުދާނަ ރައްޔިތުންގެ މަޖިލީހުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު މި ހުއްޓުނީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ޤައުމުގެ ހާލަތު ބަޔާންކުރުމުގެ ބޭނުމުގައި. އަދި މި ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން، ކުރިއަށް އޮތް އަހަރު ކުރަން ރާވައިފައިވާ ކަންކަން ބަޔާންކުރުމުގެ ބޭނުމުގައި. މިގޮތުން، މި ބަޔާންކުރި ސިޔާސަތުގެ ދަށުން، ފާއިތުވި އަހަރު ޤައުމުގެ އެތައް ކަމެއް އިޞްލާޙުކޮށް، ތަރައްޤީކޮށް، ކުރިއަރުވައި، ނަތީޖާ ހާސިލުކުރެވުނު. އަދި އިސްވެ ދެންނެވުނު ސިޔާސަތުގެ ތަރަހައިގެ މަތީގައި، ޤައުމީ ތަރައްޤީއާ ގުޅިފައިވާ މިކަންކަން ރާވައި، ކުރިއަށް ގެންދާނެގޮތް ބަޔާންކުރުމަށް އަޅުގަނޑު ގަސްދުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ، މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ، މާތް ﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭގޮތުގައި، މި ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ. ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރްއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދިޔައިން. މީގެތެރެއިން، ހއ.ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މިސްކިތް ނިންމައި ހުޅުވިން. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް އިރާދަކުރެއްވިއްޔާ ހުޅުވާނަން.

މިސްކިތްތައް އަޅައި ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެން. އެގޮތުން، ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރިން. އަދި މިއަހަރު 15 މިލިއަން ރުފިޔާ، މިސްކިތްތައް މަރާމާތު ކުރުމަށް ހަމަޖައްސައިފައި ވާނެ. މި އަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ. މީގެ ތެރެއިން، 3 މަރުކަޒެއްގެ އެއްބަސްވުމުގައި މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ވާނީ ސޮއިކޮށްފައި. ހަމަ އެހެންމެ، މި އަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. ހަމައެއާއެކު، ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަޞައްވުރު އެކުލަވައިލައި، ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ. އަދި މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޭސީ ކުރެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރްއާން ކިޔެވުމާއި، އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭންޖެހޭ ޤަދަރު އަޅުގަނޑުމެން ދޭންޖެހޭނެ. އެހެންކަމުން، ޙާފިޡުންގެ އަގުވަޒަންކޮށް، ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރުދިނުމުގެ ގޮތުން، ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2,000 ރުފިޔާގެ އެލަވަންސް، 4,000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި. ނިމިދިޔަ 2025 ވަނަ އަހަރު ވެގެން ގޮސްފައިވަނީ، ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މީހުން ޙާފިޡުންގެ ގޮތުގައި ދަސްވެނިވި އަހަރު ގޮތުގައި. މިގޮތުން، 30 ޙާފިޡުން ވަނީ ދަސްވެނިވެފައި.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް، 2028 ވަނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް ނިންމައި، ނިމިދިޔަ އަހަރު އެ މަސައްކަތް ވާނީ ފަށާފައި. އަދި ޤުރްއާނާބެހޭ އެކި ކަންކަމަށް ޚަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނޭ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މާލޭގައި ޤުރްއާނަށް ޚާއްޞަ ވަޤުފު އިމާރާތެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

ހަމައެހެންމެ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ރާވައި ހިންގުމުގެ ހުރިހާ ޚަރަދެއް، ސަރުކާރުގެ ބަޖެޓުން ބެލެހެއްޓުމާއި، ވަނަވެރީންނަށް ދެމުން އައި އިނާމު ދެގުނަކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއްގެ ގޮތުން، ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީ.އެޗް.ޑީ.އާ ހަމައަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދޭން ވަނީ ފަށާފައި. މީގެ އިތުރުން، ރީތިކޮށް ޤުރްއާން ކިޔެވުމުގެ ހުނަރު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުމަކީ އެންމެ ޢަދުލުވެރިގޮތް ކަމުގައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރްއާން ކިޔަވައިދޭނެ ޓީޗަރުން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޖަމާޢީ އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް، ފުރައިތުރު މައްކާއަށާއި، މާތްވެގެންވާ މަދީނާއަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ ގޮތްތަކެއް މެދުވެރިވެފައި ނެތުމަކީ، ދިވެހި ޙައްޖާޖީންނަށް އެތައް ވޭނެއް، ތަކުލީފެއް އުފުލަންޖެހޭތާ ޒަމާންތަކެއް ފާއިތުވެގެންދިޔަ ކަމެއް. ނަމަވެސް، ޙައްޖާޖީންގެ ލުއިފަސޭހައަށްޓަކައި ސަޢޫދީ ސަރުކާރުން ތަޢާރުފް ކުރެއްވި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދާއިމީ މެންބަރުކަން 8 ވަނައަށް ލިބުނު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހި، ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތާރީޚުގައިވެސް ދުވަހަކު ލިބިފައި ނެތްހާ ޒަމާނީ ފަސޭހަތައް ވަނީ ތަނަވަސްކުރެވިފައި. މިކަމަށްޓަކައި، ދިވެހި ސަރުކާރުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލިއްޔުލްއަމްރު، ދެ ޙަރަމްގެ ޚާދިމު، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

ހަމައެހެންމެ، މިނާގައި ޒަމާނުއްސުރެ ދިވެހީންނަށް ލިބެމުން އައި، ސީ ކެޓަގަރީގެ ޚިދުމަތް، ބީ ކެޓަގަރީއަށް މަތިކޮށް، އެތައް ގޮތަކުން ޚިދުމަތްތައް ފުޅާކުރެވިފައި ވާނެ. މީގެއިތުރަށް، މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު، ފުރަތަމަ ފަހަރަށް އެއަރ ކޮންޑިޝަންޑް ހައިސްޕީޑް ރޭލުގައި ކުރަން ފަށައިފައި ވާނެ. ނަތީޖާއެއްގެ ގޮތުން ދަތުރު، ފަސޭހަވުމުގެ އިތުރުން، ދަތުރުގެ ވަގުތު 7 ގަޑިއިރުން 2 ގަޑިއިރަށް މިހާރު ވަނީ ކުރުވެފައި. ހަމައެއާއެކު، ޙައްޖުގެ އަޅުކަމުގެ ތެރޭގައި، ޙައްޖުވެރިންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ވާނީ ހަމަޖައްސައިފައި. އަދި ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް ޤާއިމުކޮށް، ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކުލިނިކެއްގެ ޚިދުމަތް ދޭންވެސް މިހާރު ވާނީ ފަށާފައި.

މި ހުރިހާ ހެޔޮ ބަދަލެއް ގެނެސް، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނަޔަކުން މަތިކޮށްފައި ވާނީ ޙައްޖަށްދާ މީހުންގެ އަތުން އިތުރަށް ކުޑަވެސް އެއްޗެއް ނެގުމަކާނުލައިކަން ފާހަގަކޮށްލަން.

މި ސަރުކާރުން، ދިވެހީންގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ވީހާވެސް އަވަހަށް، ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެން. މި އަހަރުގެ ޙައްޖާ ގުޅޭ ކަންކަން، ސަޢޫދީ އަރަބިއްޔާގައި އެންމެ ފުރަތަމަ 100 ޕަސެންޓް ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން އުފަލާއެކު ދަންނަވަން. މީގެ ތެރޭގައި، މައްކާއާއި، މަދީނާގައި ހުރުމާއި، އަދި ގުޅިފައިވާ އެހެން ކަންކަންވެސް ވަނީ ފުރިހަމަކުރެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކުރައްވާފައިވާ މަޤްޞަދުތައް ހާސިލުކުރެވޭނެހެން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި، ޒަކާތް ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޒަކާތުގެ ޤާނޫނެއް މިހާރު ވަނީ ވުޖޫދު ކުރެވިފައި. މިއީ، އެތަކެއް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނިމުން. އަދި މިއީ، ރާއްޖޭގައި ދީނީ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތުގެ ސަބަބުން، ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ދަނީ އިތުރުވަމުން. މިގޮތުން، ނިމިދިޔަ އަހަރު 107,205,043 (ސަތޭކަ ހަތް މިލިއަން ދެލައްކަ ފަސްހާސް ސާޅީސް ތިނެއް) ރުފިޔާ، ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި. މިއީ، ވޭތުވެދިޔަ 5 އަހަރުވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްޤީކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް ﷲ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެން މުސްލިމުން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް ވަނީ ފުރިހަމަކޮށް ބަޔާންކުރައްވާފައި.

އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އަޅުގަނޑުމެންގެ ޤައުމުގައި ކަންކަން ބައްޓަން ކުރަންވާނީ، މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގައި، މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ، އެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެހެންކަމުން، މި ފަޚުރުވެރި ދިވެހި ޖުމްހޫރިއްޔާގެ ރައީސުއްދައުލާގެ ހައިސިއްޔަތުން، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. އަދި ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން، އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށް ނަޞްރު ދިނުމާއެކު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގޮތުން، ދިވެހީންގެ މި ރާއްޖޭގެ ދިވެހީންގެ ހަނދާންތައް އެއްކުރުމާއި، ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތައް ހޯދުމާއި، މުޅި ރާއްޖެ ޝާމިލުވާނެހެން ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް ފަށައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ އަސާސީ މަފުހޫމްތައް އާންމުކޮށް، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ތަރިކައިގެ ދާއިރާގެ ޢިލްމީ މުޖުތަމަޢެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި، އެ ދާއިރާއިން 50 ދިރާސާވެރީން އެކުލެވޭނެހެން ދިރާސާ މަސައްކަތްތަކެއް ވަނީ ފެށިފައި. ހަމައެއާއެކު، ދިވެހި ތަރިކައިގެ ޤައުމީ މަޝްރޫޢުތައް ފަރުމާކޮށް، ހއ. އުތީމުގަޔާއި، ތަކަންދޫގަޔާއި، ބާރަށުގައި މަސައްކަތް ދަނީ ކުރިއަށް.

މީގެ އިތުރުން، ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ޙަޟާރަތުގެ ހައިސިއްޔަތު، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރިކުރުވުމުގެ ގޮތުން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލުގެ މިސްކިތްތަކާއި، ގަލުވަޑާން ދަފުތަރުކުރުވުމަށް ކުރަންޖެހޭ ދިރާސާ މަސައްކަތް ފުރިހަމަކޮށް، ނޮމިނޭޝަން ފައިލް ނުވަތަ ޑޮޒިއަރ، މިހާރު ވާނީ ޔުނެސްކޯގެ ވަރލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅައިފައި. އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ "އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމް"ގެ މަސައްކަތް، އުސްގެކޮޅާއި، އެ ގެކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުން އެދަނީ. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނަން.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކޮށް، ދިވެހީންގެ ތަރިކައާއި ސަގާފަތާއި، ދިވެހީންގެ އައިޑެންޓިޓީ ރައްކާތެރިކަމާއެކު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ތުނޑުކުނާވިޔުމާއި، ތިލޭރުކަމާއި، ސާންތިވިޔުމާއި، މާވަޑިކަމާއި، ލިޔެލާޖެހުމާއި، ކަސަބު ގެތުމާއި، ފޭލިވިޔުމާއި، ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމުގެ ޤައުމީ ސަނަދުގެ ލެވެލް 3ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑާއި، އެއާ ގުޅޭ ޓްރޭނިންގ ޕެކޭޖް ހެދުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައި. މީގެ އިތުރުން، ބ. ތުޅާދޫގައި ލިޔެލާޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް ޤާއިމުކުރުމާއި، ދ. ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭނެ ތަމްރީނު މަރުކަޒެއް ޤާއިމުކުރުމާއި، އަދި ގދ. ގައްދޫގައި ތުނޑުކުނާ ވިޔުމާބެހޭ މަސައްކަތް ދަސްކޮށްދޭނެ ތަމްރީނު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި. ހަމައެހެންމެ، ތަރިކައިގެ މާނަވީ ބައި އިޢާދަ ކުރުމަށްވެސް މި އަހަރު މަސައްކަތްތަކެއް ކުރަންވަނީ ހަމަޖެހިފައި. މިގޮތުން، ޚާއްޞަ ސަމާލުކަމެއް ދޭނެ އެއް ދާއިރާއަކީ، ދިވެހީންގެ މާތް އަޚްލާޤާއި، އަދަބުވެރި ގޮތްތައް. މި ސިފަތައް ގެއްލިދިޔަ ނުދިނުމަށްޓަކައި، ދިވެހީންގެ ރީތި އުޅުމާއި ގުޅުން އިޢާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަޞައްވުރެއް އެކުލަވައިލައި، އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް، މި އަހަރު ފަށައި، އިޙްތިރާމު ކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިނެއް، މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އަދި މިކަންކަމަށް ބޭނުންވާ ޤާނޫނުތައް ވުޖޫދުކުރުމަށްޓަކައިވެސް ދަނީ މަސައްކަތް ކުރަމުން. މިގޮތުން، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައި ވާނެ.

ހަމަ އެހެންމެ، ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި، އެ ތަނެއްގެ ހަމަޖެހުމާއި ރައްކާތެރިކަން ބިނާވެގެންވަނީ، އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ އަޚްލާޤާއި ސުލޫކުގެ މައްޗަށް ކަމުގައިވާއިރު، ބޮޑުވަމުން އަންނަ ދިވެހި ޖީލަކީ، ރިވެތި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ، ޚުލްޤު ހެޔޮ، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ ޖީލަކަށް ހެދުމަށް، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް، މުޅި އަހަރުދުވަހަށް ބަހާލައިގެން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގާ ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ"ގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، މި އަހަރު ހިންގަން ވަނީ ފަށާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މިހާ އިސްކަމެއް ދީގެން، މި ހުރިހާ މަސައްކަތްތައް، ދިވެހި ޤައުމިއްޔަތާއި ތަރިކައިގެ ދާއިރާއިން މި ސަރުކާރުން ކުރަމުން މިދަނީ ދިވެހީންގެ ސަގާފީ މިނިވަންކަމާއި، މި ރަށްތަކާއި، ދިވެހި މާކަނޑަކީ ދިވެހީންގެ މިލްކުތައް ކަމުގެ ހެކި ލިބިދޭ އެންމެ ސާބިތު ބާރަކީ، ދިވެހިބަހާއި ދިވެހި ސަގާފަތާއި، ދިވެހީންގެ ތަރިކަތައް ކަމުގައިވާތީ. އެހެންކަމުން، އަންނާން އޮތް ޖީލުތަކަށް މި އަމާނާތް ރައްދުކޮށްދީ، ދިވެހި ނޭޝަނަލް އައިޑެންޓިޓީގެ މި ހަރުދަނާ ތަނބުތައް ޙިމާޔަތްކޮށްދިނުމަކީ، އަޅުގަނޑު ކުޑަވެސް ވަރުބަލިކަމެއްނެތި، އުފަލާއެކު އުފުލަމުން ގެންދާނެ ޤައުމީ ވާޖިބެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި، އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައިވެސް މުހިއްމު ކުރިއެރުންތަކެއް ވަނީ ހޯދިފައި. ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިގޮތުން، ކޯސްޓްގާޑުގެ ޚިދުމަތް، ދެގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި، ސިފައިންގެ ޚިދުމަތަށް މިހާތަނަށް ތަޢާރުފް ކުރެވުނު އެންމެ ބޮޑު ޢަސްކަރީ މަނަވަރު، މިދިޔަ އަހަރު ޚިދުމަތަށް ނެރުނިން. އަދި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަރސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި، އޭގެތެރެއިން 3 އުޅަނދު މިހާރު ވާނީ ޚިދުމަތަށް ނެރެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެ. އަދި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައި. ހަމައެއާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރުވެސް މި އަހަރު އިރާދަކުރެއްވިއްޔާ ޚިދުމަތަށް ނެރެވޭނެ.

މީގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ އެއަރ ކޯ ތަރައްޤީކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރު ކުރިއަށް ގެންދެވުނު. މިގޮތުން މިދިޔަ އަހަރު އެމް.އެން.ޑީ.އެފް.ގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީގައި ޤާއިމުކޮށް ވަނީ ހުޅުވައިފައި. އަދި އުތުރުގައި އެއަރ ސްޓޭޝަނެއް ޤާއިމުކުރުމަށްޓަކައި ށ. ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަންގެ މަސައްކަތް ނިންމައި، އިރާދަކުރެއްވިއްޔާ މި އަހަރު ބޭނުންކުރަން ފަށާނަން.

ހަމައެހެންމެ، މިދިޔަ އަހަރު އެމް.އެން.ޑީ.އެފް.ގެ މެރީންކޯއަށް ވަނީ އެންމެ ޒަމާނީ އަރމަރޑް ވެހިކަލްތައް ހޯދައިފައި. މި އަހަރުގެ ތެރޭގައިވެސް މެރީންކޯގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައި، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސިފައިންގެ ތަޢުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ގިރިފުށި ބިންހިއްކުމާއި، ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، އެމް.އެން.ޑީ.އެފް.ގެ އައްޑޫ ޓްރޭނިންގ ސެންޓަރ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައި. މީގެ އިތުރުން، ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.

ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި، އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހިފައިވޭ. ރާއްޖޭގެ އެކި ކަންކޮޅުގައި، ސިފައިންނަށް ބޭނުންވާ އިތުރު ޢުމްރާނީ ވަސީލަތްތައްވެސް ޤާއިމުކުރަންޖެހޭ. ސިފައިންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނު ދިނުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއްވެސް ގެންނަންޖެހޭ. އެކި ދާއިރާއިން ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ނިޒާމުތައް އެކުލަވައިލަންޖެހޭ. މި ހުރިހާ ކަމަކަށް ޚާއްޞަ އިސްކަމެއްދީ، މި އަހަރު ތެރޭގައި މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނެ ސަރުކާރުގެ އިދާރާއެއް މީގެކުރީން ނެތުމުގެ ސަބަބުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެދެވޭގޮތުގައި ބެލެހެއްޓިފައި ނުވާކަމީ ފެންނަން އޮތް ޙަޤީޤަތެއް. އެހެންކަމުން، މިކަން ނިމުމަކަށް ގެނެސް، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ މަސައްކަތްތަކުގެ ތެރެއަށް، ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރުކޮށް، މާލޭ ކޮމަރޝަލް ހާބަރާއި، ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލާއި، ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި، ހިތަދޫ ރީޖަނަލް ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން ވާނީ ހަވާލުކޮށްފައި. އަދި މި ބަދަލާ ގުޅިގެން، އަލަށް އުފެދުނު އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން މިދަނީ ވަރަށް އިސްކަމެއް ދީގެން ހަމަޖައްސައިދެމުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދައުލަތް ދިފާޢުކުރުމުގައި، ޤައުމުގެ ޢަޤީދާއާއި، އަމިއްލަވަންތަކަމާއި، ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރާ އޮންނަ ގުޅުންތައް ހަރުދަނާކުރުމަކީ، ކޮންމެހެން ފަރުވާތެރިވާން ޖެހޭނެ ކަމެއް. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި، މި ސަރުކާރުން އިސްކުރަނީ އަވަށްޓެރިންނާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުން. ބުރަވަނީ ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް. ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކަށާއި، ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް. އަދި މިކަންކަމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ނަން، ބޭރު ދުނިޔޭގައި އުފުލައި، ދިވެހީންގެ މަޞްލަޙަތު އިސްކުރުމަށް.

މި ސަރުކާރުގެ "މޯލްޑިވްސް-ފަރސްޓް" ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ދިވެހީންގެ މި ރާއްޖެއަށް އިޙްތިރާމުކުރާ، އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް، ގުޅިގެން މަސައްކަތްކުރާ ކޮންމެ ޤައުމަކާއި، ކޮންމެ ޖަމުޢިއްޔާއަކާއެކު މަސައްކަތްކޮށް، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކާމިޔާބީތަކެއް ހޯދިން. ދިވެހިރާއްޖެ، ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމުތަކަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ދުނިޔޭގެ އިޙްތިރާމު ހޯދުމާއެކު، ރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށްވާނީ ހަދާފައި.

މިގޮތުން ބަލާއިރު، އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރުމަށާއި، އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަން ކުރުމަށް ރާއްޖެއަށް ވަނީ ފުރުޞަތު ލިބިފައި. އަދި ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެންބަރު ކަމަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. މީގެ އިތުރުން، އިތުރު ތިން އިންތިޚާބެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައި. ހަމައެއާއެކު، ބައިނަލްއަޤްވާމީ ކޯޓުތަކުގައި މިހާރު ހިނގާ މައްސަލަތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާ ގުޅިގެން އަދާކުރާ ރިޕޯޓިންގ އިލްތިޒާމުތައްވެސް ފާހަގަކޮށްލަން. މިގޮތުން، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގާ ޙަރަކާތްތަކާ ގުޅިގެން، އިސްރާއީލުގެ އިލްތިޒާމުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅައިފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ބައިވެރިވެ، ކޯޓަށް ހާޒިރުވެ، ބަޔާނެއް ދީފައި ވާނެ. އަދި މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައިގައި ތަދައްޚުލުވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ލިޔުމުން ބަޔާން ހުށަހެޅިން. މީގެއިތުރުން، އޯ.އައި.ސީ.ގެ 8 ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެ، އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާމް، އެއިން ކޮންމެ ބައްދަލުވުމެއްގައިވެސް އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކޮށްފައި ވާނެ. އަދި ފަލަސްޠީނުގެ އަހުލުވެރީން، އެ ބިމުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެންމެކުރީގައި މި ދިވެހިރާއްޖެ އޮންނާނެ ކަމުގެ ޔަޤީންކަން ދީފައިވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ ޙައްޤުތަކާއި މިލްކިއްޔާތު ކަށަވަރުކުރުމަށް ބޭރުދުނިޔޭގައި ކުރެވުނު މުޢާމަލާތްތަކާއި ވަކާލާތުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅިފައިވާ، ވަރަށް މުހިންމު ދެ މައްސަލައެއް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން. އެއް މައްސަލައަކީ ފޯޅަވަހީގެ މައްސަލަ. ފޯޅަވައްސަކީ އިސްތިޢުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ޤަރުނެއް ކުރިއްސުރެވެސް، ދިވެހީން އެ ތަނެއް ދަންނަ ތަނެއް. ދިވެހި ކާބަފައިން ދިވެހިބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް. ދިވެހި ނެވިކަމާއި، ކަނޑުވެރިކަމުގެ ތެރެއިން ލިޔެފައިވާ ފޮތްތަކުގައި، އެ ތަނުގެ ވާހަކަ ބަޔާންކުރެވިފައިވޭ. ދިވެހީންގެ ދޫދޫމަތީން ވާހަކަތަކުން ފޯޅަވައްސާ ބެހޭ ޙަޤީޤަތްތައް މިއަދާ ހަމަޔަށް ނަގުލުވަމުން ވާރުތަވަމުން އައިސްފައިވޭ. ހަމައެހެންމެ، ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނައިފައިވާކަން ތާރީޚުން ކަށަވަރުވޭ.

މިކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ، އޭރުވެސް މިހާރުވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު، އެ ސަރަހައްދަށް މަހަށް ނުކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި، މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއް. އެހެންކަމުން، ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން އިޢުތިރާޒުކޮށް، އެކަމާ ދިވެހި ދައުލަތުން ދެކޮޅުހަދާކަން ބަޔާންކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެންބަރު 2024 ގައި އަދި 18 ޖަނަވަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025 ގައި އަޅުގަނޑާއި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑުވާނީ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސް، މިކަމުގައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއެކީގައި މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި.

މިކަންކަމުގެ އިތުރަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ޤައުމަކުން ނުވަތަ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި މަޝްވަރާކުރެވޭނަމަ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ގަވާއިދުން ހިއްސާކޮށް ވަކާލާތުކޮށްފައި ވާނެ. ހަމައެއާއެކު، ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސްއިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން، އެ ކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަންވެސް މޮރިޝަސް ސަރުކާރަށާއި، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އަށް ޙިއްޞާކޮށްފައި ވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިރާއްޖޭގެ ސިޔާދަތީ އިމުގެ މައްސަލައިގައި، އަޅުގަނޑު ވަރަށް އިސްކަމެއް ދީގެން ފާހަގަކުރަން ބޭނުންވާ، އެހާމެ ޚުޠޫރަތްތެރި ދެވަނަ މައްސަލައަކީ، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS) އިން ނިންމި ނިންމުމުގެ މައްސަލަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރުވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރުވެސް، ދޫކޮށްލެވިގެން ނުވާނެ. ނަމަވެސް، ފާއިތުވި ސަރުކާރުގެ ދުވަސްވަރު، ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް، ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ، ދިވެހިރާއްޖޭގެ އީ.އީ.ޒެޑް.ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައި. އެހެންކަމުން، މި ނިންމުން ދިރާސާކޮށް، ދިވެހިރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023 ގައި އަޅުގަނޑުވާނީ ބަންޑާރަ ނައިބަށް އަންގާފައި. އެއާއެކު، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެންބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަ ނައިބު އެކުލަވައިލައްވައި، މި މައްސަލައިގައި ޢައްޔަންކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް، މި ކޮމިޓީން ތައްޔާރުކުރި ރިޕޯޓުތައް ބަންޑާރަ ނައިބު ވަނީ 22 ޖަނަވަރީ 2026 ގައި އަޅުގަނޑަށް ހުށަހަޅުއްވާފައި. އަދި މި ދެންނެވި ރިޕޯޓުތަކުގައި ވިލަރެސް ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކާއި، އެ ކޮމިޓީން ހުށަހެޅުއްވި ކަންކަން ހިމެނޭގޮތުން ކެބިނެޓް ކަރުދާހެއް އެކުލަވައިލައްވައި، 25 ޖަނަވަރީ 2026 ގައި އޮތް ވަޒީރުންގެ މަޖިލީހަށް ބަންޑާރަ ނައިބު ވަނީ ހުށަހަޅުއްވައިފައި.

މި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު، ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި. އަދި، މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވާނީ ފަށައިފައި.

އެގޮތުން ޢައްޔަން ކުރައްވައިފައިވާ ޤާނޫނީ މާހިރުން ދެއްވައިފައިވާ ލަފައާ އެއްގޮތަށް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން، ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެ ސިޓީ، އަނބުރާ ގެނައުމަށް ނިންމިކަން، މި ފަޚްރުވެރި ދިވެހި ދައުލަތާއި، ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިޢުލާނުކުރަން.

މީގެ އިތުރަށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް، ޤާނޫނުގައި މިހާރުވެސް ކަނޑައަޅައިފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިޢުލާނުކުރަން. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ފޮނުވާނަން.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ޤާއިމުކުރުމަށް ވަނީ މާހިރުންގެ ފަރާތުން ލަފާ ދެއްވައިފައި. އެހެންކަމުން، މިކަމުގައި ސަރުކާރުގެ ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރުން މުހިންމުކަމަށް ފެންނާތީ، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން. ހަމައެހެންމެ، މި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން، ދިވެހި ދައުލަތަށް އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް، މައްސަލައިގައި ޢައްޔަންކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް، އެ ނިންމެވުންތައް ނިންމަވައިފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ، އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ"އެއް އުފެއްދުމަށް އަޅުގަނޑު ނިންމިކަންވެސް އިޢުލާނުކުރަން.

ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އެކަމަކާ ގުޅިފައިވާ އެންމެ މުހިއްމު އެއް ދާއިރާއަކީ އަދި ޤައުމުގެ ކުރިއެރުމާއި ތަމައްދުން، އެ މައްޗަށް ބިނާވާ މާއްދީ އެންމެ މުހިންމު ދާއިރާއަކީ، ޤައުމުގެ އިޤްތިޞާދު. އަދި، އިޤްތިޞާދީ ގޮތުން ކުރިއަރައިފައިވާ ވިލުންތެރި އިޤްތިޞާދެއް ޤާއިމުވެފައި އޮތް ޤައުމަކަށް ދިވެހި ޤައުމު ވެގެންދިޔުމަކީ، މި ސަރަޙައްދުގެ އަމަންއަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށްވެސް ނުހަނު ފައިދާ ކުރާނެ ކަމެއް. ކަން މިހެން އޮތް ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައި. ވޭތުވެދިޔަ ދައުރުގައި މާލީ ކަންކަމުގައި ގެންގުޅެފައިވާ ޒިންމާދާރުކަން ކުޑަ، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން، މާލީ ކަންކަން އޮތީ ބޮއްސުންލާފައި. ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން، ބޮޑުއަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި، ފައިސާ ޗާޕުކޮށްގެން ޚަރަދުކުރުން އޮތީ ހައްދުފަހަނަޅައިފައި. ވެރިކަމާ ހަވާލުވުމާއެކު، އަޅުގަނޑު އަވަސްވެގަންނަން ޖެހުނީ މިކަންކަމަށް ހައްލު ހޯދަން. އެ ހާލަތުން އަރައިގަތުމަށްޓަކައި މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފިން. އެގޮތުން، މި ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޢާދަކޮށް މެކްރޯއިކޮނޮމިކް ސްޓެބިލިޓީ ޤާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނިން. މީގެ އިތުރުން، އިންވެސްޓަރުން ރާއްޖޭގެ މާލީ ހާލަތަށް ކުރާ އިތުބާރު ހަރުދަނާކުރުމަށްވެސް އިސްކަންދިނިން. މިގޮތުން، ޤާނޫނުން އިސްތިސްނާ ހޯދައިގެން ފައިސާ ޗާޕުކުރަމުންދިޔަ ދިޔުން، އަޅުގަނޑު ވެރިކަމާ ހަވާލުވުމާއެކު ނިމުމަކަށް ގެނައިން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ޢިއްޒަތްތެރި މަޖިލީހުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ، މި ސަރުކާރުން އެކުލަވައިލި އެންމެ ފުރަތަމަ ބަޖެޓް. މިދިޔަ އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ތަންފީޒު ކޮށްފައިވާނީ، މި ޢިއްޒަތްތެރި މަޖިލީހުން ފާސްކުރި މިންވަރަށް އެންމެ ރުފިޔާއެއްވެސް އިތުރުނުކޮށް. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅައި ނިންމާލި ފުރަތަމަ ބަޖެޓް. އެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ޚަރަދުވީ ރިކަރަންޓް ޚަރަދުތަކަށް. ނޮވެންބަރު 2025ން ފެށިގެން ތަންފީޒުކުރަން ފެށި ޕޭ-ހާމަނައިޒޭޝަންވެސް ހިމެނޭގޮތުން، މުވައްޒަފުންގެ ޚަރަދުތަކަށް އެ ބަޖެޓުން ހޭދަވީ 14.2 ބިލިއަން ރުފިޔާ. އިންޓަރެސްޓްގެ ގޮތުގައި 4.6 ބިލިއަން ޚަރަދުވެފައިވާއިރު، ސަރުކާރުން ދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީއަށް 9.9 ބިލިއަން ރުފިޔާ ޚަރަދުވެފައިވޭ. ސަރުކާރުގެ ހިންގުމުގެ އެހެނިހެން ރިކަރަންޓް ޚަރަދުތަކަށް 6 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދުތަކަށް ޖުމުލަ 6 ބިލިއަން ޚަރަދުވެފައިވޭ. ޕީ.އެސް.އައި.ޕީ.އަށް 7.9 ބިލިއަން ޚަރަދުކުރުމުގެ އިތުރުން، ދަރަނި އަދާކުރުމަށް 5.2 ބިލިއަން ހޭދަވެފައިވޭ. އަދި ލޯނު ދޫކުރުމަށާއި، އެހެނިހެން އިންވެސްޓްމަންޓްތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވެފައިވޭ.

ވޭތުވެދިޔަ ފަސް އަހަރު ޖީ.ޑީ.ޕީ.ގެ ނިސްބަތުން އޯވަރރޯލް ޑެފިސިޓް ހުރީ އަހަރަކު އެވްރެޖްކޮށް 9 އިންސައްތައަށްވުރެ މަތީގައި. އެހެންނަމަވެސް، އަޅުގަނޑުމެން މިވަނީ މިހާރު މި އަދަދު ޖީ.ޑީ.ޕީ.ގެ ނިސްބަތުން 9 އިންސައްތައަށްވުރެ ކުޑަކޮށްފައި. އެގޮތުން، ނިމިދިޔަ
2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ، ޖީ.ޑީ.ޕީ.ގެ ނިސްބަތުން 5 އިންސައްތައިގައި. އަދި ފަހުގެ ތާރީޚުގައި ބަޖެޓް ތަންފީޒު ކޮށްފައިވާ ގޮތާ ޚިލާފަށް، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފުތާ ބަޖެޓް ސަރޕްލަސްއެއްގައި ހިފެހެއްޓުނު. 2026 ވަނަ އަހަރާއި، މެދުރާސްތާގައިވެސް ބަޖެޓް ޑެފިސިޓް ޖީ.ޑީ.ޕީ.ގެ ނިސްބަތުން 9 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމަށް ރާވައިފައި ވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޖުމުލަ އާމްދަނީއާއި، ހިލޭ އެހީގެ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ލިބިފައިވޭ. އާމްދަނީ އިތުރުކުރުމަށް ތަންފީޒު ކޮށްފައިވާ ސިޔާސަތުތަކާއެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި، 28.1 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވޭ. މިގޮތުން، ޖުމުލަ އާމްދަނީއާއި، ހިލޭ އެހީ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރުގައި، 12 އިންސައްތަ ކުރިއަރާފައި. އަދި މި ބަދަލުތަކާއި، އިޤްތިޞާދީ ދުވެއްޔަށް އަންނަ ކުރިއެރުމާއެކު، މި އަހަރު 40.4 ބިލިއަން ރުފިޔާ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ.

އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ. ނަތީޖާއެއްގެ ގޮތުން، ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑު ކަމުގައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު އެސް.ޑީ.އެފް.އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒަރވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މައި ޙިއްޞާދާރެއް ކަމުގައިވާ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް، މާލިއްޔާއަށް ބުރަ ބޮޑުނުވާނެ ގޮތަށް ރީ-ފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވުމާއި، އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި، ކުރިން އައި.އެމް.އެފް.ގެ ޕްރޮގްރާމަކަށް ދާންޖެހޭގޮތަށް އޮތް ޝަރުޠު އުނިކޮށް، ރޯލްއޯވަރ ކޮށްދީފައި ވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒަރވަށް އެކަމުގެ ހެޔޮ އަސަރު އަންނަނީ ކުރަމުން. އަދި، ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން، 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން، 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުވުމަށް މަގުފަހިވި.

މިގޮތުން ބަލާއިރު، މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒަރވް، 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި އެބަހުރި. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ރަސްމީ ގްރޮސް ރިޒަރވް އެންމެ މައްޗަށް ދިޔަ ފަހަރު. މީގެ އިތުރުންވެސް، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 26 އެޕްރީލް 2018 ގައި، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން، ރޯލްއޯވަރކޮށް މެޗުއަރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓްގައި ސޮއިކުރުމުގެ ޓަރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި، މި އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު، މި އާމްދަނީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޖަމާވެގެންދާނެ. އަދި ޓްރިޕަލް އޭ ރޭޓަޑް އިންޝުއަރަންސް އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝުއަރަންސް ކަވަރ ހަމަޖެހިފައިވާއިރު، އިތުރު 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ ގިނަ މުޢާމަލާތްތަކެއް ނިމުމަކާ ހަމަޔަށް ގޮސްފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުން، އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް، އެއަށްވުރެ ބޮޑުއަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން މި އަހަރު އަނބުރާ ދައްކަންޖެހުން. އަދި، އައި.އެމް.އެފް. އިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން 23 ނޮވެންބަރު 2022 ގައި ތައްޔާރު ކުރި އަރޓިކަލް 4ގެ ރިޕޯޓުގައި ދިވެހިރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް"ގައި ކަމަށް ބަޔާންކޮށްފައިވުން އެއީ، އަނެއް ބޮޑު ގޮންޖެހުން. އެހެންކަމުން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކާ ތައްޔާރުވަމުން. މިގޮތުން، މި ސަރުކާރުން އެސް.ޑީ.އެފް.އަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތާއި، ޖަމާކުރާ ޑޮލަރު އިތުރުކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު އެސް.ޑީ.އެފް.ގައި 275 މިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެ. އެހެންނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސް.ޑީ.އެފް.ގައި ބޭނުންކުރެވޭގޮތަށް ހުރީ އެންމެ 2 މިލިއަން ޑޮލަރު. މި ސަރުކާރު އައިފަހުން އެސް.ޑީ.އެފް.ގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން، ކްރެޑިޓް ރޭޓިންގ އެޖެންސީތަކުންވެސް މިހާރު އަންނަނީ ފާހަގަކުރަމުން. އަދި، ވޭތުވެދިޔަ ދެ ސަރުކާރުން ހިންގި މި މުޢާމަލާތުގެ އިފެކްޓިވް ކޮސްޓް އޮފް ފައިނޭންސިންގ ޑަބަލް ޑިޖިޓަށް އަރައި، 10.5 އިންސައްތައާ ހަމަޔަށް ވަނީ ގޮސްފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި އަހަރުގެ އެޕްރީލް މަހު އަދާކުރަންޖެހޭ ސުކޫކުގެ 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވައިފައިވާނީ އެސް.ޑީ.އެފް.އަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން. މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް، އަދާހަމަޔަށް ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތާ ޚިލާފަށް، 9 އިންސައްތައަށްވުރެ ބޮޑުނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަދި ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަރުވަން.

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަ ބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން ދިވެހި ޤައުމަށް އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާ ހޯދައިދިނުމަށް. މާތް ﷲގެ އިރާދަފުޅުން މި އަހަރުގެ އެޕްރިލް މަހު ހަމަވާ ސުކޫކު އަދާކުރާނީ، ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލުވާނެހެން، ދަރަނި އަދާކުރުމުގެ ބުރަ ކުޑަވާނެގޮތަށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޢާދަވާނެ ގޮތުގެ މަތިން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި، މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ދިޔުމަކީ ދިވެހި ސަރުކާރަށް އޮތް އެންމެ މުހިންމު އެއް ޒިންމާ. އެގޮތުން، ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ އިޤްތިޞާދަކަށް، ރަސްމީ ރިޒަރވްގައި އެކަމަށް ބޭނުންވާ ބޭރުފައިސާ އެކަށީގެންވާ މިންވަރަށް ހުރިހުރުމަކީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، މި ޒިންމާ އަދާކުރެވޭނެ ކަމުގެ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އެސް.ޑީ.އެފް. އަށް ޖަމާކުރާ ފައިސާ، ކުރިމަގުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ އިތުރު ދަރަނިތައްވެސް އަދާކުރުމަށް ބޭނުންކުރަން މެދުރާސްތާގެ ބަޖެޓުގައި ހިމަނައި، އެގޮތުގެ މަތިން ދަރަނިތައް އަދާކުރުމަށް ރާވައިފައި ވާނެ. މިކަމުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ދަރަނީގެ ސްޓޮކް އަހަރުން އަހަރަށް ދަށްކުރަމުން ގެންދެވޭނެ. މާތްﷲގެ ވާގިފުޅާއެކު، މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި، އިތުރު ދަރަނި ނަގަން ނުޖެހޭ މިންވަރަށް އެސް.ޑީ.އެފް.ގައި ފައިސާ ރައްކާކުރެވޭނެ މަގު ކޮށައި އަލިކުރާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބޭރުގެ ދަރަނި ދެއްކުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުން ބޭރު ފައިސާ އެންމެ ބޮޑަށް ހޭދަކުރަންޖެހޭ ކަންތައް ކަމުގައިވާ ހަކަތައަށް ކުރަންޖެހޭ ޚަރަދުގެ މައްޗަށް އަލިއަޅުވައިލަންޖެހޭ.

ރާއްޖެއިން ޑީސަލް އިމްޕޯޓް ކުރުމަށް އަހަރަކު އެވްރެޖްކޮށް 443.6 މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ. މީގެ ތެރެއިން ބޮޑުބަޔަކީ ކަރަންޓް އުފެއްދުމުގެ ބޭނުމަށް އެތެރެކުރެވޭ ތެލަށް ކުރަންޖެހޭ ޚަރަދު. ހަކަތަ އުފެއްދުމުގައި، ޑީސަލަށް ބަރޯސާވެފައި އޮތް އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ނުވަތަ "އެނަރޖީ ސެކިއުރިޓީ" އަށް އޮތް އެންމެ ބޮޑު ހިރާސް. މިކަން ޙައްލުކުރުމަށްޓަކައި، އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިސްބަތް، 2028 ވަނަ އަހަރުގެ ނިޔަލަށްދާއިރު، 33 އިންސައްތައަށް މަތިކުރުމަށް އަޅުގަނޑު އިޢުލާނު ކޮށްފައިވާ ކްލައިމެޓް މިޓިގޭޝަން ސިޔާސަތާ އެއްގޮތަށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. މިކަމަކީ، ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާވަރާ ގާތަށްވެސް ސަމާލުކަން ދީފައި އޮތް ކަމެއްނޫން. އެގޮތުން ބަލާއިރު، މި ސަރުކާރު ފެށުނުއިރު، އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންދިޔަ މިންވަރު ހުރީ އެންމެ ހަތަރު އިންސައްތައިގައި. ނުވަތަ 53 މެގަވޮޓުގައި. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި އަދަދު 110 މެގަވޮޓަށް އިތުރުކޮށްފިން. ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް މި ޢަދަދު ދެގުނަކޮށް، ޖުމުލަ 220 މެގަވޮޓަށް އިތުރުކުރުން. މިއީ 2028ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން އުފެއްދުމަށް ހިފައިފައިވާ އަމާޒުގެ 50 އިންސައްތަ. މީގެ އިތުރުން، ރާއްޖޭގައި ހަކަތަ އުފައްދާ ވަސީލަތްތައް ސިންދަފާތު ކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ ތަފާތު ގިނަ މަޝްރޫޢުތައް، މާލެ ސަރަހައްދުގަޔާއި، ރާއްޖޭގެ އެކި ސިޓީތަކާއި ރަށްތަކުގައި މި އަހަރު ކުރިއަށް ގެންދިޔުމަށް ވާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުތައް ވެގެންދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބޭރު ފައިސާ ބޭނުންވާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭ ފިޔަވަޅުތަކަކަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި، މާނަހުރި ތަރައްޤީ ހާސިލުކުރުމުގައި އަދި ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމުގައި، ދިވެހި އިޤްތިޞާދުގައި އެންމެ ގިނަ ދިވެހިން ޝާމިލްވާ ދާއިރާ ކަމުގައިވާ، ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަކީ، މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް. އަދި މި ސިޔާސަތު ތަންފީޒު ކުރުމުގައި، ނިމިދިޔަ އަހަރު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދިފައި.

މިގޮތުން، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެކްސްޕޯ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025"ގެ ނަމުގައި މިދިޔަ އަހަރު ވަނީ ބާއްވާފައި. އަދި ދިވެހި އުފެއްދުންތެރިންނާއި، ވިޔަފާރި ބްރޭންޑްތަކަށް، ޤާނޫނީ ހިމާޔަތްތެރިކަން ހޯދައިދީ، ކޮޕީކުރުމާއި އޮޅުވައިލުންތަކުން ވިޔަފާރިތައް ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، އަދި އީޖާދީ މަސައްކަތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބޭނުމުގައި، މުޅިން އަލަށް "ޓްރޭޑްމާކް ޤާނޫނު" އެކުލަވައިލައި، ރާއްޖޭގައި އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް، 1 ޖަނަވަރީ 2026 ގައި ވާނީ ޤާއިމުކޮށްފައި.

މީގެ އިތުރުން، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ބާރުވެރިކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެމް.އެސް.އެމް.އީ. އެވޯޑްސް" ތަޢާރުފްކޮށް، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ވާނީ އެވޯޑް ދީފައި. އަދި މިހާތަނަށް، 595 ކުދި ވިޔަފާރިއަކަށް 349 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. މީގެ އިތުރުން، "އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" ޒަމާނީ ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުކުރުމުގެ ގޮތުން "އެސް.އެމް.އީ. ޑިޖިޓަލް"ގެ ގޮތުގައި ރީބްރޭންޑްކޮށް، ބީ.އެމް.އެލް.ގެ ސަބްސިޑަރީއަކަށް ވާނީ ބަދަލުކޮށްފައި. އަދި އެސް.އެމް.އީ. ޑިޖިޓަލްއިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާހުރެ ލޯނު ދައްކަން ދަތިވެފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމިކް ފެސިލިޓީއަށް ބަދަލުކޮށް، ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، އެ ފަރާތްތަކަށް އެ ވިޔަފާރިތައް ދެމެހެއްޓުމުގެ މަގު ވަނީ ފަހިކޮށްދީފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދިފަންތިއާއި މެދުފަންތީގެ ކުންފުނިތަކުގެ އާމްދަނީއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމުގައިވާ ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް، އަދި އެ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލަވެސް ފާހަގަކުރަން. މިގޮތުން، ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކާފައި ވާނެ. މީގެ އިތުރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް، ސަރުކާރުން އެ ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ދޫކޮށްފައި ވާނެ. ބިލުތަކުގެ ޞައްޙަކަމަށާއި، އޮޑިޓަރ ޖެނެރަލް ދެއްވައިފައިވާ ލަފަޔާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދައްކާފައިވޭ. މީގެ އިތުރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލު، ސީދާ ސަރުކާރުންވެސް ވާނީ ދައްކާދީފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅުތަކުގެ ގޮތުގައި، އިމްޕޯޓް މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް ޒަމާނުއްސުރެ ދެވިފައި އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް ވާނީ އިތުރުކޮށްފައި. ހަމަ އެފަދައިން، ޖެނެރަލް ގުޑްސް ކްލިއަރެންސަށް ޑެމަރޭޖް ފީ ނާރައި، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު، 5 ދުވަހުން 10 ދުވަހަށް ވާނީ އިތުރުކޮށްފައި. އަދި ޑެމަރޭޖް ފީގެ ގޮތުގައި ނަގާ ފީއާއި، ފްރައިޓް ޗާޖް ދިވެހި ރުފިޔާއިން ނަގާގޮތަށްވެސް މިހާރު ވާނީ ހަމަޖައްސައިފައި. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރެންޓުތައް ރަޖިސްޓަރީ ކުރުމަށް މިހާތަނަށް ނަގަމުންދިޔަ ފީ، ކުރިއަށް އޮތް ދެ އަހަރު ދުވަހަށް 50 އިންސައްތައިން ކުޑަކޮށްފައި ވާނެ. ހަމަ އެއާއެކު، 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ، މި އަހަރުގެ މާރިޗު މަހުން ފެށިގެން ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ބޭނުން. މިކަން ކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ވާހަކަ ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި ނެތުން. މިކަން ޙައްލުކުރުމަށްޓަކައި، ޕޭޕަލް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށުމަށް ގިނަގުނަ މަސައްކަތް ކުރެވި، ޕޭޕަލް ރާއްޖޭގައި ބޭނުންކުރެވޭނޭ އިންތިޒާމު ދާދި އަވަހަށް ހަމަޖެހޭނެކަމުގެ މަޢުލޫމާތު ލިބިފައިވޭ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުޢާމަލާތް ކުރެވޭނެ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމުގައިވާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވަޕް" ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ތަޢާރުފްކޮށްފައި. ނަތީޖާއެއްގެ ގޮތުން، އާންމުންނަށާއި ،ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންނަށް މި ވޮލެޓަށް ފައިސާ އެޅުމާއި، ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ފުރުޞަތު ފަހިވެގެންދާނެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ކުންފުނި ކަމަށްވާ އަލީބާބާ ގްރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް، ބައިނަލްއަޤްވާމީ ބާޒާރުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކުމުގެ ފުރުޞަތު މިހާރު ވަނީ ލިބިފައި. އެގޮތުން، އޮތެންޓިކް މޯލްޑިވްސްގެ 400 ވެންޑަރުން ހިމެނޭގޮތަށް އޮންލައިންކޮށް ވިޔަފާރިކުރެވޭނެ ގޮތަށް އަލީބާބާގައި ވަނީ ޕްލެޓްފޯމެއް ޤާއިމުކޮށްފައި. ހަމަ އެހެންމެ، އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް ފަސޭހަކުރުމުގެ ގޮތުން، ވީޗެޓް ޕޭ ބޭންކް އޮފް މޯލްޑިވްސްގެ ޕީ.އޯ.އެސް. ޓަރމިނަލް ނެޓްވަރކްގައި ބޭނުންކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުޞަތުތައްވެސް ނިމިދިޔަ އަހަރު ވަރަށް ބޮޑަށް ވާނީ އިތުރުކޮށް، ލުއިކޮށް، ފުޅާކޮށްފައި. މިގޮތުން، އިސްލާމިކް ފައިނޭންސިންގ އުސޫލުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "ތިޖާރާ ރަށު ފަތުރު" ވަނީ ތަޢާރުފްކޮށްފައި. އަދި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް، ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ބޭނުންތަކަށް 'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޕްރޮޑަކްޓެއް ވަނީ ތަޢާރުފްކޮށްފައި. އަދި ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށް، 500,000 (ފަސްލައްކަ) ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ފެސިލިޓީއެއް ވަނީ ތަޢާރުފްކޮށްފައި.

ހަމަ އެއާއެކު، އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިއެރުވުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައި. މި ސްކީމްގެ ދަށުން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހަމަޖެހޭނެ. ހަމަ އެހެންމެ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ)ގެ ދަށުން "އިސްލާމިކް މައިކްރޯ ފައިނޭންސިންގ"އަށް އެޕްލިކޭޝަން ހުށަހެޅުމަށްވެސް އެސް.އެމް.އީ. ޑިޖިޓަލް މެދުވެރިކޮށް ވާނީ ހުޅުވައިލައިފައި. އިސްލާމިކް މައިކްރޯ ފައިނޭންސިންގއަކީ ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށާއި، އަދި އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގއެއް. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިންގއަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައިނުވާ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުވައިލެވިފައިވާ ފުރުޞަތެއް. 100,000 (އެއްލައްކަ) ރުފިޔާއާ ހަމަޔަށް ދޫކުރާ މި ފައިނޭންސިންގއަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް  2.5 އިންސައްތަ ރޭޓުން ދޫކުރާ ފައިނޭންސިންގއެއް.

 މީގެ އިތުރުން، އާންމު ފަރުދުންނާއި، ވިޔަފާރިތަކުން އޮންލައިންކޮށް އިންޑިއަން ރުޕީއާއި ޗައިނީސް ޔުއާން އެކައުންޓް ހުޅުވޭނެގޮތް މިހާރުވާނީ ހަމަޖައްސާފައި. އަދި ވިޔަފާރިއަށް ދޫކުރާ ފައިނޭންސިންގތަކަށް އިތުރު ހެޔޮ ބަދަލުތައްވެސް ވާނީ ގެނެސްފައި. މިގޮތުން، ވިޔަފާރި ލޯނުތަކުގެ އިކިއުޓީ، 30 އިންސައްތައިން 20 އިންސައްތައަށް ވާނީ ދަށްކޮށްފައި. އަދި ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުގައި 15 އަހަރުން 20 އަހަރަށް ވާނީ އިތުރުކޮށްފައި. ހަމަ އެފަދައިން، ވިޔަފާރިތަކަށް ފައިދާވާނެ ގޮތަށް ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގަމުން އައި މަރޗެންޓް ފީ 2.5 އިންސައްތައިން 1 އިންސައްތައަށްވެސް ވާނީ ކުޑަކޮށްފައި. އަދި އެސް.އެމް.އީ. ޑިޖިޓަލް މެދުވެރިކޮށް، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ކުޑަ އިންޓްރަސްޓް ރޭޓުގައި ޖެނެރަލް ފައިނޭންސިންގއަށް ހުށަހެޅުމުގެ ފުރުޞަތު، 1 ފެބުރުވަރީ 2026 ން ފެށިގެން މިހާރު ވާނީ ހުޅުވައިލައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބް އިމާރާތަކީ ދިވެހިރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް. މި އިމާރާތުގައި ދިވެހި ފަންނުވެރިންނަށް، އުފެއްދުންތެރިންނަށް ޚާއްޞަ މަސައްކަތް ކުރުމުގެ ޖާގަތަކެއް ޤާއިމުކުރެވިގެންދާނެ. މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހައި ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ދެވޭ ޚާއްޞަ މަރުކަޒަކަށް މިތަން ވެގެންދާނެ. އަދި، ދިވެހި އެންމެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބީ.ސީ.ސީ.އިން ދެމުންދާ ކޮންސަލްޓަންސީގެ ޚިދުމަތްތަކާއި، ވިޔަފާރީގެ މަސައްކަތުގެ ޖާގަތަކާއި އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ގާއިމު ކުރެވިގެންދާނީ މި އިމާރާތުގައި.

މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު ކުދި ފަންތި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވައިލަންވެސް ސަރުކާރުން ވަނީ ނިންމައިފައި. މިގޮތުން، ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖެއްސުމާއި، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ.

މިގޮތުން، އެންމެ ފުރަތަމަ ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑުއަތޮޅަކީ 1 ޖަނަވަރީ 2027ން ފެށިގެން ތިން އަހަރު ދުވަހަށް ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އިޢުލާނުކުރަން. މިކަން ތަންފީޒު ކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުންނާއި، ފަންނީ ގޮތުން މަގުފަހިކޮށްދޭން ޖެހޭނެ ކަންކަން، މި އަހަރު ތެރޭގައި ހަމަޖައްސާނަން. މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ، ކުދި ފަންތި އަދި މެދު ފަންތީގެ ޞިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑުއަތޮޅަށް، އަދި މުޅި ދިވެހިރާއްޖެއަށް، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތައް އިރާދަކުރެއްވިއްޔާ ކުރާނެ. މި ފުރުޞަތުގެ ބޭނުންކޮށް، އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އައި.ޓީ.ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކަށް، ސަރުކާރުން ދަޢުވަތު ދެން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސަރުކާރުގެ އަމާޒަކީ، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ދާއިރާ ކުރިއެރުވުމަށް މިދިޔަ އަހަރު ކުރެވުނު ކަންކަމާއި، ޤާއިމު ކުރެވުނު ވަސީލަތްތަކުގެ ބޭނުން ހިފައި، އަދި މިއަހަރު އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، ކުރަން ނިންމާފައިވާ ކަންކަމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުން. މިގޮތުން، މި އަހަރަކީ ރާއްޖޭގެ "އުފެއްދުންތެރި ކަމުގެ އަހަރު"ގެ ގޮތުގައި ސަރުކާރުން ވާނީ ކަނޑައަޅާފައި. އަޅުގަނޑުގެ އަމާޒަކީ، ޙަޤީޤީ މާނައިގައި ދިވެހި ކޮންމެ ރައްޔިތަކީ އަމިއްލަ މަސައްކަތުން ނަތީޖާ ނެރޭ، ޤައުމުގެ ކުރިއެރުމުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތަކަށް ހެދުން. އަދި، އިރާދަކުރެއްވިއްޔާ، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއް ކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް، އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު. މިކަމަށް ބަލައިލާއިރު، ފާއިތުވެދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ކުރިން. އެގޮތުން، އާ އަސާސީ ކާބޯތަކެތީގެ އަދަދު، 23 ބާވަތަށް އިތުރުކޮށް، މާލޭގެ ބާޒާރުގައި ހެޔޮއަގުގައި ލިބެން ހުންނާނެކަން ޔަޤީންކުރިން. އަދި އާބާދީގައި 3,000 ހަމަވާ މީހުން ރަށްރަށަށް، މި 23 ބާވަތް ފޯރުކޮށްދިނުމަށް، އެސް.ޓީ.އޯ.ގެ އޭޖެންޓުން ހޯދުމަށް އިޢުލާނުކޮށް، އެސް.ޓީ.އޯ.ގެ ރޭޓުގައި މި 23 ބާވަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުން. މީގެ އިތުރުން، އެސް.ޓީ.އޯ.އިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މި 23 ބާވަތުގެ އަސާސީ ކާބޯތަކެތި، ރާއްޖެއިން ބޭރުން އެތެރެކުރަން ވަނީ ފަށައިފައި. ނަތީޖާއެއްގެ ގޮތުން، މާލެއެކޭ އެއް އަގެއްގައި، އަސާސީ ބާވަތްތަކުގެ 23 ބާވަތް އެ ސިޓީތަކުން ލިބެން ހުންނާނެ. ހަމަ އެއާއެކު، މާލެ ބަނދަރުގައި އެސް.ޓީ.އޯ.ގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ވަނީ ހުޅުވައިފައި. އަދި މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، ހުޅުމާލޭގައި އެސް.ޓީ.އޯ.ގެ އައުޓްލެޓެއް ޤާއިމުކުރެވޭނެ. މީގެ އިތުރުން، ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީކޮށް މުދާ ބަހައްޓާ ޒޯނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ވާނީ ޤާއިމުކޮށްފައި. އަދި އެފަދަ ޑިއުޓީ ފްރީ ޒޯނެއް އައްޑޫ ޕޯޓުގައި އިރާދަކުރެއްވިއްޔާ، މި މަހުގެ ތެރޭގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނަން.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީވެސް މިކަމުގައި މުހިއްމު މަސައްކަތެއް. ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ 125 މީޓަރުގެ އިންޓަރނޭޝަނަލް ކީ ވޯލްގެ މަސައްކަތް މިއަދު އެމް.ޕީ.އެލް. އިން ބަޔަކާ ހަވާލުކުރާނެ. އަދި ޑޮމެސްޓިކް ޕޯޓް ތިލަފުށްޓަށް ބަދަލުކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީ ވޯލާއި، ޕޭވް ކުރުމާއި، އިމާރާތްތައް އެޅުމުގެ މަސައްކަތް އަދި އިކްއިޕްމަންޓް ހޯދުމަށް، މި އަހަރުގެ މެދުތެރޭގައި އެކިފަރާތްތަކާ ހަވާލުކުރެވޭނެ. މި ހުރިހާ މަސައްކަތެއް ނިންމައި، އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރާނަން. މި ބަދަލާއެކު، ބަނދަރުގެ ޚިދުމަތްތައް ފެށުމުން، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު، 48 ގަޑިއިރު ތެރޭގައި ހުސްކުރެވި، ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި، މުދާ ރާއްޖެ ގެނައުމަށް ހިނގާ ޚަރަދު ކުޑަވާނެ. މި ހުރިހާ ބަދަލުތަކާއެކު، މުދަލުގެ އަގު ކުޑަކުރެވި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ، ތިލަފުށީގައި ގުދަންކުރުމުގެ ފުރުޞަތު ފަހިވެ، މާލޭގެ މާރުކޭޓު ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުށްޓަށް ބަދަލުކުރެވިގެންދާނެ. މުދާ އުފުލާ ދޯނިފަހަރަށް ފަސޭހަކަމާއެކު ބަނދަރުކުރެވި، މުދާ އަރުވައި ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ، ރަށްރަށަށް މުދާ ގެންދިޔުން އަވަސްވެގެންދާނެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރުބާރު ބޮޑު މާރުކޭޓު ސަރަހައްދާއި، އެމް.ޕީ.އެލް. ސަރަހައްދު ދުއްވާތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށްވެ، އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ތަރައްޤީ ކުރުމުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ އިތުރުން، މަތީ ފަންތީގެ ދިވެހި އަދި ބޭރުގެ ވިޔަފާރިތަކަށްވެސް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް އިތުބާރު ކުރެވޭ، އެޕެޓައިޓް ހުރި މާޙައުލަކަށް ރާއްޖޭގެ އިޤްތިޞާދު ހެދުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް. މިގޮތުން، ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 54 ފޮރިން އިންވެސްޓްމަންޓެއް، ރާއްޖޭގައި ވަނީ ރަޖިސްޓަރީ ކޮށްފައި. މިގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަލާއިރު، ދުނިޔޭގައި ނަން މަޝްހޫރު ގޫގުލްގެ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް "ދިވަރު" މަޝްރޫޢު ފާހަގަކުރަން. މި މަޝްރޫޢުން ދައްކައިދެނީ، ސަރުކާރުން މިގެންނަ އިޤްތިޞާދީ އިޞްލާޙުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރުވެސް ރާއްޖެއަށް ލިބެމުންދާކަން.

ހަމައެއާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް ކޮންސެޕްޓްގެ ދަށުން ނ. އަތޮޅުގައި 29 ޖަނަވަރީ 2026 ގައި ފެށި އައިލާ މަޝްރޫޢަކީ، މިހާތަނަށް ޕްރައިވެޓް ސެކްޓަރއިން ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް. ފުރަތަމަ ފިޔަވަހީގައި 790 މިލިއަން ޑޮލަރު އިންވެސްޓް ކުރާ މި އިންވެސްޓްމަންޓަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނޭ އިންވެސްޓްމެންޓަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ.

ހަމަ އެފަދައިން، ހަލުވި ދުވެލީގައި ބަދަލުވަމުން އަންނަ ޓޫރިޒަމްގެ ޞިނާޢަތަށް ޖާގަ ދިނުމުގެ ގޮތުން، "މޯލްޑިވްސް ޕަރލް ރެޒިޑެންސް"ގެ ނަމުގައި ޕްރޮގްރާމެއް ތަޢާރުފްކޮށް، އެ ޕްރޮގްރާމް ހިންގައި، ޕްރޮމޯޓް ކުރުމަށްޓަކައި، ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކަމުގައިވާ ހެންލީ އެންޑް ޕަރޓްނަރސް ވަނީ ހަވާލުކޮށްފައި. މިއީ ސަރުކާރުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން، ކަނޑައަޅާ ޞިނާޢަތްތަކަކަށް އިންވެސްޓް ކުރުމުގެ މުޤާބިލްގައި ދޭ ރެޒިޑެންސީ ވިޒާ. މި ރެޒިޑެންސީ ވިޒާ ދޫކޮށް، ދުރު ރާސްތާގައި، ދެމެހެއްޓެނިވި އިޤްޠިޞާދީ ބޮޑު ނަފާއެއް ރާއްޖެއަށް ހޯދައިދިނުމަށް އަމާޒު ހިފާފައިވާ ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ ނިސްބަތް އިތުރުވެ، އިންވެސްޓް ކުރާނެ ކެޕިޓަލް އިތުރުވެ، އައު ޞިނާޢީ މަސައްކަތްތައް އުފެދި، ރާއްޖޭގައި ކުރިއަރައިދިޔުމަށް މަގުފަހިވެގެންދާނެ. މި ޕްރޮގްރާމްގެ ޤާނޫނީ އޮނިގަނޑު، މި ޢިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއެކު، އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެޕްރީލް މަހުގެ ތެރޭގައި، މި ޕްރޮގްރާމް ފުރިހަމަކޮށް، ލޯންޗްކޮށް، ޕްރޮގްރާމް މެދުވެރިކޮށް އެޕްލިކޭޝަންތައް ބަލައިގަންނަން ފެށުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ސިންދަފާތު ކުރުމުގައި ތަޢުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރުފުރާގެ ދިވެހިން އިތުރުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހީންގެ ތަރައްޤީއާއި ތަމައްދުނާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ދިވެހީންނަށް އިސްކަންދީގެން، އެންމެން ޝާމިލުވާގޮތަށް ވަޒީފާގެ ސިޔާސަތު އެކުލަވައިލައި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެނަލިސިސްއެއް ހަދައި، މިހާރު ޝާއިޢު ކޮށްފައި ވާނެ. މިގޮތުން، ދިވެހީންނަށް ޚާއްޞަ ދާއިރާތައް ގޮތުގައި ސަރުކާރުން ކަނޑައެޅި ދާއިރާތަކުންނާއި، އަދިވެސް ގިނަ ފަންނީ ދާއިރާތައް ހިމެނޭހެން، ނިމިދިޔަ އަހަރު މޯލްޑިވްސް ޕޮލި ޓެކްނިކުން ތަމްރީނު ޕްރޮގްރާމްތައް ހިންގިން. ޤައުމީ ތަރައްޤީގެ އެކިއެކި ދާއިރާތަކަށް އަމާޒުކޮށް، 852 ސްކޮލަރޝިޕް ފުރުޞަތުދީ، 880 ދަރިވަރުންނަށް ވަނީ ލޯނު ދެވިފައި.

ހަމަ އެހެންމެ، މަދަރުސީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައް މުރާޖަޢާކޮށް، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މިގޮތުން، މަތީ ސާނަވީ ފިޔަވަހި ފުޅާކޮށް، މަސައްކަތުގެ މާޙައުލުގައި، މާދަމާ ޙަރަކާތްތެރިވާނެ ޒުވާނުންނަކީ، އުފެއްދުންތެރި ބަޔަކަށް ހެދުމުގެ ގޮތުން، މަތީ ސާނަވީ މަރުޙަލާގައި ވޮކޭޝަނަލް އެޑިޔުކޭޝަން ސްޓްރީމް ވާނީ ތަޢާރުފް ކޮށްފައި. ހަމަ މިއާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލް ހައި ސްކޫލެއް ޤާއިމުކޮށްފިން. މިއީ، ޤައުމުގެ އިންސާނީ ރައުސްމާލް ނުވަތަ ހިއުމަން ކެޕިޓަލް މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ބައެއް. އަދި މި ފެށުނު ދިރާސީ އަހަރުގައި، މި ދެންނެވި ވޮކޭޝަނަލް ހައި ސްކޫލުގެ މަސައްކަތްތައް ފުޅާކޮށް، ޤައުމަށް ބޭނުންވާ ދާއިރާތަކުން އިތުރަށް ދަރިވަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ފާހަގަކުރަން.

މީގެ އިތުރުން، ޒުވާނުންނަށާއި، އެކި އުމުރުފުރާގެ ފަރާތްތަކަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް، ކިޔެވުމުގެ ފުރުޞަތު ކޮންމެ އަތޮޅަކުންވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅެއް. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، މަތީ ތަޢުލީމާއި ތަމްރީނުދޭ ސަރުކާރުގެ މުއައްސަސާއެއް މިވަގުތު ނެތް ހުރިހާ އަތޮޅެއްގައި، މަތީ ތަޢުލީމުގެ ކެމްޕަސް ޤާއިމުކުރުމުގެ މަޝްރޫޢެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވާނީ ފަށާފައި. މިގޮތުން، 16 އަތޮޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 26 މަޝްރޫޢާއި، 10 އަތޮޅެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 12 މަޝްރޫޢު ކުރިއަށް އެބަދޭ. މީގެ އިތުރުން، ފަންނީ ތަޢުލީމާއި، ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށް 10 އަތޮޅެއްގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢާއި، އެކޮމޮޑޭޝަންތައް ފެސިލިޓީތައް ޤާއިމުކުރުމުގެ 14 މަޝްރޫޢު ކުރިއަށް އެބަދޭ.

ހަމައެއާއެކު، ފުރަތަމަ ޑީގްރީ ސްކީމުން ވޭތުވެދިޔަ އަހަރު އިތުރު 2,728 ދަރިވަރަކަށް ފުރުޞަތުދީ، ޖުމުލަ 11,252 ދަރިވަރަކަށް، މާލީ އެހީގެ ގޮތުގައި، 921,636,657 (ނުވަސަތޭކަ އެކާވީސް މިލިއަން، ހަލައްކަ ތިރީސްހަހާސް، ހަސަތޭކަ ފަންސާސް ހަތެއް) ރުފިޔާ ދޫކުރެވުނު. މީގެ އިތުރުން، ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އިސްލާމީ ޝަރީޢާއާ އެއްގޮތްކޮށް، ލޯނުގެ އަދަދުގެ އިތުރަށް ނަގާ އެޑްމިނިސްޓްރޭޓިވް ފީ ނެގުން ވާނީ މުޅިން ހުއްޓާލާފައި. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކަށް 1,200 ޑޮލަރު ވިތްޑްރޯ ކުރެވޭނެހެން ކާޑު ލިމިޓް އިތުރުކޮށްފައި ވާނެ.

މި ދަރިވަރުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ގެނައުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހު ތަޢާރަފުކުރި "ކުރި" ނިޒާމަކީ، ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީކޮށް، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތަކެއް ޒަމާނީ އޮޓޮމޭޝަނަށް ބަދަލުވެގެންދާ ޒަމާނީ ނިޒާމެއް.

މިގޮތުން، "ކުރި" ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަޔަކީ، ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާނެ ދާއިމީ ޙައްލު. މިގޮތުން، މިހާތަނަށް ގެންގުޅުނު މެނުއަލް ޕޭމަންޓް ވައުޗަރުގެ އުސޫލު ދޫކޮށްލައި، ސަރުކާރުގެ މާލީ ނިޒާމު ކަމަށްވާ "އެސް.އޭ.ޕީ."އާ ސީދާ ގުޅައިލެވިގެންދާނެ. މީގެ ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ފުރިހަމަވުމާއި، ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް މަގުފަހިވެ، ދަރިވަރުންގެ ޕޭމަންޓް ޕްރޮސެސް ވަމުންދާ ގޮތް ރިއަލް-ޓައިމްކޮށް އިރާދަކުރެއްވިއްޔާ ބަލައިލެވޭނެ.

މީގެއިތުރުން، ލޯނަށް ޝަރުޠު ހަމަވޭތޯ ބެލުމަށް ކުރަންޖެހޭ ދިގު އިންތިޒާރަށްވެސް ނިމުމެއް ގެނެވޭނެ. ޒަމާނީ އޮޓޮމޭޓަޑް ވަރކް ފްލޯރގެ އެހީގައި، އެޕްލިކޭޝަން ހުށަހަޅާ ހިސާބުން ފެށިގެން، ދަރިވަރު އެހެން ކޯހަކަށް އެންރޯލް ވެފައިވޭތޯއާއި، ބްލެކް ލިސްޓް ވެފައިވޭތޯ، ސިސްޓަމް މެދުވެރިކޮށް ވަގުތުން ކަށަވަރު ކުރެވޭނެ.

ހަމައެއާއެކު، 'ވެރިފައި ވަންސް' އުސޫލުގެ ދަށުން، ދަރިވަރުގެ ސެޓްފިކެޓްތަކާއި މަޢުލޫމާތު ކަށަވަރުކުރަން ޖެހޭނީ މުޅި އުމުރަށްވެސް އިރާދަކުރެއްވިއްޔާ އެންމެ ފަހަރަކު. މިއާއެކު، ކޮންމެ ފަހަރަކު އަލުން ލިޔެކިޔުންތައް ހުށަހަޅަން ނުޖެހި، ޚިދުމަތް ހޯދުމަށް އިތުރު ފަސޭހައާއި ލުއިކަން، މި ނިޒާމުގެ ތެރެއިން ލިބިގެންދާނެ.

މި ދެންނެވުނު ހަލުވިކަން، ދަރިވަރުން ހޮވުމުގެ މަރުހަލާއަށްވެސް "ކުރި" ނިޒާމުގައި ވަނީ ގެނެވިފައި. އެގޮތުން، މީގެކުރިން މެނުއަލްކޮށް އިވެލުއޭޓް ކުރަމުން އައި އައުން ނިމުމަކަށް ގެނެސް، އެޕްލިކޭޝަލް ސަބްމިޓް ކުރާ ހިސާބުން އޮޓޮމޭޓަޑް އިވެލުއޭޝަން ކުރިއަށް ގޮސް
'ވަން-ކްލިކް އެވޯޑިންގ' މެދުވެރިކޮށް، އެންމެ މަތިން މާކްސް ހޯދާ ދަރިވަރުން ވަގުތުން ހޮވައި، އެވޯޑް ލެޓަރ ޖެނެރޭޓް ކުރެވޭނެ.

އަދި އެއްބަސްވުންތައް އެކުލަވައިލުމުގައި، މެނުއަލްކޮށް ހަދާއިރު އަރާ އޮޅުންތަކާއި، އެކަމަށް ހޭދަވާ ވަގުތު ސަލާމަތްކުރުމަށްޓަކައި، އެއްބަސްވުންތަކާއި ޕޭމަންޓް ޝެޑިއުލްތައް އޮޓަމެޓިކުން ތައްޔާރު ކުރެވިގެން ދާނެ. މިއާއެކު ދަރިވަރުންނަށް ޑިޖިޓަލް ލިންކެއް މެދުވެރިކޮށް، އެއްބަސްވުމުގައި އިލެކްޓްރޯނިކް ސޮއިކޮށް، ވަގުތުން ފައިސާއަށް އެދި ހުށަހެޅޭނެ.

އަދި މުޢާމަލާތް ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، ޖަވާބު ނުލިބޭ އީމެއިލްތަކަށް އިންތިޒާރު ކުރުމުގެ ބުރަ ނައްތައިލުމަށްޓަކައި، "ކުރި" ނިޒާމުގައި ހިމެނޭ އޭ.އައި. ޗެޓްބޮޓް މެދުވެރިކޮށް، ދިވެހިބަހުންނާއި، އިނގިރޭސި ބަހުން ވަގުތުން ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ސިންދަފާތު ކުރުމަށް ތަޢުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރުފުރާގެ ދިވެހިން އިތުރުކުރުމަށް ކަނޑައަޅައި ތަންފީޒު ކުރަމުންދާ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، 17 ނޮވެންބަރު 2023 ން މިއަދާ ހަމަޔަށް 21,174 ވަޒީފާގެ ފުރުޞަތު ދިވެހި އިޤްތިޞާދުގައި ވަނީ އުފެއްދިފައި. މީގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރގައި އުފެއްދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވާ 6,724 ވަޒީފާ ހިމެނޭ. ހަމަ އެއާއެކު، މިއަދުން ފެށިގެން 12 މަސް ދުވަސް ފަހުން، 5 ފެބުރުވަރީ 2027 ން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިޢުލާންކުރަން. ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25,000 އިތުރު ވަޒީފާގެ ފުރުޞަތު ދިވެހީންނަށް ފަހިވެގެންދާނެ. މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ވަޒީފާގެ އަޚްލާޤާ ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި، ވިޔަފާރިވެރިންނާ ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެންހުރި އެންމެހައި އެހީތެރިކަން ސަރުކާރުން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހީންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު، ޤައުމުގެ އިޤްތިޞާދަށް ކުރާނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން. މި މައްސަލަ ހައްލުކުރުމަށް ތިން އަހަރު ދުވަހުގެ އޮޕަރޭޝަނެއް މި ސަރުކާރުން ފެށިން. "ކުރަނގި" އޮޕަރޭޝަންގެ ނަމުގައި ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް 205,701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި، ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓް ކުރެވިފައި ވާނެ. ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕަރމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ، ވަގުތުން އެ މީހަކު ފޮނުވައިލެވޭނެ. މިގޮތުން، 17 ނޮވެންބަރު 2025 ން 31 ޖަނަވަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި ބައޯ މެޓްރިކްސް ނުދީ އުޅުނު 228ބިދޭސީއަކު ވަނީ ފޮނުވައިލެވިފައި. އަދި 17 ނޮވެންބަރު 2023 ން 3 ފެބުރުވަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11,496 ބިދޭސީއެއް ފޮނުވައިލައިފައި ވާނެ. މިގޮތުން ބަލާއިރު، 2018 އިން 2023އާ ދެމެދު ފޮނުވައިލައިފައި ވަނީ އެންމެ 2,649 ބިދޭސީން.

ހަމަ އެއާއެކު، ކުރަނގި އޮޕަރޭޝަންގެ 2ވަނަ ފިޔަވަހިވެސް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައި. މި ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ބައޯމެޓްރިކްސް ދީ، ނަމަވެސް ލީގަލައިޒޭޝަން ނުނިންމައި ތިބި ބިދޭސީން ލީގަލައިޒް ކުރުމުގެ ޕްރޮގްރާމް، 1 ޖަނަވަރީ 2026 ގައި ފަށާފައި ވާނެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވުމަށްޓަކައި މިހާތަނަށް 3,837 އެޕްލިކޭޝަން ލިބިފައިވޭ.

މީގެ އިތުރުން، 3 މޭ 2026 ގައި ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ޞިއްޙަ ވަރކް ޕަރމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުޞަތެއް ނުދީ ޑީޕޯޓް ކުރެވޭނެ.

މާތްﷲގެ ވާގިފުޅާއެކު، މި އޮޕަރޭޝަން 2 މޭ 2027 ގައި ނިމޭއިރުގައި، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ، އެ މީހުންގެ ޞައްޙަ އަދަދާއި، އެއީ ކޮންބައެއްކަން ކަށަވަރުކުރެވޭނެ. އަދި ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރުހުރި، ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާއަތް. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ. އެއީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރޯށި. ފާއިތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދިފައި. މިގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު، 9.8 އިންސައްތައިގެ ކުރިއެރުމެއް. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުން ދައްކާގޮތުގައި، މިދިޔަ އަހަރު 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުގެ ޞިނާޢަތުން ވަނީ ލިބިފައި. މިއީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 13.8 އިންސައްތައިގެ ކުރިއެރުމެއް. މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންދާޒާކުރޭ. ސަރުކާރުގެ އަމާޒަކީ، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް، 11.3އިންސައްތައިގެ ކުރިއެރުމެއް ހޯދުން.

މިކަން ހާސިލުކުރުމަށްޓަކައި، ސަރުކާރުގެ އަމާޒަކީ، ރާއްޖެ ޕްރޮމޯޓް ކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހެދުން. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ"ގެ ގޮތުގައި ކަނޑައަޅައި އިޢުލާނު ކުރަން. މިއީ، ފަތުރުވެރިކަމުގެ ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހައި ފަރާތްތައް ގުޅިގެން އިރާދަކުރެއްވިއްޔާ ހިންގާނޭ ގައުމީ ބޮޑު ޙަރަކާތަކަށް ވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

2023 ވަނަ އަހަރު އެންމެ ރިޒޯޓެއްވެސް، އަދި އެންމެ ޓޫރިސްޓް ހޮޓަލެއްވެސް ރާއްޖޭގައި ހުޅުވިފައި ނުވޭ. ނަމަވެސް، މިދިޔަ ދެ އަހަރު ފަތުރުވެރިކަމުގެ ޞިނާޢަތަށް ޖުމްލަ 6,535 ޓޫރިސްޓް އެނދު އިތުރުވެފައިވޭ. މީގެ ތެރޭގައި، މިދިޔަ އަހަރު ހުޅުވުނު 3 ރިޒޯޓާއި، 2024 ވަނަ އަހަރު ހުޅުވުނު 3 ރިޒޯޓުން އިތުރުވި 1,474 އެނދާއި، މިދިޔަ ދެ އަހަރު ހުޅުވުނު 3 ޓޫރިސްޓް ހޮޓަލުން އިތުރުވި 708 އެނދާއި، ހުޅުވުނު 194 ގެސްޓްހައުސްއިން އިތުރުވި 3,574 އެނދާއި ،ނެރުނު 22 ޓޫރިސްޓު އުޅަނދުން އިތުރުވި 463 އެނދާއި، އަދި ހޯމްސްޓޭއިން އިތުރުވި 316 އެނދު ހިމެނޭ. މީގެ އިތުރަށް، މުޅިން އަލަށް 391 ޓްރެވަލް އޭޖެންސީއާއި، 45 ޑައިވް ސެންޓަރ ރަޖިސްޓަރީ ކޮށްދީ ޙަރަކާތްތެރިވާން ފަށާފައިވޭ. އަދި، މި އަހަރު ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު 7 ރިޒޯޓާއި، ގެސްޓްހައުސްތައް އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވޭ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ އެއް އަމާޒު. އެގޮތުން، މިހާތަނަށް ފަތުރުވެރިކަން އެދެވޭގޮތެއްގައި ތަރައްޤީވެފައި ނުވާ 6 އަތޮޅުގައި، ހަލާލު ޓޫރިޒަމް ހިމެނޭހެން، ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ޢިނާޔަތްތަކާއެކު، އިންވެސްޓްމަންޓްތަކަށް ވާނީ ހުޅުވައިލައިފައި. މިހާތަނަށް އައިއިރު، މީގެ ތެރެއިން 8 ތަނެއް ވަނީ އެވޯޑު ކުރެވިފައި. އަދި 6 ތަނެއް ކުއްޔަށް ދޫކުރާ އެއްބަސްވުމުގައި ސޮއިކޮށްފައި. މީގެ އިތުރުން، ހަލާލް ޓޫރިޒަމްގެ އެއް ރަށް ވަނީ ކުއްޔަށް ދޫކުރެވިފައި.

އަދި، އައްޑުއަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިދިޔަ އަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރިން. އެގޮތުން، ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިޒޯޓު މިހާރު ވަނީ ހުޅުވައިފައި. މިއީ، އެ ރިޒޯޓުގެ މެނޭޖްމަންޓާ ގުޅިގެން، ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ. ކުރިއަށްނުގޮސް ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢުވެސް، އިންޓެގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ވާނީ އަލުން އެވޯޑް ކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު ރަސްމީކޮށް ފެށިގެން އައީ މީގެ 54 އަހަރު ކުރިން 1972 ވަނަ އަހަރު. ނަމަވެސް، މި ޞިނާޢަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަސްވީއިރުވެސް، މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި އެންމެ ލާރިއެއްވެސް ލިބޭނެ އެއްވެސް މަގެއް، އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައެއް ނެތް. އެކަމަކު ޙަޤީޤަތުގައި މި ޞިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ޞިނާޢަތް. މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ރަށްތައް ފަދަ ޤުދުރަތީ އެސެޓްތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުންކުރަމުންދާ، އަދި މަދު ޙާލަތެއްގައި މެނުވީ، އިޢާދަ ނުކުރެވޭނޭ ބޮޑު ބަދަލުތަކެއް، އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ޞިނާޢަތް. އެހެންކަމުން، އަޅުގަނޑު ދެކެނީ މި ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެންދިޔުމަކީ، އެންމެ ޢަދުލުވެރި ގޮތް ކަމުގައި.

ވުމާއެކު، މިކަމާމެދު ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން މިހާރު ނިންމާފައި ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 10 ރިޒޯޓު ތަރައްޤީކޮށް، އެ ރިޒޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދޭން. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިޒޯޓެއްގެ ޙިއްޞާދާރެއް ކަމުގައި ހަމަހަމަކަމާއެކު، ޤާނޫނަކުން ކަނޑައަޅައި ހަމަޖައްސަން. ނަތީޖާއެއްގެ ގޮތުން، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ރިޒޯޓުތަކުން ލިބޭ ފައިދާ، ދިވެހި ރައްޔިތެއްކަމުގެ އައި.ޑީ. ކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ޙިއްޞާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ. އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު، އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން، 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް 5 މެންބަރުންގެ ޢާއިލާއެއްގައި ނަމަ، އެ ޢާއިލާގެ ކޮންމެ މެންބަރެއް، މަދުވެގެން 10 ރިޒޯޓުގެ ޝެއަރ ހޯލްޑަރަކަށް ވުމުގެ އިތުރުން، އެ ޢާއިލާއަކަށް އަހަރަކު މަދުވެގެން އިރާދަކުރެއްވިއްޔާ 2,000 އެމެރިކާ ޑޮލަރު ލިބިގެންދާނެ. މިކަން ޙަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ވަރަށް ހަލުއިކަމާއެކީގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމުގައި، އެއަރޕޯޓުތައް ތަރައްޤީ ކުރުމާއި، ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެތެރެއަށް އުދުހޭ އެއަރލައިންތަކާއި، އުދުހޭ ރޫޓުތައް އިތުރުކުރުމާއި، ވައިގެ މަގުންނާއި، ކަނޑުގެ މަގުންނާއި، އަދި އެއްގަމު މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވަރކެއް ޤާއިމުވެފައި އޮތުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. ހަމަ އެއާއެކު، ރާއްޖޭގެ ރައްޔިތުން ދަތުރުފަތުރު ކުރުމަށާއި، ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށްޓަކައިވެސް ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަދި އެއްގަމު މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވަރކެއް ޤާއިމުވެފައި އޮތުން ވަރަށް މުހިންމު. އަދި އެހެންމެ، ރާއްޖޭގެ ކޮންޓެކްސްޓްގައި ކްލައިމެޓް އެޑެޕްޓޭޝަންގެ ބޭނުމަށްވެސް ރާއްޖޭގެ ޙާލަތުގައި ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަދި އެއްގަމު މަގުން، ވަރުގަދަ ޓްރާންސްޕޯޓް ނެޓްވަރކެއް ޤާއިމުކުރުން އެއީ ޒަރޫރީ ކަމެއް ކަމުގައި މެނުވީ ނުވޭ.

މިގޮތުން، ހާސިލުކުރެވުނު ނަތީޖާތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް، 26 ޖުލައި 2025 ގައި ހުޅުވި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ތަރައްޤީކޮށް، 9 ނޮވެންބަރު 2025 ގައި ވަނީ ހުޅުވިފައި.

ރާއްޖޭގެ ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން 'ވައިޑް-ބޮޑީ އެއަރ ކްރާފްޓް އޮޕަރޭޝަން' ތަޢާރުފްކޮށް، މިދިޔަ އަހަރުގެ ޖަނަވަރީ 22 އިން ފެށިގެން ޗައިނާގެ ތިން މަންޒިލަކަށް ކޮމާޝަލް އޮޕަރޭޝަން ވަނީ ފަށާފައި. ދެވަނަ ވައިޑް ބޮޑީ އެއަރ ކްރާފްޓް އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި ގެނެސް، އޮޕަރޭޝަނަށް ނެރެވޭނެ. މީގެ އިތުރަށް، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް، ބޮއިންގ 777 އަދި އެއަރބަސް އޭ 350 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތް ދެވޭ ފެންވަރަށް ރަންވޭއާއި، އޭޕްރަން ވާނީ ބޮޑުކޮށްފައި. އަދި އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަޝްރޫޢުވެސް މިހާރު ވަނީ ފެށިފައި. މ. މުލީގައި ޤާއިމުކުރި މުލީ ވައިގެ ބަނދަރު 8 މޭ 2025 ގައި ހުޅުވައި، މި އެއަރޕޯޓުގެ ޚިދުމަތްވެސް ވަނީ ދޭން ފަށާފައި.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް ދަނީ އެކި މަރުޙަލާގައި ކުރިޔަށް. މިގޮތުން، ހ.އ ދިއްދޫ، ހދ. މަކުނުދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ށ. މިލަންދޫ، ނ. ވިހަފަރު، ރ. އަލިފުށި، ރ. ފައިނު، ބ. ތުޅާދޫ، އއ. މަތިވެރި، ފ. ނިލަންދޫ، ފ. މަގޫދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، ލ.ކައްދޫ، ގއ. ވިލިނގިލި، ގދ. ކާޑެއްދޫ، އައްޑޫ ގަން އެއަރޕޯޓް ތަރައްޤީކުރުމާއި، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ގއ. މާވަރުލު، އަދި ފުވައަމުލައް ސިޓީ އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް، އެކި މަރުޙަލާގައި ދަނީ ކުރިއަށް. އެއަރޕޯޓުތައް އަޕްގްރޭޑް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓުތަކެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ތަރައްޤީކޮށް މިހާރުވަނީ ބޭނުންކުރަން ފަށާފައިކަންވެސް ފާހަގަކޮށްލަން. އަދި ބ. ދަރަވަންދޫ އެއަރޕޯޓް، އައިލެންޑް އޭވިއޭޝަނަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. ހަމަ އެހެންމެ، ލ އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ހެދުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މީގެ އިތުރުން، މި އަހަރުގެ ފެބުރުވަރީ 1ން ފެށިގެން އައްޑުއަތޮޅު ގަމަށާއި، ފުވައްމުލައް ސިޓީއަށާއި، ހުވަދުއަތޮޅަށް، ޓުވިން އޮޓަރ އެއަރ ކްރާފްޓް އޮން-ވީލްސްގައި ދަތުރުތައް ވަނީ ފަށާފައި. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން އިޢުލާނު ކޮށްފައިވާ އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން ގުޅައިލައިދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގަ. ހަމަ އެފަދައިން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގަ، މި ހުރިހާ އެއަރޕޯޓްތަކެއް ހަދައި ނިމުމުން ޤާއިމުކުރެވިގެންދާނެ.

ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ޞިނާޢަތަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ސީ ޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ނ. ވެލިދުއަށް ދަތުރުތައް ވަނީ ފަށައިފައި. އަދި މި މަހުގެ ތެރޭގައި، އއ. ތޮއްޑުއަށް ދަތުރުތައް ފަށާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ފެންވަރު ރަނގަޅު ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ނިމިދިޔަ އަހަރު 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ޚިދުމަތް ވާނީ ފަށާފައި. އަދި، ޚިދުމަތް ޤާއިމު ނުވެ އޮތް 8 އަތޮޅުގައި، ސްޕީޑް ފެރީގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިމޭނެ.

މި ނިޒާމު ދެމެހެއްޓެނިވި، ކާމިޔާބު ނިޒާމަކަށް ހެދޭނީ ރަށްރަށުގެ ލަފާފުރުމުގެ ޢުމްރާނީ ވަސީލަތްތަކުގެ ފެންވަރުވެސް މަތިކުރެވިގެން. މިގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން، ބަނދަރު ހެދުމުގެ 14 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިމިފައި. އަދި، މި ދިޔަ އަހަރު އަލަށް ސޮއިކުރެވުނު 33 މަޝްރޫޢާއެކު، ބަނދަރު ތަރައްޤީކުރުމުގެ 102 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަރުހަލާގައި މިހާރު އެބަ ކުރިއަށްދޭ. އަދި މި އަހަރު ތެރޭގައި އިތުރު 16 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުރެވޭނެ. އިރާދަކުރެއްވިއްޔާ، މި 118 ބަނދަރުގެ މަސައްކަތް، ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާނަން. މި ނަތީޖާ ހާސިލުކުރުމުގެ ގޮތުން، އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެނެސް، ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ވަނީ ފަށާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ވަނީ ނިންމާފައއަދި މިދިޔަ އަހަރު އަލަށް ސޮއިކުރެވުނު 57 މަޝްރޫޢާއެކު، މަގު ހެދުމުގެ 97 މަޝްރޫޢެއްގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި މަރުހަލާގައި ކުރިއަށް އެބަދޭ. މިއަހަރު ތެރޭގައި އިތުރު 13 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވޭނެ. އިރާދަކުރެއްވިއްޔާ މި 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ޙަވާލުކުރާނަން. މަގު ހެދުމުގައި، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްތަކެއްގެ ރައްޔިތުން އެދިފައިވާ ގޮތަށް، ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒާމާއެކުގައި، ވެލި މަގުތައް ހެދުމަށް ވާނީ ނިންމާފައި.

މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ހަލުއިކުރުމަށާއި، އެކި މެޝިނަރީއާއި އިކްއިޕްމަންޓް ކުއްޔަށް ނަގަންޖެހި، މަޝްރޫޢުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލުކުރުމަށްޓަކައި، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް، އަމިއްލަ ކެޕޭސިޓީގައި ކުރެވޭވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހައި މެޝިނަރީއާއި އިކްއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް، މި އަހަރު އެޕްރީލް މަސް ނިމުމުގެ ކުރިން ގެނެވޭނެ. މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހައި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓް އަދި މަގު ހެދުމުގެ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކައި ނިމުމުން، މިފަދަ އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާއި ނަރުދަމާއާއި، ކަރަންޓް އަދި މަގު ހެދުމުގެ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ހަމަޖެހިފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް، މި އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފައި. އަދި ޢަމަލީ މަސައްކަތް، މި އަހަރުގެ ފަހުކޮޅު އިރާދަކުރެއްވިއްޔާ ފެށޭނެ ކަމަށް ލަފާކުރެވޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަގު ހެދުމާ ގުޅިފއިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ފެނާއި ނަރުދަމާގެ މަސައްކަތް. 17 ނޮވެންބަރު 2023ން ފެށިގެން 42 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފައިވާއިރު، 39 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ޚިދުމަތްދޭން ފެށިފައިވޭ. އެހެންކަމުން، އިތުރު 51 ރަށުގައި ފެނުގެ ނިޒާމު، އަދި 40 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވުމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމޭނެ. އިރާދަކުރެއްވިއްޔާ، މި ހުރިހާ މަޝްރޫޢެއް ނިންމައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނަން. މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫސިޓީގެ ފެނުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގައި ހިމެނޭ ފެން އުފައްދާ ނިޒާމުގެ މަސައްކަތް، މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ޚިދުމަތް ދޭން ފެށޭނެ. މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ސިނަމާލެ ބުރިޖް މެދުވެރިކޮށް ގުޅައިލައި މިހާރު ބޭނުންކުރަން ފަށާފައިވޭ. އަދި މާލެ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ދިހަހާސް ޓަނުގެ ތާނގީއެއްގެ މަސައްކަތް، މިދިޔަ އަހަރު ނިންމައި، މިހާރު ވަނީ ބޭނުންކުރަން ފަށާފައި. މީގެ އިތުރުން، ތޭރަހާސް ޓަނުގެ ދެ ތާނގީ މާލޭގައި ބެހެއްޓުމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައި. އަދި ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް އަމާޒުކޮށް، އިތުރު ތޭރަހާސް ޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ. މި މަސައްކަތްތައް 2027ގެ ތެރޭގައި ނިމިގެންދާއިރު، މާލެ ސަރަހައްދުގެ ފެން ރައްކާކުރުމުގެ ޤާބިލްކަން 130 އިންސައްތައަށް އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު، 2025 ވަނަ އަހަރުގެ ތެރޭގައި 16 އިންސައްތައަށް އިތުރުކުރެވިފައިވާއިރު، މިހާރު ކުރިއަށްދާ ފަސްހާސް ޓަނުގެ މަސައްކަތް، މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނިމުމާއެކު، މާލެ ސަރަހައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން 25 އިންސައްތައަށް އިރާދައްކުރެއްވިއްޔާ އިތުރުވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ މިފަދަ ޢުމްރާނީ ވަސީލަތްތައް ރަނގަޅުގޮތުގައި ބެލެހެއްޓުމަކީ، ނުވަތަ ރަނގަޅު މެއިންޓެނަންސް ޝެޑިޔުލެއްގެ ދަށުން މެއިންޓެއިން ކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި އަދި ދެކޮޅުޖެހޭ، ޚަރަދުގެ ގޮތުން ވިސްނާއިރުގައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް. އެގޮތުން، އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމުކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓުތައް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު، މި އަހަރު މެދުތެރޭގައި ޤާއިމުކޮށް ނިމޭނެ. މި އިންތިޒާމު ހަމަޖެހުމުން، ރަށްރަށުގައި ޤާއިމުކުރާ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމުގެ ތެރެއިން، ބަނދަރުތެރެ ތިލަވުމުން، ފުންކުރުމާއި، ނެރުމަތި ތިލަވުމުން ނެރު ފުންކުރުމާއި، ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުމާއި، މަގުތައް މަރާމާތު ކުރުމާއި، އިމާރާތްތަކާއި، އެކިކަހަލަ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސާއި، މަރާމާތުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކުރެވި، ވަރަށް ކުޑަ ޚަރަދެއްގައި، އަދި ވަރަށް ރިލަޔަބަލްކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޢުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ތަރައްޤީ ކުރާއިރު، ސަރުކާރުގެ ސިޔާސަތަކީ އަބަދުވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުން. ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދެވޭނީ، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްވާނޭ ފަދަ ގޮތަކަށް ތަރައްޤީގެ މަސައްކަތްތައް ބައްޓަން ކޮށްގެން. މި ކަމަށްޓަކައި، ސަރުކާރުން މުހިންމު ކްލައިމެޓް އެޑެޕްޓޭޝަން މަސައްކަތްތަކެއް މިގެންދަނީ ކުރަމުން.

އާދަޔާ ޚިލާފަށް ރަށްގިރުމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ. މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ކޯސްޓަލް ޒޯން މެނޭޖްމަންޓްގެ ޤައުމީ ސިޔާސަތެއް ވާނީ އެކުލަވައިލާފައި. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޮނޑުދޮށްތަކަށް، 2015 އިން 2023އާ ދޭތެރޭގައި އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު، ރިމޯޓް ސެންސިންގއާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވާނީ އެއްކޮށްފައި. މި ވޭތުވެދިޔަ އަހަރު، ރަށްގިރުން ޙައްލު ކުރުމުގެ ބޭނުމުގައި ހިންގުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، 6 ރަށެއްގެ މަސައްކަތް މުޅިން ނިމިފައިވޭ. މިދިޔަ އަހަރުގެ ތެރޭގައި އަލަށް ސޮއިކުރެވުނު 14 މަޝްރޫޢާއެކު، އެކި މަރުހަލާތަކުގައި ޖުމްލަ 62 ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުތައް ކުރިއަށް އެބަދޭ. އަދި މި އަހަރުގެ ތެރޭގައި، އިތުރު 15 ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ. މި 77 މަޝްރޫޢުވެސް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ނިންމައި ހަވާލުކުރާނަން.

ހަމައެއާއެކު، ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް، ގިނަ ރަށްތަކުގައި ނެތުމަކީ، އޭގެ ސަބަބުން ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމެއް. އެހެންކަމުން، ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމުކޮށްފައިނުވާ 135 ރަށެއްގައި މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް، އެއްބަސްވުންތަކުގައި ސޮއިކުރެވި، ވަނީ ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، މި ހުރިހާ ރަށެއްގެ މަސައްކަތް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް 15 މަސް ދުވަހުގެ ތެރޭގައި، މި ހުރިހާ ރަށެއްގެ މަސައްކަތް ނިންމައި ހަވާލުކުރާނަން. ނިންމާ ހަވާލުކުރާނަން.

މީގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، ރާއްޖޭގެ ވެށްޓަކީ ފެހިކަން ގަދަ ވެށްޓަކަށް ހެދުމުގެ ބޭނުމުގައި، ކްލައިމެޓް މިޓިގޭޝަންގެ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ވާނީ ފަށާފައި. މިއަދާ ހަމައަށް އައިއިރު، މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ގަސް ވަނީ އިންދާފައި. މި އަހަރު ތެރޭގައި، އިތުރު 1 މިލިއަން ގަސް އިންދައި، 2027 ގައި 1.5 މިލިއަން ގަސް އިންދައި، އަދި 2028 ގައި 1 މިލިއަން ގަސް އިންދުމަށް ވަނީ ޕްލޭން ކުރެވި، އިންތިޒާމުތައް ހަމަޖެހިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމުގައި، ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ. އެތައް އަހަރެއް ވަންދެން އަޅައިނުލައި ނިކަމެތިކޮށްލާފައި އޮތް މަސްވެރިކަމުގެ ޞިނާޢަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން އެންމެ ވަރުގަދަ ޞިނާޢަތު. މި އަޅައިނުލުމާއި ބާކީކުރުން ނިމުމަކަށް ގެނައީ މި ސަރުކާރުން. އެގޮތުން، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން، މަސްވެރިކަމުގެ ޞިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން ސާބިތުކަމާއެކުގައި ކުރިއަށްދާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިކަމުގެ ޞިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމައި ހަވާލުކުރާނަން. މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓްތައް ޤާއިމުކޮށް މިހާރު ވާނީ ޚިދުމަތް ދޭން ފަށާފައި. މ. ވޭވަށާއި، ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަހަރުގެ މެދުތެރޭގައި ނިމި، ޚިދުމަތް ދޭން ފެށޭނެ. އަދި ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި، ގއ.ވިލިނގިލި، ގއ. ނިލަންދޫ، ކ.ގާފަރު، ދ.ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫގައި، އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތްތައް ނިންމައި، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނަން. މަސްވެރި އުޅަނދުފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ނުވަތަ އާރު.އެސް.ޑަބްލިޔޫ. ނިޒާމު ހަރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވް ކުރެވި، 25 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި. އަދި، އިތުރު 200 މަސްދޯންޏަށް އަމާޒުކޮށް، އެސް.އެމް.އީ ޑިޖިޓަލްއިން ވަނީ އާރު.އެސް.ޑަބްލިޔޫ ފައިނޭންސިންގ އެޕްލިކޭޝަނަށް ހުޅުވައިލައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން. މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސް.ޓީ.އޯ.ގެ ފުރަތަމަ ފިއުލް ސްކިޑް، ރ. ދުވާފަރުގައި 13 ޑިސެންބަރު 2025 ގައި ވަނީ ހުޅުވައިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް ހުޅުވިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިންނަށް ދޭންޖެހޭ ފައިސާ، 10 ޑިސެންބަރު 2024 ން ފެށިގެން، 48 ގަޑިއިރު ތެރޭގައި މިދަނީ ދެމުން. މިގޮތުން، 10 ޑިސެންބަރު 2024ން ފެށިގެން މެދުނުކެނޑި 3 ފެބުރުވަރީ 2026ގެ ނިޔަލަށް 1,016,329,376 (އެއްހާސް ސޯޅަ މިލިއަން ތިންލައްކަ ނަވާވީސް ހާސް ތިންސަތޭކަ ހަތްދިހަ ހައެއް) ރުފިޔާ ވަނީ ދޫކުރެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވެސް މިދަނީ މަސައްކަތްތައް ކުރަމުން. ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑުކަންނެލި މަސްވެރިންނަށްވެސް، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިދަނީ ހަމަޖައްސަމުން. ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ، ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގ ފެސިލިޓީއެއް ޤާއިމުކޮށްގެން ކަމަށްވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. މިކަމަށްޓަކައި ހުޅުމާލޭގައި ޤާއިމުކުރަން ހަމަޖެހިފައިވާ 100 ޓަނުގެ ޕެކިންގ ފެސިލިޓީ އެޅުމަށް ބޭނުންވާ 25,000 އަކަފޫޓުގެ ބިމުގެ އެއްބަސްވުމުގައި ސޮއިކުރެވި، މި ފެސިލިޓީގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި، ސަރުކާރުން ބޮޑުކަންނެލި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ސަރުކާރުގެ އަމާޒަކީ ބޮޑުކަންނެލި މަސްވެރިކަން ތަރައްޤީކޮށް ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިހުނަށްވުރެ އިތުރުކުރުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިކަމުގެ ޞިނާޢަތުގައި ކަނދުފައްޗަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް. އެ ސަބަބަށްޓަކައި، ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ އުމުރު ދިގުކުރެވޭނެ ގޮތްތައް އިތުރަށް ބަލައި ހޯދުމަށް ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް އެބަ ކުރަން. ވަދު ކަނދުފައްޗާއި، ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 41 ކަނދުފަތި އަޅައި، މިހާތަނަށް އެއް އަހަރެއްގައި އެންމެ ގިނަ ކަނދުފަތި ޤާއިމުކުރި އަހަރުގެ ގޮތުގައި، 2025 ވަނަ އަހަރު ވެގެން ގޮސްފައިވާކަން ފާހަގަކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން ޤާއިމުކުރި މަސްވެރިންގެ ޤައުމީ ދަފުތަރަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެން. މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 100 އިންސައްތަ ދޯނި ފަހަރުން މިހާރު މި ދަފުތަރުގައި ބައިވެރިވެފައިވާކަން އުފަލާއެކީ ފާހަގަކުރަން. މި ދަފުތަރުގެ ސަބަބުން މަސްވެރިންނަށް މިއަދު ފައިނޭންޝަލް ފެސިލިޓީތަކުގެ ޚިދުމަތް ލިބެން ފަށައިފި. އެގޮތުން، މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، 80 ފަރާތަކަށް ޖުމްލަ 10.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. ހަމައެއާއެކު، މާލީ ދާއިރާގައި މަސްވެރިން ބައިވެރިކުރުވުމުގެ ގޮތުން، މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް، އެ މީހުންގެ އާމްދަނީއަށް ބިނާކޮށް، ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި، މަރާމާތު ކުރުން އަދި މަސްވެރިންގެ ދަރިންނަށް ތަޢުލީމު ދިނުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެގޮތްވެސް މިހާރު ހަމަޖެހިފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިކަމުގެ ޞިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "މަހާ މަންފާ"ގެ ނަމުގައި އައު ފައިނޭންސް ސްކީމެއް، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ތައާރުފްކުރިން. މި ސްކީމުގެ ދަށުން، މަސް ކައްކައި ހިއްކުމާއި، އުފެއްދުންތައް ބަންދުކުރުމާއި، މަސް ރައްކާކުރާނެ ނިޒާމުތައް ޤާއިމުކުރުމަށް 50,000 (ފަންސާސްހާސް) ރުފިޔާއާއި 400,000 (ހަތަރުލައްކަ) ރުފިޔާއާ ދެމެދުގެ ފައިނޭންސިންގ އެހީތެރިކަން ލިބޭނެ. އަދި 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހި، އިސްލާމީ އުސޫލުން 80,000 (އަށްޑިހަ ހާސް) ރުފިޔާއާއި، 640,000 (ހަލައްކަ ސާޅީސްހާސް) ރުފިޔާއާ ދެމެދުގެ ލުއި ލޯނުތައް ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް އޮތީ ހަމަޖެހިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިކަމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، ސްޕޯޓްސް ފިޝިންގ ކުރިއެރުވުމަށްޓަކައި ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު، ޚާއްޞަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވާނީ އެކަން އިއުލާނުކޮށްފައި. މި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގ ބަނދަރުތައް ޤާއިމުކުރަން ފެށުމުގެ ކުރިން ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެނައުމަށްޓަކައި، މި ޢިއްޒަތްތެރި މަޖިލީހަށް މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރގައި އިރާދަކުރެވިއްޔާ ހުށަހަޅާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްވެރިކަމުގެ އިތުރު ގޮފިތައް ފުޅާކުރުމުގެ ގޮތުން، މެރިކަލްޗަރ މަސައްކަތް ކުރާނެ ޚާއްޞަ ފަސް ޒޯނެއްވެސް ވަނީ ކަނޑައަޅައިފައި. އެއީ، ބޮޑުތިލަދުންމަތި، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅު. މި ސަރަހައްދުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް އެކުއިޒިޝަން ފީއަކާ ނުލައި، އަދި ފުރަތަމަ ތިން އަހަރުގެ ކުލި ނުދައްކާ ގޮތަށް ހަމަޖައްސައި، ބޮޑެތި ލުއިތަކެއްދޭ ގޮތަށް ވަނީ ހަމަޖެހިފައި. ހަމައެއާއެކު، ގއ. މާނާގަލާގައި މިހާރު ކުރިއަށްދާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތް ނިންމައި، އިރާދަކުރެއްވިއްޔާ މި އަހަރު އެ ތަނުގެ ޚިދުމަތް ރަސްމީކޮށް ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި އިޤްތިޞާދުގައި މިހާތަނަށް އެކަށީގެންވާ ގޮތަކަށް ސަރުކާރުތަކުން ސަމާލުކަން ދީފައިނުވާ، އެހެންނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވިސްނާއިރު، އެންމެ ސަމާލުކަން ދޭންޖެހޭ އެއް ޞިނާޢަތަކީ، ދަނޑުވެރިކަމުގެ ޞިނާޢަތް ކަމުގައި އަޅުގަނޑު ދެކެން. ވިލުންތެރި އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް، ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު. މި އަމާޒަށް ވާސިލުވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމުކުރެވިފައި. އަދި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މި ދާއިރާއަށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. "ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް"ގެ ދަށުން ކޮނޑޭގައާއި، ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވަނީ ހުޅުވައިލައިފައި. އަދި، ލ. ގަމާއި، ހދ. ނޮޅިވަރަމުގައި މަސައްކަތްތައް ކުރިއަށްގެންދަން މި އަހަރު އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން. މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ، ރަށުފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމަށް ދެމެހެއްޓެނިވި، މާނަހުރި، ވަށާޖެހޭ ތަރައްޤީ ގެނެސްދެވޭނީ، އިޤްތިޞާދީ ތަރައްޤީއާއެކު، އިޖުތިމާޢީ ތަރައްޤީ ހާސިލުކުރުމަކީ ގުޅިލާމެހިފައިވާ ދެ ކަންތައް ކަމުގައި ދެކިގެން ސިޔާސަތު ބައްޓަންކޮށް، އެގޮތުގައި މަސައްކަތްކޮށްގެން ކަމުގައި ދެކެން. އަޅުގަނޑުގެ ސިޔާސަތަކީ މިއީ. ތަޢުލީމީ ގޮތުން ޤާބިލް، ޞިއްޙީގޮތުން ދުޅަހެޔޮ، ޖިސްމާނީގޮތުން ހަށިހެޔޮ، ނަފްސާނީ ގޮތުން ވަރުގަދަ، އަޚްލާޤީ ގޮތުން ޚުލްޤު ހެޔޮ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް، މި ފަޚްރުވެރި ދިވެހި ޤައުމު ހެދުމަކީ އަޅުގަނޑުގެ ފަޚްރު. އަޅުގަނޑުގެ ޒިންމާ. އަޅުގަނޑުގެ މަސްއޫލިއްޔަތު. އެފަދަ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ވެގެންދިޔުމަކީ އިޤްތިޞާދީ ގޮތުން ވިލުންތެރި، އިޖުތިމާޢީ ގޮތުން ހަމަޖެހޭ، ރައްކާތެރި ޤައުމަކަށް ހެދުމުގައިވެސް ކޮންމެހެން ބޭނުންތެރިކަމެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތަޢުލީމީ ގޮތުން ޤާބިލް ޖީލެއް ބިނާކުރެވޭނީ، މަދަރުސީ ތަޢުލީމުގެ ފެންވަރު މަތިކޮށްގެން. ތަޢުލީމީ ނިޒާމަށް ދެމެހެއްޓެނިވި ހެޔޮ ބަދަލެއް ގެނެސްގެން. މިހާތަނަށް ތަޢުލީމީ ދާއިރާގައި އަޅައިނުލައި ދޫކޮށްލާފައިވާ ގިނަ ކަންތައްތަކަކަށް ހައްލު ގެނައުމުގެ އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްގެން. އެ މަސައްކަތްތައް މި ސަރުކާރުން ވާނީ ފަށާފައި. މިގޮތުން، ފަށާ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުން، ހަރުދަނާގޮތެއްގައި މިންކުރެވިފައި ނުވާތީ، މި މަރުޙަލާ ނިންމާ ދަރިވަރުން ހާސިލުކުރަން ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ބައިތައް ހާސިލުވަމުން އަންނަ މިންވަރު ދެނެގަތުމަށްޓަކައި، ފަށާ ތަޢުލީމު ނިންމާ ގްރޭޑް 6ގެ ދަރިވަރުންނަށް އަމާޒުކޮށް "ޤައުމީ މަންހަޖުގެ އިމްތިހާނު"ގެ ނަމުގައި، ޚާއްޞަ އިމްތިހާނެއް، މިދިޔަ އަހަރު ދޭން ވާނީ ފަށައިފައި.

ހަމައެއާއެކު، ފަށާ ތަޢުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަންކޮށް، ބައިނަލްއަޤްވާމީ ގޮތުން ބެންޗުމާކު ކުރުމަށްޓަކައި، މިދިޔަ އަހަރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ނިންމި ދަރިވަރުންނަށް، އެސެސްމަންޓް އޮފް މިނިމަމް ޕްރޮފިޝެންސީ ލެވެލް އިމްތިހާނު ވަނީ ފުރަތަމަ ފަހަރަށް ޕައިލެޓް ކޮށްފައި. މި އަހަރު މި އިމްތިހާނު ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދެވޭނެ. މި އިމްތިހާނުގެ ނަތީޖާއާއެކު، ރާއްޖޭގެ ދަރިވަރުންގެ ފެންވަރު، އެހެން ޤައުމުތަކުގެ ދަރިވަރުންނާ އަޅައިބެލޭނެ. މީގެ އިތުރުން، ފަށާ ތަޢުލީމުގެ މުޤައްރަރުތައް މުރާޖަޢާކޮށް، ކަރިކިއުލަމް އިންޓެގްރޭޝަން މޮޑެލެއް ތައްޔާރުކުރުމާއެކު، ކީ-ސްޓޭޖް 1ގެ ދަރިވަރުންގެ ފޮތްތައް، ތީމެޓިކް ފޮތްތަކެއްގެ ގޮތުގައި އަލުން އެކުލަވައިލުމުގެ މަސައްކަތްވަނީ ފެށިފައި. ނަތީޖާއަކަށް ވާނީ، އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވައިލެވި، ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނޭހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވުން. މީގެއިތުރުން، މޯލްޑިވްސް 2.0 އާ އެއްކީލިވާނޭހެން، މި އަހަރުގެ ދިރާސީ އަހަރު، ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒްޑް ނިޒާމެއް ޤާއިމުކުރެވޭނެ. މީގެ ނަތީޖާއަކަށް ވާނީ ރިއަލްޓައިމް އަދި ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ނިންމުންތައް އެކަށައަޅައި ތަންފީޒުކުރަން މަގުފަހިވުން. މިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާއި އިކްއިޕްމަންޓް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސްކޫލުތަކުގައި ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް، 142 ކުލާސްރޫމެއްގެ މަސައްކަތާއި، 9 މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން، ސައިންސް ލެބް، ލައިބްރަރީ، ސްޓާފްރޫމް ފަދަ އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީގެ 56 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ބިނާކުރުމުގެ މަސައްކަތް ވާނީ ނިންމާފައި. އަދި މި އަހަރުގެ ދިރާސީ އަހަރަށް، އިތުރު 216 ކްލާސްރޫމާއި، 7 މަލްޓިޕަރޕަސް ހޯލާއި، 250 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ވާނީ ނިންމައި ބޭނުންކުރަން ފަށައިފައި. ހަމައެއާއެކު، މި ވަގުތު އިތުރު 955 ކްލާސްރޫމާއި، 78 މަލްޓިޕަރޕަސް ހޯލާއި، 2,923 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިޔަށްދޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑުގެ ސިޔާސަތަކީ ތަޢުލީމީ ދާއިރާގައިވެސް ޢަދުލުވެރިކަން ޤާއިމުކުރުން. ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ޙައްޤުތަކުން އެ ކުއްޖާ މަޙުރޫމްވެގެން ނުވާނެ. އެގޮތުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތު، އޭގެ އެންމެ ފުޅާގޮތުގައި ތަންފީޒު ކުރުމުގެ ޚާއްޞަ މަޝްރޫޢެއް މި އަހަރު އިރާދަކުރެއްވިއްޔާ ހިންގަން ފަށާނަން. މިގޮތުން ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަމަކީ މިކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މިކަން ހައްލުކުރުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވާނީ ފަށާފައި. މި އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކުރެވޭނެ. މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ޚާއްޞަ ކްލާސްރޫމްތަކާއި، އެ ކުދިންގެ ޙާލަތަށް ރިޢާޔަތްކޮށް، ޕްރައިވެސީ ލިއްބައިދޭގޮތަށް ފަރުމާކުރެވޭ ޚާއްޞަ ފާޚާނާ ފަދަ، ޚާއްޞަ އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި، އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކްއިޕްމަންޓާއި، ޑިވައިސްތަކާއި، ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލްތަކުގައި އިރާދަކުރެއްވިއްޔާ، މި އަހަރު މި ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން. މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، އެކި މާއްދާތަކުގެ ޚާއްޞަ ފޮތްތައް ތައްޔާރުކުރުމާއި، އެ ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި، އޯ ލެވެލްއަށް ތައްޔާރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ރާވައި ތަންފީޒުކުރަން، މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. މީގެއިތުރުން، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ޙާލަތު ހުރި މިންވަރަށް ބަލައި، ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތީން، އެފަދަ ކުދިންނަށް ހޯމް ސްކޫލިންގ ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް، އިޞްލާޙު ގެނައުމަށް، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ ހުށަހަޅާނަން. ހަމަ އެފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސިއްޙީގޮތުން ދުޅަހެޔޮ ރައްޔިތަކަށް ދިވެހި ކޮންމެ ރައްޔިތެއް ހެދުމަކީ، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިއްމު އެއް އަސާސް. މިގޮތުން، ވަށާޖަހޭގޮތެއްގައި ޞިއްޙީ ދާއިރާ ތަރައްޤީކުރެވޭނީ، ބަލިބަލިން ރައްކާތެރިކުރުމުގެ ސިޔާސަތު (ޕްރިވެންޓިވް ހެލްތް ކެއަރ) އާއި، ބަލިޖެހުމުން ރަނގަޅު ފަރުވާދީ، ބަލިން ސަލާމަތް ކުރުމުގެ ސިޔާސަތު (ކިއުރެޓިވް ހެލްތް ކެއަރ) އަށް އެއްވަރަކަށް ސަމާލުކަންދީ، ދެ ސިޔާސަތުވެސް އެންމެފުޅާ ދާއިރާއެއްގައި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުން ޝާމިލްވާނޭހެން ތަންފީޒުކޮށްގެން ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް ބަރޯސާވާން ޒަމާނުއްސުރެ ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމާއި، ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށްވެސް މަސައްކަތް ކުރުމަކީ، މި ދާއިރާ ތަރައްޤީކުރުމުގައި، ހާސިލުކުރަންވީ އެންމެ ޢަދުލުވެރި ޙައްލު ކަމުގައި އަޅުގަނޑު ދެކެން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހިންގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މި ސަރުކާރުން ފަށައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގައި ޖީ.ޕީ އަދި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތައް ޤާއިމުކުރުން ހިމެނޭ. މިގޮތުން ޤާއިމު ކުރި ފުރަތަމަ ސެންޓަރު މާލޭގައި ވާނީ ހުޅުވައިފައި. މިފަދަ ކުލިނިކްތައް ހުޅުމާލެ ފޭސް 1 އަދި 2 އަދި މާލޭގެ އިތުރު ދެ ސަރަހައްދެއްގައި މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާނަން. މީގެ އިތުރުން، ކާބޯތަކެތީގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އަދި ހެވީމެޓަލްގެ މިންވަރު ބެލުމަށް ތަޙްލީލުތައް ހެދޭނެ ގޮތް މި އަހަރު ޤާއިމުކޮށް ފެށުމަށް ވަނީ ހަމަޖެހިފައި. ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާގުޅޭ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށައިފިން. ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، 433 ޞިއްޙީ ޚިދުމަތްތެރިން މި ޚިދުމަތާ ގުޅޭގޮތުން ތަމްރީނުކޮށްފިން. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ބޭނުންކުރާ ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީ، އާސަންދަ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިފިން. އަދި، މިހާތަނަށް 2003 ރައްޔިތުން ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވެ، 375 ރައްޔިތުން ކާމިޔާބުކަމާއެކީގައި ދުންފަތުގެ އިސްތިޢުލާމު ކުރުމުން ދުރުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބެލެހެއްޓުންތެރިކަމެއްނެތި، އަޅައިނުލައި އެތައް އަހަރެއްވުމުގެ ސަބަބުން ގިނަ ރަށްރަށުގައި އެމްބިއުލަންސްތައް ހުރީ ހަލާކުވެ މަރާމާތު ނުކުރެވޭ ހާލުގައި. އެހެންކަމުން، އެ އެމްބިއުލަންސްތަކުގެ ބަދަލުގައި، އާ އެމްބިއުލަންސް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ފަށައި، މިހާތަނަށް 56 އެމްބިއުލަންސް މާލެ ގެނެސް، ރަށްރަށާ މިހާރު ވަނީ ޙަވާލުކޮށްފައި. އިތުރު 31 އެމްބިއުލަންސާއި، 10 ޕެރަމެޑިކް އެމްބިއުލަންސް، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި މާލެ ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

ހަމައެފަދައިން، އެމް.އެން.ޑީ.އެފް.އިން ބަލަހައްޓަވާ ދިވެހިރާއްޖޭގެ ސީ އެމްބިއުލަންސް ނިޒާމު ހަރުދަނާ ކުރުމަށްވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފައި. އެގޮތުން، ދުވަސްވެފައިވާ ބައެއް ސީ އެމްބިއުލަންސް މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެސްފައިވާއިރު، އިތުރު 12 ސީ އެމްބިއުލަންސް މި އަހަރު ޚިދުމަތަށް ނެރެވޭނެ. މިގޮތުން، މި އަހަރު ޚިދުމަތަށް ނެރޭ ފުރަތަމަ ސީ އެމްބިއުލަންސް ނ. ވެލިދޫގައި މިހާރު ވަނީ ސްޓޭޝަންކޮށް ޚިދުމަތް ދޭން ފަށާފައި. އަދި އެއަރ އެމްބިއުލަންސް ޚިދުމަތުގެ އަމިއްލަ ޤާބިލިއްޔަތުކަން ފުޅާކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުގެ 4 ޤައުމަކަށް އެއަރ އެމްބިއުލަންސްގެ ދަތުރުކުރެވޭ ގޮތަށް ހުރިހާ އިންތިޒާމެއް ނިމިދިޔަ އަހަރު ވާނީ ހަމަޖައްސައިފައި. މިގޮތުން، 16 ނޮވެންބަރު 2025 ގައި ސަރުކާރުގެ ޚަރަދުގައި ޔޫ.އޭ.އީ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް އެއަރ އެމްބިއުލަންސްގައި ބަލިމީހުން އުފުލުމުގެ ހުރިހާ އިންތިޒާމުތައް ހަމަޖައްސައި އެއްބަސްވުމުގައި ވާނީ ސޮއިކޮށްފައި. ރާއްޖޭގެ އެތެރޭގެ އެއަރ އެމްބިއުލަންސް ޚިދުމަތުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން މެޑިކަލް އިވެކުއޭޝަން ހެލިކޮޕްޓަރުގެ ޚިދުމަތް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަންޖެހޭވަރަށް އަޅައިނުލައި ކުރިން އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް، ޙައްލުކުރަން ޖެހިފައި ހުރި ކަންކަން ޙައްލުކުރަން ވާނީ ފަށާފައި. މިގޮތުން، ހުޅުމާލޭގެ އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ހިންގުމަށްޓަކައި ބޭނުންވާނެ ހުރިހާ މަސައްކަތެއް، އެމް.އެން.ޑީ.އެފް.ގެ ޤައުމީ މަސައްކަތެއްގެ ގޮތުގައި، ކުރު މުއްދަތެއްގައި ކޮށް ނިންމައި، ހަވާލުކޮށް، ހަލާކުވެ ވީރާނާވަމުން ދިޔަ ތެލަސީމިއާ ސެންޓަރު، އޮރެންޖް ހިޔާއަށް ވަނީ ބަދަލު ކުރެވިފައި. އަދި އެތަނުގެ ހިންގުން މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ވަނީ ހަވާލުކުރެވިފައި. މިހާރު އެ ކުދިންނަށް ކުރިން ނުލިބޭ އެންޑޮކްރިނޮލޮޖީ، އިންޓަރނަލް މެޑިސިން، ހިމަޓޮލޮޖީ ފަދަ ސްޕެޝަލިސްޓް، އެކި ޚިދުމަތްތައް ދަނީ ލިބެމުން. އަދި، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚިދުމަތް ކުރުމުގައި މި ސެންޓަރުގައި އެކަށީގެންވާ ވަރާ ގާތަށްވެސް މުވައްޒަފުން ނެތް ނެތުން ބަދަލުކޮށް، 38 އާ މަގާމަށް ހުއްދަ ދީ، 30 މުވައްޒަފުން މިހާރު ވަނީ ރެކްރޫޓްކޮށްފައި. އަދި، ތެލަސީމިއާ ކުދިންނަށް ކޮންމެހެން ބޭނުންވާ އަދި ކުރިން ރާއްޖެއިން ބޭރުން ނޫނީ ނުލިބޭ ޚިދުމަތެއް ކަމުގައިވާ އެމް.އާރު.އައި. ޓީޓޫ ސްޓަރގެ ޚިދުމަތްވެސް، މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ލިބޭ. މިހާތަނަށް 28 ފަރާތަކަށް މި ޚިދުމަތް ދެވިފައިވޭ.

މީގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވިފައި. އެހެންކަމުން، މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުވަނީ ދެވިފައި. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2,000 ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ވަނީ ނިންމާފައި. އަދި، ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލުކުރާ ލެބޯރެޓަރީ ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި. މި ޚިދުމަތުގެ ސަބަބުން، މީގެ ކުރީން ދެނެނުގަނެވޭ، ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަޙުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ. މި ޚިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވިއަން ބްލަޑް ސަރިވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެ. ހަމަ އެއާއެކު، ތެލެސީމިއާ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ، އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކި ކަހަލަ ތެރަޕީތައް ހިމެނޭ. އެހެންކަމުން، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި، ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީނު ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި، ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި، ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. އަދި މިހާރުން މިހާރަށްވެސް ޙައްލު ހޯދުމުގެ ގޮތުން، ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިޔަރަލް ތެރަޕިސްޓުންނާއި އަދި ފިޒިއޮތެރަޕިސްޓުންނާއި، ސައިކޯތެރަޕިސްޓުން ހިމެނޭހެން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ވާހަކަވެސް ދަންނަވަން. އަދި، ހުޅުމާލޭގައި "ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރު" ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި ފަށާނަން. އަދި މި ސެންޓަރުގެ ގޮފިތައް، އެހެން ހުރިހާ ސިޓީތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ. މި ސެންޓަރުތައް ޤާއިމުކުރެވުމުން، ތެރަޕީގެ ޚިދުމަތަށް ހިނގާ ހުރިހާ ޚަރަދެއް، މިއަހަރުގެ ޖަނަވަރީ 1 ން ފެށިގެން އާސަންދައިން ދޭ ގޮތަށް އޮތް އޮތުން މުރާޖަޢާކޮށް، އެ ޚަރަދުން ވަކި އިންސައްތައެއް މި މަރުކަޒުތަކުން އެ ހުރިހާ ޚިދުމަތެއް އެންމެ ފެންވަރު ރަނގަޅުކޮށް، ހިލޭ ލިބިގެންދިޔުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ނަފްސާނީ ބަލީގެ ދާއިރާއަކީވެސް ރާއްޖޭގައި ވަރަށް ބޮޑަށް އަޅައިލުން ބޭނުންވެފައި އޮތް ވަރަށް މުހިއްމު ދާއިރާއެއް. މިކަމަށް އެކަށީގެންވާ ޙައްލު ގެނައުމުގެ ގޮތުން ކަނޑައަޅައިފައިވާ ސިޔާސަތުގެ ދަށުން، 24 ގަޑިއިރު ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕް ލައިން 21 ފެބުރުވަރީ 2025 ގައި ޤާއިމުކޮށް، މިހާތަނަށް 13,741 ފަރާތަކަށް ޚިދުމަތް ދެވިފައިވޭ. އަދި، ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިން. އަދި މިއަހަރު ޖަނަވަރީ 1 ން ފެށިގެން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް، އާސަންދަ ލިބޭގޮތް ވަނީ ހަމަޖެހިފައި. މީގެ އިތުރުން، ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މި އަހަރު ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ޤާއިމުކޮށް، ޚިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި، މި ސަރުކާރުން އެންމެ އިސްކަމެއްދޭ އަނެއް ދާއިރާއަކީ، ދަރިމައިވުމާ ގުޅޭ ފަރުވާގެ ދާއިރާ. މިގޮތުން 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް 1,965 ފަރާތަކުން ވަނީ އެންޑޮމެޓްރިއޯސިސް ފަރުވާ ހޯދާފައި. އަދި، 9,650 ފަރާތަކުން ޕީ.ސީ.އޯ.އެސް ފަރުވާ ހޯދައިފައިވޭ. "އައި.ޔޫ.އައި." އަދި "އައި.ވީ.އެފް."ގެ ފަރުވާ، އާސަންދަ މެދުވެރިކޮށް ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވި ފަރާތްތަކުގެ ތެރެއިން، 68 ފަރާތަކުން "އައި.ވީ.އެފް." ފުރިހަމަކޮށް، ﷲގެ ރަޙްމަތްފުޅުން 23 ފަރާތަކަށް ވަނީ "އައި.ވީ.އެފް." ކާމިޔާބު ވެފައި. މި ޚިދުމަތުގެ އެހީގައި މި އަހަރު ޖަނަވަރީ މަހުގެ 7 ވަނަ ދުވަހާއި، 11 ވަނަ ދުވަހު 2 ކުދިން ރާއްޖޭގައި އުފަންވެފައިވޭ. މިއީ، ރާއްޖޭގައި ޒަމާންވީ ބޮޑު މައްސަލައަކަށް އަތުން ޚަރަދެއް ނުގޮސް، ރާއްޖޭގައި ޢާއިލާއާއެކު ތިބެގެން ލިބިގެންދިޔަ ތާރީޚީ ކާމިޔާބީއެއް. ހަމައެއާއެކު، މި ސަރުކާރުން އުފެއްދި ފަރޓިލިޓީ ކެއަރ ފަންޑަށް ޖުމްލަ 30 މިލިއަން ރުފިޔާ ޖަމާކޮށް، 93 ފަރާތަކުން މި ފަންޑުގެ އެހީގައި ފަރުވާ ހޯދައި، އޭގެ ތެރެއިން 20 ކުދިން އުފަންވެފައިވާކަންވެސް ފާހަގަކޮށްލަން. އަދި، މި ފަންޑު ބޭނުންކޮށްގެން މިއަހަރު އައި.ވީ.އެފް. ހެދުމަށް މިހާތަނަށް އިތުރު 35 ފަރާތެއްވެސްވަނީ ޝަރުޠު ފުރިހަމަވެފައިކަން ފާހަގަކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން

ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން އުފެއްދި އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފަރމް) އިން މިހާރު ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތަށް ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން މި ބޭސްތައް ލިބެން ފަށާނެ. އަދި ޒިންމާދާރުކަމާއެކު، ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމަރއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކީގައި މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މި އަހަރު ތެރޭގައި ކަށަވަރު ކޮށްދޭނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ޢުމްރާނީ އަދި ޞިއްޙީ ވަސީލަތްތައް ޤާއިމު ކުރިނަމަވެސް، އެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދޭނޭ ޚިދުމަތްތެރީން އެކަށީގެންވާ ވަރަކަށް ނެތްނަމަ، ރައްޔިތުންނަށް އެންމެ އެދެވޭގޮތުގައި ޚިދުމަތް ނުދެވޭނެ. އެހެންކަމުން، އިންސާނީ ވަސީލަތް ޤާއިމުކުރުމުގައި އެހެން އެއްވެސް ދާއިރާއަކަށް ނުދޭ އިސްކަން ސިއްޙީ ދާއިރާއަށް ދީ، އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތަށް 669 ޚިދުމަތްތެރީން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް 1,042 ޚިދުމަތްތެރީން، ޖުމްލަ 1,711 ޚިދްމަތްތެރީންނަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދީފައިވާނެ. އަދި، މި އަހަރު ހުޅުވޭ އެކި މަރުކަޒުތަކާއި، ހޮސްޕިޓަލްތަކަށް އިތުރުކުރެވޭ އެކި ޚިދްމަތްތަކަށް ބޭނުންވާ 1,957 ޚިދުމަތްތެރީންނަށްވެސް އެންމެ އިސްކަންދީގެން މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ވަޒީފާ ހަމަޖައްސައިދޭނަން. އެކަމަށް ބޭނުންވާ ބަޖެޓު މި އަހަރަށް ފާސްކުރި ސިއްޙީ ދާއިރާގެ ބަޖެޓުގައި ހިމެނިފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް، ޑައިގްނޯސްޓިކް ޚިދުމަތް ފުޅާކުރުމަށް ނިމިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން، ރޭޑިއޮލޮޖީގެ ޚިދުމަތުގެ ތެރެއިން، އެމް.އާރު.އައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ވަނީ ފެށިފައި. ޑައަލިސިސްގެ ޚިދުމަތް މުޅިން އަލަށް 9 ރަށެއްގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާފައިވޭ. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ 143 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް އަތޮޅުތެރޭގައި 143 ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދޭ.

ހަމަ އެފަދައިން، މާލޭ ސަރަހައްދުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ފަށައިފައި. މިގޮތުން، ފާއިތުވި އަހަރު އައި.ޖީ.އެމް.އެޗް.ގައި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވޯޑެއް ޤާއިމުކޮށް ޚިދުމަތްދޭން ވަނީ ފަށާފައި. އެގޮތުން، މުޅިން އަލަށް ބައެއް ސަރޖަރީތަކާއި ޕްރޮސީޖަރތައް ވަނީ ފަށާފައި. ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އިމަރޖެންސީ ރޫމްގެ އެނދުގެ އަދަދާއި، ޑައަލިސިސްގެ ޚިދުމަތުގެ އެނދުގެ އަދަދު އިތުރުކޮށް ޚިދުމަތްތައް ވަނީ ފުޅާކޮށްފައި. އައި.ޖީ.އެމް.އެޗް. އާއި، ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި، އާސަންދައިގެ ދަށުން 2,000 ރުފިޔާއަށް އައިނު ހެއްދުމުގެ މަގު ފަހިކޮށްދީ، ނަތީޖާއެއްގެ ގޮތުން މިހާތަނަށް 12,988 މީހުން ލޯ ދައްކާފައިވާއިރު، އޭގެތެރެއިން 12,056 ދިވެހި ރައްޔިތުން މި ނިޒާމުގެ ތެރެއިން ވަނީ އައިނު ހައްދާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި އަހަރު، މާލެ ސަރަޙައްދުގައި ޞިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ހިމެނޭ. އަދި، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި ފަށާނަން. މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމުކުރުން ހިމެނޭހެން، ކެންސަރު ބަލީގެ ޚިދުމަތަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މި އަހަރު މެދުތެރޭގައި ފަށާނަން. ހަމައެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގެ އެކްސްޓެންޝަންގެ ގޮތުގައި، 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މި އަހަރު މެދުތެރޭގައި ފެށިގެންދާނެ. މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމް.އާރު.އައި މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން އަދި އޯ.ޕީ.ޑީ އަދި އީ.އީ.ޖީ ޚިދުމަތް ހިމެނޭހެން، ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި، ސީ.އެކްސް.އެލް ސަރޖަރީ ތަޢާރުފްކޮށް، އޮފްތަލްމޮލޮޖީގެ ޚިދުމަތް ފުޅާކުރުމާއި، ޑެންޓަލް ލެބޯރެޓެރީއެއް ޤާއިމު ކުރުން، މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

ހަމައެފަދައިން، މިއަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ ދަރުމަވަންތަ ހޮސްޕިޓަލްގައި ވަކިން ކެތުލެބެއް ގާއިމުކޮށް، ނެޝަނަލް ކާޑިއެކް ސެންޓަރު އިތުރަށް ތަރައްޤީކުރާނަން. އަދި، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސަރޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީ.އާރު.ސީ.ޕީ، އަދި ރޮބޮޓިކް ސަރޖަރީގެ ޚިދްމަތް ދަރުމަވަންތަ ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް.ގައި މި އަހަރު، އިރާދަކުރެއްވިއްޔާ ފަށާނަން.

މީގެއިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި، އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ، އާ ހަރުފަތަކަށް އިރާދަކުރެއްވިއްޔާ އުފުލިގެންދާނެ. މި ސެންޓަރުގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅުވައިލެވޭ ވިއުގައެއް މެދުވެރިކޮށް، ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުވެގެންދާނެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ.

އަތޮޅުތެރޭގައި މި އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ޓާޝަރީ ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މެމޮގްރަފީގެ ޚިދްމަތް ނެތް ހޮސްޕިޓަލްތަކުގައި، އެ ޚިދުމަތް ތަޢާރަފްކުރުމަށް ވާނީ ނިންމާފައި. އަދި، އައްޑޫ ސިޓީ ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑް ހެދުމާއި، އެޑްމިން އިމާރާތަށް ޖާގަ އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މަރުކަޒެއް ގާއިމުކުރުމާއި، އެކި ބާވަތުގެ ތެރަޕީ އިންޓަރގްރޭޓް ކުރުމާއި އޯ.ޕީ.ޑީ ޚިދުމަތް، ދެ ދަންފަޅިއަށް ބަދަލުކުރުމާއި އަދި ޚިދުމަތްތައް އިތުރުކުރުން މި އަހަރު އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ހަމަ އެފަދައިން، ކުޅުދުއްފުށީ ހޮސްޕިޓަލާއި، ތިނަދޫ ހޮސްޕިޓަލާއި، ފުވައްމުލަކު ހޮސްޕިޓަލާއި، އުނގޫފާރު ހޮސްޕިޓަލުގައި މިހާރު ހުރި ޚިދުމަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޞިއްޙީ އާލާތްތައް ހަމަކޮށްދިނުމާއި، ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަންޖެހޭ އެންމެހައި ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ބާރު ސްޕީޑްގައި ކުރިއަށްދާނެ.

ހަމައެއާއެކު، ބޭރުގެ ފަންޑުތަކުން އެހީތެރިކަން ފޯރުކޮށްދީގެން ހިންގަން ހަމަޖެހިފައިވާ ފުވައްމުލައް ސިޓީ، އދ.މަހިބަދޫ، ތ.ވޭމަންޑޫ، ލ. ފޮނަދޫ އަދި ފ.ނިލަންދޫ ހޮސްޕިޓަލްގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް މި އަހަރު އިރާދަކުރެއްވިއްޔާ ފެށޭނެ. ހަމައެއާއެކު، ލެބޯރެޓަރީ ނެތް 76 ރަށުގައި މި އަހަރުގެ ނިޔަލަށް ލެބޯރެޓެރީ ޤާއިމުކޮށް ނިމޭނެ. އަދި، އެތައް އަހަރެއް ވަންދެން ނުބަލަހައްޓައި ހުރުމުގެ ސަބަބުން، ހަލާކުވެ ޚިދުމަތް ދިނުން ހުއްޓިފައިވާ މެޝިނަރީއާއި އިކްއިޕްމެންޓްތައް ބަދަލުކުރުމުގެ މުހިންމު މަޝްރޫޢެއް މިހާރުވަނީ އެސް.ޓީ.އޯއާ ހަވާލު ކޮށްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި، މި މަސައްކަތް ނިމި، އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ.

ހަމައެއާއެކު، ރީޖަނަލް ހޮސްޕިޓަލްތައް، ޓަރޝަރީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ މަޝްރޫޢަށާއި، 7 އަރބަން ސެންޓަރުގެ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށްޓަކައި ހިންގާ މަޝްރޫޢުތަކަށް ހޯދަންޖެހޭ އެމް.އާރު.އައި. މެޝިނާއި، ސީޓީ މެޝިން، ޑިކޮމްޕްރެޝަންސް ޗެމްބަރ، ޑެންޓަލް އިކްއިޕްމަންޓް، އަދި އެކްސްރޭ މެޝިން ފަދަ މެޑިކަލް އިކްއިޕްމަންޓް ހޯދުމުގެ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި، މިތަކެތި ފޯރުވައިދީ، މި މަސައްކަތްތައް ނިމި، އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފަށާނެ. މިއީ، އިރާދަކުރެއްވިއްޔާ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު މަޝްރޫޢުތަކެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި، އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ނުވަތަ ލައިފް ސްޓައިލް ޑިޒީޒަސްތަކުން ރައްކާތެރިވެ، ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށް ވުމަށް. މިކަން ހާސިލު ކުރުމަށްޓަކައި، ކުޅިވަރާއި، ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކެން.

މިގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ އަހަރު މި ސަރުކާރުން ޢަމަލީގޮތުން ފެށި ޖުމުލަ 33 މަޝްރޫޢެއްގެ މަސައްކަތްވާނީ ނިންމާފައި. އަދި ހަމަ އެހެންމެ، މި ސަރުކާރު ޙަވާލުވިއިރު ނުނިންމާހުރި 59 މަޝްރޫޢެއް، މިދިޔަ އަހަރު ވާނީ ނިންމާފައި. އެހެންކަމުން، ކުޅިވަރު ކުޅުމާއި، ހަށިހެޔޮކަމުގެ 92 މަޝްރޫޢެއް މިހާތަނަށް މި ސަރުކާރުން ނިންމައި ހަވާލުކޮށްފައި ވާނެ. މީގެ އިތުރުން، މި ސަރުކާރުން ފެށި ކުޅިވަރާއި، ހަށިހެޔޮކަމުގެ 879 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަރުޙަލާގައި ކުރިއަށް އެބަދޭ. މި ހުރިހާ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާނަން. މީގެތެރޭގައި، ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ޤާއިމުކޮށް ހުޅުވުމާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭ، 1,200 ބެލުންތެރީންގެ ޖާގަ ތަނަވަސް، ޒަމާނީ 16 ސްޕޯޓްސް ކޮމްޕްލެކްސް، ހުޅުމާލެ ދެ ފިޔަވައްސާއި، ވިލިމާލެ ހިމެނޭހެން، ރާއްޖޭގެ އެކި ރަށްރަށުގައި ހުޅުވުން ހިމެނޭ. މި އަހަރު ތެރޭގައި އަދި އިތުރު 5 ރަށުގައި މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތައް ހެދުމަށްވެސް މަސައްކަތް ހަވާލުކުރެވިގެންދާނެ.

މާލޭގައި ކުރިއަށްދާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި، އިންލައިން ސްޕީޑް ސްކޭޓިންގ ނުވަތަ ރޯލަރ ސްކޭޓިންގ ރިންގަކާއެކު، ސްކޭޓް ޕާކް އެރީނާއެއް ހެދުމުގެ މަސައްކަތް އެބަދޭ. މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމުކުރެވޭ މި ސްކޭޓް ޕާކް އެރީނާ ވެގެންދާނީ، ދިވެހިރާއްޖޭގައި ސްކޭޓް ކުރުމުގެ ކުޅިވަރު ކުރިއެރުވުމަށް ކުރެވޭނެ ބޮޑު މަސައްކަތަކަށް. 80ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި ސްކޭޓް ބޯޑިންގ އަދި އިންލައިން ސްޕީޑް ސްކޭޓިންގގެ އެކި ހަރަކާތްތައް ކުރިއަށްދިޔަ ނަމަވެސް، އެކަށީގެންވާ ވަސީލަތްތަކެއް ޤާއިމުކުރެވިފައެއް ނުވޭ. މި ސްކޭޓް ޕާކް އެރީނާ ޤާއިމުކުރެވިގެންދަނީ ސަރަޙައްދީ މުބާރާތްތައްވެސް ބޭއްވޭ ފެންވަރަށް. މި މަޝްރޫޢު އެއްކޮށް ނިންމައި، މި އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން.

މީގެ އިތުރުން، ރޭސިންގއާއި ޑްރިފްޓިންގއަށް ޚާއްޞަ އެރީނާ ޤާއިމުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށިގެން ދާނެ. އަދި އިންޓަރނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސެލް ސްޓޭޑިއަމެއް ހިމެނޭހެން، އިތުރު ހަތަރު އިންޑޯ ޓްރޭނިންގ ޕިޗާއެކު، ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސްއަކާއި، އިންޓަރނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ނެޓްބޯޅަ ސްޓޭޑިއަމެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރޭނިންގ ޕިޗާއެކު، ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މީގެ އިތުރުން، މާލޭގައި އީ-ސްޕޯޓްސް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި، އާރކޭޑް ކުޅިވަރުތަކާއި، ބޯލިންގ އެރީނާއަކާއި، ކުޑަކުދީންގެ އިންޑޯ އެކްޓިވިޓީޒް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އެއްވެސް ފަރުދެއް ބާކީނުވާނެހެން ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ސިޔާސަތަކީ، މި ސަރުކާރުން ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ކުރުމުގައި ޤަބޫލުކުރާ ހަމަ. އެހެންކަމުން، ވަރަށް ބޮޑު އިސްކަމެއް ދީގެން، މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އެއް މަސައްކަތަކީ، ދައުލަތުގެ ބެލުމުގެ ދަށަށް އެކި ސަބަބުތަކަށްޓަކައި ގެނެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެފަރާތްތަކުގެ ހާލަތު ބަދަލުކުރެވޭނެ ފުރުޞަތުތަކެއް ހޯދައިދިނުން. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދީންނަށް ޢާއިލީ ވެށްޓެއް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 110 ކުދިންނަށް ވަނީ ޢާއިލީ ވެށްޓެއް ހޯދައިދެވިފައި. އަދި، ކުދިން ތިބޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، އެފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާ މީހުންނަށް އިތުރު ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މި އަހަރު ފެށިގެންދާނެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް، އެކި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރާ "އެމްޕަވަރމަންޓް ހަބް"ގެ ޢަމަލީ މަސައްކަތް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ފެށިފައި. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް، ކަމާބެހޭ ތިން ގަވާއިދެއް، ނިމިދިޔަ އަހަރު ފާސްކޮށް، ގެޒެޓްކޮށް، ނުކުޅެދުންތެރިކަން ހުންނަ، 356 ފަރާތަކަށް މިހާތަނަށް ވަޒީފާ ދީފިން. ސަރުކާރުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު، ނުކުޅެދުންތެރިކަން ހުންނަ އިތުރު 500 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމު ބިނާކުރުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކޮށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، މި ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން "ފަށާ މަދަދު" ލޯނު ސްކީމު ތަޢާރަފުކޮށް، މިހާތަނަށް 92 ފަރާތަކަށް ވަނީ ލޯނު ހަމަޖައްސައި ދެވިފައި. އޭގެ އިތުރުން، ރަށްރަށުގަޔާއި ސިޓީތަކުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް، ކަމާބެހޭ އިޞްލާޙުތައް ގެނެސް، ކައުންސިލުގެ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތަ، މި އަހަރުން ފެށިގެން 10 އިންސައްތައަށް ވާނީ ބަދަލުކޮށްފައި. އަދި އެ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، ކައުންސިލުގެ ބަޖެޓުން ދޭގޮތަށް ބަދަލުކުރެވިފައިވޭ. ހަމަ އެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ، ހުރިހާ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ކޮމިޓީގެ ރައީސާގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން ޤާނޫނީގޮތުން ވާނީ ހޯދައިދީފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިޖުތިމާޢީ ގޮތުން ރައްކާތެރި، ހަމަޖެހޭ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި މުޖުތަމަޢު ހެދުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށްޓަކައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން އިސްރަށްވެހީންނާ ގާތް ސަރުކާރަކަށް އަބަދުވެސް މި ސަރުކާރުވާނަން. ދުޅަހެޔޮކަމާއި އަބުރުވެރިކަމާއެކު، މުޖުތަމަޢުގެ މުހިއްމު ބައެއްގެ ގޮތުގައި އިސްރަށްވެހިން ދިރިއުޅުމަށް މަގުފަހިކޮށްދީ، އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން، ފާއިތުވި އަހަރު ފެށި "އުފާވެރި ރާސްތާ" ޕްރޮގްރާމްގައި 13 އަތޮޅަކުން 1,185އިސްރަށްވެހިން ވަނީ ބައިވެރިވެފައި. އަދި ނާދީތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި 15,213 އިސްރަށްވެހިން ބައިވެރިވެފައިވޭ. މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ނިޒާމު ކުރިއަށް ޤާއިމުކުރެވިގެންދާނެ. އަދި އަޅައިލާނެ ފަރާތެއް ނެތި، އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އަޅައިލުމުގެ ގޮތުން ބިނާކުރުމަށް މި ސަރުކާރުން ފަށްޓާފައިވާ މަރުކަޒުތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޤާއިމުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ގޮސްފައި. އިތުރު ދެ މަރުކަޒު ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމުގެ މަސައްކަތް، މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މީގެއިތުރުން، ޢުމުރުން 65 އަހަރުގައި މަޖުބޫރުކަމާއެކު ވަޒީފާއިން ވަކިވުމުގެ ބަދަލުގައި، 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިހުންނަން ބޭނުންވާ އިސްރަށްވެހިންނަށް، އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އަހަރުން އަހަރަށް އާކުރާ ކޮންޓްރެކްޓް ވަޒީފާއެއް ރަސްމީ ނިޒާމުގެ ތެރެއިން ލިބޭނެގޮތް، "ރީއެމްޕްލޮއިމަންޓް" ޤާނޫނު ތަޞްދީޤުކޮށް، ވަޒީފާ އަދާކުރުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދެވިފައި. މިއީ ނަފްސާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ނުހަނު ފައިދާ ބޮޑު ކަމަކަށް ވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގައި އިޖުތިމާޢީ ތަރައްޤީއާއި، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ޤައުމުގައި އޮތް އިޖުތިމާޢީ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެން. މި ޙައްލު ގެނެސްދިނުމަކީ، މި ސަރުކާރުން އެންމެ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަންތައް.

މިގޮތުން، ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށްޓަކައި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ކެބިނެޓުން ފާސްކޮށް ވާނީ ޢާންމުކޮށްފައި. މި ސިޔާސަތުގެ ދަށުން މުޖުތަމަޢުގެ ހުރިހާ ގިންތިއަކަށްވެސް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެ. އަތްމަތި ތަނަވަސް ޢާއިލާތަކަށް، ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖް ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށްދިނުން ހިމެނޭ.

އަދި "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15,000 ގޯތި އަދި ހުޅުމާލެއާއި، ވިލިމާލެއިން 3 ކޮޓަރީގެ 7,900 ފްލެޓް ދޫކުރުމާބެހޭ އުޞޫލު އިޢުލާނު ކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވައިލެވިފައި. އެއްވެސް ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވޭ ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާއިރު، ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ކުރިމަތިލެވޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލާނަން. އަދި، 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި ޖޮއިންޓްކޮށް، އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް، އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭގޮތަށް، ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ވަނީ ނިންމާފައި. 15,000 ގޯތީގެ ތެރެއިން މި ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށްވެސް 1,000 ގޯތި ކަނޑައަޅައިފައިވާނެ.

15,000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ކުރިއަށްދަނީ. ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް، ރަސްމާލޭގެ ބިން ހިއްކައި އިރާދަކުރެއްވިއްޔާ ނިންމުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިންގ ސްކީމް"އަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއް. މި ސްކީމްގެ ދަށުން ރަށްވެހި، ސަހަރު އަދި ފަހިމާލެ ލޯނުތަކަށް އެދި ޖުމްލަ 2,256 ފޯމު ހުށަހަޅާފައިވާއިރު، މިހާތަނަށް 821 ފަރާތެއްގެ ފޯމު އެޕްރޫވްކޮށް، ބޭންކަށް ފޮނުވިފައިވޭ. މި އެޕްރޫވް ކުރެވުނު ލޯނުތަކުގެ ޖުމްލައަކީ ނުވަ މިލިއަން އަށްޑިހަ ނުވަހާހަށްވުރެ ގިނަ ރުފިޔާ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ނިމިދިޔަ އަހަރު ބޯހިޔާވަހިކަމުގެ ތިން މަޝްރޫޢެއްގެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ބޯހިޔާވަހިކަމުގެ 13 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މި ވަގުތު ކުރިއަށްދާއިރުގައި، އިތުރު 25 މަޝްރޫޢެއްގެ މަސައްކަތް ސޮއިކުރެވިފައިވޭ. އަލަށް ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސްއާއި ކޮންޓްރެކްޓަރުންނާ ގުޅިގެން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 13 ރަށެއްގައި 800 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ. އެހެންކަމުން، މިވަގުތު އެކި މަރުޙަލާތަކުގައި ހިނގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން 9,175 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ، މި 9,175 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ގޮސް، ކުރިއަށް އޮތް 26 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢުތައް ނިންމައި، ރަށްރަށުގެ ރައްޔިތުންނާ އެ މަޝްރޫޢުތައް ހަވާލުކުރެވިގެންދާނެ. ހަމައެއާއެކު، މި އަހަރު އޮގަސްޓު މަހުގެ ތެރޭގައި، އެކި ރަށްރަށުގައި އިތުރު 1,300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ. ރަށްރަށުގައި ޤާއިމުކުރާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ހުޅުވައިލާއިރު، ރަށުގެ ރައްޔިތުންގެ ތެރެއިން މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ތެރެއިން ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ކަނޑައެޅޭ ވަކި އަދަދަކަށް ހައުސިންގ ޔުނިޓް ހަމަޖެއްސުމަށްވެސް ވަނީ ނިންމައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 3,548 ގޯތީގެ ތެރެއިން މިހާތަނަށް 2,781 ފަރާތަކަށް ގޯތީގެ ރަޖިސްޓަރީ ވަނީ ހަވާލުކުރެވިފައި. މީގެ އިތުރުން، ހުޅުމާލެ ފޭސް 3 ގެ ފަޅުތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް ހިކިފަސްތަން ކޮށްދީ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، 689 ފަރާތަކަށް ގޯތި ކަނޑައަޅައިދީފައިވޭ. އަދި، ގިރާވަރު ފަޅުން ގޯތި ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ހުރިހާ ފަރާތަކަށް ގޯތީގެ ގުރުއަތުލުން 31 ޖަނަވަރީ 2026 ގައި ވަނީ ބާއްވާފައި. އަދި ގިރާވަރުފަޅުން ކުރިއަށް އޮތް ތިންމަސް ތެރޭގައި، ބިން ހިއްކާ ނިންމައި، އެ ތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މީގެއިތުރުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 3,850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވި، މިހާތަނަށް 3,647 ފަރާތަކަށް ވަނީ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް އެމް.އެމް.އޭ.އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ އުޞޫލުގެ ދަށުން ބޭންކުތަކުން ދޫކުރާ ލޯނުގެ 10 އިންސައްތައާއި، 15 އިންސައްތައާ ދެމެދުގެ އަދަދެއް ބޯހިޔާވަހިކަމަށް ހެޔޮ އަގުގައި ދިނުމަށް ވަނީ ޝަރުޠުކޮށްފައި. މި ބަދަލާއެކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ދެ ކުންފުންޏަކާއި އަދި ދިވެހި ތިން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެއާއި އަދި ވިލިމާލޭގައި 3,260 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި މި ހުރިހާ ޔުނިޓުތައް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެ ފްލެޓުތައް ލިބޭނެ ފަރާތްތަކާ ހަވާލުކުރެވިގެންދާނެ. ސަރުކާރުން ހިލޭ ބިން ދީގެން ޢިމާރާތްކުރާ، މި ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން އިމާރާތްކުރާ އިމާރާތްތައް ލިބިގެންދާނީ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހޮވޭ ފަރާތްތަކަށް.

ހަމަ އެއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ބޯހިޔާވަހިކަން އަތްފޯރާފަށަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން، ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާ ލޯނުގެ އިކިއުޓީ، 20 އިންސައްތައިން 5 އިންސައްތައަށް މިހާރުވަނީ ކުޑަކޮށްފައި. އަދި މާލޭގައި ގެދޮރު އިމާރާތްކުރުމަށް ލޯނު ނެގޭ އަދަދު، 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކޮށްދީ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު، 15 އަހަރުން 20 އަހަރު ދުވަހަށްވެސް ވަނީ އިތުރުކޮށްފައި. ހަމަ އެއާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް އިތުރު ރަހުނަކާ ނުލައި، ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ވަނީ ފަށާފައި. މީގެކުރިން، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނު ހުށަހަޅަން ޖެހޭޖެހުމަށް މިވަނީ ނިމުމަކަށް ގެނެވި، ރައްޔިތުންނަށް ބޮޑު ލުޔެއް ހޯދައިދެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރެއިން މިހާރު ވާނީ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި، ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ވަކި ޙާލަތްތަކެއްގައި ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ސަރުކާރުން އިޞްލާޙުތަކެއް ހުށަހަޅާފައި.

މިހާރު ޤާނޫނުގައި އޮތްގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިމިފައިވާ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް. ނަމަވެސް، މިހާރު ހުށަހަޅާފައިވާ އިޞްލާޙު ފާސްވެ، ޤާނޫނަކަށްވުމުން، މާލީ އިދާރާއަކުން ދޫކުރާ ލޯނެއް މެދުވެރިކޮށް ގެދޮރު ގަންނަން ނުވަތަ އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ހަމަޖެއްސުމުގެ ފުރުޞަތު ލިބޭނެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ރައްކާތެރި، އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލުވުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީ ކުރުމާ ގުޅޭ އުސޫލާއި، އެފަދަ މަޝްރޫޢުތައް ހިންގުމުގެ އުސޫލުތައް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ އުސޫލުތަކުގެ ދަށުން ތަރައްޤީކުރެވޭ ތަންތަނުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމަށްޓަކައި، އަދި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް "ހައުސިންގ ފަންޑެއް" ޤާއިމުކުރުމަށްޓަކައި "ބޯހިޔާވަހިކަމުގެ ބިލު" ގެ ނަމުގައި ބިލެއް މި ޢިއްޒަތްތެރި މަޖލީހަށް ސަރުކާރުން ވާނީ ފޮނުވާފައި. މި ބިލުގެ ބަހުސް، ކޮމިޓީ މަރުޙަލާގައި ކުރިއަށްދާކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖުތިމާޢީ ތަރައްޤީ އަދި ރައްކާތެރިކަން ކަށަވަރުވެގެންދާނީ، ޤައުމުގެ އަމަންއަމާންކަމާއި ހަމަޖެހުން ޤާއިމުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން. އަދި މި ކަށަވަރުކަން ހޯދައިދިނުމަކީ އަޅުގަނޑާ މަތިވެފައިވާ އެންމެ އިސް އެއް ވާޖިބު. މިގޮތުން، މުޖުތަމަޢުގެ އަމަންއަމާންކަން ދަމަހައްޓައި، ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކުރެވިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މަޝްރޫޢެއް މި ސަރުކާރުން ފެށިން. އަދި މިދިޔަ އަހަރު ފެށުނުއިރު ޚިދުމަތް ޤާއިމުވެފައި ނުވާ 39 ރަށެއްގައި ވަނީ އަލަށް ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައި. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ޤާއިމްވެ ތިބެގެން، މިހާރު އެދަނީ ފުލުހުންގެ ޚިދުމަތް ދެމުން. މީގެ އިތުރުން، މި ސަރުކާރު ފެށުނުއިރުގައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް، އެންމެ 17 ރަށުގައި ހުރި ހުރުން ބަދަލުކޮށް، ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް 147 މަޝްރޫޢުގައި ވަނީ ކޮންޓްރެކްޓް ކުރެވި، މަސައްކަތް ފެށިފައި. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް، ފުލުހުންގެ ދާއިރާ ތަރައްޤީކުރުމަށް އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް ހިނގާ ވަގުތު. މި ހުރިހާ މަޝްރޫޢުތަކެއްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 15 މަސް ދުވަހުގެ ތެރޭގައި ނިންމައި، ފުލުހުންގެ ޚިދުމަތް، އެ މަރުކަޒުތަކުގައި ދޭން ފަށާނެ.

ހަމަ އެއާއެކު، ފުލުހުންގެ މުއައްސަސާގެ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރެވި، ތަޙުޤީޤުގެ ފެންވަރު، މި އަހަރު ތެރޭގައި މަތިކުރެވިގެންދާނެ. މީގެއިތުރުން، މިހާރަށްވުރެ ބޮޑަށް ޖަވާބުދާރީކުރުވުމުގެ ނިޒާމު ރަނގަޅުކުރެވި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އަމާންއަމާންކަމާއި ހަމަޖެހުން ޤާއިމުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ދާއިރާއަކުން އެއްފަހަރާ މިދަނީ މަސައްކަތްކުރަމުން. އެއީ، މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ މަސްތުވާ ތަކެތި މުޖުތަމަޢު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމާއި، މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ނުވަތަ ރީހެބިލިޓޭޓް ކުރުމަށް މަސައްކަތް ކުރުން. މަސްތުވާ ތަކެތީގެ ސަޕްލައި ދަށްކުރުމަށްޓަކައި، 2025 ވަނަ އަހަރު 212 އޮޕަރޭޝަނެއް ހިންގާފައި ވާނެ. މީގެތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަނެއްގެ ގޮތުގައި "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. މި އޮޕަރޭޝަން ފެށީ، އެއްފަހަރާ 500 ފުލުހުން ބޭނުންކޮށްގެން، މުޅި ރާއްޖޭގައި 100 ތަނެއް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއްގެ ގޮތުގައި. މި މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް. މިހާތަނަށް 204 ތަނެއް ބަލައި ފާސްކޮށް، 271 ފަރާތެއް ބަންދުކޮށް، 120 މައްސަލަ ބަލައި ތަޙުޤީޤުކޮށް، 37 ފަރާތަކަށް ދަޢުވާކުރުމަށް ވާނީ ފޮނުވާފައި. މި ހުރިހާ އޮޕަރޭޝަންތަކެއްގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ އެކި ބާވާތްތަކުން ޖުމްލަ 712 ކިލޯ ގްރާމްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު ގެނެސްފައިވާނެ. މީގއިތުރުން، 7,245 ބަނގުރާފުޅި ނުވަތަ ބަނގުރާދަޅު އަތުލެވިފައިވޭ. މި ތަކެއްޗަކީ އޭގެ މަގުމަތީގެ އަގުން ބަލާނަމަ، އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ މަސްތުވާތަކެތި. އަދި 17 ނޮވެންބަރު 2023 ން ފެށިގެން މިހާތަނަށް 1,366 ކިލޯގްރާމްގެ މަސްތުވާތަކެތި އަދި 14,825 ބަނގުރާފުޅި އަތުލެވިފައިވޭ. މިތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާ. މިއީ ވޭތުވެދިޔަ ތިން ދައުރުގައިވެސް ފުރަތަމަ ދެ އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު ދެ އަހަރުކަން ފާހަގަކުރަން.

ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކްތައް ދެނެގަނެ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރކުރާ ނެޓްވަރކްތައް ހުއްޓުވުމަށްޓަކައި، އެފަދަ ނެޓްވަރކްތަކަށް ސީދާ ޓާގެޓްކޮށްގެން ޚާއްޞަ އޮޕަރޭޝަންތަކެއް ވަނީ ފެށިފައި. އެގޮތުން، އެކި ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކްތަކަށް އަމާޒުކޮށް، އޮޕަރޭޝަންތަކެއް ހިންގަން ފެށިއްޖެ. މި ނެޓްވަރކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، އެ މީހުންގެ ދަށުން އިސްކޮށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކުރެވި، އެ މީހުންގެ މައްސަލަތައް މިހާރު އެދަނީ ތަޙުޤީޤު ކުރެވެމުން. އިރާދަކުރެއްވިއްޔާ، މި އަހަރު މި އޮޕަރޭޝަން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެވިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ގިނަގުނަ. އެހެންކަމުން، އެ ހުރަސްތައް ނައްތައިލުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިޞްލާޙުތަކެއް ވާނީ ގެނެސްފައި. މި އިޞްލާޙުތަކުގެ ތެރޭގައި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޙުކުމްކުރާ ހާލަތުގައި، މަރުގެ އަދަބު ދިނުން ހިމެނޭހެން، ބޮޑެތި އަދަބުތައް މިހާރު ވަނީ ކަނޑައަޅާފައި.

މީގެ އިތުރުން، މި އިސްލާޙުތަކާއެކު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިފައި ވާނެ. އަދި ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް، މި އިޞްލާޙުގެ ދަށުން މުރާޖަޢާކުރެވިފައިވޭ. ހަމަ އެހެންމެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދީފައިވޭ. ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި، އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލުވެސް މި އިޞްލާޙުގެ ތެރެއިން މުރާޖަޢާކޮށްދީފައިވޭ. ޤާނޫނަށް ގެނެވުނު މި ދެންނެވި މުހިންމު ބަދަލުތަކުގެ ސަބަބުން، މީގެ ކުރިން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައާއި، ޤާނޫނީގޮތުން ދިމާވާ ހުރަސްތައް ނުވަތަ ލޫޕްހޯލްތަކަށް، މިހާރު ވަނީ ފަރުވާ ހޯދައިދީފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް އަޅުގަނޑު ވަރަށް އިސްކަންދެން. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި، ދީނީގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ނެތުމުގެ ސަބަބުން، ފުރިހަމަ އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް، ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ރަސްމީ ބަޔަކަށް ހެދުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހިންގާ ރިސާލަތު ޕްރޮގްރާމް، އެ މިނިސްޓްރީގެ ފަރާތުން ޑްރަގް ފަރުވާ ލިބިގަންނަ ކުދިންނަށް ހިންގައިދިނުމަށް މިހާރު ވާނީ ހަމަޖެހިފައި. މިކަންކަން މި އަހަރުގެ މޭ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އަދި ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި ރީހެބިލިޓޭޝަން މަރުކަޒުތައް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި، ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ، މި ތިން މަރުކަޒުގެ ޢަމަލީ މަސައްކަތް ނިންމައި، ފަރުވާގެ ޚިދުމަތަށް ދާދި އަވަހަށް ނެރެވިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްތުވާ ތަކެއްޗާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ ކަމަށް ޤަބޫލުކުރެވޭ ގޭންގް ހަދައިގެން ކުށްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަކީވެސް މި ޤައުމުގައި ހަމަޖެހުމަށާއި އަމަންއަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެން. މިގޮތުން، މިދިޔަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން، ގޭންގު ހަރަކާތްތައް މަދުވެ، އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން، އެކަމުން ދުރުވާން މަސައްކަތް ފަށާފައިވާކަން ފާހަގަކުރަން. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔައި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭނެ ހުރިހާ ފުރުޞަތުތަކެއް، ސަރުކާރުން ފޯރުކޮށްދޭނަން. ނަމަވެސް، ޤާނޫނު އައުމަށްފަހުގައިވެސް، ގޭންގެއްގެ ގޮތުގައި ހަރަކާތްތެރިވެ، ކުށުގެ މާޙައުލުގައި އެއްވެސް ފަރާތެއް އުޅޭނަމަ، ޤާނޫނުގައިވާ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނަން. އެގޮތުން ފާހަގަކުރެވުނު ފަރާތެއް އެއީ، ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމަށް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައި. އަދި އެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓަށްވެސް ހުށަހަޅުއްވާފައި. މީގެއިތުރުން، އެފަދަ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ބެލެވޭ ކްލަބެއް އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށްވެސް ވާނީ ފޮނުވައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މުޖުތަމަޢުގައި އަމަންއަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ޙަޤީޤީ، ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެންނަންޖެހޭ އަނެއް ދާއިރާއަކަށް ވެފައި އޮތީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވެފައިވާ ކުދިންނަށް ބޭނުންވާ އިޞްލާޙީ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ. މިކަމަށް ނަޒަރު ހިންގާލާއިރު، 2019 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، 18 މަސްދުވަސް ތެރޭގައި ޤާއިމުކުރުމަށް ލާޒިމުކުރާ މުހިންމު ދެ މަރުކަޒެއް ކަމުގައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި، ޖުވެނައިލް ހާފްވޭ ހައުސް، އެ ޤާނޫނަށް ހަތަރު އަހަރު ވީއިރުވެސް އޭރުއޮތް ސަރުކާރުން އޮތީ ޤާއިމުނުކޮށް. ނަމަވެސް، މި ސަރުކާރުން މި ދެ މަރުކަޒު ޤާއިމުކޮށް، މިހާރު ވާނީ ޚިދުމަތް ދޭން ފަށާފައި. ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުދިން، އަލުން މުޖުތަމަޢަށް އެނބުރި އައުމަށް ބޭނުންވާ ފަރުވާގެ ޕްރޮގްރާމްތައް، މި ދެންނެވި ސެންޓަރުތަކުން މިހާރު ދަނީ ހިނގަމުން. މި މަރުކަޒުތަކުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުދިން، އަލުން މުޖުތަމަޢަށް އެނބުރި އައުމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްތުވާ ތަކެއްޗާއި، މާރާމާރީއާއި، ގޭންގު ކުށްތަކާއި، އެހެނިހެން ނުރަނގަޅު ޢަމަލުތަކުން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް، ފައިދާހުރި، ބޭނުންތެރި ބަޔަކަށް އެ ޒުވާނުންނާއި ކުޑަކުދީން ހެދުމަކީ ދައުލަތެއްގެ ޒިންމާ. ވަކިން ޚާއްސަކޮށް، ސަރުކާރުގެ ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. މިގޮތުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ ޒުވާނުންގެ ތަރުބިއްޔަތު. މާދަމާ މި ލޮބުވެތި ވަޠަން ދަތުރުކުރާނީ، މިއަދުގެ ޒުވާނުން އަމާޒުހިފި މިޞްރާބަކަށް، އެ ޒުވާނުންގެ ހަކަތައިން. އެހެންކަމުން، ޒަމާންތަކެއް ވަންދެން ޒުވާން ޖީލަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ފެށި ޚާއްޞަ މަސައްކަތެއް ކަމުގައިވާ ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ، 28 ޑިސެންބަރު 2025 ގައި ވަނީ ދަސްވެނިވެފައި. މީގެތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް، މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަނީ ފަށައިފައި. ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވާނީ ވަޒީފާ ހަމަޖައްސައިދީފައި. އެގޮތުން، 171 ކުދިން އެމް.އެން.ޑީ.އެފް. އަށް، 7 ކުދިން އެމް.އެން.ޑީ.އެފް.ގެ އޮގްޒިލަރީ ފަޔަރމަނުންނަށް، 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިޔުރިޓީ ކޮމާންޑަށް، 23 ކުދީން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، 5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް، އަދި 3 ކުދިން އެމް.އޭ.ސީ.އެލް.އަށް ވާނީ ވަޒީފާ ހަމަޖައްސައިދީފައި. 38 ކުދިން ބޭނުންވީ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ކަމުން، އެ ކުދީން ވާނީ އެ ފުރުޞަތު ދީ، ރިލީޒް ކޮށްފައި.

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ތަމްރީނުތަކަށް، 350 ޒުވާނުން ޖަނަވަރީ 24 ވަނަ ދުވަހު ވަނީ މާފިލާފުށްޓަށް ފުރާފައި.

ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިދިނުން އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޒުވާނުން މުނިފޫހިފިލުވުމާއި، އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަމްރީނުތައް ދިނުމާއި، މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުވުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނެވުމަށްޓަކައި، ޔޫތު ހަބް ހުޅުވައި އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުންވަނީ ޚިދުމަތް ހޯދާފައި.

ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށް، ޒުވާނުންނަށް ޚާއްޞަކޮށްގެން އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމަށް މިފަދަ ޔޫތު ހަބުތައް ހުރިހާ ސިޓީއެއްގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ހަވާލުކުރެވިފައި. މީގެ އިތުރުން، ގއ.ވިލިނގިލި، ހއ.ދިއްދޫ، އދ.މަހިބަދޫ، ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ފ.ނިލަންދޫ، ލ.ފޮނަދޫ، ޅ.ނައިފަރު އަދި ރ.އުނގޫފާރުގައި މިފަދަ ޔޫތު ހަބުތައް ޤާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އަދި، ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން، ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސެއް ބޭއްވުމާއި، އަދި އެކިއެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލަމަންޓެއް އުފެއްދުމަށްވެސް ވާނީ ހަމަޖައްސާފައި. މީގެއިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި، ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ރީއިންޓެގްރޭޝަން ހަރަކާތްތަކެއް ވަނީ ފެށިފައި. އަދި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކުރުމަށް، ހަރުކަށި ފިކުރު ނައްތައިލުމަށްޓަކައި، ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށްވެސް ވާނީ ނިންމައިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމުގައި ވަށާޖެހޭ ޙައްލެއް ގެނައުމަކީ ނުހަނު ބޭނުންތެރި ކަމެއް. މިގޮތުން، ކުށްކޮށްގެން ޖަލަށް ޙުކުމްކުރާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައި ތިބޭއިރު، އިންސާނީ ކަރާމާތާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރު ކުރުން ވަރަށް މުހިންމު. މިގޮތުން ބަލާއިރު، 17 ނޮވެންބަރު 2023ގައި ދިވެހިރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓުގެ ޚިދުމަތްނެތި. ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ވާނީ ފޯރުކޮށްދެވިފައި. ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވާނީ މާފުށީ ޖަލަށް ގެންދެވިފައި. މި ސްކޭނަރު އިންސްޓޯލްކޮށް، ތަމްރީނުދެވި، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ. މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި، މި ބާވަތުގެ އެހެނިހެން ކަންކަން އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެނެވޭނެ.

ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި، އެ ތަނަކީ، ޙުކުމް ތަންފީޛުކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިޞްލާޙީ ރީހެބިލިޓޭޝަންގެ ފުރުޞަތު ދެވޭ ތަނަކަށް ބަދަލުކުރުމަކީ އަޅުގަނޑުގެ ސިޔާސަތު. މިގޮތުން، ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ، އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން، ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ޙުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވާނީ ސިޔާސަތު ބަދަލުކޮށްފައި. އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓްގައި، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައި ވާނެ. އަދި މިޖަލު ޤާއިމުކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެ ތަނަށް ގައިދީން ލުމަށްވަނީ ޕްލޭންކޮށްފައި. މި ރަށަށް ގެންދެވޭނީ މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ ފަރާތްތައް. މި ފަރާތްތަކަށް ދަނޑުވެރިކަމާއި، އެފަދަ އެހެން މަސައްކަތްތައް މި ރަށުގައި ދަސްކޮށްދެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑު މި ބަޔާންކުރި ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަންކަން ކުރިއަށް ގެންދިޔުމުގައި، ޝާމިލް އެއް ސިޔާސަތުވޭ. އެއީ، ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު. ހަމަ އެއާއެކު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަކީވެސް މި ސަރުކާރުގެ ސިޔާސަތެއް. ކައުންސިލްތަކަށް މާލީ ތަނަވަސްކަން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ފަޅުރަށް ހޯދުމަށް ވާނީ ހުޅުވައިލައިފައި. އެކަމަށްޓަކައި 27 ފަޅުރަށެއް ޚާއްޞަ ކުރެވިފައިވާއިރު، އޭގެތެރެއިން ބައެއް ރަށްތައް ހޯދުމަށް 12 ކައުންސިލަކުން 15 ޕްރޮޕޯޒަލް ހުށަހެޅި. މިހާތަނަށް 6 ކައުންސިލަކަށް 7 ރަށް ދޫކުރެވިފައިވާކަން ފާހަގަކުރަން.

ރައްޔިތުންނާ ވީހާވެސް ކައިރިން، ލާމަރުކަޒީ އުސޫލުން، ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމުގެ މުހިންމު މަޤްޞަދުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތާއި، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅަކުން ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިން، 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި ވާނީ މި ޚިދުމަތް ފަށައިފައި. މީގެއިތުރުން، އާބާދީ ބޮޑު އަތޮޅުތަކުގައި އެއް ރަށަށްވުރެ ގިނަ ރަށުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ވާނީ ފަށައިފައި. މި ޚިދުމަތްތައް މިގޮތަށް ލާމަރުކަޒުކޮށް ފުޅާކުރުމުގެ ސަބަބުން، ރައްޔިތުން ޚިދުމަތް ހޯދުމަށް ކުރިން އުފުލި ތަކުލީފުތައް އެތައް ތަނެއް ކުޑަވެ، ރައްޔިތުންގެ އަތުން އެކަމަށް ހިނގަމުންދިޔަ ޚަރަދުތައް، އެތައް ގުނައެއް ކުޑަވެ، ފަސޭހަކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަން.

ހަމައެއާއެކު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސަރވިސް ބޭންކިންގ އޭ.ޓީ.އެމް. ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒުކުރުމުގެ ސަބަބުން، ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައި. ހަމައެއާއެކު، މުޅިން އަލަށް 7 ރަށެއްގައި ޑޮލަރު އޭ.ޓީ.އެމް. ހުޅުވި، އިތުރު 70 ރަށުގައި ޑޮލަރު އޭ.ޓީ.އެމް. ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މި 70 ޑޮލަރު އޭ.ޓީ.އެމް.ވެސް ބަހައްޓައި، ޚިދުމަތް ދޭން ފަށާނަން.

މީގެއިތުރުން، ރައްޔިތުންނަށް ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަށް ރަށުގައި ބޭނުންކުރާ އިމާރާތް ކަމުގައިވާ ކައުންސިލުތަކުގެ އިދާރާތަކުގެ ޢުމްރާނީ ޙާލަތު ރަނގަޅުކޮށް، ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީވެސް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް. އެގޮތުން، 2025 ވަނަ އަހަރު ވާނީ 55 ކައުންސިލް އިދާރާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައި. ޕްރޮޖެކްޓް ނިމޭއިރު ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އިދާރާތަކުގައި ފުރިހަމަވެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ. ހަމައެއާއެކު، ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީ.ގެ ދަށުން 6 ކައުންސިލު އިދާރާއެއްގެ މަސައްކަތް މިހާރު ވާނީ ނިންމާފައި. އަދި 19 ކައުންސިލު އިދާރާ އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކުރާ 50 ކައުންސިލް އިދާރާ ޕްރޮޖެކްޓްގެ ފީޒިބިލިޓީ ދިރާސާ ވަނީ ހަދައި ނިމިފައި. މިހާރު ކުރިއަށް ދަނީ ކައުންސިލް އިދާރާ އަޅާނެ ބިން ހޯދުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް.

އަދި ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ 2 ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދުއާއި، އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށިގެންދާނެ. އަދި ދެ ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި، މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ކުރިއަށް ގެންދާނަން.

މީގެ އިތުރުން، މާލޭގައި ހުންނަ އަތޮޅުފިހާރަތައް އިތުރަށް ތަރައްޤީކުރެވި، އެ ފިހާރަތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ލިއްބައިދެވޭނެ ތަނަކަށް ހެދުމަށްޓަކައި، އަތޮޅުފިހާރަބަރި ހުރި ސަރަޙައްދު ރީޑިވެލޮޕްކޮށް، ޒަމާނީ ކޮމާރޝަލް ފްރަންޓަކަށް ހެދުމަށް ސަރުކާރާ ބައިވެރިވެގެން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އަތޮޅުފިހާރަބަރިޔަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި، އެތައް ޒަމާނެއްވީ ތަރިކައެއް ކަމުން، އަތޮޅު ފިހާރައިގެ އިމާރާތުގެ ބޭރުފާރު، ދިގު މުއްދަތަކަށް ރައްކާތެރިކޮށް ހުންނާނޭ ގޮތަކަށް މި ރީޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ޤަޞްދުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސްގެ އުސޫލުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމު ޤާއިމުކުރުމަކީ، މި އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމެއް. މިކަން ހާސިލުވުމުން ނަތީޖާއަކަށް ވާނީ، ޚިދްމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދްމަތްދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށް ފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ އިތުބާރު ހިފާ ޚިދުމަތުގެ ނިޒާމަކަށް ބަދަލުވެގެން ދިޔުން. މިއީ ޒަމާނުއްސުރެ ދިވެހި ދައުލަތް ހިނގަމުން އައި އިދާރީ ނިޒާމަށް ގެނެވޭ އިންޤިލާބީ ހެޔޮ ބަދަލެއް. 21 މޭ 2025 ގައި އިފްތިތާޙް ކުރި މޯލްޑިވްސް 2.0ގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައި.ޑީ.ގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއެކު، ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމުކޮށް، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޤާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އާރކައިވް ކުރުމަށް ސޮވެރިން ކްލައުޑް ޤާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮނގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކޮށް، އިރާދަކުރެއްވިއްޔާ ނިންމާނަން. މި މަޝްރޫޢު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު ވަނީ އެކުލަވައިލައި ކެބިނެޓުން ފާސްކޮށްފައި. މި މަގުޗާޓު ތަންފީޒު ކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާނެ. ޤައުމީ ފެންވަރުގައި ހިންގާ މި މަޝްރޫޢު ހަލުއިކޮށް، ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލަކާއި، ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލު، މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނަން.

މޯލްޑިވްސް 2.0ގެ ދަށުން، މި އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް، އެއް ވިއުގައެއް ޤާއިމުކޮށް، ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު. މިއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފެންވަރު ރަނގަޅުކޮށް، ބޮޑެތި ބަދަލުތަކަކާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ސްމާޓް ކާޑަކަށް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން، ކޮރަޕްޝަންގެ ވަބާ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ނެތިގެންދާނޭ ކަމަށް ޤަބޫލުކުރަން. މި ސަރުކާރުން މިދަނީ ކޮރަޕްޝަން ނައްތާލުމުގައި ގިނަގުނަ މަސައްކަތްކުރަމުން. އެގޮތުން، ކަމާގުޅޭ ބިލުތައް މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި މިދަނީ ތައްޔާރުވަމުން. މިގޮތުން، އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމަށްވާނީ ނިންމާފައި.

މި ބިލުތަކުގެ އިތުރުން މި ޢިއްޒަތްތެރި މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި، ނުޙައްޤު މުއްސަނދިކަމުގެ ކުށާގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން، މި ބޮޑު ކޮރަޕްޝަންގެ މައްސަލައަށް ޙައްލެއް ގެނައުމަށް ގިނަގުނަ ކުރިއެރުންތައް ލިބޭނެކަން ޔަޤީން. އަދި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަޅުގަނޑު ދޭ ޔަޤީންކަމަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އަޅުގަނޑާ ހަމަޔަށް ގެނެސްފިނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި، އަޅުގަނޑު ކުޑަކޮށްވެސް ފަސްނުޖެހޭނެކަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގައި ހަމަޖެހުމާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. މިގޮތުން، ވީރާނާވެގެން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ހުރި ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓް ހުޅުމާލޭގައި ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ޢިމާރާތެއްގައި ހިންގަން، މިދިޔަ އަހަރު ފެށުމުގެ އިތުރުން، ޖުޑީޝަރީ ސެކްޓަރގެ ބަޖެޓު ތަންފީޒުކުރުމުގައި އެ ދާއިރާއަށް ފުރިހަމަ މިނިވަންކަން ވާނީ ދީފައި. މި އަހަރުގެ ބަޖެޓުގައި، މި އަހަރަށް ލަފާކުރި އާމްދަނީގެ ދެ އިންސައްތަ ކަމުގައިވާ 808 މިލިއަން ރުފިޔާ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި ހިމަނާފައި ވާނެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުޑީޝަރީ ދާއިރާއަށް ހިނގާފައިވާ 600 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ، 200 މިލިއަން ރުފިޔާ ބޮޑު ބަޖެޓެއް. މި ބަޖެޓު ތަންފީޒުކުރުމުގެ ފުރިހަމަ މިނިވަންކަން، ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ވާނީ ކަށަވަރު ކޮށްދެވިފައި. އަދި، މިކަމާ ގުޅޭގޮތުން އެކުލަވައިލާފައިވާ އުސޫލު ވާނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ގެޒެޓުކޮށްފައި. އަދި، މި އަހަރު ތެރޭގައި، ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މިސަރުކާރަކީ ވީހާ ވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިޔުމުގައި އަޅާ ވަރަށް މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ "ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯ"ގެ ނަމުގައި 24 ގަޑިއިރު ޚިދްމަތް ދޭނޭ އޮފީހެއް، ރައީސް އޮފީހުގައި ޤާއިމުކުރަން ނިންމި ވާހަކަ އިޢުލާނު ކުރަން.

މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައް ފަދަ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން. މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖްކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ޤާއިމުކުރެވިގެންދާނެ. އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް، މި ސިސްޓަމްގެ ތެރެއިން ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެޓް ރެއިޒްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާގޮތް، ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ. މި ބިޔުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރާނަން. އަދި އެއާއެކު، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖްކޮށް، އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް، ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސައި، ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް"ގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ. އަދި، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާމެދު އެ އިދާރާތަކުން ޢަމަލުކޮށް ޖަވާބުދެމުންދާގޮތް މޮނިޓަރކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވައި، އެކައުންޓަބަލް ކުރުވާ އޯވަރއަރޗިންގ އިދާރާއެއްގެ ގޮތުގައި، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ހަރަކާތްތެރިވާނެ.

މި ބިއުރޯގައި މަސައްކަތް ކުރާނޭ މުވައްޒަފުން ހޯދުމުގައި، އިތުރު ގިނަ މުވައްޒަފުންތަކެއް ހޯދުމުގެ ބަދަލުގައި ރައީސް އޮފީހާއި، ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މިހާރުވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން، ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނުދީ، މަސައްކަތަށް ފުރިހަމައަށް ތައްޔާރުކުރުމަށް ނިންމާފައި ވާނެ. މި އިދާރާ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ޤާއިމުކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިޔުމުގައި އަދި، ތަރައްޤީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމުވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް. ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ޚަބަރާއި، މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ، ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް. އެހެންކަމުން، މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރުކޮށްދިނުމުގައި ސާބިތުވެ ދެމިއޮންނާނަން. މިގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފިން. 40 މީޑިއާއަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވާނީ ޖަމާކޮށްދީފައި. މީޑިއާތަކުން، އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ މި ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީން މީޑިޔާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނެ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިޔާ ވިލެޖުގެ މަސައްކަތް ދަނީ ވަރަށް ހަލުއި ދުވެލީގައި ކުރިއަށް. ހުޅުމާލޭ ފޭސް 1 ގައި ހަދަމުންދާ މީޑިޔާ ވިލެޖުގައި 34 ޖާގަ ހިމެނޭ. މިތަން ނިމި، މީޑިޔާތަކަށް ބޭނުންހިފުމުގެ ފުރުޞަތު، މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން.

އަދި ހަމަ އެފަދައިން، މީޑިއާއާ މަޢުލޫމާތު ޙިއްޞާ ކުރުމުގައިވެސް، މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނާނަން. ސަރުކާރުގެ ހަރަކާތްތައް ޙިއްޞާކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް، 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައި. މީގެ އިތުރުން 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިން ވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު، މީޑިއާގެ ޒަރީއާއިން ޙިއްޞާ ކުރައްވާފައި.

މީގެ އިތުރުން، އާންމު އެކި ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ހުރިނަމަ، އެކަމަށް އެދި ފޯމު ހުށަހެޅުމުން، ޤާނޫނީ ޙުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާމިނެއްގައި، އެދިލައްވާ މަޢުލޫމާތު، ސަރުކާރުގެ ހުރިހާ އިދާރާއަކުން ދަނީ ހާމަކުރަމުން. މިގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކަށް 1,341 އާރު.ޓީ.އައި. ފޮނުވާފައިވާއިރު، އޭގެ ތެރެއިން 1,251 އާރު.ޓީ.އައި. އަށް ވަނީ ޖަވާބުދީ ނިންމާފައި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކަށް ފޮނުވި އާރު.ޓީ.އައި.ގެ 93 އިންސައްތަ ޖަވާބު ދެވިފައި މިވަނީ. ޖަވާބު ތައްޔާރުކުރުމުގެ އެކިއެކި މަރުހަލާތަކުގައި، އެއްކުރަންޖެހޭ މަޢުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހެދި، ވަގުތު އިތުރަށް ބޭނުންވާ ކަންކަމުގައި ޖަވާބު ނުދެވިހުރި އާރު.ޓީ.އައި. ފޯމުތަކަށްވެސް ޖަވާބު ތައްޔާރު ކުރެވެމުން އެބަދޭ. މި މަސައްކަތް ހުއްޓުމެއްނެތި ހަމަ ކޮންމެ ދުވަހަކުވެސް ކުރެވެމުންދޭ. ވީމާ، މާސް މީޑިޔާއާއި، ޕްރިންޓް މީޑިޔާއާއި، ފަރުދީގޮތުން މަޢުލޫމާތު ހޯދުމުގައި ކުޑަވެސް ހުރަހެއް ނެތް.

މީގެ އިތުރުންވެސް، މީސްމީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށްވެސް ސަރުކާރުން ވަނީ އެކިއެކި ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، 2025 ވަނަ އަހަރު 40,875 ޕޯސްޓު، ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ޝާއިޢުކޮށްފައި.

މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތްކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މަޢުލޫމާތު ދިނުމުގެ ގޮތުން، މި އަހަރުގެ މާރިޗު މަހުން ފެށިގެން، ޢާންމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 ން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން. ދަތުރެއް ކުރަންޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރިނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމިހުންނާނެ ވާހަކަ ދަންނަވަން.

ހަމަ އެހެންމެ، މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކުވެސް ހަފްތާއަކު އެއްފަހަރު އެއްގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ. މި ބައްދަލުވުންތަކުގެ ތާވަލު، ރައީސް އޮފީހުން ހާމަކުރަމުން ގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިވާ އެއްކަމަކީ، ޤައުމު ދަތުރުކުރަމުންދާ މިޞްރާބު، ފަސް އަހަރުން ފަސް އަހަރުން ބަދަލުވެގެންދާ ދިޔުން ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ޤައުމުގެ މިޞްރާބު 20 އަހަރު ދުވަހަށް ކަނޑައަޅައި ފާސްކޮށް، އެ މިސްރާބަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ، މި ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ކޮށްދެވޭނެ އެންމެ ބިނާކުރަނިވި އެންމެ މާނަހުރި އެއް ކަންތައް ކަމުގައި ދެކި، އެ ވަޢުދު ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވިން. އެ ވަޢުދު ފުއްދުމަށްޓަކައި މަސައްކަތް ފަށައި، ވަރަށް ބޮޑު ކުރިއެރުންތަކެއް އިރާދަކުރެއްވީތީ މިއަދާ ހަމަޔަށް އައިއިރު ވަނީ ހޯދިފައި. މިގޮތުން، ޖުމްލަ 10,088 ފަރާތުގެ ޚިޔާލު ވަނީ ހޯދިފައި. މީގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 192 އާންމު ރައްޔިތުންގެ ބައްދަލުވުން ބާއްވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރައްރަށުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިވެރިންނާއި، މަސްވެރިންނާއި، ދަނޑުވެރިން ހިމެނޭހެން، 96 ފޯކަސް ގްރޫޕް ބައްދަލުވުން ބާއްވައި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމާޢަތްތަކާއެކު، 67 ބައްދަލުވުން ބާއްވައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އެއްބާރުލުން ދިން ސިޔާސީ ޕާޓީތަކާއެކުވެސް ބައްދަލުވުންތައް ބާއްވައި، 66 މައުޟޫޢަކަށް ބިނާކޮށް މަޝްވަރާ ކުރެވުނު. 20 ސެކްޓަރގެ ރައުންޑް ޓޭބަލް މަޝްވަރާއާއި، ސަރުކާރާއި ދައުލަތުގެ 40 މުއައްސަސާއާ އެކީގައި ބައްދަލުވުން ބޭއްވުނު. މި ހުރިހާ ބައްދަލުވުންތަކުގައި ލިބުނު ޚިޔާލާއެކު، ޤައުމީ ތަރައްޤީގެ 20 އަހަރު ދުވަހުގެ ޕްލޭންގެ މައިގަނޑު މިހާރު ވަނީ އެކުލަވައިލެވިފައި.

މި މުހިންމު މަސައްކަތުގައި ދެން އޮންނާނީ ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން މަސައްކަތުގެ ބައްދަލުވުންތައް ބޭއްވުން. މި ބައްދަލުވުންތައް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ބޭއްވުމަށް ވާނީ ކަނޑައަޅާފައި. މިބައްދަލުވުންތަކުގެ ބޭނުމަކީ، މި ޕްލޭނަކީ އެންމެންގެ ބައިވެރިވުން އޮވެގެން ތައްޔާރުކުރި ޕްލޭނެއްކަން ކަށަވަރުކުރުމާއި، އެ ތަންފީޒުކުރުމަށް ރައްޔިތުންނާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދުން.

މި މަސައްކަތަށްފަހު، ޤައުމީ މަހާސިންތާއެއް މި އަހަރު ޖޫން މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ ބޭއްވިގެންދާނެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، މިއީ މުޅި ރާއްޖޭގެ ބައިވެރިވުމާއެކު ތައްޔާރުކުރެވުނު، ކުރިއަށް އޮތް އަހަރުތަކުގެ ތަރައްޤީގެ "ރޯޑްމެޕް" ކަން ރަސްމީކޮށް ކަނޑައެޅުން. މިކަން ހާސިލު ކުރުމަށްޓަކައި ސަރަހައްދީ ވެލިޑޭޝަން ވަރކްޝޮޕްތަކުން އަންނަ ޚިޔާލުތައް، ދައުލަތުގެ މާލީ ޤާބިލްކަމާއި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކަށް ފެތޭތޯ ބަލައި، އެންމެފަހުގެ ނިންމުންތައް ނިންމުމާއެކު، އެކި ދާއިރާތަކުގެ ތަރައްޤީގެ ރޭވުންތަކާ
އެއް އަމާޒަކަށް ގުޅުވާލައި، އެއް ސެކްޓަރަކުން ކުރާ ކަންތައް، އަނެއް ސެކްޓަރަކަށް ބުރަނުވާނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރެވޭނެ.

މި މަރުޙަލާއަށްފަހު، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އަދި މޮނިޓަރިންގ އޮނިގަނޑާއެކު އެކުލަވައިލެވޭ އެންމެފަހުގެ ޕްލޭން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރީގައި ނިންމޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މި ސަރުކާރު ކުރިއަށް ދާނީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި، ރައްޔިތުންނަށްވީ ވަޢުދުގެ މަތީގައި. އެ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ މަތީގައި. އެކަން ބިނާވެފައި އޮތީ، އިސްލާމީ ތަރަޙައިގެ މައްޗަށް. ދިވެހި ޤައުމިއްޔަތުގެ ބިންގަލުގެ މައްޗަށް. ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. ޒަމާނީ ޢިލްމީ ހޭލުންތެރިކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް. ރައްޔިތުންނަށް ލިބޭ ފުދުންތެރިކަމާއި، ދިރިއުޅުމުގެ ފަސޭހަކަމާއި، އަމާންކަމާއި ހަމަހަމަކަމާއި، އިތުބާރާއި ހިތްފަސޭހަކަމުގެ މައްޗަށް.

މި ޤައުމުގައި ޙަޤީޤީ މާނައިގައި، ސިޔާސީ ގޮތުން ހަމަޖެހުން ޤާއިމުކޮށްދީފިން. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ސަރުކާރުގެ ކިބައިން ފެންނާނީ، މި ސިޔާސަތު ތަންފީޒު ކުރާތަން. އިރާދަކުރެއްވިއްޔާ ދެންވެސް ފެނިވަޑައިގަންނަވާނީ، ދިވެހި އެއްވެސް ރައްޔިތަކު ފަރަޤުނުކޮށް ޢަދުލު ޤާއިމުކުރާތަން. ވިސްނުމާއި ޢިލްމުގެ ގޮތުންނާއި، އިމާރާތްކުރުމާއި، ބިނާވެށީގެ ގޮތުން ދިވެހި ޤައުމާއި ދިވެހިރާއްޖެ، އާ އުސްމިންތަކަކަށް ވާޞިލުކުރާތަން.

މިއީ ދިވެހީންގެ ރާއްޖެ. މއީ ދިވެހީންގެ ސަރުކާރު. ދިވެހި ރައްޔިތުންގެ ސަރުކާރު. މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި. ރައްޔިތުންނާ އެކީގައި.

އިރާދަކުރެއްވިއްޔާ އަޅުގަނޑާއި އަދުގެ މުޅި ސަރުކާރުގެ ހަކަތައާއި ހިތްވަރު، ރެޔާއި ދުވާލު ޤުރުބާން ކުރާނީ، ދިވެހި ލޮބުވެތި ރައްޔިތުންގެ ތަރައްޤީއާއި، ހަމަޖެހުން، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި.

މި ގޮތުން، ހުރިހާ މާނައެއްގައި ދިވެހި ޤައުމަށް ލާބައާއި މަންފާ ހޯދުމަށް އެދި މި ކުރެވޭ އިޚްލާޞްތެރި މިންނެތް މަސައްކަތުގައި މާތް ﷲ ބަރައްކާތް ލައްވާށި! ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އަބަދުވެސް ކާމިޔާބީ ދެއްވާށި! ތަރައްޤީ، ހަމަޖެހުން، ރައްކާތެރިކަން އެއީ، ދިވެހީންގެ އަބަދުގެ އުފާކަމުގައި ލައްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.