ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ރައްޔިތުންގެ މިނިވަންކަން ދަމަހައްޓަވައި ހިފެހެއްޓެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރައްޔިތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ބުނާއެއްޗެއްގެ ސަބަބުން ހައްޔަރުކޮށް، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތެއް ކުރިމަތިވެއްޖެނަމަ، މުޅި ޤައުމުގެ ތަރައްޤީ ގެއްލިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު ހަވީރު މާޅޮސްމަޑުލު ދެކުނުބުރީ ޅޮއްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުރީގެ ސަރުކާރުތަކާއި، މިހާރުގެ ސަރުކާރާ ދެމެދުގައި އޮތް އެންމެ ބޮޑު ތަފާތަކީ، މި ސަރުކާރުގެ ސަބަބުން ތިމަންނާއަށް ނުވަތަ ތިމަންނާގެ ޢާއިލާއަށް ނުވަތަ ރަށަށް ކުރީ ކޮންފައިދާއެއްތޯ ސުވާލު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައި އޮތުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ ސުވާލު އުފައްދާނެ ޖާގަ ރައްޔިތުންނަށް ލިބިފައި ނެތްހާ ހިނދަކު މިއެދޭ ތަރައްޤީއެއް ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރާއްޖެ ބަދަލުވަމުންދާއިރު، ރާއްޖޭގެ ކަންކޮޅުތަކުން ތަފާތު މަންޒަރުތަކެއް ފެންނަމުންދާކަން ފާހަގަކުރައްވައި، މީގެތެރޭގައި ސަރުކާރުގެ އެހީގައި ރައްޔިތުން ކުރައްވަމުން ގެންދަވާ ކަންތައްތަކާއި، ރައްޔިތުންނަށް މިނިވަންކަން ލިބިފައިވާތީ، ރައްޔިތުން އަމިއްލައަށް ހިންގަމުން ގެންދާ ވަރަށް ގިނަ ކަންކަން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރައްޔިތުން ހިންގަވާ ކަންކަމުގައި ސަރުކާރަށް ބައިވެރިވެވަޑައިގެންނެވެން އޮތް މިންވަރަކާއި، ގޮތަކާއި، ހާލަތު ދެނެގަނެ އެ މިންވަރަށާއި، އެ ގޮތަކަށާއި، އެ ހާލަތަށް ސަރުކާރު ހިމުންވުން ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެ ކަންކަން ފުރިހަމަ ކުރުމަށް ހިންގޭން ހުރި އެންމެ ރަނގަޅު މަސައްކަތްތަކާއި ގޮތްތައް ހޯދައި އެގޮތައް އެކަންކަން ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޅޮއްސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގަތީ، މާޅޮސްމަޑުލު ދެކުނުބުރީ މަގޫދުއަށެވެ. މަގޫދޫ ރައްޔިތުންނާ މިރޭ އިރާކޮޅު އެމަނިކުފާނު ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއާއި، އަދި ޢާންމު ގޮތެއްގައި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާއި، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.