ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ހެނބަދުއާއި މާޅެންދުއަށް މިއަދު މެންދުރުފަހު ވަޑައިގެން، އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ހެނބަދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރާއްޖެކަމާއި ދިވެހިވަންތަކަން ގުޅިފައި އޮތް އެންމެބޮޑު އަސްލަކީ، ހެނބަދޫފަދަ ވަރަށްގިނަ ކުދި ރަށްރަށުގައި ވަރަށް ގިނަބަޔަކު ދިރިއުޅެމުންދާކަން ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ މީހުން، އާބާދީ ބޮޑެތި ރަށްރަށުގައި މަރުކަޒުވަމުންދާއިރު، ހެނބަދުއާއި އެރަށް ފަދަ ކުދި ރަށްރަށުން، އެރަށްރަށުގެ ތަރައްޤީގެ ވަރަށްގިނަ ލަނޑުދަނޑިތަކެއް ޙާޞިލް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުގެ އަމާޒަކީ ލާމެހިފައިވާ ރާއްޖެއެއް އުފެއްދުން ކަމުގައި ވިދާޅުވަމުން، ލާމެހިފައިވާ ރާއްޖެއެއްގައި ނޫނީ އަޅުގަނޑުމެން އެއްވެސް މީހެއްގެ ތަރައްޤީގެ އުންމީދު ޙާޞިލް ނުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހެނބަދުއަށް ކުރެއްވި ދަތުރުފުޅަށްފަހު، މާޅެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ، ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން، ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭކަން ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވާ ކަންކަން ފުރިހަމަވެގެންދާނީ، ރައްޔިތުންގެ ރުހުމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ތަރައްޤީގެ އަމާޒަކީ، ދަރިންނަށް ކިޔަވައިދިނުމާއި، ފުރިހަމަ ޞިއްޙަތެއްގައި ތިބުމާއި، ކެއުން ބުއިމުގެ ކަންތައް ހަމަޖެހި، ބޯހިޔާ ކުރެވި، އަންނައުނު ލިބި، އުފާފާގަތިކަމާއެކު އަމިއްލަ ޙާލަތުގައި ދިރިއުޅެވޭނެ މަސައްކަތެއް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ދެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް، ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، މި އިންތިޚާބަކީ، ރަށްރަށުގެ ވެރިކަން، ސީދާ ރައްޔިތުންގެ އަތްމައްޗަށް ގެނެސް، ރަށުގައި ތިބެގެން، ރަށުގެ ވެރިކަން ކުރާނީ ކޮންބައެއްތޯ ކަނޑައަޅައި، މުޅި ރަށުގެ ފަލްސަފާ ބައްޓަން ކުރުމަށް ރައްޔިތުންނަށް ލިބިދޭނެ އިންތިޚާބެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކާބެހޭ މަޢްލޫމާތު، އެ ދެރަށުގެ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް، އެ ދެރަށުގެ ތަރައްޤީއާއި، ރަށާ ގުޅޭ އެހެނިހެން ކަންކަމާ ބެހޭގޮތުން ރައްޔިތުން ކުރެއްވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.