ވަޒީރުންނަށް ރުހުން ދިނުމުގައި، ރައްޔިތުންގެ މަޖިލީހުން ކޮންމެ ގޮތަކަށް ޢަމަލު ކުރެއްވި ކަމުގައިވިޔަސްވެސް، އޭގެ އަޞްލަށް ބަދަލެއް ނާންނަ ކަމަށާއި، ވަޒީރު ބޭފުޅަކަށް ރުހުން ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، ވަޒީރުކަމުން ވަތްކެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގައި އުފެދިފައިވާ ބަޙުޘްތަކާ ގުޅޭގޮތުން ސަރުކާރުގެ ނިންމެވުން ހާމަކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގައި، އުޞޫލެއްގެ ގޮތުން ޢަމަލުކުރަންޖެހޭނެ ގޮތަކީ، ގަނޑުކޮށް ވޯޓު ނެގުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް ފުރްޞަތު ނުލިބި، މުޅި ރައްޔިތުންގެ މަޖިލިސް، އެކަމުގެ ތެރޭގައި ހުއްޓިފައި އޮތުން އެއީ، ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށް ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ފެނިވަޑައިގަންނަވަންޏާ، އެދަނޑިވަޅެއްގައި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ހިމޭނުން މަޖިލީހުގެ ގޭގައި ތިއްބެވުމަކީ، ވަރަށް ރަނގަޅު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުން ރުހުންނެތި ތިއްބަވާ ވަޒީރުންވެސް ތިއްބަވާފާނެ ކަމަށާއި، މި ރުހުމަކީ އެރުހުން ލިބުނަސް، ނުލިބުނަސް އަޞްލެއް އޮތް ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. [އަޅުގަނޑުމެންނަށް ހެޔޮއެދޭ އަދި އަޅުގަނޑުމެން ލޯބިވާ ފަރާތްތަކުގެ ރުހުމަކީ، އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުން އެއްޗެއް. އެ ރުހުން ހޯދުމަށް އަޅުގަނޑުމެންވެސް އެދެން. އަދި އެ ރުހުން ލިބުމަށްވެސް އަޅުގަނޑުމެން އެދެން. އެހެން ނަމަވެސް، ޤާނޫނުގައި ނެތް ކަމެއް ފުރިހަމަނުވެގެން، އޭގެ ސަބަބުން ޤާނޫނީ ދައުލަތް ހުއްޓިފައި އޮތުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ރަނގަޅު ގޮތެއް ނޫން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.