ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވިޔަސް، އެވަޒީރަކު މަގާމުގައި ދެމިހުންނެވުމާމެދު ސުވާލު އެފެދުމުގެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، މިކަމާ ބެހޭގޮތުން އެއޮފީހުން ނެރުއްވި ބަޔާނެއްގައެވެ. މިދަންނަވާލަނީ އެބަޔާނެވެ.

[ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާ ބެހޭގޮތުން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބުނެފައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް [ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު]ގެ 171 ވަނަ މާއްދާގެ (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން، ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ބާރު ކެނޑޭކަން ފާހަގަކުރެވޭތީ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) ގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަކީ، ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ފެންނާތީ، މި ރައުޔަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ.

އެޓަރނީޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެކޯޓުގެ ނަންބަރު 23/އެސް.ސީ-ސީ/2010 ޤަޟިއްޔާއިން ބައްލަވައި، 2010 އޮކްޓޯބަރ 28ވީ ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޙުކުމުގައި، ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި ފުރިހަމަވެފައިވުން ލާޒިމްވާ ޝަރުޠުތައް ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮތްކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެ ޙާލަތުތައް، އެ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރައުޔުގެ 5 ވަނަ ޞަފްޙާގެ 4 ވަނަ ނުކުތާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވަޒީރެއްގެ މަގާމުން ވަކިވާނީ ނުވަތަ ވަކިކުރެވޭނީ ހަމައެކަނި ޤާނޫނުއަސާސީގެ 137 ވަނަ މާއްދާގެ (ހ) އާއި 139 ވަނަ މާއްދާއާއި، 130 ވަނަ މާއްދާގެ (ށ)ގެ 1 އާއި، 130 ވަނަ މާއްދާގެ (ށ) ގެ 2 އާއި، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، މާއްދާތަކުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ފާހަގަކުރައްވާފައިވެއެވެ.

މިގޮތަށް މިކަންކަން ހުރުމާއެކު، ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވިޔަސް، އެ ވަޒީރަކު މަގާމުގައި ދެމިހުންނެވުމާމެދު ސުވާލު އުފެދުމުގެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ."