ތަޢުލީމަކީ އިންސާނީ އަސާސީ ހައްގެއް އަދި ތަރައްގީގެ ދުވެލީގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އެންމެން ޝާމިލުވާ، ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދިނުމަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަކުރާރުކުރައްވައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއަދު ފާހަގަކުރާ އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަންގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި، ވަޒީފާގެ ބާޒާރުގެ ޑިމާންޑުތަކަށް އަންނަ ބަދަލު ފަދަ ގޮންޖެހުންތަކާ އެކުގައިވެސް، ޤައުމުގެ ކޮންމެ ހިސާބެއްގައި ހުރި ކޮންމެ ދަރިވަރަކަށްވެސް ވަށާޖެހޭ ތަޢުލީމެއް، ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ސާބިތުކަމާއެކުގައި މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
މިގޮތުން، ފާއިތުވީ 2 އަހަރު ދުވަހުގެ މުއްދަތުގައި ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާކަމާއި، ސްޓޫޑަންޓް ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދިނުމުގެ އިތުރުން، ޤައުމަށް ދިމާވެފައި އޮތް މުދައްރިސުން ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގެ ގޮތުން ހިންގޭ ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް، އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޝާމިލު ތަޢުލީމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތަށް އަލިއަޅުވާލައްވަމުން، ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ތަމްރީނުކުރުމަށް ޤައުމީ ފެންވަރުގައި މަޝްރޫޢު ހިންގޭކަމާއި، ވަޒީފާގެ މައިދާނާ ސަނަދުތަކަށް އިސްކަންދެވިގެން ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު އިތުރުކޮށް، އުނގެނުމުގެ ރާސްތާއަށް، ރޭވުންތެރިކަމާއެކު ބަދަލުތަކެއް ގެނެވެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު، މަންހަޖު އިސްލާހުކުރުމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ކޮންމެ ދިވެހި ރައްޔިތަކު ބާރުވެރިކުރުވޭ ތަޢުލީމީ ނިޒާމެއް ބައްޓަންކުރުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު، ހަމައެކަނި އުނގެނޭ ދަރިވަރުންތަކެއް ބިނާކުރުމުގެ ބަދަލުގައި، އަންނަން އޮތް ޖީލުތަކަށް ތަޢުލީމީ އުފެއްދުންތެރިންގެ ގޮތުގައި ހަރުދަނާ ޒުވާނުން ބިނާކުރާ ދާއިރާއަކަށް، ތަޢުލީމީ ދާއިރާ ބަދަލުވުމުގެ ތަސައްވަރެއް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، ދަރިވަރުންގެ ކަންކަމުގައި އިންވެސްޓްކުރުމާއި ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަކީ، ފަރުދީ ކުރިއެރުމުގެ އިތުރުން، އަދަށް ވުރެ ތަނަވަސް، ހަމަހަމަކަން ގާއިމުވެފައި އޮތް، ވިލުންވެރި ޤައުމެއްގެ މުސްތަޤުބަލު ބައްޓަންކޮށްދެނިވި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ސުލްޙައާއި ތަރައްޤީގައި ތަޢުލީމު އަދާކުރާ ދައުރުގެ މުހިންމުކަން ބަޔާންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަންގެ ގޮތުގައެވެ.