ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކުރިއަށްދިޔަ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ގެ ރައީސް ޙުސައިން ފަޔާޒެވެ.

މެޗް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިވެފައިވާ ކަމަށެވެ.

މިރޭ ކުޅުނު މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗުގައި ވާދަކުރީ ފުވައްމުލަކުގެ ދަޑިމަގު ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި، ރަތަފަންދޫ ވޮލީބޯޅަ ޓީމެވެ. މި މެޗު 2 ސެޓް 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ ދަޑިމަގު ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ.

މި ރަސްމިއްޔާތުގައި ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިޔާ، އެންމެ މޮޅު ކުޅުންތެރިޔާ އަދި "ކިންގް އޮފް ބީފާނު" އަށް ވެސް އިނާމު ޙަވާލުކޮށްދެއްވީ އެމަނިކުފާނެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުން އިސްނަގައިގެން، ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން އިންތިޒާމުކޮށް، ރާވާ ހިންގި "ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ އެކުވެރި ފުނާޑު ޓީމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ފޭސް ޖަމްޢިއްޔާގެ ފަރާތުން ވަނީ އެޖަމްޢިއްޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ހަނދާނި ފިލައެއް އަރުވާފައެވެ.